މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (5)
އަޙްމަދު ފަޔާޟް ޙަސަން
(22.01.2024ގައި ޝާއިޢުކުރި ބައާ ގުޅޭ)
އީމާންކަމުގައި ހުންނެވި އިބުރާހީމްގެފާނާ ކުރިމަތިވެވަޑައިނުގަންނަވާ ކަމެއް ނެތެވެ. އެކަލޭގެފާނުގެ މައިންބަފައިން އެކަލޭގެފާނު ދޫކޮށްލިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު ދޫކޮށްލިއެވެ. އެކަލޭގެފާނު ދިރިއުޅުއްވި ގެއިން ނެރެލެވުނެވެ. އެކަލޭގެފާނު އުޅުއްވި ރަށުން އެކަލޭގެފާނު ބޭރުކޮށްލެވުނެވެ. އެކަލޭގެފާނުގެ ހުރިހާ ރަހުމަތްތެރީންނާއި އެކުވެރީން އެކަލޭގެފާނަށް ގެއްލުނެވެ. އެކަނިވެރިކަމާއި މާޔޫސްކަމުގެ މި ހާލަތުގައި އެކަލޭގެފާނަށް ކަށަވަރުވި ކަމަކީ ﷲ އެކަލޭގެފާނަށް ފުދޭކަމެވެ. އައްރަފީޤުލްއަޢުލާއަށް ވަކީލުކުރުމުން އެކަލޭގެފާނަށް ހުރިހާ ކަމެއް ފުރިހަމަވިއެވެ. އެކަލޭގެފާނަށް ބޭނުންފުޅުވާ ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އިންސާނާގެ ހުރިހާ ކަމެއް އާޚިރުގައި މި ގުޅެނީ އެ މީހެއްގެ އީމާންތެރިކަމާއެވެ. އެހެންކަމުން އަޅުގަނޑުމެން އުންމީދުކުރާން ވަނީ އަދި ބަރޯސާވާން ޖެހެނީ ﷲއަށް އެކަންޏެވެ. މި ކަން އެންމެ ހިތްގައިމުކޮށް ދެއްކެވީ އިބުރާހީމްގެފާނެވެ. އެއީ އެކަލޭގެފާނު ދޫކުރެއްވި ތަރިކައެވެ.
އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައަށް ފުރަގަސްދިނުމުން ވާ ގޮތަކީ އަޅުގަނޑުމެންގެ ނާރެހަކަށް މި ދުނިޔެ ވުމެވެ. އެ ހާލަތުގައި ކޮންމެ މީހަކު ވެސް އެދެނީ މުދަލާއި ފައިސާއަށެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ މަތީ މަގާމާއި ބާރެވެ. ކޮންމެ މީހަކު އިންތިޒާރުކުރަނީ ގޯއްޗަކަށް ނުވަތަ ސަޅި އެޕާޓްމަންޓަކަށެވެ. ކޮންމެ މީހަކު އުންމީދުކުރަނީ ޓެސްލާ ކާރަކާއި އެޕަލް ފޯނަކަށެވެ. ކޮންމެ މީހެއްގެ ބޭނުމަކަށްވަނީ މަޝްހޫރުކަމެވެ. މުޖުތަމަޢުތައް ފަސާދަވެ ގައުމުތައް ހަލާކުވެދަނީ ﷲއަށް ވުރެ ބޮޑަށް އެހެން ކަންކަމަށް އިންސާނާ އެދުމުންނެވެ. އިބުރާހީމްގެފާނަކީ ދުނިޔެ ތަޖުރިބާކުރި އެންމެ ކާމިޔާބު އެއް އިންސާނާއެވެ. އެކަމަކު އެ ކަލޭގެފާނު މި ދެންނެވި ފަދަ އެއްވެސް ކަމަކަށް ނުވަތަ އެއްޗަކަށް މި ދުނިޔެއިން އެދިވަޑައެއްނުގަތެވެ. އެކަލޭގެފާނުގެ ނަފުސާއި ހަޔާތްޕުޅު އެއްކޮށް ދޫކޮށްލެއްވީ ﷲއަށެވެ. ކޮންމެ ކަމެއްގައި ވެސް އެކަލޭގެފާނު ވަކީލުކުރެއްވީ ﷲއަށެވެ. ހަޔާތުން އެއްވެސް ކަމެއް ގެއްލިދާނެތީ ނުވަތަ ނުލިބިދާނެތީ އެކަލޭގެފާނު ކަންބޮޑުވެވަޑައެއްނުގަންނަވައެވެ.
އީމާންކަމާއި އިސްލާމްކަން ވަނީ އިންސާނާއާ ވަރަށް ބޮޑަށް ގުޅި ލައިމެހިފައެވެ. ތިމާގެ އެތެރޭގެ ހަމަޖެހުން ގުޅެނީ އީމާންކަމާއެވެ. މާނަޔަކީ ތިމާއާ ކުރިމަތިވާ ހުރިހާ ހާސްކަމަކާއި ނުތަނަވަސްކަމެއް ނުވަތަ ސްޓްރެސްއެއް ކޮންޓުރޯލުވުމާއި ނުވުން އީމާންކަމާ ގުޅި ލައިމެހިފައި ވުމެވެ. އީމާންކަން ބޮޑުވާ ވަރަކަށް ތިމާއާ ކުރިމަތިވާ ކަންކަމުން އަރައިގަންނާން ފަސޭހަވެދެއެވެ. ނުތަނަވަސްކަމާއި ހާސްކަމުން އަރައިގަނެވެނީ އީމާންކަމުންނެވެ. ތިމާގެ އިހުސާސްތައް ކޮންޓުރޯލުކުރެވެނީ އީމާންކަމުގެ އަހުލުވެރީންނަށެވެ. އީމާންކަން ކުޑަވާ ވަރަކަށް ޖަރުބާތުގައި ޖެހި ޖަޒުބާތު ތިމާ ހަލާކުކުރެއެވެ. އެއީ ތިމާއަށް ނާއުންމީދުވެވި މާޔޫސްވެވޭތީއެވެ. ނަތީޖާއަކަށް ވަނީ ތިމާ ސިކުނޑީގެ ބަލިމީހަކަށްވެ ސިކުނޑީގެ ބައްޔަށް ބޭސްކާން ޖެހުމެވެ. އިބުރާހީމްގެފާނަށް ވުރެ ބޮޑަށް އެކަނިވެރިވެ މާޔޫސްވެ ނާއުންމީދުވާން ޖެހުނު މީހަކު ނުވެއެވެ. އެ ހާލަތުގައި އެ ކަލޭގެފާނަށް ކަށަވަރުވީ ކަމަކީ ﷲ އަށް ވުރެ ބޮޑަށް އެކަލޭގެފާނުދެކެ އެއްވެސް މީހަކަށް ލޯބިވެ އަޅައިނުލެވޭނެކަމެވެ.
ﷲއަށް ވަކީލުކޮށް، އެ އިލާހަށް ބަރޯސާނުކުރެވޭ މީހާއަށް ވާ ގޮތަކީ ކޮންމެވެސް އިންސާނެއްގެ ލޯތްބާއި އަޅައިލުމާއި ސަމާލުކަމަށް އެދެވުމެވެ. މާނަޔަކީ ކޮންމެވެސް އިންސާނަކަށް ބަރޯސާވެވުމެވެ. އެ ފަދަ މީހުން އަބަދު ވެސް އުޅޭން ޖެހެނީ ކޮންމެވެސް މީހަކު ހިތްހަޖަމަޖެއްސޭތޯއެވެ. ކޮންމެވެސް މީހަކު އެދޭ ގޮތަށް އުޅެވޭތޯއެވެ. ނުވަތަ ކޮންމެވެސް މީހެއްގެ ރުހުމާއި އިހުތިރާމް ލިބޭތޯއެވެ. މިއީ ދުވަހަކު ވެސް އިންސާނަކަށް ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދައްކަވައި ސާބިތުކުރެއްވީ އެ ކަމެވެ. އެކަލޭގެފާނުގެ ލޯބިފުޅުވާ މައިންބަފައިންނާއި އެކުވެރީންނާއި ގައުމުގެ މީހުން ރުއްސައި އެ މީހުންގެ ލޯބި ހޯއްދަވައި އެ މީހުންގެ މަގުބޫލުކަން ހޯއްދަވާކަށް އެކަލޭގެފާނެއް ނޫޅުއްވިއެވެ. އެ ހާލަތުގައި އެކަލޭގެފާނު އެހީތެރިކަމާއި މަދަދާއި ވާގި ހޯއްދެވީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުންނެވެ. މިއީ އެކަލޭގެފާނުގެ ތަރިކައިން މިއަދު އަޅުގަނޑުމެން ކޮޕީކުރަންވީ ކަންތަކެވެ. މިއީ އެކަލޭގެފާނުގެ ތަރިކައިން އަޅުގަނޑުމެން ލިބިގަންނާންވީ ފިލާވަޅެވެ.
ތިމާގެ ބޭރުފުށުގެ އުޅުން ގުޅި ލައިމެހެނީ ތިމާގެ އިސްލާމްކަމާއެވެ. އިންސާނާގެ ބޭރުފުށުގެ ހަމަޖެހުން ވެސް ގުޅެނީ އިސްލާމްކަމާއެވެ. މިސާލަކަށް ތިމާ ކޮންމެ މީހަކާ އަދި ކޮންމެ ކަމަކާ ބެހެމުއެވެ. އެ ގޮތަށް ބެހޭ އިރު ތިމާގެ ބެހުން ހުންނާން ވާނީ އިސްލާމް ދީން އަންގާ ގޮތަށެވެ. އެކަމަކު ތިމާގެ ބެހުން ހުންނަނީ ނައްސިކޮށް ކަމަށް ވާ ނަމަ، އޭގެ މާނަޔަކީ ތިމާގެ އިސްލާމްކަން ކުޑަވުމެވެ. ރަސޫލުﷲގެ އިރުޝާދުން އެނގޭ ގޮތުގައި މުސްލިމުންނަކީ އެހެން މުސްލިމުން އެ މީހުންގެ ދޫތަކުން ސަލާމަތްކުރާ މީހުންނެވެ. ހަގީގަތުގައި މީހެއްގެ އީމާންކަން ރަނގަޅުވެއްޖެއްޔާ އެ މީހެއްގެ އިސްލާކަން ވެސް ރަނގަޅުވެދެއެވެ. އެހެންވެ ފުރަތަމަ ރަނގަޅުކުރާން ޖެހެނީ އީމާންކަން ނުވަތަ ތިމާގެ އެތެރެ ފުށެވެ. މި ކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވައިފައިވަނީ ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނުއެވެ. އިސްލާމްކަން ރަނގަޅުވުމުން ތިމާގެ ފަރާތުން އަނެކުންނަށް ލިބޭނީ ސަލާމަތާއި ރައްކާތެރިކަމެވެ. އިސްލާމްކަން އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ދެއްކެވީ އިބުރާހީމްގެފާނެވެ.
ދުނިޔޭގައި މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރްއާން އުނގެނޭ މީހުން މަދެއްނޫނެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ޔުނިވަސިޓީތަކުގައި ކީރިތި ޤުރްއާން ދިރާސާކޮށް އެ ފޮތަށް މީހުން ޚާއްސަވެއެވެ. އެ ގޮތުން ފާހަގަކުރެވޭ ޔުނިވަސިޓީތަކުގެ ތެރޭގައި އެމެރިކާގެ ހާވާޑާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ހިމެނެއެވެ. އެކަމަކު މި ދެންނެވި މީހުންނަކީ ޣައިރު މުސްލިމުންނެވެ. އެ މީހުން ޤުރްއާން އުނގެނި ދަސްކުރިކަމުގައި ވިޔަސް އެ މީހުންގެ ކިބައިގައިވާ ތަޢައްސުބުގެ ސަބަބުން އެ މީހުންނަށް އެ ކިޔަވާ އެއްޗަކުން ހަގީގީ ފައިދާއެއްނުކުރެއެވެ. އެކަމަކު ވަރަށް ފަޚުރުވެރިކަމާއެކު އެމީހުން ބުނާ ވާހަކައަކީ އެ މީހުން ޤުރްއާން ދިރާސާކުރަނީ އެއްވެސް ތަޢައްސުބެއް ނެތިކަމަށެވެ. އެ މީހުންނަށް ނުވިސްނޭ ކަމަކީ އެ މީހުންގެ ކިބައިގައި ކުފުރުގެ ތަޢައްސުބު ހުރިކަމެވެ. ޤުރްނަކީ ﷲ ބާވައިލެއްވި ބަސްފުޅުކަމަށް ގަބޫލުނުކުރާ މީހަކަށް އެ ފޮތް ކިޔަވައިގެން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަނެއް ކޮޅުން މުސްލިމަކަށްވެ ހުރެ ޤުރްއާން އުނގެނި ދަސްކުރާ މީހާއަށް ކުރާ ފައިދާ ނުހަނު ބޮޑެވެ. ސަބަބަކީ އޭނާގެ ކިބައިގައިވާ އީމާންކަމުގެ ތަޢައްސުބެވެ. އިބުރާހީމްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނާ ކުރިމަތިލައްވައި ދެއްކެވީ އީމާންކަމުގެ ތަޢައްސުބުއެވެ. އީމާންކަމުގެ ތަޢައްސުބު ނެތް މީހަކަށް އެމީހާގެ ބަފައިކަލުންނަކީ އިބުރާހީމްގެފާނުކަމަށް ދަޢުވާކުރުމުގެ ޙައްޤެއްނެތެވެ. އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިން ކުރާ ދަޢުވާއަކީ ހަގީގަތުގައި ބާޠިލު ދަޢުވާއެކެވެ.
ރީއްޗަށް ލޯބިކުރުމުކީ އިންސާނާގެ ކިބައިގައިވާ ސިފައެކެވެ. އޭގެ ތެރޭގައި ތަންތަނާއި ތަކެއްޗާއި ކާބޯތަކެއްޗާއި މީރުވަސް ހިމެނެއެވެ. މިއިން ކޮންމެ ތަނެއް ނުވަތަ އެއްޗެއް ތަކުރާރުކޮށް ބޭނުންކުރަން ޖެހުމުން އިންސާނާ އެއަށް ފޫހިވެއެވެ. އަދި އެ ނޫން އެހެން ކަމެއް ނުވަތަ އެއްޗެއް ބޭނުންވެއެވެ. އެހެން އިބާރާތަކުން ބުނަންޏާ ބޭނުން ކޮންމެ ކަމެއް ލިބުމުން ވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. ސަބަބަކީ ކޮންމެ އުފަލެއް ވަގުތީ ކަމަކަށްވުމެވެ. އެހެންވެ ﷲ އަންގަވަނީ ހިތުގެ ހަމަޖެހުން ވަނީ ﷲ ހަނދުމަކުރުމުން ކަމުގައެވެ. އަދި ދާއިމީ އުފަލާއި ހަމަޖެހުން ހުރި ތަނަކީ ސުވަރުގެކަމުގައެވެ. މިއީ އިބުރާހީމްގެފާނު އަޅުގަނޑުމެންނަށް ދެއްކެވި ފަލްސަފާއެވެ. ހިތްޕުޅަށް ހަމަޖެހުން ހޯއްދަވާން އެކަލޭގެފާނު ކުރެއްވި ކަމަކީ ﷲ ހަނދުމަފުޅުކުރެއްވުމެވެ.
(ނުނިމޭ)
ލަފުޒެއްގެ މާނަ
ނައްސި ނއ. (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ. (2) ނޭދެވޭ ނުވަތަ ނުރުހެވޭ. (3) ސުމަކަށްވުރެ ދަށް.