Advertisement

އައި.ސީ.ޖޭ.ގެ ފުރަތަމަ އަންހެން ފަނޑިޔާރު: ފަލަސްޠީނު މައްސަލައިގައި އެހެން ހުރިހާ ފަނޑިޔާރުންނާ ރައުޔު ތަފާތުވީ ކީއްވެ؟

28 Jan 2024 | 22:33
ފަނޑިޔާރު ޖޫލިއާ ސެބޫޓިންޑޭ: ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އަޅާން އެދުނު ކުއްލި ހުރިހާ ފިޔަވަޅުތަކާ ދެކޮޅަށް ވަނީ [ރައުޔު ނެރެ] ވޯޓު ވޯޓުދީފައެވެ.

·އައިސީޖޭގެ ފަނޑިޔާރު ސެބޫޓިންޑޭ ވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އަޅާން އެދުނު ކުއްލި ހުރިހާ ފިޔަވަޅުތަކާ ދެކޮޅަށް [ރައުޔު ނެރެ] ވޯޓުދީފައެވެ.

ފަރަގު

އިސްރާއީލުން ޣައްޒާގައި ދެމުންގެންދާ އަސްކަރީ ހަމަލާތަކުގައި މީހުން މެރުމާއި ތަން ފަނާކުރަނިވި ހުރިހާ ޙަރަކާތަކާއި ނަސްލުހޭދުގެ ހުރިހާ އަމަލެއް ހުއްޓުވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާން، ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓު (އައި.ސީ.ޖޭ)އިން ހުކުރު ދުވަހު އަމުރުކުރި ނަމަވެސް "ހަނގުރާމަ" (ޢުދުވާނުތައް) ހުއްޓައިލުމަކަށް އަމުރުކޮށްފައެއް ނުވެއެވެ. ދެކުނު އެފުރިކާއިން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ޢަމަލަކީ ނަސްލުހޭދުގެ ޢަމަލެއްކަމަށެވެ. އަދި އެ ލާއިންސާނީ ޢަމަލު ހުއްޓައިލާން އިސްރާއީލަށް އަމުރުކުރުމަށް ވެސް ދެކުނު އެފުރިކާއިން ކޯޓުގައި އެދިފައިވެއެވެ.

17 ފަނޑިޔާރުންގެ ޕެނަލަކުން ނިންމި ނިންމުމުގައި ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓު (އައިސީޖޭ) އިން ވަނީ، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހިމާޔަތްކުރުމަށް ޓަކައި ވަގުތީ ހަ ފިޔަވަޅެއް އަޅާން އަމުރުކޮށްފައެވެ. އެ އަމުރު ނެރުނީ ފަނޑިޔާރުންގެ ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. އެ ޕެނަލުގައި ހިމެނޭ އިސްރާއީލުގެ ފަނޑިޔާރަކު ވެސް، އެ ހަ ފިޔަވަޅުގެ ތެރެއިން ދެ ފިޔަވަޅަކަށް ތާއީދުކޮށް ވޯޓުދިނެވެ. އެކަމަކު އެ ހުރިހާ ފިޔަވަޅަކާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި ފަނޑިޔާރަކީ ޔޫގަންޑާގެ ފަނޑިޔާރު ޖޫލިއާ ސެބޫޓިންޑޭއެވެ. އެހެންކަމުން މި ފަދަ ތަފާތު ރައުޔެއް ނެރުނު ފަނޑިޔާރަކީ ކޮބައިކަމާއި އެ ގޮތަށް އޭނާގެ ރައުޔު ތަފާތުވި ސަބަބަކީ ކޮބައިތޯ ބަލައިލާން ކިޔުންތެރީން ޝައުޤުވެރިވާނެކަން ކަށަވަރެވެ.

މި ދަންވައިލަނީ އޭނާއާ ބެހޭ ގޮތުން އެނގޭން ޖެހޭ ކަންތައްތަކާއި، އޭނާ ވޯޓު ދިން ގޮތަށް ވޯޓު ދިން ސަބަބެވެ.

1954ވަނަ އަހަރު ފެބްރުއަރީ މަހު ދުނިޔޭގެ އަލިކަން ދުށް، އަދި ޔޫގަންޑާއަށް ނިސްބަތްވާ ސެބޫޓިންޑޭއަކީ އައި.ސީ.ޖޭ.ގައި ދެވަނަ ދައުރެއް އަދާކުރަމުން އަންނަ ފަނޑިޔާރެކެވެ. 2021ވަނަ އަހަރު މާރިޗު މަހުން ފެށިގެން އެ ކޯޓުގެ ފަނޑިޔާރެއްގެ މަގާމު އަދާކުރަމުން ގެންދާ ސެބޫޓިންޑޭއަކީ ބައިނަލްއަގުވާމީ ކޯޓުގައި ހިމެނުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ. "އިންސްޓިޓިއުޓް ފޮރ އެފްރިކަން ވިމެން އިން ލޯ"އިން ބުނާ ގޮތުގައި ސެބޫޓިންޑޭއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

ޔޫގެންޑާގެ ރައްޔިތެއްކަމަށްވާ ސެބޫޓިންޑޭއަކީ އައިސީޖޭގައި ދެވަނަ ދައުރެއް އަދާކުރަމުން ގެންދާ ފަނޑިޔާރެއް (ފޮޓޯ: ޔޫޓިއުބް/އެކަޑަމީ ފޮރ ކަލްޗަރަލް ޑިޕްލޮމެސީ. [ޝާއިޢުކޮށްފައިވަނީ 26 ޖަނަވަރީ 2024ގައި.])

ސެބޫޓިންޑޭ ތަޢުލީމު ޙާސިލުކުރީ ޔޫގަންޑާގެ އެންޓެބޭގެ ލޭކް ވިކްޓޯރިއާ ޕްރައިމަރީ ސްކޫލުންނެވެ. ޕްރައިމަރީ ސްކޫލް ނިންމުމަށްފަހު އޭނާ ދިޔައީ ގަޔާޒާ ހައި ސްކޫލަށެވެ. ފަހުން މަކެރެރޭ ޔުނިވަރުސިޓީއިން ޑިގުރީ ހާސިލްކޮށް، އުމުރުން 23 އަހަރުގައި 1977 ވަނަ އަހަރު ގާނޫނީ ދާއިރާއިން 'ބެޗްލަރ އޮފް ލޯސް' ޑިގުރީ ހާސިލުކުރިއެވެ. ފަހުން 1990 ވަނަ އަހަރު ތައުލީމުގެ ބައެއްގެ ގޮތުގައި އުމުރުން 36 އަހަރުގައި ސްކޮޓްލޭންޑަށް ގޮސް ޔުނިވާސިޓީ އޮފް އެޑިންބާގުން ޑިސްޓިންކްޝަނާ އެކު މާސްޓަރ އޮފް ލޯސް ޑިގުރީ ހާސިލް ކުރިއެވެ.2009 ވަނަ އަހަރު ހަމަ އެ ޔުނިވަރުސިޓީއިން ވަނީ ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އޭނާ ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށް ގާނޫނީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ދީފައެވެ. އައިސީޖޭއަށް އިންތިޚާބުވުމުގެ ކުރީން ސެބޫޓިންޑޭއަކީ ސިއެރާ ލިއޯންގެ ޚައްޞަ ކޯޓުގެ ފަނޑިޔާރެކެވެ. އެ މަގާމަށް އައްޔަން ކުރެވުނީ 2007ވަނަ އަހަރުއެވެ.

މުޅި ދަންނީ ކެރިއަރުގައި ސެބޫޓިންޑޭއަކީ ޚިޔާލު ތަފާތުވުންތަކަށް އާ މީހެއް ނޫނެވެ.2011 ވަނަ އަހަރު ފެބްރުއަރީ މަހު ސެބޫޓިންޑޭއަކީ ސިއެރާ ލިއޯންގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ލައިބީރިއާގެ ކުރީގެ ރައީސް ޗާލްސް ޓޭލަރގެ މައްޗަށް ހިންގުނު ޝަރީޢަތުގައި ރިޔާސަތު ބެލެހެއްޓެވި ތިން ފަނޑިޔާރުންގެ ތެރެއިން އެކެކެވެ. ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެ ކޮޅަށް ހިންގި ޖަރީމާތަކާއި ޓެރަރިޒަމާއި މަރުގެ ކުށާއި ރޭޕާއި ކުޑަކުދީން ސިފައިންގެ ގޮތުގައި ބޭނުންކުރުން ފަދަ 11 މައްސަލައެއްގައި ޚާއްޞަ ކޯޓުން ޗާލްސް ޓޭލާގެ މައްޗަށް ކުށް ސާބިތުވެ 50 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހިނގި ކަންތައްގަނޑެއްގައި ވެސް ސެބޫޓިންޑޭގެ ޚިޔާލު ތަފާތުވިއެވެ.

އައިސީޖޭގެ މައްސަލަ 2024ވަނަ އަހަރާ ހަމައަށް ސޮއްސައިލައި ބަލައިލާ އިރު، ސެބޫޓިންޑޭ އަނެއްކާ ވެސް މި ފަހަރު ސުރުޚީތަކަށް އެރީ، ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ހިންގާ ނަސްލުހޭދުގެ މައްސަލައިގައި ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އަޅާން އެދުނު ހުރިހާ ފިޔަވަޅަކާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި ފަނޑިޔާރަށް އޭނާ ވީތީއެވެ. ޚިޔާލުތަފާތުވާ ރައުޔުގައި ސެބޫޓިންޑޭގެ ތަފާތު ރައުޔު ހާމަކޮށްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. "އަޅުގަނޑުގެ ޚިޔާލު އިޙްތިރާމާއެކު ތަފާތުވާ ރައުޔުގައި އިސްރާއީލުގެ ދައުލަތާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އުފެދިފައިވާ މައްސަލައަކީ މުހިންމު ތާރީޚީ އަދި ސިޔާސީ މައްސަލައެކެވެ." ސެބޫޓިންޑޭ އިތުރަށް ބުނެފައިވެއެވެ. "އެއީ ކޯޓުން ޝަރުއީ ގޮތުން ހައްލުކުރުމަށް ފަސޭހަ، ގާނޫނީ މައްސަލައެއް ނޫނެވެ." އަދި އިސްރާއީލުން ހިންގިކަމަށް ބުނާ އަމަލުތަކަކީ "އެއްވެސް ނަސްލެއް ނައްތައިލުމުގެ ނިޔަތުގައި ހިންގައިފައިވާ އަމަލުތަކެއް ވާތީ، އޭގެ ނަތީޖާއެއްގެ ގޮތުން އެއީ ނަސްލު ނައްތާލުމާ ދެކޮޅު މުއާހަދާގެ އިޚުތިޞާޞްގެ ތެރެއަށް ވަންނާނެ ކަމެއް"ކަމަށް ދެކުނު އެފްރިކާއިން ބަޔާންކޮށްފައި ނުވާކަމަށް ވެސް އޭނާގެ ރައުޔުގައި ފާހަގަކޮށްފައި ވެއެވެ.

ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ ތަޖުރިބާކާރުން ބުނެފައި ވަނީ ސެބޫޓިންޑޭއަށް ހާލަތު ފުރިހަމައަށް ވަޒަންނުކުރެވުނުކަމަށެވެ. “އަޅުގަނޑަށް ހީވަނީ ޚިޔާލުތަފާތުވާ، އަދި ޚިޔާލު ފަރަގުވާކަމަކީ ނަސްލު ނައްތައިލުމަކީ ސިޔާސީ ކަމެއްކަމަށް ބެލެވޭ ހިސާބު. އެއީ އެއްވެސް ޙާލެއްގައި ސިޔާސީ މައްސަލައެއް ނޫން، އެއީ ގާނޫނީ މައްސަލައެއް. ދެކުނު އެފްރިކާ އާއި އިސްރާއީލުން ވެސް 1948 ވަނަ އަހަރު ނަސްލު ނައްތާލުމުގެ މުއާހަދާގައި ސޮއިކުރިއިރު، ނަސްލު ނައްތާލުމުގެ މުއާހަދާއާ ހިލާފުވުމާއި ނަސްލު ނައްތާލުން ހުއްޓުވު އިހްތިސާސް ގަބޫލުކުރާ،” އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް ރިޢާޔަތްކުރާ ޔުނިވާސިޓީ އޮފް ފްރޭސަރ ވެލީގެ އެސިސްޓެންޓް ޕްރޮފެސަރު މާކް ކެރްސްޓެން ވިދާޅުވެފައިވެއެވެ. “މިއީ ތާރީޚީ ކަމެކެވެ. [އެކަމަކު] މިއީ ސިޔާސީ ކަމެއް ކަމަކަށް ހަމައެކަނި ނުބުނެވޭނެ. އެވެ." [ހަމަ ކަށަވަރުން ވެސް މި ކަމުގައި] ތާރީޚީ އަދި ސިޔާސީ ދައުރެއް އެބައޮތެވެ.” އޭނާ އިތުރަށް ވިދާޅުވި އެވެ. " އދ.ގައި ހުންނަވާ ޔޫގަންޑާގެ ސަފީރު ވެސް ވަނީ ތަފާތު ޚިޔާލެއް ފާޅުކުރައްވއިފައެވެ. "ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓުގައި ފަނޑިޔާރު ސެބޫޓިންޑޭގެ ރައުޔަކީ ފަލަސްތީނުގެ ހާލަތާ މެދު ޔޫގަންޑާ ސަރުކާރުގެ ސިޔާސަތު ތަމްސީލުކުރާ ރައުޔެއް ނޫނެވެ." އެކްސްގައި (މިހާރުގެ ޓްވިޓާރގައި) އޭނާ ވިދާޅުވެފައިއެވެ.

މި މައްސަލައިގައި ސެބޫޓިންޑޭގެ ޚިޔާލު މިހާ ބޮޑަށް ތަފާތުވުމަކީ މިހާރު ދުނިޔޭގައި މޫލައިފައިވާ ފަސާދައިގެ ނުފޫޒުގައި، ހައްގު ދޫކޮށް އަމިއްލަ މަޞްލަޙަތަށް އިސްކަން ދިނުމުގެ ސަބަބުން މެދުވެރިވި ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އަދި އެއީ އިސްރާއީލާއި އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އޭނާ ފާޅުކުރި ރައުޔެއްކަމަށް ވެދާނެކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

Advertisement

ކޮމެންޓް
ޔޫސުފް
ތިޔަ މީހާ ވަޒިފާއިން ވަކިކުރާން ޔޫގެންޑާއާއި ސިއެރެލިއޯނަށް ގޮވައިލާން. ބޮޑު ޣައްދާރެއް!
28 Jan 2024