Advertisement

ލޯބި

28 Jan 2024 | 17:50
ލޯބި

އަސްމާ އަބޫބަކުރު

ހޫނު ގަދަ ކޮޓަރިގަނޑެއްގައި ނާއިމާ އިންނަތާ ދެ ދުވަސް ވީއެވެ. ކާއެއްޗެއް ނުލިބި ގިނަ އިރު ވުމުން ބަނޑުހައިވެއްޖެއެވެ. ހޫނު ގަދަކަމުގެ އިޙްސާސްކުރެވެނީ އިރުއިރުކޮޅާ ކަރުހިއްކައިގަނެ ފެންބޮވާތީއެވެ. އެ ކޮޓަރީގެ ކަނެއްގައި ހުރި މުށި ބަނޑިޔަލެއްގެ މަތީގައި އޮތް ލޯވަށި ނަގައިފައި ފެންތަށްޓެއް ބޮއިލީ ހިތި ބޭސްތަށްޓެއް ބޮއިލާ ގޮތަށެވެ. ނޭފަތުގައި އަތްއަޅައިގެން ހުރެއެވެ. ކުޑަދޮރެއް ހިސާބު ވެސް ނެތް އެ ކޮޓަރީގައި އިންނަން ޖެހިފައިވުމުން މުޅި ގައިން ދުވަނީ ނުބައި ވަހެވެ. ފަންކާ އެއް ހުރި ނަމަވެސް އެނބުރޭލެއް އެހާ މަޑެވެ. ލޮލުން ކަރުނަހިކޭ ވަގުތެއް މި ދެދުވަސް ތެރޭގައި ނުދެއެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ ޤައުމާ ދުރުގައި ބަންގްލަދޭޝްގެ އެ ކޮޓަރިގަނޑުގައި ހުންނަން ޖެހުނީ ޚުދު ނާއިމާގެ ސަބަބުންނެވެ. ކުރެވުނު އެންމެ ކުށަކުންނެވެ. އެއީ ވެވުނު ލޯތްބެއްގެ ސަބަބުންނެވެ.

ކޮންމެ މީހެއްގެ ޙަޔާތުގައި ދަތުރުކުރުމަށް ޖަހާ ދެފަލި އޮންނަކަން ނާއިމާއަށް މިއަދު އިޙްސާސް ކުރެވެއެވެ. އެއީ އުފަލާ ހިތާމައިގެ ދެ ފައްޔެވެ. މީގެ ކުރިން ނާއިމާ އުޅުނީ އެއިގެ ތެރެއިން އެއްފަލީގެ އެހީގައެވެ. އުފަލުގެ ސަބަބުން ހިތާމަ އެއީ ދަންނަ އެއްޗެއް ނޫނެވެ. ރަށުގައި ކިޔަވަން އުޅުނީ ނުލާހިކު މަޖަލާ އުފަލުގައެވެ. ޢާއިލާގެ އެންމެން ނާއިމާގެ ދެކެ އެހާ ލޯބިވެއެވެ. ރައްޓެހި ރަޙްމަތްތެރިން ނާއިމާ ދެކެނީ "ރީތީގެ ރާނީ"ގެ ގޮތުގައެވެ. ނާއިމާ މާޒީގެ ޞަފްޙާތައް ހުޅުވައިލީ ރޮމުން ރޮމުން އިނދެއެވެ.

ސާލިމަށް، ނާއިމާ ފެނުނީ ރާއްޖޭގެ އާސާރީ ތަންތަން ބަލައިލާން ކުރި ދަތުރެއްގެ ތެރެއިންނެވެ. އުތީމު ގަނޑުވަރު ބަލައިލައިފައި ނިކުމެގެން ހިނގައިގަތް ތަނާ އިސްކޫލް ނިމިގެން ދިޔަ ކުދީންތަކެއްގެ ތެރެއިން ސާލިމް އަޅައިގަތީ ނާއިމާގެ ސޫރައަށެވެ. ތުނި ހަށިގަނޑަކާއި ވަށްބުރުގެ ބައްޓަމަށް ހުރި މޫނެކެވެ. ރީތި ދެ ލޮލާއި ފަރި ހިނގުން ފެނި ސާލިމް ހިތް ކަތިލެވިއްޖެއެވެ.

"އެހެރީނުން ތަންކޮޅެއް އިސްތަށިގަނޑު ދިގު ލޫޅާފަތި ކުއްޖެއް. އެއީ ކޮން ކުއްޖެއްތަ؟" ނާއިމާ ދައްކައިފައި ކައިރީގައި ހުރި މީހެއްގެ ގާތު ސާލިމް އަހައިލިއެވެ. އޭރު ވެސް ސާލިމްގެ ލޯ އަމާޒުވެފައި ހުރީ ނާއިމާގެ މޫނަށެވެ. އެ ކަމެއް ނާއިމާއަކަށް ނޭނގެއެވެ.

"ދަރިފުޅާ! މާލޭގެ ވަރަށްބޮޑު މުންސަންޖެއް ދަރިފުޅުގެ ކައިވެންޏަށް އެދިއްޖެ. ދަރިފުޅު ބޭނުން ނަމަ، އެ ކަން ކުރާން މަންމައާއި ބައްޕަ ވަރަށް ބޮޑަށް އެދެން." މަންމަގެ ބަހަކީ ނާއިމާއަށް ޙުކުމެއް ކަހަލައެވެ. އެ ހިސާބުން ކިޔެވުން ނިންމައިލައިފައި ކައިވެނިކުރީއެވެ. ރަށުގެ ހުރިހާ އަންހެން ކުދީން އެދިއެދި ތިބި ކަހަލަ މުއްސަނދި ދިރިއުޅުމެއް ހަމައެކަނި ލިބުނީ ނާއިމާއަށެވެ. ބަސްބުނާ ހިނދުން ގޭގެ ޙާލަތު ރަނގަޅު ވެއްޖެއެވެ. ނާއިމާގެ އެއްބަނޑު އެއްބަފައި ހަތަރު ކުދީން ތިބި އިރު، އެންމެ ދޮށީ ނާއިމާއެވެ. އަނެއް ތިން ކުދީންނަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތު ލިބުނީއެވެ. ރަށުގެ ކަމުވޮށިގެންވާ މީހުން އެ ޢާއިލާއަށް ޤަދަރުކުރާން ފެށީ ނާއިމާގެ ސަބަބުންނެވެ. ކުރީން ލޮލުގައި އަޅައިނުގަންނަ އެތައް ބަޔަކު، މިއަދު އެ ޢާއިލާ އުޅޭނޫޅޭ ގޮތް ސިއްރުން ނަމަވެސް ބަލައި އެ ކަމާ ޙަސަދަވެރިވެއެވެ.

ނާއިމާގެ ދިރިއުޅުން ވަރަށް ވެސް އުފާވެރިއެވެ. ޢުމުރުގެ ފަރަގަށް ބެލުމެއް ނެތި ދިރިއުޅޭން ފެށުމުންނެވެ. ސާލިމަކީ ނާއިމާއަށް ލިބުނު ޖަވާހިރެއް ކަހަލަ ފިރިއެކެވެ. ހުވަފެނުގައި ވެސް ނުދެކޭ ކަހަލަ އަރާމު ދިރިއުޅުމެއް ނާއިމާއަށް ލިބުނެވެ. ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. އެތަކެއް ނޯކަރުން ޚިދުމަތުގައި ތިބެއެވެ. ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހެއެވެ. އެހެންނަމަވެސް މީހުންގެ ލޯމައްޗަށް އުފާވެރި ކައިވެނީން ނާއިމާ އުފާވާކަމަކަށް ނުވިއެވެ. ސާލިމް ގެއިން ބޭރަށް ދިއުމާއެކު ނާއިމާގެ ކަމަކީ މީސްމީޑިއާގެ ރާނީއަށްވުމެވެ. ގޮތްގޮތަށް ނަފުސީ ނެގުމަށް އެތައް ވަގުތެއް ހޭދަކުރެއެވެ. މޫނުބަލާ ލޯގަނޑާއި މީސް މީޑިއާއަކީ މިތުރުންކަމުގައި ހެދިއެވެ.

"މި ގޭގެ ކައްކާ މީހާ މިހާރަކަށް އައިސް ކައްކާ އެއްޗިއްސެއް މީރެއް ނޫން. ފަރުވާ ކުޑަކުރަނީ ކަންނޭގެ." ނާއިމާގެ ޝަކުވާ ސާލިމާ ހަމައަށް އައުމާއެކީ ދުވަސްވީ ކައްކާ މީހާ ފޮނުވައިލުމަށް ފަހު، އެހެން މީހެއް ގެނައެވެ. އޭގެ ދެތިން ދުވަސް ފަހުން އެނގުނީ ނާއިމާ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަމެވެ. ކާއެއްޗެހި މީރު ނުވީ ކައްކާ މީހާގެ ސަބަބުން ނޫންކަމެވެ. ތިން ކުދީން ލިބުނު އިރު، ނާއިމާއަށް ބަދަލުތަކެއް އަންނާން ފަށައިފިއެވެ. އެ ކަމުގެ ސަބަބުން ގިނަ ވަގުތު ނާއިމާ ހުންނަނީ ފުސްމޫނު ހަދައިގެންނެވެ. ގިނައިން ވިހާން ޖެހުމުން، ނާއިމާގެ ޒުވާންކަމަށް ބަދަލު އަތުވެދާނެތީއެވެ. ސާލިމަކީ ގިނަ ދަރީން ބޭނުންވާ މީހެކެވެ. އެ ކަމުގައި ވެސް ނާއިމާ ހުރީ ކުޑަކޮށް ނުރުހުންވެފައެވެ.

"އަހަރެމެންގެ ދީނުގައި ވެސް އަންގަވަނީ ގިނަ ދަރީން ހޯދާން." އެއް ދުވަހަކު ނާއިމާ ރުއްސާން މަސައްކަތްކުރަމުން ސާލިމް ބުންޏެވެ.

"އެއާ އެކު ދަރީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުން ވެސް އޮވޭ." ސާލިމްގެ ބަސް އަނގައިގެ އެއްކޮޅުގައި އޮއްވައި ނާއިމާގެ ހާޒިރު ޖަވާބު ދިނެވެ.

"އަހަރެމެންގެ ދަރީން ކިހާ ރަނގަޅަކަށް ތަރުބިއްޔަތު ކުރެވޭނެ. ކޮންމެ ކަމަކަށް މީހަކު އެބަހުރި. ދަރީންގެ ބުރަ އުފުލާކަށް ނާއިމާއަކަށް ނުޖެހޭނެ. އެ ކުދީން ބަލާން މި ގޭގައި މީހުން ތިބޭނެ. އަހަރެންގެ މައިންބަފައިންނާއި ނާއިމާގެ މަންމައާއި ބައްޕަ ވެސް އެ ތިބީ. ނިކަމެތީން ވެސް އެތައް ބައިވަރު ކުދީންނެއް ހޯދާ. އަހަރެމެންނަށް ކިތަންމެ ގިނަ ދަރީން ލިބުނަސް އެއްވެސް އުނދަގުލެއް ނުވާނެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން އަހަންނަށްވަނީ ތަނަވަސްކަން ދެއްވައިފައި." ސާލިމް ދެއްކި ވާހަކަ ނާއިމާއަކަށް ކަމަކުނުދިޔައެވެ.

"ދަރީން ތަރުބިއްޔަތުކުރުމަކީ އެހެންމީހުންގެ ޒިންމާއަކަށް ހަދާންތަ ސާލިމް ތިޔަ އުޅެނީ؟ އަހަރެން ބޭނުންވަނީ އެ ކުދީން ބެލުމުގެ ޒިންމާ އަހަރެމެން ދެ މީހުން އުފުލާން. އެކަމު ގިނަ ދަރީން ހޯދުމަކުން ނުފުދޭނެ. ރަނގަޅު ތަރުބިއްޔަތު ވެސް ދެވޭން ޖެހޭނެ."

ނާއިމާ ބޭނުންވީ ކުދީން ނުލިބޭ އޮޕަރޭޝަން ކުރުމަށެވެ. ސާލިމް އެކަމާ އެއްބަހެއް ނުވިއެވެ. މަޑުމަޑުން ސާލިމްގެ ރަނގަޅު ސިފަތައް ނާއިމާއަށް ފަނޑުވާން ފަށައިފިއެވެ. ސާލިމް ދެކެ ލޯބި ނުވެވޭކަން އިޙްސާސް ކުރެވޭން ފެށިއެވެ. އެހެން ފިރިހެނުން ރަނގަޅު ވާހަކަދައްކާން ފަށައިފިއެވެ.

ކުދިކުދި ހަމަނުޖެހުންތައް ދެމަފިރިންގެ ދެމެދުގައި ގިނަވާން ފެށީ، ނާއިމާ ކުރާ ޝަކުވާތަކުންނެވެ. ނާއިމާ ހިތްހަމަޖައްސާން ސާލިމް އެތައް ކަމެއް ކޮށްދެއެވެ. އެންމެ ފަހުގެ މޮބައިލްފޯން އަހަރަކު އެއްފަހަރު ގެނެސްދެއެވެ. ރާއްޖެއިން ބޭރަށް އަހަރަކު ދެ ފަހަރު ދާން އެދުނަސް ފޮނުވައެވެ. ސާލިމް ހުންނަނީ އޭނާގެ ރީތި ޅަނދޮޅު އަންހެނުން އެދުނު ކޮންމެ ކަމެއް ކޮށްދިނުމަށް ތައްޔާރަށެވެ. ނާއިމާ އެންމެ ފަހުން ކުރާންފެށި ޝަކުވާއަކީ އަބަދު ގޭގައި އިންނާން ޖެހޭތީ ފޫހިވާކަމުގެ ޝަކުވާއެވެ.

ސާލިމްގެ ދޮށީ އަތްނބަށް ވެސް ހަތަރު ކުދީން ލިބިފައި ވެއެވެ. ނާއިމާއަށް އެކަން އެނގުނު ދުވަހު ވަރަށް ރުޅި އައިސްގެން އުޅުނެވެ. ސާލިމް ކުރީން އެ ވާހަކަ ބުނެފައި ނެތުމުންނެވެ.

"ނާއިމާއަށް ވެސް އެނގޭނެ އަހަރެން އެހެން އަތްނބެއް ހުރިކަން. ދެން މިހާރު ކީއްކުރަން ޝަކުވާ ތިޔަ ކުރަނީ."

"އަތްނބެއް ހުރިކަން އެނގެޔޭ. އެކަމަކު ދަރީން ތިބިކަމެއް ނުބުނަމެއްނު." ނާއިމާގެ އަޑު ގޭތެރޭގައި ގުގުމައިގަތީ ހޮނު ގުގުރިއެއްގެ އަޑުފަދައިންނެވެ. ހަތަރު ކުދީންގެ ދޮންމަންމައަކަށް ވީކަން އެނގުމުން ނާއިމާ ދިޔައީ ސިއްސައިގެންނެވެ.

"ނާއިމާއާއި އިނުމުގެ ކުރީން ނާއިމާގެ މައިން ބަފައިންނަށް އަހަރެންގެ ހުރިހާ ވާހަކަތަކެއް ކިޔައިދިނިން. އަދި ނާއިމާއަށް ކިޔައިދިނުމަށް އެދުނިން. އެހެން ނޫނަސް ނާއިމާ އަހަރެންގާތު އެހި ނަމަ ވެސް ކޮންމެ ވާހަކައެއް ވެސް ކިޔައިދޭނަން. އަނބިމީހާއާއި ފިރިމީހާ ދެމެދު އެއްވެސް ކަމެއް ފޮރުވައިގެން އުޅޭން ބޭނުންވާ މީހެއް ނޫން އަހަންނަކީ." ސާލިމް ވިސްނައިދޭ ކަހަލަ ރާގެއްގައި ނާއިމާއަށް ބުންޏެވެ.

ދެމަފިރިންގެ ދެމެދުގައި ލެވިފައިވީ ބިއްލޫރި ފާރު އެކި ފަހަރު މަތީން ތަޅައިގެން ދަމުންގޮސް ބިމާ ހަމަވެއްޖެއެވެ. ނާއިމާ އުޅެނީ ނާއިމާގެ ދުނިޔޭގައެވެ. ސާލިމް އަވަދިނެތި އުޅެނީ މަސައްކަތުގައެވެ. ގެއަށް އަންނަނީ ވެސް ކުޑަ ވަގުތުކޮޅަކަށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ނާއިމާ ފިޔަފަޅައިގެން އުދުއްސައިގަތެވެ.

ސާލިމަށް ލިބޭން ފެށި ޚަބަރުތަކުން ނާއިމާ އިސްލާޙުކުރާން ހަދާނެ ގޮތަކާ މެދު އެތައް ކަމެއް ކުރެވުނެވެ. ނަސޭޙަތްދީ،  މީހެއްގެ އަތްނބެއްކަން އެތައް ފަހަރަކު ހަނދާންކޮށްދެވުނެވެ. އެވަރުންވެސް ނާއިމާގެ އުޅުމަށް ބަދަލު އަންނަ ތަން ނުފެނުމުން ސާލިމް ގޭގައި އުޅޭ ވަގުތު އިތުރުކޮށް ނާއިމާއަށް ވަގުތު ހުސްކުރާން ފެށިއެވެ.

އެއް ރެއެއްގެ ރޭގަނޑުގެ ވަގުތެވެ. ހަނދުވަރު ރީތި ރެއެއްކަމުން ނާއިމާ ގޮވައިގެން ސާލިމް ހުޅުމާލެއަށް ކާރު ދުއްވައިލާން ދާން ނިކުތެވެ. މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ދާލަން ހުޅުވުމާއެކު ގިނަ ބަޔަކު އެ ހިތްފަސޭހަ ދާލަމުގައި ދުއްވައިލާން ނިކުމެ އުޅެއެވެ. ރޭގަނޑު ބޮކި އަލިތަކުން ދިއްލައިލެވިފައިވާ ދާލަން ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ގިނަ ބަޔަކު ހިތްހަމަ ޖެހުމާއެކު ކަނޑުގެ ހިތްގައިމު ފިނި ރޯޅިތަކުގެ އަރާމުގައި ކަނޑުމެދު ހުރަސްކޮށްފައި ދަނީ ވަރަށް ވެސް ހިތްހަމަ ޖެހުމާއެކުއެވެ. ހުޅުމާލެއަށް ދެވުނުއިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. ރެސްޓޯރެންޓުގެ ހިތްގައިމު މާޙައުލުގައި ރޭގަނޑުގެ ކެއުމުގައި ވަގުތުކޮޅެއް ހޭދަކުރުމުގައި ސާލިމާއި ނާއިމާ ތިއްބެވެ.

"ހަލޯ... އާން. އާން. މި ގަޑީގައި؟ މި ދަނީ. މިހާރު މިދަނީ." ސާލިމް ފޯނު ބޭއްވި އިރު ހުރީ ކުޑަކޮށް ނުތަނަވަސްވެފައެވެ. ނާއިމާ ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އަހައިލިއެވެ.

"ދޮންބެ ވަރަށް ހާސްވެފައި ހުރެ ބައްދަލުކޮށްލާން އެދުނީ. ވަރަށް ބޮޑު ކަމަކުއޭ ބުނެފި." ނާއިމާ ދޭ ޑްރައިވަރާއެކު. އަހަރެން ދާނަން ވަރަށް އަވަހަށް." ސާލިމު އޮޅުން ފިލުވައިދިނެވެ. ނާއިމާ ކާރަށް އެރީ ހިތްހަމަ ޖެހިފައި ހުރެގެނެއް ނޫނެވެ. އެ ކާރު ދަތުރަކީ ނާއިމާއަށް ރަނުގެ ފުރުޞަތެއް ލިބުނު ދަތުރެއް ކަމެއް ނާއިމާ ނުދެނަ ހުއްޓެވެ. ހުޝިޔާރު ޑްރައިވަރު ހިފީ ހަމައެކަނި ކާރުގެ ހުންގާނަކު ނޫނެވެ. ނާއިމާގެ ހުންގާނު ކޮންޓްރޯލް ކުރުމުގައި ޑްރައިވަރު ރަޙުމާން ހުޝިޔާރުކަން ބޮޑެވެ.

"މެޑަމް ކިޔާނެ ކަމެއް ނެތް. މިހާރު އަހަރެމެން މީ ރައްޓެހިން. ނާއިމާ ކިޔާ." އިނގިރޭސި ބަހުން ނާއިމާ ބުންޏެވެ. ރަޙްމާނަކީ ބަނގްލަދޭޝް ރައްޔިތެކެވެ. ރަޙްމާނުގެ ރީތިކަން ފެނުނު ފުރަތަމަ ފަހަރު ވެސް ނާއިމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އިސްކޮޅުން ދިގު، ހަމުގެ ކުލަ އަލި ކަސްރަތީ ހަށިގަނޑެކެވެ. ރީތި ގޮތަކަށް ހަދައިލައިފައި ހުރި ތުނބުޅިއެކެވެ. ގަޔަށް ފިޓް ހުދު ޓީޝަރޓާއި ކަޅުޖީންސްލާފައި ހުއްޓައި ފެނުމުން ވެސް ނާއިމާއަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ރަޙްމާނުގެ އެއްމިޔަކަނުން އެވާ ހިނިތުންވުމަކީ ނާއިމާ އެ ހިނިތުންވުމަކަށް ފިދާވާ ކަހަލަ ހިނިތުންވުމެކެވެ. ރަޙުމާން ރާއްޖެ އައިތާ ތިންމަސް ދުވަސް ވެއްޖެކަމަށް ނާއިމާ ގާތު ބުންޏެވެ. ނާއިމާއަށް ރަޙުމާން ފެނުނީ އަލަށެވެ. ކުރީން ހުރީ ސާލިމްގެ ދޮށީ އަނބި ޢަޒުރާގެ ޑްރައިވަރަކަށެވެ. އެ ވާހަކައެއް ރަޙުމާން ނާއިމާ ގާތުގައެއް ނުބުނެއެވެ. ރަޙްމާނުގެ މަޖާ ވާހަކަތަކުން ނާއިމާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނެވެ. އެރޭ ނާއިމާ ކާރުން ފޭބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރެގެންނެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ވެސް ހުރެވުނީ ހިނިތުން ވެފައެވެ.

"މަންމާ! އެބައަންނަން ރައްޓެއްސަކާ ބައްދަލުކޮށްލައިފައި." ނާއިމާ ފައިވާނަށް އަރަމުން ޓީވީ ބަލަން އިން ނާއިލާއަށް ބުންޏެވެ. ސާލިމް ވިޔަފާރި ދަތުރެއްގައި ވީ ރާއްޖޭން ބޭރުގައެވެ. މި ދުވަސްކޮޅު ނާއިމާ ހީވަނީ މިނިވަން ދޫންޏެއް ހެންނެވެ. އުދުއްސައި ގަނެވޭ ނަމަ އުދުއްސައިގެން ހިނގައްޖައީހެވެ.

"ރަޙުމާން. ހިނގާބަލަ ބުރެއްޖަހައިލާން ދާން." ނާއިމާގެ އެދުމަށް ރަޙުމާން ހުންނަނީ ޤުރުބާންވާން ތައްޔާރުވެފައި ކަހަލައެވެ. ނާއިމާ ގޭގައި އިންނަ ވަގުތުތަކަށް ވުރެ ބޭރުގައި އުޅޭ ވަގުތު ގިނަވާން ފަށައިފިއެވެ. ރަޙުމާނާއެކު ހުޅުމާލެއަށް ދުއްވައިލާން ކޮންމެ ރެއަކު ދާން ފަށައިފިއެވެ. ނާއިމާއާއި ރަޙުމާނުގެ ގުޅުން ބަދަހިވާން ނެގީ މަދު ދުވަސްކޮޅެކެވެ.

"މި ޓީޝާޓް ރީތިތަ؟" ފިހާރައިގެ ތެރޭގައި ހުރެފައި ނާއިމާ އެހިއެވެ. ރަޙްމާނުގެ އަތުގެ އިނގިލިތަކުން ޝަހާދަތް އިނގިއްޔާ ބޮޑުވާ އިނގިލިން ވައްބޮޅެއް ދައްކާލިއެވެ. ނާއިމާ ހިނިތުނެވެ ހުރެ ދެތިން ޓީޝާޓް ރަޙްމާނަށް ގަނެދިނެވެ.

"އަހަރެންގެ މަންމަ އުޅެނީ ވަރަށް ބަލިވެ. ތިކަހަލަ ހަދިޔާތައް މި ދުވަސްކޮޅު އެހާ މުހިއްމެއް ނޫން." ރަޙުމާނުގެ މޫނުމަތީން ހިތާމައިގެ އަސަރު ފެންނާން ފެށިއެވެ. ރަޙްމާންގެ މަންމަ ޑޮކްޓަރަށް ދެއްކުމަށް ނާއިމާ ގިނަ ޢަދަދެއްގެ ފައިސާ ދިނެވެ. އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންނަށް ދެއްކުމަށް ވާ ވަރަށް ފައިސާ ދިނުމުން ރަޙުމާން ވަރަށް އުފާވިއެވެ.

"ރާއްޖެ މީ ކިހާ ކުޑަ ތަނެއް. ނާއިމާ އަހަރެންގެ ގައުމަށް ހިނގައްޖިއްޔާ މިނިވަންކަމާއެކު އުޅެވިދާނެ. ރީތި ކުޑަކުޑަ ބަގީޗާއެއްގެ ތެރޭގައި އުދުހޭ ކޮކާލެއް ފަދައިން ނާއިމާ އުޅޭނެ ދުވަހެއް އަދި އަންނާނެ. އަހަރެން މީ ފައިސާ ވެރިއަކަށްވީ ނަމަ، ވަރަށް ރީތި ގެއެއް އަޅާނަން. އެ ގޭގައި ނާއިމާ އުދުހޭނީ އުފަލާއި އަރާމުގައި. މަދިރިއަކަށް ވެސް ނާއިމާގެ ގައިގައި ޖެހިލާން ނުކެރޭވަރަށް ރައްކައުތެރި ކުރާނަން." ރަޙްމާންގެ ފޮނިބަސްތައް ނާއިމާގެ ކަންފަތަށް ވިރުވާ އަޅަމުން ދިޔައީ މާމުއި ހާ ފޮނިކޮށެވެ. ރަޙްމާނުގެ ކޮންމެ ޖުމްލައަކުން ނާއިމާގެ ގައިން ހީބިހި ނަގައިގެން ދެއެވެ.

ނާއިމާގެ އެކައުންޓަށް ސާލިމް ފައިސާ ޖަމާކޮށްދީފައި ހުންނަނީ ނާއިމާ ބުނެގެންނެއް ނޫނެވެ. ސާލިމްގެ އަންތބަކަށް ވާތީއެވެ. ކޮންމެ މަހަކު ނާއިމާއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކޮށްފައިވެސް ވިޔަފާރީގެ ފައިދާއިން ކޮންމެވެސް މިންވަރެއް އެއީ ނާއިމާއަށް ޙައްޤު އެއްޗެއްގެ ގޮތުގައި ސާލިމް ދެކެއެވެ. ނާއިމާ ދެކެ ސާލިމް ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ދޮށީ އަނބި ޢަޒުރާއަށް ހޯދައިނުދޭ ކިތަންމެ އެއްޗެއް ނާއިމާއަށް ލިބެއެވެ. ގިނަ ފަހަރު ރާއްޖެއިން ބޭރަށް ސާލިމް ކުރާ ދަތުރު ތަކުގައި ވެސް ގެންދަނީ ވެސް ނާއިމާއެވެ.

ސާލިމް އަރާގިމަތައިން ނިކުންނަން ދަނިކޮށް ނާއިމާއާއި ރަޙްމާނު ފުރާގިމަތައިގެ ދޮރުން ވަންނަތަން ފެނުނެވެ. އޭރު ނާއިމާ ދަނީ ފޯނަށް ބަލަމުންނެވެ. ނާއިމާއަކަށް އަދި ރަޙްމާނަކަށްވެސް ސާލިމެއް ނުފެނެއެވެ. ސާލިމް ފޯނު ނަގައިފައި ނަންބަރަކަށް ގުޅައިފިއެވެ.

ސާލިމްގެ ހިތްއަވަސްވެފައި ހުރިވަރުން ވާހަކަ ދައްކަމުން ދިޔައިރުވެސް އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ނާއިމާ ދިޔަ ފުލައިޓުން ޖާގައެއް ލިބޭތޯ ސާލިމް މަސައްކަތް ކުރި ނަމަވެސް އެފުލައިޓުން ޖާގައެއް ނުލިބުނެވެ. ނާއިމާ އަޅާފައި ހުރި ހެދުމާއި، ފޯނަށް ބަލަމުން ދިޔައިރު އުފާވެފައި ހުރުމުން ސާލިމަށް ކޮންމެވެސް ވަރެއްގެ ޝައްކެއް ވިއެވެ. މަންމައަށް ގުޅުމުން ސާލިމް ރަށުގައި ނެތް ދުވަސްކޮޅު ނާއިމާ އުޅުނު ގޮތުގެ ވާހަކަތައް ރިޕޯޓަރެއް ފަދައި މަންމަ ކިޔައިދިނެވެ.

ސާލިމް ބަނގްލަދޭޝަށް ދިޔައީ އޭގެ އަނެއް ދުވަހުގެ ފުލައިޓުންނެވެ. ގޭގައި މަސައްކަތް ކުރާން އުޅޭ މީހެއްގެ އެހީގައި ރަޙްމާނުގެ ގެ ސާލިމް ހޯދައިފިއެވެ. އެ ގެއާ ތަންކޮޅެއް ދުރުގައި ވީރާނަވެފައި ހުރި ގެއެއްގެ ފަހަތުގައި ސާލިމްގެ ޓީމް ޙަރަކާތްތެރިވަމުން ދިޔައީ ރަޙްމާނު އުޅޭނޫޅޭ ގޮތް ބެލުމުގައެވެ. ރަޙްމާނު ގެއިން ބޭރަށް ނިކުތީ އެންމެ ފަހަރަކުއެވެ. ދެކޮޅަށް ހިނގަހިނގާ ހުރެފައި ގޮސް ކުޑަ ގުދަނެއް ކަހަލަ ތަނެއް ހުޅުވާން މަސައްކަތް ކުރަނިކޮށް ސާލިމް އަތުވެއްޖެއެވެ.

ނާއިމާ އިންކޮޓަރި ދޮރުހުޅުވާލި ވަގުތާ ސާލިމް ކުއްލި ގޮތަކަށް ރަޙްމާނުގެ ކޯތާފަތްމަތީގައި ޖެހި ވަގުތުވީ އެއް ވަގުތަކަށެވެ. ސާލިމް ރުޅިއައިސްގެން ތުރުތުރުއަޅަމުން ދިޔައެވެ. ކޮޓަރީގެ ކަނުގައި ކަކުލުގައި ބޯޖަހާލައިގެން ރޯން އިން ނާއިމާ ބޯހިއްލައިލީ އަޑުފައްގަނޑެއް އިވިގެންނެވެ. ގެނބެމުން ދަނިކޮށް ސަލާމަތުގެ އަތްދިއްކޮށްލާން ބަލައިލި ވަގުތު ސާލިމް ފެނުމުން ލޮލުން ކަރުނަ ހުސްވި ކަހަލައެވެ.  އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނީ ވީ އުފަލަކުންނެވެ. ދެތިން ސިކުންތު ފަހުން ކުއްލިއަކަށް ތެދުވެ ސާލިމާ ދިމާއަށް  ނާއިމާއަށް ދުއްވައި ގަނެވިއްޖެއެވެ.

"ސާލިމް. ސާލިމް." ރޮމުން ރޮމުން ނާއިމާއަށް އަތްދިއްކޮށްލުމާއެކު ސާލިމް އެ އަތުގައި ހިފައި ނާއިމާ ގައިގައި ބައްދައިލައިފިއެވެ. ނާއިމާ ރުޅިވެރި ނަޒަރަކުން ރަޙްމާނަށް ބަލައިލިއެވެ.

"ކަލޭ ގައިގައި ރީތި ސިފައެއް ހުއްޓަސް އެއްވެސް އަޚްލާޤެއް ނެތް." ނާއިމާ ބުނީ ރަޙުމާން ނާއިމާއަށް ކަންކުރި ގޮތުގެ ވާހަކައެވެ. ނާއިމާ ސާލިމަށް ކަން ކުރި ގޮތުގެ ވާހަކަ މިއަދު ރަޙުމާނަށް ވެސް ބުނެވުނީހެވެ. އެ ވަގުތު ރަޙްމާން އިޚްތިޔާރު ކުރީން ހިމޭންކަމެވެ.

"ސާލިމް. އަހަންނަށް މަޢާފްކުރޭ." ނާއިމާއަށް އިސްޖަހައިލެވުނީ ކުށްވެރިއެއް ފަދައިންނެވެ. އެހާ ރަނގަޅު ފިރިއަކު ލިބިފައި ހުއްޓައި ނާއިމާއަށް އުޅެވުނު ގޮތާ މެދު މިއަދު ވަރަށް ބޮޑަށް ލަދުގަނެއްޖެއެވެ. ނާއިމާގެ ގައިގައި ހިފަހައްޓައިގެން ހުރެ ސާލިމް ނިކުންނާން ހިނގައިގަތެވެ.

"ހިނގާ އަވަހަށް އަހަރެމެން ތިބޭ ހޮޓަލަށް" ސާލިމާ އެކު އައި ތިން މީހުންނާ ނާއިމާ ގޮސް އެ މީހުންތިބި ހޮޓަލަށް ވަނެވެ. ނާއިމާއަށް ހަމައަކަށް އެޅުމުން ސާލިމް އެބައަންނަމޭ ކިޔާފައި ބޭރަށް ނިކުމެއްޖެއެވެ.

"އަން މީގައި ހިފާ. އަހަރެން އެދުނު ގޮތަށް ކަންތައް ކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ." ސާލިމް ޖީބުން ނޫޓް ބޮނޑިއެއް ނަގައި ރަޙުމާނަށް ދިއްކޮށްލިއެވެ. އެއަށްފަހު ސަލާމް ކޮށްލާފައި ރަޙުމާނުގެ ގެއިން ސާލިމް ނިކުމެއްޖެއެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ސާލިމް އެއްވެސް ވާހަކައެއް ނުދައްކާތީ ނާއިމާ ހުންނަނީ ކަންބޮޑުވެފައެވެ. ނާއިމާ ދެކެ ސާލިމް ރުޅިއައިސްގެން އުޅޭނެކަމަށް ހީކުރިއަސް އެކަހަލަ އެއްވެސް ކަމެއް ސާލިމްގެ ކިބައަކުން ނުފެނެއެވެ. ނާއިމާ ވަރަށް ކަންބޮޑުވެ ހުރެ ސާލިމާ ވާހަކަ ދައްކަން ފެށިއެވެ.

"ކީއްވެ އަހަރެން ދެކެ ރުޅި ނައިސް ތިޔަ ހުންނަނީ؟ ކީއްވެ އަހަންނާ ސުވާލު ނުކުރަނީ؟"

"ލޯބިވާތީ." ސާލިމް އަނގައިން މާބޮޑު އެއްޗެއް ބުނާކަށް ނޫޅުނެވެ. ނާއިމާއަށް ވެސް އިތުރަށް އެ ސުވާލު ތަކުރާރުކުރާކަށް ނުކެރުނެވެ.

"އަހަންނަށް މިހާރު އެނގިއްޖެ، ދިރިއުޅުމަށް މީހަކު ހޯދަންވާނީ އެމީހަކު ލޯބިވާ މީހެއްގެ ބަދަލުގައި ތިމާ ދެކެ ލޯބިވާނެ މީހަކުކަން. އަހަރެން ދެކެ ސާލިމް ލޯބިވާ އިރު ވެސް އަހަރެން މި އުޅުނީ ކިހާ ގޯސްކޮށް!" ނާއިމާ ދެރަވެދެރަވެފައި ވާހަކަދައްކަމުން ދިޔައެވެ.

"ދެން ދުވަހަކުވެސް ގޯސްކޮށް ނޫޅޭނަން. ސާލިމަށް ވަފާތެރި އަންތބަކަށް ވާނަން. ދިރިއުޅުން ކާމިޔަބުވާނީ ނާކާމިޔާބު އެތައް ހަނގުރާމައަކާ ކުރިމަތިލައިގެން" ނާއިމާގެ ބަސްތަކުން ސާލިމްގެ ހިތް އުފާވިއެވެ.

ސާލިމް ރޭވި ކުޅިގަނޑު މިއަދު ކާމިޔާބު ވެއްޖެއެވެ. ހުޅުމާލެއަށް ނާއިމާ ގޮވައިގެން ދިޔަ ދުވަހުން ފެށިގެން ރަޙުމާން ކަންކުރަމުން ގެންދިޔައީ ސާލިމް ބުނި ގޮތަށެވެ. ސާލިމްގެ އަތްނބަކަށް ހުރެ ނާއިމާގެ ރީތި ސިފައިގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަށް ސާލިމް ބޭނުމެއް ނުވެއެވެ. އަދި ނާއިމާގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާކަށް ވެސް ސާލިމެއް ނޭދެއެވެ. ކުސްތެޅުމާއި، ކުދި ޒުވާބުކުރުމަކީ ސާލިމްގެ ބޮލަށް އެންމެ އުނދަގޫވާ އެއްކަމެވެ. އެ ދުވަހަށްފަހު ނާއިމާގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެއެވެ. ސާލިމް ރޭވުންތެރިކަމުން މުޅި ޢާއިލާއަށް އުފާވެރިކަން ލިބިއްޖެއެވެ. (ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް
ޚަމަނަ
ޥާހަކަ ވަރަށް ރީތި
28 Jan 2024
މަރީ
ވާހަކަ ހަމަ ހަބޭސް. އޮބިނެސް ޓު ދަ މެކްސް. މޮޅު މަންޖެއެއް ތީ. ބައްދަލުކޮށްލާން ވެސް ބޭނުންވެއްޖެ.
28 Jan 2024