Advertisement

ދިވެހީން ތިބީ އަބަދު ވެސް ފަލަސްތީނާ އެކީގައި ކަން އަނެއްކާ ވެސް ހާމަވީއެވެ. ކޯޓު ފޭލިވީއެވެ.

27 Jan 2024 | 12:40
ދުނިޔޭގެ ކޯޓުގެ ފަނޑިޔާރުން: އިސްރާއީލުގެ ގަތުލުއާންމުގެ އަމަލު ހުއްޓުވަން އަމުރުކޮށްފި

ފަލަސްޠީނުގެ ޣައްޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައްހުއްޓުވާން ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަންކަށަވަރުކުރުމަށް ބައިނަލްއަޤުވާމީ ޢަދުލުއިންސާފާ ބެހޭ ކޯޓުން (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ހުކުމްކުރުމާ ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން މަރުޙާބާކިޔެވެ. މި ކަމަށް މަރުޙަބާވިދާޅުވުމާއެކު ރައީސް ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ބިމަށްގަދަބާރުން ވެރިވެގެން އިސްރާއީލުގެ ނަމުގައި ދައުލަތެއް ހަދައި، ޔަހޫދީން ހިންގާ ޖަރީމާތަކަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރީން ސަރަހައްދީ ރޮނގު ކަނޑައަޅައިފައި އޮތް ގޮތަށް އެ އިމުގައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެންކަމަށެވެ. އަދި ދެ ދައުލަތުގެ ޙައްލަށް ދިވެހިރާއްޖެއިން ތާއީދުކުރާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން ގަބޫލުކުރަނީ އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓައިލާން ޖެހޭކަމަށެވެ. އަދި ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިނގަ ޢުދުވާނު ހުއްޓައިލާން ޖެހޭކަމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ އިންސާނެއްގެ ފުރާނައަކީ ވެސް ހިމާޔަތްކުރަންޖެހޭ އަގުބޮޑު އެއްޗެއް ކަމަށެވެ. އަދި ބޮންއެޅުމާއި، ގެދޮރުސުންނާފަތިކޮށް ބައިބައިވުން އުފެއްދުމަކީ ސުލްހަ ގެނުވާނެ ކަމެއްނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދާއިމީ ހަމައެކަނި ހައްލަކީ 1967ގެ ކުރީކޮޅު ސަރަހައްދީ އިން ކަނޑައަޅައިފައި އޮތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ހިންގަނީ ނަސްލުހޭދެއްކަމަށް ބަޔާންކޮށް މި މައްސަލައިގައި އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤުވާމީ ޢަދުލުއިންސާފާ ބެހޭ ކޯޓު (އައިސީޖޭ)އަށް މި ދިޔަ އަހަރު ޑިސެންބަރު 29ގައި މައްސަލަ ހުށަހެޅީ ދެކުނު އެފުރިކާއިންނެވެ. މި ވޭދަނައަށް ދިވެހިރާއްޖެއ ވެސް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުން ތާއީދުކޮށްފައިވާ އިރު، އެމެރިކާއާއި އިނގިރޭސިވިލާތާއި އިސްރާއީލުން މި މައްސަލައިގައި ދެކުނު އެފުރިކާއާ ދެކޮޅަށް ވަކާލާތުކޮށްފައިވެއެވެ. މި ހުށަހެޅުން ދިރާސާކުރުމަށް ފަހު، އެ ކޯޓުންއިއްޔެ ވަނީ އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވަންއަޅާން ޖެހޭ ފިޔަވަޅުތައް އަޅާން އަމުރުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ނުފޫޒާ ހުރެ، އެ ހަނގުރާމަ ވަގުތުން ހުއްޓައިލާކަށް އަމުރުކުރާކަށް ނުކެރުނެވެ. މި ކަމުގައި އެ ކޯޓު ވަނީ ނުކުޅެދިފައެވެ. މިއީ އެ ކޯޓު ފޭލިވެފައިވާކަން ހާމަވި ކަމެއްކަމަށް މުޙައްލިލުން ސިފަކުރެއެވެ. ނަމަވެސް އެ ކޯޓުންވަނީ އެއީ ނަސްލުހޭދެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ ބަލައިގެންފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކުރާން ފުރުސަތު ލިބޭންވާނެކަމަށެވެ. އަދި ބައިނަލްއަގްވާމީ ބައްދަލުވުންތަކުގައި ވެސް ރާއްޖެއިން އަބަދުވެސް ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރެއެވެ.

ބައިނަލްއަޤުވާމީ ޢަދާލަތުގެ ކޯޓަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގޮތް ނިންމައި އިންސާފު ހޯދައިދިނުމަށް އުފައްދައިފައިވާ އދ.ގެ އެންމެ މަތީ ކޯޓެވެ. އެއީ ދުނިޔޭގެ ކޯޓުގެ ގޮތުގައި ބެލެވޭ ކޯޓެކެވެ.

އޮކުޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކުގައި 25 ހާހަށް ވުރެ ގިނަ ފަލަސްތީނުމީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 60 ހާހަށް ވުރެ މައްޗަށް އަރައިފައެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނައީ ގުނަވަންތައް ނެތި ދިޔުން ފަދަ ބޮޑެތި ގެއްލުންތައް ލިބި ގިނަ މީހުން ނުކުޅެދޭ މީހުންނަށް ވެފައެވެ. މި ފަދަ މީހުންނަށް އެކުވެރި އަރަބި އިމާރާތުން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން އުފަލާއެކު ފާހަގަކޮށްލެވެއެވެ. ޔަހޫދީންގެ ތެރެއިން މަރުވެފައިވަނީ 1200 މީހުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


Advertisement

ކޮމެންޓް
ރިޟުވާނު
"ބައިނަލް އަޤވާމީ" ކުރިޔަށް ލާފައި ކިޔާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޙަރަކާތްތައް ފެއިލްވެފައި. އެމެރިކާގެ އަތްދަށުވެ ދަތްދަށުވެ ފިތިފައި.
27 Jan 2024