Advertisement

ދިވެހިރާއްޖޭގެ ޅެންވެރީން މި ވަގުތު ގދ. ތިނަދޫގައި

26 Jan 2024 | 11:15
ގދ. ތިނަދޫ: ރާއްޖޭގައި ނަން ހިނގާ ޅެންވެރީންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ގިނަ ޅެންވެރީން މި ވަގުތު ތިއްބެވީ މި ރަށުގައެވެ.

ފަރަގު ޚާއްސަ މުރާސިލު

ރާއްޖޭގައި ނަން ހިނގާ ޅެންވެރީންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ގާތްގަނޑަކަށް ހުރިހާ ޅެންވެރީން މި ވަގުތު ތިއްބެވީ ގދ. ތިނަދޫގައެވެ. އާލާސްކަންފުޅާ އުޅުއްވާ މަދު ބޭފުޅެއް ފިޔަވައެވެ. އެއީ ތަންކޮޅެއް ލަހުން ނަމަވެސް މި އަހަރުގެ ޅެންވެރީންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް ޓަކައެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙުތިފާލު، ރާއްޖޭގެ މަޝްހޫރު ޅެންވެރިއެއްގެ ރަށުގައި ބޭއްވުމަކީ ތާރީޚީ ކަމެކެވެ. މާލެއާ މިހާ ދުރުގައި މަޝްހޫރު ޅެންވެރީންތަކެއްގެ ރަށުގައި މި ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރެވޭކަމީ ޚާއްޞަ އުފަލެއް އިޙުސާސްކުރެވޭކަމެކެވެ.

ގދ. ތިނަދުވަކީ ތާރީޚީ ރަށެކެވެ. މުއްސަނދި ސަގާފަތެއް އޮތް ރަށެކެވެ. ބުނެވޭ ގޮތުގައި ތިނަދޫއަކީ 1962ވަނަ އަހަރު އެ ރަށް ފަޅުރަށަކަށް ބަދަލުވުމުގެ ކުރީން، ރާއްޖޭގައި އޮތް އެންމެ މުއްސަނދި ރަށެވެ. އޭރު ސަރުކާރަށް ވުރެ ވެސް އެ ރަށުގެ މުއްސަނދިކަން އިތުރުކަމަށް ވެއެވެ. ކޮންމެއަކަސް މިއަދު އުދަރެހުގައި ފުސް ބޯކަމުން އިރުއެރި ތަން ނުފެނުކަމުގައި ވިޔަސް އަޅުގަނޑު ވެސް މިހިރީ ތިނަދޫގައެވެ. މި އަހަރުގެ ޅެންވެރިންގެ ދުވަސް ތިނަދޫގައި ފާހަގަކުރުމަށް ޓަކައި ދެއްވި ދަޢުވަތެއްގައެވެ. ތިނަދޫގެ ވާހަކަ އެހެން ލިޔުމެއްގައި ފަހުން ދަންނަވާނަމެވެ.

އާދޭހެވެ! ޅެންވެރީންގެ ދުވަސް ނިސްބަތްކުރެވެނީ ރާއްޖޭގެ މަޝްހޫރު އަދީބު، މުޤައްރިރު އަދި ޅެންވެރިޔާ އަލްއުސްތާޒު އިބްރާހީމް ޝިހާބު (رحمه الله)އަށެވެ. އެ މަނިކުފާނު ދެމި އޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރެއްވި ދުވަސްކަމަށްވާ ޖަނަވަރީ މަހު 15ވަނަ ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވާން ސަރުކާރުން ނިންމެވީ އެ މަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އާކުރުމަށް ޓަކައެވެ. އެ މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ.

ޅެންވެރީންގެ ދުވަކީ ޖަނަވަރީ 15ވަނަ ދުވަސްކަމަށް ވިޔަސް މި އަހަރު މި ދުވަސް މި ފާހަގަކުރަނީ ތަންކޮޅެއް ފަހުން ޖަނަވަރީ 26ގައެވެ. ކުރީން ވެސް ދެންނެވި ފަދައިން ޅެންވެރީންގެ ރަށެއްގައެވެ. އެހެންކަމުން މި އަހަރުގެ ޅެންވެރީންގެ ދުވަސް  ތަޚުޞީސްކުރެވިފައިވާ މަޝްހޫރު ޅެންވެރިޔާ ގދ. ތިނަދޫ، އަލި ދޯދި، އަލްފާޟިލް ޢަބްދުالله ޢަފީފަށެވެ.

އަލްފާޟިލް ޢަބްދުالله ޢަފީފަކީ އާދައިގެ ޅެންވެރިއެއް ނޫނެވެ. އޭނާގެ ޅެންތަކަކީ ދިވެހީންގެ ހިތްތަކުގައި ޤައުމީ ލޭ ކައުކުވައިލާ ފަދަ ގައުމީ ޅެންތަކެކެވެ. ގައުމީ އެކިއެކި މުނާސަބާތަކުގައި ދައުލަތުގެ މީޑިއާއިން ފަހަކަށް އައިސް އިވޭ ގިނަ ލަވަތަކީ އޭނާގެ ޅެންވެރިކަމުގެ މޭވާއެވެ. އެއިން ލަވައެއްގެ އަޑު އިވިލާއިރަށް ކޮންމެ މީހެއްގެ ނަފުސުގައި ވެސް ގައުމީ ވިންދު ޖަހައިލާނެއެވެ. ގައުމީ ރޫޙު ނިދައިފައި އޮތް ނަމަ ހޭލައްވައިލާނެއެވެ. ގައުމީ ޖޯޝް ފަނޑުވެފައިވާ ނަމަ، ގަދަކޮށްލާނެއެވެ. ޢަޒުމު ބަލިކަށިވެފައިވާ ނަމަ، ވަރުގަދަކޮށްދޭނެއެވެ.

ޢަބްދުالله ޢަފީފުގެ ޅެންވެރިކަމުން އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޅެމުގައި ހުންނަ ވަކިވަކި ލަފުޒުތަކަށް ބަލާއިރު، އެންމެ އާދައިގެ މީހަކަށް ވެސް މާނަ ނޭނގޭ ފުން ލަފުޒެއް ނެތިފައި އެ ސާދާ ލަފުޒުތައް އަތުރައިލައްވައިފައި ހުންނަ ގޮތުން ޅެމުގައި އެ އުފައްދާ ބުގިސްކަމެވެ. ހިތުގެ އެންމެ ފުނަށް އެއިން އަސަރު ފޯރާކަމެވެ. ސާދާ ބަސްކޮށާރަކުން ވަޒަންތައް ހަމަކުރައްވައިފައި އެ ހުންނަނީ ކިހިނެއްކަމެއް ވިސްނައިގަންނާކަށް ވެސް ނޭނގުނެވެ. އެނގޭކަމަކީ ޢަފިފުގެ ކޮންމެ ޅެމަކުން ހިތުގެ އެންމެ ފުނަށް އަސަރުކުރާ ކަމެވެ. ލަފުޒުތައް އަތުރުއްވައިފައި ހުންނަ ގޮތުގެ އޮމާންކަމެވެ. ގިނަ ޅެންތައް ހައްދަވައިފައި ހުންނަނީ ލަވައިގެ ކޮންމެވެސް މިޔުޒިކަމަށްކަމަށް ވާތީ ރާގަށް ކިޔުމުގައި ވެސް ލަފުޒު ބުރިބުރިކޮށް ހަދާން ނުޖެހޭކަމެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ހުނަރެކެވެ.

ކުޅަދާނަ ޅެންވެރިޔާ ޢަބްދުﷲ ޢަފީފު (ވ)އާއި ކުރީގެ ރައީސް ޔާމީން (ކ): ޢަބްދުﷲ ޢަފީފު ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2017ގައި ޙާޞިލުކުރައްވައިފައެވެ.<br>

ޢަފީފުގެ ޅެންތައް ލަވައިގެ ގޮތުގައި އެކި ލަވަކިޔުންތެރީން ވިރުވައިއަޅައިފައި ހުންނަ ލަވަތައް ގައުމީ މީޑިއާއިން ވަރަށް ގިނައިން އިވެއެވެ. ގައުމީ ޖޯޝު އުފައްދާ ލަވަތަކެވެ.  

"ޤައުމީ ގޮވުމަށް އިޖާބަދޭން ކެރިގެން ދާނަން ފުރާނަ ދޭން

          ޝައުޤާއެކުގައި މި ކަންކަމާ ކުރިމަތިލައިގެން މި ޖާނު ދޭން"

އެ ވިދާޅުވަނީ ގައުމު، ގައުމީ ކަންކަމުގައި ގޮވައިލާ ކޮންމެ ގޮވުމަކަށް ކެރިވަޑައިގަތުމާއި ސާބިތުކަމާއެކު ފުރާނަފުޅު ދޫކޮށްލައްވާން ވަޑައިގަންނަވާނެ ވާހަކައެވެ. އަދި ގައުމު ގޮވައިލާ ކޮންމެ ކަމަކަށް ނުހަނު ޝައުޤުވެރިކަމާއެކު ކުރިމަތިލައްވައިގެން ޖާނުދޫކޮށްލައްވާން ތައްޔާރަށް ހުންނެވި ވާހަކައެވެ.

އާދޭހެވެ! އަލްފާޟިލް ޢަބްދުالله ޢަފީފަށް ޅެންވެރިކަމުގައި ލަފުޒުތައް ކިޔަމަންތެރިވެފައި ހުއްޓަނީ ހަމަގައިމު ވެސް އަޅުގަނޑު ހައިރާންވާހައި ބޮޑަށެވެ. ހައްދަވައިލައްވާ ޅެންޅެމުން މީހުންގެ ދަރަޖަ އުފުއްލައި މީސްތަކުންގެ ހިތްތަކާ ކުޅެލެއްވުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އޭނާގެ ޅެންޅެމުން، މީހުންނަށް ކުރިމަތިވެފައިވާ ބޮޑެތި ހިތާމަތައް އުފާވެރިކަމަށް ބަދަލުކޮށްލައްވައެވެ. މީހުންގެ ހިތްތަކުން ޙަސަދައާއި ފިތުނަވެރިކަން ފިލުވައިލައްވައި އިޚުލާޞްތެރިކުރުވައެވެ. ހިމޭންވެފައިވާ ހިތްތައް ޙަރަކާތްތެރިކޮށްލައްވައެވެ. ރޫޙު މަރުވެފައިވާ ނަފުސުތަކުގައި ޖޯޝުއުފައްދަވައެވެ. ފިނޑިވެ ކަންނެތްވެފައިވާ ޖިސްމުތައް މުރާލިކޮށްލައްވައެވެ. ޅެންވެރިކަމާ ގުޅުމެއް ނެތް އަޅުގަނޑުމެން ފަދަ މައް ދިވެހީން ވެސް ޅެންވެރިކަމުގެ ޖާދޫގައި ޖައްސައިލައްވައެވެ. ދިވެހިބަހުގެ އެކިއެކި ލަފުޒުތައް ބޭނުންފުޅުކުރައްވައިގެން އަމުނައިލައްވައިފައި ހުންނަ ޅެންތަކުން ހީވަނީ ބަހުގެ ސާދާ ލަފުޒުތައް އޭނާ ކިޔަމަންތެރިކަމުގެ ދަށުގައި ވާހެންނެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހައްދަވައިފައިވާ ޅެމެއްގެ ފަސް މިސްރާގެ މައްޗަށް އެކުލެވޭ މި ދަންނަވާ ބައިތަށް ހަމައެކަނި ނަޒަރެއް ދެއްވިޔަސް އަޅުގަނޑު މި ދެންނެވި ބަހުގެ ތެދުކަން ސާބިތުވާނެއެވެ.

"މިތާކު ޖިންސުގެ ކުރެވޭނެ ބޮޑު ތަފާތެއް ނެތް

     ހިތާ ސިކުނޑި ހޭލާ ޢިލްމުގައި ތަފާތެއް ނެތް

           ހިތަށް އަރާ ފުރުޞަތު ލިބިނުދާނެ ހުރަހެއް ނެތް

                  އެތައް ކަމެއް ކުރުމަށް، ކަނބަލަކަށްވެ، ދައްޗެއް ނެތް

                        ގަތައި މަލުން ފޮނުވޭ ތަހުނިޔާގެ ޙައްދެއް ނެތް"

މި ބައިތުގައި އެ ވިދާޅުވަނީ ދިވެހިރާއްޖޭގައި އެކި ފުރުޞަތުތަކުގައި ދެ ޖިންސްގެ މެދުގައި ތަފާތެއް ނެތް ވާހަކައެވެ. ޢިލްމަކީ ހިތާއި ސިކުނޑި ހޭލައްވާ ވަސީލަތަކަށް ވާއިރު ތަޢުލީމު ޙާޞިލުކުރުމުގައި އެއްވެސް ޖިންސަކަށް ތަފާތެއް ނެތްވާހަކައެވެ. އަދި އެ މީހަކު ޚިޔާލުކުރާ ކޮންމެ ދާއިރާއަކުން ފުރުޞަތު ލިބުމުގައި ހުރަހެއް ނެތްވާހަކައެވެ. އަންހެނަކަސް ފިރިހެނަކަށް އެ މީހަކު ބޭނުންވަރަކަށް ޚިދުމަތްކުރުމުގައި ދައްޗެއް ނެތް ވާހަކައެވެ. އެހެންކަމުން މި ކަންކަން ފާހަކަކުރައްވައި އެ ވިދާޅުވަނީ ވަކި މިންވަރެއް ނެތް ވަރަށް މަލުން ގަތައިގެން ތަހުނިޔާ ފޮނުއްވާ ވާހަކައެވެ.

އެހެން ބައިތެކެވެ. ފިތުނަވެރިކަން ނައްތައިލައި އެންމެން އެއްބައިވަންތަކުރުމަށް ކުރައްވައިފައިވާ އިލްތިމާސެއް ގެންނަވައިފައިވާލެއް ސާދާކަން ބައްލަވާށެވެ! އެއްވެސް މުއައްގަދު ލަފުޒެއް ނެތެއް ނޫންތޯއެވެ! މުޅީން ވެސް ސާދާ ލަފުޒުތަކެވެ.

"ހިތަށް ފިނިކަން ލިބޭ ރާއްޖޭން ފިތުނައިގެ ފަނި ނައްތާ

         ނިތަށް ރޫތައް އަރާ ކަތުނަށް ފޮނުވާށެ ގުލްދަސްތާ"

ނަރުހުންގެ ދުވަހު ނަރުހުންނަށް ތަޢުރީފުކުރައްވައި ހައްދަވައިފައި އޮތް ޅެމެއްގެ ބައިތެއް ވިދާޅުވެ ބައްލަވާށެވެ!

"ނަރުހުންނީ ފަރި ބަހާރެކޭ ދިރި ދެމިވާ ހެޔޮ ޝިފާއެކޭ

         ކަރުނައިން ލޯ ފުރިދިޔަސް ލިބޭ ފަރުވާއަށް އިތުރު ބާރެކޭ"

ޅެމަކަށް ދޫކުރާނެ ޅެމެއް ނެތެވެ. ކޮންމެ ޅެމެއް ކިޔައިލުމުން އަޅުގަނޑުގެ ހިތުގައި އުފެދެނީ ޙައިރާންކަމެވެ. ދިވެހިބަހުގެ އެންމެ އާދައިގެ ލަފުޒުތައް ވެސް ޢަފީފަށް އެހާ ބޮޑަށް އަޅުދާސްތުވެފައިވަނީ ކީއްވެގެންތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެނީއެވެ. އަޅުގަނޑުމެންނަށް އެ ލަފުޒުތައް ކިޔަމަން ނުވަނީ ކީއްވެތޯއެވެ؟ އެންމެ ސާދާ ލަފުޒުތައް ވެސް އަގުރި މުތީތަކެއްގެ ގޮތުގައި އަޅުގަނޑުމެންގެ ލޯތަކަށް ސިފަކޮށްދެއްވައި ހިތުގެ އެންމެ ފުނަށް އޭގެ އަސަރު ފޯރުވުމުގެ ހުނަރު އަފީފަށް ލިބިވަޑައިގެންފައިވަނީ އާދަޔާ ޚިލާފު މިންވަރަކަށެވެ. އާދޭހެވެ! ލަފުޒުތައް ކިޔަމަންކުރުމުގެ ހުނަރު އަޅުގަނޑުމެންގެ ކިބައިގައި ނެތީއެވެ. އެ ހުނަރު ހޯއްދެވި ތާކުން ޢަފީފު ހޯއްދަވައިފައިވަނީ އާދަޔާ ޚިލާފު މިންވަރަކަށެވެ. އަޅުގަނޑަށް މި އުޅެވެނީ ޅެމުގެ މުތުގެ އަގުހުރި ޚަޒާނާއަކަށް ވަދެ އެ މުތްތައް ހާދަ ރީއްޗޭ ހާދަހާ އަގުބޮޑޭ ކިޔާށެވެ. މާނައެއް ނެތް ވާހަކަތަކެކެވެ.

އާދޭހެވެ! ޅެންވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ގދ. ތިނަދޫ، އަލި ދޯދި، އަލްފާޟިލް ޢަބްދުالله ޢަފީފުގެ ޅެންވެރިކަމަކީ އެއިން ދިވެހި އަދަބިއްޔާތު މުއްސަނދިކޮށްދިން ޅެންވެރިކަމެކެވެ. އެއިން ކޮންމެ ޅެމަކީ އަދަބީ އުދަރެހުގައި އަލިގަދަ ތަރިއެކެވެ. ޅެންވެރިކަމުގެ ޚަޒާނާގައި އަގުބޮޑު މުތެކެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް އޭނާއަށް މި ތަޚުޞީޞްކުރެވެނީ މި ކަން އަޅުގަނޑުގެ އިތުރަށް ގައުމީ ފެންވަރުގައި ވެސް ފާހަގަކުރާތީކަމާ މެދަކު ކުޑަވެސް ޝައްކެއް ނެތެވެ. މިއަދުގެ މުނާސަބަތުގައި އަލްފާޟިލް ޢަބްދުالله ޢަފީފަށް ތަހުނިޔާ އަރިސްކުރަމެވެ. އޭނާގެ އަދަބީ ޢާޢިލާގެ ލޮބުވެތި ހުރިހާ މެންބަރުން ވެސް މި ތަހުނިޔާގައި ޝަމިލުކުރަމެވެ.

_______________________________

Advertisement

ކޮމެންޓް
ފައިސަލް
ރަނގަޅު ލިޔުމެއް ޅެން ދިރުވަން ވާނެ
26 Jan 2024
ރިޟުވާނު
ހުރިހާ ގޮތަކުންވެސް ތިނަދޫގައި ބޭއްވުނު ޖަލްސާ ފުރިހަމަ.
27 Jan 2024