ރިސޯޓުތަކުގައި ބިދޭސީންގެ އަދަދު އިތުރުކޮށްދޭން އެދިއްޖެއެވެ. މި ޞިނާޢަތަށް ބޭނުންވާ ވަރަށް ދިވެހީން ތަމްރީނުކުރާން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
ފަރަގު ޚާއްޞަ މުރާސިލު
ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 70 އިންސައްތައަށް އިތުރުކޮށްދޭން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ފަތުރުވެރިކަމާ ބެހޭ ވުޒާރާގައި އެދިވަޑައިގެންފައިވާކަމަށް ޚަބަރު ލިބިފައިވެއެވެ. އެ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މަޓީއިން ހުށަހަޅުއްވައިފައިވަނީ ބިދޭސީ މުވައްޒަފުން 70 އިންސައްތަ އިތުރުކޮށް، ދިވެހި މުވައްޒަފުން ގެންގުޅޭން ލާޒިމުކުރާ އަދަދު 30 އިންސައްތައަށް ދަށްކޮށްދޭންކަމަށެވެ. އެ ކަމާ ގުޅޭ ގޮތުން، މަތީތަޢުލީމާ ބެހޭ ވުޒާރާއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ނިސްބަތަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާކުރަމުން ގެންދަވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައި ވެއެވެ.
އެ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ، ދިވެހި މުވައްޒަފުންގެ އަދަދު ފަތުރުވެރިކަމުގެ ދާއިރާގައި އިތުރުކުރުމެވެ. އެހެންކަމުން، އެ އުސޫލަށް ބަދަލުގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތެއް ބެއްލެމަށް ފަހުގައިކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
"ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" އިން ހެދި ދިރާސާއަކާ ހަވާލާދެއްވައިކަމަށް ވިދާޅުވެ މަޓީއިން ވިދާޅުވެފައި ވަނީ 2023-2027އާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާއަދާކުރާ މީހުން ނެތްކަމަށެވެ. އެ ޞިނާޢަތަށް 2027 ވަނަ އަހަރު 78،000 މުވައްޒަފުން ބޭނުންވާ އިރު އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ގޮތުގައި އުފެއްދޭނީ 18،000 މީހުންކަމަށް ވެސް އެ ދިރާސާ އިން ދައްކާކަމަށް ވެސް މަޓީއިން ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މި ވަގުތު 40،000 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭގެ ތެރެއިން ދިވެހީންގެ އަދަދަކީ ގާތްގަނޑަކަށް 15،000އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މިހާރުގެ އުސޫލުގައިވާ ގޮތުން ރިސޯޓެއްގައި ވަޒީފާއަދާކުރާ މީހުންގެ 55އިންސައްތައާ ހަމައަށް ބިދޭސީން ގެންގުޅެވެއެވެ. މި އުސޫލު މިހެން އޮތް ނަމަވެސް، ކަނޑައަޅައިފައިވާ ނިސްބަތަށް ވުރެ އިތުރަށް ރިސޯޓުތަކުގައި ބިދޭސީން މަސައްކަތްކުރާކަމަށް އެކި މަޞްދަރުތަކުން މަޢުލޫމާތު ލިބިފައިވެއެވެ. ވަޒީފާ ދިނުމުގައި ރިސޯޓުތަކުން މިހާރު ވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލައަކީ ދިވެހީންނަށް ކުރެވޭ މަސައްކަތްތައް ވެސް ސަބް ކޮންޓްރެކްޓްގެ ގޮތުގައި އެހެން ކުންފުނިތަކަށް ދޫކޮށްގެން ބިދޭސީ މުވައްޒަފުންނަށް ގިނަ ވަޒީފާތައް ދިނުންކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން މީގެ ކުރީން ހާމަކުރައްވައިފައި ވެއެވެ. މި ކަމުން ދޭހަވަނީ ރިސޯޓުތަކުން ދިވެހީންނަށް ވުރެ ބިދޭސީންނަށް އިސްކަންދީ ތަފާތުކުރުން ގެންގުޅޭކަމެވެ.
މިއީ ހަގީގަތްކަމަށް ވާ ނަމަ، ގައުމީ ނަޒަރަކުން ބަލާއިރު، މިއީ ހިތާމަވެރި ޚަބަރެކެވެ. އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ބަލާއިރު ވެސް މިއީ ގައުމަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ. މި ކަމުގެ ސަބަބުން ބިދޭސީން ގިނަވެގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢި މައްސަލައަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. އަދި އިޤުތިޞާދީ ގޮތުން ބަލާ އިރު، މި ކަމުގެ ސަބަބުން ރާއްޖެއިން ބޭރުވާ ބޭރު ފައިސާގެ ޢަދަދު އެތައް ގުނައަކަށް އިތުރުވާނެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ރާއްޖޭގައި ތަރައްގީވެ ކުރިއަރައިފައިވާ އިރު، އެ ޞިނާޢާތަށް ބޭނުންވާ މިންވަރަށް މީހުން ތަމްރީނުކުރެވިފައިނުވުމަކީ ހިތާމަހުރި ކަމެކެވެ. ލަދުވެތިކަމެކެވެ. ނަމަވެސް މަޓީއިން އެދިވަޑައގެންފައިވާ ގޮތަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އުޞޫލަށް ބަދަލު ނުގެންނަވައިފި ނަމަ، އެ ޞިނާއަތަށް ލޮޅުން އަރައިދާނެކަމަށް ފެނިވަޑައިގަންނަވާ ނަމަ، ފުރިހަމަ ދިރާސާއަކަށް ފަހު، އެ ގޮތަށް ނިންމެވުމަކީ، ކުރައްވާން ޖެހިވަޑައިގަންނަވާނޭ ކަމެކެވެ. ކިތަންމެ ބޭނުންފުޅު ނުވިޔަސް ވެހެވެ. ނަމަވެސް ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޞިނާޢަތަށް ވާ އިރު، އެ ޞިނާޢަތުގައި މަސައްކަތްކުރާނޭ މީހުން މި ރާއްޖޭގައި ތަމްރީނުކުރެވޭން ޖެހޭނެއެވެ. ދައުލަތުގެ ދެ ޔުނިވަރުސިޓީއަކާއި އަމިއްލަ އެތައް ކޮލެޖެއް ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ އިރު، މިއީ ދާދި ފަސޭހަ ކަމެކެވެ. ވީމާ، މި ވަގުތު އެހެން ގޮތެއް ނެތިގެން ބިދޭސީންގެ ނިސްބަތް އިތުރުކުރެއްވިޔަސް އަމާޒުކުރެވޭ ވަކި މުއްދަތެއްގައި މި އިންސައްތަ ދަށްކުރެވޭ ވަރަށް ދިވެހީން ތަމްރީނުކުރުމުގެ ޚާއްޞަ ކެންޕޭނެއް ފަށާން އެބަ ޖެހެއެވެ.
ކޮންމެ އަހަރަކު އެތައް ހާސް ކުދީންނެއް "ދުނިޔޭން އެއްވަނަ" ހޯދައިގެން ނިޒާމީ ތަޢުލީމުގެ ދޮރޯށީން ނުކުމެގެން މުޖުތަމަޢަށް ނުކުންނަ އިރު، ފަތުރުވެރިކަމުގެ ދާއިރާއަށާއި ތަޢުލީމީ ދާއިރާއަށާއި ޞިއްޙީ ދާއިރާ ފަދަ މުހިންމު ދާއިރާތަކަށް ދިވެހީން ތަމްރީނު ނުކުރެވޭންވީ ސަބަބެއް ނެތެވެ. ބޭނުންވަނީ ޤައުމީ ވިސްނުމެވެ. ސިޔާސަތު ކަނޑައަޅުއްވައި ތަންފީޒުކުރައްވާ ބޭބޭފުޅުން ޤައުމީ ނަޒަރަކުން މި ފަދަ ކަންކަމާ ވިސްނައި ވަޑައިގަންނަވާން ޖެހެއެވެ. ދިވެހި ޞިނާޢަތްތަކަށް ބޭނުންވާ ވަރަށް ދިވެހީން ތަމްރީނުކުރާން ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ޤައުމީ ނަޒަރަކުން ބަލާ އިރު، ވަރަށް މުހިންމު ކަމެކެވެ.
_______________________________________