Advertisement

ރޭ ފަތިހު އެމެރިކާއިން ޢިރާޤަށް ޙަމަލާދިނުމަކީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ސިގުނަލެއް؟

24 Jan 2024 | 06:45
މަރުވި މީހުންގެ ޖަނާޒާ ބާއްވައިފައިވާ އިރު، އެމެރިކާގެ ޙަމަލާތައް ޢިރާގުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރެއެވެ.

ފަރަގު ޚާއްޞަ މުރާސިލު

އެމެރިކާގެ ސިފައިން ރޭ ފަތިހު މާލޭގަޑީން 02:30 އެހާކަންހާއިރު (ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި) އިރާގުގައި އީރާނުގެ ތާއީދު އޮންނަކަމަށް އެމެރިކާއިން ބުނާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބޭނުންކުރާ ތިން މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށް ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އިއުލާނުކުރިއެވެ. މިސްޓަރ އޮސްޓިން ބުނެފައިވަނީ އީރާނުގެ ތާއީދު އޮންނަ ކަޠާއިބް ހިޒްބުالله ޖަމާޢަތާއި އިރާގުގައި މަރުކަޒުކޮށްގެން ތިބޭ، އީރާނާ ގުޅުން ހުރި އެހެން ޖަމާއަތްތަކުން ބޭނުންކުރާ ތަންތަނަށް 'ކޮންމެހެން ބޭނުންވާ އަދި ނިސްބަތުން ބެނުންވާ މިންވަރަށް' ހަމަލާތައް ދިނުމަށް" ރައީސް ޖޯ ބައިޑަން އެމެރިކާގެ އަސްކަރީ ބާރުތަކަށް އަންގައިފައިވާކަމަށެވެ. މި ޚާއްޞަ ޙަމަލާތަކަކީ އީރާނުން އެހީދޭ ޖަމާޢަތްތަކުން އިރާގާއި ސީރިއާގައި އެމެރިކާއާއި ކޯލިޝަންގެ އޮފިޝަލުންނަށް ދޭ ސިލްސިލާ ހަމަލާތަކަށް ސީދާ ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާއެއް" ކަމަށް އޮސްޓިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމެރިކާ އަސްކަރިއްޔާގެ 'މަރުކަޒީ އަމުރު'ން ބުނީ މި ހަމަލާތައް ދީފައިވަނީ ބުދަ ދުވަހު ޢިރާގުގެ ގަޑީން މެންދަމު 12:15 ހާއިރު ކަމަށެވެ. އެ މީހުން ޙަމަލާދިނީ ކަޠާއިބް ހިޒްބުاللهގެ މައި މަރުކަޒާއި ރޮކެޓާއި މިސައިލާއި އަދި އެއް ދިމާއަކަށް ހަމަލާދޭ ޑްރޯންތައް ރައްކާކުރާ އަދި ތަމްރީނު ކުރާ މަރުކަޒުތަކަށްކަމަށް 'ސެންޓްކޮމް' (މަރުކަޒީ އަމުރު)އިން އެކްސްގައި ބުނެފައިވެ އެވެ. އިރާގުގެ ހަނގުރާމަވެރި ދެ މަސްދަރަކުން "ދަ ނޭޝަނަލް"އަށް މައުލޫމާތު ދިން ގޮތުގައި ބަޣުދާދުގެ ދެކުނުގައި އޮންނަ ޖުރުފުއްސަޚާރު އަވަށަށް މަދުވެގެން ފަސް ހަމަލާއެއް ދީފައިވެއެވެ. އެއްވެސް މީހަކަށް ހާނީއްކައެއް ލިބުނުކަމުގެ އެއްވެސް މަޢުލޫމާތެއް ހާމަވެފައި ނުވާ އިރު، ބޭނުން ކުރީ ކޮން ހަތިޔާރެއްކަމެއް ޕެންޓަގަނުން ވެސް ހާމައެއްނުކުރެއެވެ. އިރާގުގެ ހުޅަނގުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އަވަށެއްކަމަށްވާ އަލްޤައިމަށް އިތުރު ހަމަލާތަކެއް ދީފައިވާ އިރު، ދެ ހަނގުރާމަވެރީން ޝަހީދުވެ، ދެ މީހަކު ޒަޚަމްވެފައިވާކަމަށް ހަނގުރާމަވެރީންގެ މަސްދަރުތަކުން ޚަބަރު ދީފައި ވެއެވެ. ހަތިޔާރުއެޅި ޖަމާޢަތްތަކުން އެ މީހުންގެ މީސްމީޑިއާ އެކައުންޓްތަކުގައި ޝާއިއުކުރި ވީޑިއޯއަކުން ވަނީ އަލްޤައިމްގައި ދިން ހަމަލާތަކުގެ ފަހުން ކުރިމަތިވި ކަންތައްތައް ދައްކައިލައިފައެވެ.

ވީޑިއޯގައި ފެންނަނީ ވީރާނާވެފައިވާ އިމާރާތެއްގެ ތެރޭގައި ޔުނީފޯމްގައި ތިބި ހަނގުރާމަވެރިން ކޮނެގެން އުޅޭ ތަނެވެ. މި ހަމަލާތައް ދީފައިވަނީ އިރާގުގެ ހުޅަނގުގައި އޮންނަ އައިނުލްއަސަދު ވައިގެ މަރުކަޒުގައި އެމެރިކާ ސިފައިންނަށް މި ދިޔަ އަންގާރަ ދުވަހު ދިން ހަމަލާއަކަށް ފަހުގައެވެ. އެމެރިކާގެ ދިފާއީ އޮފިޝަލަކު ހަމަލާދީފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފުޞީލެއް ހާމަކޮށްފައެއް ނުވެއެވެ. ހޮނިހިރު ދުވަހު ހަމަ އެ މަރުކަޒަށް ދިން އަނެއް ހަމަލާގައި އެމެރިކާގެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އެމެރިކާއިން އިރާގުގައި ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގައި ރުޅިވެރިކަން އުފެދިފައިވެއެވެ. އަދި އެ ފަދަ އަމަލުތަކަކީ އެ ގައުމުގެ އިސްތިގުލާލަށް ބުރޫއަރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ. ޖެނަވަރީ މަހުގެ ހަތަރުވަނަ ދުވަހު އިރުމަތީ ބަޣުދާދުގައި އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް އިރުމަތީ ބަޣުދާދުގައި ހަމަލާތަކެއް ދިނުމުން، އެމެރިކާ ސިފައިން އިރާގުން ފުރާން އިރާގުން އަލުން ގޮވައިލައިފައި ވެއެވެ. ފާއިތުވި މަސްތަކުގައި އިރާގާއި ސީރިއާގައި އެމެރިކާގެ ސިފައިންނާއި އީރާނުން ތާއީދުކުރާ ޖަމާޢަތްތަކާ ދެމެދު ހަމަލާތައް ބަދަލުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގެ ހަލަބޮލިކަން ވަނީ އިތުރުވެފައެވެ. މި ހަމަލާތައް ފެށީ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީގެ ސަރުކާރު އުފެދުނު ފަހުން ހަތިޔަރު އެޅި ޖަމާޢަތްތަކާއި އެމެރިކާ ސިފައިންގެ މެދުގައި އޮތް އަހަރެއްހާ ދުވަހުގެ ހަމަޖެހުން ފުނޑުފުނޑުކޮށްލި ޣައްޒާ ހަނގުރާމަ ފެށުމުންނެވެ. ހަތިޔަރުއެޅި ޖަމާޢަތްތަކުން ބުނާ ގޮތުގައި އިރާގާއި ސީރިއާގައި އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކަކީ ހަމާސާ ދެކޮޅަށް ފަލަސްޠީނުގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން ހިންގާ ޢުދުވާނަށް އެއްވެސް ހައްދެއް ނެތި އެމެރިކާއިން ދޭ އެހީތެރިކަމާއި އެއްބާރުލުމުގެ ރައްދެއްގެ ގޮތުންނެވެ.

ކޮންމެއަކަސް ޣައްޒާގައި އިސްރާއީލުން ފެށި ޢުދުވާނު ބޮޑު ކާރިސާއަކަށް ވެފައިވާ އިރު، މިހާރު މި ހަމަނުޖެހުން މި ވަނީ މެދުއިރުމަތީގެ އެކި ކަންކޮޅަށް ފެތުރި ފުޅާވެފައެވެ. ބައެއް މުޙައްލިލުން ލަފާކުރާ ގޮތުގައި ތިންވަނަ ބޮޑުހަނގުރާމައަކަށް މި ކަންތައްގަނޑު ބަދަލުވެގެން ދިޔުން އޮތީ ދާދި ގާތުގައެވެ.

__________________________________________

Advertisement

ކޮމެންޓް
ސަލީމް
ވެދާނެ!
24 Jan 2024
ރިޟުވާނު
އެމެރިކާއަކީ ދެފަރާތުގައި މިޔަލީ ކަނޑިއެއް.
27 Jan 2024