Advertisement

ޗައިނާގެ ސާވޭ އުޅަނދެއް ރާއްޖެއަށް ދަތުރުކުރަމުން އަންނަކަމަށް ބުނެ އެންމެ ބޮޑަށް ޚަބަރު ފަތުރަނީ އަދި ފާރަވެރިވަނީ ކޮން ގައުމަކުން؟

23 Jan 2024 | 16:46
ޝިއަންގ ޔަންގ ހޮންގ 3

ފަރަގު

ވޭތުވެ ދިޔަ ފަސް އަހަރަކީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއްގައި "އެންމެ ފުރަތަމަ އިންޑިއާ" (އިންޑިއާ ފަރސްޓް) ސިޔަސަތެއް އޮތް ފަސް އަހަރެވެ. އެއީ އޭރު ސަރުކާރުގެ ވެރީންނަށް ތިއްބެވި ބޭފުޅުން ގެންގުޅުއްވި ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ވަރަށް ގިނަ އިޚުތިޔާރުތައް އިންޑިއާއަށް އޮތީ ލިބިފައެވެ. ދިވެހީންނަށް ބާރެއް ނެތް ގޮތަށް ދިވެހިރާއްޖޭގައި ހަރުކުރެވިފައިވާ ރާޑަރުތަކުން ރާއްޖޭގެ މުޅި ސަރަހައްދު ނިއުދިއްލީއިން ބަލައި މޮނީޓަރުކުރެއެވެ. ކަނޑުއަޑިގެ ޗާޓުކުރަހައިގެން ކުރާނެ ބޭނުމެއް ކޮށް ވިއްކާނެ ބަޔަކަށް ވިއްކައިގެން އޭގެ ފައިދާގެ ބޮޑު ބައެއް އެ މީހުންނަށް ލިބެއެވެ. ތަފުޞީލުކޮށް ނުދެންނެވިޔަސް ރާއްޖޭގެ ކޮންމެ ކަމެއްގައި އިންޑިއާއަށް ބަސް ބުނެވޭ ފެންވަރަށް އޮތީ އިންޑިއާ ބާރުވެރިކުރެވިފައެވެ. އެއީ ރައްޔިތުން އޭރު އިންތިޚާބުކޮށްފައިވާ ސަރުކާރުގެ ސިޔާސަތެވެ. އެ ކަން ގަބޫލުކުރާންޖެހެއެވެ.

މިއަދު ސަރުކާރުގެ ސިޔަސަތަކީ "އެންމެ ފުރަތަމަ ދިވެހި ޤައުމު" (މޯލްޑިވްސް ފަރސްޓް) ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ވަކި އެއް ގައުމަކަށް ބަރޯސާއެއް ނުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ދިވެހިގައުމުގެ އަމިއްލަވަންތަކަމާއި ސިޔާދަތާއި އިސްތިޤުލާލަށް އިޙުތިރާމް ކުރާ ކޮންމެ ބަޔަކާ ވެސް ގާތް ގުޅުމެއް އޮންނާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވައިފިއެވެ. މިއީ ވަރަށް ކުރީއްސުރެ ވެސް ރާއްޖެއިން ގެންގުޅުނު ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތެވެ.

މި ސިޔާސަތުގެ ދަށުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ދެ ގައުގެ މެދުގައި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާކަމަށް މީޑީއާއިން ކުރީން ރިޕޯޓުކޮށްފައިވެއެވެ.

މި ކަން މިހެން އޮއްވައި މީޑިއާއިން ޚާއްސަކޮށް މީސްމީޑިއާއިން އިއްޔެ ޚަބަރު ލިބުނީ ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "ޝިއަން ޔަންގ ހޮންގ 3" ރާއްޖެއާ ދިމާއަށް ދަތުރުކުރަމުން އަންނަކަމަށެވެ. އަދި މި އުޅަނދު މި މަހުގެ 30ގައި ރާއްޖެއާ ގޮނޑުކުރާނެކަމަށް ވެސް ޚަބަރު ފެތުރިފައިވެއެވެ. މި އުޅަނދަކީ ކަނޑު ތަޙުލީލުކުރާ އުޅަނދެއްކަމަށް ވެސް ވަނީ މައުލޫމާތު ފެތުރިފައެވެ. "@ޑެޓްރެސްފާ_"  މި ހެންޑެލީން، އެކްސް (ކުރީގެ ޓުވީޓަރު)ގައި ބަޔާންކޮށްފައިވާ ގޮތުގައި "ޝިއަން ޔަންގ ހޮންގ-3"ގެ މިސްރާބު ހުރީ ދިވެހިރާއްޖެއާ ދިމާއަށެވެ. އަދި އެ އުޅަނދުގެ މާޒީއަށް ބަލާ އިރު އެއީ ކަނޑުގެ ދިރާސާކުރާ ބޯޓެއްކަމަށާއި 2019އާއި 2020ގައި ކުރި މި ފަދަ ދިރާސާތަކުގެ ރެކޯޑު އެބަ އޮތްކަމަށެވެ. މި އުޅަނދު ވަނީ އިންޑިއާކަނޑުގެ މުހިންމު އިސްތިރާޖީ ނުކުތާތައް ދިރާސާކޮށްފައެވެ. މި ގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދު (އިންޑިއަން އޯޝަން ރީޖަން)އާއި ބޭ އޮފް ބެންގާލާއި ޢަރަބިކަނޑުގެ ސަރަހައްދު ދިރާސާކޮށްފައިވާކަމަށްވެއެވެ.

ޗައިނާގެ ދިރާސާ އުޅަނދުތައް އަބަދު ވެސް ބައެއް ގައުމުތަކުން، ޚާއްޞަކޮށް އިންޑިއާއިން ބަލަނީ ޖާސޫނީ އުޅަނދުތަކުގެ ގޮތުގައެވެ. އަދި ޗައިނާގެ ވުޖޫދު އިންޑިއާ ކަނޑުގައި އިތުރުވަމުން ދާދިޔުމާ މެދު މި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.

ދިވެހިރާއްޖޭގެ އާ ސަރުކާރުން ޗައިނާއާ ގުޅުން ބަދަހިކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދާދި ފަހުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ވިދިގެން މި ފަދަ އުޅަނދެއް ރާއްޖެއަށް އަންނާން ހަމަޖެހުމަކީ އިއްތިފާގެއްތޯ ބައެއް ގައުމުތަކުން ސުވާލުއުފައްދައިފައިވެއެވެ.

ޝިއަން ޔަންގ ހޮންގ 3 ދަތުރުކުރާ މަގު (ފައިލް ފޮޓޯ)<br>

މި ޚަބަރު އެންމެ ގިނައިން ފަތުރަނީ އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުންނެވެ. ޗައިނާއަކުން ވެސް ދިވެހިރާއްޖެއަކުން ވެސް މި ވާހަކައެއް ނުދައްކައެވެ. އަދި އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ދިރާސާކުރި އިރު ވެސް އެއީ މާ ބޮޑު ޚަބަރަކަށް ވެގެން އެ ވާހައެއް ޗައިނާއަކުން ވެސް ނުދައްކައެވެ. ނަމަވެސް ޗައިނާގެ މި އުޅަނދެއް ރާއްޖެ އަންނަ ވާހަކަ މިއީ މިހާރު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރެވެ. އިންޑިއާގެ ނޫހެއްކަމަށްވާ wionews.comއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ދިޔަ ހޯމަ ދުވަހު ހެނދުނު ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ އިންޓަރނޭޝަނަލް ޑިޕާޓްމެންޓްގެ ވަޒީރުގެ ނާއިބު ސުން ހައިޔަން ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފައެވެ. އަދި ދެ ގައުމަށް ފައިދާ ހުރި ދާއިރާތަކުން ގުޅުންތައް ބަދަހިކުރުމަށާއި ތަފާތު ދާއިރާތަކުން ދިވެހީންނަށް ތަފާތު ތަމްރީނުތައް ދިނުމަށް ޗައިނާ ސަރުކާރުން އެއްބަސްވެފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރިކަމަށް ވެސް އެ ނޫހުގައިވެއެވެ.

އެ ނޫހުގައި ވާ ގޮތުން އިންޑިއާ އޮތީ ޗައިނާގެ ކަނޑުގެ މި އުޅަނދު ދިވެހި ރާއްޖެއަށް ކުރާ މި ދަތުރު އިންޑިއާއިން ވަރަށް ގާތުން ބަލާށެވެ. އަދި އެ ކަމަށް އިންޑިއާއިން ފާރަވެރިވާނެއެވެ. އިންޑިއާ އޮތީ މި ކަމަށް ވަރަށް ގާތުން ފާރަވެރިވާނެއެވެ.

ރާއްޖެއަށް ޗައިނާގެ އެއްވެސް ސާވޭ އުޅަނދެއް ދަތުރުކުރަމުން އެބަ އާދޭތޯ ސުވާލު ދެންނެވުމުން އެ ފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލު ވިދާޅުވިކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓުކޮށްފައިވެއެވެ. ޗައިނާގެ މިފަދަ އުޅަނދެއް މި މަހު ރާއްޖެ އަންނަކަމަށް ބޭރުގެ މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓުކުރުމާ ގުޅިގެން 2023 ޑިސެމްބަރު 18ގައި "އަދަދު" ނޫހުން ސުވާލުދެންނެވުމުން ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އޮނަރަބްލް އަލްފާޟިލް އަހުމަދު ޝިޔާމު ވަނީ އެ ކަން ދޮގުރައްވައިފައެވެ.

ގާތްގަނޑަކަށް 100މީޓަރު ހުންނަ މި އުޅަނދަކީ ޗައިނާގެ "ދައުލަތުގެ ކަނޑާ ބެހޭ އިދާރިއްޔަތު" (އެސްއޭއޯ)ގެ އަރުމާދަށް 2016 ގައި އިތުރުކުރި އުޅަނދެކެވެ. މިއީ މިވަގުތު ޗައިނާގައި އޮތް މި ވަރުގެ ބޮޑު ހަމައެކަނި އުޅަނދެވެ. މިއީ 4،500 ޓަނުގެ އުޅަނދެކެވެ.

2019 އިން ފެށިގެން ޗައިނާގެ ޕައިލެޓް އޯޝަން ލެބޯރެޓަރީގެ ދުރު ކަނޑުތަކާއި ފުން ކަނޑުތައް ސާވޭ ކުރުމަށް ވެސް ޗައިނާއިން މި އުޅަނދު ބޭނުންކުރަމުން ގެންދެއެވެ. އެ ގޮތުން ކަނޑުގެ ލޮނުގަނޑުގެ ދިރާސާތަކާއި، މައިކްރޯބިއަލް ޖެނެޓިކްގެ ދިރާސާތަކައި ކަނޑުގެ އަޑީން މައުދަން ހޯދުމާއި ކަނޑު އަޑީގެ ދިރުންތަކާއި ވެށީގެ ދިރާސާތަކަށް ވެސް މި އުޅަނދު ބޭނުންކުރެވޭނެކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

___________________________________

Advertisement

ކޮމެންޓް
ރިޟުވާނު
ޗައިނާ ސަރުކާރުގެ ހުށަހެޅުމަކާ ގުޅިގެން އަންނަ އުޅަދެއްކަމުގައި ވިޔަސް ދިވެހި ސަރުކާރުގެ އެދުމަކާ ގުޅިގެން އަންނަ އުޅަދެއް ކަމުގައި ވިޔަސް މިދަޑިވަޅަށް ބަލާއިރު ސުވާލު އުފެދޭ .
27 Jan 2024