ރުހުން
އަސްމާ އަބޫބަކުރު
މި ޒަމާނުގައި އަންހެން ކުދީންނަކަށް ވެސް ކިޔަވާކަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް ވަޒީފާ ހޯދާން އަދިވެސް އަންހެނަކަށް ވީތީ ދަތިތަކާ ކުރިމަތިވެއެވެ. އަންހެނުންނަށް މަތީ މަޤާމުތައް އަދާކުރެވޭނެކަމާ މެދު ޝައްކު އުފައްދައެވެ. އަހަރެން އޯލެވެލް ހެދީ އަމީނިއްޔާ ސްކޫލުންނެވެ. އެއަށް ފަހު، އޭލެވެލް ކިޔެވީމެވެ. ޔުނިވަރުސިޓީއިން މަތީތަޢުލީމު ޙާޞިލްކުރުމަށް ފަހު، ވަޒީފާއަކާ ކުރިމަތިލީމެވެ. ވަޒީފާ ހޯދާން އެއް ތަނުން އަނެއް ތަނަށް ދުވީމެވެ. އެތައް ދުވަހަކަށް ފަހު އެންމެ ފަހުން ވަޒީފާއެއް ވެސް ހަމަޖެހިއްޖެއެވެ.
އަހަރެންގެ ނަމަކީ ސައިމާއެވެ. ޢުމުރުން އެކާވީސް އަހަރުވީ އިރު، ޒިންމާދާރު މަޤަމެއްގައި މަސައްކަތްކުރާން ފުރުޞަތު ލިބުމުން ގިނަ ވަގުތު ހޭދަކުރާން ޖެހިފައިވަނީ އޮފީހުގެ މަސައްކަތުގައެވެ. ދުވަހުން ދުވަހަށް ނިންމާން ޖެހޭ ގިނަ ކަންކަން ހުންނާތީ އެންމެ އިސްކަމެއް ދެވެނީ އެފަދަ މަސައްކަތްތަކަށެވެ.
"ސައިމާ. ކޮންދުވަހަކުން ރުހޭ ބަސް އިއްވާނީ؟ ޒަލަފު އެ ހުންނަނީ ސައިމާ އަށް އެދިއެދި. އަދި ވެސް ތި ހިތެކޭ ހަރު ގަލެކޭ އެއްގޮތް." ދީނާ އާދައިގެ މަތީން އަހަރެން ފަހަތުގައި ވިއްދާފައި އެ ހުރީ ޒަލަފަށް ރުހޭ ބަސް ހޯދުމުގައެވެ. އަހަރެން އޮފީހަށް އަންނަ އިރު، ޒަލަފު ހުންނާނީ އަހަރެންގެ އޮފީސް ކައިރީގައެވެ. އަހަރެން އޮފީސް ނިންމައިފައި ގެއަށް ދާއިރު ގޭ ކައިރީގައި ހުންނަތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ފުރަތަމަ އެއީ ކާކުކަން ނޭނގުނަސް އަބަދު ފެނި ހިނިތުންވާން ފެށުމުން ޒަލަފުގެ މަޢުލޫމާތު އަހަރެން ހޯދީ ދީނާ ގާތު އަހައިގެންނެވެ.
"އަދި އަހަރެން ދިރިއުޅުމާ މެދު ވިސްނާކަށް ވަގުތެއް ނުވޭ. އެއަށްވުރެ މާ ބިޒީ ވެގެން އުޅޭން ޖެހެނީ." އަހަރެންގެ ޖަވާބު ލިބުމުން ދީނާ ތުން އޫކޮށްލިއެވެ. އަހަރެމެން ދެ މީހުން މަސައްކަތްކުރަނީ އެއް ސެކްޝަނެއްގައެވެ. އޮފީހުގެ އެންމެ ގާތް އެކުވެރިއަކީ ދީނާއެވެ. ބައެއް ދުވަސް ދުވަހު އޮފީސް ނިންމައިފައި ކައިރީގައި ހުންނަ ރެސްޓޯރެންޓަކަށް ދާ އިރު ވެސް ޒަލަފު ނުފެންނަ ދުވަހެއް މަދުވާނެއެވެ.
ޒަލަފުގެ ނަން ފިޔަވައި އިތުރު މަޢުލޫމާތެއް ނޭނގެއެވެ. ރުހޭ ބަސްދިނުމުގެ ކުރީން އެއީ ކާކުކަމާ ކިހާވަރެއްގެ މީހެއްކަން އެނގެން ޖެހޭ ނޫންހެއްޔެވެ؟ އަހަރެން އެއްދުވަހަކު ވާހަކައިގެ ތެރެއިން ދީނާއާ ދިމާއަށް ބުނީމެވެ. އޭގެ އަނެއް ދުވަހު ނުދަންނަ ނަންބަރަކުން އައި މެސެޖުގައި އޮތީ ޒަލަފުގެ މަޢުލޫމާތެވެ. އެހާ އަވަހަށް ދީނާ ގޮސް އޭނާ ގާތު އެ ވާހަކަ ދެއްކީއެވެ.
މެސެޖުގައިވާ ގޮތުން ޒަލަފަކީ އާކިޓެކްޗަރެކެވެ. ޢުމުރަކީ ތޭވީސް އަހަރުކަމަށް މެސެޖުގައި ވެއެވެ. ޒަލަފު މި އުޅެނީ އަހަރެންގެ ހަށިގަނޑު ތެރޭގައި އިންޓީރިއާ ޑިޒައިން ހަދާންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެ މެސެޖު ލިބުމުން ވެސް އަހަރެން އަޅައެއް ނުލަމެވެ. މެސެޖުގެ ބާބު ފެށުމުން ދެން އެ ކަމުގައި ނިމުމެއް ނޯންނާނެތީއެވެ. އެހެންނަމަވެސް ޒަލަފު މިއީ ގޮތް ދޫކުރާ ފާޑުގެ ފިރިހެނެއް ނޫނެވެ. ކޮންމެ ދުވަހަކު ހޭލާ އިރު "ގުޑް މޯނިންގ" މެސެޖާ، ނިދާން އޮށޯތުމާ އެކު "ގުޑްނައިޓް" މެސެޖު އަންނާން ފެށިއެވެ. ދެތިން ދުވަސް ވީ އިރު އަހަރެން އެ މެސެޖަށް ހޭނެން ފެށީކަމަށް ވެދާނެއެވެ. ނިދީން ހޭލެވުމާއެކު ފުރަތަމަ ކަމަކަށް ފޯނުގައި މެސެޖު އޮވޯތޭ ބަލާން ފެށިއްޖެއެވެ. އެންމެ ފަހުން މަޑުމަޑުން ޖަވާބު ދޭން ވެސް ފެށިއްޖެއެވެ. މެސެޖުގެ ބާބު ނިމި ގެއަށް މާބޮނޑި އަންނާން ފެށީ އޭގެ ދެ މަސް ފަހުންނެވެ. ކޮންމެ ދުވަހަކު މާބޮނޑިއެއް ލިބޭތީ ގޭ މީހުން ވެސް ދިމާކުރާން ފަށައިފިއެވެ.
އޭގެ ފަހުން ލިބޭން ފެށީ ހަދިޔާ ޕާރުސަލްތަކެވެ. އެކި ވައްތަރުގެ ގިފްޓުތަކުން އަހަރެންގެ ކޮޓަރީގެ އަލަމާރިމަތި ފުރެމުން ދިޔައެވެ. ބިއްލޫރީގެ އެކި ވައްތަރުގެ ހަދިޔާގެ އިތުރަށް ލަކުޑީގެ ތަފާތު ބާވަތްތަކެވެ. ދޯންޏާއި ޔޮޓެވެ. އަސްދޫންޏާއި ފުލެމިންގޯއެވެ. މަލާއި ތަފާތު ވައްތަރުގެ ވާސްތަކެވެ.
"ތުއްތާ. ތުއްތަގެ ކޮޓަރީގައި ހާދަ ރީތި އެއްޗެހި އެބަ ހުއްޓޭ. ކާކު ދޭ ގިފްޓުތަކެއްތަ އެއީ؟ އެއް ދުވަހަކު ކާން އިނދެފައި އަހަރެންގެ ގޭގެ އެންމެ ހަގަށް ހުންނަ ސީމާ ވާހަކަ ފެށިއެވެ. ސީމާއަކީ އަނގަ ގަދަ ވެސް ކުއްޖެކެވެ.
" އެއީ ތުއްތަގެ ފުރެންޑެއް ފޮނުވާ އެއްޗެހި؟"
"އަހަރެން ވެސް ބައިވަރު ފުރެންޑުން އުޅޭ. އެކަމަކު ހަދިޔާއެއް ނުލިބޭ ބާރތުޑޭގައި ނޫނީ." ސީމާގެ ހިތަށް އަންނަ ވާހަކަ ދުލުކުރިއާ ހަމައަށް ގެންނާން ވެސް ކުޅަދާނައެވެ.
"މަންމިއަށް އެނގޭތަ؟ އެހާ ބައިވަރު ގިފްޓު ދީފައި، ތުއްތަ ގެންދާނެ މިގެއިން." އަހަރެން ފެން ކޮށި ނޭރީ ކިރިޔާއެވެ. ސީމާ އަނގަގަދަކުރާތީ އަވަހަށް ކާގެއިން ނިކުންނާން ޖެހުނެވެ. ސީމާ އެ ހުރިހާ ވާހަކައެއް ދެއްކި އިރު ވެސް މަންމަ އެއްވެސް އެއްޗެއް ނުބުނެއެވެ.
އޭގެ އެއް އަހަރު ފަހުން އަހަރެންގެ ކައިވެނި ކުރީ ޒަލަފާއެވެ. މި ހިތުގައި އޮތީ ހަމައެކަނި ޒަލަފުގެ ނަމެވެ. ލޯބިވީ އަދި ލޯބި ވާނީ ވެސް ޒަލަފު ދެކެއެވެ. އެހެންނަމަވެސް ދެން ދިމާވީ އެހެން މައްސަލައެކެވެ. ޒަލަފު އަހަންނާ ކައިރިވާ އިރަށް ކުއްލިއަކަށް އަހަންނަށް ދުރަށް ދެވެއެވެ. އަތުގައި އަތްލިއަސް ގައިގައި އަތްލިއަސް އިޖާބައިގެ ބަދަލުގައި ފަސްޖެހޭން ފެށީއެވެ. އެ ކަމާ ޒަލަފު ހިތްހަމަ ނުޖެހިފައި ހުންނާން ފަށައިފިއެވެ.
ޒަލަފުގެ މަންމައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. ދުނިޔެއަށް ލޯ ހުޅުވިފައި ހުރި މީހެކެވެ. އަހަރެމެންގެ ކައިވެންޏަށް ހަފުތާއެއްވީ އިރަށް މައިދައިތަ ދިނީ ދުބާއީ ދަތުރެކެވެ. ހަނީމޫނަށް ދިއުމަށެވެ.
"މަންމާ ކީއްކުރާން ތިހާ އަގު ބޮޑުކޮށް ޓިކެޓް ގަތީ؟ އަހަރެމެންނަށް ބޭނުން ނަމަ، މިތާ ކައިރި ރިސޯޓަކަށް ވެސް ދެވުނީހޭ."
"މަންމަގެ ހުރި އެންމެ ދަރިއެއް އުފަލުގައި ހުންނާން ބޭނުން ވާނެތާ." މައިދައިތަގެ އެ ބަހުން އަހަރެން ކަންބޮޑުވިއެވެ. އަހަރެންގެ ފިރިމީހާގެ ހިތް އުފާކޮށްދެވޭނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އަމިއްލަ ނަފުސު ހަމައަށް ނޭޅުވިގެން އުޅޭ މީހަކަށް އަނެކަކަށް ކޮށްދެވޭނެ ކަމެއް އޮވޭހެއްޔެވެ؟ އަހަރެން ވާހަކަ ދެއްކީ ހިތާއެވެ.
ނިދުމުގެ ކުރީން ގައި ދޮވެލައިގެން އައިސް ލޯގަނޑު ކައިރީގައި ހުއްޓުމުން ޒަލަފު އައިސް ފަހަތުން ބައްދައިގަތެވެ. ވަގުތުން އަހަންނަށް ޒަލަފުގެ ދެ އަތުގައި ހިފައި ދުރުކޮށްލެވިއްޖެއެވެ.
"ސައިމާއަށް ކިހިނެއް ތިޔަ ވަނީ. ވަރަށް ލޯބިވެޔޭ ކިޔައިފައި ނޫންތަ މެރީ ކުރީ. ކައިވެންޏަކަށް ފަހު އަހަރެމެންނަކީ ފުރެންޑުންނެއް ނޫން. ދެމަފިރިން."
"އާނ! އަހަރެން މިއީ ޒަލަފުގެ އަނބި މީހާ. އެކަމަކު އަހަރެންގެ ގައިގައި އަތްލުމުގެ ހުއްދައެއް ނުދެން."
"ތިޔަ ދައްކަނީ ކުޑަކުދީން ދައްކާ ކަހަލަ ވާހަކަ. އަހަރެން ފުރަތަމަ ހީކުރީ ސައިމާ މާ ލަދުން އުޅެނީކަމަށް. މީހާރު އެނގޭ ބޭނުން ވެސް ނުވަނީކަން." ޒަލަފު ރުޅި އައިސްގެން ގެއިން ނިކުމެގެން ދިޔައީއެވެ.
އަހަރެން އެތައް ފަހަރަކު ގުޅުމުން ވެސް ފޯން ނުނެގި ތާނގައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދިނެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުން ކަރުނަ އަންނާން ފަށައިފިއެވެ. އެނދުގައި ހުރަހަށް އަތްމަތީ އޮށޯވެގެން އޮއްވައި އަހަންނަށް ނިދުނީ ކޮންއިރަކު ކަމެއް ވެސް ނޭނގުނެވެ. އަހަރެން ހޭލި އިރު ޒަލަފު ފާޚާނާއިން ނިކުންނަނީއެވެ. އޭރު ގަޑިން ފަތިހު ފަހެއް ވެސް ޖަހައިފިއެވެ.
މައިދައިތަ ހޭލުމާއެކު އަހަރެމެން ފަތިސް ނަމާދުކުރިތޯ ބަލާނެއެވެ. އަވަސްއަވަހަށް އަހަރެން ފަތިސް ނަމާދު ވަގުތު ފާއިތު ވުމުގެ ކުރިން ނަމާދު ކޮށްލައިފީމެވެ. މިއަދު ބަދިގެއަށް ވެސް ދާހިތެއް ނުވިއެވެ. ޒަލަފު ފަތިސް ނަމާދު ކޮށްގެން ގެއަށް އައީ އަހަރެން އޮށޯވެ އޮއްވައެވެ.
ރޭގައި ކޮން ތާކަށް ދިޔައީ. އަހަރެން ކިހާވަރަކަށް ގުޅިން." ޒަލަފު އަހަރެންގެ މޫނަށް ނުބެލި ތާނގައި އަނގައިން ވެސް ނުބުންޏެވެ.
"ހާދަ ރުޅިއެއް އައިއްސަ."
"އަންނަ ރުޅި އަދި މަޑެއްނު. ސައިމާ އުޅެން ބޭނުން ނުވާ ނަމަ ބުންނަވީނުން. އެހާ ބޮޑު ޚަރަދުކޮށްގެން ޕާޓި ބާއްވައި ހުރިހާ ކަމެއް ކުރުމުގެ ކުރީން ސައިމާ ލޯބިވާ މީހަކު ހުރި ނަމަ އެކަން އެންގި ނަމައެއްނު." ޕަސްލައިފައި ދޮރު ލައްޕައިފައި ޒަލަފު އެ ދިޔައީ ވަރަށް ރުޅި އައިސްގެންނެވެ.
އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން މި ވާހަކަތައް ކިޔައިދޭނީ ކިހިނެއްބާއެވެ؟ މި ޚިޔާލުގައި ހުރެގެން ކޮޓަރީން ނިކުތް ގޮތަށް ސޯފާގައި އިށީނދެ ދެފައި މައްޗަށް ނަގައިގެން ކަކުލުގައި ދަތްދޮޅި ވިއްދާލައިގެން އިނދެވުނީ ވެފައި ހުރި ދެރައެއްގެ ބޮޑުކަމުންނެވެ. ޒަލަފު އެ ގޮތަށް ރުޅިއައިސްގެން ދާކަށް އަހަރެން ނޭދެމެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އަހަރެމެން އެކަކު އަނެކަކާ ބައިވަރު ވާހަކަތަކެއް ނުދެއްކެއެވެ.
"ސައިމާ. ކިހިނެއްވީ؟" އަހަރެން އިންގޮތް ފެނިފައި މައިދައިތައަށް އެއްޗެކޭ ހީވެއްޖެއެވެ.
"ބަލީތަ؟" އަހަރެން ކައިރީގައި ސޯފާގައި އިށީދެ މައިދައިތަ ސުވާލުކުރާން ފެށިއެވެ.
"ނޫން" އަހަރެން ހަމައެކަނި ބޯހޫރާލީއެވެ. އަރުތެރެ ވަނީ ހިކިފައެވެ. ހިތަށް ތަދުވެފައި ހުރުމުން ވާހަކަދައްކާން ދަތިވިއެވެ.
"ފެން ފޮދެއް ބޯލާ!" މައިދައިތަ އަހަރެން އަތަށް ދިން ފެންތަށީގައި ހިފައިފައި ދެތިން ކޯވަރު ބޯލައިފީމެވެ.
"ވެގެން އުޅޭގޮތް ކިޔައި ނުދޭހާ ހިނދަކު މަންމައަށް ވެސް ޙައްލެއް ހޯދައެއް ނުދެވޭނެ. މަންމައަށް ޤަބޫލު ކުރެވޭ އެކި މީހުންގެ ޙަޔާތުގައި ދިމާވާނީ އެކި މައްސަލަތައްކަން. މަންމަ ކިތަންމެ ވަރަކަށް އެހިއަސް ޒަލަފު ނުކިޔައިދޭނެ އެކައެއްޗެއް ވެސް. ދަރިފުޅު ކިޔައިދީ!"
ދެން ވެސް އަހަރެންގެ އަޑެއް ނުނިކުތެވެ. ދެތިން ފަހަރު ކެއްސައިލައިފައި ވާހަކަ ދެއްކޭތޯ އުޅުނީމެވެ.
"ޒަލަފު އެއްޗެކޭ ބުނީތަ؟ ނޫނީ ކަމަކާ ރުޅި އައީތަ؟" އަހަރަން ބޮލުން އާއެނކޭ ބުނީމެވެ.
"ތިޔަ ވީކަމެއް ދަރިފުޅު މި މަންމަ އަށް ކިޔައިދީ. ހިތްވަރުކޮށްލާފަ ކިޔައިދީ!"
އަހަރެން އެ ވާހަކަތައް މައިދައިތައަށް ކިޔައިދިނީ ރޮމުން ގިސްލަމުންނެވެ.
"އަހަރެންގެ ޢުމުރުން އޭރު ވާނީ ނުވަ އަހަރު. ސްކޫލަށް ދިއުމުގެ ކުރީން ކޮންމެ ދުވަހަކު ވެސް ފޮތްކިޔުމާއި ފޮތްތައް ހަމަކުރަން އުޅެން. އަހަރެން ސްކޫލަށްދަނީ މެންދުރު ފަހު. ހެނދުނު ގޭގައި އުޅޭނީ މަންމަ. ބައްޕަ އުޅޭނީ އަބަދު ގެއިން ބޭރުގައި. ބައްޕަގެ ވިޔަފާރީގެ ކަންކަމުގައި. ރޭގަނޑު ބައްޕަ ފެންނާނީ ވެސް. މަންމައަކީ އަބަދުހެން ބަދިގޭގައި މަސައްކަތުގައި އުޅޭ މީހެއް. އެއީ ބައްޕަގެ މަންމައާއި ބައްޕަގެ ބައްޕަ، އަހަރެންގެ ކާފަ އަށް ހުރިހާ އިރަކު ކައްކާފަ ކާން ގެންދާނީ މަންމަ ތައްޔާރުކުރާ އެއްޗެހި. އެ ދުވަސްކޮޅު އަހަރެންގެ ބޮޑުބޭބެ ވަރަށް ގިނައިން ގެއަށް އާދޭ. ޗޮކުލެޓާއި ކުޅޭ އެއްޗެހި ވެސް ގެނެސްދޭނެ. އެންމެ ގިނައިން ޗޮކްލެޓު ދެނީ އަހަންނަށް. ޖެހިގެން ހުރި ސާހިލު ކޮއްކޮއަކަށް ވެސް އެވަރަކަށް ނުދޭ. އަހަރެން ބައްޕައެއްގެ ގޮތުގައި ބަލަމުން އައި ބޮޑުބޭބެ ޗޮކުލެޓް ދެނީ އެހެން ބޭނުމަކު. ބައެއް ފަހަރު އަހަރެން ގައިގައި ފިރުމާ ވެސް ހަދާނެ. އޭރު ކީއްވެގެން ކަމެއް ނޭނގޭ.
ބޮޑުބޭބެ އެކުރަނީ ކިހާ ވިޔާ ނުދާކަމެއް ކަމެއް އަހަންނަކަށް ނޭނގޭ. އެއް ދުވަހަކު އަހަރެންގެ ގައިގެ އެތައް މިތާނގައި ބޮސްދޭން ފެށި. މަންމައަށް ނުފެނުނު ނަމަ މިއަދު އަހަރެން ދުނިޔެއަށް ދައްކާނީ ކޮންމޫނެއް؟" މައިދައިތަ އެވަގުތު އަހަރެން ގެނެސް އޭނާގެ މޭގައި ލަށްކޮށްލިއެވެ. އަހަރެން ރޮއި ނިމެންދެން އެ ގޮތުގައި ހިފަހައްޓައިގެން އިނެވެ.
"ތިޔަ ކަމުގައި ސައިމާގެ އެއްވެސް ކުށެއް ނެތް. ތިޔަ ވާހަކަތައް ކީއްވެ ޒަލަފަށް ކިޔައި ނުދިނީ. ތިޔަ ވާހަކަތައް ޒަލަފަށް ކިޔައިދީ! އޭރުން ޒަލަފު ނިންމާ ގޮތެއް އެނގޭނީ. ރަނގަޅު ފިރިއެއް ވިއްޔާ އަނބިމީހާ ދުލެއް ނުކުރާނެ." މައިދައިތަގެ އިންސާފުގެ ތިލަފަތް އަބަދު ވެސް ހަމަހަމަ ވާނެއެވެ. ކަންކަން ނިންމާނީ ވިސްނުމަށް ފަހު އެންމެ ރަނގަޅު ގޮތަށެވެ. ދޭނީ އެންމެ ރަނގަޅު ޚިޔާލެވެ.
މައިދައިތައަށް ކިޔައި ދިނަސް މި ވާހަކަތައް ޒަލަފަށް ކިޔައިދޭކަށް ނުކެރޭނެއެވެ. ޒަލަފު ހިތަށް އަރާނީ އަހަރެން މީ ވިޔާނުދާކޮށް އުޅޭ އަންހެނެއްކަމަށެވެ. ޒަލަފު މިހާރު ވެސް އެ ހުރީ ގޮތް ނިންމައިގެންކަން ނޭގެއެވެ. އަހަރެން ލޯބިނުވާކަމަށް ދެކި ނަފުރަތުގެ ބެލުމުން ބަލަމުން ނިކުމެގެން ދިޔައިރު ވެސް ހީވަނީ މޫނުމަތީގައި އަލިފާން ރޯވެފައި ހުރިހެންނެވެ. އެހާ ވެސް ރުޅި ގަދަވެފައި ހުރިކަން އެނގެއެވެ.
ރޭގަނޑު އަށެއް ޖަހައިފިއެވެ. އަހަރެން އިންތިޒާރުކުރަމުން މި ގެންދަނީ ފިރިމީހާ ގެއަށް އަންނާނެ ވަގުތަކަށެވެ. ފޮށްޓަށް އެއްޗެހި އަޅައި ތައްޔާރު ވެގެން މި އިނީ އަހަރެންގެ ފަހު ވަގުތު ޒަލަފަށް އަލްވަދާޢުކިޔުމަށެވެ. މަންމައާއި ދަރީގެ ކިބައިގައި އެކަކާއި، ސަތޭކައިގެ ފަރަޤު އެބަހުއްޓެވެ. މަންމަ ހާދަ ގޮތްގޮތަކަށް ވިސްނައެވެ. ޒަލަފަކީ އޭގެ އިދިކޮޅެވެ. އޭނާ ފެންނަނީ ރުންކުރު މީހެއްގެ ގޮތުގައެވެ. މާތަކާއި ހަދިޔާތައް ފޮނުވި އުފާވެރި ޒަލަފެއް މިހާރަކު ނުފެނެއެވެ. ގަޑީން ނުވަގަޑި ބައިވެއްޖެއެވެ. އަހަރެން އެނދުގެ ކަނެއްގައި އިށީނދެ އިނދެއިނދެ ވަރުބަލިވެއްޖެއެވެ.
ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށް ބަލައިލެވިއްޖެއެވެ. ޒަލަފުގެ އަތް ފުރަގަހަށް ލައިގެން އެހުރީ ދަނޑިބުރިއެއް ހިފައިގެން އަހަރެން ގައިގައި ޖަހާންކަން ނޭގެއެވެ. އެއް ފަހަރު އަހަރެންގެ މޫނަށް އަނެއް ފަހަރު އަހަރެންގެ ފޮށްޓަން ބަލަމުން ގެންދިޔައީ ހައިރާންކަމާއެކުއެވެ. އެ މޫނުމަތީގައި ރުޅީގެ އަސަރެއް ނެތެވެ.
ކުއްލިއަކަށް އަހަރެން ދެލޯ މަރައި މޫނުމަތީގައި އަތް އެޅީ ޒަލަފުގެ މޫނަށް ނުބަލާން ވެގެންނެވެ. ކުޑަ އިރުކޮޅަކުން ލޯ ހުޅުވައިލައިފައި އަތުގެ އިނގިލިތަކުގެ ތެރެއިން ޒަލަފު ކޮބައިތޯ ބަލަލީމެވެ. އަހަރެން ސިއްސައިގެން ދިޔައީ ރަތްފިނިފެންމާ ތަކެއް ފެނުމުންނެވެ. އެ ވަގުތު އަހަރެންގެ ދެލޯ ބޮޑުވެއްޖެއެވެ. އަނގަ ވެސް ހުޅުވިއްޖެއެވެ.
"މިއީ ސައިމާ އަށް ގެނައި އެއްޗެއް." ޤަބޫލު ނުކުރެވިގެން ބަލާން އިނދެވުނީ ޙައިރާންވެގެންނެވެ.
"ސައިމާ މިއަދު މަންމަ ގާތު ވާހަކަ ދެއްކި އިރު، އިއްތިފާޤުން ނަމަވެސް އެ އަޑު އަހަންނަށް ވެސް އިވުނު. އަހަރެން ކުރީން ހީކުރީ ސައިމާ އަހަރެން ދެކެ ލޯބި ނުވަނީކަމަށް. ނޫނީ އެހެން މީހަކު.........." އަހަރެން ޒަލަފު އަނގަ މަތީގައި އަތް އެޅީމެވެ.
" ސައިމާއަށް ވަގުތު ދޭނަން. ތިޔަ ބިރުވެރިކަމާ ދުރަށް ދިއުމަށް އަހަރެންގެ އެހީތެރިކަން ލިބޭނެ." ޒަލަފު ދިއްކޮށްލި މާބޮނޑީގައި ސައިމާ ހިފިއެވެ. ޒަލަފުގެ ވާހަކަތަކުން މިރޭ ސައިމާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ.
އޭގެ ފަހުން ޒަލަފާއި މައިދައިގެ އެހީތެރިކަން ލިބޭން ފެށުމުން މަޑުމަޑުން އަހަރެންނަށް ބަދަލުތަކެއް އަންނާން ފަށައިފިއެވެ. ކުރީން އެ ގަންނަ ބިރެއް ޒަލަފު ކައިރިވިއަސް މިހާރު ނުގަނެއެވެ. ނެގި މަޑުވެފައި ހުރުމުގެ ބަދަލުގައި، ފިރިމީހާއާއި މައިދައިތަގެ ރުހުން ލިބުމުން އަހަރެންގެ ޙަޔާތަށް ދިރުން ލިބޭން ފަށައިފިއެވެ.
(ނިމުނީ)