Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (4)

22 Jan 2024 | 10:36
.

އަޙްމަދު ފަޔާޟް ޙަސަން

(2024 ޖަނަވަރީ 15ވަނަ ދުވަހު ޝާއިޢުކުރެވުނު ބައާ ގުޅޭ)

ޒުވާން އިބުރާހީމްގެފާނު އެއް ރެއަކު ގެކޮޅު ދޫކުރައްވައި ކައިރީގައި ހުރި ފަރުބަދައެއްގެ ކައިރިއަށް ހިންގަވައިފައި ވަޑައިގަތެވެ. އެއަށް ފަހު އެކަލޭގެފާނު އެ ފަރުބަދައިގައި ހުރި ހޮހަޅައެއްގެ ކައިރީގައި އިށީނދެވަޑައިގަތެވެ. ދެން ދިއްލިފައި އޮތް ސާފު ރީތި އުޑަށް އެކަލޭގެފާނު ބައްލަވައިލެއްވިއެވެ. ޖައްވުން އެކަލޭގެފާނަށް ފެނިވަޑައިގަތް ތަކެއްޗާއި އެކަލޭގެފާނު އެ ތަކެއްޗަށް މުޚާޠަބުކުރެއްވި ގޮތް އަޅުގަނޑުމެންނަށް ދައްކަނީ ކީރިތި ޤުރްއާނެވެ. ދެން އެކަލޭގެފާނު ﷲއަށް ސަޖިދަކުރައްވައި ނަމާދުފުޅުކުރެއްވިއެވެ. މިއީ އެކަލޭގެފާނުގެ ރަސޫލުކަމުގެ ފެށުން ވެސް މެއެވެ.

ސަލާމްލެއްވި އިބުރާހީމްގެފާނަށް ﷲގެ އެއްކައުވަންތަކަން ކަށަވަރުވެވަޑައިގަތް ހާލުގައި، އެ ނޫން ފަރާތްތަކަށް އީމާންވުމުގައި ހުރި މޮޔަކަމާއި ހެއްވާކަން އެކަލޭގެފާނު ދެއްކެވިއެވެ. މި ކަން އަންގައިދެނީ އަލްއަންޢާމް ސޫރަތުގެ 76ވަނަ އާޔަތުން ފެށިގެން 78ވަނަ އާޔަތަށެވެ. މި ދުނިޔޭގައި ހުރި ﷲގެ އެންމެ ބޮޑެތި އުފެއްދެވުންތައް ދައްކަވައި އެ ތަކެއްޗަކީ އިލާހުން ނޫންކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. އިރު ދައްކަވައިފައި އޮސްފުހި ދާ އެއްޗެއް ކަލާނގެއަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. ހަނދާއި ތަރިތައް ކަލާނގެއަކަށް ނުވާނެކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު މިހުރިހާ ކަމެއް ކުރެއްވީ މީހުންނަށް ވިސްނައިދެއްވާށެވެ. އޭގެ އެތައް ސަތޭކަ އަހަރު ފަހުން ކީރިތި ޤުރްއާނުގައި ﷲ މި ބަޔާންކުރައްވަނީ އިބުރާހީމްގެފާނު ބުއްދީގެ ބޭނުންފުޅުކުރެއްވި ގޮތެވެ. ޝަރީކުކުރުމުގައި ހުރި ދެކޮޅުނުޖެހޭކަމާއި އެ ކަމުގެ ހެއްވާކަމާއި ދެރަވަރުކަމެވެ. އިބުރާހީމްގެފާނު ދޫކުރެއްވި އެންމެ މުހިންމު ތަރިކައަކީ ތައުޙީދެވެ.

އިރުހަނދާއި ތަރިތަކާ މެދު އިބުރާހީމްގެފާނު ދެއްކެވި ވާހަކަފުޅުން އެނގެނީ އެއްޗެއް ބިޔަވިޔަސް އެ އެއްޗެއް ކަލާނގެއަކަށް ވާންނުޖެހޭކަމެވެ. ފަރުބަދައެއް ނުވަތަ ބޮޑު ކޯރެއް ނުވަތަ ބޮޑު އެތެއް ކަލަކަށް ނުވާނެކަން އެކަލޭގެފާނު ދެއްކެވިއެވެ. މާނަޔަކީ ﷲގެ އެއްވެސް އުފެއްދެވުމެއް އިލާހަކަށް ބެލޭނެ ބުއްދީގެ އެއްވެސް ހަމައެއް ނެތްކަމެވެ. އެކަމަކު އެއްކައުވަންތަ އިލާހަކަށް ވާނީ އެ ހުރިހާ އެއްޗެއް އުފައްދަވައި ކޮންޓުރޯލުކުރައްވައި ހިންގަވާ ފަރާތް އެކަނި ކަމުގައި އެކަލޭގެފާނު ފާހަގަކުރެއްވިއެވެ. މި ތަނުގައި އިބުރާހީމްގެފާނު މި ދައްކަވަނީ މީހުންގެ ހުރި މޮޔަކަމާއި ޖާހިލުކަމެވެ. އަދި ﷲ ކީރިތި ޤުރްއާނުގައި މި ކަން ފާހަގަކުރައްވައި މި ދައްކަވަނީ އިންސާނުންގެ ޣާފިލުކަމާއި މޮޔަކަމެވެ.

ދެން އިބުރާހީމްގެފާނު، ﷲ އަށް އަޅުކަންކުރައްވާން ހުންނަވާ ގޮތް ބަޔާންކުރައްވައެވެ. އެ ކަން ﷲ ބަޔާންކުރައްވަނީ އަލްއަންޢާމް ސޫރަތުގެ 79ވަނަ އާޔަތުގައެވެ. ބާޠިލު ގޮތުން އެއްކިބާވެވަޑައިގެން، ޙައްޤުގެ ފަރާތަށް ލެނބިވަޑައިގެން ހުންނަވާ ހާލުކޮޅުގައި އެކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވަނީ އުޑުތަކާއި ބިން ހެއްދެވި ﷲއަށެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެއިން ނުވަތަ ޝަރީކުކުރާ މީހުންގެ ތެރެއިން ނުވާކަމުގައި ވެސް އެންގެވިއެވެ. ތައުޙީދުގެ ބިންގަލުގައި އެކަލޭގެފާނު ސާބިތުވެ ހުންނެވިލެއް ވަރުގަދަކަމުގެ ނަތީޖާއަކަށްވީ ﷲ، އެކަލޭގެފާނު ކުރިމަތިލައްވާން ގެފުޅު ދެއްވުމެވެ. އަދި ގެފުޅަކީ މިބިމުގައިވާ ﷲގެ ގެކޮޅުކަމުގައި ލެއްވުމެވެ.

އިބުރާހީމްގެފާނު ޝިރުކުނުކުރައްވާތީ އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނު އެ މީހުންނާ ޖަދަލުކުރައްވާން ޖެހިވަޑައިގަތެވެ. މި ވާހަކަ އަލްއަންޢާމް ސޫރަތުގެ 180ވަނަ އާޔަތުން 181ވަނަ އާޔަތަށް ﷲ ބަޔާންކުރައްވައިފައި ވެއެވެ. ދެން އެ މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވައިފައިވަނިކޮށް ﷲއާ މެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލުކުރަނީހެއްޔެވެ؟ ތިޔަބައިމީހުން ﷲއަށް ޝަރީކުކޮށް އުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއްނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަށް ތަނަވަސްވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، ހަނދާން ވެސް ނުކުރަނީހެއްޔެވެ؟ އެކަލޭގެފާނުގެ މި ވާހަކަފުޅު ބިނާކުރެއްވީ ބުއްދީގެ ހަމަތަކަށެވެ.

މުޅި ދުނިޔެއިން ވެސް އަޅުގަނޑުމެންނަށް ފެންނަނީ މައްސަލައެވެ. ދޭދޭ ގައުމުތަކުގެ މެދުގައި އުފެދޭ ޚިލާފުތަކެވެ. އާއިލާތަކުގެ މެދުގައި އުފެދޭ ދެބަސްވުމެވެ. ދޭދޭ މީހުންގެ މެދުގައި އުފަންވާ އަރައިރުމާއި މައްސަލައެވެ. މީހުންނަށް ހަމަޖެހުމާއި ހިތްހަމަޖެހުން ލިބެނީ މައްސަލަތަކުން އަރައިގަނެވި އަމާންކަން ލިބިގެންނެވެ. އިބުރާހީމްގެފާނު ފާހަގަކުރައްވަނީ އެންމެން އެ އެއްޗަކަށް އެދޭ، އަދި އެންމެން އެ ނުލިބެގެން އުޅޭ އަމާންކަން ލިބޭނެ ގޮތެވެ. އެއީ ﷲއަށް ފުރިހަމައަށް އީމާންވާ މީހުންނަށް ހުރި އެއްޗެއްކަމުގައި އެކަލޭގެފާނު ފާހަގަކުރެއްވިއެވެ. 'އީމާން' މި ލަފުޒު އައިސްފައިވަނީ އަމްނު މި ލަފުޒުންނެވެ. "އަމްނު"ގެ މާނަޔަކީ ސުލްހަވެރިކަމާއި ރައްކާތެރިކަމެވެ. ހަމަ އެ ގޮތަށް 'އިސްލާމް' މި ލަފުޒު ވެސް އައިސްފައި ވަނީ 'ސިލްމު' ނުވަތަ 'ސަލާމާ' މި ލަފުޒުންނެވެ. މި ލަފުޒުގެ މާނަޔަކީ ވެސް ސުލްހަވެރިކަމާއި ރައްކާތެރިކަމެވެ. އެހެންކަމުން އިބުރާހީމްގެފާނު މި ދެއްވަނީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެއީ ކޮންމެ ފަދަ ހާލަތެއްގައި ވެސް އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން އޮންނާނީ ﷲއަށް ފުރިހަމައަށް އީމާންވެގެންކަމެވެ. މިއީ އެކަލޭގެފާނު ދޫކުރެއްވި މުހިންމު ތަރިކައެކެވެ. އަލްއަންޢާމް ސޫރަތުގެ 81ވަނަ އާޔަތުން މި އަންގަނީ އަމާންކަން ލިބޭނީ ﷲއަށް އީމާންވާ މީހުންކަމުގައެވެ.

އަދުގެ ދުނިޔެއަށް ނަޒަރު ހިންގަމާ ހިންގަވާށެވެ. ތަނަވަސްކަމާއި އުފާވެރިކަމުގައި އެންމެ ކުރިއަރައިފައިވާ އެއް ސަރަހައްދަކީ ސްކެންޑިނޭވިއާއެވެ. އެއީ ސްވިޑުނާއި ޑެންމާކާއި ފިންލެންޑާއި ނޯވޭއެވެ. ދިރިއުޅުމުގެ ހުރިހާ މިންގަނޑުތަކަކުން މިމީހުން އުޅެނީ ނުހަނު ކުރީގައެވެ. އެކަމަކު ތަރައްގީއާއި ތަނަވަސްކަމާއި ސުލްހަވެރިކަމުގެ މި ގައުމުތަކުގައި އަމިއްލައަށް މަރުވާ މީހުން މަދެއް ނުވެއެވެ. 'އުފާވެރިކަމުގެ' މި ކިއްލާގައި އަމިއްލައަށް މީހުން މަރުވާ އެއް ސަބަބަކީ ބުއްދީގެ ބަލިމަޑުކަމެވެ. މީގެ 3500 އަހަރު ކުރީން އިބުރާހީމްގެފާނު މި ދައްކަވަނީ ހިތަށް އަމާންކަމާއި ހަމަޖެހުން ލިބޭނީ ﷲއަށް ފުރިހަމައަށް އީމާންވެގެންކަމެވެ. އެކަލޭގެފާނުގެ ތަރިކައިން އެނގޭ ކަމަކީ ބޭރު ފުށަށް މި ފެންނަ އުފާވެރިކަމަކީ މުޅީން ނަގުލީ ނުވަތަ ފޭކު މަފުހޫމެއްކަމެވެ. މާނަޔަކީ އުފާވެރިކަމޭ ކިޔާ އެއްޗެއް މި ދުނިޔޭގައި ނުވާކަމެވެ.

ބުއްދީގެ ދުޅަހެޔޮކަމަށް ނުވަތަ ޞިއްޙަތަށް މަސައްކަތްކުރާ ފަންނުވެރީން ފާހަގަކުރާ ގޮތުގައި ބުއްދީގެ މައްސަލަ ހުންނަ މީހަކާ ކުރިމަތިވާ އެންމެ ބޮޑު ކަމަކީ އެކަނިވެރިކަމެވެ. އެއީ އޭނާގެ ވާހަކަ އަޑުއަހާނެ އަދި އޭނާ ދެކިލާނެ މީހަކު ނެތުމުން އުފެދޭ ހާލަތެކެވެ. މީހަކަށް އެންމެ ބޮޑަށް އުނދަގޫވެ ދަތިވާ އިހުސާސަކީ އެކަނިވެރިކަމުގެ އިހުސާސެވެ. އެކަނިވެރިކަމުގެ އިހުސާސުން ނިކުންނަ ނަތީޖާއަކީ އޭނާއަކީ މީހެއްނޫންކަމުގެ އިހުސާސެވެ. ނަފުސާނީ ޢިލްމުވެރީން ދެކޭ ގޮތުގައި ތިމާއަކީ ބޭކާރު މީހެއްކަމަށް މީހަކަށް އިހުސާސްވެއްޖެއްޔާ މަޑުން ހުރުމަށްވުރެ ބޮޑަށް އޭނާ ބޭނުންވާނީ ކޮންމެވެސް ގަޑުބަޑެއް އުފައްދައިގެން މީހުންގެ ސަމާލުކަން ހޯދާށެވެ. މިސާލަކަށް ގަޑުބަޑު އުފެއްދުމުން މީހުން އަންނާނީ ރުޅިއެވެ. އެކަމަކު މީހުން ރުޅި އައުމުން އެ ހާލަތުގައި ހުންނަ މީހާއަށް ލިބޭނީ ހިތްހަމަޖެހުމެވެ. އެއީ އޭނާ ވެސް ދުނިޔޭގައި ހުރިކަން މިހާރު ބަޔަކަށް އެނގޭތީއެވެ.

ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު އެންމެން ނުލިބިގެން އުޅެނީ އަމާންކަމެވެ. އާންމުކޮށް ދުނިޔޭގައި މި ކަމަށް ބޭނުންކުރާ ބަހަކީ އުފާވެރިކަމެވެ. އެންމެ ގިނައިން ޓިކްޓޮކާއި ޔޫޓިއުބުން ފެންނާނީ އުފާވެރިކަން ލިބޭނެ ގޮތުގެ ވާހަކައެވެ. އުފާވެރިކަން ލިބިދޭނެ ގޮތުގެ ކޯސްތަކާއި އިރުޝާދުތަކެވެ. އުފަލުގައި ހުންނާނެ ގޮތުގެ ފަރުވާތަކާއި އިރުޝާދެވެ. ސުލްހަވެރިކަމާއި އަމާންކަން ލިބޭނެ ގޮތް ބުނެދޭ ސެމިނާރުތަކާއި ވަރކްޝޮޕްތަކުގެ ވާހަކައެވެ. މިއީ އަދުގެ ދުނިޔޭގައި ހިނގާ އެންމެ ބޮޑު އެއް ވިޔަފާރިއެވެ. އެންމެން ހޭބޯނާރައި މި އުޅެނީ އުފާ ލިބޭތޯއެވެ. އެހެންވެ އުފާ ލިބިދޭ ކޮންމެ ކަމެއް އެ މީހުން ކުރަނީ ކުރާ ހިތުންނެވެ. ހަގީގަތުގައި އުފަލަކީ ނަގުލީ ނުވަތަ ފޭކު މަފުހޫމެއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. އިބުރާހީމްގެފާނު މި އަންގަވަނީ އަމާންކަމާއި ހަމަޖެހުން ލިބުން އޮތީ ޝަރީކުކުރުން ދޫކޮށްގެންކަމެވެ. އަމާންކަން ގުޅިފައިވަނީ އީމާންކަމާކަމެވެ. އުފާވެރިކަމަކީ ހަމައެކަނި ސުވަރުގެއިން ލިބޭނެ ކަމެއްކަމެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް