އޮޅިގަނޑު
އަސްމާ އަބޫބަކުރު
މަންމަގެ ލޯތްބަކީ އިރު އޮއްސޭ އެއްޗެއް ނޫނެވެ. މަންމަ ވާ ފަދަ ލޯތްބެއް އެހެން އެއްވެސް މީހަކު ނުވާނެކަން ގައިމެވެ. މަދަރުސާގެ ތަޢުލީމަށް ވުރެ ބޮޑަށް އަހަރެން އުނގެނުނީ މަންމަގެ ކިބައިންނެވެ. މަންމަ ލޯތްބާ އެކު ދަސްކޮށްދިން އެތައް ކަމެއް މިހާރު ވެސް އަހަރެންގެ ކިބައިގައި ހުރީ ފެންނާށެވެ. މަންމަގެ ބާރާއި ލޯތްބާއި ވަފާތެރިކަމާއި، އޯގާތެރިކަމަކީ އަހަރެންގެ ހިތުގައި ތާއަބަދު ބިންވަޅުނެގިފައިވާ ކަންކަމެވެ. މަންމަގެ ލޮލަށް ބަލައިލުލުމުން ކައުނުގެ އަޑިއަށް ބަލައިލުން ފަދަ އިޙްސާސެއް ކުރެވެއެވެ. އެއީ، ނިމުމެއް ނެތް ފަދަ ލޯތްބެވެ. މަންމަގެ ލޮލުން އަބަދު ވެސް ފެންނަނީ މައިވަންތަކަމުގެ ސާފު ލޯތްބެވެ.
އަހަރެން މި ވާހަކަތައް ލިޔާއިރު މަންމައާ ބައްދަލު ނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ކޮންމެ ވެސް ދުވަހަކުން މަންމަ މި ޑައިރީ ކިޔާނެއެވެ. އޭރުން މަންމަގެ މި ދަރިފުޅު ތިޔަ މަންމަ ދެކެ ލޯބިވާ މިންވަރު އެނގޭނެއެވެ. މަންމަ އަހަންނަށް ޓަކައި ވީ ގުރުބާނީގެ ދެ ގުނަ އަހަރެންވާން ބޭނުމެވެ.
ވާރިސް ލިޔާން އިން ޑައިރީ ލައްޕައިލިއެވެ. ލެޕްޓޮޕާއި ޑައިރީ ދަބަހަށް ލުމަށް ފަހު ގެއަށްދާން އޮފީހުން ނިކުމެއްޖެއެވެ. ސައިކަލަށް އަރައި ދުއްވައިލީ ހުޅުމާލޭގެ ވިނަރެސް ފުލެޓާ ދިމާއަށެވެ. ވާރިސްގެ މަންމައާއި ބައްޕައަށް ލިބިފައިވަނީ ވާރިސާއި ކޮއްކޮ ވަފާއެވެ. ވަފާ ހުންނަނީ ރަށުގައި މަންމަ ފަރީދާގެ ގާތުގައެވެ. ވާރިސްގެ ބައްޕަ މި ދުނިޔެއާ ވަކިވެގެން ދިޔައީ ގެއެއްގެ ފުރާޅުގައި ޓިޖަހަމުން ދިޔަ ދުވަހެއްގައި ފުރާޅު މަތިން ވެއްޓި ލިބުނު އަނިޔާގެ ސަބަބުންނެވެ.
ބައްޕަ ބޭނުންވީ ވާރިސް މިއުމާރަކަށް ވާށެވެ. އެ ކަމަށް އޭރު ވާރިސް ވެސް ޝައުޤުވެރިކަން ހުރުމުންނެވެ.
"މިއަދު ކޮންއެއްޗެއް ތައްޔާރު ކޮށްލި ދުވަހެއް. ގޭގެ ވަސްގަނޑު ހާދަ ރަނގަޅޭ." ވާރިސް އެހެން ބުނީ ސިޓިންރޫމްގައި އިން ވާރިސްގެ އަންހެނުން ހުޒައިމާ އަށެވެ.
"ކުކުޅު ފިހުނީމަ ގޭތެރޭގަ ދޯ ހުރިހާ ވަހެއް މިހުންނަނީ. އަތްފައި ދޮވެގެން އަވަހަށް ކާން އާދޭ. ތި ހުރީ މާބޮޑަށް ހައިވެފަ."
"ބަނޑުހައިވާނެތާ. ބަލަ. ގަޑިން ވީވަރު." ވާރިސް ކޮޓަރިއަށް ވަދެގެން ހިނގައްޖެއެވެ. އޭރު ގަޑިން ހަތަރުގަޑި ބައިވަނީއެވެ.
އޭގެ ދެތިން ދުވަސް ފަހެވެ. މަންމަ އަންނަ ވާހަކަ ބުނުމާއެކު މަންމައަށް ކޮޓަރި ތައްޔާރު ކުރުމަށް ހުޒައިމާ ގާތު ވާރިސް ބުންޏެވެ. މަންމައަށް މީރު ވާނެހެން ހީވާ ތަކެތި ގެއަށް ގެނައުމަށް ސަމާލުކަންދިނެވެ. ވާރިސް ވަރަށް ކިޔައިގެން ދުވަސް ކޮޅަކު ހުރުމަށް މަންމަ ރަށުން އަންނާން އެއްބަސްވީއެވެ.
މަންމަ ފުލައިޓު ޖެއްސުމުގެ ގަޑިއެއްހައި އިރު ކުރީން ވާރިސް ހުރީ އެއަރޕޯޓުގައެވެ. އެންމެ ކުޑައިރު މަންމަ ތަނަކަށް ގޮސް އައުމުން ކުދި ދަރީން އުފާވާހެން މިއަދު ވާރިސް ހުރީ އުފާވެފައެވެ. މި ޒަމާނުގައި އެ ގޮތަށް އުޅޭ ދަރީން މަދުވާނެއެވެ. ގިނަ ފަހަރު މައިންބަފައިން ބެލުމަކީ މިހާރުގެ ކުދީންނަށް ތަކުލީފެކެވެ.
"މަންމާ. ވަރަށް ވަރުބަލި ވެއްޖެ ދޯ. ދަތުރެއް ކުރާން ޖެހުނަސް އެތައް ވަގުތެއް ހޭދަކުރާން ޖެހޭ. ކައިގެން މަންމަ ކޮޓަރިއަށް ވަދެ އަރާމު ކޮށްލާ." ކާން އިނދެފައި ވާރިސް މަންމައާ ދިމާއަށް ބުނެލިއެވެ.
"ހުޒޭ. މަންމަ އެ އައީ ދުވަސްކޮޅަކަށް މަޑުކޮށްށްލަން. މަންމަ ރަނގަޅަށް ހުރިހާ ކަމެއް ވެސް ކޮށްދެއްޗޭ." ވާރިސްގެ ޖުމްލައަށް ހުޒޭމާ ބަހެއް ނުބުނެ ބަލައިލިއެވެ.
އޭގެ ދެ ދުވަސްފަހެވެ. ވާރިސްގެ ކުންފުނީގެ މަސައްކަތެއްގައި ކުއްލިއަކަށް ރ. އަތޮޅަށް ފުރާން ޖެހިއްޖެއެވެ. މަންމަ ހުއްޓައި ދާން ޖެހުމުން ވާރިސް ހުރީ ދާ ހިތް ނުވެފައެވެ. އެހައި ވަރުން ކިޔައިގެން މަންމަ އައުމުން ފުރާން ޖެހުމަކީ ވާރިސުގެ ހިތަށް އުނދަގޫވި ކަމެކެވެ.
" މަންމާ. އަހަރެން މަސައްކަތެއްގައި ރަށުން ބޭރަށް ދާންޖެހިއްޖެ."
" ކިހައި ދުވަހެއްވާނެ؟"
" ހަފުތާ އެއްހައި ދުވަސް ވާނެ ހެން ހީވަނީ."
"ތި ދެން އެހާ ދުވަހެއް ވެސް ނޫނެއްނު. ވަޒީފާގައި ކުރާންޖެހޭ ކަންކަން ކުރާންވާނެ." މަންމަގެ އޯގާތެރި އަޑުން ބުނެލި ޖުމްލައިން ލިބުނު ހިތްވަރުން ވާރިސް ފުރާން ތައްޔާރުވެއްޖެއެވެ.
ވާރިސް ފުރުމާއެކު ހުޒައިމާގެ ނުފެންނަ ފަރާތް ފެންނާން ފަށައިފިއެވެ. ހުޒައިމާއަށް އިރު އަރަނީ މެންދުރު ބާރަ ޖަހާން ގާތްވުމުންނެވެ. ތެދުވާ އިރަށް ހެނދުނުގެ ސައި މޭޒުމަތީގައި ހުންނާން ޖެހެއެވެ. ސައިބޯން އިށީނދެ އެ ދުވަހު ކުރާން ހުންނަ ކަންކަމުގެ ލިސްޓް ކިޔާން ފަށައެވެ.
"މަންމާ. މިއަދު މެންދުރަށް ހަދާންވާނެ މަސްބަތް. ރިހާކުރު ވެސް ތެލުލާތި. އަދި އަހަރެންގެ ކޮޓަރި ވެސް ސާފުކޮށްލާން ވާނެ."
ހުޒައިމާ ސައިބޮއިގެން ގެއިން ނިކުމެގެން ދާ ތަނެއް ފަރީދާއަކަށް ނޭނގެއެވެ. އެ ހިސާބަކީ ފަރީދާ ދަންނަ މީހަކު އުޅޭ ހިސާބެއް ވެސް ނޫނެވެ. ގޭތެރޭގައި ކުރާން ހުންނަ މަސައްކަތް ކޮށް ވަރުބަލިވާ އިރަށް ހުޒައިމާ ގެއަށް ވަދެ ކޮންމެ ވެސް އެހެން ކަމެއް ޖެއްސޭތޯ ބަލައެވެ.
"މަންމާ. ޙާލު ކިހިނެއް؟ މި ކޮޅަށް އައިފަހުން މި އެނގުނީ އަދި އިތުރަށް ދުވަސްކޮޅެއް ވާނެކަން. މި ތަނުގައި މަސައްކަތް ކުރާ މީހުން މަސައްކަތް ކޮށްފައި ހުރި ގޮތުން އަލުން އިސްލާހު ގެންނާން ޖެހިގެން މި އުޅެނީ. ހުޒޭ ބުނި މަންމަ ވަރަށް މަސައްކަތްކުރާ ވާހަކަ. މަންމަ ތިޔަ އައީ އަރާމުކޮށްލާން. މަސައްކަތް ކުރާކަށް ނޫން. މަންމަ ގިނަގިނައިން އަރާމުކުރާން ވާނެ."
"ދަރިފުޅާ. ގޭތެރޭގެ މަސައްކަތަކީ އަންހެނުން ކުރާންޖެހޭ ކަންކަން. މަންމަ ނުކުރަން އިތުރު މަސައްކަތެއް. ޙާލު ރަނގަޅު ދޯ. ދެން ބާއްވަނީ" ފަރީދާގެ ދެ މާނަ އެކުލެވޭ ޖުމުލައިގެ މާނައެއް ވާރިސަށް އެނގުނުހެންނެއް ހިޔެއް ނުވެއެވެ.
ހުޒައިމާ ކޮންމެ ވެސް މީހަކާ ފޯނުން ވާހަކަ ދައްކަމުން ބުނާ އަޑު ފަރީދާ އަށް އިވުނީ މައިދައިތައިންނަކީ ބޮލަށް ތުރާ ބަޔެއްކަމުގައެވެ. އެހެން ވެދާނެތީ ހުޒައިމާ މައިދައިތަ ލައްވައި މަސައްކަތް ކުރުވާ ވާހަކެއެވެ. އަނަގަތަޅާން ފުރުޞަތު ނުދޭނެކަމުގައި ބުނާ އަޑު ވެސް އިވުނެވެ. ފަރީދާ އެކަހަލަ ވާހަކަތައް އިވޭކަމަކަށް ނުހަދައެވެ.
ފަރީދާ ބޮލުގައި ރިއްސާތީ އޮތްދުވަހެކެވެ. އެ ދުވަހު ބަދިގެއަށް ނުވަދެ އޮތީ ހުންވައްތަރު ވެފައި ހުރުމުންނާ އެކު ހީކަރުވާތީއެވެ. ހުޒައިމާ ނިދައި ހޭލައިގެން ބަދިގެއަށް ވަން އިރު ސައި ހަދައިފައި ނެތުމުން ރުޅި އައިސްގެން ފަރިދާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
"މިހާރު ކައްކަން ވެގެން މަންމަ އަށް ކަންބޮޑުވީދޯ. އެންމެ ދެތިން ދުވަސް ވީ ކައްކާން ފެށި ފަހުން. ކުރީން ބުނާންވާނެ ނުކެއްކޭނަމަ. އޭރުންތާ އެހެން ގޮތެއް ހަދާނީ ވެސް. މިއަދު މި ޖެހުނީ ސައި ނުބޮއެ ހުންނާން. ބުނާނެ އުމުރު ހުސްވީ މިހެން މަސައްކަތް ކޮށްކޮށޭ. އެކަމަކު މި ގޭގައި އަދި ދެތިން ދުވަސް ވީ." ފަރިދާ އަށް އިވުނީ އެހާ ވަރަށެވެ. ގައިގައި ރަޖާ އެޅުމަށްފަހު ދެ ކަންފަތްމަތީ އަތްއަޅައިފިއެވެ.
އޭގެ އަނެއް ދުވަހު ވަފާ އަށް ގުޅައިގެން ރަށަށްދާން ފަރީދާ ތައްޔާރު ވެއްޖެއެވެ. އަގެއް ނެތް ތާކު ހުރުމުގެ ބޭނުމެއް ނެތްކަމަށް ފަރީދާ ނިންމައިފިއެވެ. ފޮށި ތައްޔާރުކޮށްގެން ސިޓިންގ ރޫމަށް ނުކުތް އިރު ހުޒައިމާ ފެންނާކަށް ނެތެވެ. އެތައް އިރަކު އިންތިޒާރު ކުރެވިއްޖެއެވެ. ގުޅުމުން ފޯނެއް ވެސް ނުނަގައެވެ. ޓެކްސީ އައުމުން ފަރީދާ ލިފްޓަށް އަރަން ދިޔައީ ވަފާގެ ފިރިމީހާއާ އެކުގައެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު ނިކުތް ހުޒައިމާގެ ދެލޯ ބޮޑުވެއްޖެއެވެ.
"މަންމާ. ކޮންތާކަށް ތިޔަ ދަނީ؟ ވާރިސް އަންނާން ވާއިރަށް ދަނީތަ؟" ހުޒައިމާ ކުރި ސުވާލުތަކަކަށް ފަރީދާ ޖަވާބެއް ނުދއެވެ. ޖީބުން ނަގައިފައި ހުޒައިމާއަށް ދިއްކޮށްލީ ފަތްޖަހައިފައި އޮތް ގަނޑުކޮޅެކެވެ.
"ވާރިސަށް މަންމަގެ ސަލާމް ބުނެދެއްޗޭ." ފަރީދާ ލޯމަތީން ގެއްލުނު އިރު ވެސް ހުޒައިމާ ހުރީ ބުނާނެ އެއްޗެއް ނޭނގި ގޮތް ހުސްވެފައެވެ. ކުއްލިއަކަށް މައިދައިތަ ހިނގައިދާނެކަމަކަށް ހުޒައިމާއަށް ވިސްނިފައެއް ވެސް ނެތެވެ.
އެ ގަނޑުކޮޅު ގެންގޮސް ކޮޓަރީގެ ޑްރެސިން ޓޭބަލް މަތީ ބޭއްވުމުގެ ކުރީން ހުޅުވައިލައިފައި ބަލައިލިއެވެ.
"މިގޭ އޮޅިގަނޑު ރަނގަޅު ކޮށްލާތި" ފަރީދާގެ އެ ޖުމްލަ ހައެއްކަ ފަހަރު ކީ އިރު ވެސް ހުޒައިމާއަކަށް އެކައެއްޗެއް ވެސް ވިސްނައެއް ނުގަނެވުނެވެ.
"މި ފުލެޓްގައި އޮޅިގަނޑެއް ނުވެސް ނެތް. ކީކޭ ލިޔެފައި އެ އޮތީ" ހުޒައިމާއަށް އެ ޖުމްލަ ވީ ޖޯކަކަށެވެ.
ވާރިސް އަތުވެއްޖެއެވެ. ފުރަތަމަ ވެސް މަންމާއޭ ކިޔައިފައި ވާރިސަށް ގޮވައިލެވުނެވެ. މަންމަގެ ކޮޓަރީގައި ޓަކި ޖަހަމުންނެވެ.
"މަންމާ. އަހަރެން މިއައީ ވަރަށް އަވަސް ކޮށްލައިގެން މަންމަ ގާތުގައި ދެތިން ދުވަހު މަޑުކޮށްލާން ވެގެން." އެ އަޑު އިވޭން ހުރި، ފަރީދާ ހުރީ އެތައް މޭލެއްގެ ދުރުގައެވެ.
"މަންމަ ރަށަށް ހިނގައްޖެ." ހުޒައިމާގެ ޖަވާބު އަޑުއިވިފައި ވާރިސަށް ލިބުނީ ޝޮކެކެވެ. މަންމަ ވާރިސްގާތު ނުބުނެ އެ ދިޔައީ ކީއްވެބާއެވެ.
"ކުއްލި އަކަށް؟" ކޮންމެ ވެސް ކަމެއް ވެއްޖޭ ވާރިސްގެ ހިތް ބުނާން ފަށައިފިއެވެ.
"މިއޮތީ މަންމަ ދިން ގަނޑުކޮޅެއް." ހުޒައިމާ އެހެން ބުނީ ހެމުންހެމުންނެވެ.
"މީގައި މަންމަ ލިޔެފައި އެ އޮތީ ޖޯކެއް ކަންނޭގެ." ހުޒައިމާ ފާޑަކަށް ހެމުން ވާރިސަށް އެ ގަނޑުކޮޅު ދިށްކޮށްލިއެވެ.
"މިގޭ އޮޅިގަނޑު ރަނގަޅު ކޮށްލާތި!" ވާރިސްގެ ޝައްކު ޔަޤީނަށް ބަދަލުވެއްޖެއެވެ. މަންމައަށް ކަމެއް ނުވާ ނަމަ، އެ ނޯޓް ދިނުމާއި، ކުއްލިއަކަށް ދިއުމާ އެއީ ނުކުރާނެ ކަންކަމެވެ.
"ހުޒޭ ކީއްވެ މަންމައަށް އެހެން ހެދީ." ވާރިސްގެ ހިތުގައި ދެރައާއި ރުޅިވެރިކަން އުފެދިއްޖެއެވެ.
"އެއީ ބައްޕަ މި ދުނިޔޭގައި ނެތުމުން ވެސް އެ ކަން ނުދައްކައި އަހަރެން ބެލި މައިމީހާއޭ. އަހަރެން މި ހުރިހާ މަސައްކަތެއް ކުރަނީ އެ މަންމައަށް ޓަކައި. މަންމައާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި. އެތައް ދުވަހެއް ފަހުން އައިސް އެ ދިޔައީ އަހަރެންގެ އަންހެނުންގެ ޒީލަ ގަދަކަމުން ނޫނީ ނުލަފާކަމުން."
"މިއަދުން ފެށިގެން ހުޒޭ ތީ އަހަރެންގެ އަތްނބެއް ނޫން. މި ތަނުން ނިކުމޭ." ހުޒައިމާއަށް ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. މައިދައިތަ ލިޔުނު އެންމެ ޖުމްލައެއް އެހާ ބާރުގަދަވާނެކަން އެނގޭ ނަމަ، އެ ނޯޓެއް ވާރިސަކަށް ނުދައްކާނެއެވެ. ވާރިސް ހުރީ އޮޅިގަނޑު ރަނގަޅު ކުރާ ގޮތަކަށް ނޫނެވެ. ވާރިސް ބޭނުމީ އޮޅިގަނޑު ބަދަލު ކުރާށެވެ. މަންމައަށް ޓަކައެވެ.
(ނިމުނީ)
ލަފުޒެއްގެ މާނަ:
މިއުމާރު ނ. އިމާރާތްތައް ފަރުމާކުރާ މީހާ. އިމާރާތްތައް ބިނާކުރެވެނީ އޭގެ ފަރުމާއާ އެއް ގޮތަށްތޯ ކަށަވަރުކުރުމަށް ޓަކައި ބަލަހައްޓާނީ ވެސް ގިނަ ފަހަރަށް މި ފަދަ މީހުންނެވެ.