އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގެ ނަމުގައި ޣައްޒާ ފަނާކޮށްލެވުނަސް އަދި އެއްވެސް ކާމިޔާބީއެއް ނުލިބޭ
އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ބުނާ ގޮތުގައި "ޙަމާސްގެ މައްޗަށް ފުރިހަމަ ކާމިޔާބީއެއް" ހޯދުމުގައި ދެމެދުގެ ހައްލަކަށް ދިޔުމަކީ ނެތް ކަމެކެވެ. އަދި ޣައްޒާގައި އެ މީހުން ހިންގަމުންގެންދާ ޢުދުވާނު ހުއްޓައިލުމަކީ އެ މީހުން "ބަލިކަށިކަމުގެ މެސެޖެއް" ފޮނުވުންކަމަށް ވެސް އޭނާ ބުނެއެވެ. އެހެންނަމަވެސް ޣައްޒާގައި ހަމަނުޖެހުން ހިންގާތާ 106 ދުވަސް ވެފައިވާއިރު އަދިވެސް ޙަމާސުން ރަހީނުކޮށްފައިވާ އަސީރުންނެއް މިނިވަނެއް ނުކުރެވެއެވެ. ޙަމާސުން ބުނެފައިވަނީ ހަމަނުޖެހުން ހުއްޓައިލައި ފަލަސްތީނުގެ އަސީރުން ދޫކޮށްލައިފި ނަމަ، އެ މީހުން ހިފަހައްޓައިފައި ތިބި އަސީރުން ވެސް މިނިވަންކުރާނެކަމަށެވެ. އެހެންމީމާ އިސްރާއީލުގެ ހަގީގީ ބޭނުމަކީ ކޮންމެހެން އަސީރުން މިނިވަންކުރުން ނޫންކަމަށާއި އެ މީހުންގެ ބޭނުމަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުންކަން އެ ޢަމަލުން ދޭހަވެއެވެ.
އިސްރާއީލުން ޣައްޒާ ފަނާކުރުމަކީ ކާމިޔާބީއެއްކަމަށް ސިފަކުރާއިރު، ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެގެން އުޅޭ ސިފައިގެ ތެރެއިން ގިނަ ބަޔަކު މަރުވަމުން ވެސް ދެއެވެ. އިސްރާއީލުން މި ކަން ވަރަށް ބޮޑަށް ސިއްރު ވެސް ކުރެއެވެ. ނަމަވެސް މި ދިޔަ ބުދަ ދުވަހު ވެސް އިސްރާއިލުގެ ސިފައިންގެ ސްޓާފް ސަރޖެންޓެއްކަމަށްވާ އޫރީ ގަރުބީ މަރުވެފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
އިސްރާއިލުގެ "ސްޓޭންޑިން ޓުގެދަރ އެންޑް ވިމަން ވޭޖް ޕީސް" ޖަމުޢިއްޔާއިން އިސްނަގައިގެން ތިރިހަކަށް ޖަމުޢިއްޔާގެ ފަރާތުން ދެ ހާހަށްވުރެ ގިނަ މީހުން މި ދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ޙަމާސުން ހިފަހައްޓައިފައިވާ އިސްރާއީލުގެ ޔަހޫދީން މިނިވަންކުރުމަށް ގޮވައިލައި ތައްލު އަބީބުގެ މަގުތަކުގައި މުޒާހަރާ ވެސް ކޮށްފައެވެ. މި މުޒާހަރާގެ ތެރެއިން ހަތް މީހަކު އިސްރާއީލުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މުޒާހަރާ އިންތިޒާމުކުރި މީހުން ބުނާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އަސީރުންގެ ތިމާގެ މީހުން ވެސް ހިމެނެއެވެ. މި ފަދަ މުޒާހަރާއެއް އިއްޔެ ވެސް އިސްރާއީލުގެ ވެރިރަށުގައި ވަނީ ބާއްވައިފައެވެ.
ޣައްޒާގެ ގެޔެއް: މުޅި ޝަހަރުގެ 90 އިންސައްތަ ވަނީ މި ޙާލަތުގައެވެ.<br>
ޣައްޒާގައި ހިފެހެއްޓިފައިވާ އިސްރާއީލީ އަސީރުންނަށް ފޯރުކޮށްދޭން ބޭނުންވާ ބޭސް ޤަޠަރު މެދުވެރިވެގެން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެބަ ހިނގައެވެ. ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސީއެންއެންއަށް ދިން ބަސްދީގަތުމެއްގައި ބުނާ ގޮތުގައި އެ ބޭސްތައް މިހާރު ރައްދުކުރެވިފައިވާނެކަމަށް ބެލެވެއެވެ. ނަމަވެސް މުވާސަލާތީ ގުޅުންތައް ކެނޑިފައިވާތީ އެކަން ކަށަވަރުކުރުމަކީ ވރަށް އުނދަގޫ ކަމެއްކަމަށް އޭނާ ބުންޏެވެ.
ނަތަންޔާހޫގެ ހަރުކަށިކަމަކަށް ބަދަލެއް ވެސް ނާދެއެވެ. އޭނާ ބުނާ ގޮތުގައި "ހަނގުރާމަ" ހުއްޓުމަށް ފަހު ޖެހިގެން އަންނަ ދުވަހު ފަލަސްތީނުގެ އިދާރިއްޔަތުގެ ދަށުން ފަލަސްތީނުގެ ދައުލަތެއް ބިނާކުރުމާ އޭނާ ކަނޑައެޅިގެން ދެކޮޅެވެ. އަދި މިހާރު ބައިނަލްއަގުވާނީ ޢަދާލަތުގެ ކޯޓަށް އިސްރާއީލާ ދެކޮޅަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައިގެ ސަބަބުން އެ މީހުން ފަށައިފައިވާ "ޣާއްޒާ ހަނގުރާމަ"އަކަށް އެއްވެސް އަސަރެއް ނުފޯރާނެއެވެ. އެ ކަން ދާނީ ކުރިއަށެވެ. އިއްޔެ ވެސް އިސްރާއިލުގެ ހަނގުރާމަވެރީންނާ ދިމާއަށް ގާއުކާން އުޅުނު 17 އަހަރުގެ ކުޑަކުއްޖަކު ވަނީ ބަޑިޖަހައި މަރައިލައިފައެވެ. އެއީ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ ފަލަސްތީނީއެކެވެ.
2023 އޮކްޓޫބަރު 7ގައި ހަމަނުޖެހުންތައް ފެށި ފަހުން ފަލަސްޠީނުގެ 24763 މީހުން ޝަހީދުވެ، ބައިލައްކައަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. އިސްރާއީލުގެ 1200 މީހުން މަރުވެފައިވެއެވެ. އަދި އިސްރާއީލުގެ ހަނގުރާމަވެރީންނާއި އާންމުންގެ ތެރެއިން 129 މީހަކު ޙަމާސް ޖަމާޢަތުގެ ޤައިދުގައި އެބަ ތިއްބެވެ. މީގެ ތެރޭގައި އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.