މައި ހޮސްޕިޓަލަކަށް "ދަރުމަވަންތަ" ހެއްދެވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ރަސްމީ ގޮތުން ހުޅުއްވާން ކުލަގަދަ އިޙުތިފާލެއް ބާއްވަވާން ފެނެއެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރީން ބޭނުންކުރާން ފެށި ދަރުމަވަންތަ ހޮސްޕިޓަލަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބަދަލުގައި ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ހަމަޖެއްސެވި ހަމަޖެއްސުމަކީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމުމެކެވެ. އެހެނީ އަޅުގަނޑުމެންގެ އެންމެ ބޮޑު ގައުމީ ހޮސްޕިޓަލަކީ އެހެން ގައުމެއްގެ ގައުމީ ބަޠަލެއްގެ ޒިކުރާ އާކުރާން ހުންނަ ތަނަކަށް ވުމަކީ ގައުމީ ނަޒަރަކުން ވިސްނާ އިރު ލަދުވެތިކަމެކެވެ. ވީމާ، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް އަދި ނުހުޅުވައި ހުރުމާއެކު އެ ތަން ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ރަސްމީ ގޮތުން ހުޅުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އައިޖީއެމްއެޗަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކޮށް، މީގެ 30 ވަރަކަށް އަހަރު ކުރީން ފެށިގެން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ. ނަމަވެސް ގަހީގަތަކީ އިންޑިއާ ސަރުކާރުން އެ ތަން ޢިމާރާތްކުރާން ޚަރަދުކުރީ ޖުމުލަ އަގުގެ ފަސްދޮޅަހަކަށް އިންސައްތަ ފައިސާކަމެވެ. އެ މިންވަރު ޚަރަދުކުރުމަށް ފަހު ވެސް އޭގެ ބަދަލުގައި އިންޑިއާގެ އެއް ނަންބަރު ގައުމީ ބަޠަލުގެ ނަމުގައި އެ ހޮސްޕިޓަލަށް ނަންކިޔުމާއި، ހޮސްޕިޓަލްގެ ޑަކުޓަރުންގެ ތެރެއިންނާއި ނަރުހުންގެ ތެރެއިން 60 އިންސައްތައަކީ އިންޑިއާގެ ރައްޔިތުންނަށް ވުން ލާޒިމުކުރިއެވެ. ވީމާ މިއީ ހިލޭ އެހީއެއްކަމަށް އޭރުގެ ސަރުކާރުން ގަބޫލުކުރެއްވިއެވެ. އަދި އަދި އިންޑިއާއިން ކުރި ހުރިހާ ޝަރުޠުތަކެއް ވެސް ގަބޫލުކުރެއްވިއެވެ. އެއްޗެއް ދީފައި އޭގެ ބަދަލުގައި އެއްޗެއް ހޯދުމަކީ ހަގީގަތުގައި ހިލޭ އެހީއެއް ނޫނެވެ. އެއީ ވިޔަފާރީއެވެ. ވިޔަފާރީގެ ބާޓާ ނިޒާމެވެ.
މި ދެންނެވި ހޮސްޕިޓަލުތަނުގެ ޖާގަ ވަރަށް ބޮޑަށް ކުޑަވެ އަދި އިމާރާތް ބާވެ، އަބަދު މަރާމާތު ކުރާން ޖެހޭތީ ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ނަމުގައި އާ ޢިމާރާތެއް ބިނާކުރިއެވެ. އަދި ޒަމާނީ ވަސީލަތްތައް ވެސް އެ ތަނަށް ގެނައެވެ. ނަމަވެސް ރަސްމީކޮށް އެތަން ނުހުޅުވެނީސް ސަރުކާރު ބަދަލުވީއެވެ. ދެން އައީ "ފުރަތަމަ އިންޑިއާއަށް އިސްކަން"ދެއްވާ ސަރުކާރަކަށްވުމާ އެކު، އައިޖީއެމް ހޮސްޕިޓަލްގެ ވިދުން ކުޑަވެދާނެތީ އެ ޢިމާރާތް ނުހުޅުވައި، "ދަރުމަވަންތަ" ހޮސްޕީޓަލުގެ ޢިމާތަތަކީ، އައިޖީއެމް ހޮސްޕިޓަލަށް އިތުރުކުރި އެކުވެންޏެއްކަމަށް ހައްދަވައިގެން އެ ހޮސްޕިޓަލު ނުހުޅުއްވީއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމާ ޙަވާލާދެއްވައި "މިހާރު" ނޫހުން އާންމުކޮށްފައިވާ ޚަބަރެއްގައި ވާ ގޮތުން "ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގެ ސަރުކާރަކުން އަމިއްލައަށް އިސްނަގައިގެން ބިނާކުރި، ދިވެހިންގެ އަމިއްލަ ތަނެއް ކަމަށް"ވާތީއާއި "އެއީ ދިވެހިންގެ ގައުމިއްޔަތު ދައްކުވައިދޭ ތަނެއްކަމަށް"ވާތީ، "ރާއްޖޭގެ މައި ހޮސްޕިޓަލަކީ ދިވެހިންގެ އަމިއްލަ ތަނެއް ކަމަށް ކަނޑައެޅުމަކީ ލިބޭނެ ފަޚުރެކެވެ." ފަރަގު ނޫހާއި ފަރަގު މީޑިއާގެ މެނޭޖުމެންޓުން ވެސް އިބްރާހީމް ޙަލީމްގެ އެ ވާހަކަފުޅަށް ތާއީދުކުރެއެވެ.
"ދަރުމަވަންތަ" ހޮސްޕިޓަލޭ ކީމާ، ބައެއް ދިވެހީން ހީކުރަނީ އެއީ ދަރުމަވަންތަ ރަސްގެފާނަށް ތަޚުޞީޞް ވާ ލަފުޒެއްކަމަށެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. އެ ރަސްކަލެއްގެ ޙިކުމަތުޢަމަލީއިން ދިވެހީންނަށް އިސްލާމީ ހިދާޔަތު ގެނެސްދެއްވި ރަސްގެފާނަށް އެ ނަން ދިވެހީން އެރުވީ އެ ލަފުޒުގައި ވަރަށް ފުރިހަމަ މާނައެއް އޮންނާތީއެވެ. އައްސުލްޠާނު މުޙަންމަދު ބިން ޢަބްދުﷲ (ސިރީ ބަވަނަ އާދީއްތަ މަހާރަދުން)ގެ ނަންފުޅަށް ނިސްބަތްކޮށް ދިވެހީން، އެއީ ދަރުމަވަންތަ" ރަސްކަލެއްކަމަށް ނަންކިޔަނީ އެ ރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު، އެ މަނިއްޕުޅުގެ ޝަޚުޞިއްޔަތުން ފެނުނު އިޚުލާޞްތެރިކަމާއި ތަޥާޟުޢުވެރިކަމުންނެވެ. އަމިއްލަ އެދުންފުޅުެއް ނެތްކަން ރައްޔިތުންނަށް ސާބިތުވީތީއެވެ. ރައްޔިތުންނަށް ޓަކައި އިޚުލާޞްތެރިކަމާ އެކު ރަސްކަންކުރެއްވީތީއެވެ. ވަކި މީހަކަށް ތަފާތުކުރެއްމެއް ނެތި ޢަދުލުވެރިކަން ދެއްކެވީތީއެވެ. އެންމެންނަށް އެއް ގޮތަށް ހެޔޮކޮށް ހިއްތަވައި އިޙުސާންތެރިކަން ސާބިތުކުރެއްވީތީއެވެ. ހަގީގަތުގައި ވެސް އެ ނަންފުޅު އެ ރަދުންނަށް ޙައްގެވެ. އެ ރަދުންގެ ނިޔަތާއި ޙިކުމަތުޢަމަލީއާ ނުލައި، ބުދުދީނަށް އަޅުކަންކޮށްކޮށް ކުރަލައިފައި ތިބި ބަޔަކު އުޅުނު މުޖުތަމަޢެއްގެ އެންމެން އިސްލާމް ދީނަށް ބަދަލުކޮށްލުމަކީ ނުވާނޭކަމެކެވެ.
"ދަރުމަވަންތަ" މި ލަފުޒުން ދޭހަވަނީ "އަމިއްލައެދުމެއް ނެތި، ވަކިމީހަކަށް ތަފާތުކުރުމެއް ނެތި އެންމެންނަށް އެއްގޮތަށް ހެޔޮކޮށް ހިތާ"ކަމުގެ މާނައެވެ. އެހެންވީމާ ސިރީ ބަވަނަ އާދީއްތަ މަހާރަދުންނަށް "ދަރުމަވަންތަ" ރަސްގެފާނުގެ ލަގަބު އެރުވުން ވަރަށް އައުލާއެވެ.
ވީމާ އެ
ހޮސްޕިޓަލަށް ދަރުމަވަންތަ ހޮސްޕިޓަލޭ ކިޔަނީ އެ ރަދުންނަށް ނިސްބަތްކޮށްކަމަށް
ވިޔަސް، އެ ލަފުޒުން ދޭހަވާ މާނައަށް ނިސްބަތްކޮށްކަމަށް ވިޔަސް އެއްވެސް
ކޮރުކަމެއް އަޅައިގަތުމެއް ނެތެވެ. މިއިން ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް އެއީ ހަމަ ވަރަށް ފުރިހަމަ ގައުމީ ނަމެކެވެ.
"މިހާރު މާލެ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލްގެ ތެރެއިން މައި ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް އަޅުގަނޑަށް މާ ފަސޭހަ ކިޔަން ވެސް... ދަރުމަވަންތަ ހޮސްޕިޓަލަކީ މައި ހޮސްޕިޓަލް. މައި ހޮސްޕިޓަލްގެ ގޮތުގައި މިހާރު ވެސް އެ ހުރީ،" ސީއީއޯ ޙަލީމް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުގެ މައި ހޮސްޕިޓަލްކަމަށް މި ސަރުކާރުން ހަމަޖެއްސި އިރު، މިހާތަނަށް ވެސް ބޮޑު ހޮސްޕިޓަލްގެ ގޮތުގައި ބަލަމުން ދިޔައީ މީގެ އެތައް އަހަރެއް ކުރިން ވަކި ޝަރުޠުތަކަކާއެކު އިންޑިއާ ސަރުކާރުން ބައެއް އެހީ ދީގެން ބިނާކޮށްފައި ހުރި، އޭރުއްސުރެ ބޭނުންކުރަމުން އަންނަ އައިޖީއެމްއެޗެވެ.
___________________________________
ބައެއް ލަފުޒުގެ މާނަ:
ކުރަލުން ނ. (1) ކަމެއްކޮށްކޮށް އާދަވެގެން އެކަމަށް ހޭނުން (މަޖާޒު)
(2) ގައިގެ ހަމުގައި ގިނަ ފަހަރު އެއްޗެއް ކޭއްތިގެން ހަންބޯވުން
ދަރުމަވަންތަ ނ. އަމިއްލަ އެދުމެއް ނެތި، ވަކި މީހަކަށް ތަފާތުކުރުމެއް ނެތި،
އެންމެންނަށް އެއް ގޮތަށް ހެޔޮކޮށް ހިތުން.