Advertisement

ބޭހަކަށް ކުރި ދަތުރު ވޭނަކަށް- "މުންޑު މެނޭޖަރު" ވަން ތާކަށް ވަދެ ގެއްލިއްޖެއެވެ.

18 Jan 2024 | 17:13
.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މީލާދީން 2010ވަނަ އަހަރު ނިމެމުން ދަނިކޮށް ބޭސްފަރުވާއަކަށް އޮޅުދޫކަރައަށް އަޅުގަނޑު ދަތުރެއްކުރީމެވެ. ހަމަ އެކަންޏެވެ. ބޭސްފަރުވާއަކަށޭ ދެންނެވިޔަސް އަޞްލު މި ދަތުރަކީ ޑަކުޓަރު އެދިވަޑައިގެންފައިވާތީ ހަމަ އެކަނި [ދައްކައިލުމަށް ޓަކައި] ކުރި ދަތުރެކެވެ. ގެންދިޔައީ ވަރަށް މަދު ފައިސާ ކޮޅެކެވެ. އަޅުގަނޑުމެން ކަހަލަ މީހަކަށް މާ ގިނަ ފައިސާއެއް ވެސް ނުލިބޭނެތާއެވެ. ދެ ދުވަހެއްގެ ތެރޭގައި އައުމަށް ޓަކައި ހަފުތާ ބަންދާ ދިމާކޮށް ދަތުރު ހަމަޖައްސައިފީމެވެ. ބުރާސްފަތި ދުވަސް ސަލާމަށް ހަދައި، ބުދަ ދުވަހުގެ ރޭ ފުރައިގެން ގޮސް ބުރާސްފަތި ދުވަހު ޑަކުޓަރަށް ދެއްކުމަށް ފަހު، ހުކުރު ދުވަހު އަރާމުކޮށްލައިފައި ހޮނިހިރު ދުވަހު އަންނަ ގޮތަށް ޓިކެޓު ނަގައި ހުރިހާ ކަމެއް ނިންމައިފީމެވެ.

ރޭގަނޑު 8:00ގެ ފެރީއިން ހުޅުލެޔަށް ދިޔުމުން ދެކެފަރިތަ ވަރަށް ގިނަ މީހުންނާ ދިމާވިއެވެ. އޮޅުދޫކަރައާއި އުތުރުކަރައަށާއި ދުނިޔޭގެ އެކި ދިމަދިމާއަށް "އުދުހޭން" ގޮސް ތިބި މީހުންނެވެ. ސަލާންކޮށްލުމަކުން، ސަލާންގޮވައިލުމަކުން ނުވަތަ ޙާލު އަހައިލުމަކުން އަދި ނުވަތަ ކޮންމެވެސް މަޖާ ވާހަކައެއް ޙިއްޞާ ކޮށްލުމަކުން އެކި ރައްޓެހީން މުޢާމަލާތުކޮށް ހެއްޖެވެ.

ފުރާ ގަޑި ޖެހިއްޖެއެވެ. ފުރާން އޮތީ 22:30އެވެ. 22:00 ހައި އިރު ބޯޓަށް އަރައިފީމެވެ. ބޯޓަށް އެރުމާ އެކު، ހިތްހަމަ ނުޖެހުންތަކެއް އިޙުސާސްކުރެވޭން ފެށިއެވެ. ދަތިކަމުންނެވެ. އަޑުގަދަކަމުންނެވެ. އަދިވެސް ނޭނގޭ ކިތަންމެ ސަބަބުތަކަކާ ހުރެއެވެ. ބޯޓަށް އަރައި އިށީންނާން ވީ ގޮނޑި ހޯދަމުން ގޮސް ފެނުނު އިރު، އިށީންނާން ވީ ގޮނޑީގެ އެއް ފަރާތުގައި އިނީ ސިންގަޅައެކެވެ. އަނެއް ފަރާތުގައި އިނީ ދިވެއްސެކެވެ. ހަމަ އެކަނި ދިވެއްސަކީ އެއް ނޫނެވެ. ކުރިން އެއަރޕޯޓުން ބައްދަލުވެގެން ވާހަކަ ވެސް ދެއްކެވި، އަދި ވަރަށް ގާތް އެކުވެރިއެކެވެ. މި ދިމާވީ ވަރަށް އެކަނިފިލާނެ ގޮތެއް ތާއެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވެސް ވަޑައިގަންނަވަނީ ގިނިކަންޏާއެވެ. އަޅުގަނޑު ވެސް މި ދަނީ އެކަންޏެވެ. ނަމަވެސް ތަފާތަކީ އޭނާ ވަޑައިގަންނަވަނީ ޢާއިލާގެ އެންމެންނަށް އެނގިގެން ޢާއިލާގެ ގެޔެއްގައި ޢާއިލާގެ ބައެއް މެންބަރުންނާއެކު ހުންނެވުމަށެވެ. އަޅުގަނޑަކީ ހަމަ "ދާ" މީހެކެވެ. އާލެއްވާލެއް އިޔާރެއް ނެތި، ހަމައެކަނި ހުރި ފުރާނައެކެވެ. ކައިރީގައި އިށީނދެގެން ގަޑިއެއްހާ އިރު، ތިބޭން ޖެހުނީމާ މި ހުރިހައި މަޢުލޫމާތެއް ޙިއްޞާކޮށް ނިންމައިލެވިއްޖެއެވެ. ދެފަރާތުގައި ތިބި ދެ މީހުން ފުރިހަމަކުރާންޖެހޭ ފޯމުތައް ފުރައިދިނުމުގެ "ޝަރަފު" ވެސް އަޅުގަނޑަށް ލިބުނެވެ.

ﷲގެ ރަޙުމަތްފުޅު ބޮޑެވެ. ދިވެހި ރަޙުމަތްތެރިޔާގެ ހިތްޕުޅުގައި އަޅުގަނޑާ މެދު އެހީތެރިވެދެއްވުމުގެ ޝުޢޫރު އުފެދިއްޖެއެވެ. ވަރަށް ހެޔޮފުޅެވެ. ތިމަންނަ ގެޔަށް ވަޑައިގަންނަވާނީ ޢަޒީ ހޮޓަލަކަށް ހަމަޖެހުނީމާ ކަމަށްވިދާޅުވެ އަޅުގަނޑާ އެހީވުމަށް ނިންމަވައިފިއެވެ.

ބޯޓު ޖައްސައިފިއެވެ. ބޯޓުން ފައިބައިގެން "މަޢުމޫލު ހިލޭ" ފިހާރަތަކުގެ ތެރެއިން ރަހަ މީރު ޗޮކުލެޓަށް ބަލަމުން މީރުވަސް ދުވާ ސެންޓަށް ފަރިއަޅަމުން، އަގު ބޮޑެތި އެހެން ހުރިހާ ސާމާނަކަށް ލޯ އުކަމުން ގޮސް ފޮށިތަންމަތި ލިބިގަންނަ ކަމަރުމަތީން އަޅުގަނޑުގެ ކުޑަކުޑަފޮށި އަތުލައިގެންފީމެވެ. ޓެކުސީއެއް ހޯދާން ގޮސް ހުއްޓުނުތަނާ އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވަޑައިގެން ޢަޒީ ހޮޓަލަށް ލައިފަޔޭ ދާނީ ވިދާޅުވެ އަޅުގަނޑާއެކު ކާރަށް އަރައިވަޑައިގެންފިއެވެ. ޓެކުސީ، ދަތުރަށް ފަށައިފިއެވެ. ދެ ހާސް އަށް ސަތޭކަ ރުޕީސްގެ ކުއްޔަށް އެއްބަސްވެގެންނެވެ. ގަޑިއެއްހާ އިރުގެ ދުއްވުމަކަށް ފަހު، އިންދްރާ ރެޖެންޓް ހޮޓެލް ދޮށަށް މަޑުކޮށްފި އެވެ. މީ އަޅުގަނޑު ޢާންމުކޮށް ހުންނަ ތަނަށް ވާތީ، ވަރަށް ފަސޭހައިން ކޮޓަރި ލިބޭނެތީ ކުރީން އެ ކަމާ ނޫޅެ އައީއެވެ. ނަމަވެސް ...... މިފަހަރު މި ހޮޓާ ވަނީ ފުރިފައެވެ. ހުސް ކޮޓަރިއެއް ނެތެވެ. މެންދަމު 12:30އަށް ވުރެ ވެސް ބޮޑުވެއްޖެއެވެ. ކާރު ޑްރައިވަރާ އެކު، އަގު ހަމަޖެއްސީ މި ހޮޓަލާ ހަމަޔަށް އަންނާންކަމަށް ވިޔަސް އަދި ވެސް ދަތުރު ނިމޭކަށް ނެތެވެ. އެހެން ތަނެއް ލިބޭތޯ ޑްރައިވަރުގެ އެހީއަށް އެދިއްޖައީމެވެ. މައްސަލައެއް ނޯންނާނެކަމަށް ޑްރައިވަރު ބުންޏެވެ. އަދި ކޮތަޅެއްގެ ތެރެއިން ނެގި ހާހެއްހއި އެޑްރެސްކާޑުތައް ހާވަން ފަށައިފިއެވެ. އޭގެ ތެރޭގައި އޮތް މިލަ ކުލައެއްގެ ކާޑެއް ނަގައި އޭގައިވާ ނަންބަރަކަށް ގުޅައިލައިގެން ވާހަކަތަކެއް ދައްކައިފިއެވެ.

ފޯނު ބާއްވައިފިއެވެ. ވަރަށް ޔަގީންކަމާއި ހިތް ހަމަޖެހުމާ އެކު ހޮޓަލެއް އެބަ ހުރިކަމަށް ބުނެފިއެވެ. ދުއްވައިލައިފިއެވެ. ކޮން ހިސާބެއްކަމެއް ވެސް ނޭނގޭ އަނދިރި މަގުތަކުން ދުއްވަމުން ގޮސް ގޯޅި ގަނޑެއްގައި ހުރި ކިއްލާ އެއް ކަހަލަ ތަނަކަށް ކާރު މަޑުކޮށްލައިފިއެވެ. ރިމޯޓް ކޮންޓްރޯލް ދޮރެއް ހުޅުވުމާއެކު ކާރު އެތެރެއަށް ވައްދައިފިއެވެ. ދޮރުލައްފައިފިއެވެ. އަޅުގަނޑުމެން ބަންދުވެއްޖެއެވެ.

މީ ހޮޓަލެކޯލައެވެ. ކުޑަކުޑަ ސިޓިންގ ރޫމެކެވެ. ލަކުޑި މޭޒަކާއި ހައެއްކަ ގޮނޑި ހުއްޓެވެ. ކޮނޑުކެނޑިއެއް ލައިގެން މުނޑުން އަރުވައިޖަހައިލައިގެން ހުރި ހަށިގަނޑު ބިޔަ މެނޭޖަރ ނުކުމެއްޖެއެވެ. އެ ތާގެ މޮޅު ވާހަކައިން ބޮޑު ތަޤްރީރެއް ދީފިއެވެ. ހުސް ޔޫރަޕު މީހުން ތިބޭ ހޮޓަލެއްކަމަށާއި އަގަކީ 36 ޑޮލަރުކަމަށް ބުންޏެވެ. ތަނުގެ މުޑުދާރުކަމާއި ތަން ހުރި ހިސާބުގެ ނާމާންކަމުން ހަމަ އެއް ގޮތަކަށް ވެސް މި ތާނގައި ހުންނަ ހިތެއް ނުތްވެވެ. އެކަމަކު ނުކުމެވޭނެ ގޮތެއް ވެސް ނެތެވެ. ބޭރު ދޮރޯށި ތަޅުލައިފިއެވެ. އެހެން ތާކަށް ދާން ބޭނުން ވާހަކަ ބުނީމާ، އެހެން ތަނެއް ނުލިބޭނެކަމަށާއި މިއީ، ހަމަ އެންމެ ރަނގަޅު އެންމެ އަގު ހެޔޮ ތަންކަމަށް ބުނެ ވާހަކައިގެ ކުރި މަރައިލައެވެ. ދެން އެހެން ގޮތެއް ނެތްކަމަށް ބަލައި، މާތް ﷲއާ ވަކީލުކުރުމަށް ފަހު، އެ ތާނގައި ހުނާން ނިންމައިފީމެވެ. އެހާ ތަނުން ޓެކްސީ ޑްރައިވަރު، އަގާ ޝަކުވާކުރާން ފަށައިފިއެވެ. 2800 ރުޕީސްގެ އިތުރަށް 3500 ރުޕީސް ދޭން ޖެހޭނެކަމަށް ބުނެ ޝަކުވާކުރާން ފެށުމުން ޖުމުލަ 6300 ރުޕީސް ދީފީމެވެ. ފައިސާކޮޅު ލިބުމާ އެކު ޑްރައިވަރު ހިނގައްޖެއެވެ.

ދެން އަޅުގަނޑުމެންނަކަށް ދެވޭނެ ގޮތެއް ނެތެވެ. ޓެކްސީއެއް ލިބޭނެކަމުގެ ކުޑަ ވެސް އުންމީދެއް ނެތެވެ. ނަމަވެސް މި ތާނގައި އަޅުގަނޑު ހުއްޓަސް އަޅުގަނޑުގެ ރަޙުމަތްތެރިޔާއަށް އެ ތާކު ނުހުންނެވޭނެތާއެވެ. ޚަރަދު ނުކުރައްވައި އަމިއްލަފުޅު ޢާއިލާއާ އެކު ހުންނެވޭން އޭނާއަށް އެބަ އޮތެވެ. އަނެއް ކޮޅުން، ލަސްވެގެން އިރުއިރުކޮޅާ އޭނާއަށް ގެއިން އެބަ ގުޅައި ވެސް މެއެވެ.

ގޮތް ހުސްވެއްޖެއެވެ. "މުންޑު މެނޭޖަރު" ވަން ތާކަށް ވަދެ ގެއްލިއްޖެއެވެ. ރަނގަޅު ދެ ޝިކާރަ އަތުގައި ޖެހުނީމާ ހިތްހަމަޖެހިގެން ހުރި ކަހަލަ ގޮތަކަށް ވަރަށް އުފަލުން ހުރެއެވެ. ނަމަވެސް އަޅުގަނޑުމެން ކައިރީގައި ފާޑެއްގެ މީހަކު ހުއްޓެވެ. އޭނަ ގާތުގައި ކޮޓަރި ދައްކާށޭ ބުނީމާ ބުނީ އަދި ކޮޓަރިއެއް ހުސްވާނީ ދެ ގަޑި އިރު ފަހުން ކަމަށެވެ. އެހާ އިރަށް ދެން މަޑުކޮށްލާންވީއެވެ. ސައި ވެސް ދީފާނަމެވެ.

އަރައިގަތް ރުޅިއެއް ނުވެސް އެނގެއެވެ. އެހެންޏާ މިހާރު ފަތިހު 3:00 ވަނީއެވެ. އަދި މި އުޅެނީ ބުރަކަށި ދަމައިނުލެވިގެންނެވެ. މި ތަނުން ނެރެދޭށޭ ބުނެ ޝަކުވާކުރާން ފަށައިފީމެވެ. ބޮސް ގާތަށް ގޮސްފައި އެބަ އަންނަމޭ ބުނެފައި ތަޅުލައިފައި ހުރި ބޭރު ދޮރޯށި ހުޅުވައިފައި ދޮރުފަތް ހުޅުވައިލައިފިއެވެ. އަޅުގަނޑުގެ ރަޙުމަތްތެރިޔާ ވަރަށް ހުޝިޔާރެވެ. ދޮރޯށި ތަޅުލާނެ ފުރުޞަތު ނުދީ ހިފެހެއްޓުމަށް ފަހު، ފޮށިތަންމަތި ހިފައިގެން ބޭރަށް ނުކުންނާން އަޅުގަނޑަށް އިރުޝާދުދެއްވައިފިއެވެ. ވަރަށް ހުޝިޔާރުކަމާ އެކު އަޅުގަނޑު ވެސް ފޮށީތަންމަތި ހިފައިގެން ދޮރޯށިން ބޭރަށް ދެމިގެންފީމެވެ. ފާރަޔަށް ބަހައްޓައިފައި ހުރި ފާރަވެރިޔާ ބޮސް އަންނަ ދެން މަޑުކުރަން ބުނެ، ކޮޅުކޮޅު މައްޗަށް ދުވާން ފަށައިފިއެވެ. ނަމަވެސް ކޮނޑުގައި ދަބަސް އަޅުވައިގެން ދެ މީހުން ދެ ފޮށި ދަމަމުން އެ ކަލޭގެ ލޯމަތީން އޮބަންދެން ދުވަމުން ގޮސް އެހެން ގޯޅިއަކަށް ވަދެއްޖައީމެވެ.

ނުރައްކަލާއި މާޔޫންކަން ވަކި ކުޑައެއް ނުވެއެވެ. ތިބެވުނީ ކޮން ހިސާބެއްގައި ކަމެއް ވެސް ނޭނގެއެވެ. މަގުމަތީން މީހަކާ ދިމައެއް ނުވެއެވެ. ދުއްވައިފައިދާ ކާރެއްގެ ހިލަމެއް ވެސް ވަނީ މަދު ފަހަރަކު އެވެ. ހިނގައިފައި ކުރިޔަށް ދިޔައީއެވެ. ބޮޑު މަގަކަށް ނިކުމެވިއްޖެއެވެ. ﷲ ގެ ރަޙުމަތާއެކު މާ ގިނައިރަކު އަތް ހިއްލަހިއްލައި ތިބޭކަށް ނުޖެހުނެވެ. ޓުކްޓުކް (ކުރޮޅި)އެއް މަޑުކޮށްލައިފިއެވެ. ނަމަވެސް އޭގައި ދަތުރުވެރިޔަކު އިނެވެ. މީނާ ގެޔަށް ބާލައިފައި 15 މިނިޓު ތެރޭގައި އެބަ އަންނަމޭ ބުނެފައި އައިކޮޅަށް ހިނގައްޖެއެވެ. 15 ވަރަކަށް މިނިޓް ފަހުން އަތުވެއްޖެއެވެ. މި އޮއް ފަތިހު މީހުނާ މިހާ ދުރު ހިސާބަކުން މިފަދަ ގޮތަކަށް ވެސް ސަލާމަތް ކުރެއްވިކަމަށް ޓަކައި ﷲއަށް ޙަމްދު ހުށްޓެވެ.

ޔަޤީނުން ވެސް ކޮޓަރި ހުންނަހާ ބޮޑު ތާކަށް ދާށޭ ބުނުމުން ޑްރައިވަރުގެ މަސައްކަތް ފަށައިފިއެވެ. މިއީ މަޖާ ޑްރައިވަރެކެވެ. ފަތުރުވެރީންނަށް މަގުދައްކާ އާރުކާޓީއަކަށް ރަނގަޅު ބޭބެއެކެވެ. ލޯމަތީން ފެންނަ ހުރިހާ ތަނެއްގެ ތަޢާރަފު ދެމުން، ފެންނަހައި ހޮޓަލެއްގެ ކައިރިއަށް މަޑުކޮށް ޖާގަހުރިތޯ އަހަމުން އެބަހަރަގެން ދެއެވެ. އެންމެ ފަހުން އޮޅުދޫކަރައިގެ އެންމެ ބިޔަ މަޝްހޫރު އެއް ހޮޓާކަމުގައިވާ "ސިނަމަން ގްރޭންޑް" ކައިރިއަށް މަޑު ކޮށްފިއެވެ. ކައިރިއަށޭ ދެންނެވިޔަސް މިހާ ފެންވަރު ދަށް އުޅަނދު ފަހަރަށް މި ހޮޓަލާ ކައިރިވެވެނީ ވެސް ވަކި ހިސާބެއްގެ ދުރަށެވެ. މި ފަހަރު މި އަނގަތަޅާ ޑްރައިވަރާ އެކު ހޮޓަލުތެރެއަށް އަޅުގަނޑު ވެސް ވަނީމެވެ. ޓުކްޓުކްގައި ދިވެހި ރަޙުމަތްތެރިޔާ ބައިންދައިފައެވެ.

ފަތިހު 4:00 ވަނީއެވެ. ނިދި ވެސް އަންނަނީއެވެ. ވަރުބަލިވެގެން ހަލާކުވަނީއެވެ. މި އުޅެނީ އަދި ހުންނާނެ ތަނެއް ހަމަނުޖެހިއެވެ. ސިނަމަން ގްރޭންޑުން ޖާގަ ލިބިއްޖެއެވެ. މި ހޮޓަލުގައި ޖާގަ ދެނީ މެންދުރު 12އިން މެންދުރު 12އަށްކަމަށް ވާތީ އަގުނަގާނީ މެންދުރު 12އާ ހަމަޔަށް އެއް ދުވަހުގެ ގޮތުގައެވެ. ދުވާލެއްގެ ކުތްޔަކީ 140 ޑޮލަރެވެ. އަށް ގަޑި އިރަށް މި ޖެހެނީ ދިވެހި ރުފިޔާގެ ދެ ހާހެއްހާ ރުފިޔާ ޚަރަދުކުރާށެވެ. ކުރާނެ ކަމެއް ނެތެވެ. މާތް ﷲއާ ވަކީލުކޮށްފައި އަޅުގަނޑުގެ ފޮށިތަންމަތި ބާލައި އިދާރީ ކަންކަން ހަމަޖެއްސުމަށް ފަހު ކޮޓަރިއާ ޙަވާލުވެ، ސާމާނު ކޮޓަރިއަށް ލުމަށް ފަހު  ރަޙުމަތްތެރިޔާ ގެޔަށް ލާން ހިނގައްޖައީމެވެ. އަޒީ ނުދިޔަޔަސް އެންމެ ރަނގަޅޭ ވިދާޅުވިއެވެ. ނަމަވެސް އަޅުގަނޑާ ހުރެ މުޅި ރޭގަނޑު ވޭތުކޮށްލެއްވި ރަޙުމަތްތެރިޔާއަށް އިޙުސާންތެރިވުމަކީ އަޅުގަނޑަށް ފުރުޞަތު ލިބުނީމާ ރަޙުމަތްތެރިޔާ އިހުމާލުކޮށްލުން ނޫންކަން ޤަބޫލުކުރާތީ، އޭނާ ގެޔަށް ލާން ހިނގައްޖައީމެވެ. ސްރީ މަހާ ގޯދީ ރޯޑް ކިޔާ ގޯޅި ގަނޑެއްގައި ހުންނަ ގެޔެއްކަމަށް ވާތީ މި ގެޔެއް ހޯދަން އަނެއްކާ ގަޑިއެއްހާ އިރު ދުއްވާން ޖެހުނެވެ. މި ގެޔެއް ވެސް ފެނުނީ އެ ހިސާބުގައި އެތައް ފަހަރަކު ކުރުކާލި ކަނޑައިގެންނެވެ. އެންމެ ފަހުން މި ގެ ފެނިގެން ރަޙުމަތްތެރިޔާ ގެޔަށް ވެދެވަޑައިގެންފިއެވެ.

މި ހުރިހާ ކަމެއް ނިމުމަށް ފަހު އަޅުގަނޑަށް ހޮޓަލަށް ދެވުނީ 5:30ގައެވެ. ފެންވަރައިގެން ނިދާންކަމަށް އުޅެލުމަށް ފަހު ސައިބޮއިގެން ހޮޓަލަށް ދައްކާންޖެހޭ ފައިސާ ދައްކާން ދިޔައިމާ އިތުރު އެތައް ބަހަނާތަކެއް ދެއްކުމަށް ފަހު 157 ޑޮލަރު އަތުލައިފިއެވެ. އަދި މި ދުއްވާ ދުއްވުންތަކަށް ޚަރަދުކުރާންޖެހޭ ވަރު މި އުޅެނީ ދަންނަވާން ވެސް ނޭނގިގެންނެވެ. މި ކަންކަމަށް ފަހު ބަލައިލި އިރު،  އަޅުގަނޑު މާލެއިން ގެންދިޔަ 500 ޑޮލަރގެ ތެރެއިން އަޅުގަނޑުގެ އަތުގައި ބާކީ އޮތީ މުޅި އެކު 183 ޑޮލަރެވެ. ޑޮކުޓަރަށް ދެއްކުމަށާއި ހޮނިހިރު ދުވަހާ ޖެހެންދެން ކައިބޮއި ނިދައި ހަދައި ބާޒާރުކޮށްލާން ހުރި ފައިސާއަކީ މިއީއެވެ. ކޮންމެ އަކަސް ޙާލުގައި  ޖެހިދާނެކަމަށް ވިސްނާން ޖެހޭ ހިސާބަށް ކަންތައް ދިޔައީއެވެ. މާލެ ގޮސް ކްރެޑިޓް ކާޑެއް ހައްދާނަމޭ ވެސް ހިތަށް އެރީ އެ ދަތުރުގައި މި ކަނތައްގަނޑު ދިމާވީމައެވެ.

ބާރަ ޖެހުމުގެ ކުރިން ޗެކްއައު ވެއްޖައީމެވެ. އެހެން ނޫނީ އަނެއްކާ އިތުރު 157 ޑޮލަރު އެ ތަނަށް ދޭންޖެހިދާނެތީއެވެ. ކުރޮޅިއަށް އަރައިގެން އަނެއްކާ ވެސް އިންދިރާ ރެޖެންޓް ހޮޓަލަށް ދިޔައިރު ކޮޓަރިއެއް ހުސްވަނީއެވެ. ނަމަވެސް މިއީ އަގު ބޮޑު ކޮޓަރި އެކެވެ. ސޫޓެކެވެ. ދިވެހިންނަށް ދޭ ޚާއްޞަ ޑިސްކައުންޓާ އެކު 6500 ރުޕީސް އަށް ކަމަށް ކޮޓަރި ހިފައިފީމެވެ. އަދި އަޒީ ފުރާން ހަމަޖެހިފައި އޮތް ގަޑިޔާ ހަމަޔަށް ދައްކާން ޖެހޭ ކުތްޔާއި އެއަރުޕޯޓަށް ކުރާ ދަތުރަށް ވެސް ހޮޓަލުގެ މެނެޖްމަންޓާ ގުޅިގެން ފައިސާ ދައްކައި ޚަލާޞްކޮށްފީމެވެ. އަދި ޑޮކުޓަރަށް ގޮސް ނިންމައިލި އިރު 500 ޑޮލަރ ހިފައިގެން އައި އަޅުގަނޑުގެ އަތުގައި އޮތީ އެންމެ 50 ޑޮލަރެވެ.  ދެން އެއްވެސް ތާކަށް ނުދެވޭނެތާއޭ ހިތަށް އަރައި އެ 50 ޑޮލަރ މާރުކޮށްލައިގެން ބަނޑުފުރާނަ މުއްތި ވާވަރަށް ކައިލަކައިލައި ހޮނި ހިރު ދުވަހު 6 ޖަހާއިރަށް މަޑުކުރީއެވެ. ކަނޑައެޅިފައިވާ ތާވަލާ އެއް ގޮތަށް ހޮޓަލުގެ ފަރާތުން ވައިގެ ބަނދަރަށް ގެންގޮސްދިނީތީވެ، އަދި ޓިކެޓް އޮތީތީވެ، ﷲގެ ރަޙުމަތާއެކު މިހިރީ އެނބުރި މާލެ އާދެވިފައެވެ. މާލެ އާދެވުނީ ވެސް ހަމަ އާދެވުނީއެވެ. ލާންކާއިން މާލެއަށް ކުރާ ދަތުރުގެ ދިގުމިނަކީ އެއް ގަޑި 10 މިނިޓް ކަމަށް ބޯޓުގެ ކައްޕިތާނު އިޢުލާނު ކުރި އެވެ. ނަމަވެސް ފުރިތާ އެއް ގަޑި އިރު ވީތަނާ ކައްޕިތާނު އިޢުލާންކުރެއްވީ އެއަރުޕޯޓްގެ ކާރޫބާރޫ ބޮޑުކަމުން އެއަރުޕޯޓަށް ޖައްސާން ހުއްދަ ނުލިބުނުކަމަށާއި އަދި ގަޑިއެއްހާއިރު ވެދާނެކަމަށެވެ. އޭރު ރާއްޖޭގެ ރީތި ރަށްތައް ފެނެ އެވެ. ނަމަވެސް ހުއްދަ ލިބެންދެން މަތީގައި "މަޑުކުރުމަށް" ފަހު، ލަންކާއިން ފުރިތާ 110 މިނިޓު ވީތަނާ މާލޭ އެއަރޕޯޓަށް ބޯޓު ތިރިކޮށްފިއެވެ.

ކޮންމެއަކަސް ޞިއްޙީ ފަރުވާއަކަށް ނުވަތަ ބޭސް ފަރުވާއަކަށް ކުރި ދަތުރު މިވީ ވަރަށް ހިތްދަތި ވޭނީ ދަތުރަކަށެވެ. އާދޭހެވެ! "ބޭހަކަށް ކުރި ދަތުރު ވޭނަކަށް" ވެގެން ނިމުނީއެވެ. އެހެންނަމަވެސް މި ދަތުރުން ވަރަށް ގިނަ ކަންކަން ދަސްވެ، ބޭނުންތެރި ވަރަށް ގިނަ ތަޖުރިބާތަކެއް ލިބުނެވެ. ހަމަ ގައިމު ވެސް މިއީ ކުރިމަގަށް ކަންކަން ރޭވުމުގައި އަޅުގަނޑަށް ފައިދާކުރާނެ ގިނަގުނަ ތަޖުރިބާތަކެއް ލިބުނު ތާރީޚީ ދަތުރެކެވެ. އެއްކަލަ ރަޙުމަތަތެރިޔާއަކާ ދެން ފަހަކުން ދިމައެއް ނުވިއެވެ. ލަންކާގައި މަޑުކުރެއްވީ ވެސް ތޯއްޗެކެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
މިއި ސަމާސާ އަދަބުގެ ލިޔުމެކެވެ.

Advertisement

ކޮމެންޓް
މަރިޔަމް ޢާޤިޞާ
އުސްތާޒުގެ ރަޙުމަތްތެރިޔާގެ ނަން އެއްވެސް ތަނެއްގައި ހިމަނުއްވައިފައި ނެތީ ކީއްވެބާއޭ ހިތަށް އެރި. އެއީ މީހެއްގެ ޒާތީ މަޢުލޫމާތަކަށް ވެދާނެތީތޯ، ނޫނީ އެހެން ސަބަބަކާ ހުރެތޯ؟
19 Jan 2024
ރިޟުވާނު
ދަތުރުގެ ވާހަކަ ވަރަށް މަޖާ . ބިރުވެރި ވާހަކައެއް ލިޔެލެވޭނެ ނޯޓަކަށްވެސް ފުދޭ.
21 Jan 2024