އިސްރާއިީލުގެ ހަރުކަށި، ލާއިންސާނީ ބަސްމަގަކީ އިސްރާއީލާ ދެކޮޅަށް ހުށަހެޅި ނަސްލުހޭދު މައްސަލައިގެ އެންމެ ބާރުގަދަ ހެކިތަކަށް ވާނެއެވެ.
"އިންސާނީ ޖަނަވާރާ" ދެކޮޅަށް ހަނގުރާމަކުރުން، ޣައްޒާ "ޤަތުލުގާފަކަށް" ހަދައިލުން، "ޣައްޒާ ދުނިޔޭގެ ޗާޓުން ފޮހެލުން" ފަދަ ޣައްޒާ ފަނާކޮށްލާން މަސައްކަތްކުރާކަން ދޭހަވާ ހަރުކަށި ލާއިންސާނީ ޢިބާރާތްތަކަކީ އިސްރާއިލުން ނަސްލުހޭދުގެ ޢަމަލުތައް ހިންގާކަން ސާބިތުކޮށްދިނުމަށް ޓަކައި އދ.ގެ ދުނިޔޭގެ ކޯޓު ގައި ދެކުނު އެފުރިކާއިން ބޭނުންކުރާ މައިގަނޑު ހެކިތަކެވެ. ދެކުނު އެފުރިކާއިން ބުނާ ގޮތުގައި އޮކުޓޫބަރު 7ގެ ޙަމަލާއަށް ފަހު، އިސްރާއީލުގެ އިސްވާރުންނާއި ފަހުލަވާނުންނާއި ފަންނުވެރީން، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނީނާ މެދު ވާހަކަދައްކައިފައި ހުރި ބަސްމަގާއި ކޮށްފައި ހުރި ކޮމެންޓުތަކަކީ ފަލަސްތީން ނައްތައިލުމަށް ޓަކައި ނަސްލުހޭދު ހިންގުމުގެ ނިޔަތާއި ގަސްތު އޮތްކަން ސާބިތުވާ ވަރުގަދަ ހެކިތަކެކެވެ.
އިސްރާއީލުގެ އިސްވާރުން މީޑިއާގައްޔާއި މީސްމީޑީއާގައި ދައްކައިފައި ހުރި ވާހަކަތަކާއި ކޮށްފައި ހުރި ކޮމެންޓުތައް މިހާރު ވަނީ ބަދަލުކޮށް ފޮހެލައި ހަދައިފައެވެ. ބައެއް ޔަހޫދީން މިހާރު ބުނަނީ އެ ފަދަ ޢިބާރާތްތައް ބޭނުންކުރެވުނީ ޙަމާސުން ދިން ކުއްލި ޙަމަލައާ ގުޅިގެން ލިބުނު ކުއްލި ސިހުމާއި ހާސްކަމުގެ ސަބަބުންކަމަށެވެ.
އިންސާނީ ޙައްގުތަކަށް މަސައްކަތްކުރާ ގުރޫޕުތަކާއި ޙަރަކާތްތެރީން ބުނާ ގޮތުން އިސްރާއީލުގެ އެ ބަސްމަގަކީ އެތައް ދަހަރެއް ވަންދެން ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލުން ހިންގި ލާއިންސާނީ އަމަލުތަކުގެ ކުޑަކުޑަ މިންވަރެކެވެ. އެ މީހުން ބުނާ ގޮތުގައި އެ ފަދަ ބަސްމަގު ހުރި ވެކުކުރުމެއް ނެތި ދޫކޮށްލެވިފައެވެ. އެހެންވީމާ ފަލަސްތީނީންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތައް ހިންގުމާއި ހަމަނުޖެހުން ހިނގާ ކަމުގެ ޙަވާލާއަކަށް އެ ބަސްމަގު ވާނެއެވެ.
އިސްރާއީލުގެ މަގުބޫލު ގާނޫނީ ވަކީލެއްކަމަށްވާ މައިކަލް އެސްފާޑް ބުނެފައި ވަނީ "ބަސްމަގަކީ ޢަމަލުތަކަށް މަގުދައްކާ އެއްޗެކެވެ." އޭނާ ބުނާ ގޮތުގައި "ސިރިއަސް ޖަރީމާތަކަކީ އެއްވެސް ކަމަކަށް ނުވާ އާދައިގެ ކަންކަންކަމަށް ހަދައިގެން ވާހަކަދެއްކުމުގެ ސަބަބުން އެ ފަދަ ޖަރީމާތައް ހިނގުމަށް ޓަކައި މަދަނީންނަށް އެ އުފައްދައިދެވެނީ އިޖުތިމާޢީ، ސިޔާސަތީ އަދި ސުލޫކީ އަސާސެކެވެ."
އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤުވާމީ ކޯޓުގައި ވަކާލާތުކުރާ ދެކުނު އެފުރިކާގެ ވަކީލުން<br>
އިސްރާއީ ދާ ދެކޮޅަށް ދެކުނު އެފުރިކާއިން ހުށަހެޅި ނަސްލު ހޭދުގެ މި ވޭދަނަ "ދަހޭގު"ގައި ހުންނަ ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓުގައި މި ދިޔަ ހަފުތާގައި ވަނީ އިއްވައިފައެވެ. ސައުތު އެފުރިކާއިން އުންމީދުކުރަނީ އަދި ދުނިޔޭގެ ގިނަ ބަޔަކު އުންމީދުކުރަނީ މި މައްސަލަ އިސްރާއީލުގެ މައްޗަށް ސާބިތުވާނެކަމަށެވެ. ޣައްޒާއާ ދެކޮޅަށް ހިންގާ ޢުދުވާނުގެ ނިޔަތަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން ހިންގާ ނަސްލުހޭދެއްކަމަށް ސާބިތުކޮށްދޭން ހުށަހެޅި ހެކިތަކުގެ ތެރޭގައި އިސްރާއީލުގެ ހަރުކަށި ބަސްމަގާއި ކޮށްފައިހުރި ކޮމެންޓުތައް ވެސް ދެކުނު އެފުރިކާއިން ހިމަނައިފައިވެއެވެ.
"ނިޒާމީ ގޮތެއްގައި ބޭނުންކޮށްފާއި ހުންނަ ލާއިންސާނި ބަސްމަކީ މި ޙާލަތުގައި ޤަރީނާއެކެވެ." ދެކުނު އެފުރިކާގެ ފަރާތުން ބައިނަލް އަގުވާމީ ކޯޓުގައި ވަކާލާތުކުރައްވަމުން ގާނޫނީ ވަކީލު ޓެމްބެކާ އުންކުކައިޓޯބީ ވިދާޅުވެފައިވެއެވެ. "ނަސްލުހޭދާ ގުޅޭ ބަސްމަގަކީ އެއްވެސް ޙާލެއްގައި މި މައްސަލައިގެ އިމުން ބޭރުގައިވާ ކަމެއް ނޫނެވެ. އިސްވާރުންގެ އެ ފަދަ ބަސްމަގުން އަންގައިދެނީ އެ ދައުލަތުގެ ސިޔާސަތެވެ."
ކޮންމެއަކަސް މުޅި ދުނިޔެ ބަލާން ތިބީ ދުނިޔޭގެ "ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓު"ގައި އެ މައްސަލަ ނިމޭގެ ގޮތަކަށެވެ. އޭރުން ކޯޓުގައި ދެ ފަރާތުން ދައކައިފައިވާ ވާހަކަތަކާއި ހުށަހަޅައިފައިވާ ހެކިތަކަށް ބިނާކޮށް އިންސާފު ގާއިމުކުރެވޭ މިންވަރު ދުނިޔެއަށް ހާމަވާނެއެވެ. (ޙަވާލާ: އެސޯޓެޑް ޕްރެސް)
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
ބަސްމަގު ނ. ވާހަކަދައްކާ ގޮތް
ވޭދަނަ ނ. (1) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ ދާއިރާއެއްގައި ބަލަމުންދާ މައްސަލަ. (2) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ މައްސަލައެއް ނުވަތަ ހާލަތެއްގައި ހިމެނޭ މީހާ.
ޖަރީމާ ނ. ބޮޑެތިކުށް.
ނިޔަތް ނ. ގަސްތު.
ގަސްތު ނ. ކަމަކަށް ނުވަތަ ކަމެއް ކުރުމަށް ހިތަށް އަރާ އެރުން
ކޮމެންޓު ނ. ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން.
ގަތުލުގާފު ނ. މަރަށް ނިޔާކަނޑައަޅައިފައިވާ މީހުން ގަތުލުކުރާ ތަން
ދަހަރު ނ. ދިހަ އަހަރު