Advertisement

ލާމަރުކަޒީ ނިޒާމުގެ މުއައްސިސުންނަކީ ރައީސް އިބްރާހީމް ނާޞިރާއި ރައީސް މައުމޫނެވެ.

17 Jan 2024 | 20:46
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން 2022ގައި ބޭއްވި "ވިޔަވަތި ކޮންފަރެންސްގައި، ދިވެހިރާއްޖޭގައި ހުންނަވާ، އދ.ގެ ތަރައްގީގެ ޕްރޮގްރާމްގެ ދާއިމީ މަންދޫބު އެންރިކޯ ގަވެންގްލިއާ ތަގުރީރުކުރައްވަނީ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.

ދިވެހިރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ ލާމަރުކަޒީ ނިޒާމު ނުވަތަ ލޯކަލް ކައުންސިލްތަކުގެ ނިޒާމުގެ "މުއައްސިސުން"ނަކީ ތިމަންނަމެންކަމަށް ވަކާލާތުކުރާ ބަޔަކު އުޅެއެވެ. ނަމަވެސް އެއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމުން އެންމެ ރަނގަޅަށް ހިނގައިފައިވަނީ 1961ވަނަ އަހަރާއި 1975ވަނަ އަހަރާ ދެމެދުގައި "އަތޮޅު ކޮމިޓީގެ ޤާނޫނު"ގެ ދަށުންނެވެ. އޭރު ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަޤާމުގައި, ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. ފަހުން، ތަންކޮޅެއް ޒަމާނީ ގޮތަކަށް އެ ނިޒާމު ތަޢާރަފުކުރެވުނީ 2008ވަނަ އަހަރު ފާސްކުރެވުނު ގާނޫނުއަސާސީގައި ރާއްޖޭގެ އިދާރީދާއިރާތައް ހިންގާން ޖެހޭނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅައިފައި އޮތުމުންނެވެ. އޭރު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވީ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤައްޔޫމެވެ. މި ވާހަކައިގެ އިތުރު ތަފުޞީލުތައް ވިދާޅުވަމުން ގެންދަވާށެވެ!

"ރާއްޖޭގައި އަތޮޅު ކޮމިޓީ އުފެއްދުމުގެ ޚިޔާލަކީ އައްޑޫ ގަޑުބަޑުގެ ދުވަސްވަރު 1961ވަނަ އަހަރުގެ ކުރީކޮޅު އައްޑުއަތޮޅުގެ ފަރާތުން ދިވެހި ސަރުކާރަށް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. މި ދެންނެވި ހުށަހެޅުމުގައި ވަނީ އަތޮޅުގެ ކަންކަން އަތޮޅުގެ ރައްޔިތުންގެ ތެރެއިން ރައްޔިތުން ހޮވާ ކޮމެޓީއަކާ ހަވާލުކޮށްގެން ހިންގުމުގެ މައްޗަށެވެ. އަތޮޅުވެރިޔާ، ސަރުކާރުން ޢައްޔަނުކުރައްވާ ގޮތަށެވެ. މި ހުށަހެޅުން ސަރުކާރުން ގަބޫލުކުރައްވައި، އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ނިންމެވީ އަތޮޅުތައް ހިންގުމުގައި ރައްޔިތުން ބައިވެރިވާ "ލޯކަލް ގަވަރމެންޓް" ނިޒާމެއް ގާއިމުކުރައްވާށެވެ. މި ނިޒާމު ގާއިމުކުރައްވާން ބޭޏުންފުޅުވި ގާނޫނުގެ ބިލު ފަރުމާކުރުމުގައި އަސްލަކަށް ބެއްލެވީ އޭރުގެ ސިލޯނުގެ މުނިސިޕަލް ކައުންސިލާއި އާރބަން ކައުންސިލްގެ ގާނޫނެވެ. މި ގާނޫނުގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްވީ 1961 ޖުލައި 18ގައެވެ. މި ބިލު ތަސްދީޤުކުރައްވައި ޤާނޫނަކަށް ވުމުން އެ ގާނޫނުގެ ދަށުން އިންތިޚާބުކުރެވުނު އަތޮޅުކޮމެޓީތަކަކީ އަތޮޅުގެ ރައްޔިތުންގެ އާންމު ފައިދާއާއި ދިރިއުޅުން ތަނަވަސްވާނެ ގޮތްތައް ހޯދައިދޭން މަސައްކަތްކުރާ ކޮމެޓީތަކެވެ. އަދި އަތޮޅާ ބެހޭ ގަވާއިދުތައް ހެދުމާއި މުޅި އަތޮޅުގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ ވެސް އަތޮޅު ކޮމެޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމެނިފައިވާ ކަންތައްތަކެކެވެ. އަތޮޅު ކޮމެޓީގެ މުއްދަތަކީ ދެ އަހަރެވެ. މެންބަރުންގެ ޢަދަދަކީ މަދުވެގެން 6އެވެ. ގިނަވެގެން އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މެންބަރެކެވެ. މި ގޮތުގެ މަތީން އެންމެ ފުރަތަމަ އުފެދުނު އަތޮޅު ކޮމެޓީއަކީ މާލެއަތޮޅު އަތޮޅު ކޮމެޓީއެވެ. 1961 އޮގަސްޓް 29ގައި މި ކޮމެޓީ ރަސްމީކޮށް އިފުތިތާޙުކުރެއްވީ ވަޒީރުއްޞިއްޙާ، ޞާޙިބުއްސަޢާދާ އަލްފާޟިލް އަޙުމަދު ޙިމްމީ ދީދީއެވެ. އެ އަހަރު ނިމުމުގެ ކުރީން އެންމެ ދެކުނުގެ ހަތަރު އަތޮޅު ފިޔަވައި އެހެން ހުރިހައި އަތޮޅެއްގައި އަތޮޅު ކޮމެޓީ ގާއިމުކުރައްވައި ނިންމެވިއެވެ. 1964ވަނަ އަހަރު ނިމުމުގެ ކުރީން އެ ހަތަރު އަތޮޅު (ގއ.، ގަދ.، ޏ.، ސ.)ގައި ވެސް އަތޮޅު ކޮމިޓީތައް އިންތިޚާބުކޮށް ނިންމެވިއެވެ." މިއަދު މި ހިނގާ ލާމަރުކަޒީ ނިޒާމުގެ ފެށުމަކީ އެއީކަމަށް އަޅުގަނޑު ދެކެމެވެ. ބަޔަކު މި ކަމާ އެއްބަސް ނުވިޔަސް މިއީ އަޅުގަނޑުގެ ނަޒަރެވެ. އެ ޤާނޫނުގެ ދަށުން އުފެދުނު އަތޮޅު ކޮމެޓީއަށް މެންބަރުން ހޮވީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް މެންބަރު އެއީ އަތޮޅުވެރީންކަމަށް ކަނޑައަޅުއްވައި އަތޮޅުވެރިކަމުގެ ފަތްކޮޅު ރައީސުލްޖުމުހޫރިއްޔާ ދެއްވަނީއެވެ. މިއީ ފަހުން ހަމަޖެއްސެވި އުޞޫލެކެވެ.

މި ނިޒާމުގެ ދަށުން ކޮންމެ އަތޮޅެއްގައި މުޅި އަތޮޅަށް ނިސްބަތްވާ ދެ އިދާރާއެއް އުފެދުނެވެ. އެއީ އަތޮޅު ކޮމިޓީ އޮފީހާއި އަތޮޅު އޮފީހެވެ. އަތޮޅު ކޮމެޓީގެ އިންތިޚާބުގައި މުޅި އަތޮޅުން ނެގި ވޯޓުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތް ބޭފުޅަކީ އަތޮޅު ކޮމެޓީގެ ރައީސެވެ. އެ ހައިސިއްޔަތުން އަތޮޅު ކޮމެޓީގެ އަދި "އަތޮޅު ކޮމެޓީ އޮފީހު"ގެ އެންމެ އިސްވެރިޔަކީ އެ ބޭފުޅެކެވެ. އަތޮޅު ކޮމެޓީ އޮފީހުގެ ލިޔުންތަކުގައި ސޮއިކުރައްވާނީ އަތޮޅުކޮމެޓީގެ ރައީސްގެ ޙައިސިއްޔަތުންނެވެ. އަތޮޅު އޮފީހުގައި އޭނާގެ ހައިސިއްޔަތަކީ އަތޮޅުވެރިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ފަތްކޮޅަކުން އެ މަގާމު ދެއްވައިފައިވާތީއެވެ.

މި ނިޒާމުގެ ދަށުން އުފެދުނު އަތޮޅު ކޮމެޓީ އޮފީހަކީ އަތޮޅުގެ ތަރައްގީގެ ހުރިހާ ކަމެއް ބަލަހައްޓަވާ އެންމެ އިސް އިދާރާއެވެ. މިސްކިތްތައް ބިނާކުރުމާއި ރަށްރަށުގެ ޗާޓުކުރެހުން ފަދަ ކިތަންމެ މަސައްކަތެއް އެ އޮފީހުން (އަތޮޅު ކޮމެޓީއިން) އޭރު ކޮށްފައި އެބަ ހުއްޓެވެ. އެ ކޮމެޓީއަށް އާމްދަނީ ލިބެއެވެ. ވިޔަފާރި ފައިދާއާއި ވިޔަފާރި ފީއާއި ފަޅު ރަށްރަށުގެ ވަރުވާ ފަދަ ކިތަންމެ އާމްދަނީއެކެވެ. އެހެންވީމާ އަތޮޅު ކޮމެޓީއިން އަދާކުރީ އަތޮޅުގެ ތަރައްގީގެ ދައުރެވެ.

އަނެއްކޮޅުން އަތޮޅު އޮފީހާއި އަތޮޅުވެރިޔާގެ ދައުރަކީ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމެވެ. ހަގީގަތުގައި ސަރުކާރުގެ ފަރާތުން ފޮނުއްވައިފައި ހުންނަވާ ގަވަރުނަރުގެ ދައުރު އަދާކުރައްވަނީ އަތޮޅުވެރިޔާއެވެ.

އޭރު އަތޮޅުވެރީންނަށް ވަރަށް ބޮޑެތި ބާރުތަކެއް އޮވެއެވެ. މީހަކު މުޖުތަމަޢަށް ދޫކޮށްލައިފައި ހުރެއްޖެ ނަމަ، އެ މީހަކު ބަންދުރުކުމުގެ ބާރު ވެސް ގާނޫނީ ގޮތުން އަތޮޅުވެރިޔާއަށް އޮންނަނީ ލިބިދީފައެވެ.

ކޮންމެއަކަސް މި ނިޒާމު މާ ގިނަ ދުވަހަކު ދެމިއެއް ނޯތެވެ. އިސްވާރުންގެ ބާރު ހޯދުމުގެ "ހަނގުރާމަ"އިގެ ސަބަބުން އުފެދުނު ހަމަނުޖެހުމަކާ ހުރެ، ނުވަތަ ކޮންމެވެސް ސަބަބަކާ ހުރެ އެ ނިޒާމު އުވި، މަރުކަޒީ ނިޒާމަށް އެ ނިޒާމު ބަދަލުވިއެވެ. މިހެން ވެފައި ވަނިކޮށް، އަލުން ލާމަރުކަޒީ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ރައީސް މައުމޫންގެ ޒަޢާމަތުގެ ފަހުކޮޅުގައެވެ. މި ކަން އެންމެ ބާރަށް ހިންގަވައިލައްވާން ޙަވާލުކުރެއްވީ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަންނަބީލު މުޙަންމަދު ވަޙީދުއްދީނާއެވެ.

މިހާރު މި ހިނގާ ލޯކަލް ކައުންސިލްތައް ވުޖޫދަށް ގެނައުމަށް ޓަކައި ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ ޤާނޫނު" ފާސްކުރުމުގައި އަޅުގަނޑު ވެސް ހިއްސާވީމެވެ. ވޯޓުދިނުމުގެ ފުރުޞަތު ވެސް ލިބުނެވެ. އެއީ ރައީސް މައުމޫންގެ ޒަޢާމަތުގައި ފެއްޓެވި މަސައްކަތްޕުޅުގެ އަރަގެވެ. މުޙަންމަދު ވަހީދުއްދީނުގެ އިސްވާރުކަމުގެ ދަށުގައި އެތައް ބަޔަކު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ. އެހެންނަމަވެސް ވަޙީދުއްދީން އެޓޮލްސް މިނިސްޓަރަކަށް ވަޑައިގަތް އިރު މި ކަމުގެ ރޭވުންތައް އޮތީ ނިމިފައެވެ. އަލްއުސްތާޒު ޢަބްދުއްﷲ ޙަމީދުގެ އެޓޮލްސް މިނިސްޓަރ ކަމުގެ ދުވަސްވަރު އަދި ޙަމްދޫން ޢަބްދުﷲ ޙަމީދުގެ ޕްލޭނިންގ މިނިސްޓަރކަމުގެ ދަށުގައި މި ކަމުގެ އަޖުމަ ވެސް އޮތީ ބެލިފައެވެ. ނ. އަތޮޅުގައި ހިންގި މަޝްރޫޢެއްގެ ދަށުންނެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ މުއައްސިސުންނަކީ ވަކި ބައެއް ކަމަށް މެޑެލްޖަހާން އުޅުނަސް މި ކަމުގައި ރައީސް މައުމޫނާއި މިނިސްޓަރ ޢަބްދުﷲ ޙަމީދާއި މިނިސްޓަރ ޙަމްދޫން ޙަމީދުގެ ޙިއްސާ ވެސް ތާރީޚަށް ޓަކައި ފާހަގަކޮށްލާން ޖެހެއެވެ. މި ކަމުގައި ޝައްކެއް އޮތް ނަމަ، ރައީސް މައުމޫނާއި ވަޙީދުއްދީނާއި ޙަމަދޫން ޙަމީދު އެ ތިއްބެވީ ދުނިޔޭގައެވެ. ޝައްކު ފިލުވައިލައްވާން ވީ ނޫންތޯއެވެ!

އާދޭހެވެ! މި ނިޒާމު މުޅީން އެހެން ސިފައެއްގައި އަލުން ވުޖޫދަށް ގެނައުމުގައި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށް ވެސް ވަނީ ލިބިފައެވެ. މި ކަމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް، ޢިލްމީ އަދި ފަންނީ ފެންވަރެއްގައި އޭރުގެ ސަރުކާރުން ކުރެއްވިއެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2006 ވަނަ އަހަރު ޖޫން މަހު ފަހުކޮޅު މާލޭގައި ބޭއްވުނު "އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެއްދުމާ ބެހޭ ޤައުމީ ސެމިނާރ"އެވެ. މި ސެމިނާރުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ހުރިހާ ދާއިރާއަކުން މަންދޫބުން ބައިވެރިކުރެވުނެވެ. މީޑިއާގެ މަންދޫބުން ވެސް ހިމެނޭ ގޮތުންނެވެ. ރާއްޖޭގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ޢިލްމުވެރި ބޭފުޅުންނާއި މަތީ ފެންވަރުގެ ބޭބޭފުޅުން އެ ބޭފުޅުންގެ މަޢުލޫމާތާއި ތަޖުރިބާއާއި އިރުޝާދާއި ލަފާ ޙިއްޞާކުރެއްވިއެވެ. އޭރު ޑެޕިޔުޓީ ޑިރެކްޓަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ ޕްލޭނިންގ ސެކްޝަންގައެވެ. އަޅުގަނޑުގެ ސީދާ ވެރިއަކަށް ހުންނެވީ ޑިރެކްޓަރ މުޙަންމަދު ޝަރީފް ނަފީސެވެ. ވެރީންގެ އެންގެވުމުގެ މަތީން މި ދެންނެވި ސެމިނާރުގެ އެންމެހައި ކަންކަން ރާވައި ވިލަރެސްކޮށް ހިންގީ އަޅުގަނޑުގެ މުޙުތަރަމް އަޚު، (އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ) މުޙަންމަދު ޢާޞިފާއި އަޅުގަނޑާ ދެ މީހުންނެވެ. އެންމެ ކުޑަމިނުން ދަޢުވަތު ކާޑު ފަރުމާކޮށް ޗާޕުކޮށް ކާޑުތައް ބަހައި ހެދީ ވެސް އަޅުގަނޑުމެން އަމިއްލައަށެވެ. ދިމާވި ސަބަބަކާ ހުރެއެވެ. މި ކަމުގެ ހުރިހާ ތަފުޞީލުތަކެއް (އަޅުގަނޑު ފިޔަވައި) އެނގިވަޑައިގަންނަވާނެ ހަމަ އެކަނި ބޭފުޅަކީ އަޅުގަނޑުގެ މުޙުތަރަމް އެކުވެރި މުޙަންމަދު ޢާޞިފެވެ.

ސެމިނާރުގެ ދަންފަޅިތައް ހިނގަމުން ދިޔައިރު، ފަންނީ ގޮތުން އެހީތެރިވެދެއްވާން ތިއްބެވި ޢިއްޒަތްތެރި ބައެއް ބޭފުޅުންގެ ނަންފުޅުތައް މިހާރު ވެސް އަޅުގަނޑުގެ ހަނދާނަށް އެބަ އާދެއެވެ. އޭގެ ތެރޭގައި ޑރ. ސިމާދު ސަޢީދު، އަލްއުސްތާޛު މުޙަންމަދު އަނިލް، އަލްއުސްތާޛު އަޙުމަދު މުޢިއްޒު، އަލްފާޟިލް މުޙަންމަދު ޒާހިދު، އަލްފާޟިލް މުޙަންމަދު ޝިހާބު، އަލްފާޟިލް މުޙަންމަދު ނަޒީފު ފަދަ ބޭފުޅުންގެ ނަންފުޅުތައް ފާހަގަކޮށްލެވެއެވެ. ހަނދާނުގައި ނެތް ބޭބޭފުޅުންގެ އަރިއަހުން ނިހާޔަތަށް މާފަށް އެދެމެވެ. މި ބޭބޭފުޅުންނަކީ ޚާއްޞަކޮށް ޑރ. ސިމާދު ސަޢީދާއި، އަލްއުސްތާޛު މުޙަންމަދު އަނިލްއަކީ ފަންނީ ގޮތުން މުޅި މި މަޝްރޫޢުގައި ގަވާއިދު އެކުލަވައިލުމުގައި އަޅުގަނޑުމެންނާއެކު (އަދި އޭގެ އިތުރަށް ވެސް) ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅުންނެވެ. އަދި އަލްފާޟިލް މުޙަންމަދު ޒާހިދާއި އަލްފާޟިލް މުޙަންމަދު ނަޒީފު ފަދަ ބޭފުޅުންގެ ފަންނީ އެހީތެރިކަން ވެސް އެހާ ބޮޑަށް ފާހަގަކުރެވެއެވެ.

ކޮންމެއަކަސް މި ދެންނެވި ގޮތުގެ މަތީން ބޭއްވުނު ޤައުމީ ސެމިނާރު އިފުތިތާހުކޮށްދެއްވި ޖަލްސާގައި ވިލަރެސްވެރީންގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނީ އަޅުގަނޑަށެވެ. އަޅުގަނޑު ދެއްކި މުޅި ވާހަކައިގައި، މި ކަންކަން ހިނގަމުން އައި ގޮތުގެ މައްޗަށް ފެން ގޮތެއްގައި ނަމަވެސް އަލިއަޅުވައިލެވޭތޯ ބެލީމެވެ. އޭރުގެ ފެންވަރުންނެވެ. އެހެންކަމުން ތާރީޚަށް ޓަކައި އެ ތަޤުރީރު ފުރޭފުކޮށްލާހިތްވީއެވެ. އަޅުގަނޑުގެ ވާހަކައިން މި ކަން ހިނގަމުން އައި ގޮތުގެ ތަޞައްވުރެއް ލިބިވަޑައިގަންނަވާނެކަމަށް ފެންނާތީ އެ ތަޤުރީރުގެ ފެންވަރު މޮޅު ނޫނަސް މަޢުލޫމާތަށް ޓަކައި ފުރޭފުކޮށްލީއެވެ. ހަމައެކަނި ތާރީޚީ ހަގީގަތެއް ހާމަކޮށްލުމަށް ޓަކައެވެ. ވިދާޅުވެލެއްވުން އެދެމެވެ.

2006 ޖޫން 27އިން 29އަށް މާލޭގައި ބޭއްވި ރަށުކައުންސިލާއި އަތޮޅު ކައުންސިލް އުފެއްދުމާ ބެހޭ ގައުމީ ސެމިނާރުގެ އިފުތިތާޙީ ޖަލްސާގެ ތެރެއިން..... (ފައިލް ފޮޓޯ)<br>

"بسم الله الرحمن الرحيم. މަޝްވަރާކުރުމަށް އަމުރުކުރެއްވި ﷲ ތަބާރަކަ ވަތާޢާލާއަށް ޙަމްދުސަނާއާއި ޝުކުރުދަންނަވަން. އަދި މަޝްވަރާކުރުމުގެ ރިވެތި އުޞޫލު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ކައުސާހިބާ މުޙައްމަދު ސައްލައﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އެންމެހައި އާލުއަޞްޙާބުން ޝާމިލުކުރަން.

ރަށުކައުންސިލާއި އަތޮޅުކައުންސިލް އުފެއްދުމާ ބެހޭ ޤައުމީ ސެމިނާރ އިފްތިތާޙްކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާނު: މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އޮނަރަބަލް ޙަމްދޫން ޙަމީދު، އަތޮޅުތަކުގެ ތަރައްޤީއާއި ބެހޭ ވަޒީރު: އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނާއި ދައުލަތުގެ ވަޒީރުން، ޢިއްޒަތްތެރީން، ޙާޒިރުވެވަޑައިގެން ތިއްބެވި  ބޭރުގެ ޖަމާޢަތްތަކުގެ މަންދޫބުން، ލޮބުވެތި އަޚުންނާއި އުޚުތުން،

އައްސަލާމް ޢަލައިކުމް ވަރަޙުމަތުލްﷲހި ވަބަރަކާތޫހ!!

އާދެ! ދުނިޔެ ދެކެމުންދާ އެންމެ ބޮޑު ހަޤީޤަތަކީ ބަދަލުއައުން. އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހެއްގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގައި، އަޅުގަނޑުމެންނާ ކުރިމަތިލާ އެންމެ ފާޅުކަން ބޮޑު ހަގީގަތަކީ ވެސް ބަދަލުއައުން. މި ހަގީގަތާ އަޅުގަނޑުމެން އަބަދު ވެސް ކުރިމަތިލާންޖެހޭ. ބަދަލުއުމުގެ ތެރޭގައި މާއްދީ ގޮތުންނާއި އެހެން ހުރިހާ ގޮތަކުން އަންނަ ބަދަލުތައް ވެސް ހިމެނޭ. އާދެ! މީގެ ތިރީހަކަށް އަހަރު ކުރިޔަށް ވިސްނައިލާ އިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތު އޮތް ގޮތާއި އަޅުގަނޑުމެންގެ ފިކުރުތައް ހުރި ގޮތާއި މިއަދުގެ ކަންތައް އޮތްގޮތާ އަޅައި ބަލައިފި ނަމަ، އެ ތަފާތު ވަރަށް ބޮޑަށް ފެންނާނެ. ނަމަވެސް ބަދަލުތައް އަންނަނީ އެއް ފަހަރާ، އެއް ވަގުތެއްގައިކަމަށް ނުވާތީ، އެ އަންނަ ބަދަލު ކުއްލިއަކަށް ފާހަގަ ނުކުރުވެނީ. އެހެންނަމަވެސް އެ ބަދަލު، އެހާރާއި މިހާރާ ދެމެދުގައި ވާ ތަފާތު އަޅުގަނޑުމެން ބަލައިފި ނަމަ (ފަރަގު) ވަރަށް ބޮޑުވެދާނެ.

އާދެ! ކޮންމެ ދުވަހަކު ވެސް މި ކަންތައް ވަމުން އަންނާނެ. ވިސްނުމަށް ވެސް ބަދަލު އަންނާނެ. އަޅުގަނޑު ހިތުން ކޮންވެސް ވަރަކަށް ފާރޫޤު ވެސް އެ ކަމަށް އިޝާރާތްކުރައްވައިފި.

އާދެ! 1970ގެ އަހަރުތަކުގައި އަޅުގަނޑުމެންގެ ޙާލަތު އޮތް ގޮތާއި އަޅުގަނޑުމެންގެ ވިސްނުން، އޭރު ހުރި ގޮތް އަޅުގަނޑުމެން މިއަދު އެބަޖެހޭ ހަނދާނަށް ގެންނާން. އާދެ! ރަށްރަށުގެ ހިންގުމުގައި ކަތީބުން އެ ބޭފުޅުންގެ މުއާޞަލާތުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށް ޓަކައި ދިގު ދަނޑިއެއް ލައިފައި ހުންނަ ވޯކީޓޯކީއެއް ހިއްޕަވައިގެން ރަތްދަކަ އަވީގައި، ބޯ ވާރޭގައި އަތިރިމައްޗަށް ނުކުމެވަޑައިގެން އަތޮޅުއޮފީހާ މުވާޞަލާތު ކުރެއްވޭތޯ ކުރެއްވި މަސައްކަތްޕުޅު މިއަދުގެ ޒުވާނުން ހަނދުމަފުޅެއް ނުހުންނާނެ. އެހެންނަމަވެސް އެއީ ހަގީގަތް. އަދި ޒުވާން އުމުރުގެ ކުދީން، ކެއުމަށްފަހު ކުރާނެ ވަކިކަމެއް ނެތިފައި އަތިރިމަތީގައި ދުވަމުން ދިޔަކަން އެއީ އަޅުގަނޑުމެންގެ އިއްޔެގެ ހަނދާނުގެ ހަގީގަތްތައް. އަޅުގަނޑުމެން މިއަދު އެ ކަން ގަބޫލުކުރާން ޖެހޭނެ. އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކިޔަވައިދޭން ބޭނުންވާ ބައެއް މީހުން، ދޯނިފަހަރުން މަސްބައި ދީގެން، ހިންނައިން ކާށި ބައެއް ދީގެން، މުދައްރިސަކު ހޯދައިގެން ކިޔަވައިދިނުން ފިޔަވައި ތަޢުލީމަށް ސަމާލުކަމެއް ނުދިނުން އެއީ އަޅުގަނޑުމެންގެ އިހައް ދުވަހުގެ ތާރީޚު. މިއީ ވެސް ހަމަ ހަގީގަތް. މިއަދު ގަބޫލުކުރާން އުނދަގޫ ހަގީގަތްތައް. އާދެ! އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެއް ދަންނަވާލާނަން. 1979ގެ ވަރަށް ފަހުކޮޅު ރާއްޖޭގެ ވަރަށް އިއްޒަތްތެރި ވެރިޔަކު އަޅުގަނޑުގެ އަމިއްލަ ރަށަށް (އަޅުގަނޑަކީ މާވަށު މީހެއް) ވަޑައިގެން ނާނޭފުޅުފިއްލަވާންވެގެން ނާނޭފުޅު ފިއްލަވާނެ ތަނެއް ހޯއްދަވާންވެގެން އަތޮޅުވެރީން އަޅުގަނޑު ގާތު ވިދާޅުވީ ރަނގަޅު ފެންވަރާނެ ތަނެއް ހޯދައިދޭން. ދެން އަޅުގަނޑު ހިނގަމުންހިނގަމުން ގޮސް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މަންމައާއި ބައްޕަމެންގެ ގޭގައި ހުރި ހިރިގާ ވަޅެއް. އޭރު އެ ރަށުގައި ހުރި އެންމެ ރަނގަޅު ތަނަކީ އެއީ އިނގޭތޯ. މިއީ ހަގީގަތް. އަޅުގަނޑު ބޭފުޅެއް ވެސް ދަންނަވައިފާނަން. އެއީ އޮނަރަބަލް ޢަބްދުﷲ ޙަމީދު. އެކަމަކު މިއަދު އަޅުގަނޑުމެން ހުރިހާ އެންމެން ފެންވަރަނީ ޝަވަރުން އިނގޭތޯ. އެހެންވީމާ މިއީ ވަރަށް ބޮޑު މާއްދީ ބަދަލެއް. އޭރު އަޅުގަނޑުމެންގެ ވިސްނުން ވެސް ހުރީ އެ ކަހަލަ ގޮތަކަށް. ކަތީބު ސަންގު ފުމެލުމާ އެކު، ނުކުމެ ވިދާޅުވިކަމެއް ކޮށްލާނެ. ކަތީބަށް އެނގިވަޑައިގެންނަވާނީ އަޅުގަނޑުމެން ކުރާންވާ ކަންތައް. ކަތީބު، އާނ މިއަދު ރައްޔިތުން ބަންދޭ. އަޅުގަނޑުމެން ނުކުމެ މަސައްކަތްކޮށްލާންވީ. އެހެންވީމާ…

އާދެ! މި ދެންނެވި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލު އައުމަށް ޓަކައި ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވި، މީހުންނަށް ތައުލީމުދިނުމާއި ހޭލުންތެރިކުރުމަށް ޓަކައި ޕްރޮގްރާމްތަކެއް ހިނގާން ފެށިއްޖެ. އެހެންކަމުން މީހުންގެ ވިސްނުމާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ބަދަލު އަންނަމުން ގޮސް މިހާރު ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި.

ހަތްދިހައިގެ ކުރީކޮޅުގައި ކޮންމެވެސް ނަމެއްގައި އަތޮޅު ކޮމިޓީތަކެއް ރާއްޖޭގައި ހިނގަމުން ދިޔަކަމަށް ވީނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ ކޮމިޓީތައް އުވި، އޭގެ ފަހުގައި އެހެން ސިފައެއްގައި ރަށްކުރިއަރުވާ ކޮމިޓީތަކާއި އަދި އަތޮޅުކުރިއަރުވާ ކޮމިޓީތަކެއް އުފެދި ހަރަކާތްތެރިވަމުން އެބަ އާދޭ. ފަރޫޤު ދެންމެ އިޝާރަތްކުރެއްވި ފަދައިން އެ ކޮމިޓީތަކުގެ ބޮޑުބައި މި އޮންނަނީ ރައްޔިތުން ނަގާ ކަހަލަ ގޮތަކަށް. [މެންބަރުންގެ] އެއް ބައި އިންތިޚާބުކުރި ކަމުގައިވިޔަސް.

އެހެންވީމާ…، މި ކޮމިޓީތައް ވެސް ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައި އެބަ ހުރި. އަޅުގަނޑު ދަންނަވާން މިއުޅެނީ މި ދެންނެވި ރކ. ކޮމިޓީތަކާއި އަތޮޅު ކުރިއަރުވާ ކޮމިޓީތަކުން ކޮށްފައި ހުރި މަސައްކަތްތައް އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލާންޖެހޭނެއޭ. އާދެ! އެ ޒަމާނުގައި އެނގޭ ވިސްނުން ހުރި ގޮތް. އެ ބޭފުޅުންގެ ޚިޔާލުފުޅާއި ޝުޢޫރުތައް ބިނާވާ މިންވަރެއްގެ މަތީގައި އެ ބޭފުޅުންގެ ހުރިހާ ކަންތައްތައް ކުރިއަށް ގެންދެވި. ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި، ރައްޔިތުންގެ ޚިދުމަތްތަކަށް ބޭނުންވާ ތަފާތު އިމާރާތްތައްކުރުމާއި އަދި ވެސް އިޖްތިމާޢީ އެހެނިހެން ވަސިލަތްތައް ގާއިމްކުރުމަކީ ރކ. ކޮމިޓީއިން ކުރަމުން އައި ކަމެއް. އެހެންނަމަވެސް އަޅުގަނޑު ކުރީން ވެސް ދެންނެވި ފަދައިން ބަދަލަކީ ކޮންމެ ދުވަހަކު އަންނަމުން، ގެންނަމުންދާ އެއްޗެކަށްވާތީ، މިއަދު މި ވަނީ އަދި އެހެން ބަދަލަކަށް ބޭނުންވެފައި.

އާދެ! ބައެއް ބަދަލުތަކަކީ އަޅުގަނޑުމެން ކުރިމަތިލާން އުނދަގޫ ބަދަލުތަކަކަށް ވެސް ވެދާނެ. ބައެއް ހަރުފަތްތަކަކީ ގިރާކުރާން އުނދަގޫ ހަރުފަތްތަކަކަށް ވެސް ވެދާނެ. އާދެ! މި އިސްޓޭޖަށް އަރައިވަޑައިގަންނަވާން ވެސް އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށް ކޮންމެވެސް  ވަރަކަށް އުނދަގޫފުޅު ވެވަޑައިގަންނަވާނެ. އެއީ ކުޑަ ތަންކޮޅެއް އުސްކޮށް ހުރީމާ. އެހެންނަމަވެސް ބައެއް ފަހަރު އެ ކަހަލަ ހަރުފަތްތައް ވެސް ގިރާކުރާން އެބަޖެހޭ. މިއަދު އަޅުގަނޑުމެން ކުރިމަތިލާން މިއުޅެނީ، ކުރީން ގިރާކުރެވިފައި ނެތް ހަރުފަތަކަށް. އެއީ ޑިމޮކްރެސީގެ އާ އިސްލާޙުތަކަކަށް. އޭގެ އިސްލާހީ އެޖެންޑާގެ މަގުޗާޓުގެ ވާހަކަ ފާރޫގު ވިދާޅުވެދެއްވައިފި. އާދެ! އަޅުގަނޑު އެ ވާހަކަ ދަންނަވާކަށް ނެތީން.

އަޅުގަނޑު މި ތަނަށް އައިސް މި ހުއްޓި މިހުރީ މި ސެމިނާރުގެ ދަންފަޅިތައް ހިނގަމުންދާނެ ގޮތް ތިޔަ ބޭފުޅުންގެ މައުލޫމާތަށް ޓަކައި ދަންނަވައިލުމަށް. އެހެންނަމަވެސް  އަޅުގަނޑު ހިތުން މި ވާހަކަ ދަންނަވާ މީހެއްގެ ވާޖިބަކަށް ވާންޖެހޭނެ އަޅުގަނޑުމެންގެ ހަނދާން އަޅުގަނޑުމެންގެ މަޒީގެ ތެރެއަށް ކޮންމެވެސް ވަރަކަށް ގެންގޮސްލުން. އެހެންވެގެން މި ވާހަކަތައް ދަންނަވައިލީ. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ މި ވިސްނުމާއި އަޅުގަނޑުމެން މިހާތަނަށް އައި ކުރިއެރުމަށް ފައިހަމަ ކުރެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިންގުމުގެ ދާއިރާ ބައްޓަންކުރާށޭ. އޭރުގެ ކޮމިޓީތައް އޮތީ އޭރަށް ކަމުދާ ގޮތަށް ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީން. ތަރައްޤީގެ ކަންތައްތައް ކުރަމުންގެންދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީން. ތަރައްޤީގެ ކަންތައްތަކަށް ކުރަމުން ގެންދިޔަ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރަނީ އޮންނާން ޖެހޭނީ ރައްޔިތުންގެ އަމިއްލަވަންތަ، [އަދި] އިންތިޚާބުކުރެވިފައިވާ މަޖިލީސްތަކެއް ނުވަތަ ކައުންސިލްތަކެކޭ. އަދި ރައްޔިތުން އިންތިޚާބުކުރާ ވެރިންތަކެކޭ. އެއީ ޑިމޮކްރަސީގެ ވިސްނުމާއި ތަރައްޤީ މި ހޯދި ކުރިއެރުންތަކުގެ ސަބަބުން އަޅުގަނޑުގެ ވިސްނުމަށާއި ހުރިހާ ކަމަކަށް އައި ބަދަލުތަކުގެ ނަތީޖާ. މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ގެނެސްދިނީ ހަޤީޤަތުގައި އަޅުގަނޑު ދަންނަވާނީ 1970ގެ ފަހުކޮޅު ފެށުނު ތަޢުލީމުގެ ހުޅުވައިލެވިފައިވާ ސިޔާސަތުގެ ސަބަބުންނޭ. އެއީ އިއްތިފާޤުން އައި ބަދަލުތަކެއްނޫނޭ. ބަދަލަކީ އަންނަ އެއްޗެއް. ބައެއް ފަހަރު ބޭނުންވާ ބަދަލު އަންނާނެ. އަނެއް ބައި ފަހަރު ބޭނުންނުވާ ބަދަލު ވެސް އަންނާނެ. ނަމަވެސް އަޅުގަނޑު މި ދެންނެވި ބަދަލަކީ ބަޔަކު ރާވައިގެން އަޅުގަނޑުމެން ގައުމަށް ބޭނުންވާ ކަންތައްތަކާ މެދު ޚިޔާލުކުރައްވައިގެން ބައްޓަންކުރައްވައިގެން ވަކި އަމާޒަކަށްޓަކައި ގެންނެވި ބަދަލެއް. ތަރައްގީގެ އާވިސްނުންތަކެއް. އެހެންވީމާ މި ކަމަށް ޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް އެ ކަމުގެ ޝުކުރު ހައްޤުވާ ވާހަކަ އަޅުގަނޑު ދަންނަވައިލަން. އަޅުގަނޑުމެން ހިތުގެ އަޑީން އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިލަން.

އާދެ! އަޅުގަނޑު މި ދަންނަވައިލި ކޮމިޓީތަކުގެ ވާހަކަ ދަންނަވާ އިރު ތަރައްޤީގެ ޕްރޮގްރާމް، ތަރައްޤީގެ މަސައްކަތްތައް 1980ގެ ކުރީކޮޅުގައި ފެށިގެން އައި. އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭގެ ތަރައްޤީގެ ޕްރޮގްރާމްތަކެއް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދެވި. އެހެންނަމަވެސް އޭރު ވިސްނިފައި އޮތީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކަނޑައަޅުއްވާނީ ސަރުކާރުންނޭ. ރައްޔިތުންނަށް ބޭނުންވާނެކަމަށް ސަރުކާރަށް ފެނިވަޑައިގެންނެވި ހައްޤުތައް ފާހަގަކުރައްވައި ސަރުކާރުން ކަންތައްތައް ކޮށްދެއްވަމުން ގެންދެވި. އެއީ، އެއީ މިވެނި ރަށަކަށް ބޭނުންވަނީ އިސްކޫލެކޭ، މިވެނި ރަށަކަށް ބޭނުންވަނީ މިސްކިތެކޭ، އޭރު އެ ކަނޑައަޅާނީ ސަރުކާރުން. ރައްޔިތުން ބަލައިގަންނަނީ އުފަލުން. ހަޤީގަތުގައި ވެސް އެއީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް. އެހެންނަމަވެސް މިއަދު ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގޭންޖެހޭނީ ރައްޔިތުންނަށްކަން މިއަދު ގަބޫލު އެބަކުރެވޭ. މިއީ ވިސްނުމަށްއައި ބަދަލެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ބަދަލު އަންނާނީ ހަމައެކަނި ތަރައްޤީއަށް، ފެންނާން ހުންނަ ކަންތައްތަކަކަށް ނޫނޭ. މީހުންގެ ވިސްނުމަށް ވެސް ބަދަލު އާދެޔޭ. ކުރީން ފަޅުކޮންނާން ޖެހޭކަން ކަނޑައަޅުއްވަނީ ސަރުކާރުން. އެހެންނަމަވެސް މިއަދު ރައްޔިތުން ގަބޫލުކުރަނީ އެ ރަށެއްގެ ފަޅުކޮންނާންވާ ތަނާއި ފަޅުކޮންނާން ޖެހޭކަން ވެސް ނިންމާން ޖެހޭނީ ސަރުކާރަކުންނޫނޭ. ރައްޔިތުންނޭ. އެހެންވީމާ މި ބަދަލާއެކު މިއަދު އަޅުގަނޑުމެން ރަށްކުރިއަރުވާ ކޮމިޓީތަކާއި އަތޮޅުކޮމިޓީތައް އެބަޖެހޭ ބަދަލުކުރާން.

އާދެ! ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ފިކުރު ސަރުކާރާ ހަމައަށް ގެންދިއުމަށް ޓަކައި ނުވަތަ ކަމާބެހޭ އެހެން ފަރާތްތަކަށް ގެންދިއުމަށް ޓަކައި ރައްޔިތުންގެ ބަސްވިކޭ ކަހަލަ ރައްޔިތުންގެ ހިއްސާވާ، ރައްޔިތުންގެ އަމިއްލަވަންތަ ކައުންސިލްތަކެއް އޮންނަން އެބަ މަޖުބޫރުކުރޭ. މިއަދު ރަށްރަށުގެ ވެރީންނަށް ތިއްބަވާ ބޭފުޅުންނަކީ ކުރީން އަޅުގަނޑު ދެންނެވިހެން ހަމައެކަނި ވޯކީޓޯކީއަކުން ގުޅައިލައްވައިގެން އެ މަސައްކަތް ނިންމައިލެވޭ ބޭފުޅުންނެއް ނޫން. މިއަދު ކޮންމެ ވަގުތެއްގައި ކަތީބުން ތިއްބަވާނީ ބޭނުން ކޮންމެ ފަރާތަކާއި މުޢާމަލާތު ކުރެއްވޭ ކަހަލަ ގޮތެއްގައި. އެހެންވީމާ ކުރިމަތިލާންޖެހޭ ކަންތައްތަކާއި ގޮންޖެހުންތައް ވަރަށް ގިނަވާނެ. މިއަދު ރައްޔިތުންގެ ބޭނުންތަކަށް ކަތީބު ޖަވާބުދާރީވާލެއް އިތުރު ވާންޖެހޭ. ހައްލުކުރާންޖެހޭ ކަންތައްތައް އެތައް ގޮތަކަށް އިތުރުވެގެންދާނެ. އެހެންވީމާ އެ ކަންތައްތަކަށް ޖަވާބުދާރީވާން، ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި ރައްޔިތުންގެ އަމިއްލަވަންތަ ކައުންސިލެއް އޮންނާން މަޖުބޫރު އެބަކުރޭ.

އާދެ! އަޅުގަނޑު، އަޅުގަނޑު ކުރީން ދަންނަވައިލި ފަދައިން ތަރައްޤީގެ މަޝްރޫޢުތައް 1980ގެ އަހަރުތަކުގައި ހިންގަމުން އައިސް އެ ކަމަށް އޮތީ ކޮންމެވެސްވަރެއްގެ ބަދަލުތަކެއް 1990ގެ އަހަރުތަކުގައި އަންނާން ފަށައިފައި. އާދެ! ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ބަސްކިއުމާއި ރައްޔިތުންގެ ޚިޔާލާއެކު ކަންތައްތައް ކޮއްދެއްވޭ ކަހަލަ ގޮތަކަށް އެކަން ބައްޓަން ކުރެވެމުން އައި. އާދެ! އެއީ އެހެންނަމަވެސް ވަރަށް ހަނި ދާއިރާއެއްގައި ބައެއް ކަހަލަ ޕްރޮގްރާމްތަކެއްގައި. އާދެ! މި ގޮތަށް އައިސް ދާދި ފަހުން (މިދިޔަ އަހަރު) ރާއްޖޭގައި ބޭއްވުނު ގައުމީ ބައްދަލުވުމަކުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހެޅުނީ މި ކަހަލަ ކައުންސިލްތަކެއް އުފެއްދުމުގެ ޚިޔާލު. އެހެންވީމާ މި ކަމަށްޓަކައި އަޅުގަނޑުމެންގެ މިއަދުގެ މިނިސްޓަރ، މިނިސްޓްރީއާއި ހަވާލުވެ ވަޑައިގަތުމާއެކު ވަރަށް ހަލުވިކޮށް މި ކަންތައްތައް ކުރިއަށްގެންދެވި. އާދެ! ކައުންސިލްތަކެއް އުފެއްދެވުމުގެ ޚިޔާލުފުޅަކީ އެމަނިކުފާނު ވަރަށް ސަމާލުކަން ދެއްވައިގެން ކުރައްވާން ފެއްޓެވި ކަމެއް. އެ ކަމަށްޓަކައި، ފާރޫޤު ވިދާޅުވިހެން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓީމުތައް ފޮނުއްވައިގެން (އަޅުގަނޑުވެސް އެކި ޓީމުތަކުގައި ދިޔައިން) ގޮސްގެން ރައްޔިތުންނާ ބައްދަލުކޮށްގެން ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހޯދައިގެން ރަށުކައުންސިލާއި އަތޮޅުކައުންސިލްގެ ގަވާއިދުގެ ދެލިކޮޕީތައް އުފެއްދުނު.

އަޅުގަނޑު، ބައެއް ދަތުރުތަކުގައި ބައިވެރިވީ އަޅުގަނޑު އެކަނި. ރައްޔިތުންނަކީ އަޅުގަނޑުމެންނަށް ވަރަށް އެއްބާރުލުން ދިން އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް އެހީތެރިވެދިން ބަޔެއް. ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ދަތުރުތަކުގައި ރައްޔިތުންގެ ޚިޔާލުދެއްވުމުގައި ރައްޔިތުން އަޅުގަނޑުމެންނަށް އެ ދެއްވި އެހީތެރިކަމާއި މަދަދު ފާހަގަކޮށްލަން. ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވާން ބޭނުންވޭ. އާދެ! އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ޓީމުތަކެއް ދިޔަ ދޭއް ނުވަތަ ތިން ރަށަކުން (ދިމާވި ސަބަބަކާހުރެ) އަރައިވަޑައިނުގެންނެވުނު ކަމުގައި ވިޔަސް ރާއްޖޭގެ ހުރިހާ ރަށްރަށަށް އަޅުގަނޑުމެން ހަމަ ދަތުރުކުރީމު. ހުރިހާ ރައްޔިތުން އެއްކޮށްގެން މި ކަމާމެދު މަޝަވަރާކުރީމު. އަޅުގަނޑު ގާތު ކޮންމެވެސް ރަށަކުން ޒުވާނަކު އަހައިލި "ތިމަންނަ ވާހަކައެއް އަހާލަންހޭ؟" އަޅުގަނޑު ދެންނެވިން "އައްސަވާށޭ ކޮންމެ ވާހަކައެއްވިޔަސް." ވިދާޅުވި. "މިދުވަސްވަރު ކަލޭމެން ބިރެއްނުގަނޭހޭ ރަށްރަށަށް ތިހެން އައިސް އުޅޭކަށް، މީހުން ހިފަހައްޓައިފާނެތީއެއް؟" އަޅުގަނޑު ބުނިން އަޅުގަނޑަށް ޔަގީނޭ ދިވެހި ރައްޔިތުންނަކީ އެ ކަހަލަ ވިޔާނުދާ ބަޔެއް ނޫނޭ. އެއީ ބަޔަކު ގޯސްކަމެއް ނުކުރަންޏާ ގޯސްކަމެއް ނުކުރާނޭ. ހަމަ ސަތޭކަ ޕަސަންޓް ޔަޤީންކަމާއެކުގައޭ، އަޅުގަނޑުމެން މިއައީ.

އަޅުގަނޑު ދިޔައިން އެކަނިމާއެކަނި އެއް އަތޮޅަކަށް. އެއްވެސް އެހީތެރިޔަކާ ނުލައި. ހަމަ ޔަޤީންކަމާއެކު ދިޔައީ. ބައެއް ޓީމުތަކުގައި ވަޑައިގަތީ ދެ ބޭފުޅުން ނުވަތަ ތިން ބޭފުޅުން. އަޅުގަނޑު ދިޔައިން އެއްއަތޮޅަކަށް އެކަނިމާއެކަނި. އެހެންވީމާ ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ވަރަށް ހޭލުންތެރި މި ކަހަލަ ކަންތައްތަކަށް ވަރަށް އެހީތެރި ބައެއްކަން އަޅުގަނޑު ފާހަގަކޮށްގެން އަޅުގަނޑު އެ ވާހަކަ މި ހާމަކޮށްލީ.

އާދެ! މި ދެންނެވި މައުލޫމާތުތަކުގެ އަލީގައި ކައުންސިލްގެ ގަވައިދެއް، އަޅުގަނޑުމެން އޭގެ ދެލިކޮޕީއެއް އެކުލަވައިލައިގެން ސަރުކާރުގެ މިނިސްޓްރީތަކުން ވެސް ހިއްސާޔާއެކު އަޅުގަނޑުމެންވަނީ މިހާރު އޭގެ ދެލިކޮޕީ ބަދަލުކުރަމުން އައިސް އޭގެ 15ވަނަ ދެލިކޮޕީއާއި ހަމައަށް އާދެވިފައި. މި މަސައްކަތްކުރަމުން އައި އިރު އަޅުގަނޑުމެންނަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީ ވަރަށް މަތީ ދަރަޖައަކަށް ލިބުނު. އެ ކަމަށް ޓަކައި އެޓާރނީ ޖެނެރަލް ޑރ. ހަސަން ސައީދަށާއި އެ އޮފީހުގެ، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި، ހުރިހާ ފަރާތްތަކަށް، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނަމުގައްޔާއި އަޅުގަނޑުމެންގެ ވަޒީރުގެ ނަންފުޅުގައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި މި މަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮއްދެއްވި ކޮމިޝަނަރ އޮފް އިލެކްޝަންސް އަލްފާޟިލް ކދ. އަޙްމަދު މަނިކު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައި އަޅުގަނޑުމެންނާއެކު ވަރަށް މުހިންމު ކަމެއްކަމުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް ބައެއްކަމަށް ފާހަގަކުރައްވައި އަޅުގަނޑުމެންނާއެކުގައި އަޅުގަނޑުމެންގެ މިނިސްޓްރީގެ ބައެއް ވެރިންނާއެކު ބައްދަލުވުންތަކެއް (ދިގު ދެމިގެންވާ ސިލްސިލާއެއްގޮތުގައި) ބާއްވަވައި އަޅުގަނޑުމެންނަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަކީ އަޅުގަނޑުމެން ހަނދާންނެތޭނެ ކަމެއްނޫން. އެހެންކަމުން ކޮމިޝަނަރ އޮފް އިލެކްޝަންސް އަލްފާޟިލު ކދ. އަޙްމަދު މަނިކަށާއި އެމަނިކުފާނުގެ އޮފީހުގެ ވެރިންނާއި މުއައްޒިފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވާން ބޭނުންވޭ.

އާދެ! ވަރަށް ޚާއްސަ ގޮތެއްގައި މި ދަންނަވައިލީ އެހެންބޭފުޅުންގެ އެހީތެރިކަން ނުލީބޭތީއެއް ނޫން. އެހެންނަމަވެސް އަޅުގަނޑަށް، އަޅުގަނޑު އެ މަސައްކަތުގައި ބައިވެރިވާ ގޮތުން ވަރަށް ޚާއްސަ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެއްވިކަން އަޅުގަނޑަށް ފާހަގަކުރެވުނު ދެ ފަރާތެއް ހަމަ ފާހަގަކޮއްލާންވެގެން މި ވާހަކަ ދަންނަވައިލީ. މީގެ އިތުރަށް އަޅުގަނޑުމެންނަށް މި ކަމުގައި އެހީތެރިވެދެއްވި ސަރުކާރުގެ އެހެން ވަޒީރުންނާއި އެ ވުޒާރާތަކުގެ އިސްވެރީންނަށާއި އެންމެހައި މުއައްޒިފުންނަށް ވެސް އަޅުގަނޑު ޝުކުރު އަރިސްކުރާން ބޭނުން. އާދެ! މި ގޮތުގެ މަތީން އަޅުގަނޑުމެންނަށް ދެއްވި ދެލިކޮޕީ 15އާއި ހަމައަށް ދިއުމަށް ފަހު، ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މީގައި އަދި ހުރިހާ ދާއިރާތައް އެއްކޮއްގެން ބައްދަލުވުންތަކެއް ބާއްވާން އެބަ ޖެހޭކަން. އެހެންކަމުން މިނިސްޓަރުގެ ލަފާފުޅުގެ މަތީން ރޭވިފައި މި ވަނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ދެ މަންދޫބުންނާއި އަދި ސަރުކާރުގެ ކޮންމެ ވުޒާރާއަކުން، އެ ވުޒާރާތައް ހިމެނޭ ސެކްޓާރތަކުން ކޮންމެ ސެކްޓާރއަކުން މަންދޫބަކު ބައިވެރިވެ ވަޑައިގަންނަވާނެ ގޮތަށް ބައްދަލުވުމެއް ބާއްވާން. ހަޤީގަތުގައި އަޅުގަނޑުމެން ބޭނުންވޭ ކޮންމެ ރަށަކުން ވެސް މަންދޫބަކު ގެންނާން. އެހެންނަމަވެސް އަޅުގަނޑުމެންގެ އިމާރާތް ނުވަތަ މި ކަމުގެ ތަނަވަސްކަން އަޅުގަނޑުމެންނަށް ތަފާތު ގޮތްގޮތުން ނެތުމާއެކުގައި އެ ކަމަށް އަޅުގަނޑުމެންނަށް ފުރުސަތު ނެތީ. އެއީ ރާއްޖޭގެ ބައްދަލުވުން ބާއްވާނެ ތަންތަނާއި އަދި އެހެނިހެން ވަސީލަތްތަކުގެ ދަތިކަން ހުރި މިންވަރުން. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދުކުރަނީ ވަރަށް ހަމަހަމަ ގޮތެއްގައި ރައްޔިތުންގެ އަޑާއި އަދި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އަޑު އަޅުގަނޑުމެންނަށް މި ސެމިނާރުގެ ތެރޭގައި އިވިގެންދާނެކަމަށް. އެހެންކަމުން މިހުރިހައި ފަރާތްތައް ޙިއްސާވާ ގޮތެއްގައި މި ބޭއްވޭ ބައްދަލުވުމަކީ އަޅުގަނޑު މިދެންނެވި ކައުންސިލްތައް ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ޓަކައި ބޭނުންވާ ޚިޔާލާއި މަޝްވަރާ ލިބޭނެ ބައްދަލުވުމަށްވާނެކަމަށް.

އާދެ! މި ބައްދަލުވުން އަޅުގަނޑުމެން ބަހައިލައިފައި މި އޮތީ މަސައްކަތުގެ ބައި މައިގަނޑު ގޮތެއްގައި ހަތަރު ދަންފަޅިއަކަށް. ކޮންމެ ދަން ފަޅިއެއްގައި އަޅުގަނޑުމެން ކަރުދާސް ހުށައެޅުމާއެކުގައި އެ ކަރުދާހާ ބެހޭ ގޮތުން ވަރަށް މިނިވަންކަމާއެކުގައި ހުރިހާ ބައިވެރީން ގްރޫޕްތަކަކަށް ބަހައިލެވިގެން ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި އަޅުގަނޑުމެން ބޭނުންވާ ހުށައެޅުންތަކެއް ސަރުކާރަށް ހުށައެޅުމަށް އަޅުގަނޑުމެން ޚިޔާލްތައް ފައިނަލްކުރާނަން. އެއީ އަޅުގަނޑަށް މި ޒަމާނުގެ އިބާރާތުން ދަންނަވާނަމަ ރެކޮމަންޑޭޝަންތަކެއް.

އާދެ! އެ ގޮތުން އެންމެ ފުރަތަމަ ދަންފަޅީގައި އަޅުގަނޑުމެން ވާހަކަ ދައްކައިލާނަން ރައްޔިތުންނަށް ޚިދުމަތްދިނުމާއި ތަރައްޤީގެ އާވިސްނުމަކަށް އަޅުގަނޑުމެންގެ މަޝްވަރާތައް ގެންދާނީ ކިހިނެއްތޯ. އެ ކަމަށް ޑރ. ސިމާދު ސައީދު ހުށައަޅުއްވައިދެއްވާ ކަރުދާހަށްފަހު، ބައިވެރިން އަޅުގަނޑުމެންނާ މަޝްވަރާ ކުރަމުންގެންދަވާނީ އެ ކަމާ ބެހޭ ގޮތުން ވަރަށް މިނިވަން ޖައްވެއްގައި. ދެން އަޅުގަނޑުމެން އެއްބަސްވާ ގޮތުގެ މަތީން އެ ހުށައެޅުންތައް ހުށަހެޅޭނެ. އާދެ! ހަމަ އެފަދައިން ޚިދްމަތްތަކާއި ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ހޯދާނެ ގޮތްތަކާ  ބެހޭ ގޮތުން ވެސް މި ސެމިނާރއަށް ކަރުދާހެއް ހުށަހެޅި އޭގެ މައްޗައް ވާހަކަ ދެއްކޭނެ. ހަމައެފަދައިން އަޅުގަނޑުމެންގެ މި ސެމިނާރު ނިމިގެންދާއިރުގައި، ބޭނުންވާ އެއް ކަމަކީ ސަރުކާރުން، ދެންމެ އަޅުގަނޑުމެންގެ އެގްޒެކެޓީވް ޑިރެކްޓަރ ފާހަގަކުރެއްވި ފަދައިން ރައީސުލްޖުމްހޫރިއްޔާގެ އިސްލާޙީ އެޖެންޑާގެ މަގުޗާޓުގައިވާ ގޮތުން ކައުންސިލް އެކުލަވައިލުމަށް ޓަކައި ބޭނުންވާ ޚިޔާލުތައް ސަރުކާރަށް ހުށައެޅުން. އެއީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް ނުވަތަ ލޯކަލް ގަވަރނަންސް ނިޒާމަކަށް ބޭނުންވާ ޤާނޫނެއްގެ ބިލް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައަޅުއްވާ އިރު، އަޅުގަނޑުމެން ރައްޔިތުންނަށް، އޭގައި ހިމަނާން ބޭނުންވަނީ ކޮންކަހަލަ ނުކުތާތަކެއްތޯ ބެލުމައްޓަކައި ހުށައެޅޭ ހުށަހެޅުމެއް. ކައުންސިލްތަކަށް ޤާނޫނީ ހައިސިއްޔަތު ލިބިދިނުން. ޤާނޫނެއް އެކުލަވައިލުމުގައި ބަލާން ޖެހޭ މުހިންމު ކަންތައްތަކުގެ މައްޗައް އަލްއުސްތާޛު އަޙްމަދު މުއިއްޒު ހުށައަޅުއްވާ ކަރުދާހެއް ވެސް މީގައި އޮންނާނެ. އާދެ! އެހެންވީމާ، މި ކަންތައްތަކުގައި އަލީގައި އަޅުގަނޑުމެން މަޝްވަރާކޮށް ނިމޭ އިރުގައި އަޅުގަނޑުމެން މި ސެމިނާރުގައި މި އުންމީދުކުރަނީ ރަށު ކައުންސިލާއި އަތޮޅުކައުންސިލްތައް އުފެއްދުމައްޓަކައި ބޭނުންވާ މައިގަނޑު ޚިޔާލު، ހިންގުމުގެ ދާއިރާއިންނާއި ވެރީންގެ ކިބައިން މިނިވަންކަމާއެކު ލިބިގެން އަންނާނެކަމަށް. ހަމަ އެފަދައިން މި ކަމާ ބެހޭ ޤާނޫނުތައް އެކުލަވައިލުމުގައި ބޭނުންވާ ނުކުތާތައް ވެސް ތިޔަ ހުރިހާ ބޭފުޅުން ފާހަގަކޮއްދެއްވައި އަޅުގަނޑުމެންނަށް ސަރުކާރަށް ހުށައެޅޭ ފެންވަރަށް ގެނެސްދެއްވާނެކަމަށް.

އާދެ! ވަގުތުގެ ގޮތުން ތިޔަ ހުރިހާ ބޭފުޅުން މި ތަނަށް ވަޑައިގެން ތިޔަ ތިއްބެވީ ސަރުކާރުގެ އޮފީސްތަކުގެ ވަރަށް މުހިންމު ވަގުތުތަކެއް އަޅުގަނޑުމެންނަށް ހިއްސާކޮއްދެއްވައިގެން. އެހެންކަމުން އަޅުގަނޑުގެ މި ވާހަކަތައް މިހާރު ވެސް އެކަށީގެންވާ ވަރަށް ވުރެން ދިގުވެއްޖެކަމަށް ހީކުރަމުން، މައާފު އެދެމުން، އަޅުގަނޑުގެ ވާޖިބު އަދާކުރެވިއްޖެކަމަށް ޤަބޫލުކުރަމުން، އަޅުގަނޑުގެ ވާހަކަ މި ނިންމައިލަނީ އަޅުގަނޑުމެންގެ އެންމެންގެ ސިކުޑީގައި އައިސްފައި މިވާ ތަރައްޤީގެ އާ ވިސްނުމާއި އެއް ގޮތް ވާ ގޮތުގެ މަތީން ގައުމު ތަރައްޤީކުރުމަށް އާ ވިސްނުންތަކެއް މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. އަދި އަޅުގަނޑުމެން އެންމެން ހެޔޮ ނިޔަތުގައި ގައުމަށްޓަކައި މި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އާމީން…

ވައްސަލާމްޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތޫހ."

އަޅުގަނޑުގެ މި ވާހަކަކޮޅު ވިދާޅުވުމުން ސާފުވެވަޑައިގަންނަވާނެ ހަގީގަތަކީ، ލޯކަލް ކައުންސިލްތައް އުފެއްދެވުމުގެ ޙިއްސާ ވަރަށް ގިނަ ބޭފުޅުންނަށް އޮތުމާއެކު، މި ކަމުގައި އެންމެ ބޮޑު ޙިއްޞާއެއް (ނުވަތަ ކްރެޑިޓެއް) އަރުވާން ޖެހެނީ (ގަބޫލުކުރާން ބޭނުން ވިޔަސް ނުވިޔަސް) އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށާއި އޭރުގެ އަތޮޅުތައް ހިންގުމާ ބެހޭ ވަޒީރު، އަންނަބީލު މުޙަންމަދު ވަޙީދުއްދީނަށް ކަމެވެ. އެތައް ސަތޭކަ ބަޔެއްގެ މަދަދާއި އެހީތެރިކަމާއެކީގައިމެއެވެ. ލޯކަލް ކައުންސިލްތަކުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އިރު އެ މަޖިލީހުގައި އަޣުލަބިއްޔަތު އޮތީ އޭރުގެ ޑީއާރުޕީ-ޕީއޭ ކޯލިޝަނަށް ކަން ވެސް ފާހަގަކޮށްލާން ބޭނުންވެއެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގައި ޢަމަލީ ގޮތުން އަޅުގަނޑަށް ބައިވެރި ވެވުނު ކަމަށް ވިޔަސް މި މަސައްކަތްތައް ނިމި ޤާނޫނެއްގެ ބިލާމެދު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށް ބަހުސްކުރެވުނު އިރު، ކަން ދިމާވި ގޮތުން އަޅުގަނޑަށް އުޅެވުނީ އެ މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައެވެ. މާވަށް ދާއިރާއަށް ޚާއްޞަވެގެން ފުރަތަމަ ހޮވުނު މެންބަރުގެ ހައިސިއްޔަތުންނެވެ. ވީމާ، ލޯކަލް ގަވަރނަންސް ނިޒާމު ރާއްޖޭގައި ގާއިމުކުރުމުގެ މަސައްކަތުގެ އެކި މަރުޙަލާތަކުގައި އަޅުގަނޑަށް ވެސް ޢަމަލީ ގޮތުން ވަރަށް ފުރިހަމައަށް ބައިވެރިވެވިފައިވާކަމަށް ގަބޫލުކޮށް އެ ހިތްމަޖެހުން ލިބިގަންނަމެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންތްގެ ފަރާތުން ނެތުއްވި "އެނގަކުރި" މަޖައްލާގެ ފުރަތަމަ ޢަދަދުގައި ގުޑް ގަވަރނަންސެއް (ހެޔޮ ވެރިކަމެއް)ގެ ސިފަތަކާއި އެ ފަދަ ވެރިކަމެއް ގާއިމުކުރުމުގައި ވިސްނުން ބަހަށްޓާން ޖެހޭ ގޮތުގެ މައްޗަށް ތަފުޞީލުކޮށް އަޅުގަނޑު މަޒުމޫނެއް ވެސް ލިޔެފައިވާނެއެވެ. ހަމަ ގައިމު ވެސް މި ލިޔުން ލައިބްރަރީއިން ފެނިވަޑައިގަންނަވާނެތާއެވެ. އެހެންކަމުން މި ވާހަކަ ވެސް ދަންނަވައިލީއެވެ. ހަމައެކަނި ތާރީޚަށް ޓަކައެވެ.

އާދޭހެވެ! ކަން މިހެން އޮތް އިރު ލޯކަލް ކައުންސިލްތަކާ ބެހޭ ކަންކަން ހިންގުމާއި އެ ކަމާ ބެހޭ ޤާނޫނު ފާސްކުރުމުގައި ވެސް ޢަމަލީ ގޮތުން އުޅުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވާތީ މި ވާހަކަ ވެސް ތާރީޚަށް ޓަކައި ފުރޭފުކޮށްލާން ބޭނުންވީއެވެ. 2008ގައި ފާސްކުރެވުނު ފެހި ގާނޫނުއަސާސީއަށް މި ކަމާ ބެހޭ ބާބެއް ވަދެފައި އެ ވަނީ ވެސް އޭގެ ކުރީއްސުރެ ބަޔަކު ކުޅަ މަސައްކަތެއްގެ ސަބަބުންކަމަށް ގަބޫލުކުރާން ޖެހެއެވެ.

ލޯކަލްކައުންސިލްތަކަކީ ވަކި މަދު ބަޔެއްގެ ވިސްނުމެއްކަމަށާއި އެއީ ވަކި ބަޔެއްގެ ދަރިއެއްކަމަށާއި އެއީ މިވެނި ބަޔަކު ދަންނަ ކަމެއް ނޫންކަމަށް ވަކާލާތު ކުރިޔަސް އެ ކަމުގެ ހަގީގަތް އޮތީ އެހެން ނޫންކަން ހާމަކޮށްލުމަށް ޓަކައެވެ. ވަކި މުއައްސަސާއެއް އުފެދުނު އިރު، އެ މުއައްސަސާގެ މުވައްޒަފުންގެ ގޮތުގައި ބޭފުޅުންކޮޅެއް ތިއްބެވުމަކީ، ލާމަރުކަޒީ ނިޒާމުގެ މުއައްސިސުންކަމަށް އެ ބޭފުޅުން ކަނޑައެޅޭނޭ ސަބަބެއް ނޫނެވެ. އެއީ ވަކި ބަޔެއްގެ "ދަރިއެއް" ނޫނެވެ. އެއީ ރައްޔިތުންގެ އުފެއްދުމެކެވެ. މި ކަން ހިނގި ގޮތް، އެހެން ގޮތަކަށް ދަންނަވާނަމަ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވުޖޫދަށް އައުމުގައި ދަތުރުކުރި މަގާއި އެކަމުގައި މަސައްކަތް ކުރީ ކޮން ބަޔެއްކަން ކޮންމެވެސް ވަރަކަށް މިހާރު ސާފުވެވަޑައިގެންފާނެ ކަމަށް އުންމީދުކުރަމެވެ. ނަމަވެސް ހިތާމައަކީ، އަޅުގަނޑުމެން މި މަސައްކަތް ކުރި ދުވަސްވަރު ކުޑަކުދީންގެ ގޮތުގައި އިސްކޫލަށް ދިޔަ ތުއްތުކުދީން މިއަދު ކަމާ ބެހޭ އެކި މުއައްސަސާގައި ތިއްބަވައިގެން އޭރު އެ މަސައްކަތްކުރި އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލްތަކަކީ ކޮން އެއްޗެއްކަން ނުވެސް އެނގޭނެކަމަށާއި އެ މަފުހޫމާއި އެ ނިޒާމާއި އެ މުއައްސަސާތަކުގެ މުއައްސިސުންނަކީ ތިމަން ބޭފުޅުންނޭ ވިދާޅުވާ ބޭފުޅުން މަދުމަދުން ނަމަ ވެސް އުޅުއްވާކަމެވެ. ނަމަވެސް މި ކަމުގެ ހަގީގަތްތައް ނޫސްތަކާއި އަރުޝީފުތަކުގައި ފުރޭފުކުރެވިފައި ހުންނާނެއެވެ. ހަގީގަތް އޮޅުވައިލެވޭތޯ ބަޔަކު މަސައްކަތްކުރިޔަސް ހަގީގަތް އޮންނާނީ ހަގީގަތުގެ ގޮތުގައެވެ. ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ލާމަރުކަޒީ ނިޒާމުގެ މުއައްސިސުންނަކީ ދިވެހި ރައްޔިތުންނެވެ. އިސް މުއައްސިސުންނަކީ ރައީސް ނާޞިރާއި ރައީސް މައުމޫނެވެ. އެއީ އެހެން މީހަކަށް މެޑެލި ޖެހޭނޭ ކަމެއް ނޫނެވެ. ދެން އެހެން ހުރިހާ ބޭފުޅުންނަކީ މި މަސައްކަތުގެ އެހީތެރީންނެވެ. ވީމާ، ލާމަރުކަޒީ ނިޒާމު ވުޖޫދަށް ގެނައުމުގައި ދިވެހިރާއްޖެ ހިނގި މަގު ތާރީޚަށް ޓަކައި އެނގޭން އޮންނާން ބޭނުންވާތީ މި ވާހަކަ ލިޔެލާހިތްވީއެވެ.


ލަފުޒެއްގެ މާނަ:

ފުރޭފު   ނ.    ލިޔާ ލިޔުން (ޑޮކިޔުމެންޓް)

______________________________

ޙަވާލާ:

ޢަބްދުﷲ ޒަމީރު. "ފުރަދާނަ"

އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެއްދުމާ ބެހޭ ޤައުމީ ސެމިނާރ-2006ގެ ރިޕޯޓު



Advertisement

ކޮމެންޓް