Advertisement

ސިޔާސީ ބަސްމަގުގެ ސަބަބަބުން ގައުމަށް ކުރާ ނޭދެވޭ އަސަރާއި އޭގެ ހައްލު

16 Jan 2024 | 20:14
.

ޑރ. އަބްދުﷲ ފާރޫޤް އިބްރާހީމް

 ދާދި ފަހުން އިވުނު އެއް އަޑަކީ ދިވެހިރާއްޖޭގެ އިސްޓޭޓު މިނިސްޓަރުން ފެންވަރުގެ ބޭފުޅުންކޮޅެއް އަވައްޓެރި އިންޑިޔާގެ އެންމެ މަތީ ސިޔާސީ އެއް ލީޑަރެއްކަމުގައިވާ ނަރެންދުރަ މޯދީއަށް (މިހާރުގެ ސަރުކާރަށް) ބަހުގެ ހަމަލާތަކެއް ދީފިކަމުގެ ހިތާމަވެރި އަޑެވެ. އާދޭހެވެ! ހިތާމައިގެ ކޮޅެއްވެސްނެތެވެ. މި ކަމުން ކުރާނީ މިވެނި އަސަރެކޭ ކަނަޑައެޅިގެން ދަންނަވާން ނޭގުނުކަމުގައި ވިޔަސް އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ.

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނާން ޖެހޭ އެއް ސިފައަކީ ދޫރައްކާތެރިކަމުގެ ސިފައެވެ. އެއާ  ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބެއް ނުލިބޭ ހުއްޓެވެ.

ދޫރައްކާތެރިކުރުމަކީ ކޮބައި ހެއްޔެވެ؟

އެއީ ހެޔޮކަމެއް ކަމުގައި ނުބެލެވޭ ވާހަކައެއް ދުލުން ނުދެއްކުމެވެ. އަދި ޣީބަބުނުމާއި ދެބައޮޑުވުމާއި ފާޙިޝްވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން ދުރުހެލިވެ ހުރުމެވެ.

ސިޔާސީ ލީޑަރު ސީދާވެހުރުމަކީ އެ މީހެއްގެ ފަހަތުގައި ތިބޭ ބަޔަކަށް ވަރަށް މުހިންމު ސިފައެވެ. ސީދާ މަގުން ހިނގުމާއި ސީދާވެ ހުރުމަށް ދޫރައްކާތެރިކޮށްގެން ހުރުން ބޭނުންވެއެވެ. އެ ގޮތުން ސިޔާސީ މައިދާނުގައި ކާމިޔާބު ހޯދައިގަތުމަށް ޓަކައި ކުރާން ޖެހޭ އެއް ކަމަކީ ދޫރައްކާތެރިކޮށްގެން ހުރުމެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ހަދީސުކުރައްވައިފައިވެއެވެ. «لَا يَسْتَقِيمُ إِيمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ، وَلَا يَسْتَقِيمُ قَلْبُهُ حَتَّى يَسْتَقِيمَ لِسَانُهُ»[1].  މާނައީ: "އަޅާގެ ހިތް ސީދާ ނުވާހާ ހިނދެއްގައި  އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އަދި އެ މީހެއްގެ ދޫރައްކާތެރިނުވާހާ ހިނދެއްގައި  އެ މީހެއްގެ ހިތް ސީދާނުވާ ހުއްޓެވެ."

ސިޔާސީ ލީޑަރުންނަކީ ދައްކާ ކޮންމެ ވާހަކައަކަށް މުޖުތަމައަށް ޖަވާބުދަރީވާން ޖެހޭ ބަޔެކެވެ. އަދި ދީނީ ގޮތުން ވެސް އެ ކަން އޮތީ އެ ގޮތަށެވެ. އިންސާނާގެ ދުލުން ބޭރުވާ ކޮންމެ ބަހަކާއި މެދު އޭނާ މަސްއޫލުވާން ޖެހެއެވެ. މާތް الله  ވަޙީކުރައްވައިފައި އެވެ. )مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ([2].  މާނައީ :- (ކުރާ އަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ހާޒިރުވެ މަލާއިކަތްބޭކަލަކު ނެތި އެނާއަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.

ސިޔާސީ ލީޑަރުންގެ ސިފަޔަކަށް ވާންޖެހޭނީ ދޫ ރައްކާތެރިކޮށްގެން ތިބުމެވެ. އެއީ ކާމިޔާބު ލިބިގަތުމަށް ޓަކައެވެ. އެ ގޮތުން ހަޑިހުތުރު ވާހަކައާއި މީހުންގެ އަބުރާ ބެހުމާއި، ބޭކާރު ވާހަކަތަކުން ދުރުހެލިވެ ހުރުމެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ހަދީސުކުރައްވައިފައިވެއެވެ. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيوْمِ الْآخِرِ فَلْيَصِلْ رَحِمَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فلْيَقُلْ خَيْراً أَوْ لِيَصْمُتْ»[3]، މާނައީ: "މާތް اللهރުއްސުން ލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم  ހަދީސުކުރެއްވެވިއެވެ. الله އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ފަހެ އެ މީހާގެ މެހުމާނަށް ކަމޭހިތާ ހުށްޓެވެ. އަދި الله އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ، އެ މީހާގެ ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރާ ހުށްޓެވެ. އަދި الله އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ، ހެޔޮ ވާހަކަދައްކާހުށްޓެވެ. ނުވަތަ ހަނު ހުންނަހުށްޓެވެ.

މި ކަމުގައި އޮތީ ކިރިޔާ ވެސް ދެ ތިން ހައްލެކެވެ. އެއް ހައްލަކީ ސިޔާސީ މަގާމުތަކާއި ސިޔާސީ ވަޒީފާ ދިނުމުގައި އިލްމާއި ހިލްމަށް ރިއާޔަތްކުރުމެވެ. ގައުމަށް މޮޅު ގޮތްތައް ލިބޭން އޮތީ ކިޔަވައިގެން ތިބި ތަންދޮރުފިލައިފައި ތިބޭ މީހުން މަގާމުތަކަށް އިސްކޮށްނެވެ. ޤުރުއާނުން އެ ކަމަށް އިޝާރާތް ލިބެއެވެ.

މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ." (އައްޒުމަރު:9)

އެހެން އާޔަތެއްގެ މާނައިގައި ވެއެވެ. "އަދި ކަނުމީހާއާއި، ލޮލަށްފެންނަމީހާއާ ހަމަހަމަވެގެނެއް ނުވެއެވެ. އަދި އަނދިރިކަމާއި އަލިކަމާވެސް ހަމަހަމަވެގެނެއްނުވެއެވެ. އަދި ހިޔަލާއި ގަދަ އަތްވާވެސް ހަމަހަމަވެގެނެއް ނުވެއެވެ." (ފާޠިރު:19-21)

އަނެއް ހައްލަކީ ސިޔާސީ ވަޒީފާ ދިނުމުގައި ވަޒީފާ ބަޔާނަށް އަޚުލާޤީީ ދެތިން ނުގުތާއެއް އިތުކޮށް އަންގައިލުމެވެ. މިސާލަކަށް ސިޔާސީލީޑަރުންގެ ބަސްމަގު ބިނާކުރާން ޖެހެނީ އަންނަނިވި މަންހަޖުގެ މައްޗަށެވެ.

ފުރަތަމައީ: މީހެއްގެ ލޭ ހުއްދަވާ ފަދަ އިބާރާތެއް ބޭނުންނުކުރުމެވެ.

ދެވަނައީ: މީހެއްގެ މުދަލެއްގެ ހުރުމަތް ނަގައިލެވޭ ފަދަ އިބާރާތެއް ބޭނުންނުކުރުމެވެ.

ތިންވަނައީ: މީހެއްގެ އަބުރު ގެއްލޭ ފަދަ އިބާރަތެއް ނުވަތަ ހުރުމަތް ނަގައިލެވޭ ފަދަ އިބާރަތެއް  ބޭނުންނުކުރުމެވެ.

ހަތަރުވަނައީ: ގައުމެއްގެ ކަރާމާތާއި ސިޔާދަތަށް ހުރަހަކަށް ވާ ގޮތަށް އިބާރަތެއް  ބޭނުންނުކުރުމެވެ.

ދުލުގެ ނުބައިކަމުން ސަލާމަތްވާން ބޭނުންވާ މީހާ ކުރާން ޖެހޭ ކަންތަކުގެ ތެރޭގައި މަންފާ ހުރި ވާހަކައެއް ނޫނީ ނުދެއްކުން ހިމެނެއެވެ. އަދި މުނާސަބު ވަގުތު ބަލައިފައި ވާހަކަދެއްކުމާއި މަގުސަދު ހާސިލުވާވަރަށް ވުރެ، ދިގުނުކުރުމާއި ރީތި ބަހުރުވަ ބޭނުންކުރުމާއި މަދަހަކުރުމުގައި (ތަޢުރީފުކުރުމުގައި) ހައްދު ފަހަނައަޅައި ނުދިޔުމާއި ލުއިފަސޭހަ ލަފުޒުތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

_____________________________________

ޙަވާލާ:

[1]  رواه أحمد، مسند المكثرين من الصحابة، مسند أنس بن مالك رضي الله تعالى عنه، (13048)، وصححه الألباني في سلسلة الأحاديث الصحيحة وشيء من فقهها وفوائدها، (2841).2

2 سورة ق: 18.

3  رواه البخاري، كتاب الأدب، باب إكرام الضيف، وخدمته إياه بنفسه، (6138)، ومسلم، كتاب الإيمان، باب الحث على إكرام الجار والضيف، ولزوم الصمت إلا عن الخير وكون ذلك كله من الإيمان، (74)، واللفظ للبخاري.

[1] رواه أحمد، مسند المكثرين من الصحابة، مسند أنس بن مالك رضي الله تعالى عنه، (13048)، وصححه الألباني في سلسلة الأحاديث الصحيحة وشيء من فقهها وفوائدها، (2841).

[2] سورة ق: 18.

[3] رواه البخاري، كتاب الأدب، باب إكرام الضيف، وخدمته إياه بنفسه، (6138)، ومسلم، كتاب الإيمان، باب الحث على إكرام الجار والضيف، ولزوم الصمت إلا عن الخير وكون ذلك كله من الإيمان، (74)، واللفظ للبخاري.

އެޑިޓަރުގެ ނޯޓް
ޑޮކްޓަރ ޢަބްދުاللّه ފާރޫޤު އިބްރާހީމަކީ ބެޗްލާރ އޮފް ޝަރީޢާ، އިސްލާމިކް ސްޓަޑީޒުން މާސްޓާސް އަދި ފިޤުހާއި އުޞޫލުލްފިޤުހުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ދީނީ އަދި އިޖުތިމާޢީ މައުޟޫޢުތަކަށް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. "ރިޔާޟުއްޞާލިޙީން" ނަމަކަށް ކިޔުނު ޙަދީޘް ފޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރުޖަމާކުރައްވައި ބޭނުން މީހަކަށް އޮންލައިނުކޮށް ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކުރެއްވިއެވެ. ރާއްޖޭގައި އެ ފޮތް އެހެން ބޭފުޅަކު ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވީ މާ ފަހުންނެވެ.

Advertisement

ކޮމެންޓް