Advertisement

"ގައުމުގެ ރިހިދުލުގެ ވެރިޔާ" އަދި ކުޅަދާނަ މުގައްރިރު، މޮޅު ޝާއިރެއްގެ ގޮތުން މަޝްހޫރުކުރުން

15 Jan 2024 | 18:03
އިބްރާހީމް ޝިހާބު އަވަހާރަވި ވާހަކަ "ހަވީރު" ނޫހުގައި ޝާއިޢުކޮށްފައި އޮތް ސަފުހާގެ ފޮޓޯއެއް

މުޙަންމަދު ޝާޠިރު

އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވިތާ ތިން ދަހަރަށް ވުރެ ގިނަ ދުވަސްވީއެވެ. އޭގެ ފަހުން މިހާރު ތިން ދަހަރާއި ހަ އަހަރުވީއެވެ. އާދޭހެވެ! އެ މަނިކުފާނު އަވަހާރަވީ 15 ޖަނަވަރީ 1988ގައެވެ. މިއަދު 36 އަހަރުވީއެވެ.

މި ދުވަސް 1989އިން ފެށިގެން ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަސް ކަމުގައެވެ. ވީމާ ޅެންވެރީންގެ ދުވަސް ފާހަގަކުރާތާ  35 އަހަރު ވީއެވެ. އާދޭހެވެ! ދިވެހިރާއްޖޭގެ ޅެންވެރީންގެ ދުވަސް ނިސްބަތްވަނީ އެ މަނިކުފާނަށެވެ.

އަލްއުސްތާޒު އިބްރާހީމް ޝިހާބަކީ އެންމެ މޮޅު، ޢިބުރަތްތެރި، ފަށުވި ޅެންތަކުގެ ޝާއިރެއް ކަމުގައި ވިޔަސް، އެންމެ ކުޅަދާނަ ފަޞާޙާތްތެރި ބަލާޣާތްތެރި "ރިހިދުލުގެ ވެރިޔާގެ" ލަޤަބު އެ މަނިކުފާނަށް މާ ޙައްޤުކަން ބޮޑުކަމުގައި ދެންނެވިދާނެއެވެ.

އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ  މީގެ  ގަރުނަކަށް ވުރެ ކުރީން 22  ސެޕުޓެންބަރު  1922ގައި ފުރަމާލޭގައެވެ. އެ މަނިކުފާނު އަވަހާރަވީ މީގެ 36 އަހަރު ކުރީން މި ދުވަހުއެވެ!

1988 ޖަނަވަރީ 15ގައި އުމުރުފުޅުން 65 އަހަރުފުޅުގައި އަވަހާރަވީ ސިރީލަންކާގައެވެ.

އެއީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ ބަސްމޮށުންތެރީންގެ ތެރެއިން ވެސް އެންމެ ކުރީސަފުގައި ހިމެނިވަޑައިގެންފައިވާ ޢިލްމުވެރިއެކެވެ. އެންމެ ބަލާޣާތްތެރި އެންމެ ފަޞާޙާތްތެރި މުޤައްރިރުގެ ގޮތުގައި 1940ގެ އަހަރުތަކުން 1980ގެ އަހަރުތަކަށް 40އަށްވުރެ ގިނަ އަހަރު، ދިވެހި ޤައުމުގެ އެންމެ މުހިންމު ޖަލްސާތަކާއި ބައްދަލުވުންތަކާއި އިޙުތިފާލުތަކުގައި އެންމެ މުނާސަބު ތަޤުރީރުތައް ކުރެއްވުން މަތިކުރެވިފައި ވީ އެމަނިކުފާނާއެވެ. އެއީ ދިވެހިޤައުމުގެ މި ރޮނގުން އެއްވަނަ ރެކޯޑެވެ. އެފަދަ ދެވަނައެއް އަދި މިހާތަނަށް ވެސް ނެތް ލާމަސީލު މިސާލެވެ.

އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ  ދިވެހިރާއްޖޭގައި އުފެދުނު އެންމެ ޚިދުމަތްތެރި ދީނީ، ޝަރުޢީ، ތަޢުލީމީ ، ތާރީޚީ، ބަހަވީ، އަދަބީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ދަރިކަލަކަށްވުމުން، ޢިލްމާއި މަޢުލޫމާތު ވާރުތައިން ވެސް ވަނީ ލިބިވަޑައިގެންފައެވެ. އާދޭހެވެ! ޙަޞަބާއި ނަޞަބުން ވެސް ރާއްޖޭގެ އެންމެމޮޅު ޢިލްމުވެރިކަމާއި، އެންމެ ވަސްމީރު އަދަބީ ގުލްޝަނެވެ. "ޝާޢިރުއްޝަބާބު"އެވެ.

އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ތަޤުރީރުތަކަށް ބަލާއިރު، ބެލުންތެރީންނާއި އަޑުއެހުންތެރީން ޝައުޤުވެރި ކުރުވަނިވި ގޮތްތައް ޠަބީޢީ ގޮތުން ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން  ފާހަގަކުރެވެއެވެ. ޢިލްމާއި މަޢުލޫމާތުގެ މުއްސަނދިކަމެވެ. މުނާސަބަތުތަކާއި އެންމެ ގުޅޭ ގޮތްތަކަށް ވާހަކަފުޅު ބައްޓަންކުރެއްވުމުގެ ކުޅަދާނަފުޅުކަމެވެ.

ކިތަންމެ ގިނައިރު ވާހަކަފުޅު ދެއްކެވިޔަސް ބެލުންތެރީންނާއި އަޑުއެހުންތެރީން ފޫހިވުމެއް ނުވާ ގޮތްތަކަށް މިސާލުބަސްތަކާއި ހަރުބަސްތަކާއި އަދި ޝައުޤުވެރި ކުރުވަނިވި އާދަޔާ ޚިލާފު ކަންކަމުން މިސާލުޖެއްސެވުމުގެ މޮޅުފުޅުކަމެވެ. ގިނަ މީހުންނަށް އާ ވާހަކަތަކުން މިސާލުޖެއްސެވުން ފަދަ އެކިއެކި ވާހަކަތަކުން ވާހަކަފުޅު މުއްސަނދިކުރެއްވުމުގެ ހުނަރުވެރިކަން ވެސް މެއެވެ.

އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ، 1950ގައި ރާއްޖޭގެ އެންމެ ފުރަތަމަ  ޤާނޫނީ ވަކީލުން ތަޢާރަފުވީ އިރު އެއްވަނަ ދަރަޖައިން ފާސްވެވަޑައިގަތް ޤާނޫނީ ވަކީލެކެވެ. އަދި ރާއްޖޭގެ ބަރުލަމާނީ (ޕާލަމަންޓްރީ) ޙަޔާތުގެ "އެންމެއުސްތަނބު"ގެ ލަޤަބު 1988ގައި އެމަނިކުފާނު އަވަހާރަވުމުން ނިސްބަތްކުރެވުނު، 40އަށްވުރެ ގިނަދުވަހު (1946-1988) ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ކުރައްވައިފައިވާ ރާއްޖޭގެ ސިޔާސީ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އަވަހާރަވިއިރު ހުންނެވީ ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ ރައީސްގެ މަޤާމުގައެވެ. އަދާކުރެއްވި އެންމެ މަތީ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު (1975-1977)ގެ މަޤާމެވެ.

ވަޒީރުކަން ނުވަތަ އެފެންވަރުގެ މަޤާމުތައް 35 އަހަރު (1954-1988) އަދާކުރެއްވިއެވެ. މިގޮތުން ވަޒީރުލްމަޢާރިފް  (މިނިސްޓަރ  އޮފް އެޑިޔުކޭޝަން)، ބަންޑާރަނައިބު (އެޓަރނީ ޖެނެރަލް)ގެ މަޤާމު ފަދަ އެތައް މަގާމެއް އެ މަނިކުފާނު ފުރުއްވިއެވެ.

އަދާކުރެއްވި އެންމެހައި ވަޒީފާތަކާއި ފުރުއްވި މަޤާމުތަކުގައި މަޤާމުގެ ހައިސިއްޔަތުން ވެސް އެމަނިކުފާނުގެ ވާހަކަފުޅު ދެއްކެވުމުގެ ހުނަރު ދައްކަވާން ޖެހިވަޑައިގަތެވެ. ޙަޤީޤަތުގައި މިމަޤާމުތައް ލިބިވަޑައިގަތުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެމަނިކުފާނުގެ ވާހަކަދެއްކުމުގެ ހުނަރު ހިމެނޭނެކަން ކަށަވަރެވެ.

އަދި އެމަނިކުފާނަކީ ޚިޠާބާއި ބަޔާނާއި ތަޤުރީރު ފަދަ ވާހަކަދެއްކުމުގެ އެކިއެކި ބައިބައި ވަކިކުރެވި، އަދި އެ ބައިބައި ވެސް އެންމެ ފުރިހަމަޔަށް ތަމްސީލުވާ ގޮތުން ވާހަކަފުޅުދެއްކެވި ލާމަސީލު މިސާލެއް ކަމުގައިވި ދިވެހި ވަޠަންގެ "ރިހިދުލުގެ ވެރިޔާ"އެވެ.

އެޑިޓަރުގެ ނޯޓް
މުޙަންމަދު ޝާޠިރަކީ ދިވެހި ނޫސްވެރިކަމުގެ ތަޖުރިބާކާރެކެވެ. އޭގެ އިތުރަށް ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތުގެ ޚަޒާނާއެކެވެ. ޝާޠިރު އިޖުތިމާޢީ ދާއިރާއިން ލިޔުއްވިޔަސް އެންމެ ގިނައިން ލިޔުއްވަނީ ތާރީޚާއި ސަގާފަތުގެ ދައިރާއިންނެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވެސް ތާރީޚު ދިރާސާކުރައްވާ ލިޔުންތެރިއެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް