Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (3)

15 Jan 2024 | 08:57
.

އަޙްމަދު ފަޔާޟް ޙަސަން

(2024 ޖަނަވަރީ 9ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައަށް ވިސްނާ އިރު ﷲ، އަޅުގަނޑުމެންނަށް ދެއްވަނީ ވަރަށް ވަރުގަދަ މެސެޖެކެވެ. އެއީ އަޅުގަނޑުމެން މުސްލިމުންނަށް ވާންޖެހެނީ މައިންބަފައިން މުސްލިމުންނަށްވީތީ ނޫންކަމެވެ. ރަސޫލުންގެ ބަފައިކަލުން އަދި ފުރަތަމަ މުސްލިމް އިބުރާހީމްގެފާނު މުސްލިމަކަށްވެވަޑައިގަތީ އެކަލޭގެފާނުގެ މައިންބަފައިން މުސްލިމުންނަށް ވެގެންނެއްނޫނެވެ. އެހެންވެ ތިމާގެ މައިންބަފައިން އެހެން ދީނެއްގެ މީހަކަށް ވިޔަސް ތިމާ އެ ދީނުގެ މީހަކަށް ވާކަށް ނުޖެހޭކަން މި ވާހަކައިން އެނގެއެވެ. އިބުރާހީމްގެފާނު ގަބޫލުކޮށް އެކަލޭގެފާނު ދެކެ ލޯބިވާ މީހަކު ދީން ގަބޫލުކުރާން ޖެހެނީ އެ މީހެއްގެ ބުއްދިއަށް އެއީ ޙައްޤު ދީންކަން ކަށަވަރުވެގެންނެވެ. ދީން ގަބޫލުކުރާން ޖެހޭނީ ހިތާއި ނަފުސުންނެވެ. ތިމާގެ ވަށައިގެން އުޅޭ މީހުން ވަކި ދީނަކަށް އުޅޭތީ އެ ގޮތަށް އުޅޭކަށްނޫނެވެ.

އަދުގެ ދުނިޔޭގައި އެންމެ މޮޅު ކަމަކީ ކޮޕީކުރުމެވެ. އެކަމަކު އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައަކީ ކޮޕީނުކުރުމެވެ. މީހަކު ވަކި ފެޝަނަކަށް އުޅޭތީ ތިމާ އެ ގޮތަށް އުޅޭން ނުޖެހޭކަމެވެ. މީހަކު ވަކި އެއްޗެއް ކާތީ ނުވަތަ ބޯތީ ތިމާ އެ ކެއުމާއި ބުއިމަކީ އެއް ގޮތަކަށް ވެސް ކުރާން ޖެހޭ ކަމެއްނޫނެވެ. އަދުގެ ޒަމާނީ މުޖުތަމަޢުގެ ކޮޕީކުރުމުގެ އަވާގައި މުސްލިމުން ވެސް ވަނީ ޖެހިފައެވެ. ތަހުޒީބާއި ތަރައްގީގެ ނަމުގައި މުސްލިމުން ވެސް އަވަދިނެތި އުޅެނީ އެހެން މީހުން ކޮޕީނުކުރެވިގެންނެވެ. ބަނގުރަލަކީ ޒަމާނީ ވިސްނުމުގައި 'ސަޅި' ބުއިމެކެވެ. ހުޅަނގުގެ ތަހުޒީބީ މުޖުތަމަޢުގައި ކްލަބަތަކަށް ދިއުމަކީ 'އޯކޭ' ކަމެކެވެ. އެކަމަކު އިބުރާހީމްގެފާނު މުޅި ގައުމުގެ އާދަކާދައަށް 'ނޯ'ޖައްސަވައި ބުދަށް އަޅުކަންކުރުމަށް ވިދާޅުވީ ނޫނެކޭއެވެ. އެހެންކަމުން މިއަދު މުސްލިމުން ވެސް ޖެހެނީ ޒަމާނީ ދުނިޔޭގެ ބާތިލު ނުވަތަ ނުރަނގަޅު ކަންކަމަށް ނޫނެކޭ ބުނާށެވެ.

އިބުރާހީމްގެފާނު، ކަން ކުރެއްވި ގޮތް އަލްއަންޢާމް ސޫރަތުގެ 75ވަނަ އާޔަތުން ފަށައިގެން ﷲ ދައްކަވައެވެ. ތިމަން ﷲ އިބުރާހީމްގެފާނަށް އުޑުތަކާއި ބިމުގެ މަލަކޫތީ ވެރިކަން ދައްކަވަމެވެ. އެއީ ޔަގީންކުރާ މީހުންގެ ތެރެއިން އެކަލޭގެފާނު ވުމަށް ޓަކައެވެ. މީހަކު ގަބޫލުކުރާ ކަމެއް ހަމައެކަނި ޚިޔާލަކަށްވެދެއެވެ. އެ ފަދަ ހާލަތުގައި އެ މީހަކު އޭނާ ގަބޫލުކުރާ ޚިޔާލަށް ނުއުޅެ ހިނގައިދާނެއެވެ. ތިމާ ގަބޫލުނުކުރާ ވާހަކަދައްކާ މީހުން ވެސް މުޖުތަމަޢުގައި އުޅެއެވެ. މާ ބޮޑު ކަމަކަށް ނުހަދައި އެ މީހުންނާ އެކު ވެސް ތިމާ އުޅެމުއެވެ. އެހެންކަމުން ތިމާ ގަބޫލުކުރާ ގޮތްތަކާ އެއް ގޮތަށް ތިމާ ދިރިއުޅުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމަކަށްނުވެދެއެވެ. މާނަޔަކީ ތިމާ ގަބޫލުކުރާ ގޮތަށް ތިމާ ކޮންމެހެން އުޅޭން ނުޖެހުމެވެ. އެކަމަކު އިބުރާހީމްގެފާނު ކަންތައްކުރެއްވީ މުޅީން ތަފާތުކޮށެވެ. އެކަލޭގެފާނު ގަބޫލުފުޅުނުކުރެއްވި ކަންކަމާ އެކަލޭގެފާނު އެކަހެރިވެވަޑައިގަތެވެ. އެފަދަ ކަންކަމާ އެކަލޭގެފާނު ދުރަށްޖެހިވަޑައިގަތެވެ. އަދި ސާބިތުކަމާއެކު ފާޅުގައި އެ ކަންކަމާ ކުރިމަތިލެއްވިއެވެ. ހިތްވަރާއެކު އެކަލޭގެފާނު ހައްގު ބަސް ވިދާޅުވިއެވެ.

ﷲ، އިބުރާހީމްގެފާނުގެ ހިތްޕުޅަށް ވައްދަވައިދެއްވި ނުކުތާއަކީ ރަސްކަލުންގެ ރަސްގެފާނަކީ ﷲ ކަމުގައެވެ. މި ދުނިޔެއާއި އުޑުތަކުގެ ވެރި ރަސްކަލާނގެއަކީ ﷲކަމުގައެވެ. މި ދުނިޔޭގައި ހިނގާ ހުރިހާ ކަމެއްގެ ވެރި އިލާހަކީ ﷲކަމުގައެވެ. އެއިލާހުގެ ދެނެވޮޑިގަތުމުގައި ނުވެ އަދި އެއިލާހުގެ އިޒުނަފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާކަމުގައެވެ. ކޮންމެ ކަމެއް ރެކޯޑްކުރައްވައި ކޮންމެ ކަމެއް ކޮންޓްރޯލްކުރައްވައި ހިންގަވަނީ ﷲއެވެ. އެހިނދު އެކަލޭގެފާނަށް ކަށަވަރުވީ ކަމަކީ މި ދުނިޔޭގައި އެކަލޭގެފާނު ވެރިއަކަށް ބަލާން ޖެހޭނީ ހަމައެކަނި ﷲކަމެވެ. އެހެން ބަޔެއްގެ ނުވަތަ އެހެން މީހެއްގެ ބާރުވެރިކަމަށް އެކަލޭގެފާނު ބަލާންނުޖެހޭނެކަމެވެ. އެހެންވެ ބުނާ ކޮންމެ ބަހަކާއި ކުރާ ކޮންމެ ކަމެއް އެކަލޭގެފާނު އަމާޒުކުރެއްވީ ﷲއަށެވެ. އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއް ކުރެއްވީ ހަމައެކަނި ﷲގެ ރުއްސެވުމާއި ލޯބިވޮޑިގަތުން ހޯއްދެވުމަށެވެ.

ޝަރީކުރުމަކީ ﷲއާ ދެކޮޅަށް ކުރެވޭ ކުށެއް އެކަންޏެއްނޫނެވެ. ޝަރީކުކުރުމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ސަބަބުތައް ވެސް ހުރެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ އެ ކަން އިންތިޒާމްކޮށް ހަމަޖައްސާ މީހުންނެވެ. މާނަޔަކީ ބުދު ހަދައި ފައްޅިތައް ގާއިމްކުރާ މީހުންނެވެ. އެ މީހުން އެ ކަން ކުރަނީ ވަކި މަގުސަދެއް ހާސިލުކުރާންވެގެންނެވެ. އެއީ ފައިސާ ހޯދައި މީހުންގެ ކޮންޓްރޯލް ހޯދުމަށެވެ. އެ މީހުން ދީން ބޭނުންކުރަނީ މީހުން ކޮންޓްރޯލްކޮށްދޭ ހަތިޔާރަކަށެވެ. ހަގީގަތުގައި އެ މީހުން އިލާހެއް އުފައްދައިގެން މި ކުރާ ކަމަކީ ފައިސާ ޖަމާކޮށް މީސްތަކުން ކޮންޓްރޯލްކުރުމެވެ. އަދި މީސްތަކުންނަށް އެ މީހުން ދައްކާން އުޅެނީ އެ މީހުންނަކީ މަލަކޫތީ ބައެއްކަމަށެވެ. އެހެންވެ ﷲ މި އަންގަވަނީ މަލަކޫތީ ބާރުވެރިކަން އޮތީ އެ އިލާހުގެ ޙަޟުރަތުގައި އެކަނިކަމަށެވެ.

އިބުރާހީމްގެފާނު އަބަދުވެސް ގެންދެވީ ﷲގެ ކުޅަދުންވަންތަކަން އިހުސާސްކުރައްވައި ތަޖުރިބާކުރައްވަމުންނެވެ. އުޑުތަކާއި ބިން ހައްދަވައިފައިވާ ގޮތާ މެދު އެކަލޭގެފާނު ވިސްނެވިއެވެ. އިރުހަނދާއި ތަރިތައް ދައުރުކުރަމުން އައި ގޮތާ މެދު އެކަލޭގެފާނު ފިކުރުކުރެއްވިއެވެ. ﷲގެ އެއްކައުވަންތަކަމާ މެދު ވިސްނައިފިކުރުކުރާ މީހަކަށް ފެންނާނެ ހެކިތައް އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެއިން އެއްވެސް ހެތްކަކާ އެކަލޭގެފާނުގެ ގައުމުގެ މީހުން ގެނބިގެން ތިބި ޝިރުކާ އެއްވެސް ގުޅުމެއް ނުވެއެވެ. ކީރިތި ޤުރުއާން، ވިސްނާ މީހުންނަށް ﷲ ވޮޑިގެންވާކަމުގެ ހެކިތައް ދައްކައެވެ. އެ ގޮތުން ކީރިތި ޤުރުއާން ބަޔާންކުރާ އެންމެ އަލިގަދަ ދަލީލުތަކަކީ މި ދުނިޔެއާއި އުޑުތަކާއި އިރާއި ހަނދާއި ތަރިތަކާއި ބިމުގައި ﷲ ލެއްވި އެކި ތަކެއްޗެވެ. މި ތަކެތީގެ ވެރިކަމަކީ މަލަކޫތީ ވެރިކަމެވެ. އިޚުލާސްތެރިކަމާ އެކީ ހެޔޮ ނިޔަތުގައި މި ތަކެއްޗާ މެދު ވިސްނާ ކޮންމެ މީހަކަށް ﷲ ވޮޑިގެންވާކަން ކަށަވަރުވާނެއެވެ. އެ ކަމަށް ކީރިތި ޤުރުއާން ހެކިވެއެވެ.

އިބުރާހީމްގެފާނު ބޮޑުފުޅުވީ އިރު މީހުން އަޅުކަންކުރަމުން ދިޔަ އެއް ބާވަތަކީ އިރާއި ހަނދާއި ތަރިތަކެވެ. އެ ދުވަސްވަރު މީހުން ދެން އަޅުކަންކުރީ ބުދަށެވެ. އަޅުކަންކުރުމަށް ޓަކައި އެ މީހުން ބުދު ހެދީ ލަކުޑިއާއި ގަލުންނެވެ. އެކަލޭގެފާނުގެ ބައްޕަ ބުދު ހެދީ ތުއްޕުޅު އިބުރާހީމްގެ ކުރިމަތީގައެވެ. ބައްޕަ ހަދާ ބުދުތަކުގައި އިށީނދެވަޑައިގެން ބުދުތައް ދުއްވައި ބުދުތައް އުއްކަވައި ބުދުތައް ބިމުގައި ތަޅުއްވައި ހެއްދެވުމަކީ ތުއްޕުޅު އިބުރާހީމްގެ އާދައެކެވެ. ބޮޑުފުޅުވަމުން އައި އިބުރާހީމްގެފާނަށް ދެން ފެނިވަޑައިގަތީ އެކަލޭގެފާނުގެ ބައްޕަ ބުދުތައް ފައްޅިއަށް ގެންދާ ތަނެވެ. ފައްޅިއަށް ބުދުތައް ގެންދާ ސަބަބު އޮޅުންފިލުއްވުމަށް އެކަލޭގެފާނު ބައްޕައާ ސުވާލުކުރެއްވިއެވެ. އެ ކަލޭގެފާނުގެ ބައްޕަ އާޒަރުގެ ޖަވާބަކީ ބުދަށް އަޅުކަންކުރުމަށް ޓަކައި ފައްޅިއަށް ބުދު ގެންދަނީއެވެ.

އެއް ދުވަހަކު އާޒަރަށް ތުއްޕުޅު އިބުރާހީމް ބުދަކަށް އަރުއްވައިގެން ބުދު ދުއްވާ ތަން ފެނުނެވެ. އެ ވަގުތު އެކަލޭގެފާނު ދެކެ އާޒަރު ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރެއްވުމަށް އާޒަރު އަމުރުކުރިއެވެ. ދެން އާޒަރު ހަދައިފައި ހުރި، ބުދަކާ ގުޅޭ ގޮތުން އިބުރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައާ ސުވާލުކުރެއްވިއެވެ. އެ ބުދުގެ ކަންފަތް ބޮޑުކަމުން އެކަލޭގެފާނު ސުވާލުކުރެއްވީ އެކަމާއެވެ. ބައްޕަ އާޒަރުގެ ޖަވާބަކީ ދަރިފުޅާއެވެ. ތިޔައީ ކަލާނގެތަކުގެ ކަލާނގެއެވެ. މި ބޮޑު ކަންފަތުން އަންގައިދެނީ ކަލާނގެ ޢިލްމުވެރިކަމެވެ. މި ކަމާ ތުއްޕުޅު އިބުރާހީމް ހިނިފުޅު ވެޑުވިއެވެ.

ފުރާވަރަށް އެރި އިރު، އިބުރާހީމްގެފާނު ހުންނެވީ އަޖާއިބުފުޅުވެފައެވެ. އެއީ އެކަލޭގެފާނުގެ މުޖުތަމަޢުގައި ބުދަށް އަޅުކަންކުރުން ފެތުރިފައިވާ ވަރުގެ ބޮޑުކަމުންނެވެ. އެއްކައުވަންތަ އިލާހު ﷲ، ބުދަކަށް ނުވާނެކަން އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. އަދި ޙައްޤު އިލާހު ދެނެވަޑައިގަތުމަށް ޓަކައި އެކަލޭގެފާނު ފުންކޮށް ވިސްނައިވަޑައިގަތެވެ. އެކަލޭގެފާނުގެ ވަށައިގެން އުޅުނު އެންމެން ބުދަށް އަޅުކަންކޮށް ބުދުތަކުގެ ކުރިމަތީގައި ރޮއި ހޭރުނެވެ. އެ މީހުންނަށް ލިބުނު މީރު ކޮންމެ ކާނާއަކުން ބައެއް ބުދަށް ހަދިޔާކުރިއެވެ. އަދި އެމީހުންގެ ފާފަތައް ފުހެދިނުމަށް އެދި ބުދުތަކަށް އާދޭސްކުރިއެވެ. މި މަންޒަރު ފެނިވަޑައިގަތުމުން ޒުވާން އިބުރާހީމްގެފާނު ހިތާމަކުރެއްވިއެވެ. އެއީ މީސްތަކުންގެ މޮޔަކަމާއި ޖާހިލުކަމާއި ޣާފިލުކަމާ ހުރެއެވެ. އެކަލޭގެފާނު ދޫކުރެއްވި ތަރިކައަކީ ބުއްދީގެ ހަމައިން ވިސްނައި ފިކުރުކުރުމެވެ. އެއަށްފަހު ހައްގުގެ މަގު އިޚުތިޔާރުކުރުމެވެ.

(އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް