Advertisement

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހަމަ ރަނގަޅުތޯއެވެ!

14 Jan 2024 | 13:55
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭރު ނަންބޯޑު (ފައިލް ފޮޓޯ)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުގެ ވަރަށް ބޮޑު ސުވާލެކެވެ. އަޅުގަނޑުގެ އަމިއްލަ ސުވާލެކެވެ. މި ފާޅުކުރަނީ އަޅުގަނޑުގެ އިޚުލާޞްތެރި ޝުޢޫރެވެ. ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ރަނގަޅުތޯއެވެ؟" އެހެން ކިޔާ ތަނެއް މި ރާއްޖޭގައި ހުންނާންޖެހޭތޯއެވެ؟ މި ސުވާލު މި ދަންނަވައިލި ސަބަބު ބަޔާންކޮށްލާނަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ބުނަނީ "ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެ ފަހުން މި ޤާނޫނުއަސާސީގައި 'ދިވެހިރާއްޖެ' މި ނަމުން އިޝާރާތްކުރެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށެވެ." މިހެންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ދިވެހިރާއްޖެއަކީ ފަދުރާލީ ދައުލަތެއް ނޫނެވެ. އެހެންކަމުން ވަކިވަކި ލޯކަލް ސަރުކާރުތަކެއް މި ރާއްޖެއަކު ނުހުންނާނެއެވެ. މި ރާއްޖޭގައި އޮންނާނީ އެންމެ ސަރުކާރެކެވެ. އެއީ ދިވެހިރާއްޖޭގެ މަރުކަޒީ ސަރުކާރެވެ. މައި ސަރުކާރެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން 2010 އެޕްރީލް މަހު 28 ވީ ބުދަ ދުވަހު ބޭއްވި، އެ  މަޖިލީހުގެ  2010 ވަނަ  އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި ފާސްކުރެއްވި" ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު" 17 މެއި 2010 ވީ ހޯމަ ދުވަހު ރައީސުލްޖުމުޖޫރިއްޔާ ތަޞްދީޤުކުރެއްވުމާ ވިދިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއެއް ވުޖޫދަށް އައީއެވެ. މި ދެންނެވި ޤާނޫނުގެ 57ވަނަ މާއްދާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފައްދަވާން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވީއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޖަލްސާއެއްގައި ލޯކަލް ގަވަރމެންޓާ ބެހޭ ވަޒީރު<br>

އަޅުގަނޑު ދަންނަވައިލާން އުޅުނީ މި ވާހަކައެވެ. ލޯކަލް ވަކިވަކި ސަރުކާރުތަކެއް ނެތި ލޯކަލް ސަރުކާރުތަކާ ބެހޭ ކީއްކުރާ އިދާރާއެއްބާވަވެއެވެ؟ ކޮންމެވެސް ގައުމަކުން ފެނުނު ނަމެއް ކޮންމެވެސް ބޭފުޅުންކޮޅަކަށް މާ ރީތިފުޅުވީބާވައެވެ؟ ދާދިފަހުން އުފެއްދެވި ވުޒާރާއަކަށް ވެސް ނަންކިޔައިވައި އޮތީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއެވެ. ނަމަވެސް މި ދެންނެވި ދެ އިދާރާއިން ވެސް (ވުޒާރާއިން ވެސް ނުވަތަ އޮތޯރިޓީއިން ވެސް) ބަލަހައްޓަވާނެ އިތުރު ސަރުކާރެއް މި ރާއްޖެއަކު ނެތެވެ. މި ދެންނެވި ދެ އިދާރާއަކީ ވެސް މަރުކަޒީ ސަރުކާރުގެ ކޮންމެވެސް ހިސާބެއްގައި ހިމެނޭ ފަށަލައެކެވެ.  

އާދޭހެވެ! ކޮންމެއަކަސް އެ މުއައްސަސާއިން އިރުޝާދުދެއްވައި މަގުދައްކަވައި އެހީތެރިވެދެއްވަނީ ވަކި ސަރުކާރުތަކަކަށް ވެސް ނޫނެވެ. ކައުންސިލުތަކަކަށެވެ. ރަށު ކައުންސިލްތަކަށެވެ. އަތޮޅު ކައުންސިލްތަކަށެވެ. ނުވަތަ ސިޓީ ކައުންސިލްތަކަށެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ރަށްރަށަށެވެ. އަތޮޅުތަކަށެވެ. ސިޓީތަކަށެވެ. އެހެންވީ އިރު ދެން ކޮން "ލޯކަލް ގަވަރންމެންޓް އޮތޯރިޓީ"އެއްތޯއެވެ؟ ކޮންމެހެން ރީތި އިނގިރޭސި ނަމެއް ދެއްވާން ބޭނުންފުޅުވެއްޖެ ނަމަ "ލޯކަލް ކައުންސިލްސް އޮތޯރިޓީ"އޭ ވިދާޅުވެ ނަންދެއްވި ނަމަ، ކުރާ މަސައްކަތްތަކާ ނަމާ ތަންކޮޅެއް ބޮޑަށް ގުޅުނީސްކަން ނޭނގެއެވެ.

އަޅުގަނޑުމެން ކަންކަމާ މެދު ތަންކޮޅެއް ގައުމީ ނަޒަރަކުން އަދި ވެހި ނަޒަރަކުން ވިސްނާކަށް ނުޖެހޭތޯއެވެ؟ ޚާއްޞަކޮށް ދައުލަތުގެ އިދާރާއަކަށް ނަން ދިނުމުގައި ގައުމީ ނަޒަރަކުން ދިވެހި ވިސްނުމަކުން ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ރައްޔިތުންނަށް ބޭނުންވާ މުހުތާދެއް ބެއްލެވުމަށް ފަހު، އެ މުހުތާދަކާ ގުޅޭ ގޮތުން ދެއްވާން ބޭނުންފުޅުވާ ޚިދުމަތެއް ފާހަގަކުރައްވައި، އެ ޚިދުމަތަކާ ގުޅޭ ނަމެއް ދިވެހިބަހުން ދެއްވިދާނެއެވެ. ދިވެހީންނަށް ބޭނުންވާ ޚިދުމަތަކަށް ކިޔާނެ ދިވެހި ނަމެއް ނެތޭ ހީފުޅު ނުކުރައްވާށެވެ. އެހެންކަމަށް ވާނަމަ އެއީ ދިވެހީންނަށް ބޭނުންވާ ޚިދުމަތަކަށް ނުވާނެއެވެ. ދިވެހީންނަށް ބޭނުންވާ ޚިދުމަތަކާ ގުޅޭ އިދަރާއެއް އުފައްދަވާ ނަމަ އެ ތަނަކަށް ދިވެހިބަހުން ނަމެއް ކިޔޭނެއެވެ. އެ ނަމުގެ ތަރުޖަމާ ޢަރަބިބަހާއި އިނގިރޭސިބަހާއި ޗައިނާ ބަހާއި ހިންދީބަހުން ވެސް ފަހުން ލިޔުއްވިދާނެތާއެވެ. ނަމަވެސް ގައުމީ ނަޒަރަކުން ވިސްނާ ނަމަ، އެ ބަޔެއްގެ ތަންތަނަށް ނަންކިޔާން ޖެހޭނީ އެ ބަޔެއްގެ ބަހުންނެވެ. ނުވަތަ އެ ބަޔަކު ގަބޫލުކުރާ ދީނެއްގެ ބަހުންނެވެ.ކޮންމެހެން އެހެން ރާއްޖެެއެއްގައި ހުންނަ ކޮންމެ މުއައްސަސާއަކަށް މުއައްސަސާއެއް، އިދާރާއަކަށް އިދާރާއެއް ހެދުމަކީ ގައުމިއްޔަތާ ބީރައްތެހި ފިކުރަކަށް ނުވޭތޯއެވެ. އަޅުގަނޑުމެން މުއައްސަސާތައް އުފައްދަނީ އަޅުގަނޑުމެންގެ ޤައުމަށް ޚިދުމަތްތަކެއް ފޯރުކޮށްދޭށެވެ. އެހެންކަމަށް ވާނަމަ،

ވީމާ، އަޅުގަނޑުގެ ސުވާލަކީ "ލޯކަލް ގަވަރމަންޓް އޮތޯރިޓީ"އެއް މި ރާއްޖެއަށް ބޭނުންތޯއެވެ؟ ލޯކަލް ގަވަރމަންޓާ ބެހޭ ވުޒާރާއެއް ހުންނާންޖެހޭތޯއެވެ؟ އޭގެ ބަދަލުގައި ލޯކަލް ކައުންސިލްސް އޮތޯރިޓީއަކާއި، ސިޓީތަކާއި ކައުންސިލްތަކާ ބެހޭ ވުޒާރާއެއް ހުރުން މާ މުނާސަބުނޫންތޯއެވެ؟

Advertisement

ކޮމެންޓް
ސަލާމް
މޮޅު
15 Jan 2024