ނަފުރަތު
އަސްމާ އަބޫބަކުރު
އިއްޔެ ޝަހުމް ހުރީ އުފަލާއި ހިތްހަމަޖެހުމުގައެވެ. މަޖަލާއި، ޖެހުނު ސަކަރާތުގެ އަރާމުގައެވެ. ކަންވީ ކިހިނެއްކަން އެނގޭހެއްޔެވެ؟ އޮފީސް މާހައުލުގައި އޭނާއަކީ ރަންގަނޑެކެވެ. އެ ހަށިގަނޑު އުފެދިފައިވަނީ ރަތް ދޮންކުލައަކުންނެވެ. ރީތިކަމުގެ ދެވަނައެއް ނެތެވެ. އޮފީހަށް ވަންނަ އިރަށް އަންހެން ކުދީންގެ ލޯ އަމާޒުވަނީ އޭނާއަށެވެ. މީހާއާ އެއް ވަރަށް ނަން ވެސް ރީއްޗެވެ. އޭނާގެ ނަމަކީ ޝަހުމެވެ. ޝަހުމް ހިނގައިފައި އައިސް އޮފީހަށް ވަންނަ އިރު މުޅި ތަން އެއްވަސްވަނީ ޖަހައިފައި ހުންނަ މީރު ވަސް ދުވާ ސެންޓުގެ ވަހުންނެވެ.
"ޝަހުމް އޮފީހަށް ވަނުމަށް ފަހު، އެއަރފްރެޝްނަރ މަތީން ހަނދާން ނައްތައިލާ" ރިސެޕްޝަންގައި އިން ޒީވާ ޝަހުލާއަށް ބަލައިލައިފައި ބުންޏެވެ.
އޮފީހުގެ ދެ ޖިންސްގެ ޒުވާނުން މަޖާނަގާ ތަނަކަށް ވެފައިވަނީ ސައި ކޮޓަރިއެވެ. ހެނދުނު އޮފީހަށް އަންނަ ގޮތަށް އަންހެން ކުދީންގެ ފުރަތަމަ މައުޟޫއަކީ ޝަހުމެވެ. އޭގެ ފަހުން ފަށާނީ ސައިގެ ވާހަކައެވެ. ސައި ކޮޓަރީން އެކުވެރިކަމަށް ދިޔަ ކިތަންމެ ގުޅުމެއް ވެއެވެ. އަދި އެކުވެރިކަން ބަދަހިވެގެން ގޮސް ސޯޝަލް މީޑިޔާގެ މަންސަތަކުގައި ޕްރޮފައިލްގައި "އިން އަ ރިލޭޝަންޝިޕް" ޖަހައިލާ ތަން ފެނެއެވެ. ދެތިން ދުވަސް ވާއިރަށް "ސިންގަލް"އަށް ވެސް ބަދަލުވެއެވެ. އެ ވާ ގޮތް އެނގޭހެއްޔެވެ؟
"ކީއްކުރަން އާ ހެދުމެއް ގަންނާންވީ މިއަދު؟ ޚާއްޞަ ދުވަހެއް ވެސް ނޫނެއްނު؟ އޮފީހުގައި ވެސް ޚާއްޞަ ކަމެއް ނެތް." ޒުމްރާ އޭނާގެ ކޮފީ ތަށީން ކޮފީފޮދެއް ބޮމުން ޝަހުލާއާ ވާހަކަދައްކަމުން ގެންދިޔައެވެ.
"އޮފީހުގައި ކަމެއް ނެތަސް އަމިއްލަ ޚާއްޞަ ކަމެއް އޮވެދާނުން. ކިހިނެއްތަ ޒުމޫއަށް އެނގޭނީ އަހަރެންގެ ޚާއްޞަ ކަމެއް ނެތްކަން؟" ޝަހުލާ އިނީ މޫނުމަތީން ވެސް އުފާވެރިކަން ނުދައްކައި ވޭތޯއެވެ.
"މަށަށް ނޭނގި ދެން އެނގޭނީ ވަކި ކާކަށް؟ އަހަރެން މީ ޝަހުލާގެ ބެސްޓް ފުރެންޑު. އުފަންދުވަހާއި، ދެން ހުރި ދުވަހެއް ވެސް މަށަށް ނޭނގިއެއް ނުދާނެ." ޒުމްރާއަށް ޝަހުލާގެ މޫނުމަތީގައި ހުރި އުފާވެރިކަމެއް ނުފެނެއެވެ. ޝަހުލާ ދޭތެރެއަކުން އަޅުވާ ނާނާއެއް އެ އަޅުވަނީ ވެފައިހުރި އުފަލަކުންކަމެއް ޒުމްރާއަކަށް ނޭނގެއެވެ.
އެ ދުވަހު އޮފީހުން އައިސް ޝަހުލާ ގޭތެރޭގައި ވެސް ދެފައި އެއްތާކު ނުޖެހެއެވެ. އެއް ފަހަރު ހެދުމަށް އަނެއްފަހަރު ގަޑިއަށް ބަލަމުން ގެންދެއެވެ. ޝަހުލާއަށް ގަޑި ހިނގާލެއް ލަސްވެގެން އެތައް ފަހަރަކު ހިތުން ކުދިކިޔަމުން ގެންދިޔައެވެ. ރޭގަނޑު އަށެއް ޖަހާ އިރަށް ރެސްޓޯރެންޓަކަށް ދާން ޝަހުމް ދިން ދަޢުވަތު ޤަބޫލު ކުރެވުނީ އެ ކަމަށް އެދިއެދި ހުންނަތާ ކިހައި ދުވަހެއް ފަހުން ހެއްޔެވެ؟
ކަލަންޑަރުގެ ގަނޑުތައް އުކެމުން ދިޔަ ވަރަކަށް އޮފީސް ތެރޭގައި ޝަހުމް ވާހަކަ ދައްކަމުން ދިޔަ ކުދީންނަށް ޝަހުމްގެ ގޮތް އެނގޭން ފަށައިފިއެވެ. ރީތި ކޮންމެ މީހަކު ފެންނަ އިރަށް އެ މީހެއްގެ ފަހަތުގައި ދުވަމުން ގެންދިޔަ ޒުވާން ޅަ ހިތްތަކުން ދެމުން ގެންދިޔަ ޖާގަތަކަކީ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވުނު ޖާގަތައް ނޫންކަން ކަށަވަރުވިއެވެ. ޝަހުމްގެ ވާހަކަ އެކި ކުދީން ދައްކަމުން ގެންދިޔައީ އެކި ގޮތަށެވެ.
ކޮންމެ މުވައްޒަފަކު ވެސް ނަފުރަތުގެ އިނގިލި ދިއްކުރީ އަނެއް މުވައްޒަފާ ދިމާއަށެވެ. ޝަހުމަކަށް ނޫނެވެ. ޒުމްރާ ކަހަލަ ދެތިން ކުދީން ޝަހުމްގެ މަޅީގައި ނުޖެހި ތިއްބެވެ.
"އަހަރެން ހިޔެއް ނުކުރަން ޝަހުލާ އަހަރެން ގާތު ނުބުނެ ތިހާ ސިއްރުން ތިޔަ ކަމެއް ކުރާނެކަމަކަށް. އެހެން ހުރިހާ ކަމެއް ހިއްސާކުރާނެ. އެކަމަކު ޝަހުމްގެ ވާހަކަ ތިޔަ ސިއްރުކުރީ" ޝަހުލާ ރޮމުން ކިޔައިދިން ވާހަކަތައް ޒުމްރާ އަޑުއެހިއެވެ. އޭރު ވަގުތު ފާއިތު ވެއްޖެއެވެ.
"ޝަހުލާ އަށް އެނގޭތަ؟ މި އޮފީހުން ރައިނާ، ނާޔާ، ވަފާ، ޝަހުލާ، މިއީ މަށަށް އެނގިގެން ޝަހުމްގެ މަޅީގައި ޖެހުނު މުވައްޒަފުން. އެންމެ ކުޑަ މިނުން ޝަހުމަކީ ކާކުތޯ ބަލައިލާން ވެސް ވާނެއެއްނު؟ މީހަކު ފެންނަ އިރަށް ރީތިވެގެން ހިތްދީފައި ދެތިން ދުވަސް ވާއިރަށް ދެން ތިބޭނީ ހިތް ހަލާކުވެގެންނޭ ކިޔައިފައި ރޯން." ޒުމްރާ ދިމާކުރާން ފެށުމުން ޝަހުލާ ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހޭ ގޮތް ވެއްޖެއެވެ. އެހެންނަމަވެސް ޙާލަތުގެ ގޮތުންނާ ރައްޓެއްސެއްގެ ހައިސިއްޔަތުން އެ ބުނަނީ ގޯސް ވާހަކައެއް ވެސް ނޫނެވެ. ބުނާން ޖެހޭ ވާހަކައެކެވެ.
އޮފީހުގައި ޝަހުމްގެ މަޅީގައި ޖެހުނު އަންހެން ކުދީން އަދިވެސް ތިބީ ޝަހުމްގެ ލޯބީގައި ގެއްލި ހަލާކުވެފައެވެ. އެ މަޅިން އެ ކުދީން ސަލާމަތްވާކަން ބޭނުމެއް ނުވެއެވެ. ޝަހުމު ބުނާ ކޮންމެ ލަފުޒަކީ ވެސް އަންހެން ކުދީންގެ ހިތްތަކަށް ލިބޭ ޝިފާއެއް ފަދައެވެ.
ޝަހުލާއާ ބައްދަލުކުރި ކުރުމުގެ ތެރެއިން ވެސް ޝަހުމް ކޮންމެ ފަހަރަކު ބުނާ އެއް ވާހަކަތަކެއް ވެއެވެ.
"އަހަރެން ޝަހުލާގެ މޫނަށް ބަލައިލާ އިރު ހީވަނީ ފިނިފެންމަލަކަށް ބެލޭހެން. ތިޔަ ކޯތާފަތަކީ ފިނިފެންމަލުގެ ފިޔަ. ސިލްކު އިސްތަށިގަނޑެއް. ކުރަނގި ދެލޯ. ލޭކޮޅެއް ފަދަ ތުންފަތް. ތި ދެލޯ ފެނުމުން އަހަރެން ތިޔަ ދެ ލޮލުގައި ޣަރަޤުކޮށްލާނެކަން ގައިމު. ތިޔަ ޝަހުސަކީ އަހަރެންގެ ހިތުގައި ޝައުޤުވެރިކަން އުފައްދާ އަދި އަހަރެންގެ ހިތް ފަތަހަކުރުމުގެ ނަމޫނާއެއް."
އެހެން ފަހަރަކު ބުނެފައި ވެއެވެ.
"އަހަރެމެންގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދައްކައްޗޭ. އަހަރެމެން އެކީގައި އުޅޭ ތަން ފެނިއްޖެ ނަމަ، އެހެން ބަޔަކު ޝަހުލާއަށް ހަސަދަވެރި ވެދާނެ."
ޝަހުލާ ހުރީ ޝަހުމްގެ ފަށުވި ބަސްތަކުން ހިތް މަސްތުކުރުވައިފައެވެ. ވަގުތާއި ދުވަސް ދާ ގޮތް އަންދާޒާ ވެސް ނުކުރެވެއެވެ.
"ޝަހުމް އުޅެނީ މީހަކާ އިނދެގެންކަން އެއްވެސް މީހަކަށް ނޭނގެނީކަން ނޭގެ." ޒީވާ އެހެން ބުނުމާއެކު ޝަހުލާގެ ދެލޯ ބޮޑުވިއެވެ.
"އަސުލުގައި ވެސް ތަ؟ ތިޔަ ހެނެއް ނުވާނެ. އޭނާ ހުރީ ސިންގަލްކޮށް" ޝަހުލާ ދެލޯ ބޮޑުކޮށްލައިފައި ބުނި ގޮތުން ޒީވާއާއި ޒުމްރާ ހޭންފެށިއެވެ.
"އޭނާ ސިންގަލެއް ނޫން." ޒީވާ ވަރަށް ޔަޤީންކަމާ އެކު ބުނެލިއެވެ.
"ކޮބާ ހެކި؟" ޝަހުލާގެ ހިތުގައި ޝަހުމަށް އެއްވެސް ޝައްކެއް އުފެދިފައެއް ނެތެވެ. ޝަހުމްގެ ވާހަކަތަކުން ވެސް މީހަކާ އިނދެގެން އުޅޭކަމަކަށް ޝަހުލާ ގާތަކު ބުނެފައެއް ނެތެވެ.
"ކޮންމެ މީހަކު ވެސް އުޅޭނީ ބަޔަކު ހަމަޖެހިގެން އުޅެންޏާ ކޮންމެވެސް ހަސަދައެއް ލައިގެން. އެންމެ ކައިރީގައި ވެސް އުޅެނީ ހަސަދަވެރީން." ޝަހުލާ ހިތުން ބުނެލިއެވެ.
ލޯތްބަށް ވުރެ ބޮޑު ޝަރަފެއް، ހަސަދަވެރިކަމަށް ވުރެ ބޮޑު އަދަބެއް ވެސް ނެތެވެ. ހަސަދައަކީ ދަށުދަރަޖައިގެ އެއްޗަކަށް ވާއިރު، އެއްބަޔަކު ހަސަދަވެރިކަމުން ހެޔޮކަންތައްތައް ލިބިގަނެއެވެ. ޝަހުލާ ހީކުރަނީ އޭނާގެ ރައްޓެހީން ހަސަދަވެރިވަނީކަމަށެވެ.
ހަނދު ނެތް ރެއެއްގެ ކަޅުކަމުގެ ތެރޭގައި ދުނިޔެ ހިޔަނިތަކުން ނިވައިވެގެން ދިޔަ ކަހަލައެވެ. ހަނދުގެ އަލިކަން ނެތުމުން އުޑުމަތި އާދައިގެ ރިހި ކުލައިގެ ދިއްލުންތަކުން އެއްކިބާވެ، ބިމުގެ މައްޗަށް އަނދިރިކަމުގެ ފަރުދާއެއް ދަމައިލައިފިއެވެ. ތަރިތަކުގެ ވިދުން ނެތް، މަޑުމައިތިރިކަމަކުން މަޑުވެފައި ތިބީ އަންނާން އޮތް ތޫފާނެއްގެ ނިޝާނެއްގެ ގޮތުންނެވެ. މާގިނަ އިރުތަކެއް ނުވެ ވިއްސާރައިގެ ކަޅު ވިލާތަކުން ދުނިޔެ ބައްދައިލައިފިއެވެ. ކޮންމެ މީހަކު ވެސް މިފަދަ ރެއެއްގައި އަވަސްވެ ގަންނަނީ ގޭތެރެއަށް ވަދެ ދޮރުތައް ލެއްޕޭތޯއެވެ. ޝަހުމަށް އިންތިޒާރު ކުރަމުން ދިޔަ އެތައް އަންހެން ކުދީންނެއްގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވީއެވެ. އެކި ކުދީންނަށް އެކި ގަޑި ކިޔައިފައި ގެއިން ނިކުމެވެން ނެތުމުން ޝަހުމްގެ ފޯން ނިއްވައިލައިފިއެވެ.
އާ ދުވަހަކަށް އިރުއެރި އިރު، ރޭގައި ކުރި ވިއްސާރައިގެ ކަންތައް، ދުނިޔެ ހަނދާންނެތިއްޖެ ކަހަލައެވެ. އިރު ހިނިތުންވެލުމާ އެކު، އޭގެ ވާޖިބު އަދާކުރާން ނިކުމެއްޖެއެވެ. އުޑު އޮތީ ތާޒާ ނޫކުލައިގެ ސާލެއް ލައިގެން ހީނލަހީނލައެވެ. ޓެލެކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒަފުން ހޭލަމޭލަވަމުން ދަނީ އެ ބަޔެއްގެ ވަޒީފާގެ ވާޖިބު އަދާކުރުމުގައެވެ. ޒުމްރާ ފައިލްތަކެއް ހިފައިގެން އެސިސްޓެންޓް މެނޭޖަރގެ ކޮޓަރިއަށް ދިޔައީ ސޮއިކުރުމަށެވެ. ނިކުންނަނިކޮށް ފެނުނީ އަންހެން ކުއްޖަކު ބާރުލާފައި އައިސް އެ ކޮޓަރިއަށް ޓަކިޖަހައިލުމެއް ނެތި ވަން ތަނެވެ.
"ވައިރޯޅިއަކަށް ވުރެ ހަލުވިކޮށް އައިސް އޭ.އެމް.ގެ ކޮޓަރިއަށް ވަނީ ކޮން ކުއްޖެއްތަ؟" ޒީވާ އެންމެ ފަހުން ޒުމްރާ ގާތުގައި އަހައިލިއެވެ.
"އެއް ގޮތަކަށް ވެސް ނޭނގެ. ވެދާނެ އޭ.އެމް.ގެ އާއިލާ ކުއްޖެއްކަމަށް. އަޅައިނުލާ!" ޒުމްރާއަށް ވެސް ވާނުވާ ނޭނގޭތީ އެއްޗެކޭ ބުނާކަށް ނޭނގުނެވެ.
އިރުކޮޅަކުން ފެނުނީ ޝަހުމް ވެސް އެ ކޮޓަރިއަށް ދިޔަ މަންޒަރެވެ. ރިސެޕްޝަނުގައި ތިބޭ މުވައްޒަފުންނަށް އެ ކޮޓަރި ނުފެނުނަސް ޝަހުލާއަށް އެ ކޮޓަރީގައި ހިނގާ ކަންކަން ބިއްލޫރި ކުޑަދޮރުން ރީތިކޮށް ފެނެއެވެ. އޭ.އެމް. ވާހަކަތަކެއް ދެއްކުމުން ޝަހުމް އެ އަންހެންކުއްޖާގެ އަތުގައި ހިފައިގެން ތެދުވި ތަން ވެސް ޝަހުލާއަށް ފެނުނެވެ.
އޭ.އެމް. ކުރީން ނިކުމެގެން ދިޔަ ތަން ވެސް ފެނުނެވެ. ޝަހުމް އެ އަންހެން ކުއްޖާގެ ލޮލުން ކަރުނަ ފޮހެދޭ ތަން ޝަހުލާއަށް ފެނުމުން ޝަހުލާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ޝަހުމްގެ ޚާއްޞަ ކުއްޖެއްކަން އެނގުނެވެ. އެ ދެ މީހުން ނިކުންނާން ހިނގައިގަތުމުން ޝަހުލާ ގޮނޑި ކޮއްޕައިލަމުން ކުޑަކޮށް ފަހަތަށް ޖެހިލައިފިއެވެ.
އޮފީސް ތެރޭގައި ކުއްލިއަކަށް ދެކެވޭން ފެށީ ޝަހުމް އުޅެނީ މީހަކާ އިނދެގެންކަމާއި އޭނާގެ އަންހެނުން ބަނޑުބޮޑު ވާހަކައެވެ. ޝަހުމް އޭނާގެ އަންހެނުންނަށް އަޅައިލުން ކުޑަކަމުންނާއި ގޭގައި އުޅޭ ވަގުތު މަދު ވާހަކައެވެ. އެ ކަމުގެ މައްސަލަ ބޮޑުވެގެން ޝަހުމްގެ އަންހެނުން ލޫނާ އޭނާގެ އެކުވެރިޔާ ގާތަށް މިއަދު އައިސް ވާހަކަދެއްކީއެވެ. ލޫނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ޝަހުމަށް އެ ވަޒީފާ ހޯދައިދިނީ ވެސް ލޫނާ ބުނެގެންނެވެ. ވަޒީފާގެ ބިރަށް ނަމަވެސް އޭ.އެމް.ގެ ކުރިމަތީގައި ޝަހުމް އެއްބަސްވީ ލޫނާއަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ.
"ޒުމްރާ. އެ ދުވަހު ޒީވާ ދެއްކީ ކިހައި ތެދު ވާހަކައެއްކަމަކަށް އަހަރެންނެއް ކުޑަކޮށް ވެސް ނުވިސްނަން. އަހަރެން ހިތަށްއެރީ ދެ މީހަކު އެކުގައި އުޅޭ ނަމަ ތިންވަނައަށް އިބިލީސް އެ ވާހަކަ ދައްކާނޭ. އަހަރެންގެ ނަފުސުގެ ބަލިކަށިކަން މި ފެނުނީ." ޝަހުލާ ހުރީ ރޮވޭ ގޮތްވެ، ދެރަވެފައެވެ.
އެ ދުވަހަށް ފަހު ޝަހުލާ، އެ އޮފީހުން ކެނޑުނީއެވެ. ކެހިވެރި މަކަރުވެރިއަކާ އެކީ އެއް ފުރާޅެއްގެ ދަށުގައި މަސައްކަތްކުރާން ވެސް ހިތް ނުރުހޭތީއެވެ. ޝަހުމް އެތައް ފަހަރަކު ގުޅުމުން ވެސް ޝަހުލާ ފޯނެއް ނުނެގިއެވެ. އެތައް ފަހަރަކު މެސެޖު ކުރިކަމުގައިވިއަސް ޖަވާބެއް ނުދެއެވެ. ރައިނާ، ނާޔާއާ ވަފާއަށް ވެސް އެ އޮފީހުގައި އުޅޭން އުނދަގޫވިއެވެ. ވަފާއާ ނާޔާ ވެސް ދުވަސްކޮޅެއް ފަހުން އެ އޮފީހުން ބަދަލުވީއެވެ. ރައިނާއަށް ޝަހުމް ދީފައިވާ ދެތިން މާބޮނޑި ގެނެސް އޭނާ މޭޒު ކައިރީގައި އިންދައި މޫނުމައްޗަށް ޖެހިއެވެ. އެހެން ކުދީން ފަދައިން ރައިނާ އެ އޮފީހަކުން ވަކިވެގެންނެއް ނުދެއެވެ. ރައިނާއަށް ޝަހުމް ފެންނަ ހިސާބުގައި ކިތަންމެ އުޅޭން އުނދަގޫ ނަމަވެސް އޮފީހުން ކެނޑުމުގެ ޚިޔާލު ދޫކޮށްލިއެވެ. ކުށްކުރީ ޝަހުމެވެ. އަދަބު ލިބެނީ އެހެން ބަޔަކަށެވެ. ހަތަރު އަންހެން ކުދީން މަކަރުވެރިކަމުގެ ދަލުގައި ޖައްސައި، ހިތުގައި ޖެއްސި ޝަހުމަށް ހުރިހާ އަންހެން ކުދީންގެ ހިތުގައި ވަނީ ނަފުރަތެވެ. ޝަހުމްގެ އަންހެނުންނަށް ލޯބި ލިބުނީ އެތައް ބައެއްގެ ހިތުން ޝަހުމަށް ލިބުނު ނަފުރަތާ އެކުގައެވެ.
(ނިމުނީ)