Advertisement

މިއަދުގެ ދަރިވަރުން މާދަމާގެ އިސްވާރުނަށް ހެދުމުގައި އެކާވީސްވަނަ ގަރުނުގެ ހުނަރުތަކުގެ މުހިންމުކަން

13 Jan 2024 | 09:03
.

އަޝްރަފް ޢަލީ

އަދުގެ ކޮންމެ ކިޔަވާ ކުއްޖަކުމެ ވާން ޖެހޭނީ ހަރުދަނާ އިސްވާރަކަށެވެ. 21ވަނަ ގަރުނުގެ ސިކުނޑިތަކުގެ އަމާޒާއި ލަނޑުދަނޑިތައް ބިނާވާން ޖެހޭނީ 21ވަނަ ގަރުނުގެ ހުނަރުތަކުގެ މައްޗަށެވެ. އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުން  ތަޢުލީމުގެ ލަނޑުދަނޑިއަށް ވާސިލްވުމުގައި ބަރޯސާވާން ޖެހޭ ހުނަރުތަކާއި އުކުޅުތަކެއް އެބަ ހުއްޓެވެ. އުނގަންނައިދިނުމުގެ އުކުޅުތަކާއި ހުނަރުތަކުގެ މައްޗަށް ޢިލްމީ ގިނަގުނަ މަސައްކަތްކުރެއްވުމުގެ އިތުރަށް އެކި މާއްދާތަކުގެ މައްޗަށް މުގައްރަރުތައް ލިޔުމުގެ ހަމަތަކުގެ މައްޗަށް ވެސް ގިނަ މަސައްކަތްތަކެއްކުރައްވައިފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ދިރާސާވެރިޔާ ބްރައި ސްޓައުފަރ  2022ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވައިފައި ވާ ގޮތުން 21ވަނަ ގަރުނުގެ ދަރިވަރުންގެ ކިބައިގައި 12 ގާބިލިއްޔަތެއް ހަރުލައްވައި އަށަގަންނުވައިދޭން ތަޢުލީމުގެ ނިޒާމުތައް ބާރުއަޅާން ވާނެއެވެ. އެ ހުނަރުތައް ބެހެނީ މައިގަނޑު ތިން ގިންތިއަކަށެވެ.

1. އުނގެނުމުގެ ހުނަރުތައް

އުނގެނުމުގެ ހުނަރުތަކުގެ ތެރޭ ހިމެނެނީ ހަތަރު ހުނަރެކެވެ. އެ ހުނަރުތަކަށް ދަރިވަރުން އަހުލުވެރިވުމުން ވިސްނުމުގެ ދުޅަހެޔޮކަން ފުރިހަމަވުމާ އެކު ޒަމާނީ އުކުޅުތަކުގެ މައްޗަށް ބައްޓަންވެފައިވާ މަސައްކަތު މާހައުލަށް ވެހިވުން ހަރުދަނާކޮށްދޭނެއެވެ. އެ ހަތަރު ހުނަރު ތިރީގައި މި ވަނީއެވެ. 

  1. ތަފާތު ނަޒަރުން ވިސްނުމުގެ ހުނަރު

  2. އީޖާދީކޮށް ކަންކަން ކުރުމުގެ ހުނަރު

  3. ގުޅިގެން އުޅޭން ދަތުމުގެ ހުނަރު

  4. މުއާސަލާތު ކުރުމުގެ ހުނަރު

2. އަދަބީ ހުނަރުތައް

އަދަބީ ހުނަރުތަކުން އަމާޒުކުރަނީ ހަގީގަތްތައް ދަނެގަތުމަށާއި މައުލޫމާތުތައް ހާމަކުރުމަށާއި ދަރިވަރުންގެ އުނގެނުން އެ މައްޗަށް ބިނާވެފައިވާ ފަންނިއްޔާތަށެވެ. ހަމައެހެންމެ ނެޓުގައި ގަނޑުބަޑުވަމުން ދާ އެކި ޒާތު މައުލޫމާތުގެ ތެރެއިން ތެދުދޮގު ވަކިކޮށް ދަނެގަތުމުގެ މައްޗަށް ވަރަށް ހަރުދަނާ ގޮތެއްގައި އަމާޒުކުރާނެއެވެ.  މި ހުނަރުގެ ސަބަބުން ދަރިވަރުންނަށް މުޖުތަމަޢުގައި އުޅުމުގައި ސާބިތު އަޒުމާ އެކު ނަފުސަށް އޮންނަ އިތުބާރު ދެމެހެއްޓެނިވި ގޮތެއްގައި ބާއްވައިގެން ކަންކަން ހާސިލްކުރުވޭނެއެވެ. 21ވަނަ ގަރުނުގެ ހުނރުތަކުން އަބަދީ ގޮތުން ކުދިންގެ ކިބައިގައި އަށަގަންނަން ޖެހޭ ހުނަރުތައް މި ބަޔާންކުރަނީއެވެ.

  1. މައުލޫމާތުގެ ތަންދޮރުދަތުމުގެ ހުނަރު

  2. މިޑީޔާގެ ތަންދޮރުދަތުމުގެ ހުނަރު

  3. ފަންނިއްޔާތުގެ ތަންދޮރުދަތުމުގެ ހުނަރު

3. ދިރިއުޅުމުގެ ހުނަރުތައް

ދިރިއުޅުމުގެ ހުނަރުތައް ބާރު އަޅަނީ ކުއްޖެއްގެ ހަޔާތުގެ މާއްދީ ބަހާތަކުގެ މައްޗަށެވެ. މި މާއްދީ އުންސުރުތަކުގެ އަމާޒަށް ވަނީ  ކުދީންގެ ޒާތީ އަދި ދަންނީ ސިފަތައް ހަރުދަނާކުރުމެވެ. ދިރިއުޅުމުގެ ހުނަރުތަކުގެ ގޮތުގައި ދަސްކުރާން ޖެހޭ ހުނަރުތައްކަމަށް 21ވަނަ ގަރުނު ބާރު އަޅާ ހުނަރުތައް ތިރީގައި މި ވަނީއެވެ.

  1. ފަހެލިކަމުގެ ހުނަރު

  2. އިސްދާނަކަމުގެ ހުނަރު

  3. އިސްނެގުންތެރިކަމުގެ ހުނަރު

  4. އުފެއްދުންތެރިކަމުގެ ހުނަރު

  5. އިޖުތިމާޢީ ހުނަރުވެރިކަމުގެ ހުނަރު

އާދޭހެވެ! 21ވަނަ ގަރުނުގެ ހުނަރުތައްކަމަށް ބަޔާން މި ކުޅަ 3 ގިންތީގައި ހިމެނޭ 12 ހުނަރަކީ ދަރިވަރުންގެ ކުރިމަގުގެ އުންމީދުތަކަށް ލާބައާއި މަންފާކުރުވާ ހުނަރުތަކެވެ. މިއަދުގެ ކޮންމެ އެދުރަކު ވާން ޖެހޭނީ އޭނާ ކިޔަވައިދެއްވާ ފިލާވަޅުތަކަކީ މި ގަރުނަށް އަދާހަމަވެފައިވާ ބަރާބަރު ފިލާވަޅުތަކަށް ހައްދަވާ ކުޅަދާނަ އެދުރަކަށެވެ. މި ގަރުނުގެ ތައުލީމާއި ތަމްރީނު އުނގެނުމުގައި  މި ގަރުނުގެ ހުނަރުތަކަށް ފިސާރިއަކަށް ހޭލައްވައިގެން ހުންނެވި އެދުރަކަށެވެ. އެދުރުންގެ ކިޔަވައިދެއްވާ ކިލާސް މާހައުލަކީ ދަރިވަރުންގެ އުނގެނުމަށް ފަހި އެކުލުންތެރިކަމާއި މުއާސަލާތާއި ފަންނިއްޔާތުގެ ފަހެލިކަމަށް ބަރޯސާވެފައިވާ ފާގަތި ވެށްޓަކަށް ވާން ޖެހޭނެއެވެ.

މި ކަމުގައި ތައުލީމުގެ މަސްލަހަތުވެރީން އިއްޔެއަށް ވުރެ ބޮޑަށް ހޭލައްވާން ޖެހެއެވެ. ވިސްނުމާއި ފިކުރާއި ޚިޔާލު 20ވަނަ ގަރުނުގެ އޭ ހަތަރެއްގެ މިންވަރުން ނެއްޓި 21ވަނަ ގަރުނުގެ އޭ ތިނެއްގެ ސައިޒަށް ވުރެ ވެސް ފުޅާކޮށް ތަނަވަސްކޮށް ވިސްނައިވަޑައިގަތުން މުހިންމެވެ. އަދުގެ ދަރިވަރުން މާދަމާގެ އެދުރުންނަށާއި އެކިއެކި މަސްއޫލިއްޔަތު އުފުލާން ނުކުންނަ އިރު އެ ދަރިވަރުންނަކީ ހުރިހައި ގޮތަކުން ވަށައިޖެހިފައިވާ ހަރުދަނާ އިސްވާރުންކަމުގައި ވާނީ އޭރުންނެވެ. އެހެނީ އަދުގެ ކޮންމެ ކިޔަވާ ކުއްޖަކު ވާން ޖެހެނީ މާދަމާގެ އިސްވާރަކަށެވެ. 

_______________________________________

މަޢުލޫމާތު ހޯދުމުގައި އަސްލަކަށް ބެލީ:

icevonline.com (What Are 21st Century Skills?)

ބައެއް ލަފުޒުގެ މާނަ:

އިސްވާރު     ނ.    (1) ވެރިޔާ.  (2) އިސްވެ ހުންނަ މީހާ.

ފަހެލިކަން    ނއނ.  (1) ހަލާކުވުމެއް ބިންދައިގެން ދިޔުމެއް ނެތި ފަސޭހަކަމާއެކު ލަންބައިލެވޭކަން ނުވަތަ އެ ކަމުގެ ގާބިލުކަން ލިބިފައިވާކަން. (2) ފަސޭހަކަމާއެކު ބަދަލުކޮށްލެވޭކަން. (3) ތަފާތު ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން ލިބިފައިވުމާއި އެކަމަށް ތައްޔާރަށް ހުންނަކަން.

އިސްދާނަކަން  ނއނ.  (1) އިސްނެގުމުގެ ސިފަ ލިބިފައިވާކަން. (2) އިސްނެގުމުގެ ކުޅަދާނަކަން ހުރިކަން.

ވެހިވުން      މ.    (1) އަހުލުވެރިވުން. (2) ކުރިއަރައިފައިވުން

ފަންނިއްޔާތު   ނ.    (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

އެޑިޓަރުގެ ނޯޓް
އަޝްރަފް ޢަލީއަކީ ބަސްވާރެކެވެ. ދާރިސެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދަބީ ހުރިހައި ދާއިރާއެއްގެ ޙަރަކާތްތެރިއެކެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަން އޭނާ 10 އަހަރު ކުރައްވައިފައިވުމުން ދެން އިތުރު ތަޢާރަފަކަށް ބޭނުންފުޅެއް ނުވާނެއެވެ. އަޝްރަފު ގިނައިން ލިޔުއްވަނީ އިޖުތިމާޢީ، ޢީލްމީ، އަދަބީ ދާއިރާއިންނެވެ.

Advertisement

ކޮމެންޓް