Advertisement

ކަނީރުގެވިސްނުމުގައި.. (3) "މަގުމަތީން"

12 Jan 2024 | 11:36
.

ކަނީރު ޢަބްދުއްރަޙީމް

        ދާދި މިދާކަށްދުވަހު މާލެ ދިއައީމެވެ. ކުރާން ދިޔަ ކަންތައް ނިމުނީމާ، ފުރާ ފެރީ އޮންނަ ތަނަށް ހިނގައިފައި  ދިޔައީމެވެ. ވަގުތު ގިނަވެފައި އޮތަތީ ހިނގަމުން ދިޔައީ ދެ ފަރާތް ވެސް ބަލަމުންނެވެ. ތަންގަނޑަކަށް ހިނގުނު ފަހުން ފިކުރު އޮވެފައި ގޮވައިލިއެވެ. "ހާދަ ވަރަކަށް ވިޔަފާރިވޭތާއެވެ." ވިސްނައިލެވުނީ ދެނެވެ. ތެދެކެވެ. ދެ ފަރާތުގައި ވެސް ހުސް އެކަހަލަ ތަންތަނެވެ. ވިއްކުމުގެ ޚިދުމަތްދޭ ތަންތަނެވެ.

      އޭރު ހިނގައިފައި ދެވުނު ދުރުމިން ލަފާކޮށްލުމުން ދެ ފަރާތުން އެ ބާވަތުގެ ވިއްސަކަށް ގޮޅި ނުވަތަ އެ ކަހަލަ ތަންތަން ފަސްދީ ދެވިދާނެކަމަށް ގަބޫލުކުރެވުނެވެ. ވިއްސަށް ވުރެ މަދެއްނުވާނެކަން ގައިމުކުރެވުމުން ދެން އެކާވީސް ކިޔައިގެން ގުނާން ފެށީއެވެ. ގުނަމުން ގެންދިޔައީ އެތެރެތަކަށް ވެސް ކަޅިއުކަމުންނެވެ. އެންމެ އަޅައިގަނެވުނީ ސޭޓުކަމުގައި ވެސް ބިދޭސީން ތިބޭކަން ފާހަގަކުރެވޭން ފެށުމުންނެވެ. މި ތަފުސީލުތައް އިތުރަށް ނުލިޔެ ދޫކޮށްލައިފައި ދެން ވީ ގޮތް މި ކަމުގެ ނަތީޖާތަކުގެ ވާހަކައާ ހަމައަށް ދަމާ ހިނގާށެވެ.

ފުރާގިމަތައާ ހަމައަށް ގުނުނީ 214އެވެ. ފޯނު ބަލައިލި އިރު އެޅުނުފިޔަވަޅުގެ އަދަދު ހަތަރު ހާހަށް ވުރެ  ވަނީ ގިނަވެފައެވެ.   ހިތަށްއެރިއެވެ. ހާދަ ފިހާރައެކެވެ. ތަނެއްގައި މަދުވެގެން ތިންހަތަރު މީހުން އުޅޭނެތާއެވެ. މަދުވެގެން ދެ ހާހެއް ތިން ހާހެއް މުސާރައަށް ލިބޭ ވަޒީފާކަމަށް ބަލައިފިއްޔާ ހާދަހާ ފައިސާއެކޭ ހިތާހިތާ ކިޔައިލެވުނެވެ. ކުއްލިއަކަށް ހިތަށްއެރީ ކުރީން ފެނި އިވުނު އިއުލާނެއްގައި އޮތް ކަމެއްގެ ވާހަކައެވެ. ކޮންމެ ވިޔަފާރިއެއްގައި  އެ ކަން ކުރާ ތަނެއްގައި ސޭޓަކަށް ކޮށިގަނޑުގައި ރާއްޖޭ މީހަކު އިންނާން ޖެހޭނެކަމަށް އޮތް އޮތުމެވެ. ހިސާބުހަދައިލާނަމޭ ހިތައި މާލޭގައި ވިޔަފާރިކުރާ ކިތައް ތަން ހުރޭތޯ ބަލައިލާން ބޭނުންވިއެވެ. ކަމާބެހޭ އިދާރާއިން ދާދި ފަސޭހައިން އެނގޭނެކަމަށް ހީކޮށް އެ މަގުން ދިޔައީމެވެ. ގޮސް ވަދެވުނު ދޮރު ނުބައީ ވެސް ތޯއްޗެކެވެ. އެ އަދަދު ލިބޭ ގޮތެއް ނުވިއެވެ. އިންތިޒާރުކުރާން މަޑުކުރި ހަތަރުވަނަ ދުވަހު އިހަށް އެ މަސައްކަތް ހުއްޓައިލައިފައި ލަފާކޮށްލައިގެން އަދަދެއް ޖަހައި ހިސާބުހަދައިލީއެވެ.

      މާލޭގައި ގޮސް ގަނެވޭ ވިޔާފާރިކުރާ ފަސް ހާސް ތަން ހުންނާނެ ކަމަށް ބަލައިފިއްޔާ އެއިން ކޮންމެ ތަނަކަށް ސޭޓުކަމުގެ ވަޒީފާގައި މަދުވެގެން ދެ މީހުން ތިބޭނެކަމަށް ބަލާން ޖެހެއެވެ. އެއީ 10 ހާސް ވަޒީފާއެވެ. އަށް ގަޑިއިރުގެ ދަންފަޅި ޑިއުޓީގައި ކުޑަވެގެން ހަތަރު ހާސް ރުފިޔާގެ މުސާރައެއް ދޭނެކަމަށް ބެލީމާ އެއީ  ހަތަރު ހާސް ލިބޭ  10 ހާސް މީހުންނެވެ. ދިވެހިރާއްޖެއިން އެ ބޭރުވަނީ ހާދަހާ ބޭރު ފައިސާއެކެވެ.

        ހިތަށްއެރިއެވެ. ގަވައިދުގައި އެހެން  އޮއްވައި މި އާމްދަނީ ދިވެހިންނަށް ލިބުނަނުދީ މުޅީން ހެން ބޭރު ބިދޭސީންނަށް ދިނުން މިހާ ވަރަށް އާންމުވެފައި މި އޮތީ ކީއްވެގެން ބާވައެވެ.  ވިސްނުނީ ދެ ގޮތެކެވެ. އެހެންޏާ އެ ގޮތުން ކަމާ ބެހޭއިދާރާގެ އިސް މީހުނަށް/މީހަކަށް "ފައިދާއެއް" ވަނީއެވެ. ނޫނީ އެ ފަދަ މީހުން ދިވެހީން ދެކެ ލޯބިނުވަނީއެވެ.  ގައުމަށް ފަރުވާލެއް ނެތީއެވެ. އެ މަގާމަށް ލެވިފައި ނުވަތަ އެ މަގާމަށް ހޮވިފައި އެ ތިބީ އެކަށީގެންވާ މީހުން ނޫނީއެވެ.

( ޚާއްޞަ ނޯޓެއް: ގާނޫނާއި ގަވައިދުތައް ދުވަހުދެއިރު،  އިރަކު ބައެއްދުވަހު 3 ފަހަރު ބަދަލުކުރަމުން  ގެންދާ މިޒަމާނުގައި ފަހަރެއްގައި މިލިއުމުގައި ހަވާލާދެވުނު ގަވައިދު މިހާރު އުވާލާފައި އޮތުން  ވެސް އެކަށީގެންވާތީ،  އެހެންވެފައި އޮތްނަމަ  ކިއުންތެރިން އަޅުގަނޑަށް މާފުކޮށްދެއްވުންއެދި ދަންނަވަން ޖެހެއެވެ.)

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ޤާނޫނާ ޤަވާއީދު އެކަށައަޅަން އުޅޭ ކުދިންކޮޅަކީ "އިއްޔެމެންދުރު" ކުދިންކޮޅަކަށް ވަނީ ތޯއްޗެކެވެ. އެކުދިންނަކަށް ދުރެއް ނުފެނެއެވެ. ހަރުމުސްކުޅިންގެ ލޮލުގެ އަލިކަން ކުޑަވިޔަސް އެބޭބެއިންނަށް ދުރު ފެނެއެވެ.
12 Jan 2024