ރަސްގެފާނާއި ކުށްކުރި ވަޒީރު
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ރަސްގެފާނުގެ އެންމެ ބޮޑު ފަޚުރަކީ ރަސްގެފާނު ގެންގުޅުއްވާ ވަހުޝީ ދިހަ ވަލުކުއްތާއެވެ. އެ ކުއްތާތަކުގެ ބޭނުމަކީ ރަސްގެފާނުގެ ވަޒީރުންގެ ތެރެއިން އެކަކު ވެސް ކުށެއް ކޮށްފި ނަމަ، އެ ތަނުން ކުއްތާއަކަށް ދިނުމެވެ. ނޮޅައި މަރައިލައި ކުއްތާގެ ކޮއްތަކަށް ވުމަށެވެ.
އެއް ދުވަހު، ރަސްގެފާނަށް ވަރަށް އިޚުލާސްތެރިކަން ދައްކާ، އަދި ލިބޭ ކޮންމެ ފުރުސަތެއްގައި ދޮގު ތައުރީފާއި ޚުޝާމަދުކޮށް، ނަބީބޭކަލެއްގެ ދަރަޖައަށް ރަސްގެފާނު އުފުލާން ވެސް ޖެހިލުން ނުވާ ވަޒީރަކަށް ކުށެއް ކުރެވުނެވެ. ރަސްގެފާނު ނުރުހިވަޑައިގަންނަވާ މީހަކާ އޭނާއާ ބައްދަލުކުރެވުނީއެވެ.
ކޮންމެއަކަސް، ރަސްގެފާނުގެ ޝަރުއީ ދަރުބާރަށް އެ ވަޒީރު ގެންނަވައި، އޭނާގެ ކުށުގެ ވާހަކަ އޭނާ ގާތު ބުނެވި، އެ ކުށުގެ ސަބަބުން، ރަސްގެފާނުގެ ވަލު ކުއްތާތަކުގެ ތެރެއިން ކުއްތާއަކަށް ވަޒީރު ހަވާލުކުރުމަށް ރަސްގެފާނު ހުކުންކުރެއްވިއެވެ.
ދެން، މި ކަމާ ހިތާމަކޮށް އެ ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. "މާތް ރަސްގެފާނެވެ! މަނިކުފާނުގެ ޚިދުމަތުގައި އަޅުގަނޑު އުޅޭތާ މިހާރު ދިހަ އަހަރުވީއެވެ. މަނިކުފާނުގެ ހުރިހާ ސިޔާސަތުތަކެއް، އޭގެ ހަގީގަތަށް ވެސް ބެލުމެއް ނެތި، އެކަންކަން ރަނގަޅުކޮށް، ރައްޔިތުންގެ ތެރެއަށް ނެރެމެވެ. މި ބޮޑު ޚިދުމަތުގެ އިނާމަކީ ތިއީތޯއެވެ؟"
ދެން، ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭމެން އެންމެން ވެސް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމުގައެވެ. އަހަންނަކީ މާ ބޮޑު ފިކުރީ ގާބިލުކަމެއް ލިބިފައި ހުރި މީހަކަށް ނުވެދާނެއެވެ. ނަމަވެސް، ދޮގު ތައުރީފާއި ޚުޝާމަދަކީ ކޮބައިކަން އަހަންނަށް ވެސް ވަކިކޮށް ފާހަގަކުރާން އެނގެއެވެ. ނަބީބޭކަލުންގެ ދަރަޖައަށް އަހަރެން ގެންދާން ކަލޭމެން ފަދަ މީހުން މަސައްކަތްކުރާ އިރު، އެއީ ހުސް ޚުޝާމަދުކަން އަހަންނަށް ވެސް އެނގެއެވެ. ކޮންމެއަކަސް ރަސްކަމުގެ ގާނޫނުގެ މަތީން، ކަލޭގެ ކުށުގެ ސަޒާއަކީ ކުއްތާއަކަށް ކަލޭ ދިނުމެވެ. އެ ކަމަކަށް ބަދަލެއް ނުގެނެވޭނެއެވެ!"
ވަޒީރު އިތުރަށް ކުރާނޭ އާދޭހެއް ނެތި، ބުނާނޭ އިތުރު އެހެން އެއްޗެއް ނެތުމުން، ބުންޏެވެ. "އަޅުގަނޑުގެ ހުކުން އަޅުގަނޑު ގަބޫލުކޮށްފީމެވެ. ނަމަވެސް، އަދިވެސް އެއް އެދުން އަޅުގަނޑުގެ އެބަ އޮތެވެ. އެއީ އަޅުގަނޑުގެ މައްޗަށް ހުކުން ތަންފީޒުކުރުމުގެ ކުރީން، އަޅުގަނޑަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވުމެވެ." ދެން، ވަޒީރުގެ އެދުމުގެ މަތީން ރަސްގެފާނު އޭނާއަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވިއެވެ.
ވަޒީރަށް ދިހަ ދުވަހުގެ މުހުލަތެއް ލިބުމުން، ވަރަށް އަވަސްވެ، ކުއްތާ ބަލަހައްޓާ މީހާއާ ބައްދަލުކުރިއެވެ. އަދި، ދިހަ ދުވަސް ވަންދެން، ކުއްތާތައް ބެލުން އޭނާއާ ހަވާލުކުރުމަށް، ކުއްތާ ބަލަހައްޓާ މީހާގެ ކިބައިން ވަޒީރު އެދުނެވެ. ކުއްތާ ބަލަހައްޓާ މީހާ އެކަން ވަޒީރު އެދުމުގެ މަތީން ކުރިއެވެ.
ދެން އައި ދިހަ ދުވަސް ވަންދެން، އެ ދިހަ ކުއްތާ ވަރަށް ރަނގަޅަށް ވަޒީރު ބެލެހެއްޓިއެވެ. އެއެއްޗިއްސަށް ކާންދީ، ދޮވެ ސާފުކޮށް، އެ އެއްޗެހި ގޮވައިގެން ހިނގާން ގޮސް ހެދިއެވެ.
ދިހަ ދުވަސް ނިމުމުން، ރަސްގެފާނުގެ ދަރުބާރަށް ވަޒީރު ހާޒިރުކުރެވުނެވެ. އަދި، ރަސްގެފާނުގެ ވަހުޝީ ވަލު ކުއްތާތަކާ ވަޒީރު ހަވާލުކުރެވުނެވެ. ވަޒީރު ނޮޅައި މަރައިލައި ކައިލުމަށެވެ. ނަމަވެސް، އެންމެން ވެސް ހައިރާން ކޮށްލި ކަމަކީ ހުރިހާ ކުއްތާތަކެއް ވެސް ވަޒީރު ކައިރިއަށް އައިސް އޭނާގެ ފައިދަށުގައި ފައިގައި ދޫލާން އޮތީމައެވެ.
ދެން، ވަޒީރު ގެންނަވައިފައި ރަސްގެފާނު ވިދާޅުވިއެވެ. "މި ކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ކުއްތާތަކަށް ކަލޭ ހެދީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އެއެއްޗިއްސަށް ސިހުރެއް ހެދީ ހެއްޔެވެ؟"
ރަސްގެފާނުގެ ސުއާލުގެ ޖަވާބުގައި ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. "ދިހަ ދުވަސް ވަންދެން އަޅުގަނޑު އެ އެއްޗިއްސަށް ޚިދުމަތްކުރީއެވެ. ކާންދީން ބޯންދީ ސާފުކޮށް ހިންގައި ހެދީއެވެ. އެ ދިހަ ދުވަހުގެ ޚިދުމަތުގެ އަގު އެ ކުއްތާތަކަށް ވަޒަން ކުރާން އެނގިއްޖެއެވެ. ނަމަވެސް، މަނިކުފާނަށް ދިހަ އަހަރުގެ ޚިދުމަތުގެ އަގު ވެސް ވަޒަން ކުރައްވާން އެނގިވަޑައެއްނުގަތެވެ! އާދޭހެވެ! ކުއްތާއެއްގެ ދަރަޖަ ވެސް މަނިކުފާނަށް ލިބިވަޑައިގެން ނުވިއެވެ."
ދެން، ރަސްގެފާނު ދެރަވެވަޑައިގެން، ވަޒީރަށް އަލުން ވަޒީފާދެއްވާން ނިންމެވިއެވެ. ނަމަވެސް ވަޒީރު އެ ކަމަށް އިންކާރުކޮށް ރަސްގެފާނަށް ދެންނެވިއެވެ. "ސިޔާސީ ގުޅުންތަކަކީ ވަރަށް ވެސް ބަލިކަށި ގުޅުންތަކެކެވެ. އެ ގުޅުންތައް ބަނދެވިފައި އޮންނަނީ އަމިއްލަ މަސްލަހަތުގެ ވަރަށް ވެސް ދެރަ، އެއްވެސް ވަރެއް ނެތް ސުތުލި ފަށަކުންނެވެ. އެހެންވެ، އެ ގުޅުންތަކުގެ ސުތުލިފަށް ވަރަށް ވެސް އަވަހަށް ބުރިވެ ކެނޑިދެއެވެ. އެހެންވެ، މިއަދުން ފެށިގެން، މީހުންގެ އަގު ވަޒަންކުރުމުގައި ކުއްތާއިންނަށް ވުރެ ވެސް ދަށުދަރަޖައިގެ ގިނަ ބަޔަކު އުޅޭ ސިޔާސީ މައިދާނާ، ދުރަށްދާން އަޅުގަނޑު ނިންމައިފީމެވެ!"