ފަރަގަކީ ކޮބާ؟
ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. ފަރަގުގެ މާނައަކީ ތަފާތެވެ. ޚިލާފެވެ. އެއް ގޮތްކަން ނެތުމެވެ. އަދި އެއްވަރު ނުވުމަކީ ވެސް ތަފާތުގެ މާނައިގައި ހިމެނޭ ކަމެކެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ފަރަގުވަނީ ނުވަތަ ތަފާތުވަނީ ބަދަލެއްގެ ސަބަބުންނެވެ. ބަދަލުގެ އެންމެ އާންމު މާނައަކީ އެއްޗެއް ނުވަތަ ކަމެއް ނުވަތަ ތަނެއް، އެއް ހާލަތުން އަނެއް ހާލަތަށް ފުރޮޅިގެންދާ ފުރޮޅުމެވެ. މި ބަދަލުގެ ނަތީޖާއަކަށް ވަނީ ތަފާތުވުމެވެ. ފަރަގުވުމެވެ. އެއް ގޮތްކަން ނެތި ދިޔުމެވެ.
މުޅި ދުނިޔެއިން ވެސް ކޮންމެ ދުވަހަކު، އަޅުގަނޑުމެން އެންމެ ބޮޑަށް ތަޖުރިބާކުރާ އެއް ހަގީގަތަކީ ބަދަލެވެ. ބަދަލުގެ ސަބަބުން އަންނަ ފަރަގެވެ. ފެންނަ ތަފާތެވެ. އެހެންވީ އިރު، "ފަރަގު"ގެ ފަރަގަކީ ކޮބައިތޯ ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި މިހާރު ސުވާލު އުފެދިދާނެކަން ކަށަވަރެވެ. "ތިޔަ ބުނާ ފަރަގަކީ ކޮބައިހެއްޔެވެ؟" ވިދާޅުވާށެވެ!
ފަރަގު މި ނަން އަޅުގަނޑުމެން މި ނޫހަށް އިޚުތިޔާރުކުރީ އެހެން ނޫސްތަކާ ތަފާތު ގޮތަކަށް އޮއްޓަރު ގެނެސްދޭން ވިސްނައިފައި އޮތަތީއެވެ. ޚަބަރު ގެނެސްދިނުމުގައި ވެސް އެހެން ނޫސްތަކާ ފަރަގު ކުރުމުގެ ނިޔަތް އޮތީމައެވެ. މި ނޫހުގެ އެންމެ ބޮޑު ފަރަގަކީ، މި ނޫހަކީ އަމިއްލަ މިނިވަން ނޫހަކަށްވުމެވެ. ދަންނީ (ޕްެރޮފެޝަނަލް) ނޫހަކަށްވުމެވެ. ސިޔާސީ ދާއިރާގައި ވަކިކޮޅަކަށް މި ނޫސް ބުރައެއް ނުވާނެއެވެ. އިޖުތިމާޢީ އަދި ޤައުމީ ކަންކަމުގައި ހަމައެކަނި ފާޑުކިޔައިލުމަކުން ފުއްދައިލާ ނޫހަކަށް މި ނޫހެއް ނުވާނެއެވެ. އޭގެ ބަދަލުގައި ޤައުމުގައި ހުރި އިޖުތިމާޢީ އިގުތިސާދީ އަދި ޤައުމީ މައްސަލަތަކަށް މި ނޫހުން އެޑްރެސްކުރުމާއެކު އެ މައްސަލަތަކުގެ ޙައްލާ މެދުގައި ވެސް މި ނޫހުން ވާހަކަދައްކާނެއެވެ. ރަނގަޅު ކަންކަމަށް ތަރުޙީބުދިނުމާއެކު ނުބައިކަންކަމަށް އިންކާރުކުރާނެއެވެ. ކީރިތި ޤުރުއާނުގެ އާލުޢިމްރާނު ސޫރަތުގެ 104 ވަނަ އާޔަތުގައި ﷲ އަމުރުކުރައްވައިފައިވާ ފަދައިންނެވެ. މާތްﷲ ވަޙީކުރައްވައިފައި ވަނީ ﴿وَلۡتَكُن مِّنكُمۡ أُمَّةٞ يَدۡعُونَ إِلَى ٱلۡخَيۡرِ وَيَأۡمُرُونَ بِٱلۡمَعۡرُوفِ وَيَنۡهَوۡنَ عَنِ ٱلۡمُنكَرِۚ وَأُوْلَٰٓئِكَ هُمُ ٱلۡمُفۡلِحُونَ١٠٤﴾ ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ ދިންނަވާނޭ މީހުންނެވެ.") މި ފަދައިންނެވެ. އެހެންކަމުން މި އާޔަތުގައި މާތްﷲ އަންގަވައިފައި މިވާ މީހުންގެ ތެރެއިން ވޭތޯ މި ނޫހުގެ ޓީމުގެ ހުރިހާ މެންބަރުން މަސައްކަތްކުރާނެއެވެ.
އެހެން ނޫސްތަކާ ޚިލާފަށް މި ނޫހަކީ ސިޔާސީ މަންސައަށް ނުވަދެ، ޤައުމީ އަދި އިޖުތިމާޢީ ދާއިރާއަށް ފޯކަސްކުރެވޭތޯ ބަލާނެ ނޫހެކެވެ. މުޖުތަމަޢުގައި ހުރި މައްސަލަތަކުގެ ޙައްލަށް ޓަކައި މަސައްކަތްކުރާ ނޫހެއްކަމުގައި ވާނެއެވެ. މުޖުތަމަޢުގެ ހުރިހާ ދާއިރާއަކަށް ނަޒަރުކުރާ ޙާލުގައެވެ. ބިނާކުރަނިވި ގޮތެއްގައި ކަންކަމަށް ފާޑުކިޔާނެއެވެ. ރަނގަޅު ގޮތް ބުނެދޭނެއެވެ. އެއްވެސް ކަމަކަށް އާޑައެއް ނުކިޔާނެއެވެ.
"ފަރަގު"ގެ އަނެއް ތަފާތަކީ، ފަރަގަކީ، މިހާރު ނުކުންނަ އެންމެ ކުށް މަދު، ދިވެހިބަހުގެ ހަމަތަކާ އެއް ގޮތަށް ޢިބާރާތްތައް ބައްޓަންކުރެވޭތޯ ޚާއްސަ އިސްކަމެއް ދޭ ނޫހެއްކަމުގައިވުމެވެ. ދިވެހިބަހުގެ ބަސްކޮށާރުގައި ކުރީއްސުރެ ހުރި ރީތި ލަފުޒުތައް އާންމުންނަށް ތިލަކޮށްދިނުމާއެކު، އަލަށް އުފެދޭ އާ ލަފުޒުތައް ވެސް މި ނޫހުން ތަޢާރަފުކޮށް އެ ލަފުޒުތައް ބޭނުންކުރަމުން ގެންދާނެއެވެ. މި ފަދަ ލަފުޒުތަކުގެ ފުރިހަމަ މާނަ އާންމުންނަށް މޭރުންވެ ފަހުމުވާނޭ ބީދައަކުންނެވެ. ބައެއް ފަހަރު، މި ބާވަތުގެ ލަފުޒުގެ މާނަ، ދިވެހިބަހުގެ ރަދީފުގައި އޮންނަ ގޮތަށް އެ ލިޔުމެއްގެ ތިރީގައި ހާމަކުރަމުން ގެންދެވޭތޯ މަސައްކަތްކުރުމާއެކީގައެވެ.
ޢަރަބީންގެ ބުއްދިވެރިއަކު ބުނެފައި ވެއެވެ. މަތިވެރި ސިކުނޑިތައް ކުރާ ބަހުސްތައް ބިނާކުރާނީ މޮޅު ޚިޔާލުތަކާއި މަތިވެރި ފިކުރުތަކުގެ މައްޗަށެވެ. މެދުމިނުގެ ސިކުނޑިތަކަށް ޚިޔާލު ފާޅުކޮށް ބަހުސްކޮށް ވާހަކަދައްކާން އެނގޭނީ ޙާލުގެ މައްޗަށެވެ. ހިނގާ ނުވަތަ ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުންނެވެ. އެންމެ އާދައިގެ ފެންވަރުގެ ނުވަތަ ދަށު ދަރަޖައިގެ ސިކުނޑިތައް ބަހުސްކޮށް ވާހަކަދައްކައްކައި ހަދާނީ މީހުންގެ ޝަޚުސާ ބެހޭ ގޮތުންނެވެ. މީހުންގެ ޒާތީ ކަންކަމާ ބެހޭ ގޮތުންނެވެ. ފަރަގަކީ އެއްވެސް ކަމެއްގައި މީހުންގެ ޒާތާ ބެހޭނެ ނޫހެއް ނޫނެވެ. މި ނޫހުން އެޑްރެސްކުރާނީ މައްސަލައަށެވެ. މި ނޫހަކީ މައްސަލަ އުފައްދާނެ ނޫހެއް ނޫނެވެ. ނަމަވެސް މި ނޫހުން މަސައްކަތްކުރާނީ މައްސަލަތަކުގެ ޙައްލު ހޯދައިދިނުމަށް ޓަކައެވެ. އެހެނީ "ފަރަގު" ޓީމުގެ މެންބަރުންނަކީ، އިރާދަކުރެއްވިއްޔާ، އެންމެ ދަށު ދަރަޖައިގެ ސިކުނޑިތަކެއް ލިބިފައިވާ ބަޔަކަށް ނުވާނެއެވެ.
މި ނޫހަކީ ހަމައެކަނި ޒުވާން ކުދީންކޮޅެއް ގުޅިލައިގެން ނެރޭ ނޫހެއްނޫނެވެ. މިއީ ހުނަރުވެރި، ކަށަވެތި، ނޫކަށިފުރާގެ ޒުވާނުންނާއި ތަޖުރިބާކާރު އަދި ޢިލްމީ ބައެއް ބޭފުޅުން އެކީ އެއް އޮޅިއެއްގައި މުޖުތަމަޢުގެ އިޞްލާހަށް ޓަކައި މަސައްކަތްކުރާނެ ނޫހެކެވެ. ހަގީގަތް ފޮރުވުމެއް ނެތި، ޢިލްމީ ތެދު ހަގީގަތް ހާމަކުރުމަކީ މި ނޫހުގެ އަމާޒެކެވެ. އިންސާނީ ކަރާމާތާއި ފަރުދީ އަދި އިޖުތިމާޢީ ޙައްގުތަކަށް އިހުތިރާމްކުރުމާއެކީގައެވެ.
އާދޭހެވެ! އިރާދަކުރެއްވިއްޔާ، "ފަރަގު"ގެ ޒަރީއާއިން ކުށް މަދު ލިޔުންތަކެއް މުޖުތަމަޢަށް ނުކުންނާނެއެވެ. ދިވެހި ރަދީފުގައި ހުރި، ނަމަވެސް ގިނަ މީހުން ހަނދާން ނައްތައިލައިފައިވާ ބަސްކޮށާރާއި އަލަށް އުފެދޭ ލަފުޒުތައް ދިވެހި ލިޔުންތެރިކަމުގައި އިސްތިޢުމާލުކުރެވޭތޯ މި ނޫސް މަސައްކަތްކުރާނެއެވެ. ރަނގަޅު ކަންކަމަށް ހިތްވަރުދީ ނުބައިކަންކަމަށް ނަފުރަތުކުރާނެއެވެ. މި ނޫހުން މި ފަރަގު ފެނިވަޑައިގަންނަވާނެއެވެ. ޤައުމީ އިޖުތިމާޢީ މައްސަލަތައް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ ފަދަ މައްސަލަތަކުގެ ހައްލު ހުށަހަޅައިދޭނެއެވެ. މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމަށް އިސްކަންދޭނެއެވެ. ވަކި ބަޔަކަށް ފާޑުކިޔައި ވަކި ބަޔަކަށް ޚުޝާމަދުކުރުމުން މި ނޫސް އެއްކިބާވާނެއެވެ. އެހެންވީމާ ފަރަގަކީ ކޮބައިކަން މިހާރު ސާފުވެވަޑައިގެންފި ނޫންތޯއެވެ!
____________________________
ބައެއް ލަފުޒުގެ މާނަ:
ކަށަވެތި: ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި
ކަރާމާތް: ހުރުމަތް