Advertisement

މަސްތީ ހާލަތު ދައްކުވައިދޭ ޚިޔާލީ ހުވަފެނެއް

10 Jan 2024 | 18:55
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މީހުން ބުނާތީ އަޑުއަހަމު ނޫންހެއްޔެވެ؟ 'އަހަރުމެން މި ތިބީ ނިދައިފައެވެ. ހޭލެވޭނީ މަރުވުމުންނެވެ.' ލޯމަތީން ހަގީގަތްތައް ފެންނާން އޮންނަ އިރު ވެސް އަހަރުމެންނަކީ ހަގީގަތް ނުފެންނަ ކަނު ބަޔެއް ފަދަ ބަޔެކެވެ. ސަލާމަތް ބުއްދި ލިބިގެންވާ އިރު ވެސް، އެކިއެކި އުޒުރުތައް ދައްކައި، އަހަރުމެންނަށް ލިބިފައި އޮތް ސަލާމަތް ބުއްދީގެ ބޭނުމެއް ނުކުރެއެވެ.

އަހަރުމެން މި ތިބީ ނިދައިފައޭ ބުނަނީ ކީއްވެބާވައެވެ؟! އުޚުރަވީ ކަންކަން މަތީން ހަނދާން ނައްތައިލައި، ހަމައެކަނި، ދުނިޔަވީ ކަންކަމާއިގެން އުޅެވޭތީއެވެ. ދުނިޔެއަކީ އަހަރުމެންގެ ހަޔާތުގެ އެންމެ ފަހު މަންޒިލްކަމުގައި، (އެނގިގެން ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް)، ބެލިގެންނެވެ.

އަހަރުމެންގެ ލޯ ސަލާމަތުން ހުރި ކަމުގައި ވިޔަސް، އަހަރުމެންނަކީ ކަނު ބަޔެއްކަމުގައި ބެލެވެނީ ކީއްވެބާވައެވެ؟ އެއް ހޮރަކުން ކަށި ޖެހުމުން، ހަމަ އެ ހޮރަށް ދެވަނަ ފަހަރަށް ކީއްކުރާންހެއްޔެވެ؟ ތިންވަނަ ފަހަރު ވެސް އަދި، އެއަށް ވުރެ ގިނަ ފަހަރު ވެސް އަތްލައި ކަށިޖެހިޔަދޭތީއެވެ. މި ކަން އިތުރަށް ސާފުވެ ދިޔުމަށް ޓަކައި، މީހަކު ބުނި ވާހަކައެއް ލިޔެލާނަމެވެ.

މީހަކީ އިންޑިޔާ މީހެކެވެ. ނަމަވެސް، ރާއްޖޭގައި އެތައް ދުވަސްތަކެއް ވާންދެން އުޅެ، ކޮންމެ ވެސް ވަރެއްގެ ލޯތްބެއް ރާއްޖެއަށް ޖެހިފައިވާ މީހެކެވެ. އޭނަ ބުނީ ކީކޭކަމަށްހެއްޔެވެ؟ އޭނާ ބުނީ، ދިވެހީންނަށް ފަހަކަށް އައިސް، ހެދުނު އެންމެ ބޮޑު ގޯހަކީ ބޭރު އަސްކަރީންގެ ބަޔަކު ރާއްޖޭގައި ތަމްކީނުކުރެވުމެވެ. މިހާރު، މިހެން ކަންތައް ވެފައި އޮތުމުން، އޭނާގެ ނަޒަރުގައި، އެ އަސްކަރީން ރާއްޖޭން ބޭރުކުރުމަކީ ވަރަށް ވެސް ދަތި އުނދަގޫކަމަކަށް ވާނެއެވެ. އެއީ ކީއްވެބާވައޭ ސުއާލުކޮށް، އެ ކަމުގެ މައްޗަށް ވިސްނައިލުން މުހިންމެވެ.

އެފަދަ އަސްކަރީން ބޭރަށް ނެރުން އުނދަގޫވަނީ، އެންމެ ފުރަތަމަ، އެ މީހުންނަށް އެހެން ބަޔެއްގެ ތެރެއަށް ވަދެ އެ މީހުންގެ ފައި ހަރުކޮށްލުމަކީ ވެސް ފަސޭހަކަމަށް ނުވުމެވެ. ތަނުގެ ބަޔެއްގެ އެހީއާ ނުލައި، މިއީ ނުވާނޭ ކަމެކޭ ވެސް ބުނެވިދާނެއެވެ. ކޮންމެއަކަސް ތަނަކަށް ވަދެ، އެ ތާނގައި ތަމްކީނުވުމަށް ފަހު، ދެން އެމީހުން ކުރާ މަސައްކަތަކީ އެ ތަނުގައި ދާއިމަށް ދެމި ތިބެވޭނޭ ގޮތް ހެދުމެވެ. އެ ގޮތުން، ސިޔާސީ އިސް މީހުންކަމުގައި އެ މީހުން ދެކޭ މީހުން އެ މީހުންގެ މުށު ތެރެއަށް ލައެވެ. ލިޔެ ވާހަކަދައްކައި އެ މީހުންނާ ދެކޮޅު ހެދުމުގެ ކިރިޔާ ވެސް އެކަށޭނަ ކަމެއް ހުރި މީހެއް ފެނިއްޖެ ނަމަ، އެ މީހަކު ގަނެލައި އެ މީހުންގެ މީހަކަށް ހަދައިލައެވެ. އެ މީހުންގެ މި ފަދަ މީހުން މެދުވެރިކޮށް، އަމާނަތްތެރި، މިނިވަން ޚިޔާލުގެ، އަދި ކަންކަން ކުރެވޭ، ހަރުދަނާ މީހުން ފެންމަތި ނުވުމުގެ މަސައްކަތް ކުރެއެވެ. އެ ފަދަ މީސްމީހުން ބާކީ ކޮށްލައިގެންނެވެ. ނޫނީ ބަންދުކޮށްގެންނެވެ. ނޫނީ ތަނުން ބޭރުކޮށްލައިގެންނެވެ. ޚުލާސާއަކީ، އެމީހުންނާ އެއްވެސް ގޮތަކުން ކުރިމަތިލައިފާނޭ ކޯދެއް ވެސް، ކުރިއެއް ވެސް، ފެނިއްޖެ ނަމަ، ހަމަ ވަގުތުން ނެތިކޮށްލައެވެ. ދެން، ކުޅިމަޖަލުގައި ޒުވާނުން މަޝްޣޫލުކޮށްފައި ބައިތިއްބައެވެ. މި ސަބަބުތަކަށް ޓަކައި، ބަޔެއްގެ ތެރެއަށް ބޭރު އަސްކަރީންގެ ބަޔަކު ވަދެ ތަމްކީނުވުމަށް ފަހު، އެ މީހުން ބޭރުކުރުން ވަރަށް ވެސް އުނދަގޫ ކަމަކަށް ވެއެވެ.

ދެން، މަތީގައި، ފަށަމުން ތިންވަނައަށް ބުނެފައި އޮތް ސަލާމަތް ބުއްދީގެ ބޭނުންކުރުމުގެ ވާހަކައެވެ. ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، ކަންކަމާ ދޭތެރޭ ވިސްނައިލުމުން، ކަންކަމުގެ ހަގީގަތް، ކޮންމެ މީހަކަށް ވެސް، ސާފުވުމުގެ މަގު، މާތްﷲ ފަހިކޮށްދެއްވައެވެ. މިސާލަކަށް ޖަމާއަތުގެ ވެރިއެއްގެ ގޮތުގައި މީހަކު އިސްކުރާން ނިންމާ އިރު، އެ ކަން ކުރާނެ ގޮތުގެ މައްޗަށް ވިސްނާނީ ކިހިނެއްހެއްޔެވެ؟

އެންމެ ފުރަތަމަ ބަލާން ޖެހޭނީ އެ މީހެއްގެ ކިބައިގައި އެ ކަމުގެ ގާބިލުކަން ހުރިތޯއެވެ. އެ ގާބިލުކަން ފެށެނީ އެ މީހެއްގެ ކިބައިގައި ތަނަށް، ޖަމާއަތަށް، އޭނާގެ ފުރިހަމަ ވަލާއު (އެލީގިއަންސް، އިޚުލާސްތެރިކަން)އާއި އަމާނަތްތެރިކަން އޮތްތޯއެވެ. މި ކަން، އެ މީހެއްގެ ވާހަކަތަކުންނާއި އަމަލުތަކުން އެނގޭނެއެވެ. އަސްކަރީ ގޮތުން ބޭރު ބަޔަކު ތަނަށް ގެނެސް ތަމްކީނުކުރާ ބަޔަކީ އެ މީހުންގެ ކިބައިގައި ތަނަށް ވެސް އަދި ތަނުގެ ޖަމާއަތަށް ވެސް އެއްވެސް ވަލާއެއް، އަމާނާތްތެރިކަމެއް، އޮތް ބަޔެއްކަމުގައި ތިމާގެ ސަލާމަތް ބުއްދި ބުނެފާނެހެއްޔެވެ؟ ތަނުގެ ގާނޫނުން ސަލާމަތްވާން ބޭރު ބަޔެއްގެ ހިމާޔަތަށް އެދޭ ބަޔެއްގެ ކިބައިގައި ވަލާއު އޮންނާނީ ތަނަށްހެއްޔެވެ؟ ނޫނީ އެމީހުންނަށް ހިމާޔަތް ދޭ ބަޔަކަށްހެއްޔެވެ؟ ތިމާމެންގެ ޚަރަދަށް، މުޅި ދައުލަތުގެ ބަޖެޓު ވެސް ބޭނުންކޮށްލުން ހުއްދަކުރާ އެކެއްގެ ކިބައިގައި އޮންނާނެ އަމާނަތްތެރިކަމަކީ ކޮބައިހެއްޔެވެ؟

މީގެ އިތުރަށް، ޖަމާއަތުގެ އިސް މީހެއްގެ ކިބައިގައި ހުންނާން ޖެހޭނޭ އެންމެ މުހިންމު އަނެއް ސިފައަކީ ތަނުގެ އިގުތިސާދު ހިންގާން އެނގުމެވެ. ކީރިތި ރަސޫލާގެ ސިޔަރަތަށް ބަލައިލިކަމުގައި ވިޔަސް މި ކަން ފެންނާނެއެވެ. އެކަލޭގެފާނަކީ މައްކާގެ ވިޔަފާރީގެ ތެރޭގައި އުޅުއްވި، ތަނުގެ އިގުތިސާދު ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެންމެ ޒުވާން އިރުއްސުރެން އާންމު މަސްލަހަތަށް ބައްލަވައިގެން އިގުތިސާދީ ބައެއް މަސައްކަތްތުގައި ބައިވެރިވެވަޑައިގެން، އެ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އިސްލާމް ދީނުގެ ދައުވަތުގެ ކުރީން، މައްކާއަށް އަންނަ ހައްޖުވެރީންގެ އާންމު މަސްލަހަތުގެ ބައެއް ކަންކަން ބެލެހެއްޓުން އޮންނަނީ އެކަލޭގެފާނު އެ ބަޔަކަށް ނިސްބަތްވާ ހާޝިމުވަންހައިގެ ކިބައިގައެވެ. މި ކަމަށް ރިފާދާއޭ ކިޔުނެވެ. މި މަސައްކަތުގެ އަލީގައި ފަހުން، އިސްލާމް ދީނުގެ ޒަކާތުގެ މަސައްކަތް ހިންގަވައިލެއްވިއެވެ. އާދޭހެވެ! މުޖުތަމަޢުން ފަގީރުކަމާއި މުހުތާދުކަން ނައްތާލުމަށް ޓަކައެވެ.

މަސްތުވާން ބޭނުންކުރާ "ޤާތު" ފަތް: ސައެންސީ ނަމަކަށް Catha edulis ކިޔާ މި ފަތަކީ ގަދީމީ ޒަމާނުގައި އިރުމަތީ އެފްރިކާއާއި އަރަބި ޕެނިންސޫލާގެ އަސްލު ވަޒަންވެރީން މުނިފޫހިފިލުވުމުގެ ގޮތުން މަސްތުވުމަށް ޓަކައި ހަފާން ގެންގުޅުނު މަސްތުވާ އެއްޗެކެވެ. ޑްރަގެކެވެ. <br>

މި ޒަމާނުގައި ކަން ހިނގާ ގޮތަށް ބަލައިލިކަމުގައި ވިޔަސް، ތަންތަން ކުރިއަރައިގެން އަންނަނީ ތަނުގެ އިގުތިސާދު ރަނގަޅަށް ހިންގާން އެނގޭ އަމާނާތްތެރި ބަޔަކު ތިބެގެންކަން ސާފުވެއެވެ. މި ކަމުގެ ހަގީގަތް ހޯދައިލުމަށް ޓަކައި އަމިއްލަ ސަލާމަތް ބުއްދި ބޭނުންކޮށްގެން ދުނިޔޭގެ އެކި ކޮޅުކޮޅު މައްޗަށް ބަލައިލާށެވެ. އިގުތިސާދީ މަސައްކަތް ރަނގަޅަށް ހިންގާން ނޭނގޭ މީހުން ވެރިކަމަށް އައުމުން ތަން ބަނގުރޫޓުވާ ގޮތް ފެންނާނެއެވެ. މިސާލެއްގެ ގޮތުން، އާޖެންޓީނާގެ ތާރީޚަށް ބަލައިލާށެވެ! ނޫނީ ގުރީސްގެ ދާދި ފަހުގެ ތާރީޚަށް ބަލައިލާށެވެ! ނޫނީ ލަންކާގެ ދާދި އިހަށްދުވަހުގެ ތާރީޚަށް ބަލައިލާށެވެ. ނޫނީ ރަނގަޅަށް ލޯ ހުޅުވައިގެން އަހަރުމެންގެ ރާއްޖޭގެ ތާރީޚަށް ބަލައިލާށެވެ! އެކިއެކި ދައުރުތަކުގައި ދައުލަތުގެ ޚަޒާނާ ހުސްވާ ގޮތް ދެނެގަންނާށެވެ. ނޫނީ ދައުލަތުގެ ޚަޒާނާ އިތުރުވިތޯ ވިސްނައިލާށެވެ! އެއްފަހަރު ކަމަކާ މަތިވެ، އެ ކަން ނުކުރެވި، ފޭލިވުމުން ދެން އަލުން އެ ކަން ކުރެވިދާނޭކަމަށް ގަބޫލުކުރުމަކީ ހަމަ ބުއްދި ގަބޫލުކުރާނޭ ކަމެއްހެއްޔެވެ؟ މި ކަންކަމަކީ ކޮންމެ މީހަކު ވެސް، އެމީހަކު ލާ ހެދުމުގެ ކުލައިގެ ދަޅައިގެ ސަބަބުން އޭނާގެ ލޯ އަނދިރި ނުވާ ނަމަ، ފެންނާނޭ ހަގީގަތެކެވެ. މި ބަޔާންކުރި ކަންކަމުގެ މައްޗަށް ބަލައި، ޖަމާއަތުގެ ވެރިއަކަށް އިސްކުރާން މީހަކު ޚިޔާރުކުރާ އިރު، އޭނާގެ ކިބައިގައި އެ ކަމުގެ ގާބިލުކަން ހުރިތޯ ނުވަތަ ނެތްތޯ އަމިއްލައަށް ކަނޑައަޅާން އެނގޭނެއެވެ. އެއީ އެހެން މީހަކު ބުނެދޭން ޖެހޭނޭ ކަމެއް ނޫނެވެ.

ދެން އޮތީ އަސްލު މައުޟޫޢުގެ ވާހަކައެވެ. ތިރީގައި އެ ވާ ޅެމުގެ ވާހަކައެވެ. އާދޭހެވެ! ތިމާ ލާ ހެދުމުގެ ކުލައިގެ ސަބަބުން ނޫނީ ކޮންމެ ވެސް ސަބަބަކާ ހުރެ ހަގީގަތް އޮޅޭ ގޮތް ވެއެވެ. އޭރުން ވަނީ ދިރި ތިބި ނަމަވެސް، މަރުވެފައިވާ ބަޔަކަށެވެ. ހޭލައި ތިބި ނަމަވެސް ނިދައިފައި ތިބި ބަޔަކަށެވެ. ހޭވެރިވެ، ހޯޝްކަން މަތީ ތިބި ބަޔެއްކަމުގައި ވިޔަސް، މަސްތުވެ ބޭހޯޝްވެފައި ތިބި ބަޔަކަށެވެ.

ތިރީގައި އެ ވަނީ އެ ފަދަ މީހެއްގެ ވާހަކަކޮޅެއްކަމުގައި ދެކޭށެވެ. ހަމަ ހޭގައި ހުރެގެން ހަގީގަތް އޭނާއަކަށް ނުފެނެއެވެ. އެހެންވެ، 'ގާތު' ފަތް ކޮޅެއް ދުފައި އޭނާ މަސްތުވެއެވެ. ދެން، ރަނގަޅު ކުރަންވީ ކަންކަން އޭނާއަށް ފެނެއެވެ.

އޭނާ ދިވެއްސަކަށް ހަދައިލައިފި ނަމަ، އަދި، ޚިޔާލީ ދުނިޔޭގައި، ގާތުގެ ބަދަލުގައި އަފިހުން ކޮޅެއް ދުފައިލައި މަސްތުވެއްޖެ ކަމަށް ބަލާލާށެވެ! [މިއީ ޚިޔާލީ ދުނިޔޭގެ ވާހަކައެކެވެ! އަފިހުން ބޭނުންކުރުމަށް ގޮވައިލާ ގޮވައިލުމެއް ނޫނެވެ! އެހެންވެ، ހަގީގީ ދުނިޔޭގައި، ފަހަރެއްގައި ވެސް އަފިހުން ބޭނުން ނުކުރައްޗެވެ!] ދެން، އޭނާއަށް ފެންނާނީ ކޮންކޮން ކަމެއްބާވައެވެ! ހަމަ ހޭގައި ހުރެ، ކިތަންމެ ސާފުކޮށް ފެންނާން އޮތްކަމަށް ވިޔަސް، ނުފެންނަ، ނަމަވެސް ހޭ ފިލައި ދިޔުމުން، އޭނާ ވެސް ރަނގަޅު ކުރާން ބޭނުން، އެތައް ކަންތައްތަކެއް ފެނިދާނެ ހެން ހީވެއެވެ. އެއީ ކޮންކޮން ކަމެއް ބާވައެވެ! މި ޅެމުގެ ސޫރައިން އިލްހާމު ލިބިގަނެ، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ޝާއިރާނީ ގަލަމަކަށް އެ ކަންކަން ބަޔާން ކޮށްދޭން ދޫކޮށްލަމުން، ގާތުގެ މަސްތު ދައްކުވައިދިން ކަންކަން ބުނެދޭ ޅެން، އޭގެ ތަރުޖަމާއަކާ އެކު ހުށަހަޅައިލާނަމެވެ!

***

مضغتُ القاتَ بعضاً من نهاري

           مع صديقي عثمانَ الذماري

ދުވާލުގެ ވަގުތުތަކުގެ ތެރެއިން ބައެއްގައި 'ގާތު' ފަތް ދުފާން އަހަރެން އިނީމެވެ.

އަހަރެންގެ ރަހުމަތްތެރި އުސްމާނު އައްޛަމާރީއާ އެކުގައެވެ.

('ގާތު' އެއީ ފަތަކަށް ކިޔާ ނަމެކެވެ. ޔަމަނު ކަރައިގައި ބިލެތް ލައިގެން ދުފާހެން ދުފާ އަފިހުން ފަދަ މަސްތުވާ އެއްޗެކެވެ.)

فما أنْ سارَ من وقتي قليلٌ

           إذا بالشعبِ يهتفُ باختياري

ދެން، (ގާތު ފަތް ދުފުމުގައި)، އަހަރެންގެ ވަގުތުން، ކުޑަ ހިނދުކޮޅެއް، ހޭދަވިކަމެއް ނޭނގެއެވެ.

އަހަންނަށް ފެނުނީ މުޅި ގައުމުގެ މީހުން އަހަރެން (ވެރިކަމަށް) އިންތިޚާބުކުރި ވާހަކަ ގޮވާ އަޑެވެ.

ونادوني أميراً رغمَ فقري

           وأهدوني الحراسةَ والجواري

އެ މީހުންގެ ވެރިއެއްގެ ގޮތުގައި އަހަރެން ހަދައިފި ވާހަކަ އެ މީހުން ގޮވިއެވެ. އަހަންނަކީ ނިކަމެތި ފަގީރެއްކަމުގައިވީ އިރު ވެސް މެއެވެ. ދެން، އަހަންނަށް ފާރަވެރީން ހަމަޖައްސައި އަދި ޖާރިޔާއިން ވެސް ހަދިޔާކުރިއެވެ.

صعدتُ العرشَ والوزراءُ حولي

           وأصحابُ الفخامةِ عن يساري

ދެން، ވެރިކަމުގެ ތަޚުތަށް އަރައި އަހަރެން އިށީނީމުއެވެ. އަހަރެންގެ ވަށައިގެން (ކަނާތް ފަރާތުގައި ހުރިހާ ވަޒީރުން ތިއްބެވިއެވެ.

އަދި އަހަރެންގެ ވާތް ފަރާތުގައި (ދައުލަތުގެ) ބޮޑެތިބޮޑެތި (އެހެން) އިއްޒަތްތެރިން ތިއްބެވިއެވެ.

فألزمتُ الرياحَ تهبُ شرقاً

           لتحملَني إلى دولِ الجوارِ

ދެން، ޝަރުގާ ދިމާއަށް ވައި ޖެހޭ ގޮތް އަހަރެން ހެދީމެވެ.

އަވަށްޓެރި ގައުމުތަކަށް އަހަރެން އުފުލައި ގެންދިޔުމަށް ޓަކައެވެ.

وأغلقتُ الحدودَ وكلَّ شبرٍ

           وأنقذتُ البلادَ من الدمارِ

އެއަށް ފަހު، (ޝަރުގުގެ ގައުމުތަކުގެ، އެބަހީ އަރަބި އިސްލާމީ ގައުމުތަކުގެ) ބޯޑަރުތައް ބަންދުކުރީމެވެ. އެ ބިންތަކުގެ ކޮންމެ ކައިވަތެއްގެ ވެސް މެއެވެ.

އަދި، (ޝަރުގުގެ) ރަށްތައް ފުނޑުފުނޑުވެ ހަލާކުވެ ދިޔުމުން ސަލާމަތް ކުރީމެވެ.

ومن بعدِ الأمانِ ذهبتُ غرباً

           ولم أرجعْ قليلاً عن قراري

(ޝަރުގުގެ ގައުމުތަކަށް) އަމާންކަން ގެނައުމަށް ފަހު، ދެން އަހަރެން ހުޅަނގާ ދިމާއަށް ދިޔައިމެވެ.

(ގައުމުތަކަށް އަމާންކަން ގެނައުމުގެ) އަހަރެންގެ މި ނިންމުމައިގެން ކުރިއަށް ދިޔުމަށް ކުޑަކޮށް ވެސް ފަހަށް ނުޖެހެމެވެ.

وقوّاتُ التحالفِ طوعُ أمري

           أوجّهُها فتعملُ باختياري

(އަހަރެންނާ ބައިވެރިވި) އިއްތިހާދީންގެ ބާރުތައް އޮތީ އަހަރެންގެ އަތްދަށުގައެވެ.

އެ ބާރުތައް ދާންވީ ތަންނަށް އެ ބާރުތައް އަހަރެން ފޮނުވީމެވެ. ދެން، އަހަރެން އެދޭ ގޮތަށް އެ ބާރުތައް ކަންތައް ކުރެއެވެ.

جعلتُ الهندَ قاعدةً لحربٍ

           وأرضَ التُّركِ صرحاً للحوارِ

ހަނގުރާމައިގެ ކަންތައް ހިންގާ މަރުކަޒަށް އަހަރެން އިންޑިޔާ ހަދައިލީމެވެ.

އަދި، ތުރުކީންގެ ބިން، އެއީ ގައުމުތަކާ ވާހަކަތައް ދައްކައިގެން ކަންކަން ނިންމާ ކިއްލާއަކަށް ހަދައިލީމެވެ.

حكمتُ على جيوش الغربِ قتلاً

           وأسبيتُ النساءَ مع الذراري

ދެން، ހުޅަނގުގެ ގައުމުތަކުގެ ލަޝްކަރުތަކާ ހަނގުރާމަކޮށް، ގަތުލުކުރުމަށް އަހަރެން ނިންމީމެވެ.

އެ ތަންތަނުގެ އަންހެނުންނާއި ކުޑަކުދީން ހަނގުރާމައިގެ އަސީރުންނަށް ހަދައި އަޅުވެތިކުރީމެވެ.

قهرتُ الفرسَ والرومانَ قهراً

           وطوقْنا عليهم بالحصارِ

ފާރިސީންނާއި ރޯމަނުން، ގަދަވެގެންވާ ބަލިކުރުމަކުން ބަލިކުރީމެވެ.

އަދި އެ މީހުންގެ ބިންތައް ވަށައިލައި ހިސޯރުކުރީމެވެ.

ومن باريسَ أصدرنا قراراً

           بتجميدِ الموانئِ والبحارِ

އަދި، ފެރިހުގައި ހުރެ ގަރާރެއް އަހަރެން ނެރުނީމެވެ.

ހުރިހައި ބަނދަރުތަކާއި ކަނޑުތަކެއްގެ ހަރަކާތްތައް ހުއްޓުވައިލުމަށެވެ.

أخذْتُ"ترمبَ" معْ"بوتينَ"قسراً

           و"بن يامينَ" أسرعَ بالفرارِ

ޓްރަންޕު ޕޫޓިންއާ އެކު ހިފައި ހައްޔަރުކުރީމެވެ.

ނަމަވެސް ބިންޔާމީނު އަވަހަށް ދުވެ ފިލިއެވެ.

جعلتُ الروسَ ترجو أيَّ حلٍ

           وأمريكا تطالبُ بالحوارِ

ރޫސީން ކޮންމެވެސް ހައްލެއް އެދި ބުނާ ގޮތް އަހަރެން ހެދީމެވެ.

އަދި، އެމެރިކާ ވެސް ވާހަކަދައްކައިން ކަންތައް ނިންމާ ގޮތް ވެސް މެއެވެ.

فتحنا القدسَ في عزٍّ وفخرٍ

           وأجلينا اليهودَ إلى البراري

އިއްޒަތާއި ފަޚުރާއެކީ އަހަރެން ގުދުސް ފަތަހަކުރީމެވެ.

ދެން، (ފަލަސްތީނުން) ޔަހޫދީން ހުސްކޮށް ހަނަފަސް ސަހަރާތަކަށް އެމީހުން ގެންދިޔައީމެވެ.

وصلّينا بها ظهراً وعصراً

            وكبّرنا بهذا الانتصارِ

އަދި، މެންދުރާއި އަސުރު ނަމާދު ވެސް އަހަރުމެން ގުދުސްގައި ކުރީމެވެ.

ހަމަ އެހެންމެ، މި ލިބުނު ބޮޑު ނަސްރައްޓަކައި މާތްﷲއަށް ޝުކުރު އަދާކޮށް ތަކުބީރުކީމެވެ.

وحوّطنا على الأقصى بسورٍ

            وطهّرناه من رجسِ وعارِ

އެއަށްފަހު، މަސްޖިދުލްއަގްސާގެ ވަށައިގެން ބޮޑު ފާރެއް ލީމެވެ.

އަދި، ހުރިހާ ހަޑި މުޑުދާރުކަމުންނާއި އައިބު ކަމަކުން މަސްޖިދުލްއަގްސާ ތާހިރުކުރީމެވެ.

*ومن ثَمَّ اتجهنا في شموخٍ

            لتطويرٍ وإحداثٍ حضارِ (ي)

ދެން، މަތިވެރިކަމަށް އެދި، އެ ތަނުން އަހަރުމެން އަމާޒު ހިފައި އެ ކަމާ ކުރިމަތިލީމެވެ.

(އަހަރުމެންގެ ގައުމުތައް) ކުރިއަރުވައި ހަޟާރަތެއް ބިނާކުރުމުގެ މަސައްކަތާއެވެ.

أعدنا الشامَ للإسلامِ فخراً

            مقرَّ الحكمِ والسوقِ التجاري

އަދި، ޝާމުކަރަ އެއީ އިސްލާމް ދީނުގެ ފަޚުރެއްކަމުގައި އަލުން ހަދައިލީމެވެ.

ވެރިކަމުގެ މަގާމު އޮތް ތަންކަމުގައްޔާއި އަދި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައެވެ.

وفي بغدادَ شيّدْنا قصوراً

           اللاجئونَ إلى الديارِ

ދެން، ބަޣުދާދުގައި ގަނޑުވަރުތައް ބިނާކުރީމެވެ.

އަދި، ރެފިޔުޖީންތައް އަނބުރައި އެ މީހުންގެ ގެއަށް ގެނައީމެވެ.

ومنْ صنعاءَ أصدرنا بياناً

           ودستوراً لتوجيهِ القرارِ

އަދި، އެއަށް ފަހު، ސަންއާއިން ބަޔާނެއް ނެރުނީމެވެ.

އޭގެ މައްޗަށް ބިނާކޮށް ގަރާރުތައް ނެރުމަށް ޓަކައި ގާނޫނު އަސާސީއަކާއި ވެސް މެއެވެ.

ولمّا أنْ رميتُ القاتَ ليلاً

           وناديتُ الحراسةَ والجواري

ދެން، ރޭވުމުން، އަހަރެންގެ (އަނގައިގައި އޮތް) ގާތު ފަތްކޮޅު އެއްލައިލައި

އަހަރެންގެ ފާރަވެރީންނަށާއި އަހަރެންގެ ޖާރިޔާއިންނަށް، އަހަންނަށް ޚިދުމަތްކޮށްދޭން ތިބި ޅަ އަޅު އަންހެން ކުދީންނަށް އަހަރެން ގޮވައިލީމެވެ.

إلَيَّ بالعشاءِ!!! فما مجيبٌ

           ولمْ ألْقَ سوى ذاكَ الذماري!!!

ރޭނގަޑުގެ ކެއުން ތައްޔާރުކޮށްގެން އަވަހަށް ގެންނާށެވެ! ނަމަވެސް، އަހަންނަށް އިޖާބަދޭނޭ މީހަކު ނެތެވެ.

އަދި، އަހަރެންގެ ރަހުމަތްތެރި އައްޛަމާރީ ނޫން މީހަކު އަހަންނަށް ފެންނާކަށް ނެތެވެ!

               (ނިމުނީ)

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ވަރަށް ފައިދާ ހުރި މަޢުލޫމާތު އެކުލެވޭ ލިޔުއްވުމެއް.
11 Jan 2024