ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ތާރީޚީ އެއްވެސް ގުޅުމެއް އެބަ އޮތްތަ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެން އުޅުއްވާއިރު، އެ ބިޔަ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު މާޒީގައި އެއްވެސް ގުޅުމެއް އޮތްތޯ، އޮތީ ކޮން ކަހަލަ ގުޅުމެއްތޯ ބަލައިލުމަކީ މުނާސަބު ކަމަކަށް ވެދާނެއެވެ.
އާދޭހެވެ! ސީނުކަރައިގެ ރަސްމީ ނަމަކީ "ސީނު ރައްޔިތުންގެ ޖުމުހޫރިއްޔާ" (ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ)ކަމަށް ވިޔަސް އާންމުކޮށް، އަދި އަނގަ ފަސޭހައަށް މީހުން ކިޔައި އުޅެނީ ޗައިނާއެވެ. ޗައިނާ ބަހުން "ޒޮންގުއޯ" (中国)އެވެ. މިއީ އިރުމަތީ އޭޝިއާގެ ޤައުމެކެވެ. 1.4 ބިލިޔަނަށް ވުރެ، ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. ސީނުކަރަ ނުވަތަ ޗައިނާއަކީ ދުނިގޭގެ ގަދީމީ ޙަޟާރަތްތަކުގެ ތެރެއިން އެއް ޙަޟާރަތެވެ. ތަފާތު ސަގާފަތްތަކުގެ މީހުން އުޅުނަސް މީހުންނަށް ފާހަގަކުރެވެނީ އަދި އެންމެ މީސް ގިނައީ ހާން ސަގާފަތުގައެވެ. ޔަންގުސޭ(Yangtze) ރިވަރ (ދިގު ކޯރު) އާއި ޔެލޯ ރިވަރ (ރީނދޫ ކޯރު)ހިމެނެނީ މުޅި ޤައުމުގެ މުހިންމު ވަސީލަތެއް ކަމުގައެވެ.
ސީނުކަރަ، އިދާރީ ހިންގުމުގެ ގޮތުން 22 ޕްރޮވިންސަކަށް ބެހިފައިވެއެވެ. މީގެ ތެރޭގައި އަމިއްލައަށް ކަންކަން ނިންމުމުގެ (ދާޚިލީ) މިނިވަންކަން ދެވިފައިވާ ފަސް ސަރަހައްދަކާއި މައި ސަރުކާރުން ސީދާ ބަލަހައްޓާ ހަތަރު ސަރަހައްދެއް (ބެއިޖިން، ޝަންގހާއީ، ތިއާންޖިން، ޗޮންގިން) ހިމެނެއެވެ. އަދި ޚާއްޞަ އިދާރީ ދެ ސަރަހައްދުގެ ގޮތުގައި ބެލެވޭ ހޮންކޮންގާއި މަކާއޫ ވެސް ހިމެނޭ ސީނުކަރައިގެ ބިމުގެ ބޮޑުމިނެއްކަމުގައި ބަލަނީ 9.6 މިލިއަން އަކަކިލޯމީޓަރ (ނުވަތަ 3.7 މިލިއަން އަކަމޭލު)ގެ ސަރަހައްދެކެވެ. ޗައިނާގެ ބިމުގެ ބޮޑުކަމާއެކު ސަރަހައްދީ އިމުން ވަރަށް ގިނަ ގައުމުތަކާ ވަނީ ގުޅިފައެވެ. އިރުއުތުރުން އުތުރުކޮރެއާއާއި ރޫސީވިލާތާ ގުޅިފައިވާއިރު، ކަޒަކްސްތާނާއި ކިރްގިސްތާނާއި ތަޖިކިސްތާން ވަނީ ހުޅަނގުއުތުރު ފަރާތުން ގުޅިފައެވެ. ސީދާ ދިމާ އުތުރުގައި މޮންގޯލިއާއާ ގުޅިފައިވާއިރު، އަފުޣާނިސްތާނާއި ޕާކިސްތާނު ވަނީ ހުޅަނގުން ގުޅިފައެވެ. އިންޑިއާއާއި ނޭޕާލާއި ބޫޓާން ހުޅަނގުދެކުނު ފަރާތުން ގުޅިފައިވާއިރު، މިޔަންމާރ (ކުރީގެ ބަރުމާ) އާއި ލާއޯސްއާއި ވިއެޓްނާމް ދެކުނު ފަރާތުން ގުޅިފައެވެ. މައިގަނޑު އަދި އާންމު ބަސް ކަމުގައި ޗައިނާގެ ރަސްމީ ބަސް (މެންޑަރިން) އޮންނަ މި ޤައުމަކީ ދުނިޔޭގެ ބާރެކެވެ. އދ. ގައި ވީޓޯކުރުމުގެ ޙައްޤު އޮންނަ މަދު ގައުމުތަކުގެ ތެރޭގައި ވެސް ސީނުކަރަ ހިމެނެއެވެ.
1978ން ފެށިގެން އެ ޤައުމުގައި ތަޢާރަފުކުރެވުނު
އިޤުތިޞާދީ އިޞްލާޙުގެ ޕްރޮގްރާމާ ގުޅިގެން ދެކުނު އިރުމަތީ އޭޝިޔާގައި އެންމެ
ބޮޑަށް ކުރިއަރައިގެން އައި ގައުމެވެ. މިއަދު ސީނުކަރައަކީ ދުނިޔޭގައި އެންމެ
ބާރުގަދަ އެއް އިޤުތިޞާދެވެ. ދުނިޔޭގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު
ސީނުކަރައިގެ ޖީޑީޕީއަކީ 17632 ބިލިއަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ ޖީޑީޕީއަކީ
17416 ބިލިއަން އެމެރިކާ ޑޮލަރެވެ. އައިއެމްއެފާއި އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ) އިން ބޭނުންކުރާ
ޚާއްޞަ މިންގަނޑަށް ރިޢާޔަތްކޮށް އައިއެމްއެފު ބުނާ ގޮތުގައި މިހާރު އެމެރިކާގެ
އިޤްތިޞާދުގެ މިންވަރަކީ 20.8 ޓްރިލިއަން ޑޮލަރެވެ. ސީނުކަރައިގެ އިޤްތިޞާދުގެ
މިންވަރަކީ 24.2 ޓްރިލިއަން ޑޮލަރެވެ.
ޝައްކެއް ނެތެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ޗައިނާއަކީ އިހު ޒަމާނުން ފެށިގެން ދިވެހީންނަށް ވަރަށް ހެޔޮ އެދޭ، އެހީތެރިވާ ރަޙުމަތްތެރި ޤައުމެކެވެ. އާދޭހެވެ! މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު ކަމުގައިވާ ޗައިނާ، ނުވަތަ ދިވެހިންގެ މަޝްހޫރު ބަހުންނަމަ، ސީނުކަރައަކީ ރާއްޖޭގެ ޒަމާންވީ ރަޙުމަތްތެރިއެކެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ ބައިވެރިއެކެވެ. ރާއްޖެއަށް އެހީތެރިވެދޭ އެހީތެރިއެކެވެ.
މި ނަޒަރުން ވިސްނާ އިރު، ދީބުލުމާސީ ގުޅުން ރަސްމީކޮށް ޤާއިމުކުރިތާ އަދި މިވީ ބައިޤަރުނާއި މަދު އަހަރުތަކެއް ކަމަށް ވިޔަސް މި ދެ ޤައުމުގެ ގުޅުން އެތައް ޤަރުނެއްގެ ކުރީގެ ތާރީޚާ ގުޅިފައި ވެއެވެ. ޢީސަވީ ސަނަތުގެ 500 އަހަރުގެ ކުރީން ވެސް ސީނުކަރައިގެ ގަދީމީ ލިޔުންތަކެއްކަމަށްވާ "ޝޫ ޗިންގ"ގައި ދިވެހިރާއްޖޭގެ ވާހަކަ ލިޔެފައި އެބަ ހުއްޓެވެ. ހަމަ ގައިމު ވެސް އެއީ ކޮންމެ ވެސް ސަބަބަކާ ހުރެ، އެއޮއް ބިޔަ ބޮޑު ސީނުކަރައިގެ މީހުންނަށް މިއޮއް ކުޑަކުޑަ ދިވެހިރާއްޖެ އަޅެ މުހިންމުވެގެންތާއެވެ. ކޮންމެ ވެސް ގާތްކަމެއް، ޚާއްޞަކަމެއް އުފެދިފައި އޮވެގެންތާއެވެ.
ސީނުކަރައިގެ "މިންގ" ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޝަހެންޝާހު ޗެންޒޫގެ ރަސްކަމުގައި ޒެންހީއާއެކު އޭޝިޔާގެ ދެކުނަށް އައި މީހުން ރާއްޖެއަށް ޒިޔާރަތްކުރިކަމަށް މުއައްރިޚުން ބަޔާންކުރެއެވެ. އެއީ މީލާދީން 15 ވަނަ ޤަރުނުގައެވެ. އޭރުގެ ލިޔުންތެރީންކަމަށްވާ، މާހުއާން އާއި ފައި ޒިންގ ފަދަ ލިޔުންތެރީންގެ ލިޔުންތަކުން އެނގޭ ގޮތުގައި އެ ދުވަސްވަރު ރާއްޖޭގެ ޚަބަރުތައް ސީނުކަރައިގައި ފެތުރިފައިވާކަން ސާބިތުވެއެވެ. މި ލިޔުންތަކުގައި ހއ. ކެލާގެ ވާހަކަ (ކިލައި ލިޔޫ)އާއި މާލޭގެ (މަހާލް) ނަން ވެސް ބަޔާންކޮށްފައި ވެއެވެ. "ސުމަތުރާ"(އަސޭކަރަ)އަށް ދިޔުމަށް ފަހު ރަނގަޅު ވައިގައި 10 ދުވަހު ދުއްވައިފި ނަމަ، "ލިޔޫ ޝާން"އަށް (ދިވެހިރާއްޖެއަށް) ދެވޭނެ ކަމަށް ލިޔެވިފައި ވެއެވެ. މި ދެންނެވި ލިޔުންތަކުގައި ރާއްޖޭގެ ޖޯގުރަފީއާއި މަސައްކަތްތެރިކަމާއި ދީނާއި އާދަކާދައާއި މި ފަދަ އެތައް ކަމެއް ސިފަކޮށްދީފައި ވެއެވެ.
ހަމަ މި ފަދައިން 16 ވަނަ ޤަރުނުގައި ޒިއެންޒިން ނަމަކަށް ކިޔާ ލިޔުންތެރިޔަކު ބަޔާންކޮށްފައިވާ ގޮތުގައި އެ ރަށްތައް (ދިވެހިރާއްޖެ) އޮންނަނީ ސިލޯނުގެ ހުޅަނގު ދެކުނުން 1000 ކިލޯމީޓަރ ދުރުގައެވެ. ބަނގަލާގައި ދަތުރުކުރާ ނަމަ، ގަހާތަރި އެއީ މިސްރާބު ކަމަށް ބަލައިގެން ދަތުރުކޮށްފި ނަމަ، މާލެއަށް ދެވޭނެ ކަމަށް ވެސް ލިޔެފައިވެއެވެ.
މީލާދީން 1645އާއި 1739އާ ދެމެދު ލިޔެވިފައިވާ ރަސްމީ ތާރީޚުގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި މަންދޫބަކު ސީނު ރަސްގެފާނުގެ ދަރުބާރަށް ޒިޔާރަތްކުރި ކަމަށާއި ސީނުކަރައިގެ ސަފީރަކު ރާއްޖެއަށް ފޮނުވުނު ކަމަށް ވެސް އޮންނަ ކަމަށް ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމދު މުޢިއްޒު (ކުރިމަތީ) އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގ (ބިއްދޮށޫގައި)<br>
މީލާދީ ސަނަތުން 662ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ސީނުރަކައިގެ ރަސްކަލުންނަށް ވެދުން ފޮނުވިކަން ޗައިނާގެ ގަދީމީ ތާރީޚްގެ ފަތްފުތްތަކުން ސާބިތުވެއެވެ. އެ ފަތްފުއްތަކުގައިވާ ގޮތުން "ދިވީން"ގެ ރަސްގެފާނު ސީނުކަރައިގެ ރަސްގެފާނަށް ވެދުން ފޮނުއްވިއެވެ. އޭރު ސީނުކަރައިގެ ރަސްކަމުގައި ރެނދަލިކުރެއްވީ ޓޭން ދަރިކޮޅުގެ ރަސްކަލެއްކަމުގައިވާ ކައޯ-ޓްސުންގއެވެ. ދިވީންގެ މި ވެދުން ދެ ފަހަރަށް ތަކުރާރުކުރެއްވިކަމަށް ފަތްފުށްތައް ހެކިދެއެވެ.
މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގައި ލިޔެފައިވާ ލޯމާފާނުތައް ވެސް މި ގުޅުމަށް ހެކިދެއެވެ. އިސްދޫ ލޯމާފާނުގައި ވަނީ ސީނުކަރައިން ގެންނަ ފަށުވި ފޮތި ގޭގޭގައި ދަމައި އުޅުނު ވާހަކައެވެ. ދެ ގައުމުގެ މި ގުޅުމަށް ދިވެހި ބިން ވެސް ހެކިދެއެވެ. އެކި ޒަމާނުގައި ސީނުކަރައިގައި އުފައްދައިފައިވާ ކަންވާރުތަކާއި ތަށިމުށި ރާއްޖޭގެ ބިން ކޮނެގެން އެކި ދުވަސްވަރު ނަގައިފައިވެއެވެ. ދިވެހިންގެ ސުފުރާތަކާއި މާލޫދުތައް ފަޅުފިލުވައިދިނީ ސީނުތަށީންނެވެ.
މީލާދީން 15ވަނަ ގަރުނުގައި ޗައިނާ ބަހުރުވައިން ލިޔެ، ދަތުރުފަތުރުކުމަށް ޓަކައި ބޭނުން ކުރެވުނު ޗާޓަކުން ހާމަވާ ގޮތުގައި ޗައިނާއިން އިންޑިޔާ ކަނޑުން ދަތުރުކުރާ ހުރިހާ މަގެއް ވެސް މިސްރާބު ޖަހާފައިވަނީ ދިވެހިރާއްޖެއަށެވެ. މި ގޮތުން ރާއްޖެ އަންނައިރު ކަފަ، ތަށި، ސަމުސާ، ރުނބާ، ވޮށް، ފުނޑާ ދައި، އަންނައުނު ފަދަ ތަކެތި ގެންނަކަމަށްވެއެވެ.
މި ގުޅުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ އެހެން ކަމެއް ވެސް ފާހަގަ ކުރެވިފައިވެއެވެ. އެއީތޯއެވެ! ރާއްޖޭގެ މީހުން ސީނުކަރައިގެ މީހުނަށް ނިޔަމިކަން ވެސް ދަސްކޮށްދީފައި ވާކަމެވެ. އެހެންވީމާ، އޭރު ވެސް ދިވެހީންނަކީ ވަރުގަދަ ޢިލްމީ ޙަޟާރަތެއްގެ އަހުލުވެރި ބަޔެއްކަން ސާބިތުވޭ ނޫންތޯއެވެ!
އާބާދީގައި 1.4 ބިލިއަން މީހުންނާއެކު، ދުނިޔޭގެ އެންމެ ބައިބޯ ގައުމުގެ ގޮތުގައި އޮތް ސީނުކަރައާއި އާބާދީގައި ހަތަރު ލައްކަ މީހުނާއެކު ދުނިޔޭގެ 179ވަނައިގައި ހިމެނޭ ކުޑަކުޑަ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުން ރަމްޒުކޮށްދޭ އެއް ކަމަކީ ބޮޑު ގައުމަކަށް ވެސް ކުޑަ ގައުމަކާއެކު ވެސް އިޚުލާޞްތެރިކަމެއް އޮތް ނަމަ، ގާތް ގުޅުމެއް ދެމެހެއްޓިދާނެކަމެވެ. ސީނުކަރައާއި ރާއްޖޭގެ މި ގުޅުމަކީ ދެ ފަރާތުން ވެސް އެހީތެރިކަމާ އެއްބާރުލުން ދޭންޖެހޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވާ ބަދަހި ގުޅުމެކެވެ. އެހެން ނޫންނަމަ، މީލާދުގެ 16 ވަނަ ޤަރުނުން ފެށިގެން މީލާދުގެ 771 ވަނަ އަހަރާ ހަމައަށް ހިނގައިދިޔަ ޒަމާންތަކުގައި ސީނުކަރައިގެ ފައިސާގެ ގޮތުގައި ދިވެހިރާއްޖޭގެ ބޮލި ބޭނުންކުރާކަށް ނުޖެހުނީހެވެ. އެވޭލާ ޒަމާނުގައި އެ ކަން ވެސް ވަނީ ކޮށްފައެވެ. ރާއްޖެއިން ގިނަ އަދަދެއްގެ ބޮލި ސީނުކަރައަށް އޭރު ގަނެއެވެ. އޭރު ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބޮއްޔެވެ.
ތާރީޚީ މި ފަދަ ލިޔުންތަކުން، ދިވެހީންނާއި ސީނުކަރައާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އެންމެ އިހު ޒަމާނުގައި ވެސް އޮތްކަން އެބަ އެނގެއެވެ. ދިވެހީންގެ ހައިބަތާއި ޤަދަރު އޭރު ވެސް ސީނުކަރައިގައި ފެތުރިފައި އޮތްކަން ދޭހަވެއެވެ. ދިވެހި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ސީނުކަރައިން އޭރު ވެސް އިޙުތިރާމްކުރިކަން އެބަ އެނގެއެވެ. އަދި މި ފަދަ ތާރީޚީ ލިޔުންތަކުން އެނގި ހާމަވާ އަނެއް ޙަޤީޤަތަކީ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެ ވެސް މިނިވަން މުސްތަޤިއްލު ޤައުމެއްކަމާއި މި މިނިވަންކަމަށް ސީނުކަރަ އަބަދު ވެސް އިޙުތިރާމްކުރިކަމެވެ.
ދިވެހިރާއްޖެއިން 1965ވަނަ އަހަރު މިނިވަންކަން އިޢުލާންކުރުމާ އެކު، ރާއްޖޭގެ މިނިވަންކަން ފުރަތަމަ ގަބޫލުކުރި ގައުމުތަކުގެ ތެރޭގައި ވެސް ސީނުކަރަ ހިމެނުމަކީ އެ މީހުންގެ އިޚުލާޞްތެރިކަން ދޭހަވި ކަމެކެވެ. މި ކަމާ ގުޅިގެން އަވައްޓެރި ބައެއް ގައުމުތަކުން ޗައިނާއަށް މަލާމާތްކޮށް އެ ގައުމުތަކުގެ ނޫސްތަކުގައި ލިޔެފައި ވެސް އެބަ ހުއްޓެވެ.
މި ވޭތުވެ ދިޔަ ސާޅީސް އަށް އަހަރުގެ ތެރޭގައި މަތީ ފެންވަރުގެ ވަފުދުތައް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އެއް ޒިޔާރަތަކީ ދިވެހިރާއްޖޭގެ (އޭރުގެ) ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް 1984 ވަނަ އަހަރު ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެވެ. ސީނުކަރައިގެ ބޮޑުވަޒީރާއި ބޮޑުވަޒީރުގެ ނާއިބު ވެސް 1980ގެ އަހަރުތަކުގައި ވަކި ދެ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތްކުރައްވައިފައިވެއެވެ. މީގެ އިތުރަށް 1994 ވަނަ އަހަރު ވެސް ޗައިނާގެ ވައިސް ޕްރިމިއަރ އަދި ޚާރިޖީ ވަޒީރު މރ. ޗަން ވެސް ރާއްޖެ ވަޑައިގަތެވެ.
ސިނުކަރައާއި ދިވެހިރާއްޖޭގެ ވަޒީރުން ވެސް އެއް ޤައުމުން އަނެއް ޤައުމަށް އެކި ފަހަރު މަތީން ވަޑައިގެންފައިވާކަން ވެސް ކުރީގެ ޚަބަރުތަކުން ފެންނަން އެބަހުއްޓެވެ. ޗައިނާ ސަރުކާރުގެ ދަޢުވަތަކަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު 2011 ވަނަ އަހަރު ޗައިނާއަށް 10 ދުވަހުގެ ޒިޔާރަތެއް ކުރެއްވި އެވެ. އަޅުގަނޑު ލިޔަމުން މި ގެންދަނީ އަޅުގަނޑު ވެސް ބައިވެރިވި މި ދަތުރުފުޅުގެ ވާހަކައެވެ. އަދި މި ފަދަ ޒިޔާރަތެއްގައި ޗައިނާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް 2011 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަނީ ވަޑައިގެންފައެވެ.
އަދި ހަމަ މި ފަދައިން 2012 އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ސީނުކަރައަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމަށް ޚާއްޞަކޮށް ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބުނު މުހިންމު ދަތުރުފުޅެކެވެ. މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ.
ޗައިނާގެ ރައީސް ޝީޖިންޕިންގެ ދަޢުވަތަކަށް 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގައި މާލެއާއި ހުޅުމާލެއާ ދެމެދު ދާލަމެއް އަޅައިދެއްވާނެކަމަށް އުޞޫލެއްގެ ގޮތުން ޗައިނާއިން އެއްބަސްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ޗައިނާގެ ރައީސް ޝީޖިންޕިން ފުރަމާނަ ދަތުރުފުޅެއްގައި 2014 ވަނަ އަހަރު މާލެ ވަޑައިގަތެވެ. މިއީ ދިވެހި ތާރީޚުގައިވެސް ސީނުކަރައިގެ ރައީސަކު ދިވެހިރާއްޖެއަށް ވަޑައިގަތް ފުރަތަމަ ދަތުރުފުޅެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީގެ ވެރިޔަކު އެންމެ ކުޑަކުޑަ އާބާދީއެއް އޮންނަ ޤައުމަކަށް ވަޑައިގަތުމަކީ ތާރީޚީ ކަމެކެވެ.
ރައީސް ޝީގެ މި ދަތުރުފުޅުގައި ހުޅުމާލެ އާއި މާލެއާ ދެމެދު އެޅިފައި އެ އޮތް ވަރުގަދަ ސިނަމާލެ ބުރިޖު އެޅުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައްޔާއި ސިޔާސީ ގުޅުން ވަރުގަދަކުރުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައްޔާއި ސިއްޙީ ދާއިރާއާއި އިގުތިސާދީ ދާއިރާ އިން އެއްބާރުލުމުގެ ފަހުމުނާމާ (އެމްއޯޔޫ)ގައި ދެގައުމުން ސޮއިކުރިއެވެ. އަދި ހުޅުމާލެ މަޝްރޫއުގެ ދެ ވަނަ ފިޔަވައްސާއި ހައްދުންމަތީ ރަށްތައް ފާލަމަކުން ގުޅައިލައިގެން ހަދާ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވިއެވެ. އަދި މިހުރިހާ އެއްބަސްވުމުގައި ހުރި ހުރިހާ ކަމެއް ރައީސް ޔާމީންގެ ޒަޢާމަތުގައި ޗައިނާއިން ނިންމައި ފުރިހަމަކޮށްދިނެވެ.
2015 ވަނަ އަހަރު ޖޫންމަހުގެ ތެރޭގައި ވެސް ރައީސް ޔާމީން ޗައިނާއަށް ވަޑައިގަތްކަން ރާއްޖޭގެ ނޫސްތަކުން ފެންނާން އެބަހުއްޓެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދެ ދުވަހުގެ މުއްދަތަށް ރައީސް ޗައިނާ އަށް ވަޑައިގަތީ އެ ގައުމުގެ ޔުނާން ޕްރޮވިންސްގެ ކުންމިން ސިޓީގައި ބާއްވާ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޮޒިޝަން އާއި ކުންމިން އިމްޕޯޓް އެންޑް އެކްސްޕޯޓް ފެއާގައި ތަގުރީރު ކުރެއްވުމަށް ޓަކައެވެ.
ޑިސެންބަރ 2017 ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޤައްޔޫމް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާން ހަމަޖެހުނުކަމަށް ވެސް ލިޔުންތަކުން ފެންނާން އެބަހުއްޓެވެ.
ބަދަހިވެފައިވާ ގުޅުން އެއް ދުވަހުން އަނެއްދުވަހަށް ދިޔައީ ކުރިއަށެވެ. އެކި ދުވަސްވަރު އެކި ކަންތައް ކޮށްދީ އަދި ޚިދުމަތް ލިބިގަންނަމުންނެވެ. 1981ވަނަ އަހަރުގެ އޮގަސްޓް މަހު އެޅުއްވި ފިޔަވަޅަކީ އިޤްތިޞާދީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރެއްވުމެވެ. ހަމަ އެއާ ވިދިގެން ދެން ހެދި ގޮތަކީ ސީނުކަރައިގެ ދޮރާށިތައް، އެއްކަލަ އެހީ ހިފައިގެން ދިޔަ ދިވީން ނުވަތަ ދިވެހީންނަށް ހުޅުވައިލީއެވެ. އެއްވެސް ހުރަހެއް ނެތް ގޮތަށެވެ. ވިސާ މަޢާފުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީއެވެ. އެއީ 1984 ވަނަ އަހަރުން 1997 ވަނަ އަހަރާ ދެމެދު ހިނގައި ދިޔަ އަހަރުތަކުގައެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައެވެ.
އާދޭހެވެ! މާލޭގައި ފުރަތަމަ ބިނާކުރެވުނު ފްލެޓްތައް (ސިނަމާލެ) އަކީ ސީނުކަރައާއި ދިވެހިރާއްޖެއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ރަމްޒެކެވެ. އަދި މާލޭގެ މަލަމަތީގެ ޒީނަތްތެރިކަން އިތުރުކޮށްދިން ޢިމާރާތެއް ކަމަށްވާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް މިހާރު ހިންގަވަނީ ވެސް ޗައިނާއިން ހިލޭ ސާބަހަށް އެއްވެސް ބަދަލެއް ނޭދި ބިނާކޮށްދެއްވި ޢިމާރާތެއްގައެވެ. އަދި ހައްދުންމަތީ ގުޅިފައިވާ ބޮޑުމަގު (ލިންކްރޯޑް)ގެ ބިޔަ މަޝްރޫޢަކީ ވެސް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޗައިނާއިން ހިންގައިފައިވާ މަޝްރޫޢެކެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާ ދެމެދު އުފެދިފައިވާ އެކުވެރިކަން ރަމްޒުކޮށްދޭ ސިނަމާލެ ބުރިޖަކީ ޗައިނާއިން ބިނާކުރި ތާރީޚީ ބިނާއެކެވެ. ހަމަ މި ފަދައިން ސިނަމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ އެތައް ސަތޭކަ ފްލެޓުތަކަކީ ވެސް ޗައިނާގެ
އެހީތެރިކަމުގެ ރަމްޒެވެ.
މިހާރު ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތްކުރާ ޤައުމަކީ ވެސް ސީނުކަރައެވެ. އަދި މުސްތަޤުބަލުގައި ވެސް އެ ޤައުމުން ޒިޔާރަތްކުރާ ފަތުރުވެރީން އިތުރުވާނޭ ކަމަށް އުންމީދުކުރެވެއެވެ. މި ކަންކަމުން ދޭހަވަނީ ސީނުކަރައާއި ދިވެހިރާއްޖެއަކީ އެންމެ އިހުއްސުރެ އަދިއަދަށް ދާނދެން ވެސް ބަދަހި ގުޅުމަކުން ގުޅިފައިވާ އެކުވެރި ދެ ޤައުމުކަމެވެ.
ސީނުކަރައަކީ ބިމުގެ ގޮތުން މުއްސަނދި، ސައެންސާއި ފަންނިއްޔާތުގެ ގޮތުން އެންމެ ކުރިއަރައިފައި އޮތް، އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން ބާރުގަދަ ޤައުމެކެވެ. އެއީ އދ. ގައި ވީޓޯކުރުމުގެ ޙައްޤު އޮންނަ ދުނިޔޭގެ ބޮޑު ބާރެކެވެ. ނިއުކްލިޔަރ ފަސް ބާރުންކުރެ އެއް ބާރެވެ. އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. މިއަދު މުޅި ދުނިޔޭގެ އެންމެ ވަރުގަދަ އިޤުތިޞާދެވެ. ފަންނިއްޔާތުގެ ރޮނގުގައި އެ މީހުން ތިބި ހިސާބެއް އެނގޭ ބަޔަކު ނުވެސް ތިބޭނެއެވެ. އެ މީހުންނަކީ ބަސް މަދު ޢަމަލު ގިނަ ބަޔަކަށް ވާތީއެވެ.
____________________________
ޙަވާލާ:
1. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު. ޗައިނާ ދަތުރު. (2021). މާލެ: (ޗާޕުކުރި ފަރާތް އެނގޭކަށް ނެތެް)
2. މުޙަންމަދު ޝާޠިރުގެ ބައެއް ލިޔުއްވުންތައް.