Advertisement

ލަކުޑިދީބު އިޝްތިހާރުކުރާން ލަސް ވެސް ވެއްޖެއެވެ.

09 Jan 2024 | 14:23
ސިކްސް ސެންސަސް ލާމު (ފޮޓޯ: justhoneymoons.co.za)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފަތުވެރިކަން ވަކި ޞިނާޢަތެއްގެ ގޮތުގައި ފަށައި، ތަރައްގީކުރަމުން އަންނަތާ ބައިގަރުނު ފަހަނަޅައި ހިނގައްޖެއެވެ. ދިވެހީން އަމިއްލައަށް ތަރައްގީކުރަމުން އައި، މި ސިނާޢަތު ތަރައްގީވެ، ދުނިޔެ ގަބޫލުކުރާ މަރުކާއަކަށް "މޯލްޑިވްސް" ވަނީ ވެފައެވެ. އެއީ ދިވެހި ސަރުކާރާއި ވިޔަފާރިވެރީންނާއި ދިވެހީންގެ އަމިއްލަ މަސައްކަތެވެ. ދިވެހީންގެ ބުރަ މަސައްކަތުން ޙާޞިލުކުރި ކާމިޔާބީއެކެވެ. 

ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތު ކާމިޔާބުކަމާ އެކު ކުރިއަރައިގެން އައި އިރު، ބޭރުގެ އެކި ގައުތަކުގެ މަހުޖަނުން ވެސް މި ވިޔަފާރީގެ ތެރެއަށް ވަންނަމުން އައެވެ. މީގެ ތެރޭގައި އިންޑިއާގެ ތާޖު ފަދަ ކުންފުނިތައް ވެސް ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު ވަޒީފާތަކުގައި އިންޑިއާއާއި ސްރީލަންކާއާއި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް އުޅެމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް އަވައްޓެރި ގައުމުތަކާ އަޅައި ބަލާއިރު މި ފެންވަރަށް ފަތުރުވެރިކަމުގެ ސިނާޢަތު ތަރައްގީކުރެވި މަޝްހޫރުވެފައި ވަނީ ދިވެހިރާއްޖެކަން އަވައްޓެރީންނާއި ދުރުތިބީން ވެސް ގަބޫލުކުރެއެވެ. އަދި މި މަފުހޫމުގައި ފަތުރުވެރިކަން ތަރައްގީކޮށް އެ ގޮތަށް އިޝްތިހާރުކުރާން އަވައްޓެރި ގައުމުތަކުން މަސައްކަތްކުރަމުން އަންނަތާ ކިތަންމެ ޒަމާނެއް ވެފައިވާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދާދި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޢުލާނުކުރައްވައިފައި ވަނީ ލަކުޑިދީބު (ލަކްޝަދީޕް)ގެ ރަށްތަކުގައި ރިސޯޓު ތަރައްގީކޮށް ފަތުރުވެރިކަން ފުޅަކުރައްވާ ވާހަކައެވެ. މި މަޝްރޫޢަކީ ޙައިރާންވާން ޖެހޭ މަޝްރޫޢެއް ނޫނެވެ. ހައިރާންވާން ޖެހެނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާގެ ކުންފުނިތައް އެތައް އަހަރެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އިރު، އަދި އިންޑިއާއާ އެންމެ އަވައްޓެރި ދިވެހިރާއްޖޭގައި މި ސިނާޢަތު ކާމިޔާބުކަމާއެކު ބައިގަރުނަށް ވުރެ ގިނަ ދުވަހު ތަރައްގީކޮށް ކުރިއަރުވައިފައިވާ އިރު، ލަކުޑިދީބުގައި ފަތުރުވެރިކަން ރަނގަޅު ފެންވަރެއްގައި އިޝްތިހާރުކުރެވިފައި ނުވާތީއެވެ. ހަގީގަތުގައި މި ކަން އެ މީހުން ފާށާންވީތާ މިހާރު މާ ލަސް ވެސް ވެއްޖެއެވެ.

ސިކްސް ސެންސަސް ލާމު (ރިސޯޓު)ގެ މަންޒަރެއް (ފޮޓޯ: www.bestattravel.co.uk)

މި މަފުހޫމުގައި، ރާއްޖެއިން ބޭރަށް ފަތުރުވެރިކަން ގެންދިޔުމުގެ ތަޞައްވުރުގައި، ފަތުރުވެރިކަމުގެ މާހިރުން ބުނެފައި ވަނީ އިންޑިއާއާއި ސްރީލަންކާއާއި ނޭޕާލާއި ބޫޓާނުގައި ވެސް ކޮންމެ ގައުމަކުން ވެސް ކިޔައިދޭނެ އާ ވާހަކަތަކެއް ހުންނާނެކަމަށެވެ. ހަގީގީ ވާހަކައަކީ މިއީއެވެ. ކޮންމެ ގައުމެއްގެ ސަގާފަތް ތަފާތުވާނެއެވެ. މީހުންގެ މިޒާޖާއި ވައްޓަފާޅި ފަރަގުވާނެއެވެ. މީހަކު ކަމެއްކުރާ ގޮތަށް ކަމެއް ކުރުމުގެ ބަދަލުގައި އެ ބަޔެއްގެ ގޮތުގައި ކަމެއް ތަރައްގީކުރާން އުޅުމުން މާ ކާމިޔާބުވާނެއެވެ. ތަޖުރިބާކާރުންގެ ލަފައަކީ މިއީއެވެ.

ބައެއް މީހުންނަށް އޮޅިފައި އޮންނަ ކަމެއް އޮވެއެވެ. ދޮންވެލި ގޮނޑުދޮށްތައް އޮންނަނީ ހަމައެކަނި ދިވެހިރާއްޖޭގައިކަމަށް ބައެއް މީހުން ހީކުރެއެވެ. އެހެންވީމާ، ލަކުޑިދީބުގައި އެ ފަދަ ދޮންވެލި ރަށްތަކެއް އޮންނާތީ ދިވެހީންގެ ރިސޯޓު އެ ތަންތަނުގައި ހިންގިދާނެކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. އިންޑޮނޭޝިއާގައި ވެސް ތައިލެންޑްގައި ވެސް މެލޭޝިއާގައި ވެސް ތުވަލޫގައި ވެސް ޖަޕާނުގައި ވެސް ސެސެލުގައި ވެސް ގްރެނާޑާގައި ވެސް ލަކުޑި ދީބުގައި ވެސް އެހެން ކިތަންމެ ގައުމެއްގައި ދޮންވެލި އަތިރިމަތި ހުންނަ ޖަޒީރާތައް ހުރެއެވެ. އެއީ ދިވެހިރާއްޖެއަށް އެކަނި ޚާއްޞަ ތަނެއް ނޫނެވެ. ދިވެހި ފަތުރުވެރިކަމުގައި އެންމެ ޚާއްޞަ ސިފަތަކަކީ، ދިވެހީންގެ ރީތި ސަގާފަތާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއި ސާފުތާހިރުކަމާއި އެ މީހުންގެ ޚާއްޞަ މެހުމާނުދާރީއެވެ. ހަމައެކަނި އެއް ދީނެއް އޮތުމާއި، އެއްބަހަކުން ވާހަކަދެއްކުމާއި އެއްބައިވަންތަކާއި، އެއްބަޔެއްވަންތަކަމެވެ. މި ކަންކަން ކޮންމެ ގައުމެއްގައި ވެސް ތަފާތުވާނެއެވެ. ދިވެހި މަފުހޫމަށް އެހެން ތަނެއްގައި ރިސޯޓު ވިޔަފާރި ކުރިއަރުވާ ނަމަ، ދިވެހި މުވައްޒަފުން ބޭނުންވާނެތާއެވެ. 

ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ޖުޣުރާފިއްޔަތާއި މޫސުމާއި އެ ގައުމުގެ ރައްޔިތުންގެ ސަގާފަތާއި އާދަކާދައާއި މިޒާޖާއި ޚަޞީލަތާއި ޝަޚުޞިއްޔަތު ތަފާތުވާނެއެވެ. އަދި ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ނޭޕާލުގައި ދައްކާން ހުންނާނީ ފަރުބަދަތަކުގެ ވާހަކައާއި ފިނި މޫސުމާއި އެ މީހުންގެ ތަފާތު ސަގާފަތާއި މި ނޫނަސް އެ ގައުމަށް ޚާއްޞަ ކަންތައްތަކުގެ ވާހަކައެވެ. އިންޑިއާގައި އެތައް ބައިވަރު މާއްދީ ތަރިކައަކާއި އެތައް ބައިވަރު ދީންތަކަކާއި އެތައް ސަތޭކަ ބަހަކާއި އިޖްތިމާޢި ތަފާތު ދަރަޖަތަކެއް ވެއެވެ. ދިވެހީންގެ އޮންނަނީ އެއް ބަހެކެވެ. އެއް ދީނެކެވެ. އެއް ސަގާފަތެކެވެ. ދިވެހީންގެ ބަސް ލިޔެކިޔަނީ އެ މީހުންގެ ކާބަފައިން އީޖާދުކުރި އަމިއްލަ އަކުރަމުންނެވެ. އެހެންކަމުން ފަތުރުވެރިކަން އިޝްތިހާރުކުރާ އިރު، ވިއްކާން އެންމެ ރަނގަޅީ އެ ބަޔެއްގެ އަމިއްލަ ވަންތަކަމެވެ. އެ ބަޔެއްގެ ޚާއްޞިއްޔަތުތަކެވެ. ކޮންމެ ގައުމެއްގެ މި ދެންނެވި ހުރިހާ ކަމެއް ތަފާތުވާ ފަދައިން ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ވީމާ އެހެން މީހަކު އުޅޭ ގޮތަށް އުޅޭން ހަދައިގެން ވާނީ "ކާޅަށް ވީ ގޮތެވެ." ވީމާ ލަކުޑިދީބުގައްޔާއި ނޭޕާލާއި ބޫޓާނާއި ސްރީލަންކާގައި ވެސް އެ މީހުންގެ ސަގާފަތް ވިއްކައިގެން ފަތުރުވެރިކަން ކުރިއެރުވުމަކީ ރަނގަޅުކަމެކެވެ. ކުރެވިދާނެ ކަމެކެވެ. ކުރާން ޖެހޭ ކަމެކެވެ. އެއީ ދިވެހީން ތަރުހީބުދޭ ކަމެއް ވެސް މެއެވެ. ދިވެހީން ދިވެހިރާއްޖެ އިޝްތިހާރުކުރާނީ ދިވެހީންގެ ގޮތުގައެވެ. އެހެން ބަޔަކާ އަޅައި ކިޔައިގެނެއް ނޫނެވެ. ދިވެހި ޖަޒީރާތައް އިޝްތިހާރުކުރާކަށް އެހެން ބަޔަކާ އަޅައެއް ނުކިޔައެވެ. ދިވެހީން ދެއްކީ ދިވެހީންގެ ވާހަކައެވެ. އެހެން ބަޔެއްގެ ވާހަކައެއް ނުދައްކައެވެ. ދިވެހީންނަށް ކާމިޔާބު ލިބުނީ މި ގޮތުގައެވެ. އެހެން ގައުމުތަކުން ވެސް ދިވެހިރާއްޖެއިން ލިބިގަންނާންވީ މި ފިލާވަޅެވެ. ދިވެހީން އެބައިމީހުންގެ ފަތުރުވެރިކަން ތަރައްގީކުރާން ބޭނުންކުރި ތަރީގާއެވެ. 

(އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ލަކުޑިދީބުގެ ރަށެއްގެ އަތިރިމަތީގައި (ފޮޓޯ: ޓައިމްސް ނައު ނިއުސް.ކޮމް)

ނަމަވެސް ފަހަކަށް އައިސް ލަކުޑިދިބުގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޓަކައި މުޅީން ހެން އަޅައި ކިޔައިފައި ވަނީ ދިވެހިރާއްޖެއާއެވެ. ހަމައެކަނި އަޅައި ކީއަކީ ނޫނެވެ. ލަކުޑިދީބުގެ ޖަޒީރާތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ރިސޯޓުތަކެއްގެ ފޮޓޯތައް ވެސް މީސްމީޑިއާގައި ދައުރުކުރީއެވެ. މިއީ ދުނިޔެއަށް އޮޅުވައިލެވުނު އޮޅުވައިލުމެއްކަމަށް ވިޔަސް އަދި ބަޔެއްގެ ޙައްގަށް އަރައިގަނެވުނު ކަމަކަށް ވިޔަސް ދިވެހީން އެ ކަމާ ކަންބޮޑުވެގެންނެއް ނޫޅެއެވެ. މީގެ އިތުރަށް ހިތަށް އައިހައި ހުތުރު އެއްޗެހި ވެސް ކީ ބަޔަކު ކީއެވެ. ސަރުކާރުގެ އިސް ބައެއް އޮފިޝަލުންނާއި އެކި ދަންނުތަކުގެ މީހުންނެވެ. ދިވެހިރާއްޖެއަށް މީހުން ނުދާން ވެސް ގޮވީއެވެ. ބިރު ވެސް ދެއްކީއެވެ. ދިވެހިރާއްޖޭގެ މީހުންނަށް ނިސްބަތްކޮށް ހަޑި އެއްޗެހި ވެސް ކީއެވެ. ދިވެހި ސަރުކާރަށް ނިސްބަތްވާ ދެތިން އޮފިޝަލަކު ވެސް މި ވިޔާނުދާ ޢަމަލުގައި ބައިވެރިވިއެވެ. މި ހުންނަނީ ދެރަވަރު ކަންކަމެވެ. ތަހުޒީބު މުޖުތަމަޢަކުން ފެނިގެންވާނޭ ކަންކަމެއް ނޫނެވެ. އެއީ ޖާހިލުކަމުގެ ސިފައެކެވެ. ފަންނިއްޔާތާއި މަޢުލޫމާތުގެ މިއަދުގެ ޖީލުން މި ބާވަތުގެ ނާތަހުޒީބު ކަންކަން ފެނުމަކީ ލަދުވެތި ކަންކަމެވެ. އެއަށްވުރެ އަޅުގަނޑުމެން ތަޞައްރަފު ފުދޭންވާނެއެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ސަރުކާރުގެ އޮފިޝަލުންގެ ތެރެއިން މި ޢަމަލު ހިންގި މީހުންނަށް ފިޔަވަޅު ވެސް އަޅައިފިއެވެ. ނަމަވެސް އިންޑިއާއިން އެ ފިޔަވަޅު އެޅިކަމެއް އަދިއެއް ނޭނގެއެވެ.

ފުންކޮށް ދުރަށް ވިސްނައިލާ އިރު، އަޅުގަނޑަށް މި ކަން ސިފަވީ ވަރަށް ފައްސި ގޮތެއްގައެވެ. މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފަރާތުން އިންޑިއާގައި ފަތުރުވެރިކަން އިޝްތިހާރުކުރައްވާން ކުރެއްވި މަސައްކަތްޕުޅުން މަޢުލޫމާތު ނުފޯރާ ހިސާބަށް މި ފަހަރު މަޢުލޫމާތު ފޯރައިފިއެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރާ އަމިއްލަ މަރުކާއެއް (ބްރޭންޑެއް) ކަމަށްވާ "ޕިކްމޯލްޑިވްސް"ގެ މަސައްކަތުން މަޢުލޫމާތު ނުފޯރާ ހިސާބަށް ރާއްޖޭގެ މަޢުލޫމާތު ފޯރައިފިއެވެ. މިއީ އެމްއެމްޕީއާރުސީއާއި "ޕިކްމޯލްޑިވްސް"އަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެވެކެވެ. މިހާރު ދިވެހިރާއްޖެ ނުދަންނަ މަދު މީހަކު ނޫނީ އިންޑިއާގެ އެއްވެސް ކަންކޮޅެއްގައެއް ނުހުންނާނެއެވެ. ވީމާ، މިހާ ފޯރިއެއް އަރައިގެން ދިވެހިރާއްޖެއާ މި އަޅައި ކީ ސަބަބު ބަލައިލާން ކުރިމަގުގައި ކިތަންމެ ބަޔަކު ރާއްޖެ އަންނާން ޝައުގުވެރިވާނެއެވެ. ޖަޒުބާތުގައި ޖެހިގެން، މި ދަނޑިވަޅުގައި ބައެއް މީހުން އެ މީހުންގެ ބުކިންގ ކެންސަލްކުރިކަމަށް ވިޔަސްވެހެވެ.

އާދޭހެވެ! ދިވެހީންގެ ބޭނުންތަކަށް އިންޑިއާއަށް ނުގޮސް ދިވެހީންނަކަށް ނޫޅެވޭނެއެވެ. ހަމަ އެފަދައިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެތައް ހާސް ބަޔެއްގެ އާމްދަނީ ހުއްޓުވައިފައި އެ މީހުން ރާއްޖެއިން ގެންދާކަށް ވެސް އިންޑިއާއަކަށް ނުކެރޭނެއެވެ. ވީމާ، ތާކުންތާކު ނުޖެހޭ ކަމެއްގައި ކޮން ބޭކާރު ޒުވާބެއް ކުރާކަށްހެއްޔެވެ؟ ކޮންމެ ބަޔަކު ވެސް އެ ބަޔެއްގެ ގޮތުގައި ފަތުރުވެރިކަން ތަރައްގީކުރާންވީ ނޫންހެއްޔެވެ؟ އެއީ ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތެވެ. ކައިކައިރީގައި އެއް ބާވަތެއްގެ ފިހާރަތައް ހުޅުވުމަކީ ވިޔަފާރިއަށް ގެއްލުންވާ ކަމެއްގެ ބަދަލުގައި އެ ކަމުން ލިބޭނީ ފައިދާ ނޫންހެއްޔެވެ؟ ވަކީން ދުރުގައި ހުންނަ ފިހާރައަކަށް ވުރެ، އެއް ސަރަހައްދެއްގައި ހުންނަ ފިހާރަތަކުގެ ވިޔަފާރި މާ ބޮޑަށް ވެސް ރަނގަޅުކަން މިއީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. ވީމާ ކަން ބޮޑުވާންވީ ކޮންކަމަކާހެއްޔެވެ؟ ދިވެހިރާއްޖެއާއި ސްރީލަންކާއާއި އިންޑިއާގައި ވެސް ފަތުރުވެރިކަން ތަރައްގީކުރުމަކީ މި ތިން ގައުމަށް ވެސް ފައިދާކުރާނޭ ކަމެއް ނޫންހެއްޔެވެ؟ އެކަމަކު ކޮންމެ ގައުމެއް ވެސް އެ ބަޔެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ ފައިދާ މާ ބޮޑުވާނެއެވެ. އެހެން ގައުމަކާ އަޅައިނުކިޔައެވެ. ކޮންމެ ގައުމަކީ ވަކި ޚާއްޞިއްޔަތެއް ހުންނަ ގައުމެކެވެ. 

އާދޭހެވެ! ދިވެހިރާއްޖެ މަޝްހޫރުކަމާ އެކު ފަތުރުވެރިކަމުގެ ޚާއްޞަ ބްރޭންޑެއްގެ ގޮތުގައި ބައިގަރުނަށް ވުރެ ދިގު މުއްދަތު ވޭތުކޮށްފައިވާ އިރު، ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމުތަކުގައި ޚާއްޞަކޮށް ލަކުޑިދީބުގައި މި ކަން މި ފެންވަރަށް ކުރުން މާ ލަސް ވެސް ވެއްޖެއެވެ. މިއީ ދިވެހީން ޝުކުރުވެރިކަމާއެކު މި ކަމަށް މަރުޙަބާކިޔާނެ ކަމެކެވެ. އެކުވެރި އިންޑިއާގެ ބޮޑުވަޒީރު ލަކުޑިދީޕު (ލަކްޝަދީޕް) ޕްރޮމޯޓްކުރައްވާން ފެއްޓެވި ކެންޕޭނުގެ ސަބަބުން އިންޑިއާއާއި މުޅި ދުނިޔެއަށް ވެސް އިހަށް ވުރެ ބޮޑަށް އިޝްތިހާރުވެއްޖެއެވެ. އެމްއެމްޕީއާރުސީއާއި "ޕިކްމޯލްޑިވްސް"ގެ މަސައްކަތަށް މާ ބޮޑަށް ވެސް ފަސޭހަވެއްޖެއެވެ. ޝުކުރިއްޔާއެވެ!

________________________________________

ބައެއް ލަފުޒުގެ މާނަ:

ތަރީގާ​​.   ނ.   (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.

މަފުހޫމު​.   ނ.   (2) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.

Advertisement

ކޮމެންޓް