Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (2)

09 Jan 2024 | 08:16
.

އަޙްމަދު ފަޔާޟް ޙަސަން

(2024 ޖަނަވަރީ 2ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

މައްކާގައި ރަސޫލުﷲ ﷺ މުޚާޠަބުކުރެއްވި މީހުންނަކީ ނުވަތަ އޯޑިއެންސަކީ ޤުރައިޝުންނެވެ. އޭރު އެ މީހުން އުޅެމުން ދިޔައީ ޖާހިލު އަދި ބާޠިލު ގޮތްތަކުގެ މަތީގައެވެ. އެ މީހުންނަކީ ފާރިސީންނާއި ރޯމަނުން ފަދައިން ވަރުގަދަ ޙަޟާރަތެއް އޮތް ބަޔެއް ނޫނެވެ. އެ މީހުން އަޅުކަންކުރީ އިބުރާހީމްގެފާނު ބިނާކުރެއްވި ގެފުޅުގެ ވަށައިގެން ބުދު ބަހައްޓައިގެންނެވެ. އެ މީހުން މުޝްރިކުންނަށްވީ މި ދެންނެވިގޮތަށް ބުދަށް އަޅުކަންކުރީތީވެއެވެ. ގެފުޅުގައި ބުދު ބަހައްޓައިގެން އަޅުކަން ކުރިއަސް އެ މީހުން ދުށީ އެއީ އިބުރާހީމްގެފާނުގެ ދީންކަމަށެވެ. އިބުރާހީމްގެފާނު ގެންނެވި ދީނަށް އުޅެވޭތީ އެ މީހުން ތިބީ އެ ކަމަށް ފަޚުރުވެރިވެގެންނެވެ.

މަދީނާގައި ރަސޫލުﷲ ﷺ މުޚާޠަބުކުރައްވާން ޖެހިވަޑައިގަތް މީހުންނަކީ ނުވަތަ އެކަލޭގެފާނުގެ އޯޑިއެންސަކީ ޔަހޫދީންނާއި ނަސާރާއިންނެވެ. އެ މީހުންނަކީ ޢަރަބީންނާ މުޅީން ތަފާތު ބަޔެކެވެ. ޔަހޫދީންނަކީ ވަރުގަދަ ތާރީޚަކާއި ޙަޟާރަތެއް އޮތް ބަޔެކެވެ. އެ މީހުންނަކީ ﷲ މަތިވެރިކުރެއްވި އުންމަތެކެވެ. ނަޞާރާއިންނަކީ ވެސް ފަސް ސަތޭކަ އަހަރުވީ ތާރީޚެއް އޮތް ބަޔެކެވެ. ދީނީ ގޮތުންނާއި ޢިލްމީ ގޮތުން އެ މީހުން ތިބީ ފިސާރި ކުރީގައެވެ. އެކަމަކު މި ތިންބައި މީހުންނަށް ވެސް ޚާއްޞަވި އެއް ސިފަ އޮތެވެ. އެއީ އިބުރާހީމްގެފާނުގެ ޒަޢާމަތެވެ. އެކަލޭގެފާނުގެ އިމާމުކަން ނުވަތަ ލީޑަޝިޕެވެ. ޢަރަބީން އަޅުކަންކުރީ އެކަލޭގެފާނު ބިނާކުރެއްވި ގެފުޅުގެ ވަށައިގެންނެވެ. ޔަހޫދީން ދުށް ގޮތުގައި އެ މީހުންގެ ބަފައިކަލުންނަކީ އިބުރާހީމްގެފާނެވެ. ނަޞާރާއިން ދުށް ގޮތުގައި އެ މީހުންގެ ދީނަކީ އިބުރާހީމްގެފާނުގެ ދީނެވެ. އެހެންކަމުން މި އެންމެން ތަބާވި ބޭކަލަކަށް އެކަލޭގެފާނުވިއެވެ. މި ސަބަބަށް ޓަކައި ކީރިތި ޤުރްއާނުގައި ﷲ ގަދަ އަމުރުފުޅުން އަންގަވަނީ އިބުރާހީމްގެފާނާ އެންމެ އަރިސް މީހުންނަކީ އެކަލޭގެފާނަށް ތަބާވެ ރަސޫލުﷲ ﷺއަށް ތަބާވާ މީހުންކަމުގައެވެ. އެ ކަން އާލުޢިމްރާން ސޫރަތުގެ 68ވަނަ އާޔަތުން އެނގެއެވެ. މިއީ އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައެވެ.

ކީރިތި ޤުރްއާނުގައި އިބުރާހީމްގެފާނުގެ ނަންފުޅު ހަތްދިހަ ފަހަރު އައިސްފައިވެއެވެ. މީގެ އިތުރަށް ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ﷲ، އެކަލޭގެފާނަށް އިޝާރަތްކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ ދިގު އުމުރުފުޅަށް ބަލާއިރު ކީރިތި ޤުރްއާނުން ދައްކާ އެކަލޭގެފާނުގެ މަންޒަރުތައް މަދެވެ. އެކަމަކު އެ މަދު ވާހަކަތަކުން ހާމަކުރާ މެސެޖުތަކުގެ ބާރު ކިތަންމެހާވެސް ގަދައެވެ. އެކަލޭގެފާނަކީ ކޮބައިކަމާއި އެކަލޭގެފާނުގެ މަގުސަދާއި ފަލްސަފާ ނުހަނު ސާފުކޮށް ކީރިތި ޤުރްއާނުން ދޭހަވެއެވެ. މިޒަމާނުގެ ބަހުރުވައިން ބަޔާންކުރާނަމަ އިބުރާހީމްގެފާނަކީ ޖީނިއަސްއެކެވެ. އެއީ ފާއިތުވި 3500 އަހަރު ދުނިޔެ ދުށް އެންމެ ވަރުގަދަ ސިކުނޑިއެވެ. އެއީ ތޫނުފިލި ވިސްނުމުގެ ބަފައިކަލުންވެސްމެއެވެ.

މުސްލިމުންގެ ބަފައިކަލުންނަކީ އެކަލޭގެފާނުކަމަށް ﷲ އަންގަވައެވެ. މިކަން ޙައްޖު ސޫރަތުގެ 67ވަނަ އާޔަތުން ކަށަވަރުވެއެވެ. ރަސޫލުﷲ ﷺއަށް ﷲ ބާވައިލެއްވީ އިބުރާހީމްގެފާނުގެ ދީންކަން ކީރިތި ޤުރްއާނުން އެނގެއެވެ. މިކަމަށް ހެކިވާ އެއް އާޔަތަކީ ސޫރަތުލްއަންޢާމްގެ 161ވަނަ އާޔަތެވެ. އިބުރާހީމްގެފާނާ ﷲ ގުޅުއްވަނީ ޤައުމެއްނޫނެވެ. އެކަމަކު އެކަލޭގެފާނާ ﷲ ގުޅުއްވަނީ މިއްލަތެއް ނުވަތަ ދީނެކެވެ. އެހެންވެ ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އިބުރާހީމްގެފާނުގެ މިއްލަތުގެ ވާހަކަ ﷲ ބަޔާންކުރައްވައެވެ. ﷲއަށް ޝަރީކުނުކުރާ ބޭކަލެއްގެ ވާހަކަ ބަޔާންކުރެއްވުމަށްޓަކައި މުޅީންހެން ﷲ ގެންނަވާފައިވަނީ އިބުރާހީމްގެފާނުގެ މިސާލެވެ. ސަބަބަކީ އެކަލޭގެފާނު ދުވަހަކުވެސް ޝަރީކުކުރައްވާފައިނުވުމެވެ. އަދި އެކަލޭގެފާނު އެންމެ ނަފުރަތުކުރެއްވި ކަމަކަށް އެކަން ވުމެވެ.

ﷲ، އިބުރާހީމް ޢަލައިހިއްސަލާމް ތަޢާރަފްކުރައްވަނީ ސޫރަތުލް އަންޢާމްގެ 74ވަނަ އާޔަތުގައެވެ. މިސޫރަތަކީ މައްކީ ސޫރަތެކެވެ. އަދި މިއީ އެންމެފުރަތަމަ ބާވައިލެއްވި ސޫރަތްތަކުން ސޫރަތެކެވެ. އެންމެފުރަތަމަ މަންޒަރުން އެކަލޭގެފާނު މިފެންނަނީ ޝަރީކުކުރުމާ ސާބިތުކަމާއެކު ދެކޮޅު ހެއްދެވި ބޭކަލެއްގެގޮތުގައެވެ. އެކަލޭގެފާނު ފެންނަނީ ތައުހީދުގެ ޗެންޕިއަނެއްގެގޮތުގައެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބައްޕަ އާޒަރާއި އޭނާގެ ގައުމުގެ މީހުން އެ މީހުންގެ އިލާހަކަށް ބުދު ހެދުމުން އެކަމުގެ ނުބައިކަން އެކަލޭގެފާނު ފާޅުކުރައްވާ މަންޒަރެވެ. އިބުރާހީމްގެފާނަށް ﷲ ދެއްވާފައިވާ ޚާއްޞަ ލަގަބަކީ ހަނީފަން ނުވަތަ ޙައްޤުގެ ސީދާމަގުން ތެދަށް ހުންނަ ކަލޭގެފާނުގެ ލަގަބެވެ. އެކަލޭގެފާނާ ގުޅުވައިގެން ކީރިތި ޤުރްއާނުގައި ﷲ މި ބަސްފުޅު އެތައް ފަހަރަކު ބަޔާންކުރައްވައެވެ. މި ކަންކަމުން ކަށަވަރުވަނީ އެކަލޭގެފާނު ދޫކުރެއްވި ތަރިކައިގެ ބޮޑުކަމާއި އެ ތަރިކައިގެ މުހިންމުކަމެވެ.

އިބުރާހީމްގެފާނަކީ ވަރަށް އާދަޔާޚިލާފު ތަފާތު ބޭކަލެކެވެ. މައިންބަފައިންނަށް ވަރަށްބޮޑު ބާރުވެރިކަމެއް އޮތް ޒަމާނެއްގައި އެކަލޭގެފާނު ބައްޕަޔާ މުވާސަލާތުކުރެއްވީ ތަފާތުކޮށެވެ. މައިންބަފައިންގެ ބާރުވެރިކަމަށް ގޮންޖައްސަވައި އިބުރާހީމްގެފާނު ބައްޕަ އާޒަރާ ކުރިމަތިލެއްވިއެވެ. މިކަން އަޅުގަނޑުމެންނަށް އަންގައިދެނީ އަލްއަންޢާމް ސޫރަތުގެ ބައެއް އާޔަތްތަކެވެ. އިބުރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕަ އާޒަރު ގާތު ވިދާޅުވިއެވެ. ތިބާ ބުދުތަކެއް އިލާހުންކަމުގައި ހައްދަވަނީތޯއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ތިބާއާއި ތިބާގެ ގައުމުގެ މީހުން ފާޅުވެގެންވާ މަގުފުރެދުމެއްގައި ތިބި ތަނެވެ.

އިލާހުގެ މާނަޔަކީ ހަމައެކަނި ކަލާނގެއެއްނޫނެވެ. އިލާހުގެ އެއް މާނަޔަކީ އަޅުކަންކުރުމެވެ. އެއީ އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ތިމާ އެ އެއްޗެއް ދެކެ ވާ ލޯތްބެވެ. މި ލަފުޒުގެ މަސްދަރުކަމުގައިވާ އަލީހާގެ އެއް މާނަޔަކީ ގޮތްހުސްވެގެން ތިމާ އެހީއަށް ނުވަތަ ރައްކާތެރިކަމަށް އެދި ދުވެފައިވާދާ އެއްޗެވެ. ނުވަތަ ސަލާމަތްވާން ނުވަތަ ރައްކާތެރިވާން ތިމާ އެލިގެން ނުވަތަ ހިފަހައްޓާ އެއްޗަކީ އަލީހާއެވެ. އިބުރާހީމްގެފާނުގެ ގައުމުގެ މީހުންނަށް ބުދަކީ މި ދެންނެވި ފަދަ އެއްޗެކެވެ. އެ މީހުންގެ ހުރިހައި އެއްޗަކީ ވެސް ބުދެވެ. އެހެންކަމުން ބުދާ ދެކޮޅަށް ވާހަކަދެއްކުމަކީ ވަރަށްބޮޑު ގޯހެކެވެ. މި ހާލަތުގައި ޒުވާން އިބުރާހީމްގެފާނު މި ދެއްކެވީ ވަރަށް ބޮޑު ހިތްވަރެކެވެ. އެކަލޭގެފާނު ސާބިތުކަމާއެކު ސީދާ މަގުގައި ތެދަށް ހުންނަވައި ފާޅުކުރެއްވީ ޙައްޤު ވާހަކަފުޅެވެ. ﷲގެ އެއްކައުވަންތަކަމަކީ ކައުނުގެ އެންމެ ބޮޑު ހަގީގަތެވެ.

އިބުރާހީމްގެފާނުގެ ބައްޕަ އާޒަރަކީ ބުދު ހެދުމުގެ ފަންނުގެ ފަންނުވެރިއެކެވެ. އުފަން ވަޒަން އޫރުޝަހަރުގައި ހުރި ބޮޑު ފައްޅީގައި އެކަލޭގެފާނުގެ ބައްޕަ މަސައްކަތްކުރިއެވެ. އެހެންކަމުން އެކަލޭގެފާނު ބޮޑުފުޅުވީ ޝިރުކުގެ ބޮޑު ހާއްޔެއް ނުވަތަ ނާރެހެއްގައެވެ. އާންމުކޮށް އިންސާނުން ކަން ކުރާ ގޮތަކީ އެ މީހުން ބޮޑުކުރި ގޮތަކަށް އުޅުމެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ބުދުތައް ހެދުނެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ކޮންމެ ދުވަހަކު މީހުން ބުދަށް އަޅުކަންކުރިއެވެ. ބުދަށް މާތްކޮށް ހިތުމަކީ އެ މުޖުތަމަޢުގެ އެއް ސިފައެވެ. ބުދަކީ އެ މީހުން އެންމެ ލޯބިކުރި އެއްޗެވެ. އެއީ އެ މީހުން އެންމެ ކަމޭ ހިތި އެއްޗެވެ. އެއީ އެ މީހުންގެ ކަލާނގެ ވެސް މެއެވެ.

މިހާރު ވެސް ދުނިޔޭގައި ގިނަ މީހުން ޙައްޤު ނޫން ދީންތަކަށް އުޅެނީ އެ މީހުންގެ މައިންބަފައިން އެ ގޮތަށް އެ މީހުން ތަރުބިއްޔަތުކޮށްފައި ވާތީއެވެ. އެކަމަކު އިބުރާހީމްގެފާނު ކަންތައްކުރެއްވީ މުޅީން ތަފާތު ގޮތަކަށެވެ. އެކަލޭގެފާނު ބުއްދީގެ ބޭނުންފުޅުކުރައްވައިގެން އެކަލޭގެފާނަށް ފެނިވަޑައިގަތް ހަމަނުޖެހޭ ކޮންމެކަމަކާ ސުވާލުކުރައްވައި ޒުވާބުދެއްވިއެވެ. ބުއްދީގެ ހަމައިން ގަބޫލުފުޅުނުކުރެއްވޭ ކޮންމެ ކަމަކާ އެކަލޭގެފާނު ދެކޮޅުހެއްދެވިއެވެ. ޝިރުކަށް އެކަލޭގެފާނު ނޫނެކޭ ވިދާޅުވީ މި ދެންނެވި ބުއްދީގެ ހަމައިންނެވެ. ކްރިޓިކަލްކޮށް ވިސްނަވައިގެން އެކަލޭގެފާނަށް ވަޑައިގެންނެވުނު މަންޒިލަކީ ތައުހީދުގެ މަންޒިލެވެ. ވަށައިގެންވާ ދުނިޔެއަށް ނަޒަރު ހިންގެވުމުން އެކަލޭގެފާނަށް މުޅީންވެސް ފެނިވަޑައިގަތީ ﷲގެ އެއްކައުވަންތަކަމުގެ ހެކިތަކެވެ. ﷲ ވޮޑިގެންވާ ކަމުގެ ދަލީލުތަކާއި އަލާމާތްތަކެވެ. އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކައަކީ މުޖުތަމަޢުގައި މީހުން އުޅޭހާ ގޮތަކަށް ތިމާ އުޅޭންނުޖެހޭނެކަމެވެ. އެކަކު އަނެކަކު ކޮޕީކޮށްގެން އުޅޭންނުޖެހޭކަމެވެ.  (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް