ރައީސުލްޖުމްހޫރިއްޔާއާއި މަހާރެހެންދީގެ ފުރަމާނަ ދަތުރުފުޅު – "ޕްރޯ މޯލްޑިވްސް"
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވަނީ އެ މަނިކުފާނު އެންމެ އިސްކަންދެއްވާނީ ދިވެހީންނަށްކަމަށާއި ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް (ދިވެހިރާއްޖެއަށް އިސްކަން ދެއްވާ) ސިޔާސަތެއްކަން ހާމަކުރައްވައިފައެވެ. އަދި ވަކި ގައުމެއް އިސްތިސްނާކުރެއްވުމެއް ނެތި، ދިވެހި މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކާ ގާތް ގުޅުމެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އަމިއްލަ ވަންތަކަމަށް އިޙުތިރާމްކުރާ ކޮންމެ ގައުމަކުން އަރުވާ ދަޢުވަތެއް ހަމަހަމަ ގޮތެއްގައި ގަބޫލުފުޅުކުރެއްވުމަކީ އެ ވިދާޅުވި ވާހަކަފުޅުގައި ސާބިތުވެ ހުންނެވިކަން ސާބިތުކޮށްދެއްވި ކަމެކެވެ.
މިއަދު އެ މަނިކުފާނާއި މަހާރެހެންދި ފަސް ދުވަހުގެ ފުރަމާނަދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތް ފަހުން މި ފަދަ ދަޢުވަތެއް އެންމެ ފުރަތަމަ ދިނީ ޗައިނާއިންކަމަށް ވާތީއެވެ. ނަމަވެސް މީގެ ކުރީން ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުމުގެ ސަގާފަތެއްކަމަށް ވެފައި އޮތީ އެހެން ގައުމަކުން ދަޢުވަތުއެރުވިޔަސް، ވަކި ޖަވާބެއް ނުދެއްވައި، އިންޑިއާއިން ދަޢުވަތެއް ލިބެންދެން ރައީސުލްޖުމްހޫރިއްޔާ މަޑުކުރުމަށް ފަހު، ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާ ގައުމަކީ އިންޑިއާކަމުގައި ހެއްދެވުމުގެ ސިޔާސަތެވެ. އެހެންނަމަވެސް އެއީ ތާކުންތާކު ޖެހޭ ސިޔާސަތަކަށް ނުވާތީ ރައީސް ޑރ. މުޢިއްޒު ވަނީ އެ ސަގާފަތް ބަދަލުކުރައްވައިފައެވެ. އިންޑިއާއިން ދަޢުވަތެއް އަރުވަންދެން ވަގުތު ބޭކާރުކުރައްވާކަށް އެ މަނިކުފާނު ބޭނުންފުޅެއް ނުވިއެވެ. އެންމެ ފުރަތަމަ ފުރަމާނަދަތުރުފުޅަކަށް ދަޢުވަތު ދެއްވި ޤައުމަށް ފުރަތަމަ ވަޑައިގަތީއެވެ. މީގެ ކުރީން އެ މަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ވެސް ވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ މި އިންސާފުވެރި ނިންމުން އިންޑިއާއަށް ބަލައެއް ނުގަނެވުނެވެ. އެއީ ދެރަ ކަމެކެވެ. އިންޑިއާއިން ދެކޭ ގޮތުގައި ދިވެހިރާއްޖެއިން އިސްކަން ދޭންޖެހޭނީ އިންޑިއާއަށެވެ. އެހެންކަމުން ދިވެހިރާއްޖެއާ ބެހޭ ގޮތުން އެކި ފެންވަރުގެ މީހުން ތަފާތު ވާހަކަދައްކައި ނަފުރަތު އުފައްދާން މަސައްކަތްކުރަނީއެވެ. މި ފަދަ ވާހަކަތަކަށް ކެތް ނުކުރެއްވިގެން ދައުލަތުގެ އިސް މަގާމުތަކެއްގައި ތިއްބެވި ތަންކޮޅެއް ޒުވާން ތިން ބޭފުޅަކު ސުލޫކާ ޚިލާފު ވާހަކަފުޅުތަކެއް ދައްކަވައިގެން އެ ބޭފުޅުންނަށް ވަނީ ފިޔަވަޅުވެސް އަޅުއްވައިފައެވެ. އެއީ އެ ފަދަ މަގާމެއްގައި ގެންގުޅުއްވާން ޖެހޭ ދީބުލުމާސީ އުސޫލުތައް އެނގިވަޑައިނުގަންނަވާ، ޚާރިޖީ ސިޔާސަތުގެ ތަޖުރިބާ މަދުކަމުން އެ ބޭފުޅުންނަށް ކުރެއްވުނު ކަމެކެވެ. އެއީ ކުރައްވައިގެންވާނޭ ކަމެއް ނޫނެވެ. އިންޑިއާއިން ފުރަތަމަ ދަޢުވަތުދެއްވި ނަމަ، ފުރަތަމަ ވަޑައިގަންނަވާ ގައުމަކަށް އިންޑިއާ ވީސްތާއެވެ!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙަންމަދަށް ޗައިނާއިން މަރުހަބާދަންނަވަނީ (ފޮޓޯ: ދެ އެކްސްޕްރެސް)<br>
ފާހަގަކޮށްލާން ޖެހޭ ކަމަކީ، ދިވެހިރާއްޖެއިން "އިންޑިއާ ފުރަތަމަ" ސިޔާސަތު ގެންގުޅު އިރު ވެސް ޗައިނާއަކުން ޗުއްޕު ވެސް ނުކިޔާކަމެވެ. ރާއްޖެއަށް ބޭނުން ނުހިފޭ ގޮތަށް އިންޑިއާގެ ރާޑަރުތައް ދިވެހިރާއްޖޭގެ އެކި ތަންތާނގައި ބެހެއްޓިއެވެ. ދިވެހިރާއްޖެއަށް ބާރު ނިހިނގާ ގޮތަށް ކަނޑުއަޑީގެ ޗާޓުކުރަހައި ޗާޓު ވިއްކާން އިންޑިއާއަށް ދިނެވެ. ދިވެހީންނަށް ބާރު ނިހިނގާ ގޮތެއްގައި ދިވެހީންނަށް ދިން ހަދިޔާއެއްގެ ގޮތުގައި ހެލިކޮޕްޓަރާއި މަތީންދާބޯޓު ރާއްޖޭގައި ޖާސޫސީ މަސައްކަތްކުރިއެވެ. އުތުރުތިލަފަޅު ތަރައްގީކޮށް ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހިންގާން އިންޑިއާއަށް ދިނެވެ. އިންޑިއާއިން ބޭނުންވަރަކަށް ހަނިމާދޫން ބިން ދޫކޮށް އެ މީހުން ބުނި އަގެއްގައި އެ މީހުން އަތުން ދަރަނި ނަގައިގެން "ބައިންލައަޤުވާމީ" ނަމުގައި އެއަރޕޯޓު ތަރައްގީކޮށް ހިންގާން އިންޑިއާއަށް ދިނެވެ. މާލޭގެ މުހިންމު ބިންތައް އެ ކުންފުނިތަކަށް ފައިދާ ވާ ގޮތަށް އިންޑިއާގެ އެކި ކުންފުނިތަކަށް ނުހަމަ ގޮތެއްގައި ދޫކުރިއެވެ. މި ނޫނަސް ކިތަންމެ ކަމެއް އިންޑިއާއަށް ފައިދާ ވާ ގޮތަށް ދިވެހި އެކި ސަރުކާރުތަކުން ކޮށްދިނެވެ. މިއިން އެއްވެސް ކަމަކާ ޗައިނާއަކުން ޗުއްޕު ވެސް ނުބުނެއެވެ. ޗައިނާގެ ރައްޔިތަކު ވެސް ދިވެހީންނާ ބެހޭ ގޮތުން ނަފުރަތުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެ ކަންތައްތަކަކީ އޭރު ދިވެހި ސަރުކާރުގެ ސިޔާސަތުކަން ޗައިނާއިން ގަބޫލުކުރީއެވެ. ނަމަވެސް ރާއްޖޭގައި ރއީސްކަން ކުރައްވައިފައި ހުންނެވި ބޭފުޅަކު ޗައިނާއާ ބެހޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަފުޅުތައްދައްކަވާން ފެއްޓެވުމުން އެ ވާހަކަފުޅުތަކަށް ރީތި ބަސްމަގުން ރައްދު ދެއްވައި އޭރު ރާއްޖޭގައި ހުންނެވި ޗައިނާގެ ސަފީރު ހަގީގަތް ހާމަކުރެއްވިއެވެ. ކިހާ ރީތި ސުލޫކެއްތޯއެވެ! އިރުމަތީ އޭޝިއާ މީހުންގެ ރީތި ސުލޫކު ދެކުނު އޭޝިއާގެ ގައުމުތަކުން ދަސްކުރާކަށް ނުވޭބާވައެވެ!
ދެން ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ވަޑައިގަތީ އިންޑިއާ ދެކެ ކޯފާވެގެންނެއް ނޫނެވެ. އިންޑިއާއިން އެރުވި ދަޢުވަތެއް ރައްދުކުރައްވައިފައެއް ނޫނެވެ. އިންޑިއާއިން އެ ފަދަ ދަޢުވަތެއް ނާރުވައި އޮއްވައި ޗައިނާއިން އެ ފަދަ ދަޢުވަތެއް އެރުވީމާ، އެއަށް އިޖާބަނުދެއްވައި އިންޑިއާއިން ދަޢުވަތެއް ފޮނުވަންދެން މަޑުކުރެއްވުމަކީ އިންސާފެއްތޯއެވެ! ފަސް އަހަރު ދުވަހުގެ ތަރައްގީގެ ތަޞައްވުރެއް ގެންގުޅުއްވާ ރައީސަކަށް ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. އިންޑިއާއާއި ޗައިނާއަކީ ވެސް އެކި މިންވަރަށް ދިވެހިރާއްޖޭގެ ތަރައްގީގައި ބައިވެރިވާ ދެ ގައުމެވެ. ވީމާ ޗައިނާގެ ދައުވަތަށް އިޖާބަ ނުދެއްވައި އިންޑިއާއިން ބޭނުން އިރަކު ދަޢުވަތެއް ފޮނުވައިތޯ ނުވަތަ އާދޭސްކޮށްގެން ދަޢުވަތެއް ލިބިވަޑައިގަނޭތޯ މަޑުކުރެއްވުމަކީ ދިވެހި ރައްޔިތުން(ގެ އަޣުލަބިއްޔަތު) އެދޭނެ ކަމެއް ނޫނެވެ.
ދިވެހި ގައުމުގެ އެކުވެރިއެއްގެ ހައިސިއްޔަތުން މި ކަމާ އިންޑިއާއިން ރުޅިއައިސްގެން މުޅި ސަރުކާރު އެކުގައި އަދި އެކި ދަންނަުގެ މީހުން ދިވެހިރާއްޖެއާ މެދު ނަފުރަތު އުފެދޭ ވާހަކަ ދައްކާކަށް ނުޖެހެއެވެ. އެއީ ރަނގަޅަށް ކުރެވޭ ކަމެއް ނޫނެވެ. ދިވެހީންނަށް ހުރިހާ ގައުމެއް ވެސް ހަމަހަމައެވެ. ޝަރުޠަކީ ދިވެހި ސިޔާދަތަށް އިޙުތިރާމްކުރުމެވެ. އެހެންވީމާ ޑރ. މުޢިއްޒު އެ ދެއްކެވީ އެ މަނިކުފާނަށް ވަކި ގައުމަކަށް އިސްކަން ނުދެއްވޭނެކަމާއި އިސްކަންދެއްވޭނީ ދިވެހިރައްޖެއަށްކަމަށެވެ. ޑރ. މުޢިއްޒުގެ "ޕްރޯ މޯލްޑިވްސް" ސިޔާސަތަށް "ފަރަގު" މީޑިއާއިން ތާއީދުކޮށް ތަހުނިޔާ ދަންނަވަމެވެ.
ކޮންމެއަކަސް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން (މަހާ ރެހެންދި) ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ޤައުމަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވާން ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ވެސް "ފަރަގު"ން އުންމީދުކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ޚަބަރުތައް އެންމެ ގިނައިން ގެނެސްދެނީ ވެސް ޗައިނާގެ ނޫސްތަކަށްވުރެ ބޮޑަށް އިންޑިއާގެ ނޫސްތަކުންކަން ފާހަގަކުރެވެއެވެ. މި ގޮތުން "ދަހިންދޫ"އާއި "ފެޑެރަލް"އާއި "ޓައިމްސް އޮފް އިންޑިއާ"އާއި "ދި އެކްސްޕްރެސް" ފަދަ މަޝްހޫރު ނޫސްތައް ހިމެނެއެވެ. މި ކަމަށް ޓަކައި ޝުކުރުވެރިވަމެވެ. އެއީ ހަމަ ގައިމު ވެސް ދިވެހިރާއްޖެއާ މެދު އޮންނަ ޝައުޤެއްގެ ބޮޑުކަމުންކަމަށް ގަބޫލުކުރެވެއެވެ. ވީމާ، އިންޑިއާއަކީ ވެސް އަވައްޓެރި އެހެން ގައުމުތައް ފަދައިން ދެ ފަރާތުގެ ފައިދާއަށް ޓަކައި ގުޅިގެން މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި އޮންނާނެކަމަށް އުންމީދުކުރަމެވެ. ނަފުރަތާއި ދެކޮޅުވެރިކަމަކީ އެއްވެސް ޙާލެއްގައި އެއްވެސް ގައުމަކަށް ފައިދާ ހުރި ކަމެއް ނޫނެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި ކަންކަން ހަމަޖައްސާންޖެހޭނީ ދީބުލުމާސީ އުޞޫލުންނެވެ. ދިވެހީން މި ތިބީ އެ ގޮތުގައެވެ. ދިވެހީންގެ ސަގާފަތުގައި އޮންނަ އިންސާފާއި އޯގާވެރިކަމާއި މެހުމާނުދާރީ އަދާކުރުމުގެ ރީތި ސުލޫކުގެ މަތީގައެވެ.
___________________________________
ބައެއް ލަފުޒުގެ މާނަ:
މަހާރެހެންދި ނ. (1) ރަސްކަލެއްގެ ނުވަތަ ރައީސެއްގެ އަނބިކަނބަލުން (2) ރަނިކަމުގައި އިންނެވި އަންހެން ސާހިބާ
ސުލޫކު ނ. (1) އުޅޭ ގޮތް. (2) ޢަމަލުތައް ހުންނަ ގޮތް. (3) އަޚުލާޚު