Advertisement

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން (3)

08 Jan 2024 | 13:45
.

ޢަބްދުﷲ ފާރޫޤު ޙަސަން

(2024 ޖަނަވަރީ 5ގައި ޝާއިޢުކޮށްފައިވާ ބަޔާ ގުޅޭ)

ކާފަރުންނާ ރަޙްމަތްތެރިވުން:

ޔަހޫދީންނަކީ ކާފަރުންގެ ރަޙްމަތްތެރީންނެވެ. މާތް اللّه ވަޙީކުރައްވަނީ މި ފަދައިންނެވެ. "އޭގެތެރެއިން ގިނަމީހުން ކާފިރުވި މީހުންގެ އެކުވެރިކަން ލިބިގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެންގެ ނަފުސުތައް، އެއުރެންނަށް ޓަކައި، ކުރިމަތިކުޅަ ކަންތަކުގެ ނުބައިކަމާއެވެ! އެއީ اللّه، އެއުރެންގެ މައްޗަށް ކޯފާލެއްވުމެވެ. އަދި އެއުރެންނީ ޢަޛާބުގެ ތެރޭގައި އަބަދަށް ދެމިތިބޭނޭ ބަޔަކުކަމުގައި ވުމެވެ." (المائدة: 80)

ދޮގުވާހަކަތައް އަޑުއެހުމާއި ޙަރާމް އެއްޗެހި ކެއުން:

މިކަމާގުޅޭގޮތުން މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އެއީ، ގިނަގިނައިން ދޮގުބަސްތައް އަހާ މީހުންނެވެ. ޙަރާމްމުދާ ގިނައިން ކާމީހުންނެވެ." (المائدة: 42)

ހަނގުރާމައިގެ ހުޅު ރޯކުރުމާއި ފަސާދަ ފެތުރުން:

އަރަހުށި މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އެއުރެން ހަނގުރާމަޔަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެ ހިނދެއްގައި، اللّه، އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި ފަސާދަކުރުމުގެގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ ފަސާދަކުރާ މީހުންދެކެ اللّه، ލޯބިވެވޮޑިގެނެއް ނުވެތެވެ." (المائدة: 64)

ދީނަށް މަލާމާތްކޮށް ފުރައްސާރަކުރުން:

މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީން ފޮތްލިބުނު މީހުންގެ ތެރެއިން ތިޔަބައިމީހުންގެ ދީނަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއްކަމުގައި ހަދައިގެންއުޅުނު މީހުންނާއި ކާފިރުން އެއީ، އެހީތެރިންކަމުގައި ނަހަދާށެވެ! އަދި ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމަ اللّهއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއްކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ." (المائدة: 58 57)

މުނާފިޤުކަން

ޔަހޫދީންގެ މުނާފިޤުން ބަޔާންކުރައްވައި މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އަދި، އީމާންވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ ތިމަންމެން މިތިބީ އީމާންވެގެންނެވެ. އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އެއްތަންވެއްޖެނަމަ، އެއުރެން ބުނެތެވެ. (ތައުރާތުގައި اللّه، ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް (އެބަހީ: މުސްލިމުންނަށް) ތިޔަބައިމީހުން ކިޔައިދެނީހެއްޔެވެ؟ (އޭރުން) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން (އެބަހީ: މުސްލިމުން) ހުއްޖަތު ދައްކައިފާނެތެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ؟" (البقرة: 76)

ޔަހޫދީންގެ މިސާލަކީ ޙިމާރުގެ ވިސާލެވެ:

އަރަހުށި މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "ތައުރާތަށް ޢަމަލުކުރަން އަންގަވައިފައިވަނިކޮށް، ދެން އެއާ އެއް ގޮތަށް ޢަމަލު ނުކުރި މީހުންގެ މިސާލަކީ ފޮތްތަކެއް އުފުލާ ޙިމާރުގެ މިސާލެވެ. اللّهގެ އާޔަތްތައް ދޮގުކުރި މީހުންގެ މިސާލުގެ ހުރި ނުބައިކަމާއެވެ! އަނިޔާވެރި ބަޔަކަށް اللّه، ތެދުމަގެއް ނުދައްކަވަތެވެ." (سورة الجمعة: 5)

ޔަހޫދީންގެ މައްޗަށް اللّه، ގެ ކޯފާ

އިސްވެދިޔަ ޞަފްޙާތަކުގައިވަނީ ޔަހޫދީންގެ ނުބައިކަމާއި ނުލަފާކަން، ކީރިތި ޤުރްއާނުގެ އަލީގައި ބަޔާންކުރެވިފައެވެ. އެބައިމީހުންގެ ކިބައިގައިހުރި ބަޔާންވެދިޔަ ނުލަފާކަމާއި، ޚުލުޤު ނުބައިކަމުގެ ސަބަބުން އަރަހުށި މާތް اللّه، ވަނީ އެބައިމީހުންގެ މައްޗަށް ކޯފާލައްވައިފައެވެ. އެކަމުގެ މައްޗަށް ކީރިތި ޤުރްއާނުގައި އަލިއަޅުއްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

ދެރަކަމާއި ނިކަމެތިކަމާއި އިލާހީ ކޯފާ:

"އެއުރެންވީ، ކޮންމެތަނެއްގައިވެސް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވައިފައިވެއެވެ. اللّهގެ ޢަހްދުފުޅަކުން ނުވަތަ މީސްތަކުންގެ ޢަހްދަކުން (ރައްކައުތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި اللّهގެ ކޯފާއާއިގެން އެއުރެން އެނބުރި އައޫއެވެ. އަދި، މިސްކީނުކަން އެއުރެންގެ މައްޗަށް ލައްވައިފައިވިއެވެ. އެއީ އެއުރެން اللّهގެ އާޔަތްތަކަށް ކާފަރުވެ، އަދި ޙައްޤަކާނުލައި، ނަބިއްޔުން ޤަތުލުކޮށް އުޅުނުކަމަށްޓަކައެވެ. އެއީ އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި އެ އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެންވީކަމަށްޓަކައެވެ." (سورة المائدة: 112) މިތާނގައި އަޅުގަނޑުމެން ވިސްނައިލަންޖެހޭ ވަރަށް ޚާއްޞަ ނުކުތާއެއް އެބައޮތެވެ. ޔަހޫދީންނަށް އިސްރާއީލެވެ ކިޔާ ދައުލަތެއް އުފައްދައިގެން ފަލަސްޠީނު މުސްލިމުންގެ ނިދި ޙަރާމްކޮށްލައިގެން އެއުޅެވެނީ ކީއްވެގެންކަމެވެ. އެކަމުގެ ސަބަބުވެސް މިއާޔަތުން ފުރިހަމަޔަށް އޮޅުންފިލާން އެބައޮތެވެ. އާދެ މިއާޔަތުގައި އަންގަވައިފައިވާގޮތުގައި ޔަހޫދީންނަށް ނިކަމެތިކަމުން ސަލާމަތްވެވޭނެ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ޔަހޫދީން އިލާހީ ރައްކައުތެރިކަމުގެ ދަށަށް އައުމެވެ. އެއީ އިސްލާމްދީން ޤަބޫލުކުރުން ނުވަތަ އިސްލާމީ ދައުލަތެއްގެ ޙިމާޔަތުގެ ދަށަށްއައިސް ޓެކްސް ދިނުމެވެ. އެ ޝަރުޠުގެ މަތީން އެބައިމީހުންނަށް ޙިމާޔަތް ލިބުމެވެ. ދެވަނަގޮތަކީ އެހެން ބައެއްގެ މަދަދާއި ޙިމާޔަތް ލިބުމެވެ. ތާރީޚުން ސާބިތުވާގޮތުގައި ޔަހޫދީންނަށް ކުޑަދުވަސްކޮޅަކަށްވެސް އަމާންކަމުގެ ނަސީބު ލިބިފައިވަނީ އެހެންމީހުންގެ ޙިމާޔަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ބައެއްފަހަރަށް އިސްލާމީ ދައުލަތްތަކުން އެބައިމީހުންނަށް ޙިމާޔަތް ދީގެންނެވެ. އަނެއްބައިފަހަރު ކޮންމެވެސް ބާރުހުރި ޣައިރުމުސްލިމު ދައުލަތެއްގެ މަދަދާއި ޙިމާޔަތުގެ ސަބަބުންނެވެ. މިދެގޮތުން ލިބޭ ވަގުތީ ރައްކައުތެރިކަމުގެ ސަބަބުން ހަމަޖެހިލައިގެން ތިބެވޭ ދުވަސްދުވަސްކޮޅުއެވެ.

މާތް اللّهގެ ލަޢުނަތް:

އަރަހުށި މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އެއުރެންބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެއުރެންގެ ކާފަރުކަމުގެ ސަބަބުން اللّه، އެއުރެންނަށް ލަޢުނަތް ލެއްވީއެވެ. ފަހެ އެއުރެން އީމާންވަނީ ވަރަށްވެސް ކުޑަކޮށެވެ.) (سورةالبقرة: 88)

ޤިޔާމަތާ ހަމަޔަށް اللّهގެ ޢަޛާބު:

މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން އެއުރެންނަށް ނުބައިވެގެންވާ ޢަޛާބުގެ ރަހަ ދައްކާނޭ ބަޔަކު ޤިޔާމަތްދުވަހަށް ދާންދެން އެކަލާނގެ އެއުރެންގެ މައްޗަށް ފޮނުއްވާ ހުއްޓެވެ." (سورة الأعراف: 167)

ދުނިޔޭގެ ނިކަމެތިކަމާއި އާޚިރަތުގެ ބޮޑުވެގެންވާ ޢަޛާބު:

މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އެއުރެންނަކީ އެއުރެންގެ ހިތްތައް ތާހިރުކުރެއްވުމަށް اللّه، އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައިހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (سورةالمائدة: 41)

ހިތްތައް ހިލަކުރެއްވުން:

މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ." (سورة البقرة: 74)

ހިތްތަކުގައި ސިއްކަ ޖެއްސެވުން:

މާތް اللّه، ޔަހޫދީންގެ ހިތްތަކުގައިވަނީ ސިއްކަ ޖައްސަވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެއުޅުމުގެ ސަބަބުން (ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތް ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން ކާފަރުވުމުގެ ސަބަބުން އެ ހިތްތަކުގައި اللّه، ސިއްކަ ޖައްސަވައިފައިވެއެވެ." (سورة الـنّسـاء: 155)

ދޭދޭމީހުންގެ މެދުގައި ޢަދާވާތްތެރިކަން:

މާތް اللّه، ވަޙީކުރައްވައިފައިވެއެވެ. "އަދި ޤިޔާމަތަށް ދާންދެން ޢަދާވަތްތެރިކަމާއި ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ." (سورة المائدة: 64)

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޢަބްދުﷲ ފާރޫޤު ޙަސަނަކީ ދިވެހި އަދަބުގައި އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ފަދަ މަޝްހޫރު އަދީބެކެވެ. އެންމެ ދިގު މުއްދަތެއްގައި ދިވެހިބަހުގެ ބަސް ކޮމެޓީގައި ކޮމެޓީގެ މުޤައްރިރުގެ ހައްިސިއްޔަތުން ޚިދުމަތްކުރެއްވި ބޭފުޅަކީ ވެސް ފާރޫޤެވެ. ފާރޫޤު ޙަސަނަކީ އެންމެ ގިނަ ފޮތް ލިޔުއްވައި، ޚާއްޞަކޮށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވި އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމި ހުންނެވި ކުޅަދާނަ އަދީބެކެވެ. މުތަރުޖިމެކެވެ.

Advertisement

ކޮމެންޓް