Advertisement

ފަލަސްޠީނަށް ޣައްދާރުވުމަކީ ރަތް ރޮނގު ހުރަސްކުރުން (5)

08 Jan 2024 | 12:46
.

އަލްއުސްތާޒު އަޙުމަދު މާޖިދު

(2024 ޖަނަވަރީ 1ގައި ޝާއިޢުކުރެވުނު ބައިގެ ބާކީ)

ރައްޔިތުންގެ ޖަވާބު:

ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އޮވެއެވެ. "މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބަޔެކެވެ. އެ ހަށިގަނޑުގެ އެއް ގުނަވަނެއްގައި ވޭނެއް ހުރި ނަމަ، މުޅި ހަށިގަނޑަށް އެ ވޭން އިޙުސާސް ކުރެވޭނެއެވެ. މުޅި ހަށިގަނޑަށް އެ ވޭނުގެ އުނދަގޫތައް ލިބޭނެއެވެ." މި ނަބަވީ ބަސްފުޅުގައި ވާ ފަދައިން، ފަލަސްޠީނަކީ މުސްލިމުންގެ ހަށިގަނޑުގެ ބައެކެވެ. ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަކީ މުޅި ދުނިޔޭގެ ހުރިހައި މުސްލިމުންގެ އެއްބަނޑުއެއްބަފާ އަޚުންއުޚުތުންނެވެ. އެހެންކަމުން، އިސްވެ ދެންނެވި ފަދަ ބޮޑެތި އަނިޔާތަކެއް އިސްރާއީލުގެ ޒައިނިސްޓުންގެ ފަރާތުން ފަލަސްޠީނުގެ މުސްލިމުންނަށް ލިބެމުން ދާހައި ހިނދަކު، އިސްރާއީލާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ މުސްލިމުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމުން ކޮށްގެން ވާނެ ކަމެއް ވެސް ނޫނެވެ! އަދި ކީއްތޯއެވެ! މުސްލިމުން ކުރާނެ ކަމެއް ވެސް ނޫނެވެ. މިޞްރާއި، އާޒަރުބައިޖާނާއި، އުރްދުނާއި، ޔޫއޭއީ އާއި، ބަޙްރައިނާއި، ސޫދާން ފަދަ މުސްލިމު ޤައުމުތަކުގައި ވެރިކަމުގައި ތިބެގެން، ޣައްދާރުންގެ ބަޔަކު އިސްރާއީލާ ގުޅުންތައް އުފައްދައިފައިވަނީ، އެ ޤައުމުތަކުގެ މުސްލިމުންގެ ޝުޢޫރުތަކާއި ޖަޒުބާތުތަކުގައި ކޮޅުފައިން ޖަހައި، އެ މީހުންނަށް ޚިޔާނާތްތެރި ވެގެންކަމީ ދުނިޔޭގެ އެކަކަށް ވެސް އޮޅިފައި އޮންނަ ކަމެއް ނޫނެވެ.

މީގެ ކުރީން ވެސް ދިވެހިރާއްޖެއާ އިސްރާއީލާ ދެމެދުގައި "ގާތް އެކުވެރިކަމުގެ ގުޅުންތައް" ޤާއިމުކުރުމުގެ މަސައްކަތްކުރެވުނެވެ. އިސްރާއީލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނެވުނެވެ. ދިވެހި ދެ ވަޒީރަކު، ދިވެހި ރައްޔިތުންނަށް ވަގަށް ރައްޔިތުންގެ ޓެކުސް ފައިސާއިން ނުޙައްޤުން ޚަރަދުކުރައްވައިގެން އިސްރާއީލަށް ސިއްރު ދަތުރުތައްކުރެއްވިއެވެ. އިސްރާއީލުގެ ގައުމީ އެޔަރުލޭނުގެ ދަތުރުތައް ރާއްޖެޔަށް ފެށުމަށް ވެސް މަސައްކަތް ކުރެވުނެވެ. ނަމަވެސް އެއިރުވެސް ދިވެހި ރައްޔިތުން ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ލޯތަކުން ކަރުނަ، އަދި އެމީހުންގެ ހަށިތަކުން ލެއި އޮހޮރެމުން ދާހައި ހިނދަކު، ޒައިނިސްޓް އިސްރާއީލާ އެއްވެސް ކަހަލަ ގުޅުމެއް ނުވަތަ އެއްބާރުލުމެއް ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް ހިނދުކޮޅަކަށް ވެސް އެ ޒަލީލުވުމަކަށް ކެތް ނުކުރެވޭވަރުގެ ޒަލީލުވުމެއްކަން، އެކަން ކުރާން އުޅުނު މީހުންނަށް ނިކަން ސާފުކޮށް އަންގައިދީފައެވެ.

ފަށަމުން ވެސް އަޅުގަނޑު ދެންނެވި ހެން، އެމެރިކާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ވަޑައިގަންނަވަނީ، އިސްރާއީލާ ރަޙުމަތް ގަނެ އެކުވެރިކަމުގެ ބާބެއް ފެށުމަށް ދިވެހި ސަރުކާރަށް ބާރު އެޅުއްވުމަށްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ ތެދެއް ނޫން ނަމަ، ކިތަންމެހައި ވެސް ރަނގަޅެވެ. ނަމަވެސް ޕޮމްޕިއޯ އެ ފަދަ ކަމަކަށް އެދިވަޑައިގެންފި ނަމަ، އަދި އެހެން ޤައުމަކުން ވެސް އެފަދަ ހުށައެޅުމެއް ހުށައަޅައިފި ނަމަ، ދިވެހި ސަރުކާރުން ދޭން ޖެހޭނީ ދިވެހި ރައްޔިތުންގެ ޖަވާބެވެ. ދިވެހި ރައްޔިތުން ރުހޭ ޖަވާބެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި އޮންނަނީ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ މިލްކުވެރީންނަކީ ދިވެހި ރައްޔިތުން ކަމުގައެވެ. ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި އޮންނަނީ، ދިވެހިރާއްޖެޔަކީ އިސްލާމް ދީނާއި، ޖުމްހޫރިއްޔަތުގެ މަބްދައާ އެއްގޮތަށް، ޑިމޮކްރެޓިކް އުޞޫލުން ހިނގާ ދައުލަތެއް ކަމުގައެވެ. އިސްލާމީ އުޞޫލުތަކާއި، ޖުމްހޫރިއްޔަތާއި، ޑިމޮކްރެޓިކް ހަމަތައް ބުނާ ގޮތުން، ޤައުމުގެ ވެރިކަން ބަޔަކާ ޙަވާލު ކުރެވެނީ އަމާނާތެއްގެ ގޮތުގައެވެ. އެ ބަޔަކު އެ އަމާނާތް އަދާ ކުރާން ވާނީ، ޤާނޫނާ އެއްގޮތަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ރައްޔިތުންގެ މަޞްލަޙަތުތަކާ އެއްގޮތަށެވެ. ރައްޔިތުން ދޭ ދުސްތޫރީ އަދި ޤާނޫނީ މޭންޑޭޓާ އެއްގޮތަށެވެ. އެހެންކަމުން، ދާޚިލީ ވިޔަސް އަދި ޚާރިޖީ ވިޔަސް އެއްވެސް ކަމެއްގައި ދިވެހި ރައްޔިތުންގެ ވިންދާ ޚިލާފަކަށް ދިވެހި ސަރުކާރަކަށް ނިންމުންތަކެއް ނުނިންމޭނެއެވެ. ދިވެހި ރައްޔިތުންގެ "ޑިމޮކްރެޓިކް ވިލް" އާ ޚިލާފަށް ދިވެހި ސަރުކާރުން އިސްރާއީލާ ގުޅުން ޤާއިމު ކޮށްފި ނަމަ، އެ ހިސާބުން ސަރުކާރުގެ ޑިމޮކްރެޓިކް އަދި ދުސްތޫރީ ޝަރްޢިއްޔަތާއި، ވެރިކަން ކުރުމުގެ އަޚްލާޤީ ޙައްޤު މުޅީން ގެއްލި، ސަރުކާރަކީ ޝަރްޢިއްޔަތެއް ނެތް "ޑީ ފެކްޓޯ ގަވަރންމަންޓަކަށް" ވެގެން ދާނެކަން، އެއީ ސަރުކާރުގެ ވެރީން ހަނދުމަފުޅު ނެއްތަވައިލައްވާނެ، އަދި ހަނދުމަފުޅު ނެއްތަވައިލައްވައިގެން ވާނެ ކަމެއްކަމުގައެއް އަޅުގަނޑެއް ނުދެކެމެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް، އިސްރާއީލާ ގުޅުން ބަދަހި ކުރާން ބަޔަކު ދޭ ދަޢުވަތަކަށް ސަރުކާރުން ދޭން ވާނީ ރައްޔިތުންގެ ޖަވާބެވެ. އެ ޖަވާބަކީ މިއެވެ. "ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަކީ، ކަޝްމީރެކޭ އެއްފަދައިން، ރޮހިންގްޔާއެކޭ އެއްފަދައިން، އަދި އެއިގެ އިތުރުން ވެސް އަނިޔާ ލިބެމުންދާ މުސްލިމުންގެ ކޮންމެ ޖަމާޢަތެކޭ އެއްފަދައިން، އަހަރެމެންގެ ބައެކެވެ. އެއީ އަހަރެމެންގެ ލޮބުވެތި އަޚުން އުޚްތުންނެވެ. އެމީހުންނަށް ތަދު ވީމާ، އަހަރެމެންނަށް ތަދު ވެއެވެ. އެމީހުންގެ ގައިގައި ވޭން އެޅީމާ، އަހަރެމެންގެ ހިތުގައި ވޭން އަޅައެވެ. އެމީހުންނަށް ޓަކައި ދިރިއުޅުން ތަކުލީފަކަށް ހެދީމާ، އަހަރެމެންނަށް އިންތިހާ ދަރަޖަޔަށް އަސަރު ކުރެއެވެ. އެމީހުންގެ ދަރީން ކަތިލައި، ފިރީން މަރައި، އަނބީން ލޫޓުވައި، މައިންބަފައިން ނިކަމެތިކޮށް ހެދީމާ އަހަރެމެންގެ ގާތަށް ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭހައި ގަދަ ރުޅި އާދެއެވެ. އެހެންކަމުން، އެމީހުންނަށް އަނިޔާ ކުރާ ބަޔަކާ އެކު އަހަރެމެން ބާއްވާނެ ރަޙްމަތްތެރިކަމެއް ނޯންނާނެއެވެ. އެ ބައެއްގެ އަތުން އަހަރެމެން ބޭނުންވާ ޑޮލަރެއް ވިޔަސް ޕައުންޑެއް ވިޔަސް ޔޫރޯއެއް ވިޔަސް ނުހުންނާނެއެވެ. އެ ބަޔަކާ އެކު މަކުރޫހަ ޑީލުތައް ހަދައިގެން އަހަރެމެން ހޯދާން އެދޭ މޮޅެއް ނޯންނާނެއެވެ. އެހެންކަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ހުރިހައި ޙައްޤުތަކެއް ރައްކައުތެރި ކުރެވި، ގެދޮރުން ބޭރު ކުރެވިފައި އެތަންމިތަނުގައި ތިބި ހުރިހައި ފަލަސްޠީނީންނަށް އެމީހުންގެ ގެދޮރަށް ވަޒަނަށް އެނބުރި ދެވޭ ގޮތް ވެ، ދުނިޔޭގެ އެހެން ދައުލަތްތަކެކޭ އެއްފަދަ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް، ފުރިހަމަ ސިޔާދަތާ އެކު، އެމީހުންނަށް ލިބި ހަމަޖެހިއްޖައުމަށް ދާންދެން އަހަރެމެން އިސްރާއީލާ ހަތަރުކަޅި ހަމަ ކުރާން ވެސް ބޭނުމެއް ނޫނެވެ."

އަމާނާތްތެރިކަމާ އެކު، މި ޖަވާބު ދެއްވައްޗެވެ!

(ނިމުނީ)

________________________________________

ނޯޓު: ފަސް ބައަކަށް ބަހައިލައިގެން "ފަރަގު"ގައި މި ޝާއިޢުކޮށް ނިމުނީ އަލްއުސްތާޒު އަޙުމަދު މާޖިދު 2022ގައި ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. މީގެ ތިން އަހަރު ކުރީން ލިޔުއްވި ލިޔުއްވުމެކެވެ. ވީމާ މި ލިޔުން ބިނާކުރައްވައިފައިވަނީ އޭރުގެ ޙާލަތަށް ރިޢާޔަތްކުރައްވައިގެންކަން ފާހަގަކުރެއްވުން އެދެމެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު އަޙުމަދު މާޖިދަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ހުނަރުވެރި ބަސްވާރެކެވެ. ޤާނޫނީ ވަކީލެކެވެ. ދިވެހިބަހުގެ ބަސްކޮމިޓީގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދީބެކެވެ. ދިވެހިރައްޖޭގެ ޖުޑިޝަލް އިންސްޓިޓިޔުޓްގެ ފުރަތަމަ ޗާންސެލަރެވެ. އިސްލާމީ ތާރީޚާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ލޯހުޅުވިފައިވާ ޢިލްމީ ޒުވާނެކެވެ. މިހާރު އޭނާ ގެންދަވަނީ މެލޭޝިއާގައި ޕީއެޗްޑީއަށް ކިޔަވައިވިދާޅުވަމުންނެވެ.

Advertisement

ކޮމެންޓް