Advertisement

މާލޭގެ ވަޤުފުގެ އެހާރާއި މިހާރު

07 Jan 2024 | 11:52
ދާރުލްއީމާން: ވަގުފު ޢިމާރާތެއްގެ ގޮތުގައި މާލޭގައި ޢިމާރާތްކޮށްފައިވަ ބިނާއެއް.

ޑރ. ޢަބްދުاللّه ފާރޫޤު އިބްރާހީމް

ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުގައި މާލޭގައި ހުރި ވަޤުފު ބިންތައް އެ ދުވަސް ވަރު އުފެއްދުނު ޤާނޫނެއްގެ އެހީގައި ރަށްފުށަށް ބަދަލުކުރެވުނެވެ. އޭގެ އެއް ނަތީޖާއަކަށްވީ ރާއްޖެއިން ވަޤުފުގެ ނަން ވެސް ނެތި ގެއްލި، ވަޤުފެއްގެ ގޮތުގައި ހަމައެކަނި މިސްކިތްތަކާއި ސަހަރާތައް ހިމެނުމެވެ. އަނެއް ނަތީޖާއަކަށްވީ ވަޤުފުކުރި މީހާއަށް އެ ކަމުން ކުރި އަސަރެވެ. ވަޤުފުކުރި މީހާއަށް އެ ކަމުން އަސަރުކުރާ ގޮތަކީ އޭނާ، އޭނަގެ މުދަލުން ޙިއްޞާއެއް اللّهގެ ނަމުގައި ވަޤުފުކުރަނީ އެއިން އޭނާ މަރުވެފައި އޮންނަ އިރު، ދާއިމަށް ދަރުމަޔާއި ސަވާބު ލިބުމަށް އުންމީދުކޮށްގެންނެވެ. އެހެންކަމުން ވަޤުފުވެރިޔާ ކޮށްފައިވާ ވަޤުފު ނުހިނގައި ހުއްޓިފައި ހުންނަ ހުރުމަކީ ވަޤުފުކުރި މީހާގެ ޙައްޤުގައި ކުރެވޭ ކުށެކެވެ. އެ ކުށް ކުރުމަކަށް އިސްލާމީ ފިޤުހު ހުއްދައެއްނުދެއެވެ. އަދި އެ ކުށަކަށް ފިޤުހުގައި މަޢާފެއް ވެސް ނެތެވެ. މަޢާފުލިބުން އޮތީ ހަމަ އެންމެ ގޮތަކަށެވެ. އެއީ އަލުން އެ ވަޤުފު ދިރުވައި އިޢާދަކުރުމެވެ.

ފިޤުހުގެ ޢާންމު ބަހަކީ ވަޤުފު ބަދަލުނުކުރުމެވެ. އެ އެއްޗެއް ހުރި ތަނެއްގައި ބެހެއްޓުމެވެ. ނަމަވެސް ޝަރުޢީ މަގުސަދެއް ކުރިމަތިވެއްޖެ ނަމަ، އެއްތަނުން އަނެއްތަނަށް ވަޤުފު ބަދަލުކުރާން ފިޤުހު ޢިލްމުވެރީން ހުއްދަ ދެއްވައެވެ. އަދި އެ ބަދަލުކުރުމުގައި ޒަރޫރީ މަގުސަދެއް ނުވަތަ ބޭނުންތެރި މަގުސަދެއް ނުވަތަ އިތުރަށް ފުރިހަމަ ކުރުގެ މަގުސަދެއް އޮތުން ލާޒިމެވެ. އަދި އެއިން އެއްވެސް މަގުސަދަކަށް ޓަކައި ވަޤުފެއް އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމުގެ އަސާސަކީ ނުވަތަ ޝަރުޠަކީ އެ ފަދަ ދެވަނަ ވަޤުފެއް އުފެއްދުމެވެ. އަދި ކުރީގައި ހުރި ވަޤުފުގެ ހުރިހާ ފިޤުހީ އަޙުކާމުތަކެއް އަލަށް އުފެއްދި ވަޤުފުގެ މައްޗަށް ހިނގުމެވެ. ނަމަވެސް 1970ގެ އަހަރުތަކުގެ ތެރޭގައި އޮތް ސަރުކާރުން މަލޭގައި ހުރި 29 ވަޤުފު ބިމެއް، އއ.ތޮއްޑުއަށް ބަދަލުކުރިކުރުމަކުން މިއަދާ ހަމަޔަށް ވެސް އެއްވެސް ޝަރުޢީ މަގުސަދެއް ޙާޞިލުކުރެވިފައެއްނުވެއެވެ. އެ ވަޤުފު ބިންތަކާ ގުޅޭ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީމަޖިލީހުން ނެރުއްވި ނަންބަރ: 2/2017 ( 9މާރޗް2017) ފަތުވާގެ އަށްވަނަ ނަންބަރުގައި ވާގޮތުން "އެ ބިންތައް ބަދަލުކުރި ފަހުން ވޭތުވެ ދިޔަ 30 އެތައް އަހަރެއްގެ ތެރޭގައި އެ ވަޤުފު ބިންތައް ބަލަހައްޓާނެ ނާޒިރަކު ޢައްޔަނުކޮށްފައި ނެތުމާއި، އެ ބިންތަކުގައި ކުރާން ޖެހޭ ޢިމާރާތްތައް ކޮށްފައިނެތުމާއި، އެ ބިންތަކުން ވަޤުފުގެ އަހުލުވެރީންނަށް މަންފާ ލިބެނިވި އެއްވެސް ކަމެއް އިންތިޒާމުކޮށްފައެއް ނެތެވެ."

އިސްވެ ދެންނެވުނު ފަތުވާގެ ހަތްވަނަ ނަންބަރުގައި ވާ ގޮތުން އެއީ ދަރިދަރިކޮޅަށް ނުވަތަ ނުވަތަ ފިޤުހުގެ އިސްޠިލާހުން ނަމަ، ވަޤުފު ޒުއްރީ ނުވަތަ އަހްލީއެކެވެ. އެ ގޮތަށް ވަޤުފުކުރުމަކީ ޝަރީއަތުގައި ހުއްދަކަމެކެވެ. ވަޤުފުކުރެވުނު ދަރިފަސްކޮޅު ނެތް ނަމަ، އެ ތަކަތި އެނބުރި ދާނީ އެ ތަނެއްގައި ތިބި މުސްލިމުންނަށެވެ. އަދި ވަޤުފުކުރި ފަރާތުން ވަޤުފުކުރުމަށް ބޭނުންކުރި ޢިބާރާތް ކަށަރުކޮށް އެ ލަފުޒުގެ ދަށުން އެ މަންފާގައި ހިމެނެނީ ވަޤުފުކުރި މީހާގެ ކޮންކޮން ދަރިދަރިކޮޅެއްތޯ ދީނީ މުއައްސަސާއަކުން ކަޑައަޅައި އެ މީހުން ޙިއްޞާވާ ގޮތަކަށް، އެ ބިންތަކުގެ ފައިދާ ވަޤުފުގެ މަގުސަދު ހާސިލުވާ ގޮތަކަށް ބަދަލުކޮށް ތަރައްޤީކުރެވިދާނެކަމަށް ފެނެއެވެ. އަދި ވެސް ބަލާން ޖެހޭނެ ނުގުތާއެއް ވެއެވެ. އެއީ މާލޭގައި ހުރި އެ ވަގުފު ބިންތަކަކީ ވަގުފުކުރި މީހުންގެ އަމިއްލަ ބިންތޯ ނުވަތަ ބަނޑާރަ ބިންތޯ ބެލުމެވެ. އަމިއްލަ ބިންކަމުގައި ވަނީ ނަމަ އަސްލު ހައްލަކީ އެ ބިންތައް ހުރިތަނަކަށް އެ ބިމެއް ބަދަލުކުރުމެވެ. ނުވަތަ އެ ބިމުގެ ބަދަލުގައި މާލެއިން ނުވަތަ މާލޭގެ ސަރަހައްދަކުން ބިން ދިނުމެވެ.     

ވީމާ މި ސަރުކާރުން ވަގުފު ދިރުވާން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވާތީ އިސްވެ ދެންނެވުނު އ.އ.ތޮއްޑޫގައި ހުރި 29 ވަގުފު ދިރާސާކުރައްވައި ޒިންމާ އުފުއްލާން ޖެހިވަޑައިގަންނަވާނެކަމަށް ދެކެމެވެ.

އަދި ވެސް ދަންނަވަމެވެ. މާލޭގެ ވަގުފުގެ މިހާރާ ގުޅިގެން ވަރަށް ގިނައިން އިވޭ އެއް އަޑަކީ "ވަގުފު ބިލްޑިންގ" ނުވަތަ "މިސްކިތު ވަގުފު ފަންޑު" ފަދަ އަޑުއަޑެވެ. ނަމަވެސް އަޅުގަނޑު ބެލިބެލުމުގައި އެއިން އެއް ވެސް ތަނަކަށް ވަގުފު ސައްހައެއް ނުވެއެވެ. އެހެންކަމުން އެއީ ދިވެހިރާއްޖޭގެ ޢިލްމުވެރީން އިތުރަށް ދިރާސާކުރުން މުހިންމު މައްސަލައެކެވެ.

ވަގުފުގެ ނަމުގައި މާލޭގައި މިހާރު ނަންދެވިފައިވާ ތަންތަނަކީ މުޅީންވެސް ވެރިކަމުގެ ފަރާތުން އުފައްދާފައިވާ އާއްމު މަސްލަހަތުތަކެވެ. މިސާލަކަށް "އެޑިއުކޭޝަން ފަންޑު ބިލްޑިންގު" ނުވަތަ "ދާރުލްއީމާނު" ބިލްޑިންގު ނުވަތަ ވަކި ކަމަކަށް ހޭދަކުރުމަށް ޓަކައި ހަދައިފައިވާ ފަންޑު ފޮށިތައް މިސާލަކަށް "މިސްކިތު ފަންޑު ފޮށި" ފަދަ އިންތިޒާމުތަކެވެ.

ދައުލަތުގެ ބައިތުލްމާލުން އާއްމު މަސްލަހަތައް ޓަކައި ދައުލަތުގެ ވެރިޔާ ނެރޭ ތަކެއްޗަށް ފިގުހުގައި ނަންދެވިފައިވަނީ الإرصادގެ ނަމުންނެވެ. الإرصاد (އަލްއިރުޞާދު)އަކީ بيت المال ން ވަކި ކަމަކަށް އިމާމު މީހާ (ނުވަތަ ވެރިޔާ) އެއްޗެއް ޚާއްޞަކުރުމެވެ. މިހާރު އުފެދޭ ސުވާލަކީ ދައުލަތުގެ ބައިތުލްމާލުން އާއްމު މަސްލަހަތައް ޓަކައިވެރިޔާ ނެރޭ ތަކެއްޗަކީ ވަގުފެއްހެއްޔެވެ؟ ޖުމުހޫރު ފިޤުހު ޢިލްމުވެރީންގެ ރައުޔަކީ އިރުޞާދަކީ (ބައިތުލްމާލުން އާއްމު މަސްލަހަތައް ޓަކައި ވެރިޔާ ނެރޭ ތަކެއްޗަކީ) ވަޤުފެއްނޫނެވެ. ސަބަބަކީ ވަޤުފުގެ ބައެއް ރުކުން އޭގައި ފުރިހަމަ ނުވާތީއެވެ. ވަޤުފުގެ އެއް ރުކުނަކީ ވަޤުފުކުރާ ތަކެއްޗަކީ އެ ފަރާތުގެ އަމިއްލަ މިލްކެއް ކަމުގައި ވުމެވެ. ابن عابدين ވިދާޅުވިއެވެ. ވެރިޔާގެ ފަރާތުން ވަކިކަމަކަށް ޚާއްޞަކުރެވޭ ތަކެއްޗަކީ އެއްވެސް ހާލަތެއްގައި ވަޤުފެއްނޫނެވެ. ސަބަބަކީ އެ ތަކެއްޗަކީ ވެރިޔާގެ އަމިއްލަ ތަކެތިކަމަށް ނުވާތީއެވެ. އަދި ކިއެއްތަ! އެއީ بيت المالން އޭގެ ހައްގުވެރީންނަށް ޓަކައި އައްޔަނުކުރެވޭ އެއްޗެކެވެ. ބައެއް ފިޤުހު ޢިލްމުވެރީންގެ ނަޒަރުގައި  އިރުޞާދަކީ (ބައިތުލްމާލުން އާއްމު މަސްލަހަތައް ޓަކައި ވެރިޔާ ނެރޭ ތަކެއްޗަކީ) ވަޤުފެއްގެ ގޮތުގައި ބަލއިގަނެވޭނެ ތަކެތިކަމަށް ވިދާޅުވި ހިނދު، އަނެއް ކޮޅުން އެ ހުރިހާ ބޭކަލުން ވެސް އިރުޞާދުގެ މައްޗަށް (ބައިތުލްމާލުން އާއްމު މަސްލަހަތައް ޓަކައި ވެރިޔާ ނެރޭ ތަކެތީގެ މައްޗަކަށް) ވަޤުފުގެ ޙުކުމްތައް ތަންފީޒު ނުކުރެވޭނެކަމަށް އެއްބަސްވެވަޑައިގަނެއެވެ. އެ ގޮތުން ވަގުފަކީ އާންމު ގޮތެއްގައި ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ހުއްދަނުކުރެވޭ އެއްޗެކެއެވެ. އެއާ ޚިލާފަށް އިރުޞާދަކީ ވަޤުފެއްކަމުގައި ނުވާތީ، އެ ވިއްކުމާއި ބަދަލުކުރުމާއި އުވައިލުން ހުއްދަކުރެވެއެވެ. އަދި އެހެންމެ ވަޤުފަކީ އެ ނައްތައިލެވިއްޖެއްޔާ އޭގެ ބަދަލުގައި އެހެން ވަޤުފެއް އުފައްދާން ޝަރީއަތުގައި ލާޒިމުކުރާ އެއްޗެކެވެ. ނަމަވެސް އިރުޞާދަކީ ވަޤުފެއްކަމުގައި ނުވާތީ، އޭގެ ބަދަލުގައި އެހެން ވަޤުފެއް އުފައްދާކަށް ލާޒިމެއްނުކުރެއެވެ. އެހެންކަމުން މި ކަމުގައި އޮތް އެންމެ ރަނގަޅު ގޮތްކަމަށް ބުރަވެވެނީ އިރުޞާދަކީ ވަޤުފެއްނޫންކަމަށެވެ. އެއީ ابن عابدين ވެސް އިޝާރާތްކުރެއްވި ފަދައިން އެ ތަކެއްޗަކީ ވެރިޔާގެ އަމިއްލަ ތަކެތިކަމަށް ނުވާތީއެވެ. ވަޤުފަކީ ތިމާގެ އަމިއްލަ މުދަލުން ދަރުމަ ހޯދުމަށް ޓަކައި ކުރާ އަޅުކަމެކެވެ. ނަމަވެސް بيت المال ން ވެރިޔާއަށް ފެންނަ މަޞްލަޙަތަކަށް އެއްޗެއް ނެރެ ޚާއްޞަކުރުމަކީ ހުއްދަ ކަމެކެވެ.

މި ފަދަ މައްސަލަތަކުގައި ހަގީގަތް ރަނގަޅަށް އޮޅުންފިލުވައިނުދީފި ނަމަ މިކަމުގެ ތެރެއަށް މާލީ ފަސާދެއް ވަނުމަކީ ވެސް އެކަށީގެންވާކަމެކެވެ. އެއީ މިސާލަކަށް ސަރުކާރުން ބިމަށް ހޯދާގެން އެއީ ވަގުފު ބިމެއްކަމަށް އިއުލާންކޮށް އެތަނުގައި ކުރެވޭ އިމާރަތަށް އާންމުންގެ ފަންޑު ހޯދުމުން ވަދެދާނެ ފަސާދައެއްގެ ވާހަކައެވެ. އެއީ ވަޤުފުގެ ނަމުގައި ފަންޑުދޭ މީހާގެ މަގުސަދަކަށް ވާނީ ނުވަތަ އެއްޗެއް ވަޤުފުކުރެވެނީ އެއިން އެމީހަކު މަރުވެފައި އޮންނަ އިރު ދާއިމަށް ދަރުމަޔާއި ސަވާބު ލިބުން އުންމީދުކޮށްގެންނެވެ. އަދި ވަޤުފު ހިމެނެނީ صَدقَةٍ جاريَةٍ (ހިނގަހިނގައި ހުންނަ ސަދަގާތެއްގެ) ގޮތުގައެވެ. ނަމަވެސް ކުރީގެ ސަރުކާރަކުން ވަގުފުގެ ނަމުގައި ދައުލަތުން ބިންހޯދައިގެން ކޮށްފައިވާ މި ފަދަ ތަންތަން އަންނަ ސަރުކާރަކުން އުވައިލައިފި ނަމަ ނުވަތަ ވިއްކައިލަފި ނަމަ، ނުވަތަ ޝަރުޢީ  މިންގަޑަށް ނުފެތޭކަމަކަށް ސަބުސިޑީ ލިބޭ ގޮތަށް ބަދަލުކޮށްފި ނަމަ،  ވަޤުފުގެ ނަމުގައި ފަންޑުދޭ މީހާގެ މަގުސަދު ގެއްލި ހިނގައިދާނެއެވެ.

ވެރިޔާ ކުރާ ކޮންމެ ހޭދައަކީ ވަގުފެއްކަމުގައި ބަލައިފި ނަމަ، ދައުލަތުގެ އާމުދަނީ ވަންނަ ހުރިހާ ތަންތަނަށް ކިޔާންޖެހޭނީ ވަގުފެވެ. އެގޮތުން "ވަގުފު އެއަރޕޯޓު" ނުވަތަ "ވަގުފު އެސް.ޓީ.އޯ" ނުވަތަ "ވަގުފު އެމް.ޓީ.ސީ." ފަދަ ގޮތަކަށެވެ. ދަންނަވައިލާން ބޭނުންވަނީ ވަގުފަކީ ބައިތުލްމާލުން ރައްޔަތުންގެ ފައިސާއިން ނުވަތަ ރައްޔަތުންގެ ބިމުން ވެރިޔާ އުފައްދާ އެއްޗެއްނޫނޭއެވެ. އެއީ މީހަކު ނުވަތަ ގިނަބަޔަކު ކަމުގައި ވިޔަސް އެ ބަޔެއްގެ އަމިއްލަ މިލްކުން ހޭދަކޮށްގެން ދާއިމަށް ސަވާބާއި ދަރުމަ ލިބުން އުންމީދުކޮށްގެން ﷲގެ މަގުގައި ކުރާ ހޭދައެވެ.     

  _______________________________

އެޑިޓަރުގެ ނޯޓް
ޑޮކްޓަރ ޢަބްދުاللّه ފާރޫޤު އިބްރާހީމަކީ ބެޗްލާރ އޮފް ޝަރީޢާ، އިސްލާމިކް ސްޓަޑީޒުން މާސްޓާސް އަދި ފިޤުހާއި އުޞޫލުލްފިޤުހުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ދީނީ އަދި އިޖުތިމާޢީ މައުޟޫޢުތަކަށް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. "ރިޔާޟުއްޞާލިޙީން" ނަމަކަށް ކިޔުނު ޙަދީޘް ފޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރުޖަމާކުރައްވައި ބޭނުން މީހަކަށް އޮންލައިނުކޮށް ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކުރެއްވިއެވެ. ރާއްޖޭގައި އެ ފޮތް އެހެން ބޭފުޅަކު ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވީ މާ ފަހުންނެވެ.

Advertisement

ކޮމެންޓް