ގުރުބާނީ
އަސްމާ އަބޫބަކުރު،
ޢާއިލާއެއް ބިނާކުރުމަށް ޓަކައި ބޭނުންވާނީ ކޮންކަމެއްހެއްޔެވެ؟ ކާވެނިކުރުންހެއްޔެވެ؟ ނުވަތަ ދަރީން ލިބުންހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި ޢާއިލާއަކީ ކާވެނީގެ ސެޓްފިކެޓާއި ވަރީގެ ކަރުދާސްތަކާއި ދަރީންގެ ލިޔެކިޔުންތަކުން ކަނޑައެޅޭ އެއްޗެއްނޫނެވެ. ޢާއިލާއެއް އުފެދެނީ ހިތުގައެވެ. ޢާއިލާ ހަލާކުވާ ހަމައެކަނި ވަގުތަކީ ހިތުގައިވާ އެ ގުޅުން ކަނޑައިލާ ހިސާބެވެ. އަދި އެ ގުޅުން ކަނޑައިލާ ހިސާބުން ކާވެނީގެ ނަމުގައި ތިއްބަސް، ނިކަން ހަމަޖެހޭ ޢާއިލާއެއްކަމަށް މީހުންނަށް ދެއްކި ކަމުގައި ވިއަސް، އެއީ ބަލިކަށި ވައުފަށެއް ބުރިބުރިވެފައިވާ ފަދައިން ބާރެއް ނެތް އެއްޗަކަށް ވެދެއެވެ.
އަހަރެންގެ ނަމަކީ ޒާފިރެވެ. އަހަރެން ކިޔަވާން ހުރީ މާލޭގެ މުއްސަނދި ބަޔެއްގެ ކައިރީގައެވެ. އެ ޢާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާ އޭނާގެ ބައްޕަ މަރުމަތީގައި އަހަންނާ ޙަވާލުކުރީ ކާވެނީގެ ބަނދެވުމަކުން ޖެހި ގޮށަކުންނެވެ. އޭގެ ތިން ދުވަސް ފަހުން ބަފައިބެ ނިޔާވެއްޖެއެވެ. އަހަރެމެން ދެ މީހުންގެ ހިތުގައި ވެސް ހަމައެކަނި އޮތީ އެކުވެރިކަމެވެ. އަހަރެން އަނބިމީހާ މަލީހާއަކީ ބަލައިލާން ރީތި ކުއްޖެކެވެ. ވާހަކަދެއްކުމުގައި ހުންނާނީ މަޑުމައިތިރިކަމެވެ. މީހަކު ފެނިއްޖެ ނަމަ، އޭނާގެ ހިނިތުންވުން ފެނިފައި ވެސް ހިތުގެ އުދާސްތައް ފިލައިގެންދާނެއެވެ. އެކަމަކު އަހަރެންގެ ހިތުގައި އެއްގޮތަކަށް ވެސް މަލީހާއާ މެދަކު ލޯތްބެއް ނުއުފެދުނެވެ. މަލީހާގެ ޢުމުރުން ވިހި އަހަރުގައި، އަހަރެންގެ ޢުމުރުން ބާވީސް އަހަރުގައި ކާވެނިކުރެވުނު ކަމުގައިވިއަސް ކައިވެންޏަށް ދެ އަހަރުވީއިރު އަހަރެމެން ދެ މީހުންގެ ދިރިއުޅުން ވަކި ގޮތަކަށް ބައްޓަންކުރެވިއްޖެއެވެ. އެއްބަސްވެވިފައިވާ ގޮތަށް ދެ މީހުން ވަކިވާ ވަގުތު ޖެހިއްޖެކަމުގެ ސިގުނަލު އަހެރެންގެ ހިތުގައި ރަނގަބީލުވާން ފަށައިފިއެވެ.
އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާއާ ކާވެނިކުރާން ތާރީޚު ކަނޑައެޅި ހިސާބުން މަލީހާ ވަރިކުރާން ނިންމީމެވެ. މަލީހާ ވަރިކުރާން ނިންމި ހިސާބުން ފެށިގެން އަހަރެންގެ ހިތުގައި ނޭނގޭ ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. ހިތުގައި ހިނގަނީ ކޮންކަހަލަ ހަނގުރާމައެއްކަމެއް އަހަންނަކަށް ވެސް ނޭނގެއެވެ. ހިތް ބުނަމުން ދިޔައީ މަލީހާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ ވަރިކުރާން ނިންމި ނިންމުމަކީ ކާވެނިކުރި ހިސާބުން ވެވުނު އެއްބަސްވުމެކެވެ. އޭގެ ފަހުން ދެ އަހަރު ވޭތުކުރީ ކީއްވެހެއްޔެވެ؟ މަލީހާ ދެކެ ލޯބީގެ ކަންފުޅެއް ނެތް އަހަރެންގެ ކުޑަ ހިތުގައި ބިޔަ ތޫފާނެއް އުފެދިއްޖެއެވެ. އެ ތޫފާނުގެ ކޮޅިގަނޑުގެ އަސަރުކުރަމުން ދަނީ އަހަރެންގެ މުޅި ޖިސްމަށެވެ.
ހެނދުނު އޮފީހަށް ވަނީއްސުރެ އަހަރެން ވިސްނަމުން ގެންދިޔައީ މިއަދު ގެއަށް ގޮސް މަލީހާ ގާތުގައި ވަރީގެ ވާހަކަދެއްކުމަށެވެ. ސިކުނޑިއަށް ވުރެ ހިތުގެ ގޮވުން ކުރިއަށް ނެރޭން މަޖުބޫރު ކުރަނީ އަހަރެންގެ ލޯތްބެވެ. އެއީ މާޖިދާގެ ލޯތްބެވެ. އަހަރެން މާޖިދާއާ ކާވެނިކުރާން ބުނެފައި ވާނީ އެންމެ ލަސްވެގެން މި ފެށޭ އަހަރުއެވެ. އަހަރެމެންގެ ޕްލޭނާ އެއް ގޮތަށް ހުރިހާ ކަމެއް ވަނީ ނިމިފައެވެ. ދިރިއުޅުމަށް ޓަކައި އެޕާރޓްމެންޓެއް ގަނެވިއްޖެއެވެ. ހަނީމޫނަށް ދާނެ ތަނަކާއި ޢާއިލާއަށް ބޭނުންވަނީ ކިތައް މެންބަރުންކަން ވެސް ވަނީ ނިންމިފައެވެ. ކައިވެނީގެ ތާރީޚު ކަނޑައަޅައި ސުމޭކު ކާޑު ވެސް ހެދިއްޖެއެވެ.
ގެއަށް ގޮސް މަލީހާއާ ކުރިމަތިލާނެ ގޮތަކާ މެދު ވިސްނާން އިނދެއިނދެފައި ގެއަށް ދެވުނު އިރު ގަޑީން ފަހެއް ޖަހަނީއެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަން އިރު މަލީހާ ފާޚާނާއިން ނިކުންނަނީއެވެ. އޭނާގެ މޫނުމަތީން ވަރުބަލިކަމުގެ އަސަރު ފެންނާން ހުއްޓެވެ.
"މަލީހާ. އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަން ވެއްޖެ."
"އަހަރެން ވެސް ޒާފިރު ގާތު އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނާންވެފައި" މަލީހާ ހުރި ގޮތުން އަހަރެންގެ ވާހަކަ ބާއްވައިފައި މަލީހާގެ ވާހަކަ އަޑުއަހާން އަހަރެން ބޭނުންވިއެވެ. އަޅައިގަންނަމުން ކަހަލަ ގޮތަކަށް މަލީހާ ބުނީ އޭނާ ބަލިވެއްޖެކަމުގައެވެ. އެހެން ބުނެފައި ގޮސް އެނދަށް ވެއްޓިގަތުމުން އޭނާ ބަލިވެ އުޅޭތީ އަހަރެން ބުނާން އައި ވާހަކަ ބުނާކަށް ނުކެރުނެވެ. އޭރު މަލީހާ އޮތީ ގާތްގަނޑަކަށް އެނދަށް ދެމިފައެވެ. ނިތްކުރީގައި އަތްޖައްސައިލި އިރު ހުން ވައްތަރު ވެފައިވާހެން އަހަންނަށް ހީވިއެވެ. ގޭގައި އެޅޭ ނޯކަރު ހަލީމަށް ގޮވައި މަލީހާއަށް ކުރުނބާ ގެނެސް ދިނުމުން އެދިފައި އަހަރެން ދިޔައީ ފެންވަރާށެވެ.
އަހަރެންގެ ޢާއިލާ އެންމެން ވެސް މަލީހާ ދެކެ ވަރަށް ލޯބިވާނެއެވެ. މަލީހާ ބަލިކަން އެނގުމުން އެންމެން ވެސް އަހަންނަން އަންގަމުން ދިޔައީ މަލީހާއަށް އަޅައިލުން ދިނުމަށެވެ. އަހަރެންގެ ވަގުތު މަލީހާ އަށް ހުސްކުރުމަށެވެ. ޢާއިލާގެ އެންމެން މާޖިދާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެމީހުން މާޖިދާ އަށް ނަފުރަތު ކުރަތީ އަހަރެން ވެސް މާޖިދާ ވާހަކަ ގޭ މީހުން ގާތުގައި ނުދައްކައި ވޭތޯ ބަލަމެވެ. އެކަމަކު އަހަރެން އަދިވެސް ބޭނުން ވަނީ މާޖިދާއާ ކާވެނިކުރާށެވެ. އެކަމަކު މަލީހާ ދޫކޮށްލާކަށް ވެސް ހިތެއް ނޭދެއެވެ.
މަލީހާ ބަލިކޮށް އުޅޭތީ މާޖިދާއާ ވާހަކަދެއްކުން މަދުކުރާން އަހަންނަށް މަޖުބޫރުވިއެވެ. ބައްދަލުކޮށްލާން ނުދެވޭތާ ފޯނުން ވެސް މަދު ފަހަރަކު ނޫނީ ވާހަކައެއް ނުދެއްކެއެވެ. އެއް ދުވަހަކު މަލީހާގެ ފިހާރައަކުން ގުޅައިފައި ވަރަށް އަވަހަށް އެ ފިހާރައިގެ ކަމަކަށް ދާން ބުނުމުން އަހަރެން ދިޔައީ ފިހާރައަށެވެ. ފިހާރައިގައި ހުރި ޢާލަމް ދެއްކީ ފިހާރައިން ކުއްލިއަކަށް ކަރަންޓް ދިޔަ ވާހަކައާއި ފައިސާ ކަނޑާ މެޝިން ރަނގަޅު ނޫން ވާހަކައެވެ.
"ތިޔައީ ދެން އަހަރެން ގެންނަ ވަރުގެ ކަމެއް ވެސް ނޫނެއްނު. ކަރަންޓް އައުމުން ތިޔަ ހުރިހާ ކަމެއް ރަނގަޅު ވެފައި ހުއްޓައި މި އާދެވުނީ." އަހަރެން ދާން އުޅުމުން ވެސް ޢާލަމް ކޮންމެ ވެސް އެއްޗެކޭ ކިޔައި އަހަރެން މަޑުކުރުވަން އުޅުނެވެ. އެކަމަކު މަލީހާ ބަލިކޮށް އުޅޭތީ މަޑުކުރެވެން ނެތްކަމަށްބުނެ އަހަރެން އުޅުނީ ފިހާރައިން ނިކުމެ ވީހާވެސް އަވަހަށް ގެއަށް ދެވޭތޯ އެވެ. ގެއަށް ވަންނާން އުޅެނިކޮށް ހަލީމް ގޮވާލާފައި މަލީހާ މެޑަމަށް މީހަކު ރުޅި އައިސް އެއްޗެހި ކިޔާ ވާހަކަ ބުންޏެވެ.
އަހަރެންގެ ފިޔަވަޅު ގަނޑުވި ކަހަލައެވެ. އެ އިވެނީ މާޖިދާގެ އަޑެވެ.
"ކަލޭ ތި އުޅެނީ އަހަރެމެން ކާވެނިކޮށްފާނެތީ ބަލިކަމަށް ހެދިގެން ދޯ. މިހާރަކަށް އައިސް ޒާފިރަށް ވަގުތު ވާކަމަކަށް ނުވޭ. ގުޅައިލިއަސް ފޯނެއް ނުނަގާ. ޒާފިރު ދެކެ ލޯބި ނުވާ އިރު ކުރީން ވެސް ވަރިވާން އެއްބަސް ވެފައި އޮތް އިރު އެކްޓްޖައްސަމުން ތިޔަ ދަނީ ކީއްވެ؟ ކަލޭ ކިތަންމެ ވަރަކަށް ޒާފިރު ހިފެހެއްޓިއަސް އޭނާ ކަލޭ ދެކެ ލޯތްބެއް ނުވާނެ. ތިޔަ އެކްޓް ޒާފިރަށް ދެއްކުމުގެ ބަދަލުގައި ކޮންމެވެސް އެހެން މީހަކަށް ދައްކާ." މާޖިދާ ނިކުންނާން ހިނގައިގަތުމުން އަހަރެން ދޮރާ ނިވައިވެލީމެވެ. ނަސީބު ހިފީ މި ފަހަރު އަހަރެންގެ އަތުގައެވެ. މާޖިދާއަކަށް އަހަރެން ނުފެނެއެވެ. ވައިސޫރިއެއް ހެން އޭނާ ނިކުމެގެން ހިނގައްޖެއެވެ.
ވަގުތުގެ ބޭނުން ހިފައި މާޖިދާ އެ ކުޅުނު ކުޅިގަނޑުގެ ސަބަބުން އަހަރެންގެ ހިތުގައި ފުރަތަމަ ފަހަރަށް މާޖިދާއާ މެދު ނަފުރަތުގެ ކަންޏެއް ރޯވެއްޖެއެވެ. ފިހާރައަށް އަހަރެން އެ ގެންދިޔައީ ރޭވުމަކުންކަން އަހަންނަށް ވިސްނުނެވެ. ޢާލަމް އުޅުނު ގޮތުން ކަންކަން ނޭނގޭ ވަރުގެ ކުޑަކުއްޖަކު ދައްކާ ކަހަލަ ވާހަކަދެއްކިކަން ފާހަގަކުރެވިގެން އަހަރެން ޢާލަމަށް ގުޅައިފައި މާޖިދާ މިއަދު ފިހާރައަށް ދިޔަތޯ އެހުމުން މާޖިދާ ބުނި ގޮތަށް ޢާލަމް ކަންތައް ކުރިކަން ފަޅައިއެރިއެވެ.
"ތިޔައީ މާޖިދާގެ ފިހާރައެއް އަދި އަހަރެންގެ ފިހާރައެއް ވެސް ނޫން. މަލީހާގެ ފިހާރައެއް. މިއަދު ޢާލަމް ތެދުވެރި ވާންވާނީ މަލީހާއަށް." އަހަރެން ގޭތެރެއަށް ވަނީ އޭގެ ދިހަވަރަކަށް މިނިޓް ފަހުންނެވެ.
މަލީހާ އެނދުގައި އޮށޯވެ އޮތީ އެއްވެސް ކަމެއް ހިނގިކަން އޭނާގެ މޫނުމަތިން ވެސް ނުދައްކައެވެ. ކައިފިންތޯ އެހުމުން އޭނާ މިހާރު ރަނގަޅު ވާހަކައާއި ކައިގެން ހުރިކަމުގައި ބުނެލިއެވެ.
" އަހަރެން މިހާރު ރަނގަޅު. މިހާރު ދެން ޒާފިރު ވެސް އޮފީހަށް ނިކުންނާން ވެއްޖެ. އަހަރެމެންނަކީ ވަކިވާން ތިބި ދެމީހުން. އެހެންވީމާ، އަހަރެން ގާތު ގިނަ ވަގުތު ހޭދަކޮށް އަހަންނަށް އަޅައިލައި ހެދުމުން ޒާފިރު ނެތުމުގެ އިޙްސާސް މާ ބޮޑަށް ކުރެވިދާނެ. އަހަރެމެންނަކީ އަބަދު ވެސް އެކުވެރީން ގޮތުގައި ތިބޭނެ ދެ މީހުން. އެ ކަން އެ ގޮތުގައި ދެމިއޮންނާނެ." މަލީހާގެ ރަނގަޅު ކަމަކީ އެއީއެވެ. ހިތުގައި އޮތް އެއްޗެއް ދުރުދުރުން އެ ބުނެލީ އަނެކާއާ މެދު އެއްވެސް ނަފުރަތެއް ވެސް އަދި ޝަކުވާއެއް ވެސް ނެތިއެވެ.
އަހަރެންގެ ހިތުގައި މާޖިދާއަށް އޮތް ލޯބި މަޑުމަޑުން ފަނޑުވާން ފެށިއެވެ. މާޖިދާ އަށް ދޭ ކޮންމެ ހަދިޔާއެއް އަހަރެން ގަތީ މަލީހާގެ ލޮލުން ބަލައިގެން މަލީހާއަށް ރީތި އެއްޗިއްސެވެ. މަލީހާގެ އުންމީދުތައް އޭރު އަހަރެން ފެނަށް ހެދީ ހިތުގައި އެއްވެސް ވަރަކަށް ލޯބި ނެތުމުންނެވެ. މަލީހާގެ ހިތެއް އަހަންނަކަށް ނޭނގެއެވެ. އެއްވެސް ވަރަކަށް މަލީހާގެ ފަރާތުން ލޯބިވާކަން ނުވަތަ ނުވާކަމުގެ ނިޝާނެއް ވެސް ނުދައްކައެވެ.
މަލީހާގެ އުފަންދުވަސް އަތުވެއްޖެއެވެ. އެހެނިހެން އަހަރުތަކުގައި އަހަރެމެން ކޭކެއް ފަޅަމެވެ. އަހަރެން މަލީހާއަށް ހަދިޔާއެއް ދޭން މަލީހާ ގަބޫލު ނުވާތީ އެ ކަން ވެސް ނުކުރަމެވެ. އެކަމަކު މި ފަހަރު މަލީހާގެ އުފަންދުވަސް އަހަރެން ބޭނުމީ ގޭގެ ބަގީޗާ ތެރޭގައި ރީތިގޮތަކަށް އުއްބަތީގެ އަލީގައި ފާހަގަކުރާށެވެ. އަހަރެން ހިތުގައި މަލީހާއަށް ލޯބީގެ ވިންދު ޖަހާންފެށީ އަހަންނަށް ވެސް ނޭނގި ސިއްރުންނެވެ. ބަގީޗާތެރެ ޒީނަތްތެރި ކުރީ ބަލާ މީހަކަށް ވެސް އެއީ ކޮން ތަނެއްކަން ނޭނގޭ ވަރަށެވެ. ރީތި ކުޑަކުޑަ ގެއެއްގައި ދެމީހަކަށް ނިދާލެވޭނެ ރީތި އެނދެއް ބަހައްޓައި ގޭތެރެ ޒީނަންތެރި ކުރީ އުއްބައްތިންނެވެ. ފިނިފެންމަލުގެ ފިޔައިން މުޅި އެނދުމަތި ޒީނަތްތެރިކުރި އިރު އެނދުގެ ހެޑުބޯޑުގައި ރީތި މަސްޓޭންކެއް ހަދައި ނަލަކޮށްލައިފައިވާނެއެވެ.
"މަލީހާ. ލޯމަރައިފައި އަހަރެން އަތުގައި ހިފާބަލަ." އަހަރެން އެހެން ބުނުމުން މަލީހާ އިނީ ފާޑަކަށެވެ. އަހަރެންގެ އަތުގައި ހިފާ ހިތް ނުވެގެން ކަންނޭގެއެވެ. އެކަމަކު މި ފަހަރު އަހަރެން ހުރީ ގޮތްދޫކުރާކަށް ނޫނެވެ. ހިތުގައި އޮތީ އެކުވެރިކަމެއް ނޫނެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ ތިޔައީ މަލީހާގެ ފިރިމީހާއޭއެވެ.
މަލީހާ ގޮވައިގެން ގޮސް އަހަރެން ތައްޔާރުކުރި ދެ މީހުންގެ ގަނޑުވަރަށް މަލީހާ ވައްދައިފައި ލޯހުޅުވާން ބުނީމެވެ. މަލީހާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ހީނުކޮށް ހުއްޓައި ލިބުނު އުފާވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއް ފަރާތުގައި ކޭކެއް ބަހައްޓައިފައި ހުރި އިރު އެނދުމަތީގައި ހުރީ މަލީހާއަށް ހުރި ޕާރުސަލެވެ. މަލީހާގެ މޫނަށް އުފާވެރިކަން އައީ އެނދުގެ ހެޑުބޯޑާއެކީ ހަދާފައި ހުރި މަސްޓޭންކު ފެނުމުންނެވެ.
"މަލީހާ. އަހަރެން ބޭނުން ވަރަށްބޮޑު ވާހަކައެއް ބުނާން." އެ ވަގުތު މަލީހާގެ މޫނުމަތީން އުފާވެރިކަން ހިނދުކޮޅަކަށް ގެއްލުނެވެ.
"އަހަންނަށް މަލީހާ ދެކެ ލޯބި ވެވިއްޖެ."
"ދެން މާޖިދާ އޯ" މަލީހާ ކަންބޮޑުވެގެން ހުރެ އަހައިލިއެވެ.
"މާޖިދާ މި ގެއަށް އައިސް މަލީހާއަށް ހިތަށް އެރިހާ އެއްޗެއް ގޮވި ހިސާބުން އަހަރެންގެ ހިތުގައި މާޖިދާގެ ލޯބި ކަނިވެ ނިވިއްޖެ. މަލީހާގެ ނަންބަރު މައްޗަށް އަރައިފި." އެ ވަގުތު މަލީހާ އެދުނީ ފަސް މިނިޓުގެ ވަގުތު ކޮޅެއް ދިނުމަށެވެ. އަހަރެން އާއެނކޭ ބުނުމުން ގޭތެރެއަށް ވަދެފައި އައިސް އަހަންނަށް ދިއްކޮށްލީ ކަރުދާސް ގަނޑެކެވެ.
"ޕްރެގްނެންޓް" އަހަރެންގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އެ ލަފުޒެވެ. މަލީހާއާ ދިމާއަށް ބަލައިލެވުނީ ތެދެއްހޭ އަހާލުމުގެ ގޮތުންނެވެ. ވަގުތުން މަލީހާ ބޯޖަހައިލިއެވެ. އަހަންނަށް އުފަލުން ގޮސް މަލީހާގެ ގައިގައި އޮޅުލައިގަނެވުނެވެ. އަހަރެންގެ ހިތުގައި މަލީހާގެ ނަން އަބަދުގެ އަބަދަށް ފަވައިލެވުނެވެ. ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ވީ ގުރުބާނީގެ އަގު މިއަދު މަލީހާ އަށް ހައްގެވެ. (ނިމުނީ)