Advertisement

ޑިމޮކްރެސީއަކީ ރަނގަޅު އެއްޗަކަށް ވަނީ އޭގެ ވަށައިގެން ޢިލްމީ މާޙައުލެއް އޮތްނަމައެވެ.

12 Sep 2023 | 12:09
.

ތިރީގައި މި ހުށަހަޅައިލަނީ "މަނިކުބެއާ ޖުހާގެ ވާހަކައެއް" މި ސުރުޚީގެ ދަށުގައި ޑރ. ޢަބްދުލްޣަފޫ ޢަބްދުއްރަޙީމް ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ.  ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.  އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ.  އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

ޑރ. ޢަބްދުލްޣަފޫރުގެ މި ލިއުއްވުމުގެ މުހިންމުކަން އިޙުސާސްކުރެވޭތީ ކިޔުންތެރީންގެ ސަމާލުކަމަށް ޓަކައި މި ލިޔުން ނަކަލުކޮށްލާން "ފަރަގު" ޓީމުން ގަސްތުކުރީއެވެ. ވިދާޅުވާށެވެ!

"މަނިކުބޭ: ޖުހާއެވެ! އަހަރުމެންގެ މި ޒަމާނަކީ ވަރަށް ވެސް އާދަޔާ ޚިލާފު ކަންކަން ފެންނަ ޒަމާނެކެވެ. ހުރިހައި ގޮތަކުން ވެސް އަހަރުމެންގެ ޒަމާން މިއީ ދުނިޔެ މިހާ ތަނަށް ދުށް އެންމެ ކުރިއަރައިފައިވާ ޒަމާން ނޫންހެއްޔެވެ؟

ޖުހާ:    ތިޔަ ހެން ތިޔަ ބުނަނީ ކޮން ކަމަކާ ގުޅުވައިގެންހެއްޔެވެ؟

މަނިކުބޭ: ހަމަ ހުރިހައި ކަމެކޭ ބުންޏަސް އެންމެ ރަނގަޅުވާނެ ނޫންހެއްޔެވެ؟ މިސާލަކަށް މުވާސަލާތީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގައިލަބަލާށެވެ. އެކަކު އަނެކަކާ ވާހަކަދައްކައިލާން މިހާރު ކިހައި ފަސޭހަހެއްޔެވެ؟ އަދި، އެ ކަން ކުރާން ތަފާތު ވަސީލަތްތައް އަހަރުމެންނަށް ލިބިފައި މިހާރު އެބަ އޮތް ނޫންހެއްޔެވެ؟ ކޮންމެ ތަނަކަށް ވިޔަސް، ހަމަ ހިލޭ ފޯނުން ގުޅައިލެވެއެވެ! އަދި، އީމޭލު މެދުވެރިކޮށް ސިޓީބިޓީ ފޮނުވޭ ނޫންހެއްޔެވެ؟ ވައިބަރު ގުރޫޕުތަކާއި ވަޓުސްއެޕް ގުރޫޕުތައް މެދުވެރިކޮށް ތިމާގެކަމާއި ރަހުމަތްތެރިކަމުގެ ގުޅުން ދަމަހައްޓައި ބަދަހިކުރެވޭ ނޫންހެއްޔެވެ؟ ހަމަ އެހެންމެ، ފޭސްބުކު މެދުވެރިކޮށް ވެސް މި ކަންކަން ކުރެވޭ ނޫންހެއްޔެވެ؟ ދެން، އެހެން މައިދާންތަކަށް ބަލައިލިއަސް ހަމަ ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ތަން ފެނޭ ނޫންހެއްޔެވެ؟ ފަންނިއްޔާތުގެ މައިދާނެވެ! ބޭސްވެރިކަމުގެ މައިދާނެވެ! މި ފެންނަ ކުރިއެރުމުގައި ބޮޑެތި ފައިދާތަކެއްވާ އިރު، އޭގައި ކޮންމެ ވެސް ވަރެއްގެ ނުރަނގަޅު ކަންކަން ވެސް ވާކަން އަހަރެން ހަނދާން ނައްތަލައެއް ނުލަމެވެ. މިސާލަކަށް އޮޅުވައިލުމާއި މަކަރުހެދުމުގެ ވަސީލަތަކަށް މުވާސަލާތީ ދާއިރާތައް ވެއްޖެއެވެ. އަޅެ، ޖުހާއަށް ފެންނަ ގޮތުގައި މި އައި ކުރިއެރުމުގައި އޮތް އެންމެ ބޮޑު އެެއް ފައިދާއަކާއި އެންމެ ބޮޑު އެއް ގެއްލުން ބުނެދީފާނަން ހެއްޔެވެ؟

ޖުހާ:   ތިއީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ އެއް ބަޔަކަށް ލިބޭ ފައިދާއަކީ އަނެއް ބަޔަކަށް ލިބޭ ގެއްލުމަކަށް ވެދާނެއެވެ. ހަމަ އެހެންމެ، އެއް ބަޔަކަށް ލިބޭ ގެއްލުމަކީ އަނެއް ބަޔަކަށް ލިބޭ ފައިދާއަކަށް ވެސް ވެދާނެއެވެ.

މަނިކުބޭ: އަޅެ، ތިޔަ ކަން މަށަށް ސާފުވާ ގޮތަށް މިސާލަކާއެކު ބުނެދީފާނަންހެއްޔެވެ؟

ޖުހާ:   އެންމެ ރަނގަޅެވެ. މިސާލަކަށް ފޭސްބުކް (މޫނުތަކުގެ ސަފުހާ)އަށް ބަލައިލާށެވެ! ފޭސްބުކު އަހަރުމެންނަށް ގެނެސް ދިން އެއް ކަމެއްގެ މައްޗަށް ނަޒަރު ހިންގައިލާށެވެ! ފޭސްބުކްގެ ޒަރީއާއިން ތަންދޮރު ނުދަންނަ، ރަނގަޅަށް އެއްޗެއް ބުނާން ނޭނގޭ މީހުންނަށް ވެސް، ބޮޑެތި އިލްމީ ބަހުސްތަކުގައި ބައިވެރިވެ، މީހުންނާ ޖަދަލުކުރުމުގެ މަގު ހުޅުވައިލަދީފިއެވެ. އެއް ބަޔަކު ދެކޭނީ މިއީ ފައިދާއެއްކަމެވެ. ކޮންމެ މީހަކަށް ވެސް ލިބިފައި އޮންނަ މިނިވަންކަމުގެ ހައްގު ފުރިހަމައަށް އަދާކުރުމުގެ ފުރުސަތު ލިބޭ ކަމެކެވެ. އަނެއް ބަޔަކު ދެކޭނީ މިއީ ބޮޑު ގެއްލުމެއްކަމަށެވެ. ކަމުގެ ދެކޮޅު ބެލުމުގެ ބޭނުމެއް ނެތި، އަދި، ބަހުސްކުރުމުގެ ރިވެތި އަދަބު އަޚުލާގަށް ރިއާޔަތްކުރުމެއް ވެސް ނެތި، ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް، ފާޑުފާޑުގެ ނަން ކިޔައި، އެ ނަންނަމުގެ ފަހަތުގައި ފިލައި ބޮނދައި އިނދެ، ޝޯރުކުރުމުގެ ހިއްވަރު ލިބިގަނެ، ހިތަށް ފެނުނު އެއްޗެއް ގޮވާންވީއެވެ. މިހެންވުމުން، މި ކަމަކީ ނުރަނގަޅު ކަމެކޭ ބުނާ މީހުން ބުނާނީ މިއީ ފޭސްބުކް ނެތް ނަމަ، ވުން ވަރަށް ވެސް ދުރުކަމެކޭއެވެ. އެހެން މިސާލެކެވެ. ޑިމޮކުރަސީއަކީ ހެޔޮ ގޮތުގައި އެ ނިޒާމު ހިންގައިލެވޭ ނަމަ، އޭގައި ފައިދާތައް އެކުލެވިގެންވާ ސިޔާސީ ނިޒާމެކެވެ. އެ ނިޒާމު ހެޔޮ ގޮތުގައި ހިންގައިލެވޭނީ، އިހުގެ ބައެއް ޔޫނާނީ ފަލްސަފާވެރީން ވެސް އިޝާރަތްކޮށްފައިވާ ފަދައިން، އެ ހިންގައިލެވޭ މުޖުތަމައެއްގެ ރައްޔިތުންނަކީ އިލްމީ ސަގާފަތުގެ ގޮތުން ކުރިއަރައިފައިވާ ބަޔަކަށްވާ ނަމައެވެ. އެހެންވުމުން، ގައުމުގެ އެކިއެކި ކަންކަމާ ބެހޭ ގޮތުން، ވެރިކަމާ ކުރިމަތިލާ މީހުން ހުށަހަޅައިލާ ސިޔާސަތުތައް އަގުކޮށް، ވަޒަން ކުރާން އެނގި، އެންމެ ރަނގަޅު ސިޔާސަތުތައް ހުށަހަޅައިލާ މީހާ ހޮވުމުގެ އެކަށޭނަކަށް އޮވެއެވެ.  މިހެން، ކަން އޮތުމުން، ޑިމޮކުރަސީއަކީ ފައިދާ ހުރި ނިޒާމެކޭ ބުނެވިދާނެ ނޫންހެއްޔެވެ؟

ނަމަވެސް، އެފަދަ ހޭލުންތެރިކަމެއް ނެތް ތަނެއްގައި، އެ ނިޒާމު ހިންގައިލުމުން، ފަސާދަ އިތުރުވެގެންދާ ގޮތް ވެއެވެ. ފައިސާ ހުރި މީހަކަށް ވޯޓު ގަނެވުމުގެ ފުރުސަތު އޮވެއެވެ. ބަސް ވިކޭ އެކަކަށް، އޭނާގެ އާއިލާގެ މީހުންނާއި ގާތް ތިމާގެ މީހުން، އޭނަ ބޭނުންވާ މީހަކަށް ވޯޓުލާން ބުނެ، އެ ކަން ކުރުވައެވެ. އެހެންވެ، ތަނުގެ ރައްޔިތަކީ އިލްމީ ސަގާފަތެއްގެ އަހުލުވެރި ބަޔަކަށް ނުވެއްޖެ ނަމަ، ޑިމޮކުރަސީ މެދުވެރިކުރުވަނީ މިކަހަލަ ފަސާދައިގެ އަމަލުތަކެވެ. މީގެ އިތުރަށް، ވެރިކަމަށް ކުރިމަތިލާ މީހުންނަކީ ވެސް، އެ މީހުންގެ ކިބައިގައި ގައުމެއް ހިންގައިލުމުގެ އެކަށޭނަކަށް ހުރި ބަޔަކަށް ވެސް ވާކަށް ނުޖެހެއެވެ. އިދާރީ އެއްވެސް ތަޖުރިބާއެއް ނެތް، ސާފުކޮށް ވާހަކަ ވެސް ދައްކާން ނޭނގޭ މީހުންނަށް ވެސް އެ މީހުންގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅި، ހިތަށް އެރިހާ ދޮގުތައް ހަދައި، މީހުން ވާވައްދައިގެން، ވެރިކަމަށް އިންތިޚާބުކުރެވޭ ގޮތް ވެއެވެ. މި ފަދައިން ކަންތައް ވުމުގެ އެކަށޭނަކަން އޮތުމުން، މި ކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުންނަށް ޑިމޮކުރަސީ ކަމުގޮސް، އަނެއް ބަޔަކަށް މި ކަން ކަމުނުދާ ގޮތް ވެއެވެ!"

Advertisement

ކޮމެންޓް