Advertisement

"ޣައްޒާ ފަޅުރަށަކަށް ބަދަލުވަނީ" - އދ.ގެ މަންދޫބު

06 Jan 2024 | 17:46
.

ޣައްޒާއަށް އިސްރާއީލުންދެމުން ގެންދާ ޢުދުވާނީ ޙަމަލާގައި މުޅި ރަށް ތަޅައި ސުންނާފަތިކޮށްލުމަށް ފަހު މިހާރު އެ ޢުދުވާނު ވަނީ ޣައްޒާއިން ބޭރަށް ފުޅާކޮށްފައެވެ. އެ ގޮތުން އިސްރާއީލު ސިފައިން އެކްސްގައި ފަޚުރުވެރިކަމާއެކު މި ދިޔަ އަންގާރަދުވަހު އިޢުލާނުކޮށްފައިވަނީ ސޫރިޔާއާއި ލުބުނާނަށް މިސައިލު ޙަމަލާތަކެއް ދީފައިވާނެކަމަށެވެ. އަދި އެ ޙަމަލާ އަމާޒުކޮށްފައިވާނީ ސޫރިޔާގެ އަސްކަރީ ބިނާރާއި ލުބްނާނުގެ ޙިޒުބުﷲ ބިނާރުތަކަށްކަމަށް ވެސް އެ މީހުން ބުނެފައިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބޭރޫތުގައި ޙިޒުބުﷲއިން އެންމެ ވަރުގަދައަށް ބަލަހައްޓާ ސަރަހައްދުގައި ހުރި ޙަމާސްގެ އޮފީހަކަށް ޑްރޯން ޙަމަލާއެއް އަރައި ހަ މީހުން ޝަހީދުވިކަމަށާއި އޭގެ ތެރޭގައި ޙަމާސުގެ އިސް އޮފިޝަލެއްކަމަށްވާ ޞާލިޙު އަލް ޢަރޫރީ ހިމެނިވަޑައިގަންނަވާކަމަށް ލުބުނާނުގެ ދައުލަތުގެ ނޫސް އެޖެންސީއިން ޚަބަރުދީފައިވެއެވެ.

އަނެއްކޮޅުން އެމެރިކާގެ ޢަސްކަރީ މައިމަރުކަޒު (ސެންޓްކޮމް)އިން އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދެކުނު ރަތްކަނޑުގެ ސަރަހައްދަށް ދެ ބެލިސްޓިކް މިސައިލް ހޫތީ ހަނގުރާމަވެރީން ފޮނުވައިލިކަމަށެވެ. އެ ޙަމަލާއިގެ އަސަރު އެތައް ބޯޓެއްގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަށް ފޯރިކަމަށް ވިޔަސް ބޯޓަކަށް އެއްވެސް ގެއްލުމެއް ލިބުނުކަމަކަށް އެއްވެސް ރިޕޯޓެއް ނުބުނެއެވެ. މި ކަމާ ގުޅިގެން މި ދިޔަ ބުދަ ދުވަހުގެ ރޭ މެންދަމު (މާލޭ ގަޑީން) 1:00ގައި  (އެމެރިކާ ގަޑީން ހަވީރު 3:00ގައި) އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފައެވެ.

ދެކުނު ޣައްޒާގެ "އަލްއަމަލް" ހޮސްޕިޓަލަށް އިސްރާއީލުން މެދުކެނޑުމެއްނެތި ބޮންއަޅައި ސުންނާފަތިކުރުމުގެ ސަބަބުންން ޣައްޒާ މިހާރުވަނީ ފަލަސްޠީނީންނަށް "މަރާއި ނާއުންމީދު"ގެ ސަރަހައްދަކަށް ވެފައިކަމަށް އދ.ގެ އިންސާނީ އެހީއާ ބެހޭ ވެރިޔާ ގްރިފްތުސް ވަނީ ސިފަކޮށްފައެވެ. އެހެނީ ޣައްޒާގެ ދެކުނު ސަރަހައްދު ހުސްކުރުމަށް ޓަކައި ރެފިޔުޖީ ފޭލިގެތަކަށް އިސްރާއީލުގެ ބާރުތަކުން ގެންދަނީ ހުއްޓުމެއް ނެތި ބޮންއަޅަމުންނެވެ. މީގެތެރޭގައި ނުސައިރަތާއި އަލްމަޣާޒީއާއި އަލްބުރޫޖު ކޭންޕު ވެސް ހިމެނެއެވެ.

އިސްރާއީލުން މިސައިލުގެ ހަމަލާ ލުބުނާނަށް ދީފައިވާތީއާއި އޭގެ އެއް ޙަމަލާއިން ޞާލިޙު އަލްއަރޫރީ ޝަހީދުކޮށްލައިފައިވާތީ އދ.އަށް ރަސްމީކޮށް ލުބުނާނުން ވަނީ ޝަކުވާ ވެސް ހުށައަޅައިފައެވެ.

2023 އޮކުޓޫބަރު 7ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ޢުދުވާނީ ޙަމަލާ ދޭންފެށި ފަހުން މިހާތަނަށް ފަލަސްތީނުގެ 22600 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 57910 މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެ އޭގެ ތެރެއިން ގިނަ މީހުން ނުކުޅެދޭ މީހުންނަށް ވެފައެވެ. ޔަހޫދީންގެ ތެރެއިން މަރުވި މީހުންގެ ޢަދަދު މުރާޖާކުރުމަށް ފަހު އެންމެ ފަހުން އިސްރާއީލުން އިޢުލާނުކޮށްފައިވަނީ 1139ކަމަށެވެ.

____________________________

ލަފުޒެއްގެ މާނަ:

މުރާޖާ    ނ.     ކަމެއް ނުވަތަ އެއްޗެއް ރަނގަޅުތޯ ނުވަތަ ފުރިހަމަތޯ ނުވަތަ ފުދޭވަރުވޭތޯ ކަށަވަރުކޮށް އިސްލާހުކުރުމަށް ޓަކައި ކުރާ މަސައްކަތް.

Advertisement

ކޮމެންޓް