Advertisement

'މަސްޖިދު މުޙަންމަދު'ގައި މިއަދު ކުރެވުނު ހުކުރު: މައްސަލައަކީ ކޮބާ؟

05 Jan 2024 | 18:46
ޚަޠީބު މިންބަރުގައި އިށީނދެވަޑައިގެން

މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންކަމާ މެދު އިސްލާޙީ ނަޒަރަކުން ބިނާކުރަނިވި ފާޑުކިޔުމަކީ ރަނގަޅުކަމެކެވެ. ކުރާންޖެހޭ ކަމެކެވެ. ނަމަވެސް ފާޑުކިޔުމުގެ ކުރީން އެ ކަމެއް އޮތް ގޮތް ސާފުކޮށްލާންޖެހެއެވެ. އަދި ފާޑުކިޔާންވީ ކޮން ކަމަކާކަން ވެސް ނޭނގި ފާޑުކިޔުމަކީ އަދި މާ ދެރަވަރު ކަމެކެވެ. ފާޑުކިޔުމަކީ "ފަރަގު"ން ވެސް ކުރާ ކަމެކެވެ. "ފަރަގު" ތަރުހީބު ވެސް ދޭ ކަމެކެވެ. ނަމަވެސް ހަމަ ފާޑެއް ކިޔައިލާ ހިތުން، ހަގީގަތް އޮތް ގޮތް ރަނގަޅަށް ސާފުނުކޮށް ފާޑުކިޔުމަކީ ފަސާދައަށް މަގު ފަހިވާ ކަމެކެވެ. އެއީ އެ ފާޑުކިޔާ މީހާއަށް މުޖުތަމަޢުގެ ނަފުރަތު ވެސް ރައްދުވާނޭ ކަމެކެވެ.

މި ދެންނެވި ފަދަ ޒިންމާދާރުކަން ކުޑަ ފާޑުކިޔުމެއް މިއަދު މީސްމީޑިއާއިން ފެނުނެވެ. ނޫހެއްގައި ނުލިޔާކަމެއް ވެސް ނޭނގެއެވެ. ނަމަވެސް "ފަރަގު" ޓީމަށް ފެނުނީ މީސްމީޑީއާއިންނެވެ.

މީސްމީޑިއާގެ މަންސައެއްގައި އޮތް ޕޯސްޓެއްގައި އޮތީ، "ހުކުރުކޮށްދޭނެ މީހަކު ނައިސްގެން މުދިމު މިއަދު މަސްޖިދު މުޙަންމަދު ހުޅުމާލޭގައި." މިހެންނެވެ. އަޅުގަނޑުމެންގެ ޓީމުން ފާޑުކިޔަނީ އިސްލާހަށް ޓަކައިކަމަށް ވާތީ، ލެޓިން އަކުރުން ލިޔުއްވައިފައި އޮތް ޕޯސްޓާއި އެ ޕޯސްޓުކުރެއްވި ބޭފުޅެއްގެ ނަމެއް ހާމައެއް ނުކުރާނަމެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. އިސްލާމީ ވުޒާރާގެ މުވައްޒަފެއް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއެއްގެ މުވައްޒަފެން އަޅުގަނޑުމެންގެ ("ފަރަގު") ޓީމުގައެއް ނޫޅެއެވެ. އެހެންވީމާ ސަރުކާރުގެ ދިފާޢުގައި ވާހަކަދެއްކުމުގެ ހައްސިއްޔަތެއް ނުވަތަ އެ ފަދަ މުހުތާދެއް އަޅުގަނޑުމެންގެ ނެތެވެ. ނަމަވެސް ހަގީގަތް ހާމަކުރުމަކީ އަޅުގަނޑުމެންގެ އެއް މަގުސަދުކަމަށް ވާތީ މި ވާހަކަ ދަންނަވައިލާން ޖެހުނީއެވެ.

މަސްޖިދު މުޙަންމަދު، ހުޅުމާލެ<br>

ހަގީގަތުގައި މިއަދު އެ މިސްކިތުގައި އިމާމުވެ ހުކުރުކުރެއްވީ އެ މިސްކިތުގައި މިއަދު ހުކުރުކުރައްވާން ކަމާބެހޭ ވުޒާރާއިން މަތިކުރައްވައިފައިވާ ބަދީލެވެ. (ބަދަލުގައި ކުރައްވާން ތާވަލުގައި އޮތް ބޭފުޅެވެ.) އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ހުކުރު ދުވަހަކަށް އެ ހުކުރެއްގައި މާލޭ ސަރަހައްދުގައި ހުންނަ 46 މިސްކިތުގައި ހުކުރުކުރައްވާނޭ ޚަޠީބުން ކަނޑައަޅުއްވައި ބުރާސްފަތި ދުވަހު މެންދުރުކުރީގެ ވަގުތެއްގައި ތާވަލެއް ހަމަޖައްސަވައެވެ. އެ ތާވަލު ހުރިހާ ޚަޠީބުންނަށާއި ބަދީލުންނަށް ފޮނުއްވައެވެ. އަދި ޚުޠުބާ ވެސް އެ ދުވަހު މެންދުރުކުރީން ލިބިވަޑައިގަންނަވާ ގޮތަށް އިންތިޒާމުކުރައްވައެވެ. ޚަޠީބުންގެ ދަތިކަން ހުރި ގޮތުން ހުރިހައި މިސްކިތްތަކަށް ބަދީލުން ހަމަނުޖެއްސެވުނަސް ގިނަ މިސްކިތްތަކަށް ބަދީލުން ވެސް ކަނޑައަޅުއްވައިފައި ހުރެއެވެ.

މިއަދު (2024 ޖަނަވަރީ 5) ހުކުރު ތާވަލުގައި ހުޅުމާލޭ "މަސްޖިދު މުޙަންމަދު"ގައި ހުކުރުކުރައްވާނޭ ޚަޠީބަކަށް ހަމަޖައްސަވައިފައި ވަނީ ޢާޒިމް ޚާލިދު ކިޔާ ބޭފުޅެކެވެ. ޚަޠީބަށް ކުއްލިއަކަށް ކަމެއް ދިމާވެގެން ވަޑައިނުގެންނެވޭނެ ފަދަ ޙާލަތެއް ދިމާވެއްޖެ ނަމަ، ބަދަލުގައި ހުކުރުކުރައްވާން (ބަދީލަކަށް) ހަމަޖައްސަވައިފައި ވަނީ ޢަދުނާނު ޔޫސުފެވެ. ކަން ދިމާވި ގޮތުން ޢަދުނާނު ޔޫސުފަކީ އެ މިސްކިތުގެ އިމާމު ވެސް މެއެވެ. ތިރީގައި އެ ވަނީ މިއަދުގެ ހުކުރު ތާވަލުގެ ތަންކޮޅެކެވެ. މަސްޖިދު މުޙަންމަދުގައި ބަދީލެއްގެ ގޮތުން އިމާމުވެ ހުކުރުކުރައްވާން ކަނޑައެޅިފައި އޮތީ ކޮން ބޭފުޅެއްކަން މި ތާވަލުން ސާފުވެވަޑައިގަންނަވާނެއެވެ.

މިއަދު ހުކުރުކުރައްވާން ވީ ގޮތް ދަންނަވައި އިސްލާމީ ވުޒާރާއިން އިއްޔެ ކަނޑައެޅުއްވި ތާވަލުގެ ތަންކޮޅެއް<br>

"ފަރަގު" ޓީމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މަސްޖިދު މުޙަންމަދަށް ކަނޑައަޅުއްވައިފައިވާ ޚަޠީބަށް ޞިއްޙީ ކުއްލި ކަމެއް ދިމާވެގެން ވަޑައިގެންނެވޭ ގޮތް ނުވީއެވެ. އެހެންވެ، ހަމަޖެހިފައި އޮންނަ އުޞޫލުން އެ މިސްކިތަށް ހަމަޖައްސަވައިފައިވާ ބަދީލު ހުކުރުކުރެއްވީއެވެ. މިއީ "ހުކުރުކޮށްދޭނެ މީހަކު ނައިސްގެން" ކުރެއްވި ކަމެއް ނޫނެވެ. މިއީ އެ މިސްކިތުގައި މިއަދު ހުކުރުކުރައްވާން ކުރީއްސުރެ ހަމަޖައްސަވައިފައި އޮތް އުޞޫލުން ހިނގި ކަމެކެވެ. މި ކަމުގައި ފާޑުކިޔާނެ އެއްވެސް ކަމެއް ނެތެވެ. އެހެނީ ޢަދުނާނު ޔޫސުފަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "ޚަޠީބުންގެ ލިސްޓު"ގައި ނަން އޮންނަ ބޭފުޅެކެވެ. އަދި ދިމާވާ ސަބަބަކާ ހުރެ ޚަޠީބަށް ވަޑައިނުގެންނެވިއްޖެ ނަމަ، މިއަދު އެ މިސްކިތުގައި އިމާމުވެ ހުކުރުކުރައްވާން ޖެހިވަޑައިގަންނަވާނެކަން އޭނާއަށް އޮތީ އަންގަވައި އެކަން ޙަވާލުކުރައްވައިފައެވެ. އޭނާ ހުންނެވީ އެ ކަމަށް ތައްޔާރުވެވަޑައިގެންނެވެ. ވީމާ، މި ކަމާ މެދު ހަގީގަތުގައި ފާޑުކިޔާނޭ ކަމެއް ނެތެވެ.

ފާޑު ވިދާޅުވާން ވާނީ އިސްލާޙީ ނަޒަރަކުންނެވެ. ބަދީލުގެ ހެދުންކޮޅާމެދު މީހަކު އެއްޗެކޭ ބުނި ނަމަ، އެއީ ބަލައިގަނެވިދާނެ ފާޑުކިޔުމަކަށް ވީހެވެ. އެހެނީ، އިމާމުވެ ހުކުރުކުރައްވާ ބޭފުޅުންގެ ހެދުންކޮޅު ހުންނާންވާ ގޮތުގެ މިންގަނޑެއް މި ދިޔަ އަހަރު ވަނީ ކަނޑައަޅުއްވައި އެ އަހަރު އޮގަސްޓު މަހު 18އިން ފެށިގެން ޢަމަލުކުރައްވާން ފައްޓަވައިފައެވެ. ވީމާ، ހުކުރުކުރައްވާން ޖެހިވަޑައިގެންފާނެކަމަށް ބައްލަވައިގެން ބަދީލު ވެސް ހުންނަވާން ވާނީ އިމާމަށް ކަނޑައެޅިފައިވާ ހެދުންކޮޅުގައިކަމަށް ގަބޫލުކުރެވެއެވެ. ނުވަތަ އެ ފަދަ ހެދުންކޮޅެއް މިސްކިތުގައި ބާއްވަވާންވާނެއެވެ. މިއަދު އިމާމުވެވަޑައިގެން ޢަދުނާނު ހުކުރުކުރެއްވީ، "ހުކުރުކޮށްދޭނެ މީހަކު ނައިސްގެން"ކަމަށް، ފާޑު ވިދާޅުވި ބޭފުޅަކަށް ހީފުޅުވީ ވެސް ހެދުންކޮޅުގެ ސަބަބުންކަމަށް ވެދާނެއެވެ. ވީމާ މިއީ ބަދީލުން ވެސް ސަމާލުކަން ދެއްވުން ރަނގަޅު ނުކުތާއެއްކަމަށް "ފަރަގު" ދެކެއެވެ. މި ކަން އިސްލާމީ ކަންތައްތާ ބެހޭ ވުޒާރާއިން ބަދީލުންނަށް ހަނދުމަފުޅުކޮށް އެރުވުމަކީ ވެސް ރަނގަޅުކަމެކެވެ.

ކޮންމެ ގޮތެއް ވިޔަސް، މިއަދު ހުކުރުކުރައްވާން އިސްލާމީ ވުޒާރާއިން ކަނޑައަޅުއްވައިފައި އޮތް ތާވަލާ ޚިލާފަށް އެއްވެސް މިސްކިތެއްގައި ހުކުރުގެ ކަންތައް ހިނގައިފައެއް ނެތެވެ. ހުޅުމާލޭ މަސްޖިދު މުޙަންމަދުގައި ހުކުރުކުރެއްވީ އެ މިސްކިތުގައި (ބަދީލެއްގެ ގޮތުން) ހުކުރުކުރައްވާން ތާވަލުގައި ކަނޑައެޅިފައިވާ ޚަޠީބެވެ. އެއީ ކަނޑައެޅިފައިވާ އިންތިޒާމާ އެއް ގޮތަށް ހިނގައިފައިވާ ކަމެކެވެ. އެއްވެސް މައްސަލައެއް، އެއްވެސް ލަސްވުމެއް، އެއްވެސް މިސްކިތެއްގައި ދިމާވެފައެއް ނެތެވެ. ވީމާ މަސްޖިދު މުޙަންމަދުގައި ހުކުރުކުރެއްވި ޚަޠީބާ ބެހޭ ގޮތުން މީސްމީޑިއާގައި ފާޑުވިދާޅުވެފައިވާ ބޭފުޅަކު ވިދާޅުވެފައިވަނީ ރަނގަޅު ފާޑުވިދާޅުވުމެއް ނޫނެވެ. ފޑުވިދާޅުވާންވާނެއެވެ. ނަމަވެސް ފާޑުވިދާޅުވާންވާނީ އަސްލެއްގެ މައްޗަށް ބިނާކުރައްވައިގެންނެވެ. ބިނާކުރަނިވި ގޮތެއްގައެވެ.

_____________________________

ބައެއް ލަފުޒުގެ މާނަ:

ބަދީލު   ނ.    (1)  ކުރިމަގުގައި ހިނގައިފާނެކަމަށް ނުވަތަ ކުރިމަތިވެދާނެކަމަށް ބަލާ ޙާލަތު ނޫން ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާން ރާވާ ރޭވުން. (2) ކަމަކަށް ކަނޑައެޅިފައިވާ މީހާގެ ނުވަތަ އެއްޗެއްގެ ބަދަލު.

ޚަޠީބު   ނ.    (1) އިމާމުވެ ހުކުރު ނަމާދުކުރާ މީހާ. (2) ހުކުރުގައި ޚުޠުބާ ކިޔާ މީހާ. (3) ކަތީބު.

މިންބަރު  ނ.    މިސްކިތުގައި ޚުޠުބާ ކިޔާމީހާ އަރައި ހުންނާން ހަދައިފައި ހުންނަ އެތި ނުވަތަ ތަން.

މުހުތާދު   ނ.   ބޭނުން.

Advertisement

ކޮމެންޓް
ޝަރުތު
ހިސާބަކަށް ލިޔުމުގެ ކުށް (އަތުކުށްތޯ؟) އެބަހުއްޓެވެ.
05 Jan 2024
މަރީ
ވަރަށް ބިނާކުރަނިވި ފަޑުކިޔުމެއް. "ފަރަގު" ހަމަ ހަގީގަތުގައި ވެސް ފަރަގުކަމަށް ގަބޫލުކުރެވެއެވެ.
05 Jan 2024
އިބްނި މުހަންމަދު
ސަރުކާރަށް ސަނާކިޔާން ފެށީތަ؟
08 Jan 2024