Advertisement

'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެ ކަމުގެ ސަބަބާއި އަދި އެ ކަމުގެ ހައްލުގެ މައްޗަށް ބަލައިލުން (3)

04 Jan 2024 | 08:49
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

(30.12.2023ގައި ޝާއިޢުކުރެވުނު ބައާ ގުޅޭ)

މި ލިޔުމުގެ ފުރަތަމަ ބައިގައި އިސްލާމް ދީނުގައި ދީނުގެ މަފުހޫމަކީ ކޮބައިކަމާއި އެ މަފުހޫމުގެ މާނަ ދެނެގަތުމުގެ ގޮތުން ދެނެގަންނާން ޖެހޭނޭ ހަތަރު ލަފުޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފުޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮކަންތައްތައް ކޮށް، އަދި، ނުބައިކަންތައް ކުރުމުން ދުރުހެލިވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެ ބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮ ގޮތަކީ ކޮބައިކަން ކަނޑައަޅައިލުމާއި އެ ގޮތް ތަފުސީލީ ސިފައެއްގައި ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާން ކުރެވުނެވެ.

މި ލިޔުމުގެ ދެވަނަ ބައިގައި ޝަރީއަތުގެ ހުކުމްތައް ޖުމްލަ ގޮތެއްގައި ބެހިގެންވާ ދެ ބައިގެ މައްޗަށް ބަލައިލެވުނެވެ. އިންސާނާގެ ފަރުދީ ހަޔާތާ ގުޅޭ ބަޔާއި އަދި މުޖުތަމައީ ކަންތައްތައް ހިންގުމާ ބެހޭ ބައެވެ. ހަނދާން އާކޮށްލުމުގެ ގޮތުން މި ދެ ބައިގެ ޚުލާސާއެއް ލިޔެލާނަމެވެ. ޝަރީއަތުގެ ތައުލީމާތުތަކުގެ ފުރަތަމަ ބައިގައި ހިމެނެނީ އަޅުކަމާއި ހަލާލު-ހަރާން ކަންތަކެވެ. މި ބައިގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. އެ ކަން ކުރުމުގެ ޒިންމާ އުފުލާން ޖެހެނީ ކޮންމެ މުއުމިނު ފަރުދެކެވެ. މިއީ ޝަރީއަތުގެ ޚާލިސް 'ދީނީ'ބައިކަމުގައި ބެލެވެއެވެ. ތަނާއި ޒަމާނާ ގުޅުވައި މި ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައު ހިންގުމާއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ މަގުސަދަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި ބައިގައި ހިމެނޭ ހުކުމްތައް އިބާރަތްކުރެވިފައި ވަނީ އެ ހުކުމްތަކުގެ މަގުސަދުތަކުގެ މައްޗަށް ބާރުއެޅިގެންނެވެ. މި ކަންކަން ހިންގައިލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށެވެ. ނުވަތަ ހާކިމާ އައްޔަނުކުރާ ފަރާތަކަށެވެ. މި ކަންކަން ހިންގުމުގެ ބާރު، އަމިއްލަ ފަރުދުންނަށް ލިބިގެން ނުވެއެވެ.

ދެން އިސްލާމީ ދީނީ ފިކުރު ހަރުކަށިވާ ސަބަބުތަކުގެ މައްޗަށް ބަލައިލާނަމެވެ.

އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ތައާރުފެއް

މި ހިސާބުން ’އިސްލާމީ ހަރުކަށި ފިކުރު‘ މި މަފުހޫމުގެ ތައާރުފެއް، ’އިސްލާމީ ހަރުކަށި ފިކުރަކީ‘ ކޮބައިކަން، ކަނޑައަޅައިލާން ޖެހެއެވެ. އިލްމީ ދިރާސާތުތަކުގައި މި މަފުހޫމުގެ މާނަ ކަނޑައަޅައިލެވެނީ މި ފަދައިންނެވެ. 'އިސްލާމީ ހަރުކަށި ފިކުރަކީ'، އިސްލާން ދީނުގެ ފިކުރު ނޫން އެހެން ހުރިހާ ފިކުރަކީ ބާތިލު ފިކުރެއްކަމުގައި ދެކި، އެ ކަން މުޖުތަމައުގައި ގަދަކަމުން ހިންގައިލާން އުޅުމެވެ.

މި ތަނުގައި އިސްލާމީ ދީނުގެ ފިކުރޭ ބުނެ އިޝާރަތްކުރެވެނީ އިސްލާމީ ޝަރީއަތުގެ އިލްމުގައި ބަޔާންކޮށްދެވިފައިވާ ފިކުރަށެވެ. މި ތަނުގައި ދީން ބޭނުން ކުރެވިފައި މި ވަނީ މި ލިޔުމުގެ ފުރަތަމަ ބައިގައި ދީނުގެ މާނަ ބަޔާންކުރެވުނު އިރު ބަޔާންކުރި ޚާއްސަ މާނައިގައެއް ނޫނެވެ. މާތްކަލާނގެއަށް ކިޔަމަންގަނެ، މުއުމިނާ އެކަލާނގެއާ އުފައްދާ ގުޅުމުގެ މާނައިގައެއް ނޫނެވެ. ނަމަވެސް، ދީނުގެ އާންމު މާނައިގައެވެ. އިސްލާމީ ޝަރިއާތުގެ ހުރިހާ އުނގަންނައިދިނުން އޭގެ ތަފުސީލާ އެކު ހިމެނޭ އާންމު މާނައިގައެވެ. އާދެ، ’ރެލިޖަން’ގެ މާނާއިގައެވެ.

އިސްލާމީ ދީނީ ހަރުކަށު ފިކުރުގެ އަހުލުވެރީން ދެކޭ ގޮތުގައި އިސްލާމީ ޝަރީއަތުގެ ތަފުސީލު ބަޔާންކުރެވިފައި ވަނީ ކީރިތި ޤުރުއާނުގައްޔާއި ސުންނީ ހަދީސް ފޮތްތަކުގައްޔާއި އަދި އިމާމުވެރި، (އިމާމު އަބޫ ޙަނީފާ، އިމާމު މާލިކު، އިމާމު ޝާފިޢީ އަދި އިމާމު އަޙްމަދު އިބްނު ޙަންބަލް، މި) ފިގުހުވެރީންގެ މަޒުހަބީ ފިގުހު ފޮތްތަކުގައެވެ. އާދެ، ޙަނަފީ، މާލިކީ، ޝާފިއީ އަދި ޙަންބަލީ ފިގުހު ފޮތްތަކުގައެވެ. މި ފަދަ ފިކުރުގެ އަހުލުވެރީންގެ ތެރޭގައި ވެސް، ’ހަރުކަށިވުމުގެ‘ ތަފާތު ދަރަޖަތަކެއް ވެއެވެ. މީގެ ތެރެއިން އެންމެ މަތީގައި ހިމެނެނީ، ޝަރީއަތުގެ އިލްމު ބަޔާންކުރެވިފައިވަނީ ކީރިތި ޤުރުއާނުގައްޔާއި އަދި ހަދީސް ފޮތްތަކުގައޭ ބުނެ، ފިގުހީ ފޮތްތަކަކީ ވެސް، ޝަރީއަތުގެ އިލްމު ދެނެގަތުމުގައި، އެ ފޮތްތައް، ބަލައި، އެ ފޮތްތަކަށް ކޮންމެހެން ރިއާޔަތްކުރާން ޖެހޭ ފޮތްތަކެއް ނޫންކަމަށް ދެކޭ މީހުންނެވެ. އަނެއް ބަޔަކީ، ފިގުހީ ފޮތްތަކުގައި ޝަރީއަތުގެ މައްސަލަތައް ވަކި ގޮތަކަށް ނިންމައިފައި ވާ އިރު، އެ ނިންމުން، ކީރިތި ޤުރުއާނުގެ، ނޫނީ ހަދީސްތަކުގެ ނައްޞުތަކުގެ (ޓެކްސްޓުތަކުގެ) ބޭރު ފުށުގެ މާނައާ ފުށުއަރާ ނަމަ، މި ބޭރުފުށުގެ މާނައަށް އިސްކަންދޭ މީހުންނެވެ. ތިންވަނަ ބަޔަކީ ޝަރީއަތުގެ އިލްމުގެ އެންމެ ފަހުގެ ނިންމުމަކީ ފިގުހު ފޮތްތަކުގައި ނިންމައިފައިވާ ގޮތް ކަމުގައި ދެކޭ މީހުންނެވެ.

މުޖުތަމައުގައި އިސްލާމީ ޝަރީއަތް ހިންގައިލުމާ ބެހޭ ގޮތުން ވެސް، މި ތިން ބައި މީހުންގެ ތެރޭގައި ވެސް ތަފާތުތަކެއް ވެއެވެ. މީގެ ތެރެއިން، އެއް ބަޔަކީ، މި ކަންކަމީ، މައިގަނޑު ގޮތެއްގައި، ހަމައެކަނި ގަބޫލުކުރުންތަކެއްގެ ގޮތުގައި ދެކޭ ބަޔެކެވެ. އެ މީހުން ގަބޫލުކުރާ ގޮތް ހަގީގަތަކަށް ވުމަށް އެދި ތިބި ކަމުގައި ވިޔަސް، ބާރުގެ ބޭނުންކޮށްގެން، މުޖުތަމުގައި، އެ މީހުން މާނަކުރާ ގޮތަށް، ޝަރީއަތުގެ އިލްމު ހިންގައިލާކަށް އެ މީހުން ބޭނުމެއް ނުވެއެވެ. އަނެއް ބައި މީހުންނަކީ، ތަނުގެ ގާނޫނުތަކާއި ގަވާއިދުތަކަކީ، އެ މީހުންގެ ނަޒަރުގައި، އިސްލާމީ ޝަރީއަތާ ޚިލާފު އެއްޗެހިކަމަށް ދެކި، އިސްލާމީ ޝަރީއަތް އަމިއްލައަށް މާނަކޮށް، އެ ގޮތްތައް، ހިންގައިލާން އުޅޭ މީހުންނެވެ. ނަމަވެސް، މި ގޮތް ގަބޫލުކުރާ އެންމެންނަކީ، ހުރިހާ ވަގުތެއްގައި ބާރުގެ ބޭނުންކޮށްގެން، ޝަރީއަތުގެ ހުކުމްތައް އެ މީހުން މާނަކުރާ ގޮތަކަށް ހިންގައިލާން އުޅޭ މީހުންނެއް ވެސް ނޫނެވެ. ޝައްކެތް ނެތް ގޮތުގައި، އެ ފަދަ މީހުން ވެސް މި ބައިގެ ތެރޭގައި ހިމެނެއެވެ. މީގެ އެއް މިސާލަކީ އައިސިސް (އިރާގާއި ޝާމުކަރައިގެ އިސްލާމީ ދައުލަތް) މި ޖަމާއަތުގެ މީހުންނެވެ. މީގެ ތެރޭގައި ހިމެނޭ އަނެއް ބައި މީހުންނަކީ، ކައިވެންޏާ ބެހޭ ކަންކަން ފަދަ ބައެއް ކަހަލަ ހުކުމްތައް، އިސްލާމީ ޝަރީއަތް، އެ މީހުން އަމިއްލައަށް މާނަކުރާ ގޮތަކަށް، އެ ގޮތް ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުވެ، ފުށުއެރި ކަމުގައި ވިޔަސް، ހިންގައިލާ މީހުންނެވެ. މިސާލަކަށް، ގާނޫނުތަކުގައި ކައިވެނިކުރުމުގެ އެންމެ ހަގު އުމުރަކީ އަށާރަ އަހަރު ކަމުގައި ކަނޑައެޅިފައި އޮތަސް، މިއާ ޚިލާފަށް، އެއަށް ވުރެ ހަގު އުމުރުގައި ވެސް، ގާނޫނާއި ގަވާއިދުގެ އޮނިގަނޑުން ބޭރުން، އެބަހީ އަމިއްލަ ’ގާޒީންނާއި‘ އަމިއްލަ ’ހެކީން‘ ބައިތިއްބައިގެން، ކައިވެނީގެ ރަސްމުތައް އަމިއްލައަށް ނިންމައިލާ މީހުންނެވެ. ޝައްކެތް ނެތް ގޮތުގައި މި ފަދަ މީސް މީހުން ރާއްޖޭގައި ވެސް އުޅެއެވެ. މީގެ ހެކި، މި ފަދަ މީސްމީހުން ހިންގާ ފޭސްބުކް ފަދަ ޚަބަރު ފަތުރާ އިޖުތިމާއީ ވަސީލަތްތަކުގެ ސަފުހާތަކުން، ފެންނާނެއެވެ.

މި ވާހަކަ ކޮޅުން، ’އިސްލާމީ ހަރުކަށި ފިކުރޭ‘ ބުނެ އިޝާރަތްކުރާ މާނަ، ކޮންމެވެސް ވަރަކަށް ނަމަވެސް، ސާފުވެދާނެ ކަމަށް އުންމީދުކުރަމެވެ. މި ފިކުރުގެ މާނައިގެ ޚުލާސާއަކީ، އިސްލާމީ ޝަރީއަތުގެ ހުކުމްތައް، ބައެއް ފަހަރު، ކީރިތި ޤުރުއާނާއި ހަދީސްގެ ނައްޞު (ޓެކްސްޓު)ތަކުގެ ބޭރު ފުށުގެ މާނައަށް ބަލައި، އޭގެ މާނަ އަމިއްލައަށް ކަނޑައަޅައި، އަދި އަނެއް ބައިފަހަރު، ފިގުހުގައި މި ނައްސުތައް މާނަކުރެވިފައި ހުރި ގޮތަށް ބަލައި، އެ މީހުން މާނަކުރާ ގޮތަކީ ހަމަ އެކަނި ރަނގަޅު ގޮތް ކަމަށް ދެކި، އެހެން ހުރިހާ ގޮތްތަކަކީ، އެއީ، އެހެން މުސްލިމުން އިސްލާމީ ޝަރިއަތް މާނަކުރާ ގޮތް ކަމުގައި ވިޔަސް، ނޫނީ މުސްލިމު ނޫން އެހެން މީހުންގެ ދީނާ ނުގެޅޭ، ޑިމޮކުރަސީ، ދައުލަތް ތަމްވީލުކުރުމުގެ ނިޒާމު، ޓެކުހުގެ ނިޒާމު، ރައުސްމާލިއްޔަތު މައްޗަށް ބިނާވާ އިގުތިސާދު، ފަދަ ފިކުރު ވިޔަސް، މި ހުރިހައި ފިކުރަކީ ވެސް ބާތިލު ފިކުރުކަމުގައި ދެކި، އެ މީހުން ގަބޫލުކުރާ ގޮތް ހިންގައިލާން އެދޭ، ނުވަތަ އަމިއްލައަށް ހިންގައިލާން އުޅޭ މީހުންގެ ފިކުރެވެ. މި ފިކުރަށް އިސްލާމް ދީނުގެ ތައުލީމާތުގެ ހަރުކަށި ފިކުރޭ ނުވަތަ އިސްލާމީ ޝަރީއަތުގެ ހަރުކަށި ފިކުރޭ‘ ކިޔިދާނެއެވެ. މި ފިކުރަށް އިޝާރަތްކޮށް ދެން، މި ލިޔުމުގައި، ތިރީގައި ބޭނުންކުރެވޭނީ ’އިސްލާމީ ދީނީ ހަރުކަށި ފިކުރު‘ މި އިބާރާތެވެ.

އިސްލާމީ ޝަރީއަތުގެ ފިކުރު ހަރުކަށިވުމުގެ ސަބަބުތައް

އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުތަކުގެ މައްޗަށް ބަލައިލާ އިރު، މައިގަނޑު ދެ ކަމެއްގެ ތެރޭގައި މި ސަބަބުތައް ޖަމާކޮށްލެވިދާނެއެވެ. ފުރަތަމަ ކަން ގުޅެނީ އިސްލާމް ދީނުގެ ތައުލީމާތުތައް، މި ޒަމާނުގައި ހިންގައިލާނީ ކިހިނެއްކަން ބަޔާންކުރުމާއެވެ. މިޒަމާނޭ ބުނެ، އިޝާރަތް މި ކުރަނީ ހަދާސަތު، ނޫނީ އަސްރާނިއްޔަތު އާދެ، މޮޑާނިޓީ، މި މައްސަލައާއެވެ. ހަދާސަތުގެ މަފުހޫމު ގުޅެނީ މީލާދީ ސަނަތުން 17ވަނަ ގަރުން ފެށިގެން އަންނަމުން ދިޔަ ބޮޑު ބަދަލާއެވެ. ސިނާއަތުގެ އިންގިލާބާއި އަދި ތަންވީރީ ފިކުރުގެ ހަރާކާތްތަކުގެ ސަބަބުންނެވެ. ސިނާއަތުގެ އިންގިލާބުގެ ސަބަބުން، އަތުން ފައިން ކުރަމުން އައި މަސައްކަތްތައް މެޝީނުތަކުގެ ޒަރީއާއިން ކުރެވޭން ފެށިއެވެ. މީގެ ސަބަބުން، ގަނޑުކޮށް، ގިނަ އަދަދަކަށް މުދާ އުފެއްދޭން މެދުވެރިވިއެވެ. ހަމަ އެހެންމެ، މި އިންގިލާބުގެ ސަބަބުން، އަމިއްލަ، ނުވަތަ ގައުމެއްގެ، ބޭނުންތައް ފުއްދުމުގެ މައްޗަށް އުފެއްދުންތެރިކަން، މައިގަނޑު ގޮތެއްގައި، ބިނާވެފައި އޮތް އިގުތިސާދު، ރައުސްމާލީ، ބާޒާރީ އިގުތިސާދަކަށް (ކެޕިޓަލިސްޓް މާކެޓް އިކޮނޮމީ އަކަށް) ބަދަލުވެގެން ދިޔައެވެ. ފައިސާގެ މަފުހޫމު ވެސް ބަދަލުވެގެން ދިޔައެވެ. އޭގެ ޒާތަށް ބަލައި، ފައިސާގެ އަގު ކަނޑައެޅުމުގެ ބަދަލުގައި، ތަނެއްގެ އިގުތިސާދުގެ ބާރާއި، މުދާ އުފެއްދުމާއި، ވަޒީފާ ލިބުމުގެ ފުރުސަތާއި އެއްޗެހީގެ އަގު މައްޗަށް ދިޔުން ފަދަ ބާޒާރީ އާމިލުތަކުގެ (މާކެޓް ފެކްޓާސްގެ) މައްޗަށް ބަލައި ފައިސާގެ އަގު ކަނޑައަޅައިލެވުމެވެ. ތަންވީރީ ފިކުރުގެ ސަބަބުން، އާ ޚިޔާލުތައް އާންމުގެ ތެރެއަށް ތައާރުފު ވިއެވެ. މީގެ ތެރޭގައި، ވެރިކަމުގެ ނިޒާމު އޮންނާން ޖެހޭނީ ކިހިނެއްކަމާއި، ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގާއި އެ މީހުންގެ މަސްއޫލިއްޔަތާއި ވެރީންނާ އެ މީހުންގެ ދެމެދުގައި އޮންނަ ގުޅުމަކީ ކޮބައިކަމާއި، އިންސާނީ ހައްގުތަކަކީ ކޮބައި ކަމާއި، ދެޖިންސުގެ ދެމެދުގެ ހަމަހަމަކަމާއި، މި ފަދަ ކަންކަމާ ބެހޭ ގޮތުން ޚިޔާލުތައް ފާޅުކުރެވުނެވެ. ކޮންމެއަކަސް، ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ޚިޔާލުތައް، ދުނިޔެއަށް ހަދާސަތު، އާދެ، ކުރީން ދެކިފައި ނުވާ މުޅީން އާ އަސްރެއް، ޒަމާނެއް، ގެނުވިއެވެ.

ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރު ދުނިޔެއަށް ގެނައި އާ ޒަމާނާ މުސްލިމުން ވެސް ކުރިމަތިލާން ޖެހުނެވެ. ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ފައިދާ މުސްލިމުން ވެސް ލިބިގަތެވެ. މިސާލަކަށް ދަތުރު ފަތުރުކުރުމުގައެވެ. އެކިއެކި ޖަނަވާރުތަކުގެ ބަދަލުގައި ކާރާއި ބަހާއި ޓުރޭމާއި ރޭލު، ދަތުރުކުރާން ބޭނުންކުރެމުވެ. ރިޔަލު ދޯންޏައި އޮޑީގެ ބަދަލުގައި އާގުބޯޓާއި އިންޖީނު އެޅި ބޯޓު ފަހަރު ބޭނުންކުރުމެވެ. މަތީންދާބޯޓު ބޭނުންކޮށް ވައިގެ މަގުން ދަތުރުކުރުމެވެ. މީގެ އިތުރަށް އެހެން ދާއިރާތަކުގައި، ސިނާއީ އިންގިލާބާއި ތަންވީރީ ފިކުރުގެ ކުރިއެރުން ގެނުވި ފަސޭހަތައް ވެސް މުސްލިމު ބަލައިގަތެވެ.

މި ބޮޑު ބަދަލު އައި ކަމުގައި ވިޔަސް، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް މި ބޮޑު ބަދަލަށް ފެތޭ ގޮތަށް ކާމިޔާބީއާއެކު ހަމަޖެއްސޭ ގޮތެއް ނުވެއެވެ. އިސްލާމީ ފިގުހު ބިނާވެފައި އޮތީ ހަދާސަތުގެ ކުރީގެ ޒަމާނުގެ (ޕްރީ-މޮޑާނިޓީގައި) ކަންތައްތައް ކުރަމުން އައި ގޮތުގެ ތަސައްވުރުގެ މައްޗަށެވެ. މި ކަން ދެނެގަނެ، އިހުގެ އުސޫލުތަކަކީ ކޮބައިކަން ފާހަގަކޮށް އެ އުސޫލުތަކުގެ މައްޗަށް އަލުން އާ ސިފައެއް ދިނުމުގެ މަސައްކަތެއް، ކާމިޔާބީ، ގޮތެއްގައި މުސްލިމުންނަކަށް އަދި ކުރެވިފައެއް ނެތެވެ. މި މަސައްކަތް 18ވަނަ ގަރުނުގައި މުސްލިމުންގެ މެދުގައި ކުރެވޭން ފެށުނެވެ. ނަމަވެސް، އެ ކަމަށް މުސްލިމު ގައުމުތަކުގައި މާ ބޮޑު ތަރުހީބެއް ނުލިބެއެވެ. މީގެ އިތުރު ތަފުސީލު، ފަހުން، އިސްލާމީ ދީނީ ހަރުކަށި ފިކުރުގެ ހައްލުގެ ވާހަކަ ދެއްކޭއިރު ގެނެވޭނެއެވެ. މި ތާގައި ފާހަގަކޮށްލާން ބޭނުންވަނީ އިސްލާމީ ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައިގަނޑު އެއް ސަބަބަކީ، އިސްލާމީ ޝަރީއަތުގެ ތައުލީމާތުތައް، ހަދާސަތު ނުވަތަ މޮޑާނިޓީ އާދެ، ސަތާރަވަނަ ގަރުނާއި އަށާރަވަނަ ގަރުނާ ހަމައިން ފެށިގެން ދުނިޔެއަށް ތައާރުފުވެގެން ދިޔަ އާ ޒަމާނާއި، އިސްލާމީ ޝަރީއަތުގެ އަލީގައި، އެ ޝަރީއަތުގެ ތައުލީމާތުތައް ފިގުހުގައި ބަޔާންކުރެވިފައިވާ ބަޔާންކުރުމަށް ގެންނާން ޖެހެނީ ކޮން ބަދަލުތަކެއްކަން ކަނޑައަޅައި މި އާ ޒަމާނާ ގުޅޭ، އާ ފިގުހެއް އަދި އުފެއްދިފައި ނުވާތީއެވެ. މީގެ އިތުރު ތަފުސީލު ފަހުން ގެނެވޭނެއެވެ.

އިސްލާމީ ހަރުކަށި ފިކުރު ފެތުރުމުގެ ދެވަނަ ސަބަބު ގުޅެނީ ސިޔާސަތާއެވެ. އިސްލާމީ ގައުމުތަކުގެ ސިޔާސީ ނިޒާމާއެވެ. ސިޔާސީ ނިޒާމުތަކުން ގަސްދުކުރެވޭ ހަގީގީ ފައިދާ އާންމުންނަށް ނުލިބުމާއެވެ. ތަރައްގީގެ ނަމުގައި އެތައް އަހަރުތަކެއް ވޭތުވީ އިރު ވެސް، އެ މީހުންގެ އާންމު ދިރިއުޅުމުގެ ހާލާތަށް، ހެޔޮ ބަދަލެއް ނައުމާއެވެ.

އިސްލާމީ ގައުމުތަކުގައި އޮތް ސިޔާސީ ނިޒާމުތަކަކީ އިސްލާމީ އަގުތަކަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެގެން އޮތް ނިޒާމުތަކެއް ނޫނެވެ. މި ތަނުގައި ސިޔާސީ ނިޒާމެ ބުނެ އިޝާރަތް މިކުރަނީ ތަނެއްގެ ޖަމާއީ ހަޔާތް ބިނާވެ، ހަމަޖެހިފައި އޮންނަ ގޮތަށެވެ. އިސްލާމީ ސިޔާސީ ނިޒާމެއްގެ މައިގަނޑު ދެ އަސްލަކީ ހަމަހަމަކަމާއި ވެރިކަމުގައި ރައްޔިތުން ބައިވެރިކުރުމެވެ. މި އަސްލަށް ތަފާތު ސޫރަތައް ގެނެވި ތަފާތު ނަން ކިޔިދާނެއެވެ. ޚިލާފަތޭ ޖުމްހޫރިއްޔަތޭ، ޑިމޮކުރަސީއޭ ކިޔިދާނެއެވެ. މައްސަލައަކީ ނަމުގެ މައްސަލައެއް ނޫނެވެ. ކަމުގެ މައްސަލައެވެ. ކޮންމެ ސިފައެއްގައި ވެރިކަމުގެ ނިޒާމު އޮތްކަމުގައި ވިޔަސް، މަތީގައި ބުނެދިޔަ ދެއަސްލަށް ހުރުމަތްތެރިކޮށް ހިތަން ޖެހެއެވެ.

މި ނަންގަތް ދެ އަސްލުގެ ތެރެއިން ފުރަތަމަ އަސްލުގެ މައްޗަށް ބަލައިލަމާހެއްޔެވެ. ހަމަހަމަކުމުގެ އަސްލަށް އަމަލީ ސިފަ ލިބެނީ ކިހިނެއްހެއްޔެވެ؟ އެކަން ފެނިގެންދަނީ ތަނުގެ މުއްސަނދިކަން ރައްޔިތުންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމުކުރެވިގެންނެވެ. މި ފަދަ ނިޒާމެއް އޮވެއްޖެ ނަމަ، ރައްޔިތުންގެ އަސާސީ ބޭނުންތައް އޮންނާނީ ފުދިފައެވެ. ކެއުން ބުއިން، އުނުއަނުން، ބޯހިޔާކުރުން، ތައުލީމާއި ސިއްހީ ޚިދުމަތް ލިބުން، މި ކަން ހަމަޖެހިފައި އޮތުމެވެ. މުސްލިމު ގައުމުތަކުގެ މުޖުތަމާތަކަށް ބަލައިލާ އިރު، އާންމު ގޮތެއްގައި މި ކަންކަން އެންމެނަށް، ސަލާން ނުޖަހައި، އަބުރުވެރި ގޮތެއްގައި، ފުއްދޭން އޮންނަ ތަނެއް ނުފެނެއެވެ. ތަނުގެ މުއްސަނދިކަން އޮންނަނީ މަދު ބައެއްގެ މުށުތެރެއަށް ލެވި، އެމީހުންގެ މުށްކަވައިލެވިފައެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިލިޔަސް މި ހަގީގަތް ފެންނާނެއެވެ. މިސާލަކަށް ރާއްޖޭގެ ގިނަ ރަށްރަކެއް ވަނީ ތަނުގެ މަދު ބަޔެއްގެ މިލްކިއްޔާތަކަށްވެ، ނުވަތަ ބޭރު ބަޔަކަށް ވިއްކައިލެވިފައިވާ ކަހަލަ ގޮތަކަށެވެ. ތަނުގެ އާންމު ރައްޔިތުންނަށް އެ ރަށްތަކުން ލިބޭން ޖެހޭ ފައިދާ ނުލިބޭ ގޮތަކަށެވެ. އެންމެ ކުޑަވެގެން، އެ ތަންތަނުގެ ވަޒީފާގައި ސަތޭކައަކުން ދިވެހި ތިރީސް މީހުން ނޫޅެއެވެ. މިއީ ނިޒާމުގެ މައްސަލައެކެވެ. ސަރުކާރުގެ ސިޔާސަތު ކަނޑައަޅައިލުމުގެ މައްސަލައެކެވެ.

ދެން، އަދުލު އިންސާފުގެ މައްޗަށް ނަޒަރު ހިންގައިލާށެވެ. މި ކަމުގެ ހަގީގަތް ދެނެގަތުމަށް ޓަކައި މާ ދުރަށްދާކަށް ނުޖެހެއެވެ. ރާއްޖެއަށް ނަޒަރު ހިންގައިލާށެވެ. އަދި މިސުއާލުކޮށްލާށެވެ. ރާއްޖޭގައި އޮތީ އަދުލު އިންސާފުގެ ހެޔޮ ނިޒާމެއްހެއްޔެވެ؟ ނަޒާހަތްތެރި މަދު ބަޔަކު އެ ނިޒާމުގެ ދަށުގައި މަސައްކަތް ކުރިކަމުގައި ވިޔަސް، މުޅި ނިޒާމުހެން އޮތީ ފަސާދަވެފައޭ ބުނުން އެއީ ހަގީގަތާ ޚިލާފުކަމަކަށް ނުވާނެއެވެ. އެހެން ބުނެވޭން އޮތީ ކީއްވެހެއްޔެވެ؟

އެންމެ ފުރަތަމަ ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމަކީ މުސްތަގިއްލު ނިޒާމެއް ނޫނެވެ. އިހުގައި ވެސް އަދި، މިހާރު ވެސް، ތަހުގީގުތަކާއި ޝަރީއަތްކުރުމަށް، ވެރިކަމުގެ ބާރުތަކުން ނުފޫޒު ފޯރުވެއެވެ. މީގެ ދެތިން ހެކި ބަޔާންކޮށްލާނަމެވެ. އަދުލު އިންސާފުގެ ނިޒާމުގެ މަގާމުތަކަށް ބޭފުޅުން އިސްކޮށް ވަކިކުރުމަށް ސަރުކާރުގެ ނުފޫޒު އޮންނަކަމީ ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. މި ފަދައިން ކަންތައް އޮންނަ އިރު، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔެއްގެ އެންމެ މުހިންމު މަގުސަދަކަށް ވެފައި އޮންނަނީ ވަޒީފައިގައި ދެމިހުރެވޭނޭ ގޮތެއް ހެދުމެވެ. އެ ކަމަށް އޮންނަ އެންމެ މުހިންމު ވަސީލަތަކީ ސަރުކާރު ރުއްސުމެވެ. ސަރުކާރު ރުހޭ ގޮތަކަށް ހުކުމްތައްކުރުމެވެ.

އެއިރެއްގައި އޮންނަ ސަރުކާރެއް ބޭނުންވާ ގޮތަކަށް ހުކުމްތައް ނުކުރާ ފަނޑިޔާރުން ވަކިކުރުމަކީ އެންމެން ވެސް ދަންނަކަމެކެވެ. ބަލައިލާން ބޭނުން މީހަކަށް ނޫސްތަކުން މީގެ ހެކި ފެންނާނެއެވެ. އިހުގެ އުއްތަމަ ފަނޑިޔާރަކާ އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅު ނުވަތަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ. ބައެއް ކަހަލަ މައްސަލަތައް، ޚާއްސަކޮށް ސިޔާސީ މައްސަލަތައް، ނިންމައިލެވެނީ ސަރުކާރުން އަންގާ ގޮތަށެވެ. މި ބަސްދީ ގަތުން ޝާއިއު ކުރެވުނީ، އަޅުގަނޑު ހަނދާންވާ ގޮތުގައި، ހުކުރު ނޫހުގައެވެ. ދެވަނަ ހެތްކަކީ ދާދި ފަހުން ކުރިމަތިވި ކެންޔާގެ އަންހެން ކަނބަލުގެ މައްސަލަ، އެ ބަލާން ފެށުނު ގޮތާ ދިމާއިދި ކޮޅަށް އެނބުރިގެން ދިޔައީ ’މަތީން އައި ފޯނުކޯލެއްގެ‘ ސަބަބުންކަން ނޫސްތަކުގައި ކުރެވުނު ރިޕޯޓުތަކެވެ.

އަދުލު އިންސާފުގެ ނިޒާމަށް ބާރު ފޯރުވެނީ ހަމަ އެކަނި ސަރުކާރަކަށް ނޫނެވެ. ފައިސާހުރި ކޮންމެ މީހަކު، އެ މީހެއްގެ މައްސަލަ، އެ މީހަކު ބޭނުން ގޮތަކަށް ނިންމައިލާން އެދޭ ނަމަ، އެ ފުރުސަތު އެ ފަދަ ފައިސާވެރީންނަށް އޮވެއެވެ. މީގެ ގިނަ ހަގީގީ މިސާލުތައް އެބަ ހުށްޓެވެ. ޤާޟީން މީސްމީހުންނަށް ފޯނުކޮށް، ނުވަތަ މެދުވެރިއެއް މެދުވެރިކޮށް، މިވެނި އަދަދަކަށް ފައިސާ ދިނުމުން މައްސަލަތައް ނިންމައިލެވޭނޭ ބުނެފަ ހުރި މިސާލުތަކެވެ. އަދި އެ ބުނާ ގޮތަށް މައްސަލަތައް ނިމުނު ގަޟިއްޔާތަކުގެ މިސާލުތަކެވެ. މި ވާހަކަތައް ލިޔުމުގެ ބޭނުމަކީ ވަކި ބަޔަކު ފަޟީހަތްކުރުން ނޫންކަމުން، އޭގެ ތަފުސީލަށް ދިޔުމުގެ ބޭނުމެއް ނެތެވެ. މިއީ ހަގީގަތުގައި ކަން އޮތް ގޮތްކަން، ހިތާމައާއެކު، ގިނަ ބަޔަކު ފާހަގަކުރާނެހެން ހީވެއެވެ. މި ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކަން އޮތް ގޮތް ބަޔާންކުރެވޭތޯ ބެލުމެވެ. ކަން އޮތް ގޮތް ފާހަގަނުކުރެވި، ކަމެއް އިސްލާހު ނުކުރެވޭނެތީއެވެ.

ކުރީގައި ދެންނެވުނު، ގައުމެއްގެ މުޖުތަމައުގެ ބޮޑު ބައެއްގެ އަސާސީ ބޭނުންތައް ފުއްދައިދޭ ސިޔާސީ ނިޒާމެއް އެ ގައުމުގައި ނެތިފައި، އަދި މީގެ އިތުރަށް، އެ ގައުމުގެ އަދުލު އިންސާފުގެ ނިޒާމު ފަސާދަވެއްޖެ ނަމަ، ތަފާތު ފިކުރުތައް އެ ތަނުގައ އުފެދޭން މެދުވެރިވާނެއެވެ. ރާއްޖެ ފަދަ، މުސްލިމު ގައުމުތަކުގައި، މުއްސަނދިކަން، މަދު ބައެއްގެ މުށުތެރެއަށް ލެވި، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިނުދެވޭ ބޭއިންސާފުވެރި ސިޔާސީ ނިޒާތަމުތައް އޮވެފައި، އަދި އެތަންތަނުގައި އަދުލުވެރިކަން ހަމަހަމަ ގޮތެއްގައި ހިންގައިލެވޭނެ ފަދަ ނަޒާހަތްތެރި އަދުލު އިންސާފުގެ ނިޒާމެއް ނެތުމުން، އެންމެ ފަސޭހައިން، އެ ފަދަ ގައުމުތަކުގައި އުފެދޭން ދިމާވަނީ ދީނީ ހަރުކަށިކަމުގެ ފިކުރެވެ. ހުރިހައި ކަމެއް، އިސްލާމީ ޝަރީއަތް، ފިގުހުގައި އެކަން ކަނޑައެޅިފައިވާ ގޮތުގެ މަތީން، ނުވަތަ އެ ފަދަ ފިކުރުގެ ބަޔަކު މާނަކުރާ ގޮތަކަށް ހިންގައިލުމުން، މުޖުތަމައުގެ ހުރިހާ ނުބަޔަކަށް ހައްލު ލިބޭނޭކަމަށް މި ފިކުރުގެ މީހުން ބުނެއެވެ. މިއީ އަދި އެ ކަން ވާނޭ ގޮތެއް ނޫންކަން، ފެންނާން އޮތް އިރު ވެސް މެއެވެ. ސައުދީ އަރަބިއްޔާއިންނާއި، އަދި އަފުޣާނިސްތާނުގައި ހިންގައިލެވުނު ތާލިބާނުންގެ ދެ އަހަރެއްހާ ދުވަހުގެ ވެރިކަމުންނެވެ.

އާދޭހެވެ! އިސްލާމީ ދީނީ ހަރުކަށި ފިކުރު އުފެދޭން ދިމާވާ މައިގަނޑު ދެ ކަންތައް، ދީނީ ސަބަބާއި ސިޔާސީ ސަބަބު، ޖުމްލަ ގޮތެއްގައި، މި ދެންނެވުނީއެވެ. ދެން މި ކަމުގެ ބައެއް އިތުރު ތަފުސީލުގެ މައްޗަށް، ދެން އަންނަ ބައިގައި، އިރާދަކުރެއްވިއްޔާ، ބަލައިލެވޭނެއެވެ. (ނުނިމޭ)

________________________________

ބައެއް ލަފުޒުގެ މާނަ:

ދުރުހެލިވުން      މ.      (1) އެއްކިބާވުން. (2) ދޫކޮށްލުން. (3) ވަކިވެގަނެގެން އުޅުން. (4) ގުޅުން ކަނޑައިލުން.

ހަރުކަށި       ނއ.     (1) ގޮތް ދޫނުކުރާ އަމިއްލަ ގޮތެއް ހުރި.(މަޖާޒު) (2) ގަދަބަދަވިކަން ބޮޑު. (3) ރަޙުމު ކުޑަ. (4) މަޑުމައިތިރިކަމުގެ އިދިކޮޅު. (5) އޮބައިނުލެވޭ ނުވަތަ ލަނބައިނުލެވޭ. (6) ފުރާނަ ހުރި އެއްޗެއް މަރުވިތާ ގިނައިރު ވެގެން ހުޅުހުޅުން ނުލެނބޭ ވަރަށް ވެފައިވާ ހަރު.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް