Advertisement

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން (1)

03 Jan 2024 | 18:02
.

ޢަބްދުﷲ ފާރޫޤު ޙަސަން

___________________________________________________________________________

ނޯޓު: މިއީ 2009 އޮކުޓޫބަރު 9ގައި އަޅުގަނޑު 'އާފަތިސް' ނޫހުގައި ލިޔާންފެށި ސިލްސިލާއެކެވެ. މި ސިލްސިލާ ކުރިޔަށް ނުގެންދެވި ހުއްޓައިލެވިފައި އޮންނަތާ ސާދަ އަހަރު ފާއިތުވުމަށް ފަހު، އަނެއްކާ ވެސް ހިރަފުސް ފޮޅައިލައިފައި މި ނެގީއެވެ. މާތް اللّهގެ ވާގިފުޅާ އެކު، މި ފަހަރު ނިންމައިލުމުގެ އުންމީދުގައެވެ.

___________________________________________________________________________

ޒަޔަނިސްޓް އިސްރާއީލަކީ އިސްލާމީ އުންމަތުގެ ހިތަށް އިނގިރޭސީން ހަރައިލި ވިހަގަދަ ޚަންޖަރެކެވެ. އިސްރާއީލަކީ ދުނިޔޭގައި ނަސްލީ އިމްތިޔާޒުގެ މައްޗަށް ބިނާވެގެން އުފައްދައިފައިވާ ޣައިރުޤާނޫނީ ޣައިރުއަޚުލާޤީ ދައުލަތެކެވެ. ހަމައެކަނި ދައުލަތެވެ. އިސްލާމީ އުންމަތުގައި ހިމެނޭ ސާޅީހަށް ވުރެ ގިނަ ދައުލަތްތަކުގެ ތެރެއިން މީގެ ކުރީން އިސްރާއީލު ގަބޫލުކޮށްފައި ވަނީ ހަމަ އެންމެ ދެ ގައުމެވެ. އިސްރާއީލުގެ ޢުދުވާން އެތައް ފަހަރަކު ކުރިމަތިލާން ޖެހި، ކުރެވިފައިވާ ހިތި ތަޖުރިބާގެ ސަބަބުން އެބައިމީހުންނާ ގުޅުން ގާއިމުކުރާން މަޖުބޫރުވެފައިވާ ދެ ގައުމެވެ. އިސްރާއީލާ އިންވެގެން އޮތުމުގެ ނަތީޖާއެއްގެ ގޮތުން ހަމަނިދި ނުލިބި އަބަދު އެ މީހުންގެ ފަރާތުން އަތުވެދާނެ ޢުދުވާނަކަށް ފާރަވެރިވެގެން ތިބޭން ޖެހިފައިވާ ދެ ގައުމެވެ. އާދޭހެވެ! މިޞްރާއި އުރުދުނެވެ. އިސްލާމީ އުންމަތުގެ އެހެނިހެން ގައުމުތަކަކުން އިސްރާއީލަކަށް އިޢުތިރާފެއް ނުވެއެވެ. ގުޅުން ބަދަހިކޮށެއް ނަހަދައެވެ. އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލާ ވާހަކަދެއްކުމަކީ މުޅީން ތަފާތު މައްސަލައެކެވެ. އިސްރާއީލާ ގުޅުން އޮންނަ އިސްލާމީ ތިންވަނަ ޤައުމަކީ މުޞްޠަފާ ކަމާލުގެ ސެކިއުލަރ ތުރުކީއެވެ. ނަމަވެސް އެމެރިކާގެ އަވައިގައި ޖެހިގެން ޔޫ.އޭ.އީ.އާއި ސަޢޫދީން ވެސް ގެންދަނީ މުސްލިމުންގެ އެންމެ ނުބައި ޢަދުއްވު އިސްރާއީލާ، ސިއްރާއި ފާޅުގައި ގުޅުން ބާއްވަމުންނެވެ.

އިސްރާއީލަކީ ޢަރަބި އިސްލާމީ ބިމެއްގައި ޣައިރުޤާނޫނީ ގޮތުން އުފައްދައިފައި އޮތް ދައުލަތަކަށްވުމާ އެކު އިސްރާއީލުގެ ޔަހޫދީންނަށް މަރައި ހުސްނުކުރެވި ނުވަތަ ވަޒަނުން ފައްސައިނުލެވި ތިބި މުސްލިމުންގެ މަދު މީސްކޮޅެއް އެތާނގައި މިހާރު ވެސް ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އެއީ އަޅުގަނޑުމެން އިސްރާއީލަކީ މުސްލިމުންގެ ޖަމާޢަތުގެ ބައެއްގެ ގޮތުގައި ބަލާން ޖެހޭ ސަބަބެއް ނޫނެވެ. އަޅުގަނޑުމެން ބަލާން ޖެހިފައި ވަނީ އެބައިމީހުންގެ މިހާރުގެ ޙާލަތަށެވެ. އެބައިމީހުންގެ ލޯތަކުން ފައިބާ ލޭކަރުނައަށެވެ. އެބައިމީހުންގެ ތެރެއިން ދިރިތިބީންގެ ޙައްޤުތައް އެއްކިބައިގައި އޮއްވައި ޔަހޫދީން ގެންދަނީ އެބައިމީހުންގެ މަރުވެފައިވާ ކާބަފައިންގެ މަހާނަތަކަށް ދާންދެން ވެރިވަމުންނެވެ. އެ މަހާނަތައް ވެސް ޔަހޫދީންގެ ނަމަށް ބަދަލުކުރަމުންނެވެ.

ޙައިރާންވެ އަންތަރީސްވާފަދަ ކަމެކެވެ. އިސްރާއީލުގެ ޔަހޫދީ އަންހެނަކާއި މުސްލިމް ފިރިހެނަކާ ކާވެނި ހުއްދަވާ ނަމަ އެއީ އިސްރާއީލާ ގުޅުން އުފެއްދުމާއި ރަޙްމަތްތެރިކަން އާލާކުރުން ހުއްދަވާނެކަމުގެ ދަލީލެއްކަމުގައި އެބަބުނެއެވެ. سبحان اللّه އެވެ! އަހްލުކިތާބީންގެ އަންހެނުންނާއި މުސްލިމް ފިރިހެނުންގެ ކާވެނި ހުއްދަކުރެއްވި ފަރާތުން ޔަހޫދީންނާއި ނަޞާރާއިން ރަޙްމަތްތެރީން ކަމުގައި ހެދުން މަނާކުރައްވައިފައިވާކަން މި ދެންނެވި ފަރާތަށް ހަމަ ނޭނގެނީބާއެވެ؟ ނުވަތަ ހެއްދެވި ފަރާތުގެ އަމުރުފުޅު ޤަބޫލު ނުކުރަނީބާއެވެ؟ ނުވަތަ އެކި ކަންކަމުގައި އެކަލާނގެ ލައްވައިފައިވާ ޙިކުމަތާ ހަމައަށް ވިސްނުން ހަމަ ނުފޯރަނީބާވައެވެ؟

ކޮންމެއަކަސް މި މައިގަނޑު ނަމަކީ މިހާރު ކޮންމެ ޣީރަތްތެރި މުސްލިމަކު ފިކުރު ހިންގާން ޖެހިއްޖެ މައިގަނޑު ނަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ ހަނދާނަށް ގެންނަނީ އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ޔަހޫދީންނާ މެދު، ދެއްވައިފައިވާ އިރުޝާދުތަކެވެ. ޝައްކެއް ނެތް ގޮތުގައި އެއީ އެންމެ މަތިވެރި އިރުޝާދުތަކެވެ. އެންމެ ބުއްދިވެރި ބަސްފުޅުތަކެވެ. ކުށްނުވާނެ ފަންޑިތަ ބަސްފުޅުތަކެވެ.

މުސްލިމުންގެ އެންމެބޮޑު ޢަދުއްވުން

ޔަހޫދީންގެ ނުބައި ނުލަފާކަން ބަޔާންކުރައްވައި މުސްލިމުން ހޭލުންތެރިކުރެއްވުމަށް ކީރިތި ޤުރްއާނުގައި ވަނީ ވަރަށް ގިނަ އާޔަތްތަކެއް ބާވައިލައްވައިފައެވެ. ޔަހޫދީންނަކީ މުސްލިމުންގެ އެންމެ ބޮޑު ޢަދުއްވުންކަން އަންގަވައި އެބައިމީހުނާ ރަޙްމަތްތެރިކަމުގެ ގުޅުން ނުއުފައްދާން ވަނީ އަންގަވައި އިންޒާރު ކުރައްވައިފައެވެ. މިގޮތުން ކީރިތި ޤުރްއާނުގެ المائـدة ސޫރަތުގެ 82ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އީމާންވީ މީހުންނަށް މީސްތަކުންކުރެ ޢަދާވާތްތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި ޝަރީކުކުޅަ މީހުންކަމުގައި ހަމަކަށަވަރުން ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." މި މޭރުމުން އަދިވެސް ވަޙީކުރައްވައިފައިވެއެވެ. "ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާ ވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައްތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ޓަކައި އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ." (آل عـمران: 118) އަދިވެސް ވިސްނައިވަޑައިގަންނަވާށެވެ! سـورة التـّوبة ގައި ވަޙީކުރައްވައިފައިވެއެވެ. "ގާތްތިމާގެކަމުގެ ގުޅުމަކަށް ވެސް، އަދި ޢަހްދަކަށް ވެސް، އެއުރެން މުއުމިނަކާ މެދު ނުބަލާނެތެވެ. އަދި އެއުރެންނީ، ހަމަ، ހައްދުފަހަނަޅައިދާ މީހުންނެވެ." (التـّوبة: 10)

ޔަހޫދީންނާ ގުޅުން ބަދަހިކޮށް ރަޙްމަތްތެރީންކަމުގައި ނަހަދާށެވެ.

ކުރީން ވެސް ދަންނަވައިފައިވާ ފަދައިން މުސްލިމުންނާމެދު ޔަހޫދީންގެ ހިތްތަކުގައި އޮންނަ ވަރުގަދަ ދުޝްމިނުކަން ބަޔާންކޮށްދެއްވުމާއެކު މުސްލިމުންނަށްވަނީ ޔަހޫދީންނާ ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމުކުރުން މަނާކުރައްވައިފައެވެ. މި ގޮތުން ވަޙީކުރައްވައިފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި ނަޞާރާއިން (އެއީ) އެކުވެރީންކަމުގައި ނުބަލާށެވެ. އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއް ބަޔެއްގެ އެކުވެރީންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރީންކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެއީ އެއުރެންގެ ތެރެއިންވާ މީހެކެވެ." (المائدة: 51) އަދިވެސް އިތުރަށް ވަޙީކުރައްވައިފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (އީމާންވި މީހުން) ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް ފަސާދަކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ދައްކާ ވާހަކައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ޓަކައި، އާޔަތްތައް ބަޔާންކޮށްދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ. ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. ތިޔަބައިމީހުން، ހުރިހައި ފޮތްތަކަކަށް އީމާންވެގެން ތިބޭއިރު ވެސް، އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. އަދި، އެއުރެން ތިޔަބައިމީހުންނާ ބައްދަލުވެއްޖެ ހިނދަކު، ތިމަންމެން އީމާންވެއްޖައީމުއޭ ބުނެއެވެ. އަދި، އެއުރެން އެކަހެރިވެއްޖެ ނަމަ، ތިޔަބައިމީހުންދެކެ އަންނަ ރުޅީން އިނގިލިކުރިތަކުގައި ދައިގަނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ! ހަމަކަށަވަރުން، اللّهއީ، ހިތްތަކުގައި ވާހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (آل عـمران: 118، 119)

ޔަހޫދީން އެދޭ އެދުންތަކަށް ތަބާ ނުވާށެވެ:

އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ.

"އަދި ޔަހޫދީން ވެސް ނަޞާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللّهގެ މަގު އެއީ ތެދުމަގެވެ. އަދި ކަށަވަރުން ވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު، އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اللّه ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރުދޭނޭ މީހަކު ވެސް ނުވާނެތެވެ." (البقرة:120)

ޔަހޫދީންގެ ޚުލްޤު ނުބައިކަމާއި، ޚަޞީލަތުގެ ވިޔާނުދާކަން ވެސް، އަރަހުށި މާތް اللّه ވަނީ މުސްލިމުންނަށް ވަރަށް ފުރިހަމަޔަށް ބަޔާންކޮށްދެއްވައިފައެވެ. މި ގޮތުން ޔަހޫދީންގެ އަންނަނިވި ސިފަތަކާމެދު ކީރިތި ޤުރްއާނުގައި ވަނީ އިރުޝާދުދެއްވައިފައެވެ.

މާތް اللّهއާ މެދު އަދަބު ކުޑަކުރުމާއި އިހާނެތިކަން އެކުލެވިފައިވާ ވާހަކަތައް ދެއްކުން:

އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވެއެވެ."ހަމަކަށަވަރުން، اللّهއީ ފަޤީރެކޭ، ތިމަންމެންނީ މުއްސަނދީންނޭ ބުނި މީހުންގެ ބުނުން، اللّه އައްސަވައި ވޮޑިގެންފިކަން ކަށަވަރެވެ." (آل عـمران: 181)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"ޔަހޫދީން ބުނޫއެވެ. اللّه ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ." (ޔަހޫދީން މިހެންބުނީ اللّهއަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) (المائدة: 64)

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
ޢަބްދުﷲ ފާރޫޤު ޙަސަނަކީ ދިވެހި އަދަބުގައި އިތުރު ތަޢާރަފަކަށް ބޭނުން ނުވާ ފަދަ މަޝްހޫރު އަދީބެކެވެ. އެންމެ ދިގު މުއްދަތެއްގައި ދިވެހިބަހުގެ ބަސް ކޮމެޓީގައި ކޮމެޓީގެ މުޤައްރިރުގެ ހައްިސިއްޔަތުން ޚިދުމަތްކުރެއްވި ބޭފުޅަކީ ވެސް ފާރޫޤެވެ. ފާރޫޤު ޙަސަނަކީ އެންމެ ގިނަ ފޮތް ލިޔުއްވައި، ޚާއްޞަކޮށް ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވި އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމި ހުންނެވި ކުޅަދާނަ އަދީބެކެވެ. މުތަރުޖިމެކެވެ.

Advertisement

ކޮމެންޓް