Advertisement

ފައިބެއަހަރުގެ ތަޖުރިބާއާއި ފެށުނު އަހަރަށް ކުރެވޭ އުންމީދުގެ ފަރަގު

02 Jan 2024 | 13:54
ފައިބެއަހަރާއި މި އަހަރާއި އަންނާން އޮތް އަހަރުގެ ވިޔަ އަކުރު

މުޙައްމަދު ނަޞީރު ޢަލީ – ގއ. މާމެންދޫ

އަހަރެއް ނިމި، އަހަރެއް ފެށިއްޖެއެވެ. ނިމުނީ 2023ވަނަ އަހަރެވެ. 365 ދުވަސް މާޒީގެ ތެރެއަށް ދޫކުރުމަށް ފަހުގައެވެ. އެ ދުވަސްތަކުގެ ތެރޭގައި، ތަފާތު އެތައް ތަނެއްގައި ތަފާތު އެތައް ކަމެއް ހިނގައި ނިމި ހިނގައްޖެއެވެ. އެއް ބަޔަކަށް އުފާވެރި، އަދި އަނެއް ބަޔަކަށް ހިތާމަވެރި ކަންތައްތަކެކެވެ. މި ހުރިހައި ކަމެއް ވެސް، ޙަޤީޤަތްތަކެއްގެ ގޮތުގައި ކަނޑައެޅި ތާރީޚުގައި ލިޔެވި ނިމިއްޖެ ވެސް މެއެވެ.

އިއްޔެ މި ފެށުނު 2024ވަނަ އަހަރަކީ، ލީޕް އަހަރެކެވެ. އެއީ ފެބްރުއަރީ މަހުގައި 29 ދުވަސް އަންނާނެތީއެވެ. ވީމާ، މި އަހަރުގެ ދުވަސްތަކުގެ ޖުމްލައަކަށް ވާނީ 366އެވެ. މި ދުވަސްތަކާ ދުނިޔެ މި ކުރިމަތިލަނީ، އުންމީދުތަކަކާއި އަދި ކަންބޮޑުވުންތަކަކާ އެކުގައެވެ. އެއީ އަބަދު ވެސް އެ ކަން އޮންނަ ގޮތެވެ. ކުރިމަގުގައި ވާނެ ނުވަތަ، ނުވާނެ ކަންތައްތައް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲކަމަށް ވާތީއެވެ.

ފައިބެއަހަރު ދިވެހިރާއްޖޭގައި ހިނގި އެންމެ މުހިންމު ހާދިސާއަކީ، ސަރުކާރު ބަދަލުވުމެވެ. ސެޕްޓެންބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެބުރުން ވެސް، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައްޗަށް ކުރި ހޯއްދަވައިގެން، ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބު ވެވަޑައިގަތުމެވެ. އެމްޑީޕީ ބަލިވެ، ޕީއެންސީ ގަދަވުމެވެ. އެއީ ކުރިޔަށް އޮތް ފަސް އަހަރަށް ރައްޔިތުން އިއްވި ޙުކުމެވެ.

ޤައުމެއްގެ ވެރިކަން ޤާނޫނީ ގޮތުން ބަދަލުވާތަން ފެނުމަކީ، އެ ޤައުމެއްގެ ރައްޔިތަކަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ވަރަށް މަތިވެރި ޝަރަފެކެވެ. އެއީ އެ ޤައުމެއްގެ ރައްޔިތެއްކަމަށް ވީތީ ފަޚުރުވެރިވާންޖެހޭނެ ކަމެއް ވެސް މެއެވެ. ސަބަބަކީ، އެއިން ވަރަށް ބޮޑު ޙަޤީޤަތެއް ދައްކައިދޭތީއެވެ. އެ ޤައުމުގައި އެންމެ ބާރުގަދައީ ރައްޔިތުންކަން، ޢަމަލީ މައިދާނުގައި އެންމެނަށް ސާފުކޮށް ފެންނާތީއެވެ.

ދިވެހިރާއްޖޭގެ ވެރިކަމަށް ގެނެވުނު ބަދަލާ ގުޅިގެން ރާއްޖޭގެ ކަންކަމަށް ގިނަގުނަ ބަދަލުތަކެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެ، ރައީސް ވެވަޑައިގެންފައިވާ ވަޢުދުތަކެއް އެބަ ހުއްޓެވެ. އެ ވަޢުދުތައް ވަނީ ރައްޔިތުންގެ ހިތްތަކުގައި ވަރަށް ސާފުކޮށް ބިންވަޅުނެގިފައެވެ. އެ ކަމަކާ ބޮޑަށް ގުޅޭ ބައެއްގެ ހިތްތަކުގައި ބޮޑުކޮށް، އަދި އެނޫން މީހުންގެ ހިތްތަކުގައި އެއަށް ވުރެ ކުޑަކޮށް ވިޔަސް މެއެވެ.

އައު ރައީސްގެ ވެރިކަމަށް ދެ މަސްދުވަސް ވެސް ނުވަނީސް، މި ފެށުނު އައު އަހަރުގައި، ޤައުމަށް އަންނާނެކަމަށް ރައްޔިތުން އުއްމީދުކުރާ ބަދަލުތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އިންޑިޔާ ސިފައިން ރާއްޖެ ދޫކޮށް ދިއުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުމަކަށް އައުމާއި، އިސްލާމީ އުޞޫލުތަކާއި ފުށުއަރާ ގޮތަށް ހިނގަމުންދާ ބައެއް ކަންތައްތައް ހުއްޓި އިސްލާމީ ވަންތަކަން އާލާވުން ހިމެނެއެވެ.

ޤައުމެއްގައި ޞުލްޙަ މަޞްލަޙަތު ޤާއިމު ވުމަށްފަހު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނީ، އިޤްތިޞާދު ރަނގަޅުވެ، ފުދުންތެރިކަން އިތުރުވުމަށެވެ. އެއަށްފަހު، އިޖްތިމާޢީ ގޮތުން ތަރައްޤީވެ ކުރިއެރުމަށެވެ. އެހެންކަމުން، ރައްޔިތުންގެ އުންމީދަކީ، މި ފެށޭ އަހަރަކީ، މި ދެ ދާއިރާއަށް ވެސް ބަދަލުތަކެއް އަންނާނެ އަހަރެއް ކަމުގައި ވުމެވެ. އައު ސަރުކާރަކުން އައު ހިތްވަރަކާއެކު ނެރެދޭ އައު ނަތީޖާތައް ދުށުމެވެ.

ރައްޔިތުންގެ އުންމީދުތައް މިހެން ހުރި އިރު، ރައްޔިތުންގެ ކަންބޮޑުވުންތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ރާއްޖޭގެ ކަންކަން އެބަ ރަނގަޅުވެއޭ ބުނެވޭނެ ދުވަހެއް އަންނާނެތޯ ކުރެވޭ ސުއާލެވެ. މިއީ 2008ގައި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ޑިމޮކްރެސީއަށް ފުރޮޅައިލުމަށް ފަހު މި ވޭތުވި ތާނގައި ކަން ހިނގައިފައިވާ ގޮތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ރައްޔިތުން އުފައްދާ ސުއާލެކެވެ.

ފަހި ވިސްނުމުގެ އަހުލުވެރީން ދެކޭ ގޮތުގައި، ބައެއް ފަހަރު، ހެޔޮ ބަދަލުތަކާއެކު ނުބައި ބަދަލުތަކެއް ވެސް އުފަންވެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ހެޔޮ ބަދަލާއެކު، އިޖްތިމާޢީ ގޮތުން ނުބައި ބަދަލުތަކެއް އުފަންވީ އެބީދައިންނެވެ. ދެން ޖެހޭނީ އެ ކަންކަން އިޞްލާޙުކޮށް ޙައްލުކުރާށެވެ. އެ ކަމަށް، ޢަޒުމާއި، ކެރުމާއި، ހިތްވަރާއި، ވަގުތު ބޭނުން ވާނެއެވެ. އިޚްލާޞްތެރި މަސައްކަތުން އޭގެ އެދެވޭ ޙައްލު ހޯދޭނެއެވެ.

___________________________________

ލަފުޒެއްގެ މާނަ:

ފައިބެއަހަރު   ނ.     (1) ވޭތުވެދިޔަ އަހަރު. (2) ހުސްވި އަހަރު

އެޑިޓަރުގެ ނޯޓް
ގއ. މާމެންދޫ މުޙަންމަދު ނަޞީރު ޢަލީއަކީ ހިންގުމުގެ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ލިޔުންތެރިއެކެވެ. މުޖުތަމަޢަށް އަންނަ ބަދަލުތަކާމެދު ފިކުރުފުޅުކުރައްވައި މުޖުތަމަޢުގެ އިޞްލާހަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އިޖުތިމާޢީ މައްސަލަތަކަށް ލިޔުއްވާ މުޙަންމަދު ނަޞީރަކީ ދިވެހިބަހުގެ ހަމަތަކަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް