Advertisement

މުސްލިމުންގެ ރޫޙީ ބަފައިކަލުން އިބުރާހީމް ޢަލައިހިއްސަލާމް ދޫކުރެއްވި ތަރިކަ (1)

02 Jan 2024 | 09:13
އިބްރާހީމް ޢަލައިހިއްސަލާމްގެ ދެބަފައިކަލުން ބިނާކުރެއްވި ކަޢުބަތުﷲގެ ސަރަހައްދު ފެންނަ ފޮޓޯއެއް (ފައިލް ފޮޓޯ)

އަޙްމަދު ފަޔާޟް ޙަސަން

ރަސޫލުﷲ ﷺގެ ދަރިކޮޅު ފެށެނީ އިބުރާހީމް ޢަލައިހިއްސަލާމާ ހިސާބުންނެވެ. އެހެންކަމުން އިބުރާހީމްގެފާނަކީ ނަބިއްޔާގެ ރޫޙީ ބަފައިކަލުންނަށް ވުމުގެ އިތުރަށް އެކަލޭގެފާނުގެ އަސްލު ބަފައިކަލެއް ވެސް މެއެވެ. މި ދެ ބޭކަލުން ގުޅި ލައިމެހިފައި ވަނީ ހަމައެކަނި ދަރިފަސްކޮޅުން އެކަންޏެއްނޫނެވެ. މި ދެ ބޭކަލުންގެ ފަލްސަފާއާއި މަގުސަދުތައް ވެސް ހުރީ ގުޅި ލައިމެހިފައެވެ. މި ގުޅުން ރަނގަޅަށް ދެނެގަތުމަށް ޓަކައި، ކުރާން ޖެހޭ ކަމަކީ އިބުރާހީމްގެފާނުގެ ހަޔާތްޕުޅު ދަސްކޮށް ދެނެގަތުމެވެ. އެއަށްފަހު ރަސޫލުﷲ ﷺގެ ޙަޔާތްޕުޅަށް ބަލައި ދިރާސާކުރުމުން މި ދެ ބޭކަލުންގެ މެދުގައި ހުރި ވަރުގަދަ ގުޅުންތައް އެނގޭނެއެވެ. މި މަޒުމޫނުން އިބުރާހީމްގެފާނު މި ދުނިޔެ ދެކެވަޑައިގަތް ގޮތާއި އެކަލޭގެފާނު ގެންގުޅުއްވި ފަލްސަފާ އެނގޭނެއެވެ. އަދި އެކަލޭގެފާނުގެ މަގުސަދުތައް ވެސް މި ލިޔުމުން ހާމަވާނެއެވެ. އިބުރާހީމްގެފާނު ދޫކުރެއްވި ތަރިކަ އެނގުމުން އެއާ ރަސޫލުﷲ ﷺގެ ފަލްސަފާއާއި މަގުސަދުތަކާ ހުރި ގުޅުންތައް ފަސޭހައިން ވަޒަންކުރެވޭނެއެވެ. ހަގީގަތުގައި ރަސޫލުﷲ ﷺ ކުރެއްވި ކަމަކީ އިބުރާހީމްގެފާނުގެ މިއްލަތުގައި ސިއްކަޖައްސަވައި ނިންމެވުމެވެ. އެހެންކަމުން އެކަލޭގެފާނުގެ ހުރިހާ ކަމެއް ގުޅި ލައިމެހިފައި ވަނީ ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނުގެ މިއްލަތާއެވެ.

ތާރީޚަށް ބަލާ އިރު، އިބުރާހީމް ޢަލައިހިއްސަލާމް މިދުނިޔެ ދެކެވަޑައިގަތް ގޮތް އެތައް ސަތޭކަ އަހަރަކަށް ވަޅުޖަހައި ގެއްލި ދިޔައެވެ. ޒަމާންތަކަކަށް ފަހު، ﷲ އިރާދަކުރެއްވީ އެކަލޭގެފާނު މި ދުނިޔެ ދެކެވަޑައިގަތް ގޮތަކީ މުސްލިމުންގެ ފަލްސަފާކަމުގައި ވުމަށެވެ. އާދޭހެވެ! އިބުރާހީމްގެފާނު ދުނިޔެ ދެކެވަޑައިގަތް ގޮތަކީ ކޮންމެ މުސްލިމަކު ދުނިޔެ ދެކޭން ވާ ގޮތްކަމުގައި ﷲ އިރާދަކުރެއްވިއެވެ. މާނަޔަކީ އެކަލޭގެފާނު ﷲ ދެކެވަޑައިގަތް ގޮތަށް އަޅުގަނޑުމެންނަށް ﷲ ފެންނާން ޖެހުމެވެ. އެކަލޭގެފާނަށް ދުނިޔަވީ ހަޔާތް ފެނިވަޑައިގަތް ގޮތަށް އަޅުގަނޑުމެންނަށް މި ހަޔާތް ފެންނާންޖެހުމެވެ. އަދި އެކަލޭގެފާނަށް އުޚުރަވީ ހަޔާތް ފެނިވަޑައިގަތް ގޮތަށް މުސްލިމުންނަށް އުޚުރަވީ ހަޔާތް ފެންނާން ޖެހުމެވެ. އަޅުގަނޑުމެންގެ މާތް ސާހިބާ ރަސޫލުﷲ ﷺ ވެސް އަޅުގަނޑުމެންނަށް ދެއްވީ އިބުރާހީމްގެފާނުގެ ދީނެވެ. އެކަލޭގެފާނު ފުރިހަމަކުރެއްވީ އިބުރާހީމްގެފާނު ތަޢާރަފުކުރެއްވި ދީނެވެ.

އެއްވެސް ރަސޫލު ބޭކަލަކާ ކުރިމަތިނުކުރައްވާ ވަރަށް އިބުރާހީމް ޢަލައިހިއްސަލާމާ އިމްތިޙާންތައް މާތް ﷲ، ކުރިމަތިކުރެއްވިއެވެ. އަދި އެ އިމްތިޙާންތަކަކީ އެހެން އެއްވެސް ރަސޫލު ބޭކަލަކާ ކުރިމަތިނުކުރައްވާ ކަހަލަ އާދަޔާޚިލާފު ތަފާތު އިމްތިޙާންތަކެކެވެ. އެ އިމްތިޙާންތަކަށް ނަޒަރުހިންގާ އިރު އިބުރާހީމްގެފާނުގެ އެންމެ ޒުވާން އުމުރުފުޅުގައި އާއިލާއިން އެކަލޭގެފާނު ގެއިން ނެރެލިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު އަލިފާންގަނޑަށް އެއްލައިލިއެވެ. އަދި އޭގެ ފަހުން އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނު ގައުމުން ބޭރުކޮށްލިއެވެ. މި ޒަމާނުގެ ބަހުރުވައިން ނަމަ އެކަލޭގެފާނު އަމިއްލަފުޅު ގައުމުން ޑީޕޯޓްކުރެވުނެވެ. ފުރަތަމަ ދަރިކަލަކު ލިބިވަޑައިގަތީ މުސްކުޅި އުމުރުފުޅުގައެވެ. އޭރު އެކަލޭގެފާނު އުމުރުފުޅުން ގާތްގަނޑަކަށް އަށްޑިހަ އަހަރެވެ. ތުއްތު ދަރިކަލުން އިސްމާޢީލްގެފާނާ އެކަލޭގެފާނުގެ މައިކަމަނާ ހާޖަރު ގިނިކަންޏާ މައްކާއަށް ދޫކޮށްލައްވާން ޖެހިވަޑައިގަތެވެ. އަހަރުތަކެއް ފަހުން ދަރިކަލުން އިސްމާޢީލްގެފާނު ޤުރްބާންކުރައްވާން ޖެހިވަޑައިގަތެވެ. ދެވަނަ ދަރިކަލުން އިސްޙާޤުގެފާނު ލިބިވަޑައިގަތީ އެކަލޭގެފާނަށް ގާތްގަނޑަކަށް ސަތޭކަ އަހަރުގައެވެ. އެކަލޭގަފާނު މީސްތަކުންނަށް އިމާމެއްކަމުގައި ލެއްވިއެވެ. މިހުރިހާ އިމްތިޙާނުތަކަކުން އެކަލޭގެފާނު ވަރަށް ފުރިހަމައަށް ފާސްވެވަޑައިގަތެވެ. އެކަލޭގެފާނު ހަމައެކަނި ފާސްވެވަޑައިގަތީކީނޫނެވެ. އެކަމަކު އެކަލޭގެފާނު ކޮންމެ އިމްތިހާނަކުން ވެސް ހޯއްދެވީ ޑިސްޓިންކްޝަނެވެ. އެކަލޭގެފާނާ ﷲ ކުރިމަތިކުރެއްވި ކޮންމެ ކަމެއްގައި އެކަލޭގެފާނު އަމަލުފުޅުކުރެއްވީ ނުހަނު ފުރިހަމައަށެވެ.

ﷲ، ކޮންމެ ރަސޫލު ބޭކަލަކު ވެސް ރަސޫލުކަމާއިގެން ފޮނުއްވީ ކޮންމެވެސް ގައުމަކަށެވެ. މި ކަމުން އިސްތިސްނާކުރެއްވީ ރަސޫލުﷲ ﷺއާއި އެކަލޭގެފާނުގެ ބަފައިކަލުން އިބުރާހީމްގެފާނެވެ. އިބުރާހީމްގެފާނު ރަސޫލުކަމާގެން ވަކި ގައުމަކަށް ނުފޮނުއްވައެވެ. އެކަމަކު ﷲ، އެކަލޭގެފާނު ފޮނުއްވީ މުޅި އިންސާނިއްޔަތަށެވެ. އިބުރާހީމްގެފާނު ފިޔަވައި އެހެން ރަސޫލު ބޭކަލަކަށް ﷲ މިއްލަތެއް ނުވަތަ ދީނެއް ނުދެއްވައެވެ. މި ކަމުގައި އިސްތިސްނާއަކަށް ވި ރަސޫލުﷲ ﷺ ކުރެއްވި ކަމަކީ އިބުރާހީމްގެފާނުގެ ދީން ފުރިހަމަކުރައްވައި ނިންމެވުމެވެ. ކޮންމެ ރަސޫލު ބޭކަލަކު ވެސް ދީނަށް ގޮވައިލެއްވިއެވެ. ބުދަށް އަޅުކަންކުރުން ހުއްޓުވާން ނުވަތަ ޝަރީކުކުރުން ހުއްޓުވާން އެބޭކަލުން މަސައްކަތްޕުޅުކުރެއްވިއެވެ. އެކަމަކު އިބުރާހީމްގެފާނު ފިޔަވައި އެހެން ރަސޫލު ބޭކަލަކު މީސްތަކުން އަޅުކަންކުރަމުން ދިޔަ ބުދުތައް ތަޅުއްވައެއްނުލައްވައެވެ. ބުދުތައް ތަޅުއްވައިލައްވައިގެން އެކަލޭގެފާނު މީސްތަކުންނަށް ވިސްނައިދެއްވީ އެ މީހުން ބުއްދީގެ ބޭނުންނުކުރާކަމެވެ. އަދި އެއްވެސް ރަސޫލު ބޭކަލަކު އެއްވެސް އެއްޗަކަށް އިޝާރާތްކޮށް މިއީ އަހަރެންގެ ކަލާނގެޔޭ ވިދާޅުވެ ވާހަކަފުޅެއް ނުދައްކަވައެވެ. އެކަމަކު އިބުރާހީމްގެފާނު މި ދެންނެވި ހުރިހައި ކަމެއް ކުރެއްވިއެވެ. އެކަލޭގެފާނުގެ މަގުސަދަކަށްވީ މީސްތަކުންނަށް ހެޔޮވިސްނުން ދެއްވުމެވެ. ދެކޮޅުނުޖެހޭ އަސާސެއް ނެތް ޖާހިލިއްޔަ ފިކުރުން މީސްތަކުން ސަލާމަތްކުރެއްވުމެވެ. މި ޒަމާނުގެ ބަހުރުވައިންނަމަ ކްރިޓިކަލްކޮށް ވިސްނައިދެއްވުމެވެ.

އިބުރާހީމްގެފާނަކީ ވަރަށް ގިނަ ގޮތްގޮތުން އެހެން ރަސޫލު ބޭކަލުންނާ ތަފާތު ބޭކަލެކެވެ. ﷲ، އެކަލާނގެ ރަސޫލާ މުޙަންމަދު ﷺއަށް ސާފު ބަހުން އަމުރުކުރައްވަނީ އިބުރާހީމްގެފާނުގެ ދީނަށް ތަބާވެވަޑައިގަތުމަށެވެ. މައްކާގެ އަހުލުވެރީން ބުދަށް އަޅުކަން ކުރަމުންދިޔަ އިރު ވެސް ﷲ އެމީހުންނަށް ނިޢުމަތް ދެއްވިއެވެ. ބާރުގެ ގޮތުން އެއްވެސް ކަމެއް އެމީހުން އަތުގައި ނެތީސް އަބުރަހާގެ ވަރުގަދަ ލަޝްކަރުގެ ކިބައިން ﷲ، މައްކާ ހިމާޔަތްކޮށްދެއްވިއެވެ. މި ކަން ފީލު ސޫރަތުން ކަށަވަރުވެއެވެ. އަނެއް ކޮޅުން، އެ މީހުން ޝަރީކުރަމުން ދިޔަ އިރު، ﷲ މައްކާގެ އަހުލުވެރީން ތަދުމަޑުކަމުން މިންޖުކުރެއްވިއެވެ. އެއަށްފަހު ގެފުޅުގެ ވެރި ރައްބު، މާތް ﷲ އަށް އަޅުކަންކުރުމަށް ގޮވައިލައްވައެވެ. މި ކަމަށް ޤުރައިޝް ސޫރަތް ހެކިވެއެވެ. މިއިން ކޮންމެ ނިޢުމަތަކީ އިބުރާހީގެފާނު ކުރެއްވި ދުޢާގެ އިޖާބައެވެ. ގެފުޅުގެ ވެރި ﷲއަށް އަޅުކަންކުރާން އަންގަވާ އިރު، ގެފުޅު ބިނާކުރެއްވީ އިބުރާހީމްގެފާނެވެ. މި ކަމުން އެނގި ކަށަވަރުވަނީ އިބުރާހީމްގެފާނުގެ ޚާއްޞަ މަގާމާއި ދަރަޖައެވެ.

ތާރީޚަށް ބަލާ އިރު، އިންސާނުން ފުރަތަމަ އާބާދުވެފައި ހުރީ ފަސޭހައިން ދަނޑުގޮވާންކުރެވޭ ބިންތަކުގައެވެ. އެއީ ކާބޯތަކެތީގެ ތަނަވަސްކަން ދަނޑުގޮވާމުން ލިބޭތީއެވެ. ހަނަފަސް ސަހަރާއަކީ އާންމުކޮށް ގަސްގަހާގެހި ހެދޭ ތަނެއްނޫނެވެ. އެހެންވެ ސަހަރާގެ ބިމުގައި އާބާދުވެ އެ ތަން ދިރުވައި އާލާކުރުމަކީ ނުކުރެވޭވަރުގެ ބޮޑުކަމެކެވެ. އިބުރާހީމްގެފާނު ދަރިކަލުން އިސްމާޢީލްގެފާނު ދޫކުރެއްވި ބިން މައްކާއަކީ ހަނަފަސް އަދި ދިރުމެއްނުވާ ސަހަރާއެކެވެ. އެ ތަނުގައި އާބާދުވެ ދިރިއުޅުން އާރާސްތުކުރާ ނަމަ، އެ ތަނަށް ޖެހޭނީ ހުރިހާ އެއްޗެއް އިމްޕޯޓްކުރާށެވެ. އެ މީހުން ޖެހޭނީ ވިޔަފާރި ކުރިއަރުވައިގެން ކާބޯތަކެތީގެ ތަނަވަސް ރަށަކަށް މައްކާ ހަދާށެވެ. އިބުރާހީމްގެފާނު ﷲއަށް ދުޢާކުރެއްވީ މި ސަބަބަށްޓަކައެވެ. ގެފުޅު ބިނާކުރެއްވުމަށް ފަހު އެކަލޭގެފާނު ކުރެއްވި ހުރިހާ ދުޢާއެއް ﷲ އިޖާބަކުރެއްވިއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް