Advertisement

ދިރިއުޅުމުގެ ވައްޓަފާޅީގެ ފަރަގު: ހައްލަކީ ކޮބާ؟

11 Sep 2023 | 20:30
.

މުޙަންމަދު ނަޞީރު (ގއ. މާމެންދޫ)

ދުވަހަކަށް ފަހު ދުވަހެއް، ފާއިތުވެ ކުރިޔަށް ދާނެއެވެ. ދުނިޔޭގައި ތިބިހައި ބަޔެއްގެ އުމުރަށް އެ ދުވަސްތައް އިތުރުކުރަމުން، ކުޑަކުދީން ބޮޑުކުދީންނަށާއި ޒުވާނުންނަށް ބަދަލުކުރަމުން، ޒުވާނުން ހަރު މީހުންނަށާއި މުސްކުޅީންނަށް ބަދަލުކުރަމުން، އެންމެން ވެސް މަރާ ގާތްކުރަމުންނެވެ. އާ ތަކެތި ބާކުރަމުން ނެތުމުގެ ތެރެއަށް ފޮނުވަމުންނެވެ. އަދި އޭގެ އަނެއް ކޮޅުގައި، އާ މީހުންނާއި ތަކެތި ދުނިޔެއަށް ގެންނަމުން، ޖީލުތައް ބަދަލުކުރަމުންނެވެ. މިއީ ދުނިޔޭގެ އާދަކާދަތަކުގެ ތެރެއިން ބަދަލުނުވާ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ހަގީގަތެވެ.

އިސްވެ ބަޔާންކުރެވި ދިޔަ ގިނަ ބަދަލުތަކަކީ، ލޮލަށް ފެންނަ ބަދަލުތަކެވެ. ނަމަވެސް އެއަށް ވުރެ މާ ގިނަ ބަދަލުތައް، ލޮލަށް ނުފެންނަ ގޮތުގައި އަޅުގަނޑުމެންގެ ތެރެއަށް އުފަންވެގެން އެބަ އާދެއެވެ. ވަކިވަކި މީހުންގެ ޒާތީ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކަށް އެކަނި ފުންކޮށް ވިސްނައިލިޔަސް އެތައް ބަދަލުތަކެއް ފާހަގަކުރެވޭނެއެވެ. މީގެ 50 އަހަރު ކުރީގައި، ދިވެހިރާއްޖޭގެ އާދައިގެ ރަށެއްގައި، އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު، އޭނާގެ އާންމު ދިރިއުޅުމުގެ ދުވަހެއް ހޭދަކުރި ގޮތާއި، މިހާރުގެ ހާލަތުގައި އެ ކަން އޮތް ގޮތުގައި ހުރީ ކިހައި ފަރަގެއްތޯ ބަލައިލިޔަސް އޭރާއި މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރާކަށް އުނދަގުލެއް ނުވާނެއެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅޭން ޖެހިފައި މި ވަނީ މި ދެންނެވި ބަދަލުތަކާ އެކުގައިކަމަށް ވީ ނަމަ ވެސް، އެ ހުރިހައި ބަދަލުތައް ނުވަތަ އޭގެ ތެރެއިން ގިނަ ބަދަލުތައް ބަލައިނުގަނެވޭ (ޒަމާނީ ބަހުރުވައިންނަމަ، ހަޖަމު ނުކުރެވޭ) ގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިބިކަމީ ހަގީގަތެކެވެ. އާ ޖީލުތައް، ދުނިޔޭގެ ބިން ފުރަމުން ދާ ތަން އަޅުގަނޑުމެންގެ ލޮލަށް ފެންނަ އިރު، އެ ޖީލުތަކުގެ މީހުން ދިރިއުޅޭނޭ އާ ގޮތްތަކެއް، (އަޅުގަނޑުމެންގެ ލޯތަކަށް ނުފެނުނު ކަމުގައި ވިޔަސް) އެ ޖީލުތަކާއެކު އަންނާނެކަމާއި، އެ މީހުންނަށް ކަމުދާނީ، އެ މީހުން އުޅޭން ބޭނުންވާނީ، އަދި އެ މީހުންނަށް ދިރިއުޅެވޭނީ ވެސް އެ ގޮތްތަކާއި އެ ހަމަތަކާ އެއް ގޮތަށްކަން ގަބޫލުކޮށް، އެއަށް އާނބަސް ބުނެ ބަލައިގަންނާން ބޭނުންނުވާ އެތައް ބަޔަކު އަޅުގަނޑުމެންނާ އެކު، އެބަ ދިރިއުޅެއެވެ.

އިސްވެ މި ފާހަގަކުރި ނުކުތާ، އެހެން ގޮތަކަށް ދަންނަވާ ނަމަ، މުސްކުޅިންނާއި ޒުވާނުންގެ މެދުގައި ބޮޑުވަމުންދާ އާދަކާދައިގެ ފަރަގަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާ ވެސް ގުޅިފައިވާ، އަދި އޭގެ މައްޗަށް ހޭލުންތެރިވެ ތިބުން ނުހަނު ބޭނުންވާ ކަމެކެވެ. އެއާމެދު ފަރުވާކުޑަކޮށް، އެއީ ދެން މާ ބޮޑުކަމެއް ނޫނޭ ހީކޮށްގެން ތިބުމަށް ވުރެ، ވަކިވަކީ މީހުންނަށާއި، އާއިލާތަކަށް ވެސް އެންމެ މޮޅު އިތުރު ގޮތަކީ، އެއީ އޮތް ކަމެއްކަމާއި، އޮންނާނެ ކަމެއްކަމާއި، އެ ކަން ވަމުންދާ ގޮތް ބަލައި، އޭގެ ތެރެއިން ރަނގަޅު ކަންތައްތަކަށް އާނބަސް ބުނެ، ހެޔޮ ގޮތުގައި ބަލައިގަތުމެވެ. ހަމަ އެއާއެކު، އޭގެ ތެރޭގައި ހުރި ނޭދެވޭ ކަންތައްތައް ރަނގަޅު ކުރުމަށް ޓަކައި، އެ ކަންކަން ވަކީން ފާހަގަކޮށް، އެ ކަމަށް ޓަކައި، އެ މީހަކަށް ކުރެވޭން ހުރި ކަންތައްތަކެއް ކުރުމެވެ. ރަނގަޅު ކަންކަން އެ ގޮތުގައި ބަލައިގަނެ، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމަށް ޓަކައި މަސައްކަތްކުރުމެވެ.

މީގެ 50 އަހަރު ކުރީން، ދިވެހި ކޮންމެ އާއިލާއެއްގެ އެންމެން، އިރު އެރުމުގެ ކުރީން ހޭލާނެއެވެ. ކޮންމެ ގެއެއްގައި، ލިބޭން ހުރި އެއްޗެއް، ކޮންމެ ދުވަހަކު މަދުވެގެން، ތިން އިރު ކައްކައި ކައިބޮއިހަދާނެއެވެ. ގޭގެ ހިންގުމާ ބެހޭ އެންމެހައި މަސައްކަތް ކުރާނީ އަންހެނުންނާއި އަންހެން ކުދީންނެވެ. ދިރިއުޅުމަށް ޓަކައި ހޯދާންޖެހޭ ފައިސާއާއި ތަކެތި ހޯދުމާއި އާއިލާގެ ރައްކާތެރިކަމާއި ބެލެހެއްޓުމުގެ ދައުރު އަދާކުރުމަކީ ފިރިހެނުންނާއި ފިރިހެން ކުދިންގެ ޒިންމާއެކެވެ. ނަމަވެސް މި ބަޔާންކުރި ދެތިން ކަންތައް ވެސް، މިއަދު އޮތީ އެހެންތޯ އެވެ؟

އަޅުގަނޑުމެންގެ ހަރު މީހުންނާއި މުސްކުޅީން ދެނެގަންނާންވީ މުހިންމު އެއް ކަމަކީ، މިހާރަކީ އެހާރު ނޫންކަމެވެ. މިހާރުގެ ދިރިއުޅުން އެހާރުގެ ދިރިއުޅުމާ ތަފާތުވާނޭކަމެވެ. އެހާރު އުޅުނު ގޮތްގޮތާއި، ކޮށް އުޅުނު ކަންކަން، މިހާރަށް ނުފެތޭނެކަމެވެ. މިހާރުގެ މީހުން އުޅޭނީ މިހާރުގެ ގޮތްގޮތަށް ކަމާއި، އެހާރު އުޅުނު ގޮތްގޮތަށް މިހާރުގެ މީހުން ނޫޅޭނެކަމެވެ. ހަމައެއާއެކު، މިހާރުގެ މީހުން ވެސް މި ކަމަށް ހޭލުންތެރިވާން އެބަ ޖެހެއެވެ. މިހާރު މި ތިބަ މުސްކުޅިންނާއި ހަރުމީހުންނަކީ، އެހެން ގޮތަކަށް ދިރިއުޅުމުގެ އާދަކާދަތައް ބައްޓަން ކޮށްގެން އުޅުނު ބަޔެއްކަމާއި، މިހާރުގެ ބައެއް ކަންކަން އެ މީހުންނަށް ކަމުނުދާނޭކަން މިހާރުގެ ޒުވާނުން ވެސް ގަބޫލުކުރާން އެބަ ޖެހެއެވެ. މިއީ ހަމައެކަނި އޭގެ ސަބަބަށް ވިސްނައިގެން ކަންކުރީމައި ހައްލުވެ، އޮމާންކަމާއެކު ނިމޭން އޮތް ކަމެކެވެ. ދެ ޖީލުގެ މީހުން ދެބަސްވެ ކުދިކިޔަކިޔައި ތިބޭންވީ ކަމެއް ނޫނެވެ. މުޖުތަމަޢަށް އަންނަ ބަދަލުތަކާއެކު ސުލްހަވެރި، އެއްބައިވަންތަ އަމާން ދިރިއުޅުމެއް އުޅެވޭނީ އޭރުންނެވެ.

_________________________________

ބައެއް ލަފުޒުގެ މާނަ:

ޖީލު:         1. އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ، ޚިޔާލާއި ފިކުރުގެ ގޮތުން ދާދި އެއް ކަހަލަ ވިސްނުމެއް ގެންގުޅޭ މީހުން، 2. ވިހި އަހަރުގެ މުއްދަތު، 3. އުމުރުގެ ފުރައެއް

ހައްލު (ހައްލުވުން):ކަމެއްް ހަމަޖެހުން.

އެޑިޓަރުގެ ނޯޓް
ގއ. މާމެންދޫ މުޙަންމަދު ނަޞީރަކީ ހިންގުމުގެ ދާއިރާގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ލިޔުންތެރިއެކެވެ. މުޖުތަމަޢަށް އަންނަ ބަދަލުތަކާމެދު ފިކުރުފުޅުކުރައްވައި މުޖުތަމަޢުގެ އިޞްލާހަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. އިޖުތިމާޢީ މައްސަލަތަކަށް ލިޔުއްވާ މުޙަންމަދު ނަޞީރަކީ ދިވެހިބަހުގެ ހަމަތަކަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް