Advertisement

ކަނީރުގެ ވިސްނުމުގައި (2): މި އުޅޭ ބުޅާތައް.

01 Jan 2024 | 12:54
ބުޅާތަކެއް، ރަށެއްގެ ގޮނޑުދޮށުގައި (ފޮޓޯ: ކަނީރު/ފަރަގު)

ކަނީރު ޢަބްދުއްރަޙީމް

މި އުޅޭ ބުޅާތައް މި ގޮތަށް އުޅެގެންނެއް ނުވާނެއެވެ. އުޅުނަދީގެންނެއް ނުވާނެއެވެ. އެތައްއެތައް އުނދަގުލަކާއި އެތައް  ގެއްލުންތަކެއް ވާތީއެވެ. ދުއްތުރާވެ އަނިޔާ ލިބޭތީއެވެ.  އެއިން ލިބޭ އެއްވެސް ފައިދާއެއް މިހާރު ނުފެންނާތީއެވެ. ހިތަށްއަރައެވެ. ކުރީގައި އަހަރެމެން ބުޅާ ގެންގުޅުނީ މީދާ ހިފައިދޭތީއެވެ. އޭރު ރަނގަޅު ބުޅަލެއް އޮތިއްޔާ އެ ގެއަކަށް މީދަލުގެ ގެއްލުންތައް ހަމަ ވަރަށް ކުޑަވިއެވެ. ފަހައިގަނެގެން އަތުލައި މަރައި، ބައެއް ފަހަރު ކައި ހުސްކޮށްލައެވެ. އެއީ "ތަހުޒީބު" ނުވާ އިރެވެ. ކާބޯތަކެތި ގިނަވެގެން ކާނެނުކާނެ އެއްޗެއްނޭނގި ކާންކަމަށް ތައްޔާރުކުރާ އެތައް އެއްޗެއް އުކައިލާން ނުހުންނަ ދުވަހެވެ. އޭރު ބުޅަލަށް ވެސް ކާން ބޭނުން ކޮންމެ އެއްޗެއް ކާކަށް ނުލިބެއެވެ. ވުމާ އެކު އެ އެއްޗިއްސަށް ހަމަޖެހިފައި އޮންނަ ގޮތަކީ މީދާ ހިފައިގެން ކެއުންކަމުގައި ބެލީއޭ ބުނެލާނެ ޖާގަ ލިބެއެވެ.

ރަށެއްގެ އަތިރިމަތީގައި ބުޅާތަކެއް..(ފޮޓޯ: ކަނީރު/ފަރަގު)

މިހާ ތަނަށް އައި އިރު، ކުނި ޓައްޕުތައް މަރުވެ ނެތި ޑަސްބިން މި އޮތީ އުފަންވެފައެވެ. ނަތީޖާއެއްގެ ގޮތުން ބުޅާތަކަށް ވެސް މީދާ ހިފުމުގެ ބުރަ މަސައްކަތާ ނުލައި ކާން ލިބިފައެވެ. މިއަދަކު ބުޅަލުން ހިފޭނެ އެއްވެސް ބޭނުމެއް ނެތެވެ. ވާނެ ފައިދާއެއް ވެސް ހަމަ ނެތެވެ. ފަހަރެއްގައި ޗައިނާ ކަހަލަ ގައުމެއްގެ ބަޔަކު ރާއްޖޭގައި ކައްކައި ކައިބޮއި ހަދާ ގޮތަކަށް ދިމާވެއްޖިއްޔާ ބައެއް ދުވަސްދުވަހު އެ މީހުން ކާން ބުޅަލެއް، ދެބުޅަލެއް ގަންނަ ގަތުން ފިޔަވައި ނޯވެއެވެ.

އެ ދުވަސް ހިނގައްޖެއެވެ. މިއަދަކީ މިހާރެވެ. މިއަދެވެ. ބުޅަލުގެ އުނދަގޫ ބޮޑުވެ ނުރައްކާވެފައިވާ ދުވަހެވެ. ވަކިވަކީން ލިއެލުން ރަނގަޅުވާނެއޭ ހީވެ ތަފުސީލުކުރެވޭތޯ ބަލާނަމެވެ. ދާދި ފަހަކާ ހަމައަށް ވެސް ބުޅާ އުޅެއެވެ. އެކި ކަހަލަ ތަފާތުބުޅާ ވެހެވެ. ދެން ހަމަ ކުއްލިއަކަށް ހެން "ބުޅާތަކަކަށް" ވީއެވެ. ގިނަވެގަތީއެވެ. އެހެންއެވީ ކީއްވެތޯ ދެނެގަންނާން ރަނގަޅެވެ. ދިރާސާއެއް ވެސް ހެދުން މުހިންމެވެ.

މިހާރު މާލެއާއިހުޅުމާލެއަކީ ބުޅާތަކާ ހުރެ، ތަފާތު އެތައް އުނދަގޫތަކެއް މީސްމީހުންނާ ކުރިމަތިވާ ތަންތަނެވެ. އެނގިފައިވާ ގޮތުގައި ބައެއް މަގުމަގުގެ އެކި ހިސާބުހިސާބާއި ގޯޅިގަނޑުގަނޑުގެ ތެރޭގައި ނޭފަތް ބަންދުކުރާން ޖެހޭ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ނޭނގި ކުޑަ ކުދީންނާއި ބޮޑެތި މީހުން ބަލިވަމުންދާ ދިއުން ފާހަގަކުރާ މީހުން އެ ކަން ފާހަގަކޮށް ސުވާލުއުފައްދައެވެ.

ބުޅަލުގެ ނަޖިސް (ފޮޓޯ: ކަނީރު/ފަރަގު)

ބައެއް ކުދި ރަށްރަށަށް ވެސް ބުޅަލުގެ މި "ތޫފާނު" އަރައިފިއެވެ. ކުރީގައި ފަތިހު މޫނު އަނދިރިކަން ހުއްޓައި ވެސް މަގުތައްމަތީގައި ހަމައަށް ހިނގައިފައި ދެވެއެވެ. މިހާރު ޖެހެނީ އަލިކަމެއް ހިފައިގެން ފައިދޮށް ބަލައިގެން ހިނގާށެވެ. އެއްވެސް ނިޒާމެއް ނެތި ތަންތަންކޮޅުގައި ހުންނަ "ފުނިފުނި" ބަލައިގެން އެއިން ނެއްޓިގެން ދާންވާތީއެވެ. "އެއްވަސްވެލައިފައި" ހުރުމާއި މެހި ރާންރާންލުމާއި މި ފަދަ ކަންތައްތަކުން ސަލާމަތްވާން ހެނދުނުގެ އަލިކަން ލިބުމުން އެހީލިބެއެވެ. ކިރިޔާ ވެސް ސަމާލުކަން ކުޑަކޮށްފިއްޔާ އެ ތަނުން ތަފާލަކަށް އެރި އެ ކަމުގެ އަދަބު ލިބެއެވެ.

ބުޅަލުގެ މި އުނދަގުލަކީ އެންމެ އާންމު އުނދަގުލެވެ. މި ގޮތަށް އަނގަމައްޗަށް ހާމައަށް ހުންނަ ނަޖިސްތަފާތަކަކީ މެހިތައް އެންމެ ގަޔާވާ، އަދި އެ ތަކެއްޗަށް އެހައި މީރު ބާވަތެކޭ ބުނެވިދާނެއެވެ. ނަތީޖާއެއްގެ ގޮތުން އެ ނަޖިހުގައި މެހި އިށީނދެ ކައި ހަދައިގެން މެހި އުދުހި ދާ އިރު، ފައިތަކާއި ހޮނޑުގައި ހުންނަ، ހަމަ ލޮލަށް ނުފެންނަހައި ހިމަ ކެހެރިފަށްތަކުގައި އެ ނަޖިސްތައް ހުރެއެވެ. އެއާ އެކު އުދުހި ގޮސް އަހަރެމެންގެ ގޭގޭގެ ކާމޭޒުމައްޗަށް ތިރިކޮށް ޖައްސައި، ކާތަކެތީގައި އެ ނަޖިސްތައް އުނގުޅައެވެ. މި ނަޖިހުން ތަފާތު ބަލިބަލި ޖެހޭކަން މިހާރުގެ ހޯދުންތަކުން ސާބިތުވެއެވެ. ހަމަ މި ފަދަ އަނެއް ނުރައްކަލަކީ  ބުޅަލުގެ ކެހެރިތަކުގެ ސަބަބުން އިންސާނުންގެ ފުއްޕާމެއަށް ޖެހޭ ބައްޔެވެ. ދަނެގަންނާން އުނދަގޫ، އަދި ފަސޭހަވުން ވެސް ލަސް ބައްޔެކެވެ.

ފާހަގަކޮށްލާން މަޖުބޫރު މުހިންމު އަނެއް އުނދަގުލަކީ ގޭތެރެއަށް ވަދެ ބަދިގެތެރެއިން ވަގަށް މަސް ގެންދާކަމެވެ. މިހާރުގެ ހާލަތަކީ ހަނދާން ނެތިގެން ނުވަތަ ފަރުވާކުޑަކަމުން ބަދިގެއާއި ކާގެ ހުޅުވައިފައި ދާ ކޮންމެ ފަހަރަކު ހެން ބުޅަލުގެ ދުއްޕާން ފޯރައި ގެއްލުންތަކެއް ލިބުމެވެ. ގޭގައި ގެންގުޅޭ ދޫންޏެއްގެ ޅައެތި އެއީ ވެސް ބުޅަލުގެ ޝިކާރައެކެވެ. ފަނަރަ ސަތޭކަ ރުފިޔާގެ އަގުބޮޑު އެ ދޫނި މަރައިލައި ނޮޅައިލައި ކައިލަނީއެވެ.

ކުރީން ވެސް ރާއްޖޭގައި ބުޅާ އުޅެއެވެ. ގެންގުޅުނެވެ. މިހެން މި ގޮތަށް މީހުންނަށް ނުފޮރުއްޕައިގެން މި ވަރަށް އުޅުނުކަން އެނގިފައެއް ނެތެވެ. އޭރު ބައެއް ރަށްރަށުގައި ބުޅާ ގިނަވިޔަނުދީ ކަންޓުރޯލުކުރިއެވެ. ކޮށި ޖަހައިގެން، އެނދު ޖަހައިގެން ހިފައި މަރައިގެނެވެ.

މިހާރު މި އޮތީ މި ޒަމާނެވެ. ބުޅާ މެރުމަކީ ވަރަށް ނުބައިކަމަކަށް ވެގެން އުޅެނީއްޔޭ ހީވެއެވެ. ބިމުން ބުޅަލަށް އަވަށެއް ޚާއްސަ ކޮށްފާނެއޭ ވެސް ހީވާން އުޅެއެވެ. ބައެއް ފަރާތްތަކުން މަގާމަށް ވާދަކުރުމުގައި، އިންތިޚާބީ ކެންޕޭނުގައި، ބުޅާތަކަށް ވާ ވައުދުގެ އަޑު ވެސް އިވެނީއެވެ. އެ ކަމަށް ޚާއްޞަ ވުޒާރާއެއް ވެސް ހުރެޔޭ ކިޔާ އަޑު އިވެއެވެ. ޕާކެއް ހަދައިދީ ޑަކުޓަރުން ވެސް ހޯދާ ގޮތަށް ތޯއްޗެކެވެ. އަދި އެހެން ނުބުންޏަސް މި ދާ ގޮތުން މަޖިލީހުގެ ކުޑަގޮނޑިއެއް ވެސް ބުޅަލަށް ކަނޑައެޅުން ގާތެވެ. ވާ އުނދަގުލާއި ދޭ ގެއްލުމުގެ ގޮތުން މެއްސާއި  މަދިރި، ނަގުލަންދާއްޓާއި ބިޗޫ، ފައިދިގުމަކުނާއި ކުރަތްޕަށް ވުރެ މިހާރު މި އުޅޭ ބުޅާތައް ވަކި ދެރައެކޭ ނުބުނެވޭނެއެވެ.

ހިތަށް އަރަނީ އަނެއްކާ މި ބުޅާތައް ރަނގަޅު އަދަދެއް ދިނީ، ނުވަތަ ދޭން ބުނީ ބާވައޭއެވެ. އިންސާނުންގެ ޙުރުމަތަށް ވުރެ ޖަނަވާރުގެ ޙުރުމަތް މިހާރު މާ މަތިވެރީ ނޫންބާވައޭ ވެސް ހިތަށް އަރައެވެ.

އެޑިޓަރުގެ ނޯޓް
ކަނީރު އަބްދުއްރަޙީމަކީ ދިވެހިބަހާމެދު ފިކުރު ހިންގަވާ ބޭފުޅެކެވެ. ޞިއްޙީ ދާއިރާގެ ތަޖުރިބާކާރެކެވެ. ޚިދުމަތުގެ ޚާއްޞަ ދަންނަކީ ޞިއްޙީ ދާއިރާކަމަށް ވިޔަސް ލިޔުންތެރިކަމަށް ލޯބިކުރައްވައެވެ. އުރުދޫބަހާއި އިނގިރޭސިބަސް ދެނެވަޑައިގަންނަވާ "ކަނީރު" ދިވެހިބަހުން ލިޔުއްވައި އުޅުއްވައެވެ. ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ޅެންވެރިއެއް ވެސްމެއެވެ.

Advertisement

ކޮމެންޓް