ފަލަސްޠީނަށް ޣައްދާރުވުމަކީ ރަތް ރޮނގު ހުރަސްކުރުން (4)
އަލްއުސްތާޒު އަޙުމަދު މާޖިދު
(2023 ޑިސެންބަރު 26ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެ ތަފާސްހިސާބަކަށް ބަލައިލާ ނަމަ، 2000ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ 3000އަށް ވުރެ ގިނަ ކުޑަކުދީން ޝަހީދު ކޮށްފައެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު ކުއްޖެކެވެ. މި ދަންނަވަނީ، އިސްރާއީލުގެ ސިފައިން ނުވަތަ ޙައްދުފަހަނައެޅި ޒައިނިސްޓް ޓެރަރިސްޓުންގެ ޙަމަލާތަކުން ޝަހީދު ވާ ކުދީންގެ ވާހަކައެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން ރަނގަޅު ކާނާ ނުލިބިގެން ނުވަތަ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން މަރު ވާ ކުދީންގެ ޢަދަދު އެއް ކޮށްލައިފި ނަމަ، މި ޢަދަދު އެތައް ގުނައެއް އިތުރު ވެއެވެ. ހަމައެހެންމެ، އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޒަޚަމް ވެ، އެކި ވަރުވަރުގެ ހާނީއްކަތައް ލިބި، ނުކުޅެދުންތެރި ވުން ފަދަ ޙާލަތުތައް ކުރިމަތި ވެފައި ތިބި ކުދީންގެ ވާހަކަ ވެސް އޮތީއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ބިރުވެރި ވާހަކައިގެ އެންމެ ހުތުރު އެއް ބާބަކީ، އެ ޤައުމުގެ ޖަލުތަކަށް ފަލަސްޠީނުގެ ކުޑަކުދީން ލައިގެން، އެކުދީންނަށް ކުރަމުން ގެންދާ އަނިޔާތަކުގެ ވާހަކައެވެ. އިސްރާއީލުން ކޮންމެ އަހަރަކު ވެސް 500އާއި 700އާ ދެމެދުގެ ޢަދަދެއްގެ ފަލަސްޠީނީ ކުޑަކުދީން ހައްޔަރު ކޮށް، އެކި މުއްދަތުތަކަށް ޖަލުގައި ބައިތިއްބައެވެ. ބައެއް ފަހަރު ދުވަސްތަކަކަށް، ބައެއް ފަހަރު ހަފުތާތަކަކަށް، ބައެއް ފަހަރު އެތައް މަހަކަށް، ބައެއް ފަހަރު އެތައް އަހަރަކަށެވެ. މި އަނިޔާވެރިކަން ދެކެފައި ވާ ކުދީންގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުއްޖަކީ ހުޅަނގު އައްސޭރީގެ ނަބީ ޞާލިޙް އަވަށަށް ނިސްބަތް ވާ އަންހެން ކުއްޖެއް ކަމުގައި ވާ ޢަހަދުއްތަމީމީއެވެ. ޢާއިލާގެ މެންބަރުންނަށް އިސްރާއީލުގެ ސިފައިން ކުރާ އަނިޔާ ފެނުމަކީ ޢުމުރުން އެންމެ ޅައިރުއްސުރެ ފެށިގެން ޢަހަދުގެ ދިރިއުޅުމުގެ ބައެކެވެ. އޭނާގެ ޢުމުރުން 12 އަހަރުގައި، އިސްރާއީލު ސިފައިން އޭނާގެ ކުރިމަތީގައި އޭނާގެ މަންމަ ހައްޔަރު ކޮށްގެން ގެންދިޔައެވެ. އޭގެ ތިން އަހަރު ފަހުން، އޭނާގެ ފިރިހެން ކޮއްކޮ ހައްޔަރު ކުރެވުނީ ވެސް އޭނާގެ ޙާޟިރުގައެވެ. ޢަހަދުގެ ޢުމުރުން 16 އަހަރުގައި ޒައިނިސްޓް ސިފައިން ޚުދު އޭނާ ހައްޔަރު ކުރިއެވެ. އޭނާގެ ދެބެންގެދެދަރި ކޮއްކޮއެއްގެ ބޮލަށް ގާތްގަނޑަކަށް ޕޮއިންޓް-ބްލޭންކް ރޭންޖުން ރަބަރު ފަށަލަ ލީ ދަގަނޑު ވަޒަނެއް ޖަހައި އެ ކުއްޖާ ސީރިޔަސްކޮށް ޒަޚަމް ކޮށްލުމާ ގުޅިގެން، ރުޅި އައިސްގެން އެކަން ކުރި އިސްރާއީލު ސިފައިންގެ ދެމީހުން ކޮއްޕައި، އަތުންނާއި ފައިން އެމީހުންގެ ގައިގައި ތެޅުމުގެ "ކުށުގަ" އެވެ. މި "ކުށުގެ" އަދަބެއްގެ ގޮތުން ޢަހަދުގެ މައްޗަށް އިސްރާއީލުގެ ކޯޓަކުން އަށް މަހުގެ ޖަލު ޙުކުމެއް އިއްވައި، ޢުމުރުން 16 އަހަރުގައި އޭނާ ޖަލަށް ލެވުނެވެ. ޖަލު ޙުކުމް ފުރިހަމަ ވުމަށް ފަހު، މިހާރު ޢަހަދް ވަނީ މިނިވަން ވެފައެވެ. ނަމަވެސް ޢަހަދަކީ އިސްރާއީލުގެ ޖަލުތަކުގެ ރަހަ ދެކޭ ފަލަސްޠީނުގެ ކުޑަކުދީން ކުރެ ތަންކޮޅެއް ނަޞީބު ރަނގަޅު މަދު ކުދީންގެ ތެރެއިން ކުއްޖެކެވެ. "މިޑްލްއީސްޓް މޮނިޓަރ" އިން 2012ވަނަ އަހަރު ނެރުނު މަޝްހޫރު ރިޕޯޓުން އެނގޭ ގޮތުގައި، އިސްރާއީލުގެ ޖަލުތަކަށް ލެވޭ ފަލަސްޠީނީ ކުޑަކުދީންގެ ތެރެއިން 95 އިންސައްތަ ކުދީންނަށް، ބަންދުގެ ދުވަސްވަރު ލާއިންސާނީ އަދި ވޭންދެނިވި ހާނީއްކަ – ޓޯޗަރ – ކުރެވެއެވެ. ދެވޭ އަނިޔާތަކުގެ ތެރޭގައި، އަލިކަމެއް ނެތް އަނދިރި ގޮޅިތަކުގައި ބަންދު ކޮށްފައި އެތައް ދުވަހެއް ވާންދެން ބެއިތިއްބުމާއި، އެކަނިބަންދުގައި ކުޑަގޮޅީގައި އެތައް ދުވަހެއް ވާންދެން ގެންގުޅުމާއި، ކުއްޖާ އޮންނަ ގޮޅީގައި ރެޔާއި ދުވާލު އަލިގަދަ ބައްތި ދިއްލައިގެން ހަމަނިދި ލިބުނަނުދިނުމާއި، ނުބައި ވަސް ދުވާ އަދި ނުތާހިރު ގޮޅިތަކުގައި ކުދީން ބަންދު ކުރުމާއި، މަދިރިޔާއި ކުރަފި ފަދަ ސޫފާސޫފިތަކުގެ އުނދަގޫ ޖެހޭ ގޮޅިތަކުގައި ކުދީން ބަންދު ކުރުމާއި، ކުއްތާ ބޭނުން ކޮށްގެން ކުދީން ބިރު ގެންނުވުމާއި، ތަޙްޤީޤު ކުރުމުގެ ނަމުގައި އެތައް ގަޑިއިރެއް ވާންދެން ކުއްޖާޔާ ސުވާލު ކޮށް ނަފްސާނީ ގޮތުން ބަލިކަށި ކުރުމާއި، ކުދީންގެ ގައިގައި ތަޅައި ހާނީއްކަ ކުރުމާއި، ދެ އަތް ފުރަގަހަށް ވާ ގޮތަށް ތިރި ގޮނޑިޔަށް ބަނދެ ގޮނޑީގައި އެތައް ގަޑިއިރެއް ވާންދެން އިށީނދެގެން އިންނާން ޖެއްސުން – ސްޓްރެސް ޕޮޒިޝަނުގައި ބެއިންދުން – ފަދަ އަނިޔާތައް ހިމެނެއެވެ. "މިޑްލްއީސްޓް މޮނިޓަރ" ގެ ރިޕޯޓުގެ އިތުރުން، "އެމްނެސްޓީ އިންޓަރނޭޝަނަލް" ގެ 2017 ވަނަ އަހަރުގެ ރިޕޯޓެއްގައި ވެސް، މި ކަންކަން ހެކިތަކާއި ތަފްޞީލުތަކާ އެކު ބަޔާން ކޮށްފައި ވެއެވެ. "ސޭވް ދަ ޗިލްޑްރަން" ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި ވަގުތު ވެސް އިސްރާއީލުގެ ޖަލުތަކުގައި ތަޙުޤީޤަށް ކަމަށް ބުނެ ބަންދު ކޮށްފައި ގާތްގަނޑަކަށް 200 ވަރަކަށް ކުޑަކުދީން އެބަތިއްބެވެ. ވެއަތު ވެދިޔަ ދިހަ އަހަރުގެ އެވްރެޖަށް ބަލާ ނަމަ، އިސްރާއީލުގެ ޖަލުތަކުގައި އަބަދުވެސް ތިންސަތޭކައެއްހައި ފަލަސްޠީނީ ކުޑަކުދީން ބަންދު ކުރެވިފައި ތިބެއެވެ.
ތަޞައްވަރު ކޮށްލައްވަބައްލަވާށެވެ! އެއް ދުވަހަކު، ހަމަ ކުއްލިޔަކަށް ކަހަލަ ގޮތަކަށް، ހަތިޔާރު އެޅި ސިފައިން ބުލްޑޯޒަރާއި އެޔާ ވާނޭ ތަކެތި ހިފައިގެން އައިސް، ތިބާގެ ޢާއިލާ އެތައް ޒަމާނަކުއްސުރެ ދިރިއުޅެމުން އަންނަ ތިބާގެ އަމިއްލަ ގެދޮރު، އެ ގޭގައި ހުރި ތިބާގެ ހުރިހައި ތަކެއްޗަކާއި މުދަލަކާ އެކު، ގަޑިއެއްހައި އިރުގެ ތެރޭގައި ސުންނާފަތި ކޮށް ބިމާ ހަމަ ކޮށްފައި، "މިއަދުން ފެށިގެން ކަލޭމެންގެ އެއްވެސް ޙައްޤެއް މި ތަނަކަށް ނެތޭ" ބުނުމުން، ތިބާޔަށް ވާނީ ކިހިނެއްތޯއެވެ؟ މިއީ އިސްރާއީލުގެ ތަކުރާރުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އެންމެ ބޮޑު އެއް އަނިޔާއެވެ. ޤުދުސް ގަޔާއި ހުޅަނގުއައްސޭރީގެ އެހެން ހިސާބުތަކުގައި މިއީ ޢާއްމު ކަމެކެވެ. ޚުދު އިސްރާއީލަށް ނިސްބަތް ވާ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އެންޖީއޯ "އިޒްރައިލީ ކޮމިޓީ އެގެއިންސްޓް ހައުސް ޑިމޮލިޝަންސް" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1948 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އެއްލައްކަޔަށް ވުރެ ގިނަ ގެ، މިގޮތަށް ސުންނާފަތި ކޮށްފައެވެ. އެއްވެސް ބަދަލެއް ދީފައެއް ނޫނެވެ. އެހެން ތަނަކުން ބިމެއް ނުވަތަ ގެއެއް ނުވަތަ ފުލެޓެއް ދީފައެއް ނޫނެވެ. އިސްރާއީލުގެ މުނިސިޕަލް އިދާރާއަކުން، ނުވަތަ ސިފައިންގެ ކޮމާންޑް މަރުކަޒަކުން، ނުވަތަ ކޯޓު ނިންމުމަކުން އެކަން ކުރުމަށް ނިންމުމުން، ސިފައިންގެ ޖަމާޢަތެއްގެ މީހުން ކެޓަރޕިލަރ ބުލްޑޯޒަރެއް ހިފައިގެން އައިސް ވަގުތުން "ނިންމުން ނުވަތަ އަމުރު ތަންފީޒު ކޮށްލަނީ" އެވެ. ދެން އެ ގެއެއްގެ އަހުލުވެރީން މަގުމަތި ވެ، ހުރިހައި ގޮތަކުން ބިކަ ވެގެން ދަނީއެވެ. އެފަދަ ޢާއިލާތަކަށް ދެން ޖެހެނީ ކޮންމެވެސް ތިމާގެ ބައެއް ނުވަތަ ރަޙުމަތްތެރި ބައެއްގެ ހިޔާވަހިކަމުން، ސަލާން ޖަހައިގެން ޖާގައެއް ހޯދާށެވެ. ނުވަތަ ހުޅަނގުއައްސޭރިޔާއި ޣައްޒާގައި އަލިފުދާލުގެ ބެލުމުގެ ދަށުން ޤާއިމު ކޮށްފައި ހުންނަ ރެފިޔުޖީ ކޭންޕަކުން ޓެންޓެއް ހޯދައިގެން، އެ ޓެންޓުގައި "އައު ދިރިއުޅުމެއް" ފަށާށެވެ. މިގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްގެން ޖާގަ ހަދައިގެން، ހަމައެކަނި 1967ގެ ފަހުން އިސްރާއީލުން ވަނީ ޒައިނިސްޓުންނަށް ޓަކައި ހުޅަނގު އައްސޭރީގައި 240 ވަރަކަށް އަވަށް ޤާއިމު ކޮށް، 600،000 ޒައިނިސްޓުން އާބާދު ކޮށްފައެވެ.
އިސްރާއީލުގެ އިމެއް މިނެއް ނެތް ލާއިންސާނީ އަނިޔާވެރިކަން ފެނިގެންދާ އަނެއް ކަމަކީ، ޒައިނިސްޓުންގެ ޢަސްކަރީ ސުޕަރސްޓްރަކްޗަރއެއްގެ ދަށުގައި، ނޭވާ އުފުރި އަރާ މިންވަރަށް ފިއްތައިފައި ވާ ހުޅަނގުއައްސޭރީގެ އެކިއެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައި ވާ 600އަށް ވުރެ ގިނަ ޢަސްކަރީ ޗެކްޕޮއިންޓާއި، އެ ޗެކްޕޮއިންޓްތައް ހުރަސް ކޮށް، އެއް ތަނުން އަނެއް ތަނަށް ގޮސްއައިސް ވެއުޅުމުގައި ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާން ޖެހޭ ދަތިތަކާއި، މީގެ އިތުރުން ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ދަތުރުފަތުރަށް އަޅައިފައި ވާ ހަރުކަށި ހުރަސްތަކެވެ. ބަނޑުގައި ރިއްސާ އަންހެން މީހާ ގޮވައގެން ހަސްފަތާލަށް ދާ ޓެކްސީ ނުވަތަ އެންބިޔުލާންސު ވެސް އެ ޗެކްޕޮއިންޓްތަކުގައި އެތައް ގަޑިއެއް ހޭދަ ކުރާން ޖެހެއެވެ. ފަލަސްޠީނުގެ މިނިސްޓްރީ އޮފް އިންފޮރމޭޝަނުން 2006ގައި ޝާއިޢު ކުރި ރިޕޯޓެއްގައި ބުނެފައި ވާ ގޮތުން، 2000ވަނަ އަހަރާއި 2005ވަނަ އަހަރާ ދެމެދު، މި ދަންނަވާ ޙާލަތުގައި ފަލަސްޠީނުގެ މާބަނޑު 67 އަންހެނުން އިސްރާއީލު ސިފައިންގެ ޗެކްޕޮއިންޓްތަކުގައި ވިހައި، ވަގުތުން ލިބޭން ޖެހޭ ޑޮކްޓަރީ އެހީތެރިކަން ނުލިބިގެން އެއިގެ ތެރެއިން 36 ކުދީން ނިޔާ ވެފައި ވެއެވެ. އިސްރާއީލުގެ "އެޕަރތައިޑް" ނިޒާމުގެ ތެރެއިން، ޚުދު ހުޅަނގުއައްސޭރީގައި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުން ކުރެވެނީ ވަކި މަގުތަކެކެވެ. އިސްރާއީލީންނަށް ޚާއްޞަ މަގަކުން ފަލަސްޠީނުގެ މީހަކު ދަތުރު ކޮށްފި ނަމަ، އަންނަ އެންމެ ކުޑަ ޙުކުމަކީ ތިން މަސް ދުވަހުގެ ޖަލުޙުކުމެކެވެ. މި ގޮތްގޮތުން، ފަލަސްޠީނުގެ ރައްޔިތުންނަށް، އެމީހުންގެ އަމިއްލަ ބިމުގައި، އެއް ތަނުން އަނެއް ތަނަށް، އެންމެ އަސާސީ ޚިދުމަތްތައް ހޯދުމަށް ޓަކައި ވެސް، ދަތުރުފަތުރު ކުރުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން ދިމާ ވެފައި ވާ ހިތާމަވެރި އެތައް ހާސް ހާދިސާގެ ތެރެއިން، އެންމެ މަޝްހޫރު އަދި އެންމެ އަސަރު ކުރުވަނިވި އެއް ހާދިސާޔަކީ، ޣައްޒާޔަށް ނިސްބަތް ވާ، ޢުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުއްޖެއް ކަމުގައިވާ ޢާއިޝާ ލުއުލުއު މަރު ވެގެން ދިޔަ ހާދިސާއެވެ.
ޣައްޒާގެ ބުރައިޖް ރެފިޔުޖީ ކޭންޕުގައި ދިރިއުޅެމުން ދިޔަ ޢާއިލާއެއްގެ މި ކުއްޖާ 2019 ވަނަ އަހަރުގެ ކުރީކޮޅު، ކުއްލިޔަކަށް ވަރަށް ބޮޑަށް ބަލި ވިއެވެ. އެންމެ ފުރަތަމަ ކުއްޖާގެ ބޮލުގައި ކެތް ނުކުރެވޭހައި ގަދަޔަށް ރިއްސާން ފެށީއެވެ. ދެން، ކާ ކޮންމެ އެއްޗެއް ހޮޑަށް ބޭރު ވާން ފެށީއެވެ. ކުއްޖާގެ މައިންބަފައިން އެންމެ ފުރަތަމަ ކުއްޖާ ގެންދިޔައީ އަލިފުދާލުގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ޣައްޒާގައި ހިންގާ ރެފިޔުޖީ ކޭންޕު ކުލިނިކަށެވެ. ކުލިނިކުގެ ޑޮކްޓަރުން ޢާއިޝާޔަށް ތަދު ކަނޑުވާ ބޭސް ދިނެވެ. ނަމަވެސް އެ ބޭހަކުން ކުއްޖާޔަށް ލުޔެއް ނުލިބި، ބޮލުގެ ރިއްސުން ވެސް، އދި ހޮޑުލުން ވެސް ދިޔައީ ގޯސް ވަމުންނެވެ. ދެން ކުއްޖާ ގެންދެވުނީ ޣައްޒާގެ ހަސްފަތާލަކަށެވެ. އެތަނުން އެނގުނީ ކުއްޖާޔަށް ސިކުނޑީގެ ކެންސަރު ޖެހިފައި ހުރިކަމެވެ. އިތުރު ފަރުވާޔަށް ޓަކައި ކުއްޖާ އިރުމަތީ ޤުދުސްގެ އޮގަސްޓާ ވިކްޓޯރިޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އޭނާޔާ އެކުގައި އޭނާގެ މައިންބަފައިން ދިޔުމުގެ ހުއްދައެއް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކަކުން ނުދިނެވެ. ހަނދުމަފުޅު ނެއްތަވައިނުލައްވައްޗެވެ! މި ދަންނަވަނީ ތަދު ކަނޑުވާ ބޭހަށް ވެސް ނުކަތާ ވަރުގެ ގަދަފަދަ ވޭން ތަހައްމަލު ކުރަމުން، ހިލަ ވެސް ވިރޭފަދަ ގޮތެއްގައި ކަރުނަ އަޅައި ރޮއިރޮއި އޮތް، ޢުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުޑަ ކުއްޖެއްގެ ވާހަކައެވެ. މައިންބަފައިންނަށް ހުއްދަ ނުލިބުމުން، ޢާއިލާގެ އެހެން މެންބަރުން، ދުރުތާ ތިމާގެ މީހުން ކުރެ މީހަކު ވިޔަސް ކުއްޖާޔާ އެކު ހަސްފަތާލަށް ދިޔުމުގެ ހުއްދަ ދޭތޯ އެތައް އާދޭހެއް ކުރުމުން ވެސް، އެ ހުއްދަ ވެސ އިސްރާއީލުން ނުދިނެވެ. އެތައް މަސައްކަތެއް ކޮށްގެން، ކުއްޖާޔާ އެކުގައި ޤުދުސަށް ދިޔުމުގެ ހުއްދަ ލިބުނީ ކުއްޖާގެ ބޮޑުދައިތައެއްގެ ރަޙުމަތްތެރިއެއް ކަމުގައި ވާ ވަރަށް ބަލި އަދި މުސްކުޅި އަންހެނަކަށެވެ. އޮގަސްޓާ ވިކްޓޯރިޔާ ހަސްފަތާލުގައި ޢާއިޝާގެ ސިކުނޑީގެ އޮޕަރޭޝަން ކުރެވުނެވެ. ކުއްޖާގެ ޙާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވެސް ވިއެވެ. ނަމަވެސް ހެއި އެރުމަށް ފަހު، މަންމަޔާއި ބައްޕަ އަދި ޢާއިލާގެ އެއްވެސް މީހަކު ނެތުމުގެ ހިތާމައިގެ ސަބަބުން ކުއްޖާޔަށް ނަފްސާނީ ގޮތުން ލިބުނު ހިތްދަތިކަމާއި ހިތާމައިގެ ސަބަބުން، ބަލި އަޑަކުން މަންމާއޭ ގޮވައި ރޮއިރޮއި އޮވެ، ޙާލު އިތުރަށް ދެރަ ވަމުން ގޮސް ހުއްޓުނީއެވެ. ޑޮކްޓަރުން ޢާއިޝާގެ ފުރާނަޔާ މެދު އުއްމީދު ކަނޑައިލައި، ޣައްޒާޔަށް ފޮނުވި އިރު، އޭނާގެ ހަށިގަނޑުގައި ހުރި ހަމައެކަނި ޙަރަކާތަކީ ކަރުނަވީ ލޮލަކުން އެސްފިޔަ ޖަހައިލުމެވެ. ޣައްޒާޔަށް ޢާއިޝާ ގެންދެވުނު ދަތުރުމަތީގައި، އިސްރާއީލުގެ ޢަސްކަރީ ޗެކްޕޮއިންޓްތަކުގައި އެތައް ގަޑިއެއް ހޭދަ ކުރާން ޖެހުނެވެ. އެނބުރި މައިންބަފައިންގެ ގާތަށް ދިޔުމަށް ފަހު، ދާދި އަވަހަށް ޢާއިޝާގެ ފުރާނަ މި އަނިޔާވެރި ދުނިޔެއަށް އަލްވަދާޢު ކިޔައި، ޚާއިނުންނާއި ޣައްދާރުންނާއި އަނިޔާވެރީންނަށް އެ ދުނިޔެއެއްގައި ގުންފައި ޖަހަމުން ނުހިނގޭނެ ދުނިޔެއަށް ދަތުރު ކުރީއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ދެ މިލިޔަން މީހުން ދިރިއުޅޭ ޣައްޒާ، 2007 ވަނަ އަހަރުން ފެށިގެން އޮންނަނީ ޒައިނިސްޓް ސިފައިންގެ ވަރުގަދަ ޙިޞާރެއްގެ ތެރޭގައެވެ. އެ ޙިޞާރުގެ އެއްފަޅި ބަލަހައްޓައިދެނީ މިޞްރުގެ ވެރިކަމަށް ގަދަބާރުން އަރައިއިން ޣައްދާރު ފިރްޢައުނު ޢަބްދުލްފައްތާޙުއްސީސީއެވެ. ދުނިޔޭގެ އެންމެ ބޮޑު "ހުޅުވިފައި ވާ ޖަލު" ގެ ގޮތުގައި ސިފަ ކުރެވޭ ޣައްޒާގެ ޢުމްރާނީ އޮނިގަނޑު ވަނީ މުޅީންހެން ފުނޑުފުނޑު ވެފައެވެ. އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ ވީރާނާ ވެފައި ހުރި ޢިމާރާތްތަކާއި، އަލިފުދާލުގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައި ހުންނަ ރެފިޔުޖީ ކޭންޕުތަކުގައެވެ. ބޯކަށް، ކައްކާކަށް، އަދި ފެން ވަރާކަށް ސާފު ފެނެއް ނުލިބެއެވެ. ބޭނުން ވާ ވަރާ ގާތަށް ވެސް ކަރަންޓެއް ނުލިބެއެވެ. ކަރަންޓާއި ފެނާއި ބޭސް ފަދަ އަސާސީ ޚިދުމަތްތަކާއި ތަކެތި ނުލިބުމުގެ ސަބަބުން، ޣައްޒާގެ ހަސްފަތާލުތަކުން ރައްޔިތުންނަށް އެންމެ އަސާސީ ޞިއްޙީ ޚިދުމަތް ވެސް ރަނގަޅަކަށް ނުދެވެއެވެ. ޣައްޒާޔަށް ކާބޯތަކެތި އެތެރެ ކުރެވެނީ ވެސް އިސްރާއީލުން ކަނޑައަޅައިފައި އޮންނަ މިންވަރަކަށް ކަމުގައި ވާއިރު، އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އެތައް ރިޕޯޓަކުން އެނގި ބަޔާން ވެފައި ވަނީ، އިސްރާއީލުން ޣައްޒާޔަށް ކާނާ އެތެރެ ކުރުމުގެ ހުއްދަ ދެނީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ނިޔުޓްރިޝަން ރަނގަޅަށް ނުލިބޭނެ ގޮތް ބަލައިގެން ކޮށްފައި ވާ ޕްލޭނަކާ އެއްގޮތަށް ކަމެވެ. މަދަރުސާތައް ހަލާކު ވެ، އެ ތަންތަނަށް ކުރިމަތި ވެފައި ވާ ވަސީލަތްތަކުގެ ދަތިކަމުގެ ނަތީޖާއެއްގެ ގޮތުން، ކުދީންނަށް ތަޢުލީމު ދިނުމުގެ ކަންކަން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މި ޙާލުގައި ޣައްޒާގެ ރައްޔިތުން އުޅޭ އިރު، އިސްރާއީލުގެ މިސައިލެއް ނުވަތަ ބޮމެއްގެ ޙަމަލަ އަމާޒު ވާނީ ކޮން އިރަކު ކޮން ތަނަކަށް ކަން، އެއީ އެއްގޮތަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. އެފަދަ ޙަމަލައެއް ޣައްޒާގެ ކޮންމެވެސް ހިސާބަކަށް ނާރާ ހަފުތާއެއް ފާއިތު ވަނީ މަދު ފަހަރެއްގައެވެ. ހަމައެހެންމެ، އެފަދަ ޙަމަލައެއް އަތުވެދާނެކަމުގެ ބިރުވެރިކަމުގައި، ރެއިގަނޑުގެ ނިދި ނުލިބި، އެތައް ލައްކަ ކުޑަކުދީންނެއް ވަނީ ނަފްސާނީ ހަލާކުގެ ވަޅުގެ ތުންފަތްމަތީގައެވެ. 2008 އަދި 2009 ގައްޔާއި، 2012 ގައްޔާއި، 2014 ވަނަ އަހަރު، އިސްރާއީލުން ޣައްޒާޔަށް ދިން ވަރުގަދަ ޙަމަލަތަކުގެ ވާހަކަ ކޮންމެހެން ތަފްޞީލުކޮށް ދައްކާނެ ކަމެއް ނެތެއް ނޫންތޯއެވެ؟ ޣައްޒާގެ ދެ މިލިޔަން ރައްޔިތުންގެ ދިރިއުޅުމަކީ އިސްރާއީލުގެ މި އަނިޔާވެރިކަމުގެ ދަށުގައި، "ދޮޅިން ދަތް އަތް ނުނެއްޓޭހައި" ހިތާމަޔާއި ވޭނުގައި ގުނޭ ދުވަސްތަކެކެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ އަނެއް ބާބަކީ، ފަލަސްޠީނުގެ ލީޑަރުންނާއި މުޙައްރިކުން "އެކްސްޓްރާ-ޖުޑީޝަލީ" ޝަހީދު ކުރުމުގެ ބާބެވެ. ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި، ޒައިނިސްޓުން މި "އުކުޅު" ތަޢާރަފު ކުރީ 1944 ގައެވެ. ފަލަސްޠީނުގައި ޒައިނިސްޓުން އާބާދު ކުރުމާ ދެކޮޅު ހެއްދެވި އިނގިރޭސި ސިޔާސީ ލީޑަރު އަދި ވިޔަފާރިވެރިޔާ ވޯލްޓަރ އެޑްވަރޑް ގިނެސް "އެކްސްޓްރާ-ޖުޑީޝަލީ" އަވަހާރަ ކޮށްލުމާ ހަމައިންނެވެ. އެއިގެ ފަހުން، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ލީޑަރުންނާއި، ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ އިސް މުޙައްރިކުން ޝަހީދު ކުރުމަށް ޓަކައި ގެންގުޅޭ ޢާއްމު އުކުޅަކަށް މިކަން ހަދައިފައެވެ. ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާ "އަލްޙައްޤު" އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވާ ގޮތުގައި، 1966 އިން ފެށިގެން މިހައިތަނަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ލީޑަރުންނާއި މުޙައްރިކުންގެ މަދު ވެގެން 366 ބެއިފުޅުން ޝަހީދު ކޮށްލައިފައެވެ. ގާތްގަނޑަކަށް ކަށަވަރު ކުރެވޭ ގޮތުގައި، ފަލަސްޠިނުގެ ކުރީގެ ލީޑަރު އައްސައްޔިދު ޔާސިރު ޢަރަފާތު ޝަހީދު ކޮށްލީ ވެސް މި ގޮތުގެ މަތީން އިސްރާއީލުންނެވެ. އިސްރާއީލުން ޝަހީދު ކޮށްފައި ވާ އެހެން ލީޑަރުންގެ ތެރޭގައި އަޙްމަދު ނަޞްރު ޖައްރާރާއި، ޝައިޚް އަޙްމަދު ޔާސީނާއި، ޚަލީލް އަލްވަޒީރާއި، ފަތުޙީ ޝަޤާޤީ އާއި، ޣައްސާން ކަނަފާނީ އާއި، ޔަޙްޔާ ޢައްޔާޝާއި، އަބޫ ޢަލީ މުޞްޠަފާ އާއި، ރާއިދު އަލްކަރްމީ އާއި، އަބޫ ޝަނާބާއި، ޢަބްދުލް ޢަޒީޒް އައްރަންތީސީ އާއި، ޞަލާޙް ޝިޙާދާ ހިމެނެއެވެ. މި ބެއިބެއިފުޅުން "އެކްސްޓްރާ-ޖުޑީޝަލީ" ޝަހީދު ކުރުމުގައި އިސްރާއީލުގެ މަޤްޞަދަކީ، ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ ޒަޢާމަތު ފުނޑުފުނޑު ކޮށްލުމެވެ. އެ ޙަރަކާތުގެ ޤިޔާދަތު ނެއްތައިލުމެވެ. އެ ޙަރަކާތުގެ "ބޯ" ފިސްފިސް ކޮށްލުމެވެ. މި ގޮތުން ޝަހީދު ކުރެވޭ ބެއިފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ފަލަސްޠީނުގެ ޤައުމީ ޖިހާދުގެ ލީޑަރުންނާއި، ޢިލްމީ ލީޑަރުންނާއި، ޅެންވެރީންނާއި، މުފައްކިރުންނާއި، ދީނީ ޢާލިމުން ހިމެނިވަޑައިގަނެއެވެ.
ކުރު ގޮތަކަށް ދަންނަވާ ނަމަ، އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ޢާއިލާއެއްގެ ގެދޮރާއި މުދާ ގެއްލިފައި ނުވާ، ނުވަތަ ޢާއިލާގެ މަދުވެގެން އެއް މެންބަރެއްގެ ފުރާނަ ގެއްލިފައި ނެތް، ނުވަތަ ޢާއިލާގެ މަދު ވެގެން ކޮންމެވެސް އެކަކު މުޅި ޢުމުރަށް ނުކުޅެދުންތެރި ވެފައި ނުވާ، ނުވަތަ ޢާއިލާގެ މަދު ވެގެން ކޮންމެވެސް އެކަކު އިސްރާއީލުގެ ޖަލެއްގައި ނެތް އެންމެ ޢާއިލާއެއް ވެސް ފަލަސްޠީނުގައި ނެތޭ ދެންނެވިދާނެއެވެ. ނަމަވެސް މި ހުރިހައި ލާއިންސާނީ އަނިޔާތަކަށް ވުރެ ވެސް، އެއް ގޮތަކުން ބޮޑު އަނިޔާއަކީ، އިސްރާއީލުގެ ޙައްދެއް ނެތް ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅަށް، އަމިއްލަ ފުރާނަތަކާއި އަޚުން އުޚުތުންނާއި މައިންބަފައިންނާއި ގެދޮރާއި މުދަލާއި ވަޒަނުގެ ދިފާޢުގައި، އަމިއްލަ ޤައުމީ އިސްތިޤްލާލާއި ސިޔާދަތާއި މިނިވަންކަމަށް ޓަކައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ ޙައްޤު ޖިހާދަކީ "ޓެރަރިޒަމް" ކަމަށް ބުނެ، ޒައިނިސްޓުންނާއި އެ މީހުންގެ އެކުވެރީން ހިންގަމުން ގެންދާ "ވިކްޓިމް ބްލޭމް"ކުރުމާއި "ވިކްޓިމް ޑީމަނައިޒް"ކުރުމުގެ ނާތަހުޒީބު އަދި ނުބައި ޕްރޮޕެގެންޑާއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކަކީ އިސްރާއީލުގެ "އަމިއްލަ ދިފާޢުގައި" ކުރާ ހަނގުރާމައެއް ކަމަށް ބުނެ މުޅި ދުނިޔަށް އިއްވައި ކުރަމުން ގެންދާ ބާޠިލު، މަކުރޫހަ، އަދި ލާއިންސާނީ ދަޢުވާއެވެ.
(ނުނިމޭ)