Advertisement

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން 2024ގައި ދުނިޔެއަށް އަތުވެދާނެ ބަދަލުތައް.

31 Dec 2023 | 22:22
ހުޅަނގު އައްސޭރީގައި ހިންގާ ލާ އިންސާނީ ޢަމަލުތައް ހުއްޓައިލާން ގޮވައިލައި ބާއްވާ މުޒާހަރާއެއް: އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ އޮފީހުން މި ކަމާ ބެހޭ ގޮތުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މި ނިމެމުންދާ 2023ވަނަ އަހަރު އޮކުޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ ކުރީން، މެދުއިރުމަތީގެ ގިނަ ގައުމުތައް ދިޔައީ ފަލަސްޠީނުގެ ޒަމާންވީ މައްސަލަ ހަނދާން ނައްތައިލުމަށް ފަހު އެމެރިކާގެ މަކަރުވެރިކަމުގެ ދަށުން އިސްރާއީލަށް ހުރި ނުރައްކާތައް ކުޑަކުރުމާ ދިމާއަށެވެ. އަދި އާންމު ޙާލަތެއްގައި މެދުއިރުމަތި ބޭއްވުމާ ދިމާއަށެވެ. ހުޅަނގުގެ ބަހުރުވައިން ނަމަ ނޯމަލައިޒޭޝަނާ ދިމާއަށެވެ. ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި މާރިޗު މަހު ސޮއިކުރިއެވެ. ސީރިއާ އަލުން އަރަބި ލީގަށް ވެއްދިއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އިރުދުޣާން މަސައްކަތްކުރެއްވީ އެކުވެރި އިމާރާތާއި ސައުދީ އަރަބިއްޔާއާއި މިސްރާއެކު ގުޅުންތައް ރަނގަޅުކުރާށެވެ. އެމެރިކާއިން ބާރުއަޅައިގެން ސައުދީ އަރަބިއްޔާއާއި އިސްރާއީލުގެ ގުޅުން ރަނގަޅުކުރިއެވެ. މީގެ އިތުރަށް (އިންޑިއާއާއި އިސްރާއީލާއި އިމާރާތާއި އެމެރިކާ ހިމެނޭ) އައި2ޔޫ2 ގުރޫޕުން، އިންޑިއާ-މެދުއިރުމަތި-ޔޫރަޕުގެ އިގުތިސާދީ ހުޅުވައިލުމުގެ މަޝްރޫޢާއި 'ނެގޭވް ފޯރަމް' ފަދަ ސަރަހައްދީ އެއްބާރުލުމުގެ ބައެއް މަންސަތައް ގާއިމުކުރުމަށް އެމެރިކާއިން ގެންދިޔައީ ބާރުއަޅައި އެހީތެރިވަމުންނެވެ. ހަނދާން ނައްތައިލައިފައި އޮތީ ފަލަސްޠީނަށް އިސްރާއީލުން ކުރާ އަނިޔާތަކެވެ. އެތާގެ ބިންތައް ފޭރޭ ފޭރުމެވެ. ހަގީގަތުގައި އެމެރިކާއާއި އިސްރާއީރުގެ ބޭނުމަކީ ވެސް ފަލަސްތީނުގެ މައްސަލަ ޢަރަބި ލީޑަރުންގެ އެޖެންޑާއިން އެއް ފަރާތްކޮށް މެދުއިރުމަތީގައި، ސަލާމަތީ ގޮތުން އަމާން، އިގުތިސާދީ ގޮތުން ފަހި، ފުރުސަތުތަކެއް އިސްރާއީލަށް ހޯދައިދިނުމެވެ.

މިހާރު ޣައްޒާއަށް ދެމުންގެންދާ ޢުދުވާނުގެ ސަބަބުން، ނަކްބާގެ ޙާލަތަށް ވުރެ ލިބުނު ގެއްލުންތައް ވަކި ކުޑައެއް ނޫނެވެ. (ފޮޓޯ: އޭއެފްޕީ)<br>

އިސްވެ ދެންނެވުނު ޙަރަކާތް އެމެރިކާގެ މަކަރުވެރިކަމާއެކު ހިނގަމުން ދިޔަ ނަމަވެސް މެދުއިރުމަތި މުޅީން އަމާން ނުވާނޭ ބާރުގަދަ ސަބަބުތަކެއް ވެސް ހުރިކަން ގަބޫލުކުރާންޖެހެއެވެ. ލީބިޔާއައި ސޫރިއާ އަދި ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތައް ކުރިއަށް ދިޔައީ، ހައްލެއް ނުލިބިއެވެ. އަދި އެއަށްވުރެ ކަންބޮޑުވާ ކަމަކީ ސޫދާނުގައި ދާޚިލީ އާ ހަނގުރާމައެއް ފެށުމެވެ. އަދި ހަކަތަ އެތެރެކުރާ ގައުމުތަކުގެ ދަތި އިގްތިސާދީ ހާލަތު ގޯސްވެ، ދަރަނީގެ ބުރަ ބޮޑުވުމާއި، ބެންކުތަކުގެ ސޫދުގެ އަގު މައްޗަށް ދިޔުމާއި މި ގައުމުތަކުގެ ލާދަ މަތިވުމާއި، ކާބޯތަކެތީގެ އަގު ބޮޑުވުމުން މިސްރާއި  އުރުދުނާއި ޓިއުނީޝިއާއާއި އެހެނިހެން ގައުމުތަކަށް ވަރަށް ބޮޑު އަސަރެއް ފޯރިއެވެ. ލުބުނާނަކީ ކުރީން ވެސް އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ގައުމަކަށް ވާ އިރު، 2023ވަނަ އަހަރާ ހަމައަށް ވެސް އެ ގައުމު އޮތީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ވާގިނެތިފައިވާ ފަދަ ޙާލަތެއްގައެވެ.

އިސްރާއީލުން ދާއިމީ ގޮތެއްގައި ފަލަސްޠީނަށް ދޭ ޢުދުވާނީ ޙަމަލާތައް ދުނިޔޭގެ ސަމާލުކަށް ގެނައުމަށް ޓަކައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސުން އިސްރާއީލަށް ދިން ހަމަލާއާއި، އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް އިސްރާއީލުން ދޭންފެށި ލާއިންސާނީ ޢުދުވާނުގެ ސަބަބުން މި ސަރަހައްދު ވަނީ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައެވެ. ޙަމާސުން ދިން ޙަމަލާގެ ސަބަބުން އިސްރާއީލަށް ލިބުނު ގެއްލުމަކީ އިސްރާއީލުގެ މި ޒަމާނުގެ ތާރީހުގައި އެ މީހުންނަށް އަސްކރީ ގޮތުން ލިބުނު އެންމެ ބޮޑު ގެއްލުމެވެ. މި ކަމުގެ ސަބަބުން އެ މީހުން ޢަސްކަރީ ގޮތުން ލަދުގަތެވެ. މި ލަދުން އަރައިގަތުމަށް ޓަކައި، ޣައްޒާގައި ހިންގަމުން ގެންދާ ބަދަލު ހިފުމުގެ ސަބަބުން 1948 ވަނަ އަހަރުގެ ނަކްބާއަށް ފަހު ފަލަސްތީނުގެ މީހުންގެ ފުރާނައާއި ގެދޮރަށް އެންމެ ބޮޑަށް ގެއްލުމެއް ލިބިފައިވަނީ ވެސް މި ފަހަރު އިސްރާއީލުން ދެމުން ގެންދާ ޢުދުވާނީ ޙަމަލާގެ ސަބަބުންނެވެ. މި ކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީވުމާއި އިސްރާއީލުގެ އަމަލުތަކާ މެދު ޢަދާވާތްތެރިވުމުގައި އިސްރާއީލުގެ އާންމު ޚިޔާލުތައް ވެސް ވަނީ ދެކަފިވެފައެވެ.

ފަލަސްތީނާއި އިސްރާއީލުން ބޭރަށް ވެސް މި ހަމަނުޖެހުން ވަނީ ފުޅާވެފައެވެ. ހަނގުރާމައިގެ ކުރީކޮޅު ލުބުނާނުގެ ހިޒްބުاللهއާއި އިސްރާއީލާ ދެމެދު ލުބުނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގައި ބަދަލުކުރެވުނު ޙަމަލާތަކަކީ 2006ވަނަ އަހަރަށް ފަހު ބަދަލުކުރެވުނު މި ފަދަ އެންމެ ބޮޑު ޙަމަލާކަމަށް ބައެއް މީހުން ސިފަކުރެއެވެ. ނަމަވެސް މި ހަމަނުޖެހުން އިތުރަށް ފުޅާވިޔަ ނުދިނުމަށް ޓަކައި އެމެރިކާއިން މަރަށް ބޮޑަށް މަސައްކަތްކުރިކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް 2024ވަނަ އަހަރު މި ޙަމަލާތައް އިތުރުވުމުގެ ހިރާސް އެބަ އޮތެވެ.

މެދުއިރުމަތީގެ ސަރަހައްދުގައި ތިބި އީރާނުގެ އެހެން އެކުވެރީން ވެސް ވަނީ އެ މީހުންގެ ގުޅުން ވަރުގަދަކޮށްފަ އެވެ. އިރާގާއި ސީރިއާގައި، އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމައަތްތަކުން އެމެރިކާ މަޞްލަޙަތުތަކަށް 100އަށް ވުރެ ގިނަ ހަމަލާ ދީފައިވާ އިރު، އެމެރިކާއިން ވަނީ އެކަމަށް ރައްދުދީފައެވެ. ޔަމަންގެ ހޫތީން ވަނީ އިސްރާއިލަށް ރަތްކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް ހަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުން މާ ބޮޑު ގެއްލުމެއް ނުވާކަމަށް އެމެރިކާ ބުނި ނަމަވެސް އެ ކަމުގެ ސަބަބުން ރަތްކަނޑުގައި ދަތުރުފަތުރުކުރުމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. އިރާގާއި ސީރިއާގެ ހަތިޔާރު އެޅި ޖަމާޢތަތަކަށް އެމެރިކާއިން ޙަމަލާ ދިން ނަމަވެސް އެމެރިކާއިން ވަނީ ޔަމަނުގެ ބިމުގައި އަދި މިހާތަނަށް ރައްދު ނުދިނުން އިޚުތިޔާރުކޮށްފައެވެ. މީގެ ސަބަބެއްކަމަށް މުޙައްލިލުން ލަފާކުރަނީ ޙޫތީންނަކީ އީރާނުގެ ތާއީދު ލިބިފައިވާ ޖަމާޢަތެއްކަމަށް ވާތީ، އެ މީހުންނަށް ޙަމަލާ ދީފި ނަމަ، އީރާނުން މަޑުން ނޯންނާނެކަން އެމެރިކާއަށް އެނގޭތީއެވެ. އީރާނަކީ އެމެރިކާއާއި އިސްރައީލު ވެސް ޖެހިލުންވާ ގައުމެކެވެ.

ސަރަހައްދީ ހަމަޖެހުމުގައި ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ގަބޫލުކުރާންޖެހެއެވެ. ނަމަވެސް މިއީ ކުރިމަގުގައި ހުރި ބޮޑެތި ހަމަނުޖެހުންތަކަށް އޮތް ދާއިމީ ޙައްލެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި ފަހަކަށް އައިސް ގަލްފު ގައުމުތަކާ އީރާނާ އޮންނަ ގުޅުން ރަނގަޅުވެފައިވުމާއެކު، އެމެރިކާއާ ވެސް އޮންނަ ގުޅުންތައް ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވެއެވެ. މި ކަމުގެ ސަބަބުން މެދުތެރޭކަނޑަށް އެމެރިކާގެ މަނަރުތަކަށް ވެސް ވަދެވުނެވެ. އެމެރިކާގެ މައިގަނޑު ބޭނުމަކީ އިސްރާއީލު ޙިމާޔަތްކުރުންކަމަށް ވިޔަސް މި ސަރަހައްދުގައި އެ މީހުން ގާއިމުކޮށްފައިވާ އެއްބައިވަންތަކަމުގެ ސަބަބުން އިސްރާއީލަށް އެ ސަރަހައްދުގައި ދެވޭ ޙަމަލާތައް ހުއްޓުވިފައިވެއެވެ. އަދި މެދުއިރުމަތީގެ ގައުމުތައް އިސްރާއީލާ ދެކޮޅުވުން ހުއްޓުވުމަށް ޓަކައި އެމެރިކާގެ މަކަރުވެރިކަމުން ގާއިމުކޮށްފައިވާ އިބްރާހީމް އެއްބަސްވުމާއި (އަބްރަހަމް އެކޯޑްސް) ސުލްހައިގެ އެއްބަސްވުންތަކުގެ ސަބަބުން އިސްރާއީލަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. އަދި އިސްރާއީލާއި ސައޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުމުގެ ޢާންމު ޙާލަތަކަށް އައުމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ލުއިތަކެއް ލިބިދާނެކަމަށް ބައެއް މީހުން ލަފާކުރެއެވެ. ނަމަވެސް އިސްރާއީލަކީ އެ މީހުންގެ ނިޔަތް ދުވަހަކު ވެސް ބަދަލުކުރާނެ ބަޔަކަށް ނުވަތީ އެބައިމީހުން ފަލަސްޓީނުގެ ބިން ފޭރިގަތުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ގެންނާނެކަމަކަށް ލަފައެއް ނުކުރެވެއެވެ. އެމެރިކާއަކީ އެއްވެސް ޝަރުޠެއް ނެތި ކޮންމެ ޙާލަތެއްގައި ވެސް އިސްރާއީލަށް ހުރިހާ ގޮތަކުން ވެސް ހުރިހާ އެހީތެރިކަމެއް ދޭނެ ގައުމެއްކަން އިސްރާއީލަށް ކަށަވަރުވާނެއެވެ. އެހެންކަމުން އެ މީހުން ބިރުގަންނާނޭ ޖެހިލުންވާނޭ އެއްވެސް ގާނޫނެއް ހަމައެއް އުސޫލެއް ނޯންނާނެކަން އެ މީހުންނަށް އެނގެއެވެ.

2024ވަނަ އަހަރު ގިނަ ކަންތައްތަކެއް ބިނާވެފައި އޮންނާނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް އަންނަ ގޮތެއްގެ މައްޗަށް ބިނާވެފައެވެ. އިސްރާއީލުން ޣައްޒާ އަލުން ހިސާރުކޮށްގެންނާއި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ފުޅާކުރާކުރުމަށް ނިމުމެއް ނައިސް މި ހަމަނުޖެހުންތައް ނިމިއްޖެ ނަމަ، އިސްރާއީލާއެކު އާންމު ހާލަތަކަށް އައުމަށް ޓަކައި ޢަރަބި ގައުމުތަކާއެކު ކުރެވޭ މަސައްކަތުގެ ދުވެލި މަޑުވާނެއެވެ. އަދި އެ ކަމާ ދެކޮޅަށް އަރަބި ގައުމުތަކުގެ ރައްޔިތުންގެ ޚިޔާލު ވަރުގަދަވެދާނެއެވެ. ހަމައެއާއެކު، އެމެރިކާގެ ސަރަހައްދީ ގުޅުންތަކުގައި ވެސް ކުރިމަތިލާން ޖެހޭނީ އެ ފަދަ ޝުޢޫރުތަކަކާއެވެ. އެހެންވެއްޖެ ނަމަ  އީރާނާއި އެގައުމުގެ ތާއީދު ލިބިފައިވާ ޖަމާއަތްތަކަށް ވެސް މި ފައިދާ ލިބި، އިތުރު ޙަރަކާތްތަކެއް ފެށިދާނެއެވެ. އަނެއްކޮޅުން ހަނގުރާމައިގެ ފަހުން އެމެރިކާ އިސްވެ އޮވެގެން ނަމަވެސް ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގުޅުންތެރިކަމާއެކު ސުލްހައިގެ ހަރުދަނާ މަސައްކަތެއް ކޮށްފި ނަމަ، މެދުއިރުމަތި ރަނގަޅު ދިމާއަކަށް މިސްރާބު ޖަހައި، ހަމަނުޖެހުން ހިންގާ ފަރާތްތައް ހިމޭންވާން މަޖުބޫރުވާނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ހަނގުރާމައަކީ އެހެން ގޮތްގޮތުން ސިޔާސީ ކަންކަން ކުރިއަށް ގެންދިއުމެވެ. އިސްރާއީލާއި އެމެރިކާއިން ކުރަމުން ގެންދަނީ ތަފާތު ހަނގުރާމަތަކެކެވެ: އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހަނގުރާމަކުރަނީ އިސްރާއީލުގެ އިސްތިޢުމާރާއި ފަލަސްތީނުގެ އެއް ދައުލަތެއްގެ ހަގީގަތް ހަރުދަނާކުރުމަށެވެ؛  އެމެރިކާއިން ބުނަމުންދަނީ އެގައުމުގެ އަމާޒަކީ ފަލަސްތީނުގެ އިދާރިއްޔަތު ހަރުދަނާކޮށް، އިސްރާއީލާއި ފަލަސްތީނާއި ދެ ދައުލަތުގެ ހައްލަކަށް މަސައްކަތް ކުރަމުންދާ ސުލްހައިގެ މަރުހަލާއެއްކަމަށެވެ.  އަދި މި ހަނގުރާމައިގެ ތެރެއަށް ބައިޑަން ވަދެ އިސްރާއީލަށް އެހީތެރިވުމަކީ އެމެރިކާގެ ގިނަ ބަޔަކު ރުހޭކަމެއް ނޫންކަމަށާއި، އެމެރިކާގެ އުމުރުން 18-29 އަހަރާ ދެމެދުގެ ޒުވާނުންގެ ބޮޑު ބަޔަކު އިސްރާއީލަށްވުރެ ބޮޑަށް ފަލަސްތީނަށް ހަމްދަރުދީވާކަން ފާހަގަކުރުން މުހިންމެވެ. އެމެރިކާގެ އިންތިޚާބީ އަހަރަކާއި އިންތިޚާބުގެ ފަހުން އެމެރިކާއާއި އިސްރާއީލުގެ ގުޅުމަށް މި ކަންތަކުގެ އަސަރު ކުރާނެ ގޮތެއް ލަފާކުރަން ދައްޗެވެ.

މިހާރު ޣައްޒާގައި ހިނގަމުންދާ ޢުދުވާނަށް ފަހު، އަންނަ ކަންކަމުގެ މައްޗަށް އަރަބި ގައުމުތަކުގެ އަތްމަތީގައި މުހިންމު ދެ މަގެއް ޚިޔާރުކުރުމުގެ ބާރެއް އެބަ އޮތެވެ. އެއީ ފަލަސްތީނަށް ސުލްހައިގެ މަރުހަލާއަކާއި އުއްމީދެއްދިނުން، ނުވަތަ އިސްރާއީލުގެ ދިގު މުއްދަތުގެ ހިސާރު ވަރުގަދަކުރުމެވެ. މި ދެ ކަމުގައި ޢަރަބީންގެ އަތުގައި އިގުތިޞާދީ ބާރު އެބަ އޮތެވެ.  މީގެ ކުރިން ސުލްހައިގެ ކުރިއެރުންތަކެއް ހޯދުމަށް ކުރި މަސައްކަތްތަކުގައި، 1970 ގެ އަހަރުތަކުގެ ފަހުކޮޅާއި 1990ގެ އަހަރުތަކުގެ ކުރީކޮޅު ގަލްފް ގައުމުތަކަށް މިއަދު އޮތް ނުފޫޒެއް ނެތެވެ.  އިސްރާއީލާ ގުޅުން ބަދަހިކުރާން މަސައްކަތްކުރާ މެދުވެރީންނެއް ވެސް އޭރަކު ނެތެވެ. މިއަދު އެ ހުރިހާ ކަމެއް ތަފާތެވެ. ފަލަސްތީނު ކުރާ ހަމައެކަނި އަދި އެންމެ ރަނގަޅު އުންމީދަކީ އެމީހުންގެ އަމިއްލަ ދައުލަތެކެވެ.  އެ ކަމަށް އޮތް ހަމަ އެކަނި ޙަޤީޤީ މަގަކީ ދެ ދައުލަތުގެ ހައްލެކެވެ. އެ މަގަށް ވާޞިލުވާން އޮތް ހަމައެކަނި ގޮތަކީ އިސްރާއީލުގެ އިސްތިޢުމާރު ހުއްޓުވައި، ހަރުދަނާ ކާމިޔާބު މަޝްވަރާތަކެއް ކުރުމެވެ. މި ފަދަ ސިޔާސީ ކުރިއެރުމެއް ހޯދުމަށްޓަކައި ހުރިހާ ފަރާތަކުން ވެސް ކެރޭ އިޚުލާޞްތެރި އިސްވާރުންތަކެއް ބޭނުންވާނެއެވެ.


އިސްރާއީލްގެ ޢުދުވާން ހުއްޓުމެއް ނެތި ގެންދަނީ ކުރިއަށެވެ. (ފޮޓޯ: އައްޝަރުޤުލްއައުސަޠު)<br>

އިގްތިސާދީ ގޮތުން ބަލާއިރު، 2024ވަނަ އަހަރު މެދުއިރުމައްޗަކީ ހަމަޖެހުމެއް ނެތް ޖާލެއްގެ ގޮތުގައި ދެމިއޮތުން އެކަށީގެންވެއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާއާއި ދުނިޔޭގެ ބެންކުން ލަފާކުރާ ގޮތުގައި 2023ވަނަ އަހަރު އިގުތިސާދީ ދުވަލި ދެ އިންސައްތައަށްވުރެ މަތީގައި ހުރީ އެންމެ 3.5 އިންސައްތައެވެ. ގަލްފު ކޯޕަރޭޝާން ކައުންސިލްގެ ގައުމުތައް މި ނިސްބަތުގެ އެންމެ މަތީގައި ވާއިރު، އެންމެ ފުލުގައި ޔަމަނާއި ސީރިއާ ފަދަ ކައިރީގައިވާ ގައުމުތަކާއި، އަދި އާމްދަނީގެ ނިސްބަތް ދަށް ގައުމުތައްކަމަށްވާ މިސްރާއި އުރުދުނާއި، ލުބުނާނާއި، ޓިއުނީޝިއާއާއި މަޣުރިބު ފަދަ ގައުމުތަކުން ފަގީރުކަންނައްތައިލުމާއި ވަޒީފާ ނެތް މީހުންގެ އަދަދު މަތިވިޔަ ނުދީ ހިފަހައްޓާއިލާން އުނދަގޫތަކެއް ކުރިމަތި ވެދާނެއެވެ. އިސްރާއީލާއި ހަމާސްގެ ކުރިމަތިލުންތަކުގެ ސަބަބުން ރަތްކަނޑުގައި ނުވަތަ ގަލްފުގައި އިތުރު ހަމަނުޖެހުންތަކެއް އުފެދިއްޖެ ނަމަ، މުޅި ސަރަހައްދަށާއި އަދި ދުނިޔޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. މި ކަމުގެ އަސަރު އެ ސަރަހައްދުގެ އެންމެ ތަނަވަސް ދައުލަތްތަކަށް ވެސް ކޮށްފާނެއެވެ. އެހެންކަމުން މުޅި ސަރަހައްދުގެ އިސްވާރުން ވެސް އަމާޒުހިފައި މަސައްކަތްކުރާންވީ ޣައްޒާއަށް އިސްރާއީލުން ދޭ ޢުދުވާނަށް އަވަސް ނިމުމެއް ގެނައުމާ ދިމާއަށެވެ. ޣައްޒާގައި މި އަނިޔާތައް ތަހައްމަލު ކުރަމުންގެންދާ މަޢުޞޫމު ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމަށެވެ. އެހެންނޫން ނަމަ، މި ކަންތައްގަނޑުގެ ސަބަބުން ހީވެސް ނުކުރާފަދަ އިގުތިސާދީ، އިޖުތިމާޢީ ގެއްލުންތައް އެ ސަރަހައްދުގެ އިތުރަށް މުޅި ދުނިޔެއަށް ފޯރުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. އަދި ސުލްޙަ އިޚުތިޔާރުނުކޮށް އަމިއްލަ އެދުމާއި ބޭއިންސާފާއި ގަދަބަދަވިކަން ދެއްކުމުގެ މަގު ޚިޔާރުކުރާ ނަމަ، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށި މުޅި ދުނިޔެ ހަލާކުގެ ތެރެއަށް ދިޔުމުގެ ފުރުޞަތު ވެސް ނެތެކޭ ދެންނެވޭކަށް ނެތެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ:

މަންސަ   ނ.   (1) ވަކި މައުޟޫޢަކަށް ގިނަބައެއްގެ ތެރޭގައި ޚިޔާލު ހުށަހެޅުމުގެ ނުވަތަ މަޝްވަރާކުރުމުގެ ފުރުސަތު. (2) ޖަލްސާއެއްގައި ޚާއްޞަ ބަޔަކު ތިބެން ހަދާ އިސްޓޭޖު ނުވަތަ އަށި. (3) ބަޔަކާ މުޚާޠަބުކުރުމަށް މީހާ އޭގެ ފަހަތުގައި ހުއްޓި ހުންނަ އުސް މޭޒެއް ފަދަ އެތި.

ލާދަ     ނ.   ފައިސާގެ އަގު ދަށަށްދާ ދިއުމުން މުދަލުގެ އަގު ބޮޑުވުން.

ޖާލު     ނ.   ސާވަރުތަކަކުން ކޮމްޕިއުޓަރުތައް ގުޅުވައިދޭ ވިއުގަ.

Advertisement

ކޮމެންޓް