Advertisement

'ދީނީ ހަރުކަށި' ފިކުރަކީ ކޮބައިކަމާއި އެ ކަމުގެ ސަބަބާއި އަދި އެ ކަމުގެ ހައްލުގެ މައްޗަށް ބަލައިލުން (2)

30 Dec 2023 | 14:20
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

(2023 ޑިސެންބަރު 19 ގައި ޝާއިޢޫކުރި ބައާ ގުޅޭ)

މި ލިޔުމުގެ ފުރަތަމަ ބައިގައި، އިސްލާމް ދީނުގައި، ދީނުގެ މަފުހޫމަކީ ކޮބައިކަމާއި އެ މަފުހޫމުގެ މާނަ ފަހުމުކުރުމުގެ ގޮތުން ދެނެގަންނާން ޖެހޭނޭ ހަތަރު ލަފުޒެއްގެ މާނަ ބަޔާންކުރެވުނެވެ. ދީނާއި އިސްލާމާއި ޝަރީއަތާއި ފިގުހާއި މި ހަތަރު ލަފުޒުގެ މާނައެވެ. މީގެ ތެރެއިން ދީނާއި އިސްލާމުގެ މާނަ ގުޅެނީ، މާތްކަލާނގެއަށް އީމާންވެ، ހެޔޮ ކަންތައްތައް ކޮށް، އަދި، ނުބައިކަންތައްކުރުމުން ދުރުވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމާކަން އެ ބައިގައި ބަޔާންކުރެވުނެވެ. ޝަރީއަތާއި ފިގުހުގެ މާނަ ގުޅެނީ ހެޔޮ ގޮތަކީ ކޮބައިކަން ކަނޑައަޅައިލުމާއި، ތަފުސީލީ ސިފައެއްގައި، އެ ގޮތް ބަޔާންކުރުމާކަން ވެސް ފުރަތަމަ ބައިގައި ބަޔާންކުރެވުނެވެ.

މި ބައިގައި ބަލައިލާން ގަސްތުކުރަނީ ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާއި އެ ހުކުމްތައް ގުޅޭ ސިޔާގަކީ (ކޮންޓެކެސްޓަކީ) ކޮބައިކަމާ މެދުގައެވެ. އަދި މީގެ އިތުރަށް، މި ދެ ބައިން ކުރެ ކޮންމެ ބައެއް ވެސް ހިންގައިލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވާ ފަރާތަކީ ކޮބައިކަމާ މެދު ވެސް ބަލައިލެވޭނެއެވެ. މި ދެބައި މަސްހުނިކޮށް، މި ދެ ބައި ހިންގައިލުމުގެ ބާރު އޮންނަނީ ކޮން ފަރާތެއްގެ އަތްމަތީކަން ސާފުނުވެ އޮތުމަކީ، ދީނީ ފިކުރު ހަރުކަށިވުމަށް މަގުފަހިކޮށްދޭ ކަމަކަށް ވެދާނެތީއެވެ.

ޝަރީއަތުގެ ހުކުމްތަކުގެ ބައިތައް:

ޝަރީއަތުގެ ހުކުމްތަކުގެ ބައިތަކާއި އެ ހުކުމްތަކުގެ ސިޔާގު ދެނެގަތުމަށް ޓަކައި އިންސާނީ ދުނިޔަވީ ހަޔާތުގެ ވުޖޫދާ ބެހޭ ގޮތުން އެއްޗެއް ބުނެލާން ޖެހެއެވެ. ދުނިޔޭގައި އިންސާނާއަށް ދެ ބާވަތެއްގެ ވުޖޫދެއް ލިބިގެން ވެއެވެ. އެންމެ ފުރަތަމަ ފަރުދީ ވުޖޫދެކެވެ. ކޮންމެ އިންސާނަކީ ވެސް ވަކި މީހެކެވެ. ފަރުދީ ހަޔާތެއް ދުނިޔޭގައި ވޭތުކޮށްލާން ޖެހިފައިވާ މީހެކެވެ. އުސޫލެއްގެ ގޮތުން، އޭނާ ބޭނުންވާ ގޮތެއްގެ މަތީން، އޭނާގެ ފަރުދީ ހަޔާތް ވޭތުކޮށްލުމުގެ މިނިވަންކަން، އިންސާނާއަށް ލިބިގެންވެއެވެ. ފަރުދީ ވުޖޫދެއްގެ އިތުރަށް، މުޖުތަމައީ ވުޖޫދެއް ވެސް، އިންސާނާއަށް ލިބިގެން ވެއެވެ. އިންސާނާއަކީ ކޮންމެވެސް މުޖުތަމައެއްގައި ހިމެނޭ މީހެކެވެ. އޭނާގެ ހަޔާތް ވޭތުކުރާން ޖެހެނީ އޭނާ ހިމެނޭ މުޖުތަމައުގެ މެންބަރެއްގެ ގޮތުގައެވެ. އެހެންވެ، އޭނާ ހިމެނޭ މުޖުތަމައުގެ އެހެން މެންބަރުންނާ މުއާމަލާތްކުރާން ޖެހެއެވެ. ޝަރީއަތުގެ ހުކުމްތައް، އިންސާނާގެ ހަޔާތުގެ މި ދެންނެވި ދެބަޔާ ގުޅެއެވެ. އިންސާނާގެ ފަރުދީ ހަޔާތާއި އަދި އޭނާގެ މުޖުތަމައީ ހަޔާތާއެވެ.

ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ ސިޔާގު:

ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާ ބެހޭ ހުކުމްތައް ގުޅެނީ އިންސާނީ ތަބީއަތާއެވެ. އިންސާނާގެ މި ތަބީއަތް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވެއެވެ. ކީރިތި ގުރުއާނުގެ ބަޤަރާ ސޫރަތުގެ ތިރީސްވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން އިންސާނާއަކީ ދުނިޔޭގައި ލެއްވިފައިވާ މާތްކަލާނގެ 'ޚަލީފާ'އެކެވެ. އާދޭހެވެ! އޭނާއަކީ މިނިވަން އިޚުތިޔާރަކާއެކު ބިމުގައި ލެއްވިފައިވާ ކާއިނެކެވެ. ބަޤަރާ ސޫރަތުގެ ދެން އޮތް އެއްތިރީސްވަނަ އާޔާތުގައި އިޝާރަތްކުރެވިފައިވާ ފަދައިން، މިނިވަން އިޚުތިޔާރެއް އިންސާނާއަށް ލިބިފައި އޮތުމުން، ހެޔޮކަންތައް ކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަން ވެސް އޭނާއަށް ލިބިގެން ވެއެވެ. މި ކަމުގެ އިތުރު ތަފުސީލު އައްޝަމްސު ސޫރަތުގެ މި ދަންނަވާ އާޔަތްތަކުގައި ގެނެސްދެވިފައިވެއެވެ. "ونفس وما سواها، فألهمها فجورها وتقواها، قد أفلح من زكاها، وقد خاب من دساها،" މިއާޔަތްކޮޅުގައެވެ. އަދި އިންސާނާގެ ނަފުސާއި އެ ނަފުސު ވަކި ގޮތަކަށް ހައްދަވައި ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަ(އި ވަހީކުރައްވަ)މުއެވެ. ގެއްލުން ހުރި ހަޑިހުތުރު ނުބައި ކަންތައްތަކީ ކޮބައިކަމާއި އަދި ފައިދާހުރި ހެޔޮ ރަނގަޅު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމުގެ އެކަށޭނަކަން އެ ނަފުސުގައި އެކަލާނގެ ލައްވަވައިފައިވެއެވެ. ހަމަކަށަވަރުން، އެ ނަފުސު ތާހިރުކަންމަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ ތެރޭގައި) އެ ނަފުސު ވަޅުލައިފި މީހާ ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ.“ (10-7: 91) . މި އާޔަތްކޮޅުގެ މާނައިގެ މައްޗަށް އިތުރަށް ވިސްނައިލަމާތޯއެވެ! ޝަރުއީ ހުކުމްތަކުގެ ތެރެއިން އިންސާނީ ފަރުދީ ހަޔާތާއި ގުޅޭ ބައި ރަނގަޅަށް އެނގި ފަހުމުކޮށްގަތުމަށް ޓަކައެވެ.

މި ދެންނެވި ހަތަރު އާޔަތުގެ ތެރެއިން ފުރަތަމަ ދެ އާޔަތް އިޝާރަތްކުރަނީ އިންސާނާ އުފެދިފައިވާ ގޮތުގެ މައްޗަށެވެ. އާދޭހެވެ! އިންސާނާގެ ނަފުސު، އެ ބައިތަކުގެ މައްޗަށް އުފެދިގެންވާ ބައިތަކަށެވެ. އޭނާގެ ކިބައިގައި ޖިސްމާނީ ބޭނުންތަކާއި އެދުންތައް، ޖަޒުބާތުތަކާއި އަދި ޒިހުނީ (އިންޓަލެކްޓުއަލް) ބާރު ވެސް ލެއްވިފައިވެއެވެ. އަދި، އަޚުލާގީ ގޮތުން އިންސާނީ ނަފުސު ފޭލިވެދަނީ ކިހިނެއްކަމާއި އަދި ހަމަ އެގޮތުން އޭނާ ކުރިއަރައިދަނީ ކިހިނެއްކަން ވެސް ފަހު ދެ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. قد أفلح من زكاها، وقد خاب من دساها، ހަމަކަށަވަރުން، އެ ނަފުސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ. އަދި، ހަމަކަށަވަރުން، (ހުތުރު ކަންތައްތައް ކުރުމުގެ އަނދިރިކަމުގެ ތެރޭގައި) އެ ނަފުސު ވަޅުލައިފި މީހާ، ހަމަކަށަވަރުން ވެސް ނާކާމިޔާބުވެ، ގެއްލި ހިނގައްޖެއެވެ، މި ދެއާޔަތުގައެވެ.

މަތީގައި ބަޔާންކުރެވުނު، އައްޝަމްސު ސޫރަތުގެ ހަތަރު އާޔަތުގެ މާނައިގެ މައްޗަށް ވިސްނައިލުމުން، އިންސާނާ އުފެދުމުގައި، ހެވާއި ނުބައި، ރަނގަޅާއި ނުރަނގަޅު، ވަކިކޮށް ދެނެގަތުމުގެ ބާރު، އޭނާގެ ކިބައިގައި ލެއްވިފައިވާކަން ދޭހަވެއެވެ. ދޮގު ހެދުމާއި ވައްކަންކުރުމާއި، ޚިޔާނަތްތެރިވުމަކީ ނުބައި ކަންކަން ބުނެދީ ދަސްކޮށް ނުދިނަސް، މި ކަންކަމަކީ ނުބައި ނުރަނގަޅު ކަންކަން އޭނާއަށް އެނގެއެވެ. މިފަދަ ކަންތައްތައް އޭނާ ކުރިކަމުގައި ވިޔަސް ވެހެވެ. ހަމަ އެހެންމެ، ތެދު ބުނުމާއި އަމާނަތްތެރިވުމާއި އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަތުމަކީ ރަނގަޅު ގޮތްކަން، އެ ވާހަކަ އޭނާއަށް ކިޔައިދީ ބުނެނުދިނަސް، އޭނާއަށް އެނގެއެވެ. އޭނާގެ ޒަމީރު، (ކޮންޝަންސް،) އޭނާގެ ކިބައިގައި ލެއްވިފައިވާ މި ކަންކަން ދެނެގަތުމުގެ ބާރު، މެދުވެރިކޮށެވެ.

އާދޭހެވެ! އިންސާނާގެ ކިބައިގައި ލެއްވިފައިވާ މި ދެންނެވި ހެޔޮކަންތައްކުރުމުގެ އެކަށޭނަކަމާއި އަދި ނުބައިކަންތައް ކުރުމުގެ އެކަށޭނަކަމަށް އިޝާރަތްކޮށް އިންސާނީ ހާލަތޭ ('ހިޔުމަން ކޮންޑިޝަން'އޭ) ކިޔެއެވެ. ކޮންމެ ޒަމާނެއްގައި އަދި ކޮންމެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، އިންސާނާގެ މި ހާލަތަކަށް ބަދަލެއް ނާދެއެވެ. ޝަރީއަތުގެ ފަރުދީ ހުކުމްތައް ގުޅެނީ މި ހާލަތާއެވެ. އާދޭހެވެ! ފަރުދީ ހުކުމްތަކުގެ ސިޔާގަކީ (ކޮންޓެކްސްޓްއަކީ) އިންސާނީ މި ހާލަތެވެ.

ޝަރީއަތުގެ މި ބަޔާ ބެހޭ ހުކުމްތައް ގުޅެނީ، ފިގުހުގައި، އަޅުކަމުގެ ނަމުން ނަންދެވިފައިވާ ބައެއް ކަންތައްތަކާއި އަދި މީގެ އިތުރަށް ހަރާމް ހަލާލުގެ ކަންތައްތަކާއެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ހައްޖުވުން ފަދަ އަޅުކަންކަމެވެ. އަދި ކީރިތި ގުރުއާނުގައި ނުވަތަ ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާގެ ސައްހަ ހަދީސްގައި ސާފު ސަރީހަ އިބާރާތުން ހަރާންކުރެވިފައިވާ ކަންތައްތަކެވެ. ’ސާފު ސަރީހަ‘ އިބާރާތުންނޭ މި ދެންނެވީ އެފަދަ އިބާރާތްތައް، އިތުރަށް މާނަކޮށް ބުނެދޭން ނުޖެހޭފަދަ އިބާރާތަކުން އޮތުމަށެވެ. މިސާލަކަށް ’ހަރާން ކުރެވިގެން ވެއެވެ‘ ނޫނީ ’ނަހީ ކުރެވިގެން ވެއެވެ‘ މިފަދަ އިބާރާތަކުންނެވެ. މިކަން ފާހަގަކޮށްލަން ބޭނުންވަނީ ހަރާންކަންތަކުގެ ދާއިރާ ވަކި ގޮތަކަށް ކަނޑައެޅިފައި އޮތްއިރު، މި ދާއިރާ ފުޅާކުރުން ވެސް ދީނީ ފިކުރު ހަރުކަށިވުމާ ގުޅޭތީއެވެ. މި ކަމާ ބެހޭ އިތުރު ތަފުސީލު ފަހުން ގެނެވޭނެއެވެ.

ޝަރީއަތުގެ ފަރުދީ ހުކުމްތަކުގެ މަގުސަދު:

ޝަރީއަތުގެ ފަރުދީ ހުކުމްތައް، އަޅުކަމުގެ މަގުސަދާއި ހަރާންކުރެވިފައިވާ ކަންތައްތައް، ހަރާންކުރެވިފައިވަނީ ކީއްވެގެންކަމުގެ މައްޗަށް އަވަސް ނަޒަރެއް ހިންގައިލާން ގަސްތުކުރަމެވެ.

ޝަރީއަތުގެ ފަރުދީ ބައިގައި ހިމެނޭ އަޅުކަމުގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. މަތީގައި ދެންނެވުނު އައްޝަމްސު ސޫރަތުގެ އިބާރާތް ބޭނުންކުރާ ނަމަ، ’ނަފުސު ތާހިރު'ކުރުމެވެ. (قد أفلح من زكاها ހަމަކަށަވަރުން، އެ ނަފުސު ތާހިރުކަން މަތީ ދެމެހެއްޓުމުގެ މަސައްކަތުގައި ދެމިހުރެއްޖެ މީހާއަށް ކާމިޔާބު ލިބިއްޖެއެވެ.) މިސާލަކަށް ނަމާދުގެ މައްޗަށް ބަލައިލަމާތޯއެވެ؟ ނަމާދަކީ ހަރަކާތްތަކަކާއި ކިޔުންތަކެއްގެ މައްޗަށް އެކުލެވޭ އަޅުކަމެކެވެ. ނަމާދުގެ 'ސޫރަ' ނުވަތަ 'ސިފަ'އަކީ މިއެވެ. ނަމާދުގެ މަގުސަދަކީ މުއުމިނާ މާތްކަލާނގެއާ ގުޅުވައިލުމެވެ. މުއުމިނާއަކީ މާތްކަލާނގެއަށް އީމާންވާ މީހެއްކަން އޭނާއަށް ހަނދާންކޮށްދީ، މި ކަމުން އޭނާގެ ނަފުސު، އަބަދުމެ، ހޭލައްވައިފައި ބެހެއްޓުމެވެ. އަދި، މި ގުޅުމާއި ހޭލުންތެރިކަމުގެ އަލީގައި ހެޔޮ ގޮތުގައި އޭނާގެ އަމަލުތައް ބެހެއްޓުމަށް މަސައްކަތްކުރުމެވެ. މި ވާހަކަ އަލްއަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. ”… وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر….“، ”…އަދި، ކަލޭގެފާނު (މުހައްމަދުގެފާނު) ނަމާދު ގާއިމުކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަކަށަވަރުން، (ޒިނޭކުރުން ފަދަ ހަޑިހުތުރުކަން ބޮޑުވެގެންވާ) ފާހިޝް ކަންކަމުންނާއި، (އިންސާނާގެ ސަލާމަތް ބުއްދިވެސް، އެއީ ނުބައި ކަންތައްތަކެއް ކަމުގައި ބުނެދޭ، މީހުން މެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ، ނުބައިކަން ބޮޑުވެގެންވާ)، މުންކަރާތްތައް ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް، އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު މެދުވެރިކޮށް، މާތް)ﷲ މަތީން ހަނދުމަކުރުން އެއީ އެންމެ މޮޅުއިތުރު ވެގެންވާ ކަމެވެ….“ (އަލްއަންކަބޫތު 45.) ނަމާދުކުރުން ފަދަ އަޅުކަން، އެ ކަން ކުރާން އޮންނަ ސޫރައިގައި ކުރުމުގެ އިތުރަށް، ދެންމެ މި ދެންނެވި، ނަމާދުގެ މަގުސަދު ހާސިލުކުރުމަށް ވެސް މަސައްކަތްކުރާން ޖެހެއެވެ. އަޅުކަމުގެ ސަބަބުން ތިމާގެ ނަފުސަށް ލިބުން އެދެވޭ ރޫހާނީ ދިރުމަކާއި ކުރިއެރުން ލިބި، އަޅުކަން ފުރިހަމަވެ ދިޔުމަށްޓަކައެވެ.

ޝަރީއަތުގެ މި ބައިގައި ހިމެނޭ ހަރާންކަންތައް ހަރާންކުރެވިފައިވުން ގުޅެނީ ފަރުދީ ގެއްލުމާއެވެ. މިސާލަކަށް މަސްތުވާތަކެތި ހަރާންކުރެވިފައިވަނީ ކީއްވެގެންތޯ ބައްލަވައިލައްވާށެވެ. މި ކަމުގެ މައްޗަށް އަލިއަޅުވައިލައި ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވަނީ ރަލުގައި ގެއްލުމާއި ފައިދާ ވެސް ހުރިކަމެވެ. ނަމަވެސް، އެ ކަމުގެ ގެއްލުން މާބޮޑު ކަމެވެ. (އަލްބަގަރާގެ 219 ވަނަ އާޔަތް ބައްލަވާލައްވާ.) މިއާޔަތުގައި، ރާ (ޚަމްރު) ބޭނުންކުރެވިފައިވަނީ ބުއްދި ފިލުވައިލައިދާ ކޮންމެއްޗެއްގެ މާނައިގައިކަން ހަނދާނުގައި ބަހައްޓާން ޖެހެއެވެ. އެއީ ދިޔާ ނުވަތަ ހިކި އެއްޗެއް ކަމުގައި ވިޔަސް ވެހެވެ. މަސްތުވާތަކެތީގައި ހުރި ގެއްލުމުގެ ހަގީގަތް ދެނެގަންނަން ބޭނުން ނަމަ، ރާއްޖޭގައި މަސްތުވާތަކެތީގެ ސަބަބުން ހަލާކުވެފައިވާ ޒުވާން ޖީލުގެ މަތިން ހަނދާންކޮށްލައްވާށެވެ. ޖަލުގައްޔާއި އަދި މި ކަމަށް ފަރުވާދޭ މަރުކަޒުތަކުގައްޔާއި އަދި، ޚުދު، މަގުމަތީން ފެންނަ، މި ވަބާގެ އަސަރުގައި ޖެހިފައި ތިބި މީހުންނަށް ބައްލަވައިލައްވާށެވެ. މީގެ އިތުރަށް، މި ކަމާ ގުޅިފައިވާ ވައްކަމާއި ފޭރުމާއި މީހުން މެރުމުގެ ހާދިސާތައް މަތިން ވެސް ހަނދާންކޮށްލައްވާށެވެ. ހަމަ ގައިމު ވެސް، މި ވަބާގައި ޖެހިފައި ތިބި ގިނަ ބަޔަކު މި ކަމުން ސަލާމަތްވުން އެދޭނެއެވެ. ނަމަވެސް، މި ކަން ވަނީ ވަރަށް ވެސް އުނދަގޫ ދަތި ކަމަކަށެވެ. މިއިން، މަސްތުވާތަކެތީގެ ހުރި ގެއްލުމުގެ ބޮޑުކަން ކޮންމެވެސް ވަރަކަށް ނަމަވެސް އެނގި ސާފުވެއެވެ.

މި ތަނުގައި، އިތުރަށް ފާހަގަކޮށްލާން ޖެހޭ މުހިންމު ނުކުތާއެއް އެބަ އޮތެވެ. ރަނގަޅާއި ނުރަނގަޅު ވަކިކުރުމުގެ ބާރު އިންސާނާއަށް ލިބިގެން ވިޔަސް، މުއުމިނާއަށް ވެސް ކުށް ކުރެވިދާނޭކަން ކީރިތި ގުރުއާން ގަބޫލުކުރާ ވާހަކައެވެ. އައްނިސާ ސޫރަތުގެ 28 ވަނަ އާޔަތުގައި އިޝާރާތްކުރެވިފައިވާ ފަދައިންނެވެ. وخلق الإنسان ضعيفا ’އަދި އިންސާނާ އުފެދިފައިވަނީ، (އޭނާގެ ކުރިމައްޗަށް އޭނާ އެދުންތައް ހުށަހެޅޭ ހިނދު،) ބަލިކަށި މީހެއްގެ ގޮތުގައެވެ‘. މިހެން ކަންތައް އޮތުމުން، މުއުމިނާއަށް ކުށްފާފަކުރެވިއްޖެ ނަމަ، މާތްﷲގެ ކިބަފުޅަށް އަލުން ރުޖޫއަވެ، އެނބުރިއައުމުގެ މަގުހުޅުވިފައި އޮތުމަށް ޓަކައި އިސްތިޣުފާރުކުރުމާއި ތައުބާވުން ޝަރުޢުކުރެވިފައިވެއެވެ. އާދޭހެވެ! ފާފަފުއްސެވުމަށް އެދި މާތްކަލާނގެއަށް ދަންނަވައި އެކަލާނގެ ކިބަފުޅަށް އަލުން ރުޖޫއަވުން ޝަރީއަތުގައި ކަނޑައެޅިފައިވެއެވެ. މި ކަން ހަނދާންކޮށްލާން ޖެހެނީ، ދީނީ ހަރުކަށި ފިކުރުގައި، ކުށްފާފައަށް އަރައިގަތުމަކީ، ބައެއް ފަހަރު، މުއުމިނާ ކާފިރަކަށް ހަދައި، ދީނުން ބޭރުކުރާކަމަށްވާތީއެވެ.

އާދޭހެވެ! ކުރީން ވެސް ދެންނެވި ފަދައިން، ޝަރީއަތުގެ ހުކުމްތަކުގެ ތެރެއިން މި ބަޔާންކުރެވުނު ބައި ގުޅެނީ އިންސާނާގެ ފަރުދީ ވުޖޫދާއެވެ. އެ ބައިގައި ހިމެނޭ ހުކުމްތައް އަމާޒުވަނީ މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތާއެވެ. އާދޭހެވެ! އެ ހުކުމްތަކުގެ ސިޔާގަކީ މިއެވެ. އެ ހުކުމްތަކުގެ މަގުސަދަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން އަމިއްލަ ނަފުސު އިސްލާހުކުރުމެވެ. މި ކަން ކުރުމުގެ ޒިންމާ އުފުލާން ޖެހެނީ މުއުމިނާއެވެ. މާތްކަލާނގެއަށް އީމާންވާ މީހާއެވެ. މަތީގައި ބަޔާންކުރެވުނު އިންސާނީ ހާލަތަކީ ޒަމާނާއި ތަނަށް ބަލައި، ބަދަލުވާނޭ ހާލަތެއް ނޫނެވެ. އެހެންކަމުން، އެ ހާލަތާ ގުޅޭ ހުކުމްތަކެއް ވެސް ބަދަލެއް ނުވާނެއެވެ. އެ ހުކުމްތަކުގެ ސޫރައަށް ނުވަތަ ސިފައަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެންވެ، ޝަރީއަތުގެ މި ބައި ބެލެވެނީ ޝަރީއަތުގެ ޚާލިސް ދީނީ ބައި ކަމުގައެވެ. މި ބައިގައި ހިމެނޭ ކަންކަން، އެ ކަން ކުރާން އޮންނަ ސިފައިގައިކޮށް، އަދި މީގެ އިތުރަށް، އެ ކަންކަމުގެ މަގުސަދު ވެސް ހާސިލުކޮށް، މާތްކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރެވޭ ކަންތައްތަކެއްގެ ގޮތުގައެވެ.

ޝަރީއަތުގެ މުޖުތަމައީ ހުކުމްތަކާއި އޭގެ ސިޔާގު:

ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައުގެ ކަންކަން އިންތިޒާމުކޮށް ހިންގުމާއެވެ. އާދޭހެވެ! އިންސާނީ ވުޖޫދުގެ މުޖުތަމައީ ބަޔާއެވެ. ޝައްކެއްނެތް ގޮތުގައި، ހެޔޮލަފާ، މުއުމިނު އަފުރާދުންތަކެއް އުފެއްދުމުގެ އިތުރަށް، ވަކި ކަހަލަ ސިފަތަކެއް ލިބިގެންވީ މުޖުތަމައެއް ބިނާކުރުމަކީ ކީރިތި ގުރުއާނުގެ ދެވަނަ ލަނޑުދަނޑިކަމުގައި ހިމެނެއެވެ. އާދޭހެވެ! ކީރިތި ގުރުއާން ބޭނުންވަނީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން އޮތް މުޖުތަމައެއް ބިނާކުރުމަށެވެ. މިކަމަށް އިޝާރަތްކޮށް، އަލްހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތުގައި މިފަދައިން ބަޔާންކުރެވިފައިވެއެވެ. يا أيها الناس إنا خلقناكم من ذكر وأنثى وجعلناكم شعوبا وقبائل لتعارفوا إن أكرمكم عند الله أتقاكم… (އޭ މީސްތަކުންނޭވެ! އަންހެނަކާއި ފިރިހެނަކު މެދުވެރިކޮށް، ތިމަންރަސްކަލާނގެ ތިޔަބައި މީހުން އުފައްދަވައި، އެއްބަޔަކު އަނެއްބަޔަކަށް އެނގި ތައާރުފުވުމަށްޓަކައި، ގައުމުތަކާއި ގަބީލާތަކުގެގޮތުގައި ތިޔަބައި މީހުން ލެއްވެވީމުއެވެ. ހަމަ ކަށަވަރުން، ތިޔަބައި މީހުންގެ ތެރެއިން، އެންމެ މާތް ބަޔަކީ ހެޔޮލަފާ (ތަގުވާވެރި) މީހުންނެވެ…) މުޖުތަމައެއް ’އިސްލާމީ’ވެގެންދާ ފުރަތަމަ ސިފައަކީ އެ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަން އޮތުމެވެ. ވާހަކަ ދައްކާ ބަހާއި ބަހުރުވަ، ނިސްބަތްވާ ރަށް، މީހާގެ ކުލައާއި ނަސަބާއި މަގާމު، އަދި މިނޫން ވެސް ބައެއްގެ މެދުގައި ތަފާތުކުރުންތައް އެފަދަ ކަންކަމުގެ މައްޗަށް ބިނާވެދާނެ އެއްވެސް ކަމަކަށް ބެލުމެއް ނެތި، ހަމައެކަނި އެމީހުންގެ އިންސާނިއްޔަތުކަމުގެ މައްޗަށް ރިއާޔަތްކޮށް މުޖުތަމައުގެ ހުރިހާ އަފުރާދުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ބެލެވިގެންނެވެ. ސަލާމާ ސަލަވާތްލެއްވި އިތުރު ރަސޫލާގެ ބައެއް ހަދީސްފުޅުން ވެސް މި މާނައަށް ބާރުލިބެއެވެ. ”لا فضل لعربي على أعجمي ولا لأعجمي على عربي ولا لأبيض على أسود ولا لأسود على أبيض إلا بالتقوى، وكلكم لآدم وآدم من تراب“. ”އަރައްބަކު އަރަބި ނޫން މީހަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. އަދި އަރަބި ނޫން މީހަކު އަރައްބަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. ދޮން މީހަކު ކަޅު މީހަކަށް ވުރެ މޮޅު އިތުރުވެގެން ނުވެއެވެ. އަދި ކަޅު މީހަކު ދޮން މީހަކަށް ވުރެ މޮޅު އިތުރު ވެގެން ނުވެއެވެ. ތަގުވާވެރިވެރިކަމާ ހެޔޮލަފާވެގެން މެނުވީއެވެ. ކަލޭމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް އާދަމުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހެކެވެ. އާދަމުގެފާނު އުފެދިފައިވަނީ މަށީންނެވެ.“

ހަމަހަމަކަމުގެ އިތުރަށް، އިސްލާމީ މުޖުތަމައެއްވެ މުޖުތަމައީ ދެވަނަ ސިފައަކީ އަދުލުވެރިކަމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތަކުގެ މައި މަގުސަދުތައް ގުޅިފައިވަނީ އަދުލުވެރިކަމާއިކަން ބަޔާންކޮށްދީ އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި އައިސްފައިވެއެވެ. إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ”ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުންނަށް) އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާ ކުރައްވަނީ ފާޙިޝް ކަންތައްތަކާއި (އެބަހީ ޒިނޭ ކުރުން ފަދަ ހުތުރުކަން ބޮޑު ފާފަތަކާއި) މުންކަރާތުތަކާއި (މީހުން މެރުމާއި ވައްކަން ކުރުމާއި ފޭރުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި (އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރު އަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލަދެއްވުމަށްޓަކައެވެ.

އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާލެވިފައިވާ ހުކުމްތައް ޚުލާސާކޮށް ބަޔާންކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތުތައް މި އާޔަތުގައި ނަންގަނެވިފައިވެއެވެ. ކުރިން ވެސް ބަޔާންކުރެވިދިޔަ ފަދައިން، މިއާޔަތުން ވެސް އެނގެނީ ވަކި ފަރުދެއްގެ ހައިސިއްޔަތުން މުއުމިނާ މަސައްކަތްކުރާން ޖެހެނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަންވާނީ، ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވުމަށް މަސައްކަތްކުރުމުގައި ދެމިހުރެއެވެ. މީގެ އިތުރަށް، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މިފަދައިން ހެޔޮ އަމަލުކުރުން މަތީ ދެމިހުރެ ވެސް މެއެވެ. އަދި، އޭނާގެ މުޖުތަމައީ ހަޔާތް ރޭވި ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށް ވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދޭހެވެ! ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތަކާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެ ކަމާއެވެ. މުއުމިނާއަކީ ހެޔޮ ލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމާއަކީ، އެ މުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައަކަށް ހެދުމާއެވެ.

ކުރިން ދެންނެވި ދިޔަ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މި އާޔަތަކީ ވެސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގައިމެ، އެންމެ އިހުއްސުރެން ވެސް، ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ހުކުމްތައް މި ދެ އާޔަތުގައި ޚުލާސާކުރެވިފައި ވާތީއެވެ. މި ދެ އާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށް ގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށް ވެސް އަޑުއިވި އިވި ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

އަދުލު އިންސާފަކީ އިސްލާމީ މުޖުތަމައީ އަސާސީ އަގެއްކަން ފާހަގަކޮށް، ކީރިތި ގުރުއާނުގެ އެންމެ ފަހުން ބާވައިލެއްވުނު ސޫރަތްކަމުގައިވާ އަލްމާއިދާ ސޫރަތުގައި ވެސް އެ ކަން ބަޔާންކޮށްދީ އިތުރަށް ހަނދާންކޮށްދެވިފައިވެއެވެ. يا أيها الذين آمنوا كونوا قوامين لله شهداء بالقسط ولا يجرمنكم شنآن قوم على ألا تعدلوا، اعدلوا هو أقرب للتقوى. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށް ޓަކައި (ހެޔޮގޮތުގައި، އިޚުލާސްތެރިކަންމަތީ) ތިޔަބައިމީހުން ގާއިމުވެ، ދެމިތިބޭށެވެ! އަދުލުވެރިކަމަށް ހެކިދޭ ބައެއްގެ ގޮތުގައެވެ. އަދި، ބަޔަކާ މެދު އޮތް ރުޅިވެރިކަމެއް އެއީ، (އެމީހުންނާ މެދު) އަދުލުވެރިނުވުމަށް ބާރުއަޅައި، އެ ފަރާތައް ލަންބުވާ ކަމެއްކަމުގައި، ފަހަރެއްގައިވެސް، ވިޔަ ނުދޭށެވެ! (އަދި ކިޔެއް ހެއްޔެވެ؟ އެންމެންގެ މައްޗަށް ވެސް) ކަލޭމެން އަދުލުވެރިވާށެވެ! އެހެނީ އަދުލުވެރިވުމަކީ ތަގުވާވެރިވުމާ އެންމެ ގާތް ކަމެވެ. (މާނައަކީ: ތަގުވާވެރިވުން އެދޭ ނަމަ، އަދުލުވެރިވާށެވެ!) [އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތް]

އާދޭހެވެ! މަތީގައި ދެންނެވުނު އާޔަތްތަކުން ކީރިތި ގުރުއާން ބިނާކުރާން ބޭނުންވާ މުޖުތަމައުގެ މައިގަނޑު ދެ ސިފައަކީ ހަމަހަމަކަމާއި އަދުލުވެރިކަންކަން އެނގެއެވެ. ވަކިވަކި މުސްލިމު ފަރުދުން ’އިސްލާމީ’ވަނީ ހެޔޮލަފާ މީހުންނަށް ވެވިގެންކަމަށް ކަނޑައެޅިފައި އޮތްއިރު، އެމީހުންގެ މުޖުތަމައު ’އިސްލާމީ’ވަނީ އެ މުޖުތަމައުގެ ފަރުދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެގެންކަން ވެސް ކަނޑައެޅިފައި އެބަ އޮތެވެ.

މި ކަންކަން ހާސިލު ކުރުމަށް ޓަކައި، މުޖުތަމައުގެ ކަންކަން ހަމަހަމަކަމާއި އަދުލުވެރިކަން މަތީ ހިންގުމަށްޓަކައި، ކީރިތި ގުރުއާނުގައި މުޖުތަމައީ ހުކުމްތަކެއް ބަޔާންކުރެވިފައިވެއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ ތެރޭގައި އެއީ ކުށްކަމަށް ކީރިތި ގުރުއާން ދެކޭ ކުށްތަކަށް އަރައިގެންފި ނަމަ، ކަނޑައެޅިފައިވާ އުގޫބާތްތަކާއި، ވިޔަފާރީގެ މުއާމަލާތާ ބެހޭ ހުކުމްތަކާއި، ކައިވެންޏާ ވަރިއާއި ބެހޭ ހުކުމްތަކާއި ތަރިކަމުދާ ބެހުމާ ބެހޭ ހުކުމްތައް ހިމެނެއެވެ. މި ކަމާ ގުޅޭ ބައެއް އިތުރު ވާހަކަތައް ފަހުން ގެނެވޭނެއެވެ. ދީނީ ހަރުކަށި ފިކުރު ފެތުރޭން ދިމާވާ ސަބަބުތަކާއި އަދި އެ ކަމުގެ ހައްލު ބަޔާންކުރެވޭއިރުއެވެ. މި ވަގުތު އިތުރު ދެތިން ކަމެއް ފާހަގަކޮށްލައި މި ބައި ނިންމައިލާން ގަސްތުކުރަމެވެ.

ފުރަތަމަ ކަމަކީ ކީރިތި ގުރުއާނުގައި ބަޔާންވެގެންވާ މުޖުތަމައީ ހުކުމްތައް އިބާރާތްކުރެވިފައިވާ ގޮތާ މެދު އެއްޗެއް ދެނެނެވުމެވެ. ކީރިތި ގުރުއާނުގެ މުޖުތަމައީ ބައެއް ހުކުމްތަކުގެ އަސްލު ގުޅެނީ ކީރިތި ގުރުއާން ބާވާލެއްވުނު ދުވަސްވަރު އަރަބި މުޖުތަމައުގައި ކަންތައްތައް ކުރެވެމުން ދިޔަ ގޮތާއެވެ. މިސާލަކަށް ބައެއް އުގޫބާތްތަކުގެ ސޫރައަށް، ސިފައަށް، ބައްލަވައިލައްވާށެވެ. މެރުން، އަތްފައި ކެނޑުން، ތެޅުން، އަރުވައިލުން ފަދަ އުގޫބާތްތަކެވެ. މި ފަދަ އުގޫބާތްތަކަކީ އެ ދުވަސްވަރު އަރަބި މުޖުތަމައު ބަލައިގެންފައިވާ ކަންކަމެވެ. އަދި، އެހެންވެ، މުޖުތަމައުގައި ހިންގައިލާން ފަސޭހަވި ކަންކަމެވެ.

ކީރިތި ގުރުއާނަކީ އަޚުލާގީ ވަސީގާއެއް (ޑޮކިޔުމެންޓެއް) ކަމުގައި ވުމުން، މިފަދަ މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައި އޮތީ ގާނޫނީ ސިފައެއްގައި މިކަންކަން ހިންގާލުމަށް ވުރެ ބޮޑަށް، ކުށްކުރާ މީހާގެ އިސްލާހަށް ބާރުއެޅިގެންނެވެ. ދެތިން މިސާލު ލިޔެލާނަމެވެ. މީހަކު މަރައިފި މީހާގެ އުގޫބަތަކީ މެރުމެވެ. ނަމަވެސް، އޭނާއަށް ވެސް މާފުކުރެވޭނޭ މަގު ހުޅުވިފައިވެއެވެ. (ބަގަރާ ސޫރަތުގެ 179ވަނަ އާޔަތް.) ކީރިތި ގުރުއާނުގައި، މަގު ފޭރޭ މީހުންގެ އުގޫބާތަކީ ކޮބައިކަން ބަޔާންކޮށްދެމުން، ތިން ހަތަރު ޚިޔާރެއް ދެވިފައިވެއެވެ. ގަތުލުކުރުމާއި ސަލީބަށްއެރުވުމާއި އަތްފައި ކެނޑުމާއި އަރުވާލުމެވެ. (މާއިދާ ސޫރަތުގެ 33ވަނަ އާޔަތް.) ނަމަވެސް، ކުށްވެރިޔާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (މާއިދާ ސޫރަތުގެ 34ވަނަ އާޔަތް.) ވައްކަމުގެ އުގޫބާތެއްގެ ގޮތުގައި އަތްކެނޑުން ކަނޑައެޅިފައި އޮވެއެވެ. (މާއިދާ ސޫރަތުގެ 38 ވަނަ އާޔަތް.) ނަމަވެސް، ވައްކަންކުރި މީހާ ތައުބާވެ، އިސްލާހުވެއްޖެ ނަމަ، އޭނާއަށް މާފުކުރެވެން އޮވެއެވެ. (އަލްމާއިދާ ސޫރަތުގެ 39ވަނަ އާޔަތް).

އަދި ބައެއް ފަހަރު، މުޖުތަމައީ ބައެއް މައްސަލަތަކާ ބެހޭ ހުކުމްތައް ދެގޮތަކަށް ބަޔާންކުރެވިފައި ވެއެވެ. މިސާލެއްގެ ގޮތުން ތަރިކަ މުދާ ބެހުމުގެ ހުކުމްތައް ބަޔާންކުރެވިފައިވާ އާޔަތްތަކާ މެދު ވިސްނަވާލަބައްލަވާށެވެ. މިގޮތުން، ބާވާލެއްވުނު ފުރަތަމަ އާޔަތަކީ އަލްބަޤަރާ ސޫރަތުގެ 180ވަނަ އާޔަތެވެ. މި އާޔަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ތަރިކަ މުދާ ބެހުމުގެ ޒިންމާ ނަގަންޖެހެނީ މުދަލުގެ ވެރިފަރާތެވެ. މަރުވުމުގެ ކުރިން ލިޔެވޭ ވަސިއްޔަތެއް މެދުވެރިކޮށް، މައިބަފައިންނަށާއި އެންމެ ގާތް ތިމާގެ މީހުން، އެބަހީ އަނބިފިރިންނާއި ދަރިންގެ މެދުގައި، ހަމަހަމަ ގޮތެއްގައި ތަރިކަމުދާ ބަހާލެވެން ޖެހެއެވެ. ނަމަވެސް، އައްނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި އަދި 176 ވަނަ އާޔަތުގައި ތަރިކަމުދަލުގެ ބެހެނިވެރިންނާއި އެމީހުންނަށް ލިބެންވާ މިންވަރު ސާފު ސީދާކޮށް ކަނޑައެޅިފައި އޮވެއެވެ. މިހެން އޮތް އިރުވެސް، ވަސިއްޔަތް މެދުވެރިކޮށް ތަރިކަ މުދާ ބެހުމަށް މި އާޔަތްތަކުގައި ވެސް އިސްކަންދެވިފައި ވެއެވެ.

އަދި މުޖުތަމައީ ބައެއް ހުކުމްތައް ވަކި ގޮތަކަށް އައިސްފައި އޮތްއިރު، އެ ގޮތަކީ ކީރިތި ރަސޫލާ ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫންކަމާއި އަދި އެގޮތަށް އެކަލޭގެފާނު ކަންތައް ނުކުރައްވާކަންވެސް ފާހަގަކުރައްވައެވެ. މިސާލެއްގެ ގޮތުން ދެމަފިރިން ދެމެދުގައި ޖެހޭ ވަކި ކަހަލަ ހަމަ ނުޖެހުންތައް ހައްލުކުރުމުގައި އަތް އިސްކުރުން އޮންނަ، ނިސާ ސޫރަތުގެ 34 ވަނަ އާޔަތް ބައްލަވާލައްވާށެވެ. މިއާޔަތް ބާވާލެއްވުނު ސަބަބަށް ބަލާލުމުން، އެދުވަސްވަރުގެ ގިނަ ބަޔަކު މިކަން މިގޮތަށް އޮތުމަށް ތާއީދުކުރިކަން ދޭހަވެއެވެ. ނަމަވެސް، ކީރިތި ރަސޫލާ ވިދާޅުވީ ތިމަންކަލޭގެފާނީ އެގޮތަށް އަތް އިސްކުރައްވައި ކަންތައް ކުރައްވާ ބޭކަލެއް ނޫންކަމެވެ.

މީގެ އިތުރަށް ބައެއް މުޖުތަމައީ ހުކުމްތައް ބަޔާންކުރެވިފައިވަނީ އާންމު އުސޫލެއްގެ ގޮތުންނެވެ. މިސާލެއްގެ ގޮތުން މުޖުތަމައުގެ ޖަމާއީ ކަންކަން ނިންމަން ޖެހޭނީ މަޝްވަރާގެ މަތިންކަމުގައި އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. މި އާޔަތުންނާއި އަދި ފުރަތަމަ ހަތަރު ޚަލީފާއިންގެ އަމަލުންވެސް، ވިރާސީ ވެރިކަމަކީ އިސްލާމީ ގޮތް ނޫންކަން އެނގެނއެވެ. ނަމަވެސް، ކީރިތި ގުރުއާނުން، ނޫނީ ސަލާމާ ސަލަވާތް ލެއްވި އިތުރު އެކަލޭގެފާނުންގެ ސުންނަތުން ވެސް، އެކަމާ ބެހޭ އިތުރު ތަފުސީލެއް ލިބޭކަށެއް ނެތެވެ. އެކަން ވަނީ، މުސްލިމުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ނިންމުމަށް، ދޫކޮށްލެވިފައެވެ.

ޝައްކެތްނެތް ގޮތުގައި، ފިގުހު އިލްމުގައި، ފަރުދީ ހުކުމްތައް ފަދައިން، މިފަދަ މުޖުތަމައީ ހުކުމްތައް ވެސް ވަނީ ވަކި ހަމަތަކެއްގެ މަތިން މާނަކުރެވި، އެ ހުކުމްތައް މުޖުތަމައުގައި ހިންގާލެވޭނޭ ފަދަ ގޮތެއްގައި ބަޔާންކުރެވިފައެވެ. މި މާނަކުރުމަކީ، މި މައްސަލަތައް ބަހުސްކުރައްވާ މިޒަމާނުގެ ބައެއް އިލްމުވެރިން ދެކެލައްވާގޮތުގައި، އެންމެ ފަހުގެ މާނަކުރުމެއް ނޫނެވެ. ޚާއްސަކޮށް، ހުކުމްތަކުގެ އާޔަތްތަކުގެ ސިޔާގަށާއި އަދި މުޖުތަމައީ ހުކުމްތައް ކީރިތި ގުރުއާނުގައި އިބާރަތްކުރެވިފައިވާ ގޮތަށާއި މިފަދަ ހުކުމްތަކާއި މެދު ސަލާމާތް ސަލަވާތްލެއްވި އިތުރު ރަސޫލާއާއި ފުރަތަމަ ހަތަރު ޚަލީފާއިން ކަންތައްކުރެއްވި ގޮތުގެ މައްޗަށް ރިއާޔަތްކޮށް، ކީރިތި ގުރުއާނުގެ މުޖުތަމައީ ހުކުމްތައް މާނަކުރައްވާ މިއަދުގެ ބައެއް މުސްލިމު އިލްމުވެރިން ދެކިލައްވާ ގޮތުގައި، މި ފަދަ ހުކުމްތަކުގައި ބާރު އެޅިފައިވަނީ، ހުކުމްތައް އައިސްފައިވާ ސޫރައަށް ވުރެ ބޮޑަށް، އެ ހުކުމްތަކުން ހާސިލުކުރާން ބޭނުންވާ މަގުސަދުގެ މައްޗަށެވެ. މިކަމަކީ ވެސް، ދީނީ ހަރުކަށި ފިކުރާ ގުޅުން ހުރި ކަމަށް ވުމުން، މިކަމުގެ އިތުރު ތަފުސީލު ފަހުން ގެނެވޭނެއެވެ.

މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ މި ހުކުމްތައް ދީނާ ގުޅޭ ގޮތެވެ. މުޖުތަމައީ ހުކުމްތައް ދީނާ ގުޅެނީ އެ ހުކުމްތަކުގެ ސޫރަ މެދުވެރިކޮށެއް ނޫނެވެ. މިސާލަކަށް ވައްކަންކުރުމުން އޮންނަ އަދަބުކަމުގައިވާ އަތްކެނޑުން އެއީ ދީނީ ކަމެއް ނޫނެވެ. އެކަން، ދީނާ ގުޅެނީ އެކަމަށް ކަނޑައެޅިފައި އޮންނަ އުގޫބާތުން ގަސްތުކުރެވޭ ލަނޑުދަނޑިކަމުގައިވާ ’އަދުލުވެރިކަން‘ ހާސިލުކުރެވުމުންނެވެ. ހިޖުރައިން އަށާރަވަނަ އަހަރު، މާތްރަސްކަލާނގެ ރުއްސުންލެއްވި އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައި، އަތްކެނޑުން ވަގުތީ ގޮތުން ހުއްޓާލެވުނެވެ. މުޖުތަމައުގައި ބަނޑުހައި ހޫނުކަމުގެ އާންމު ތަދެއް ފެތުރި، ސަރުކާރުން މީސްތަކުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ބައެއް ބޭނުންތައް ފޯރުކޮށް ދިނުމަށް ނުކުޅެދުމުންނެވެ. އެފަދަ، ހާލަތެއްގައި އަތްކެނޑުމަކީ އަދުލުވެރިކަމާ ޚިލާފުކަމެއް ކަމުގައި އުމަރުގެފާނު ދެކެވަޑައިގަތުމުންނެވެ. މީގެ އިތުރަށް، އިމާމު ޝާފިއީގެ ކިތާބުލް އުއްމުގައި، މާތްރަސްކަލާނގެ ރުއްސުންލެއްވި އަލީގެފާނު، އަތްކެނޑުމާ ދެކޮޅު ހެއްދެވިކަން ބަޔާންކުރައްވާފައިވެއެވެ. އަތްކެނޑުމަކީ މީހުން އާމްދަނީ ހޯދަން މަސައްކަތްކުރާން ހުރަސް އަޅާނޭ ކަމެއް ކަމާއި އަދި އެކަމުގެ ސަބަބުން ހިނާ ތާހިރުވާން ވެސް ދަތިވާނޭ ކަމަށް ވިދާޅުވަމުންނެވެ. އަތްކެނޑުމަކީ ދީނީ ކަމަކަށްވާ ނަމަ، ވަގުތީ ގޮތުން ނަމަވެސް، އެއްވެސް މީހަކަށް އެކަން ހުއްޓުވުމުގެ އިޚްތިޔާރެއް ނޯންނާނޭކަމާއި އަދި އެކަމާ ފަހަރެއްގައި ވެސް އިންކާރުކުރުމުގެ އުޒުރެއް އެކަކަށް ވެސް ނުދެއްކޭނޭކަން ބައެއް އިލްމުވެރިން ފާހަގަކުރައްވައެވެ.

މުޖުތަމައީ ހުކުމްތަކާ ބެހޭގޮތުން އެންމެ ފަހުން ފާހަގަކޮށްލަން ބޭނުންވަނީ މި ހުކުމްތައް ހިންގާލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށް ކަމެވެ. ނުވަތަ ހާކިމާ އެކަން ހަވާލުކުރައްވާފައިވާ ފަރާތަކަށް ކަމެވެ. އެކަމަކީ އަމިއްލަ ފަރުދުންގެ އަތްމަތީ އޮތް ކަމެއް ނޫންކަމެވެ. މުއުމިނާ ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއަށްދާން ބޭނުން ނަމަ، އަޅުކަމުގެ އަމަލުތަކުގައި އަވަދިނެތި އުޅެ، ވީވަރަކުން އެހެން މީހުންނަށް އިހުސާންތެރިވެ، ހެޔޮއަމަލުތައްކޮށް ހެޔޮލަފާ މީހަކަށްވާންވީއެވެ. ދީންވެރިވެ، ރޫހާނީ ގޮތުން ކުރިއެރުމަށްޓަކައި، މުޖުތަމައީ ހުކުމްތައް މުޖުތަމައުގައި ހިންގާލަން، އޭނާ އަމިއްލައަށް އުޅޭކަށް ނުޖެހެއެވެ. އެކަން ދޫކުރާން ޖެހެނީ މުޖުތަމައު ހިންގުމާ ހަވާލުވެ ތިބި ބަޔެއްގެ އަތް މައްޗަށެވެ. ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم، (އައްނިސާ ސޫރަތުގެ 59 ވަނަ އާޔަތް) ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވާށެވެ! އަދި، ރަސޫލާއަށާއި ކަލޭމެންގެ ތެރެއިން އަމުރުވެރި ފަރާތްތަކަށް ވެސް ބޯލަނބައި ކިޔަމަންތެރިވާށެވެ!“ މީގެ މާނައަކީ ވަކިވަކި ފަރުދުންނަށް މުޖުތަމައީ ހުކުމްތަކާ ބެހޭ ގޮތުން އެއްޗެއް ނުބުނެވޭނޭ ވާހަކައެއް ނޫނެވެ. މުޖުތަމައުގައި ކަނޑައެޅި ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން އެވާހަކަތައް ދެއްކުމުގެ މިނިވަންކަން ވަކިވަކި ފަރުދުންނަށް ވެސް ލިބިގެން ވެއެވެ.

މި ބައި ނިންމައިލުމުގެ ގޮތުން، މި ބައިގައި ބަޔާންކުރެވި ދިޔަ ވާހަކަތަކުގެ ކުރު ޚުލާސާއެއް ލިޔެލާނަމެވެ. ޝަރީއަތުގެ ހުކުމްތައް ދެބަޔަކަށް ބެހިގެން ވެއެވެ. އިންސާނާގެ ފަރުދީ ހަޔާތާ ގުޅޭ ބަޔަކާއި އަދި އޭނާގެ މުޖުތަމައީ ކަންތައްތައް ހިންގުމާ ބެހޭ ބަޔެކެވެ. މީގެ ތެރެއިން ފުރަތަމަ ބައިގައި ހިމެނެނީ އަޅުކަންކަމާއި ހަލާލު-ހަރާން ކަންތަކެވެ. މި ބައިގެ މަގުސަދަކީ ފަރުދީ އިސްލާހެވެ. އެ ކަން ކުރުމުގެ ޒިންމާ އުފުލާން ޖެހެނީ ކޮންމެ މުއުމިނު ފަރުދެކެވެ. މިއީ ޝަރީއަތުގެ ޚާލިސް ’ދީނީ’ބައި ކަމުގައި ބެލެވެއެވެ. ތަނާއި ޒަމާނާ ގުޅުވައި މި ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ޝަރީއަތުގެ ހުކުމްތަކުގެ ދެވަނަ ބައި ގުޅެނީ މުޖުތަމައު ހިންގުމާއެވެ. މި ބައިގައި ހިމެނޭ ހުކުމްތަކުގެ މަގުސަދަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކުރުމެވެ. މި ބައިގައި ހިމެނޭ ހުކުމްތައް އިބާރަތްކުރެވިފައި ވަނީ އެ ހުކުމްތަކުގެ މަގުސަދުތަކުގެ މައްޗަށް ބާރުއެޅިގެންނެވެ. މި ކަންކަން ހިންގައިލުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވަނީ ހާކިމާއަށެވެ. ނުވަތަ ހާކިމާ އައްޔަނުކުރާ ފަރާތަކަށެވެ. މި ކަންކަން ހިންގުމުގެ ބާރު، އަމިއްލަ ފަރުދުންނަށް ލިބިގެން ނުވެއެވެ.

އިރާދަކުރެއްވިއްޔާ، ދެން އޮތް ބައިގައި ތިން ކަމެއްގެ މައްޗަށް ބަލައިލެވޭނެއެވެ. ދީނީ ފިކުރު ހަރުކަށިވާ ގޮތާއި އެ ކަމުގެ ސަބަބުތަކާއި އަދި އެ ކަމުގެ ހައްލުގެ މައްޗަށެވެ. (އަދި ނުނިމޭ)

__________________________________

ލަފުޒެއްގެ މާނަ:

ސިޔާގު    ނ.     ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް