Advertisement

ޖިންނީގެ ޖަވާބު - ކަލޭމެންނަށް ތިޔަ ނޫން ގޮތެއް ނެތެވެ!

29 Dec 2023 | 22:17
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

އަތިރިމަތީގައި ހުރި ހޮޅުއަށްޓެއްގެ މަތީގައި އޮށޯވެލައިގެން ތިބެ، ދެ ރަހުމަތްތެރިން ވާހަކަދައްކަމުން ގެންދިޔައެވެ. ކޮންމެ ދުވަހެއްގެ ވާހަކަ ވެސް ނިމޭ ފަދައިން މިއަދުގެ ވާހަކަ ވެސް ނިމުނީ ސިޔާސަތުގައި ޖެހިގެންނެވެ. އެކަކު ބުނި އަޑު އިވުނެވެ. "މަނިކުބޭއެވެ. ތަރައްގީގެ ވާހަކަ އިވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އަހަރުމެންގެ ކަންތައްތައް ހިންގާން މި ތިބެނީ ހައްތަހާ ވެސް ހަމަ ވަރުގަދަ ޑިކްޓޭޓަރުންނެވެ. ކޮންމެ ނަމެއް ކިޔަސް ވެހެވެ. ތަފާތު އަނގަތަކުން ތަރައްގީގެ ވާހަކަތައް ގޮވާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، އަހަރުމެންގެ ހަޔާތަކަށް، އާންމު ދިރިއުޅުމަކަށް، މާ ބޮޑު ބަދަލެއް ނާދެއެވެ. ދުވަހުން ދުވަހަށް ކާނޭ އެތިކޮޅެއް ހޯދުން ވެސް އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. އުޅޭން މިޖެހެނީ ޖަލު ގޮޅި ފަދަ، ގޮޅިގޮޅީގައެވެ. ދެމަފިރިންނާއި ދަރީން މި އުޅެނީ ހަމަ ކުޑަ ކޮޓަރިގަނޑެއްގައެވެ. ކައިބޮއި ނިދައި ހަދާން ޖެހިފައި އޮތީ ހަމަ މި ކޮޓަރިގަނޑުގެ ތެރޭގައެވެ. ކުދިވެރީން ކިޔަވާން ވެއްޖިއްޔާ ދާން މި ޖެހެނީ މާ ދުރުދުރު ހިސާބަށެވެ. ރުފިޔާއަކަށް ލިބޭ ޑިސްޕިރިން ގުޅަގަނޑެއް ހޯދާން ޖެހިއްޖެ ނަމަ، ދަރަންޏަށް ނޫނީ ސަލާންޖަހައި އާދޭސްކޮށްގެން ނަމަވެސް، ހާހެއްހާ ރުފިޔާ ހޯދައި އެ ދީފައި ކުއްޔަށް އެއްޗެއް ހިފައިގެން އަހަރުމެންނަށް މި ޖެހެނީ ކޮންމެ ވެސް އެހެން ރަށަކަށް ދާށެވެ. އަޅެ މަނިކުބޭ ނިކަން ބުނެބަލާށެވެ. ޑިކްޓޭޓަރުންގެ ކިބައިން އަހަރުމެން ސަލާމަތްވާނީ ކޮން ދުވަހަކުންހެއްޔެވެ؟ މި ނޫން ގޮތެއް އަހަރުމެންނަށް ހަމަ ނެތީހެއްޔެވެ؟ އަހަރުމެންގެ ހާލަތު ބަދަލުވެދާނެހެއްޔެވެ؟"

ލާނެއް މިޒާޖެއްގެ މަނިކުބޭ ބުންޏެވެ. "ތިޔަ ސުއާލު ކުރާންވީ އަހަންނަކާ ނޫނެވެ. ތިޔަ ހުރި ބޮޑު ނިކަގަސް ބުޑަށް ކޮންމެ ރެއަކު ޖިންނިއެއް ފައިބައިވާ ވާހަކަ، ސިއްރުސިއްރުން، ރަށުތެރޭގައި ދައްކައިއުޅޭ އަޑު މަ އެހީމެވެ. އަދި އެ ކަން ދަންނަ މީސްމީހުން އެ ޖިންނިއާ ބައްދަލުކޮށް އެމީހުން ބޭނުންވާ ކަންތައްކުގެ ވާހަކަ އަހަޔޯއޭ ވެސް ކިޔާ އަޑު މަ އެހީމެވެ. އަހައްމަދު ވެސް ނިކަން މިރޭ އިޝާނަމާދުން ފައިބައިގެން ނިކަގަސް ބުޑަށް ގޮސް ޖިންނިއާ ބައްދަލުކޮށް އޭނައާ އަޅެ ތިޔަ ސުއާލު ކޮށްބަލާށެވެ. ފަހަރެއްގައި ރަނގަޅު، ސާފު ޖަވާބެއް ވެސް ލިބިދާނެ ނޫންހެއްޔެވެ؟"

ގަބޫލުކުރާން ދަތިކަމުގައި ވިޔަސް އަހަންމަދު ގަސްތުކުރީ އަޖުމަބަލައިލުމުގެ ގޮތުން އިޝާ ނަމާދަށް ފަހު ނިކަގަސް ދޮށަށް ދާށެވެ. އަދި މަނިކުބޭ އެ ބުނާ ޖިންނި ފައިބައިފި ނަމަ، އެއްކަލަ ސުވާލުކޮށްލާނީއޭ ވެސް ހިތާހިތާ ބުންޏެވެ.

އިޝާނަމާދަށް ފަހު، ހަލުވި ހިނގުމެއްގައި ނިކަގަސް ދޮށަށް ގޮސް އަހައްމަދު މަޑުކޮށްލިއެވެ. އިރުކޮޅަކުން ގަހުގެ ފަތްތައް ހެލިލި އަޑު އިވުނެވެ. ދެން ފެނުނީ ދޫދޫ ހުދު ހެދުމެއް ލައިގެން ހުރި އެއްޗެއް ގަހުން ފޭބި ތަނެވެ. އެއެއްޗެއްގެ ބޮލުގައި ހުދު ފަގުޑިއެއް ވެސް އޮތެވެ. ކަޅު ފޮއި މޫސުންވެފައި އަނދިރިކަމުން ތަންދޮރު ރަނގަޅަށް ވަކިވާ ގޮތެއް ނުވެއެވެ. ކުޑަކޮށް ބިރުގަނެ ޖެހިލުންވެ ހުރެ އަހައްމަދު އެ އެއްޗެއްގެ ކައިރިއަށް ޖެހިލިއެވެ. އަދި ސަލާން ގޮވާލުމަށް ފަހު، ސުއާލު ކޮށްލިއެވެ. "އޭ ޖިންނި ރަސްގެފާނެވެ! އަހަރުމެންގެ މައްޗަށް އަމުރު ހިންގާން އަބަދު ވެސް ޑިކްޓޭޓަރުން ތިބެނީ ކީއްވެހެއްޔެވެ؟ އަހަރުމެންނަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ ހުރިހާ ކަމެއްގެ ވެސް ފުލުގައި ތިބުމަކީ ހަމަ އަހަރުމެންނަށް އޮތް ގޮތް ހެއްޔެވެ؟"

ސަލާން ބަލައިގަތުމަށް ފަހު، ޖިންނި ބުނި އަޑު އިވުނެވެ. "އާނއެކެވެ! ކަލޭމެންނަށް ހުރީ ހަމަ ތިޔަ ގޮތެވެ. ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެންގެ ވެރީންނަށް އަބަދުވެސް ތިބޭނީ ޑިކްޓޭޓަރުންނެވެ. ތަރައްގީއޭ ކުރިއެރުމޭ ޑިމޮކުރަސީއޭ އިސްލާމް ދީނޭ ނޫނީ އެހެން އެއްޗެކޭ ކިޔަސް ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެން ތިބޭނީ ހަމަ ތިޔަ ތިބި ގޮތަށެވެ. ކަލޭމެން ދެމި ތިބޭނީ ވެރީންނަށް ލީޑަރު ތަސްބީހަކިޔުމުގައްޔާއި މަހާނަ މައްޗަށް މަޑިޔަށް ޖެހުމުގައެވެ. ކަލޭމެން ދަންނަ ގައުމީ ޚިދުމަތަކީ އެއީއެވެ."

ދެން އަހަންމަދަށް ބުނެވުނެވެ. "އެއީ ކީއްވެތޯއެވެ؟"

އަނެއްކާވެސް ޖިންނި ބުނި އަޑުއިވުނެވެ. "މާތްކަލާނގެ ކަލޭމެންގެ ކޮންމެ މީހަކަށް ވެސް އަމިއްލަ ސިކުނޑިއެއް ދެއްވިއެވެ. ވިސްނައި ފިކުރުކުރުމަށް ޓަކައެވެ. ނަމަވެސް، މީހެއްގެ އެހީއަކާ ނުލައި ކަލޭމެންނަށް އޭގެ ބޭނުމެއް ކުރެވޭކަމަކށް ނުވެއެވެ. ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވުމުގެ ފުރުސަތު، އެހެން މީހުންނަށް، ކަލޭމެން އެންމެންހެން ދެއެވެ. ދީނީ ކަންކަމާ މެދު ކަލޭމެންނަށް ގޮތް ކިޔައިދީ ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. ސިޔާސީ ގޮތް ކިޔާއިދޭން ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. އެހެންވެ، މާތްކަލާނގެ ދެއްވި ސިކުނޑި ބޭނުންކޮށްގެން، މިއިން އެއްވެސް މީހަކު ބުނާއެއްޗެއް، އެ އެއްޗެއް ބުނާ މީހެއްގެ މޫނަށް ނުބަލައި، އެ ބުނާ އެއްޗެއްގެ ރަނގަޅު ނުރަނގަޅު، ހެޔޮ ނުބައި ކަނޑައަޅައިލައި، އޭގެ އަގުވަޒަންކުރާން ދަސްކުރާކަށް ކަލޭމެންނެއް ނޫޅެއެވެ."

ޖީންނީގެ ވާހަކަ މި މޭރުމުން ކުރިއަށް ގެންދިޔައެވެ. "ކަލޭމެންގެ ކިޔުން ހުރި ގޮތް ނިކަން ދެކި ބަލާށެވެ. އެންމެ ފުރަތަމަ ބުނާން އޮތީ ފޮތް ފަދަ އެއްޗެހި ކިޔުމަކީ ކަލޭމެންގެ ތެރޭގައި އޮތް އާދައެއް ނޫނެވެ. އެއްޗެއް ކިޔާ ނަމަ، ކަލޭމެންގެ ކިޔުމެކޭ ކުޑަ ކުއްޖަކު އޭނާގެ ކުޅޭ ބޯޅަ މަގުމައްޗަށް ގޮސްގެން އެ ބޯޅަ ހޯދާން އޭގެ ފަހަތުން ދުވެ ދިޔުމެކޭ އެއްފަދައެވެ. ކުއްޖާއަކަށް މަގުމަތީ ދެކޮޅަށް ދުއްވާ އެއްޗިއްސެއް ނުފެނެއެވެ. އޭނާއަށް ފެންނަނީ ހަމަ އެކަނި އޭނާގެ ބޯޅައެވެ. ހަމަ އެހެންމެ އެއްޗެއް ކިޔާއިރު ކަލޭމެންނަށް ފެންނަނީ ލިޔެފައި އޮތް އެއްޗެއް ނޫނެވެ. ކަލޭމެންގެ ހިތުގައި އޮންނަ އެއްޗެކެވެ. އެހެންވެ، ލިޔެފައި އޮންނަ ވާހަކައިގެ މައިގަނޑު މައުޟޫއަކީ ކޮބައިކަމާއި ލިޔުމުގެ ޒުވާބު ބިނާވެފައި އޮތީ ކިހިނެއް ކަމާއި މި ކަމަށް ބާރުދިނުމުގެ ގޮތުން ގެނެސްފައިވާ ހެއްކަކީ ކޮބައިކަމާއި މިފަދަ ހެކި ތަހުލީލުކޮށް އެއާ ބެހޭ ނުކުތާއާއި ގުޅުވައިލެވިފައިވަނީ ކިހިނެއްކަން ކަލޭމެން ބަލާކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ ލިޔުމުގައި ބުނާ ވާހަކަ އޮންނަނީ ނުވިސްނިފައެވެ. އަދި ނުވިސްނޭކަން ވެސް ކަލޭމެންނަށް ރޭކައެއް ނުލައެވެ. ކަލޭމެންނަށް ވިސްނެނީ ކަލޭމެންގެ ހިތުގައި ކަލޭމެން އަމިއްލައަށް ކަނޑައަޅައިލައިފައި އޮންނަ އެއްޗެކެވެ. މިފަދަ ގޮތެއްގައި ކަލޭމެން ލިޔެކިޔުމުގެ ސަގާފަތް އޮތް އިރު، ކަލޭމެންގެ ތެރޭގައި އިލްމީ ހަރަކާތެއް ފެށިދާނެހެއްޔެވެ؟ އަދި، އިލްމީ ހަރަކާތެއް ނެތި، ހަގީގީ ކުރިއެރުމެއް ފަށައިގަނެވި ކަލޭމެންގެ ހާލަތު ހެޔޮ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެހެއްޔެވެ؟"

"މިފަދައިން ކަލޭމެންގެ ވިސްނުމާއި ފިކުރުކުރުމުގެ ކަންތައް އޮތުމުން، ދެން ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ކަލޭމެންގެ ސިކުނޑީގައި ކަސްތަޅުއެޅުމެވެ. ކަލޭމަންނަށް އަމިއްލައަށް ވިސްނާން ދަސްނުވުމެވެ. އަޅެ ނިކަން ބުނެދީބަލާށެވެ. އަމިއްލަ ސިކުނޑި ބޭނުންނުކޮށް، އަމިއްލައަށް ނުވިސްނައި ދުނިޔޭގައި އެއްވެސް ބަޔަކަށް ކުރިއެރުމެއް ލިބުނުހެއްޔެވެ؟ ކަލޭމެން ނިކަން ކުރިއަރައިފައިވާ ގައުމުތަކަށް ބަލައިލަބަލާށެވެ. އެ ގައުމުތަކުގެ ކުރިއެރުން ގުޅިފައި އޮތީ ވިސްނުމާއި ފިކުރުކުރުމާއެވެ. އިލްމީ ގޮތުން ތަރައްގީ ވުމާއެވެ. ކުރިއެރުމުގެ ބިންގަލަކީ މިއެވެ. އަރަބި ދުނިޔެއަށް ނިކަން ބަލައިލަބަލާށެވެ! އެމީހުންގެ ބައެއް މީހުން އަތުގައި ފައިސާ ނެތީހެއްޔެވެ؟ އެ މީނުން ކުރި ނާރައިގެން އުޅެނީ ކީއްވެހެއްޔެވެ؟ ވިސްނުމާއި ފިކުރުކުރުމުގެ ކުރިއެރުމެއް ލިބިފައި ނެތީމައެވެ."

ތިޔަ ބުނީކީ މުޅިއަކުން ގޯސް ވާހަކައެއް ނޫނޭ އަހަމަދަށް މަޑުމަޑުން ބުނެވުނެވެ. ދެންވެސް، ޖިންނީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާ އަޑު އަހައްމަދަށް އިވުނެވެ.

"ކަލޭމެން އަޅެ ނިކަން ކަލޭމެންގެ އަމިއްލަ ކައިރި މާޒީއަށް ބަލައިލަބަލާށެވެ. އެކަކު ކަލޭމެންގެ ބޮލަށް ސަވާރުވީ ޖުމްހޫރިއްޔަތޭ ކިޔައިފައެވެ. އޭގެ މާނައާ ދޭތެރޭ ކަލޭމެން ވިސްނީމުހެއްޔެވެ؟ އެންމެން ބައިވެރިވާ ވެރިކަމެކެވެ. ނަމަވެސް ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ކަލޭމެންގެ އަމިއްލަ މީހަކު ބުނިފަދައިން އެ ބުނާ ޖުމްހޫރިއްޔަތެއްގައި ވެސް އޮތީ މުސްތަބިއްދު ކަމެވެ. އެވީ ވަރުގަދަ 'ޑިކްޓޭޓަރޝިޕް'އަކަށެވެ. އޭނާ ގެނައި ޖުމްހޫރިއްޔަތު އޮތްހާ ހިނދަކު ކަލޭމެން އޭނާއަށް ސަނާކިޔުމުގައި ތިއްބެވެ. އޭނާ ވެއްޓުމުން އޭނާއާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި ހެއްޖެވެ."

"ދެން އައީ ވެސް ހަމަ އެހާ ވަރުގަދަ ޑިކްޓޭޓަރެކެވެ. މުސްތަބިއްދު ވެރިޔެކެވެ. ކަލޭމެންނަށް ވިސްނޭނީ ހަމަ އެކަނި ބާރުގެ ބަހުރުވައޭ ބުނެ، ސީދާ ބާރުގެ ބޭނުކޮށް ވިއްސަކަށް އަހަރު ކަލޭމެންގެ ސިކުނޑިތައް ބަންދުކޮށްގެން ގެންގުޅުނެވެ. ކަލޭމެން ތިބީ ހަމަ ކުރިން ވެސް ތިބި ގޮތުގައެވެ. އޭނާގެ ބާރު އޮތްހާ ހިނދަކު އޭނާއަށް ސަނާކިޔުމުގައެވެ. އޭނާ ދިޔުމުން، ހެއްދެވިހާ ހުތުރު އެއްޗެއް އޭނާއާ ދިމާއަށް ކަލޭމެން ގޮވިއެވެ."

"ދެން ވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ވެރިކަމުގެ ގޮނޑިއާ ހަމައަށް މިފަހަރު ވާސިލުވީ ދީނުގެ ނަން ބޭނުންކޮށްގެންނެވެ. އެތައް ދަސް އަހަރު އެ ގޮނޑީގައި އިނދެފައި ދިޔައިރު ކަލޭމެންގެ ކަންތައްތައް އޮތީ ކިހިނެއްހެއްޔެވެ؟ ތަން އޮތީ ދަރަނިވެރިވެފައެވެ. އަމިއްލަ ބިންތައް ވަކި ބައެއްގެ ފައިދާއަށްޓަކައި ވިއްކައިލެވިފައެވެ. ޝަރުއީ ނިޒާމު ހަލާކުވެފައެވެ. ބޮޑެތި ކުށްތައް ކުރަމުން ދިޔަ މީސްމީހުން، އެއީ ގާތް ތިމާގެ މީހުންނަށް ވުމުން، އެކުށް ކުށަކީ ކުށަކަށް ނުވެފައެވެ. އެއްދުވަހު ޓީވީއަށް އަރައިފައި މިވެނި މީހަކު އެކުރީ ބޮޑު ކުށެކޭ ބުނާނެއެވެ. އަނެއް ދުވަހު ހަމަ އެމީހާ ހުދު ކަފަ ކޮޅަކަށްވެ، އޭނާއަށް ދައަލުތުގެ ވަޒީރުކަން ދޭނެއެވެ. ދީން ދިފާއުކުރާން އައި ވެރިޔާގެ ދައުރުގައި ފަސާދައިގެ އަމަލުތައް ހުރިހާ ގައުމީ މުއައްސަސާތަކެއްގައި އާންމުވެގެން ދިޔައެވެ. ދެން ކަލޭމެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ޚުޝާމަދުކުރުމުގައި ދެމިތިބީއެވެ. މީގެ އިތުރުން، އަދިވެސް، ކަލޭމެންގެ ތެރެއިން އެތައް ބަޔަކު، އެމީހުންގެ ސިކުނޑިތަކަށް، އޭނާ ސަވާރުވެ އިނުމުގެ ފުރުސަތު އޭނާއަށް ދެއެވެ."

ދެން އައީ ޑިމޮކުރަސީގެ އަސާ ބޭނުންކޮށްގެން ވެރިކަމުގެ ގޮނޑިއަށް ވާސިލުވުމުގެ ދުވަސްތަކެވެ. ކަލޭމެން މައިތިރިކޮށް ކަލޭމެންގެ ބޮލަށް ސަވާރުވާން ކޮންމެ ކަހަލަ އަސައެއް ބޭނުން ކުރިއަސް ނަތީޖާ އެއްގޮތެވެ. ނިމެނީ ހުރިހާ ބާރެއް އެކެއްގެ އަތް މައްޗަށް ޖަމާވެގެންނެވެ. ކަލޭމެންގެ ރަށުގައި ވެރިކަމުގެ ގޮނޑިއަށް ވާސިލުވާން ކޮންމެ މަގަކުން ކޮންމެ މީހަކު ހިނގާން ގަސްތުކުރިއަސް ގޮސް އެމީހަކަށް އެރެނީ ޑިކްޓޭޓަރެއްގެ ދާން މައްޗަށެވެ. ބޮލުގައި އެޅެނީ ޑިކްޓޭޓަރެއްގެ ތާޖެކެވެ. ޖުމްހޫރިއްޔަތޭ ކިޔަސް، ދީނޭ ކިޔަސް، ޑިމޮކުރަސީއޭ ކިޔަސް ތަފާތުވަނީ ނަމެވެ. ހަގީގަތް ހަމަ އެކައްޗެކެވެ."

"ފިހާރައެއްގެ ވަތްގަނޑާ ހަވާލުކޮށް، އެއްފަހަރު، އެ ބަލަހައްޓަން ނޭނގުނު ސޭޓަކަށް، ދެވަނަ ފަހަރަށް، ހަމަ ބުއްދި ހުރި މީހަކު ފިހާރައިގެ ވަތްގަނޑު ހަވާލުކޮށްފާނެ ހެއްޔެވެ؟ ނޫނީ އެއްފަހަރު ފިހާރައިގެ ވަތްގަނޑު ހުސްކޮށްލި ސޭޓަކަށް ދެވަނަ ފަހަރަށް ސޭޓުކަން ހަވާލުކުރާން އުޅެފާނެ ހެއްޔެވެ؟ މިފަދަ ކަންކަން ކަލޭމެން އަމިއްލައަށް ކުރާއިރު، ނުވަތަ ކުރާން އުޅޭ އިރު، މާތްކަލާނގެ ކަލޭމެންނަށް ދެއްވި ސިކުނޑީގެ ބޭނުންކުރާން ކަލޭމެންނަށް ހަމަ ނޭނގެނީހެއްޔެވެ؟ ކަލޭމެންނަށް ހީވާ ކަހަލައެވެ. މޮޔައެއް ވެރިކަމަށް ނުގެނެވިއްޖިއްޔާ ދެން ގެންނަން ޖެހޭނީ ޚިޔާނަތްތެރިއެކެވެ. ޚިޔާނަތްތެރިއަކު ވެރިކަމަށް އިސްނުކުރެވިއްޖިއްޔާ ދެން ވެރިކަމަށް ގެންނަން ޖެހޭނީ ހަމަ މޮޔައެކެވެ. މި ދެގޮތް ނޫން ގޮތެއް ވެސް އޮވެދާނެކަން ކަލޭމެންނަށް ހަމަ ނޭނގެނީހެއްޔެވެ؟ މި ދެގޮތް ނޫން ގޮތެއް ހޯދާން އުޅޭން ކަލޭމެންގެ ސިކުނޑިތައް ނުކުޅެދެނީ ކީއްވެހެއްޔެވެ؟ ކަލޭމެންގެ ރާއްޖޭގައި ނޫނީ އިދާރީ ހިންގުންތެރިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކަށް ވެރިކަމަށް އާދެވިފައި އޮންނާނެހެން ހިޔެއްނުވެއެވެ. ނަމަވެސް، މި ކަން ވެސް ކަލޭމެންނަށް ކަލޭމެން ތިޔަ ކިޔާ ކަލޭމެންގެ ޑިމޮކުރަސީ ހަގީގަތަކަށް ހަދާލަން ކަލޭމެންނަށް އެހީވެދީފިއެވެ."

ޖިންނީގެ ވާހަކަ އަދިވެސް ކުރިއަށް ގެންދިޔައެވެ. "ވައްކަމާއި ފަސާދައިގެ އަމަލުތައް އިހުގައި ހިންގި އިރު، އެ ފަދަ އަމަލުތައް ހިންގި މީހުން ވެސް އެއަމަލުތަކަކީ ނުރަނގަޅު، ގާނޫނާއި އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފު އަމަލުތަކެއްގެ ގޮތުގައި ދުށްޓެވެ. މިހާރު މި ފެންނަނީ މިހުރިހާ ކަމަކީ ވެސް ގާނޫނީ އިމުގެ ތެރޭގައި ތިބެގެން ކުރެވިދާނޭ އަދި ކުރެވޭ އަދި ކުރާން ޖެހޭ ވެސް ކަމެއްގެ ގޮތުގައެވެ. މުޅި ގައުމު ވިއްކައިލުން ވެސް އެއީ ހަމަ ގާނޫނީ އިމުގެތެރެއިން ކުރެވިދާނޭ ކަމެކެވެ. ބަނގު ރަލުގެ ނަން ރުކުރަލުގެ ނަމަށް ބަދަލުކޮށް އެ ކަމާ ބެހޭ ގާނޫނެއް ފާސްކޮށްގެން ބަނގުރާ ހުއްދަ ކުރެވޭ ގޮތަށެވެ. ރިޝްވަތާއި ވައްކަން، އެއީ ކޮމިޝަން ނުވަތަ ޚިދުމަތުގެ އުޖޫރަކަމުގައި ބުނެ އެ ކަންކަން ހުއްދަކުރެވޭ ގޮތަށެވެ. ބަދަލުދިނުމޭ ކޮމްޕެންސޭޝަނޭ ކިޔައި ގާނޫނުގެ ހިޔާވެހިކަން ހޯދައިގެން، ދައުލަތުގެ ޚަޒާނާއަކީ، ތިމާގެ މެޓާ ޖާޑިއެއް ކަމުގައި ހަދައި، ބޭނުންވި ހިނދެއްގައި އެޖާޑިއަށް އަތްބާނައި ބޭނުން ވަރަކަށް މެޓާނަގައި ތިމާއަށާއި ތިމާގެ ގާތް މީހުންނާއި އައުވާނުންނަށް ބައިއަޅައި މެޓާ ބެހޭ ގޮތް ހެދޭ ގޮތަށެވެ. ތިމާމެންގެ އަމިއްލަ ވެރިކަމުގެ ގޮނޑި ދިފާއުކުރުމަށްޓަކައި ބޭރު ގައުމުގެ އަސްކަރީން ބައިތިއްބައި އެމީހުންގެ މަރުކަޒުތައް ގާއިމުކޮށް، އެއަށް ތަފާތު އެހެން ނަންނަން ދެވި، ގާނޫނާއި ގަވާއިދުތަކަށް ގަދަކަމުން ނަމަވެސް ފައްތާ ގޮތަށެވެ. ތަނުގެ މީހުންނަށް ދޭން ޖެހޭ ވަޒީފާތައް ބޭރުމީހުންނަށް ދެވޭ ގޮތަށް ހަދައިގެންނެވެ. ތަނުގައި ކަމަށް އެކަށީގެންވާ މީހުންނެތޭ ކިޔައި މި ކަހަލަ ހަމަ ނުޖެހޭ ބަހަނާތައް ދައްކައިގެންނެވެ. ވެރިޔަކަށް އެއްވެސް ހިންގުންތެރިކަމުގެ ތަޖުރިބާއެއް ނެތް މީހަކާ ހަވާލުކުރުމަކީ ވެސް ހަމަ އެންމެ އެކަށީގެންވާ ކަމެއްކަމަށް ދެކޭ އިރު، އޮފީހެއްގެ އެންމެ އިސް މަގާމު އަދާ ކުރެވޭނޭ ވަރު މީހަކު ހަމަ ނުހުންނާނެހެއްޔެވެ؟"

މި ހުރިހާ ކަމެއް ކަލޭމެންގެ ލޯމަތީގައި ހިނގަމުންދާއިރު ކަލޭމެން ތިޔަ ތިބީ ކަލޭމެންގެ އަމިއްލަ ސިކުނޑި ބޭނުން ނުކުރުމުގެ އިތުރަށް، ކަލޭމެންގެ ޒަމީރުގެ ކޮށުމުގެ އިހުސާސު ވެސް ކެނޑިފައެވެ. ތިމާގެ ބޮލަށް ތިމާ އަމިއްލައަށް ސަވާރުކުރުވާފައި ބޭންދި މީހާ ޖަހާހައި ބެރަކަށް ނަށާން އާދަވެފައި ވާތީއެވެ. އެއީ މޮޔަޔަކަށް ވިޔަސް ވެހެވެ. ޚިޔާނަތްތެރިއަކަށް ވިޔަސް ވެހެވެ. ތިމާގެ އަމިއްލަ އެދުން ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރާ ބަޔަކަށް ވިޔަސް ވެހެވެ. ދެން ނިކަން ބުނެބަލާށެވެ! ކަލޭމެން، މި ގޮތުގައި ތިބި އިރު، ކަލޭމެން، ކަލޭމެންނަށް މާތްކަލާނގެ ދެއްވި ސިކުނޑީގެ ބޭނުން ނުކޮށް ތިބި އިރު، ތިޔަ ނޫން ގޮތެއް އޮންނާނެހެއްޔެވެ؟ މިހާ ދުވަސްވީ އިރު ވެސް، ތިމާމެންގެ އަމިއްލަ ސިކުނޑި ބޭނުންކުރާން ނޭނގުނު ބަޔަކަށް، ނުވަތަ އެ ސިކުނޑީގެ ބޭނުންކުރާން ބޭނުންނުވި ބަޔަކަށް ކުރިއަށް ދެވިދާނެހެއްޔެވެ؟ ތިމާމެންގެ އަމިއްލަ ހާލަތު ތިމާމެން އެންމެން ވެގެން އަމިއްލައަށް ބަދަލުކުރާން ނޫޅޭ ބަޔެއްގެ ހާލަތު ބަދަލުވެދާނެހެއްޔެވެ؟ ކީރިތި ގުރުއާނުގައި ވެސް އޮވޭ ނޫން ހެއްޔެވެ؟ 'އެމީހުންގެ ހާލަތު އެމީހުން އަމިއްލައަށް ބަދަލުކުރަން ނޫޅޭ ބައެއްގެ ހާލަތު މާތްކަލާނގެ ބަދަލެއް ނުކުރައްވަތެވެ.' އެހެންވީމާ އަދި ވެސް އެއް ފަހަރު ބުނަމެވެ. ކަލޭމެންނަށް އޮތީ ހަމަ ތިޔަ ގޮތެވެ. ޑިކްޓޭޓަރުންގެ ބާރުގެ ދަށުގައި އެ މީހުން ހެދި ގޮތެއް ހަދާން ތިޔަހެން ތިބުމެވެ. ކަލޭމެންނަށް އެނގޭނީ އެ މީހުން ޖަހާހައި ބެރަކަށް ނަށާށެވެ! އެ މީހުން ގުނބޯހެއްދީމައި ގުނބޯހެދޭށެވެ."

ދެން، އަހައްމަދު، ބޯ ކަހަމުންކަހަމުން، ގޭ ދޮށަށް ދާން ހިނގައިގަތެވެ. އޭނާ ގޮސް އޮބައިލުމުން، ހެމުންހެމުން، މަނިކުބޭ، ޖިންނީގެ ހެދުން ބަދަލުކޮށް އޭނާގެ ފަގުޑި ބޮލުން ނަގައި އަހައްމަދު ގެއަށް ދިޔުމުގެ ކުރީން، އޭނާގެ ގެއަށް ދިޔުމަށް ޓަކައި، އެހެން މަގަކުން، އަޅައި އިތިކޮށް ދުއްވައިގަތެވެ. އަހައްމަދު ކުރެން ޖިންނީގެ ޖަވާބު އޮޅުންފިލުވާލައި، ހީނ ސަމާސާކޮށްލުމަށް ޓަކައެވެ.

______________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް
މަރީ
2024ގެ އިންތިޚާބުގައި ދިވެހީންނަށް ފައިސާއަށް ވޯޓު ވިއްކާން ކެރެންޏާ މުޅި މަޖިލިސް ގެންގަށް ބަދަލުވާނެއެވެ. އެހެންވީމާ އަހަރެމެން ދިވެހީންނަކަށް މި ނޫން ގޮތެއް ނެތެވެ. ޑރ. ޣަފޫރުގެ ވާހައަށް %100 ތާއީދެވެ.
30 Dec 2023
އަޙުމަދު ޢަލީ
ވަރަށް މޮޅު ހުށަހެޅުމެއް. ނަމަވެސް ޢިބްރަތް ލިބޭނީ ވިންނުންތެރިކަމާއެކު ކިޔައި ފިކުރު ހިންގާ ބަޔަކަށް
01 Jan 2024