Advertisement

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި މީހުން މެރުން ހުއްޓައިލާން އދ.އިން ގޮވައިލިޔަސް ތަންފީޒުކުރާނީ ކާކު؟

29 Dec 2023 | 14:13
ހުޅަނގު އައްސޭރީގައި ހިންގާ ލާ އިންސާނީ ޢަމަލުތައް ހުއްޓައިލާން ގޮވައިލައި ބާއްވާ މުޒާހަރާއެއް: އިއްޔެ ވަނީ އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ އޮފީހުން ބަޔާނެއް ވެސް ނެރެފައެވެ.

ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އިސްރާޢީލުން ރާވައިގެން ހިންގާ ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ ނަސްލުހޭދަކީ ދުނިޔޭގެ އެއްވެސް ބަަޔަކަށް ވަންހަނާ ވެގެންވާނޭ ކަމެއް ނޫނެވެ. އެމެރިކާއާއި ވިލާތުގެ ބޭއިންސާފު ގައުމުތައް ފިޔަވައެވެ. ޔަހޫދީންނާއި އެމެރިކާނުންގެ އިންސާފަކީ އެ މީހުން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ހައްގު އެ މީހުންނަށް އޮތުމާއި އދ.އަށް ވެސް އެ މީހުންގެ މައްޗަށް ބަސް ނުކިޔުމެވެ. އދ.އަކީ ވެސް ޑިމޮކްރެސީއާ ބީރައްޓެހި، އެކަމަކު އެމެރިކާއާއި އިސްރާއީލާ ޖެހުނީމާ ދަތް ނެތް މިނިކާވަގެއް ފަދަ "ނިކަމެތި" ޖަމާޢަތެކެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ އެތައް ޤަރާރެއް، އިސްރާއީލުން ޢަމަލުނުކޮށް ދޫކޮށްލައިފައިވެއެވެ. ނަމަވެސް އެ މީހުންނާ މެދު އެންމެ ކުޑަ މިނުން ދަތިކުރުމުގެ ފިޔަވަޅެއް އަޅާ ވާހަކައެއް ވެސް ދައްކައިނުލެވެއެވެ. އަނެއްކާ، އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ އޮފީހުން އިއްޔެ މި ވަނީ ފަލަސްޠީނުގެ ޙާލަތާ ބެހޭ ގޮތުން ފިތްކަނޑައިގެން ދާ ފަދަ ހިތްދްތި އަސަރުގަދަ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ހުޅަނގުއައްސޭސީގެ ބައިބޯ ފޭލިގެ އަވަށްތަކަށް އިސްރާއީލުން ހުއްޓުމެއް ނެތި ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން އިތުރުވާ މަރުތަކާއި ޒަޚަމްތަކަށް އަލިއަޅުވައިލައި "ގާނޫނާ ޚިލާފަށް މީހުން މެރުން" ހުއްޓައިލާން އިސްރާއީލަށް ވަނީ ގޮވައިލައިފައެވެ. އަދި އެއީ އިސްރާއީލުން ހިންގަމުން ގެންދަނީ ޒިންމާދާރުކަމެއް ނެތް ޢަމަލެއްގެ ގޮތުގައި ވެސް ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.

"ގާނޫނު ތަންފީޒުކުރުމުގެ ސިޔާގުގައި އަސްކަރީ އުކުޅުތަކާއި ހަތިޔާރު ބޭނުންކުރުމުގެ މާނައޮޅުވައިލައި ކޮންމެހެން ބޭނުން ނުވާ ނުވަތަ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ފަލަސްތީނަށް ބޮޑަށް އަސަރުކުރާގޮތަށް އަޅައިފައިވާ ހަރުކަށި ފިޔަވަޅުތަކާއި ޖެއްސުންކުރުމުގެ ޢަމަލުތަކާއި ތަފާތުކުރުމުގެ ހަރަކާތުގެ ހުރަސްތައް ތަންފީޒުކުރުމަކީ ފަލަސްތީނަށް ކުރިމަތިވެފައިވާ ބޮޑު ތުރާލެކެވެ." އެ ބަޔާނުގައިއެވެ.

މި ދިޔަ އޮކުޓޫބަރު މަހު 7ގައި އިސްރާއީލުން ފަލަސްތީނަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ޣައްޒާއިން އެކަނި ވެސް ވަނީ 21000 މީހުން ޝަހީދުވެފައެވެ. މިއީ މަޢުޞޫމު ރައްޔިތުންނެވެ. ކުޑަކުދީންނާއި އަންހެނުން ވެސް ހިމެނޭ ގޮތުންނެވެ. މި ކަންތައްގަނޑު ފެށުނު ފަހުން އިސްރާއީލުން 1200 މީހުން މަރުވެފައިވާކަމަށް އެ މީހުން ބުނެއެވެ. މި ޢަދަދަކީ އެ މީހުން ދޭތެރެއަކުން ދަށްކޮށް މަތިކުރާ ޢަދަދެކެވެ. ޞައްޙަ ޢަދަދެއް އެ މީހުން ހާމައެއް ނުކުރެއެވެ. ޔަހޫދީންނަކީ ދޮގުހެދުމާއި އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.

ޣައްޒާ ތަޅައިއި ސުންނާފަތިކޮށްލައި ރައްޔިތުން ވިއްސިވިހާލިކޮށްލުމަށް ފަހު މިހާރު ޔަހޫދީން ހޭބޯނާރައި އުޅެނީ ހުޅަނގު އައްސޭރީގައި ރެފިޔުޖީ ކޭންޕުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ޝަހީދުކޮށް ހުސްކޮށްލާށެވެ.

އދ.ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނުގެ 300 މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި 79 ކުޑަކުދީން ހިމެނެއެވެ. މި 300 ޝަހީދުންގެ ތެރެއިން 291 މީހުން ޝަހީދުވެފައިވަނީ އިސްރާއީލުގެ ވައިގެ ޙަމަލާއިންނެވެ. ބާކީ މީހުން ޝަހީދުކުރީ އެތާނގައި ގަދަކަމުން ވަޒަންވެރިކުރުވައިގެން އިސްރާއީލުން މަދަދު ފޯރުކޮށްދީގެން ގެންގުޅޭ ޔަހޫދީ ޞަހުޔޫނީންނެވެ. މި މީހުން ގެންދަނީ ފަލަސްތީނީއެއްކަން އެނގޭ ކޮންމެ މީހަކު މަރަމުން، ތަންތާގައި ހުޅުޖަހައި އަންދަމުން ދަނޑުބިންތަކާއި ގަސްހަގާގެހި ކަނޑައި ފަނާކުރަމުންނެވެ. ދުއްވާތަކެތީގައި ގެންދަނީ ރޯކުރަމުންނެވެ.

އދ.ގައި ފުރޭފުކުރެވިފައިވާ ގޮތުން "އިސްތިޢުމާރީ ވަޒަންވެރީންގެ ޙަމަލާތައް" އޮކްޓޫބަރު 7ގެ ފަހުން ފަލަސްތީނީންގެ މައްޗަށް ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. މީގެ ތެރޭގައި "ބަޑީން ޙަމަލާ ދިނުމާއި ގެދޮރާއި ދުއްވާ ތަކެތީގައި ހުޅުޖަހައި އެންދުމާއި ގަސްތައް އުފުރުން ފަދަ އިންސާނިއްޔަތާ ޚިލާފު އެތައް ޢަމަލެއް ހިމެނެއެވެ."

ތެދެކެވެ. މި އަނިޔާވެރި ޢަމަލުތައް ހުއްޓައިލާން އިއްޔެ ވެސް ވަނީ އދ.ގެ އިންސާނީ ޙައްގުތަކާ ބެހޭ އޮފީހުން ގޮވައިލައިފައެވެ. އެ ގޮވައިލި ގޮވައިލުން ތަންފީޒުކުރާނެ އަތެއް މި ދުނިޔެއަކު ނެތެވެ. އިސްރާއީލާއި އެމެރިކާއާ ޖެހުމުން އދ. އަކީ ދަތެއް، ވަތްކެއް ނެތް ސިންގާއެކެވެ. ފަލަޞްޠީނުގެ މަޢުޞޫމު ރައްޔިތުންނަށް އަމާން ކުރިމަގެއް އިރާދަކުރައްވާށިއެވެ! އާމީން!

Advertisement

ކޮމެންޓް