Advertisement

ސަގާފަތާއި ވަތަނިއްޔަތާއި ގައުމިއްޔަތާއި ސިޔާސިއްޔަތު މަސްހުނިވެފައި!

28 Dec 2023 | 12:41
.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޤައުމިއްޔަތުގެ ބަހާތަކަކީ އަދަބިއްޔާތުގެ ރޫޙެވެ. "ބަހަވިއްޔަތާއި" ޤައުމިއްޔަތު ގުޅި ލައިމެހިފައިވަނީ އެހެންވެގެންނެވެ. މާދަރީ ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަމުގައި ވާއިރު، ޤައުމިއްޔަތުގެ އެހެން ހުރިހާ އަސާސްތަކަށް ޚިދުމަތްކޮށްދެނީ ބަހުގެ ވާސިޠާއިންނެވެ. މި ހުރިހާ ބަހާތަކެއްގެ މައިގަނޑަކީ ސަގާފަތެވެ. ސަގާފަތުގެ ތެރެއަށް ފަންނާއި ބަހާއި ޢިލްމާއި ހުނަރާއި ތާރީޚާއި ގައުމީ ތަރިކައާއި މި ހުރިހާ ބައިތަކެއް ވަންނަނީ އެހެންވެގެންނެވެ. އެހެންކަމުން ބަސް ބޭނުންކޮށްގެން ޤައުމިއްޔަތުގެ ހުރިހާ ބަހާތަކުގެ ޙިމާޔަތުގައި އަބަދު ވެސް ލިޔެ އުޅުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ކުރާހިތްވާ އަދި ކުރާ ކަމެކެވެ.

މި ގޮތުގެ މަތީން އިސްލާމް ދީނާއި ދިވެހިބަހާއި، ދިވެހި ޤައުމާއި ވަޠަނިއްޔަތާއި ޤައުމީ ސަލާމަތާއި އިޖުތިމާއިއްޔަތާއި ތާރީޚާއި އާދަކާދަ ފަދަ (ސަގާފަތުގެ) މައިގަނޑު ޝިޢާރުތަކުގެ ދަށުން ތަފާތު މައުޟޫޢުތަކަށް ލިޔުމަކީ އަޅުގަނޑުގެ އާދައެކެވެ. މި ގޮތުގެ މަތީން ލިޔުމުގައި އަޅުގަނޑު ލިޔާ ގިނަ ލިޔުންތަކުގައި ވަޠަނިއްޔަތާއި ޤައުމިއްޔަތަށް ވެސް ކޮންމެވެސް ވަރަކަށް އިޝާރަތްކުރެވެއެވެ. ގައުމީ ނަޒަރަކުން ބަލާ އިރު އެއީ ވަރަށް މުހިންމު ކަމެއްކަމަށް އަޅުގަނޑަށް ވިސްނޭތީއެވެ.

ބައެއް މައުޟޫޢޫތަކަށް ލިޔުނީމާ، އަޒީ ވެސް ހާދަހާ ސިޔާސީ ވެއްޖެޔޭ ބައެއް ރައްޓެހިން އެބަ ބުނެލައެވެ. އެކަމަކު އަޅުގަނޑު ދަންނަވަމެވެ. އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނެވެ. ސިޔާސިއްޔަ މީހެއް ވެސް ނޫނެވެ. އަދި ސިޔާސަ މީހެއް ވެސް ނުމެ ނޫންމެއެވެ. ރާއްޖޭގެ ސިޔާގަށް ބަލާއިރު ސިޔާސީ މީހުންނަކީ، ދެއިރު ދެ ދަޅައަށް ދެ އަނގައިން ވާހަކަދައްކާން ކެރޭ މީހުންކަމަށް ދޭހަވެއެވެ. އެއް ދުވަހަކު މީހަކަށް ސަނާ ކިޔުމަށް ފަހު، ޖެހިގެން އަންނަ ދުވަހު، އޭނާއަށް ހެއްދެވިނެހެއްދެވިއަށް ގޮވާން އެ ފަދަ މީހުންނަށް ކެރޭނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލަށް ރިޢާޔަތްކޮށް، މީހާގެ މުޅި ވިސްނުން ބަދަލުކޮށްލާކަށް ޖެހިލުމެއް ނުވާނެއެވެ.

އިންސާނުންގެ ތެރޭގައި ތިން ބާވަތެއްގެ މީހުން އުޅެއެވެ. އެއީ ގަހަކަށް ނިސްބަތްކޮށް ވާހަކަދައްކާނަމަ، "ފަތް" މީހުންނާއި "ގޮފި" މީހުންނާއި، "މޫ" މީހުންނެވެ. މީގެ ތެރެއިން "ފަތް" މީހުންނަކީ ސާބިތުކަމެއް ނެތް މީހުންނެވެ. ވައި ގަދަވެލާ އިރަށް ބުރައިގެން ދާނެއެވެ. "ގޮފި" މީހުން ވެސް ކުރާ ކަންކަން ފެންނާނެއެވެ. ތަންކޮޅެއް ހަރުދަނާވާނެއެވެ. ނަމަވެސް ތޫފާނީ ވައިގައި ބިންދައިގެން ދާނެއެވެ. "މޫ" މީހުންނަކީ އިޚުލާޞްތެރިކަމާއެކު ޚިދުމަތުގައި ދެމި ތިބޭ މީހުންނެވެ. އެ މީހުންނަކީ ހަގީގަތުގައި އެންމެ އިޚުލާޞްތެރި، ދެ ގޮތެއް ނުވެ ސާބިތުވެ ތިބޭ މީހުންނެވެ. މީގެ ތެރެއިން ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަޝްހޫރުވާނީ ފުރަތަމަ މި ދެންނެވި ބައިގައި ހިމެނޭ މީހުންނެވެ. މި ފަދަ މީހުންނަކީ ޝަޚުޞުގެ އަގަށް ވުރެ، ޢިއްޒަތުއްނަފުސަށް ވުރެ، ވަގުތީ މާއްދީ ފައިދާއަށް އިސްކަން ދީގެން ކުލަ ބަދަލުކުރާ މީހުންނެވެ. ސިޔާސީ ވަކި ޕާޓީއެއްގައި އެ ޕާޓީއަކަށް ގުރުބާންވާ މީހެއްކަމަށް ހެދިގެން އުޅުމަށް ފަހު، އޭނާ ކުރީން ހުރި ފިކުރާ ދިމާ އިދިކޮޅުގެ ފިކުރަކަށް ތާއީދުކޮށް ބޮޑު ރަސްމިއްޔާތެއްގައި "ފިކުރު ބަދަލުކޮށްލީ"ކަމަށް އިއުލާނުކޮށް ސޮއިކޮށްލުމަކީ މި ފަދަ މީހުން ކުޑަކޮށް ވެސް ޖެހިލުންވެ ލަދުގަންނަ ކަމަކަށް ނުވާނެއެވެ. އަދި އެއީ ޝަރަފެއްކަމަށް ދެކޭނެއެވެ. އޭނާ ބަލާނީ އޭނާއަށް މާއްދީ ގޮތުން އެންމެ ބޮޑު މަންފާއެއް ލިބޭން އޮތް ގޮތަކަށެވެ. ރާއްޖޭގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުބާރު ވެސް އެ ފަދަ މީހުންނަށް މާ ބޮޑަށް ވެސް އޮންނަކަމަށް ދޭހަވާ ކިތަންމެ ކަމެއް ފެނެއެވެ. އެ ފަދަ މީހުންނަށް ވެވުނު ވަރަކުން އެ ބޭފުޅުން އެހީތެރިކަން ދެއްވައެވެ. ބޮޑެތި ޑީލުތަކުގެ ދަށުން މަގާމާއި ފައިސާ ވެސް ދެއްވައެވެ. މިއީ ކާމިޔާބު މީހުންކަމަށް ވެސް މި ފަދަ މީހުން ދެކެއެވެ. ސިޔާސީ މައިދާނުގައި އެންމެ ގިނަވާނީ ވެސް މި ބާވަތުގެ މީހުންނެވެ.

އަނެއްކޮޅުން "މޫ" މީހުންނަކީ އިޚުލާޞްތެރީންނެވެ. އެ މީހުންނާ މީހަކު ޑީލެއް ހަދާކަށް ނުޖެހެނެއެވެ. މީހަކު ބުންޏަސް ނުބުންޏަސް، އެ މީހުން ތިބޭނީ އެ މީހުންގެ އުޞޫލުގައި ހިފަހައްޓައިގެން ޚިދުމަތުގައެވެ. މާއްދީ އެހީތެރިކަމަކަށް މަގާމަކަށް މި ފަދަ މީހުންނެއް ޝަރުޠެއް ނުކުރާނެއެވެ. އަދި އެ ފަދަ ކަމަކަށް ނުވެސް އެދޭނެއެވެ. ގިނަ ފަހަރަށް މިއީ ސިޔާސީ އިސްވާރުންގެ ނަޒަރުން އެއް ފަރާތް ވެފައިވާ ބަޔެކެވެ. މާއްދީ ގޮތުން މި ފަދަ މީހުންނަށް އެހީތެރިކަމެއް ދޭނެ މީހަކު ވެސް ނުވާނެއެވެ. ސިޔާސީ އިސްވާރުން ވެސް މި ފަދަ މީހުންނަކާ އަޅައެއް ނުލާނެއެވެ. ސަބަބަކީ އަޅައިލިޔަސް ނުލިޔަސް އެ މީހުން އެ މީހުންގެ އުޞޫލުގައި ސާބިތުވެ ތިބޭނެކަން އެނގޭތީއެވެ. އެހެންކަމުން "ފަތް" މީހުން ދެކެނީ އެންމެ ނިކަމެތި މީހުންނަކީ މި ބާވަތުގެ މީހުންކަމަށެވެ. "މޫ" މީހުންކަމަށެވެ. ދެ އިރު ދެ ދަޅައަށް އެ މީހުންނަށް ކުލަ ބަދަލުކުރާން ނުކެރޭތީއެވެ. ދެ އަނގައިން ވާހަކަދައްކާން ނުކެރޭތީއެވެ. ނަމަވެސް ހަގީގަތުގައި މުއްސަނދީންނަކީ އެއީއެވެ. އެއީ ނަފުސުގެ މުއްސަނދިކަމެވެ. ޢިއްޒަތުއްނަފުސެވެ. ހަރުދަނާ މީހުންނަކީ އެއީއެވެ.

މި ކަން މިހެން އޮތަސް މި ފަދަ މީހަކު ވަތަނީ ނުވަތަ ޤައުމީ މައްސަލައެއްގައި ޚިޔާލެއް ފާޅުކޮށްފި ނަމަ، އެއީ  ސިޔާސިއްޔަ ވަނީކަމަށް ބަލައެވެ. ނަމަވެސް ސިޔާސިއްޔަވުމާއި ގައުމީވުމުގެ ތަފާތު ދެނެގަންނާން އެބަ ޖެހެއެވެ. ސިޔާސިއްޔަ ވާހަކަދައްކާނީ "ފަތް" މީހުންނެވެ. އެ ފަދަ މީހުންގެ ވާހަކައިގައި ގައުމީ މައްސަލަތަކަށްވުރެ، ނުވަތަ މައުޟޫޢަށް ވުރެ ބޮޑަށް އިސްކަންދޭނީ މީހުންގެ ޒާތަށެވެ. ޝަޚުޞަށެވެ. ގޮފި މީހުން ވިސްނާނީ ޙާލަށެވެ. މޫ މީހުންނަކީ މުސްތަގުބަލަށް ނަޒަރުދީ ތަދައްބުރުކޮށް ޚިޔާލު ފާޅުކުރާ މީހުންނެވެ. އެހެންވީމާ ޤައުމީ ޝުޢޫރު ފާޅުކުރުމަކީ ސިޔާސިއްޔަވުމެއް ނޫނެވެ. ރައްޔިތުންގެ ޙައްޤުތަކާ މެދު، ވާހަކަދެއްކުމަކީ ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެހެން ހީވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރުމަކީ އަޅުގަނޑު ދަންނަ ގޮތުގައި އެއީ ވަޠަނިއްޔަތެވެ. ޤައުމީ ރޫޙެވެ. ޤައުމާ މެދު ނުވިސްނާނީ، ޤައުމަށް ލިބިދާނެ ގެއްލުމަކާ މެދު ކަންބޮޑުވުމުގެ އިޙުސާސް ނުކުރެވޭނީ، އަދި މުޖުތަމަޢުގެ އިޞްލާހަށް ޓަކައި ޚިޔާލު ނުކުރާނީ، ޤައުމިއްޔަތުގެ ކަންފުޅެއް ވެސް ހިތުގައި ނުވާ މީހުންނެވެ. ޤައުމު ހަލާކުކޮށްލިޔަސް ތިމާއަށް ޝަރަފު ލިބޭނެކަން ވިސްނާމީހުންނެވެ.

ފަހަކަށް އައިސް އަޅުގަނޑު ލިޔުނު ގިނަ ލިޔުންތަކުގައި ޤައުމާމެދު، ޤައުމުގެ ސިޔާދަތާ މެދު، ޤައުމީ ސަލާމަތާމެދު، ޤައުމީ ބަހާމެދު، އަޅުގަނޑުގެ ހިތުގައި އުފެދުނު އަދި އުފެދޭ ޝުޢޫރުތައް އިޚުލާޞްތެރިކަމާއެކު ފާޅުކޮށްފައި ހުންނާނެއެވެ. އަދިވެސް އިރާދަކުރެއްވިއްޔާ އެ ކަން ކުރާނަމެވެ. އެއީ ސިޔާސިއްޔަވުމެއް ނޫނެވެ. ސިޔާސީވުމެއް ވެސް ނޫނެވެ. އަމީންދީދީގެ ޢިބާރާތުން ނަމަ، އެއީ ޙުއްބުލްވަޠަނެވެ. ވަޠަން ދެކެ ވާ ލޯތްބެވެ. އަޅުގަނޑު ވަކި ބޭފުޅަކަށް ވަކި މަގާމެއްގައި ހުންނަވާ ބޭފުޅަކަށް އަމާޒުކޮށްގެން ވާހަކައެއް ނުދައްކަމެވެ. އަޅުގަނޑުގެ ޚިޔާލު އަމާޒުކުރަނީ މައްސަލައަށެވެ. ސީދާ މައުޟޫޢަށެވެ. ސިޔާސީ ނަޒަރަކުންނޫނެވެ. ޤައުމީ ނަޒަރަކުންނެވެ. ވަޠަނީ ރޫޙެއްގައެވެ.

ވީމާ ސިޔާސިއްޔަތާއި ޤައުމިއްޔަތަކީ ކޮބައިކަން މި ވަނީ އޮޅިފައެވެ. ޤައުމިއްޔަތަކީ ސިޔާސިއްޔަތުކަމަށް ބަލައިގެން އެ ވާހަކަ ނުދައްކައި އަޅުގަނޑުމެން ތިބޭ ނަމަ، ދިވެހީންނަކީ މި ޤައުމުގެ ދެ ވަނަ ދަރަޖައިގެ ރައްޔިތުންނަށް ވާކަށް މާގިނަ ދުވަހެއް ނެތެވެ. ރާއްޖޭގެ ރަށެއްގައި ބޭރު ބަޔަކު ވަޒަންވެރިކުރާން 99 އަހަރަށް ރަށެއް ދިން ވާހަކަ ތަންކޮޅެއް ކުރީން އިވުނެވެ. އަދި މަދު ފައިސާކޮޅަކަށް ރާއްޖޭގެ ވަގުތީ ރައްޔިތުކަން ލިބޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަ ވާހަކަ ވެސް އިވުނެވެ. ދުވަސްކޮޅަކުން އެ މީހުންނަށް ވޯޓުލިބުމުގެ ޙައްޤު ލިބިދެވޭނެތާއެއެވެ! އެ މީހުން ފާޅުގައި އަޅުކަންކުރާނެ ތަންތަން ބިނާ ކުރުމަށް ގޮވައިލެވިދޭނެތާއެވެ. އެ މީހުންގެ ވޯޓުން ހޮވޭ ޤާނޫނު ހަދާ މަޖުލިހަކުން، މި ރާއްޖެއަކީ އެހެން ޤައުމެއްގެ ޕްރޮވިންސެއްކަމަށް ކަނޑައެޅީމާ، އަޅުގަނޑުމެން، ސިޔާސިއްޔަ ވެދާނެކަމަށް، ވަޠަނީ ވާހަކަ ނުދައްކައި ތިބުމުގެ ބަދަލު ލިބުނީ ނޫންތޯއެވެ! ދެން އެތައް ޖީލެއްގެ ފަހުން އަނެއްކާވެސް ބޮޑުތަކުރުފާނަކު އުފަންވާންވީތޯއެވެ! ދޮންހަސަން މަނިކުފާނަކު ނުކުންނަވާންވީތޯއެވެ! ދިވެހީންނަށް ޙައްޤު މިންވަރަކީ މިއީތޯއެވެ! ދިވެހިރާއްޖެ ތަރައްޤީކުރެވޭން ހުރި ހުރިހާ ވަސީލަތެއްގައި އަތްއަޅައި އެ ކަމުގެ ދޮރުތައް ދުޝްމަނުން ބަންދުކުރާއިރު ވެސް ސިޔާސިއްޔަ ނުވާންވެގެން ޤައުމީ ވާހަކަ ނުދައްކައި ތިބޭންވީތޯއެވެ! އަޅުގަނޑަކަށް ނުވިސްނެއެވެ.

ޤައުމަށް ލިބިދާނެ ގެއްލުމެއްގެ މައްޗަށް ވާހަކަދެއްކުމަކީ "ސިޔާސީ"ވުން ކަމަށް ވިޔަސް ކުރާނެ ކަމެއް ނެތެވެ. ޤައުމީ ވާހަކަ ނުދައްކައި ވަޠަނިއްޔަތުގެ ވާހަކަ ނުދައްކައި އަޅުގަނޑަކަށް ނުހުރެވޭނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަގާފަތާއި ފަންނާއި ތާރީޚާއި އާދަކާދައާއި އެ ބަޔެއްގެ ބަހަކާ ވަތްކެއް ނުކުރެވޭނެއެވެ. މި ހުރިހައި އެއްޗެއް ވަންނާނީ ސަގާފަތުގެ ތެރެއަށެވެ. ޢިލްމާއި ހުނަރާއި ފަންނަކީ ސަގާފަތުގައި ހިމެނޭ ބައިތަކެކެވެ. އެހެންވީމާ، ދިވެހިބަހާ ބެހޭ ގޮތުން އަޅުގަނޑު ލިޔަނީ އެއީ ޤައުމިއްޔަތުގެ އެއް ރުކުން ކަމުގައިވާތީއެވެ. އެއީ ދިވެހި ސަގާފަތުގައި ހިމެނޭ މި ދެންނެވި ބައިތައް އެއް ޖީލުން އަނެއް ޖީލަށް ވަސިލުކޮށްދޭ ވަސީލަތްކަމަށްވާތީއެވެ. އިސްލާމީ ހޭލުންތެރިކަމާ ބެހޭ ގޮތުން އަޅުގަނޑަށް ވާހަކަދެއްކެނީ އެއީ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސް ކަމުގައި ވާތީއެވެ. އެއީ އިންސާނުން މި ބިންމަތީގައި ދިރިއުޅޭންވީ ގޮތުގެ ހަމަތަކާއި އިރުޝާދުކަމަށް ވާތީއެވެ. ތަރީޚާއި ސަގާފަތާ ބެހޭ ވާހަކަދެއްކެނީ ވެސް މިހެން ވެގެންނެވެ. މިއީ އަޅުގަނޑުގެ ހިތުގައި އުފެދޭ ޤައުމީ ޖަޒުބާތުގެ ވިންދެވެ. ވަޠަނިއްޔަތުގެ ޝުޢޫރެވެ. ޤައުމުގެ ވާހަކަނުދައްކައި ޤައުމުގެ ހެވަތުގައި އުޅުމަކީ އިޙުސާންތެރިކަންތޯއެވެ! އެއީ ޤައުމަށް ތެދުވެރިވުންކަމަކަށް ހަމަގައިމު ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ.

އަޅުގަނޑުމެންނަށް މި ގައުމުން ފެނުނީ މި ދެންނެވި އަސާސްތަކާ ދެކޮޅަށް، ދީނީ ޢިލްމުވެރީންކަމަށް ހެދިގެން އުޅޭ މީހުން ތެދުވެ، ޤައުމިއްޔަތާއި ދީނީ ވަޙުދަތާ ދެކޮޅަށް ހިތްވަރުދިން ތަނެވެ. ކުރީން "ޓަކައިޓަކައި" ދުލުކުރިއަށް ލައިގެން އުޅުނު މީހުން، ޤައުމަށް ވާނެ ގޮތެއް ވާން ދޫކޮށްލައި، ހަނުތިބި ތަނެވެ. ކޮން ފަދަ މަޖުބޫރީއަކުންކަމެއް ނޭނގެއެވެ. އަޅުގަނޑަށް އެ ގޮތް ކަމުނުދަނީއެވެ.

"ސިޔާސީ"ކަމަށް ދިވެހި ބަސްފޮތް ބުނެދެނީ އެއީ "ޤައުމުގެ ކަންތައް އިންތިޒާމުކޮށް ހިންގުމާ ބެހޭ" ކަންކަން ކަމަށެވެ. ސިޔާސިއްޔަތު އަޅުގަނޑު މާނަކުރަނީ "ޕޮލިޓިކްސް"ގެ ގޮތުގައެވެ. ސިޔާސީވުމަކީ ނުވަތަ ސިޔާސިއްޔަވުމަކީ ދައުލަތުން ނުވަތަ ސަރުކާރުން ވެރިކަން ހިންގާ ގޮތާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ. އެ ވާހަކައެއް އަޅުގަނޑެއް ނުދައްކަމެވެ. ދައްކާކަށް ބޭނުމެއް ވެސް ނޫނެވެ. ވަޒީރުން ޢައްޔަންކުރުމާއި ވަކިކުރުމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަމެވެ. ސަރުކާރުން ހިންގަވާ މަޝްރޫޢުތަކާ ބެހޭ ގޮތަކުން ވާހަކައެއް ނުދައްކަމެވެ. ނަމަވެސް މި ކަންކަމުގެ ސަބަބުން ޤައުމިއްޔަތުގެ ތަނބުތަކަށް ނުރައްކާ ވާކަމަށް ފެންނަ ކަމެއް ފެންމަތިވެއްޖެ ނަމަ، އެ ވާހަކައެއް ދައްކާނަމެވެ. އިސްލާމީ ވަޙުދަތާއި ޤައުމީ ސިޔާދަތާ ބެހޭ ގޮތުން ވާހަކަދައްކާނަމެވެ. ގޯސްކޮށް ކަމެއް ހިނގަމުން ދާކަމަށް ފެނިއްޖެ ނަމަ، އެ ކަން ރަނގަޅުވާނެ ގޮތުގެ މައްޗަށް ވާހަކަދައްކާނަމެވެ. ވަޠަނުގެ އަމްނުއަމާންކަމާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރާނަމެވެ. އިޖުތިމާޢީ މައްސަލަތަކާ ބެހޭ ގޮތުން ފެންނަ ޚިޔާލެއް ޖުމުލަތަކަކުން ބަޔާންކުރެވޭތޯ ބަލާނަމެވެ. އެއީ ސިޔާސީވުމެއް ނޫނެވެ. ބަޔަކު އެ ގޮތަށް މާނަކުރިޔަސް ކުރާނެ ކަމެއް ނެތެވެ. އަޅުގަނޑުގެ ރަދީފުގައި އެއަށް ދީފައިވަނީ "ޤައުމީ ރޫޙު" އާއި "ވަޠަނީ ޖޯޝް"އާއި "ޙުއްބުލްވަޠަން" ފަދަ ކޮންމެ ވެސް މާނައެކެވެ.

"ސިޔާސަވުމަކީ" ބަސް ގަބޫލުނުކުރުމާއި، ލާނެތްވެގެން އުޅުމާއި ގަދަބަދަވިކަމާއި ބާރު ދެއްކުމެވެ. މިއިން ކަމެއް ވެސް އަޅުގަނޑެއް ނުކުރަމެވެ. ގަބޫލުކުރާން ލާޒިމު ކޮންމެ ބަހެއް ގަބޫލުކުރަމެވެ. ދައުލަތާއި ވެރީންނަށް އިޙުތިރާމްކުރަމެވެ. ބޭއަދަބީކޮށް ވާހަކައެއް ނުދައްކަމެވެ. ގާނޫނާއި ގަވާއިދަށް ބޯލަނބަމެވެ. އަޅުގަނޑު ލާނެތްވެގެންނެއް ނޫޅެމެވެ. އަދި ގަދަބަދަވިކަމާއި ބާރުގަދަކަން ދައްކާކަށް ވެސް އަޅުގަނޑެއް ނޫޅެމެވެ. މި ނިކަމެތި ބަލިކަށި އިންސާނުންނަށް ދެއްކޭނީ ވެސް ކޮން ގަދަބަދަވި ކަމެއްތޯއެވެ! ﷲ އަންގަވައިފައިވަނީ "وَخُلِقَ الْإِنسَانُ ضَعِيفًا"  ("އަދި، އިންސާނާ ހައްދަވައިފައިވަނީ، [އެދުންތަކުގެ ކުރިމަތީގައި] ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.") މިހެން ނޫންތޯއެވެ! ވީ އިރު، އަޅުގަނޑުމެންނަށް ދެއްކޭނީ ވެސް ކޮން ގަދަފަދަކަމެއްތޯއެވެ!

ޤައުމުގެ މީހުން ޤައުމާ މެދު ބަސް ނުބުނާ ނަމަ، ދެން އެ ވާހަކަދައްކާނީ ކޮން ބަޔެއްތޯއެވެ! މި ޤައުމު ދެކެ އަޅުގަނޑުމެން ނުވާ ލޯތްބެއް ދެން ވާނީ ކޮން ބަޔެއްތޯއެވެ! އެހެންކަމުން ނިންމައިލަމުން ވެސް އަޅުގަނޑު ކުރާ އިލްތިމާސަކީ ޤައުމު ދެކެ ލޯބިވާން ދަސްކުރުމެވެ. ޙުއްބުލްވަޠަނުގެ ރޫޙު އެންމެންގެ ހިތުގައި އާލާކުރުމެވެ. މި ކަންކަން ކުރެވޭނީ އިސްވާރުންނާއި މައިންބަފައިންނާއި އެދުރުން ނަމޫނާ ދައްކައިގެންނެވެ. ދީނީ ކަންކަމަށް ސަމާލުކަން ދޭކަން ޢަމަލީ ގޮތުން ސައްކައިދީގެންނެވެ. ގާނޫނުތައް ތަންފީޒުކުރާކަން ރައްޔިތުންނަށް ސާބިތުކޮށްދީގެންނެވެ.

އާދޭހެވެ! ޤައުމުގެ ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަނޑުގެ ކިބައިގައި ވެސް އަދި ތިޔައިން ކޮންމެ ބޭފުޅެއްގެ އިސްތަށިފުޅުގައި ވެސް މަސްއޫލިއްޔަތެއް އެޅިފައި އެބަ އޮތެވެ. އެ މަސްއޫލިއްޔަތު އުފުލާން ބޭނުން މީހަކު އެ ކަން ކުރާނެއެވެ. އިހުމާލުވާ މީހަކު އިހުމާލުވެސް ވާނެއެވެ. ނަމަވެސް ސިޔާސީވުމާއި ސިޔާސިއްޔަވުމާއި ސިޔާސަވުން މަސްހުނިނުކުރަމާތޯއެވެ! ޤައުމިއްޔަތާއި ޙުއްބުލްވަޠަން ދެނެގަންނަމާތޯއެވެ! ޤައުމިއްޔަތާއި ސިޔާސިއްޔަތާއި ވަޠަނިއްޔަތު އޮޅުވައިނުލަމާތޯއެވެ!

_________________________________

ބައެއް ލަފުޒުގެ މާނަ:

ސިޔާގު    ނ.  ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ގައުމިއްޔަތު  ނ.  (1) ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރު. (2) ޤައުމުވަންތަކަން.

ވަޠަނިއްޔަތު  ނ.  (2) އެމީހެއްގެ ވަޠަނު ކަމަށްވާ ޤައުމާ މެދު އެމީހެއްގެ ހިތުގައި އުފެދިފައިވާ އާދަޔާޚިލާފު ލޯތްބާއި ވަފާތެރިކަމާއި އިޚުލާޞްތެރިކަމާއި ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ޝުޢޫރު. (2) ޙުއްބުލްވަޠަން.

ސަގާފަތް    ނ.  އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ.

ސިޔާސިއްޔަތު ނ. ޤައުމެއްގެ ނުވަތަ ސަރަހައްދެއްގެ ޙުކޫމަތާއި އޭގެ ބާރުވެރިކަމާ ގުޅޭ ހަރަކާތްތައް. މި ނަން ބޮޑަށް ބޭނުންކުރެވެނީ ހިންގުމުގެ ދާއިރާގެ ބާރު ހޯދުމަށް ޓަކައި ހިންގާ އެކިއެކި ހަރަކާތްތަކާއި ކުރެވޭ ބަހުސްތަކުގެ ދާއިރާގައެވެ.

ޑީލު       ނ.  ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް