Advertisement

މިއަދު ވުޖޫދަށް އައި ގާނޫނެއްގެ ސަބަބުން ރަދީފަށް ބަދަލުގެންނާން ޖެހިއްޖެއެވެ.

27 Dec 2023 | 23:01
ރައީސުލްޖުމްހޫރިއްޔާ ކުންފުނީގެ ޤާނޫނު ތަޞްދީޤުކުރައްވަނީ (ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޤާނޫނަކަށް އައި ބަދަލެއްގެ ސަބަބުން ދިވެހިބަހުގެ ރަދީފަށް ބަދަލުގެންނާން ޖެހިފައިވާކަމެއް މީގެ ކުރީން އެނގޭކަށް ނެތެވެ. ނަމަވެސް 2024 ޖަނަވަރީ 1ން ފެށިގެން ޢަމަލުކުރާ ގޮތަށް މިއަދު ވުޖޫދަށް އައި ޤާނޫނުގެ ސަބަބުން މި އޮތީ މި ކަން ކުރާން ޖެހިފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި، ޤާނޫނު ނަންބަރު: 7/2023 (ކުންފުނީގެ ގާނޫނު)ގެ ތިންވަނަ މާއްދާގައި ވާ ގޮތުން ހަތަރު ބާވަތެއްގެ ކުންފުނި އުފެއްދޭނެއެވެ. އެއީ (ހ) ޕްރައިވެޓް ކުންފުންޏާއި (ށ) ޕަބްލިކް ކުންފުންޏާއި (ނ) ސަރުކާރުގެ ކުންފުންޏާއި (ރ) ލޯކަލް އޮތޯރިޓީ ކުންފުންޏެވެ. މި ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައި ވާ ގޮތުން "އެކަކު ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތައް އެކުވެގެން" ކުންފުނި އުފެއްދިދާނެއެވެ.

ދިވެހިބަހުގެ ރަދީފު ބުނާ ގޮތުން (މިހާރު އޮތް ގޮތުން) "ކުންފުނި" މި ލަފުޒުގެ މާނައަކީ "ވިޔަފާރިކުރުމަށް ނުވަތަ ނަފައެއް ހޯދުމަށް ދެ މީހަކު ނުވަތަ އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އުފައްދާ ޖަމާޢަތެވެ." ނަމަވެސް 2023 ޑިސެންބަރު 5 ވީ އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 32ވަނަ ޖަލަސާއިން ފާސްކުރައްވައި މިއަދު ތަޞްދީޤުކުރެވުނު މި ދެންނެވި ޤާނޫނުގައި އެކަކަށް ވެސް ކުންފުންޏެއް ހެދިދާނެއެވެ. ވީމާ، ރަދީފުގައި އޮތް ކުންފުނީގެ މާނައާ އެބަ ފުށުއަރައެވެ.

'ކުންފުނި' މި ލަފުޒު ނެގިފައިވަނީ ގަދީމީ ފަރަންސޭސި ބަހުގެ ކޮމްޕެއިނީ (compainie) މި ލަފުޒު މުސްކުޅި އިނގިރޭސި ބަހަށް 'ކޮމްޕޭއިނަން" (compaignon)ގެ ގޮތުގައި ވަދެ، އެ ލަފުޒު ތަރައްގީވެގެން އިނގިރޭސި ބަހުގައި ބޭނުންކުރާ "ކޮމްޕޭނިއަން" (companion)އާއި ކޮމްޕެނީ (company) މި ލަފުޒުންނެވެ. ކޮމްޕޭނިއަންއަކީ ބައިވެރިޔާއެވެ. ކޮންޕެނީއަކީ ބައިވެރިވުމެވެ. މި ހުރިހައި ލަފުޒަކުން ވެސް އެކަކަށް ވުރެ ގިނަ މީހުންގެ މާނަ ދޭހަވެއެވެ. މި މާނައިގައި (ކުންފުނީގެ މާނައިގައި) ބަހާސާ މެލޭޝިއާގައި ބޭނުންކުރަނީ "ޝަރިކަތު" މި ލަފުޒެވެ. މާނައަކީ ހަމަ އެކަކަށްވުރެ ގިނަ މީހުންގެ ބައިވެރިވުމެވެ. އިނގިރޭސިބަހުގެ ރަދީފުގައި "ކޮމްޕެނީ"ގެ އެއް މާނައަކަށް "ވިޔަފާރިވެރި ވުނަދާނަ" (commercial busineee) އޮވެއެވެ. މި ލަފުޒުން ވެސް އެކަކު ކުރާ ވިޔަފާރިއެއްކަމަކަށް މާނައެއް ނުކުރެވެއެވެ. އެހެނީ އެ ލަފުޒުގެ އެހެން މާނަތަކުން އެ ކަން ދޭހަވާތީއެވެ.  ނަމަވެސް އިނގިރޭސިބަހުގައި އޮންނަ ފުރަތަމަ މާނައަށް ބަލާއިރު އެ ފަދަ ވިޔަފާރިއަކީ "ކުންފުނީ"ގެ މާނައިގެ ގޮތުގައި ބެލިދާނެއެވެ. ކޮންމެހެން މީހުންގެ ޢަދަދު ބަޔާންކޮށްފައި ނޯންނާތީއެވެ. ވީމާ، އިނގިރޭސި ބަހުގައި އޮންނަ "ކޮމްޕެނީ"ގެ މާނައާ އެކަކު އުފައްދާ ކުންފުނީގެ މާނައާ ފުށުނާރާކަމަށް ބެލިދާނެއެވެ. ނަމަވެސް ދިވެހިބަހުގައި "ކުންފުނި" މި ލަފުޒުގެ މާނަ ރަދީފުގައި އޮންނަ ގޮތުން ކުންފުންޏެއް ނަމަ، އޭގައި އެކަކަށް ވުރެ ގިނަ މީހުންގެ ބައިވެރިވުން އޮންނާން ޖެހެއެވެ.

ކޮންމެއަކަސް މިއަދު މި ވަނީ ދިވެހިބަހުގެ ރަދީފުގައި މިހާރު އޮންނަ "ކުންފުނި" މި ލަފުޒުގެ މާނައަށް ބަދަލު ގެންނާން ޖެހިފައެވެ. މިހާރު ކުންފުނި ހަދާކަށް އެއްވެސް އެހެން މީހަކާ ބައިވެރިވާކަށް ނުޖެހެއެވެ. މިއީ ކުންފުނި ހަދާން ފަސޭހަކުރުމަށް ޓަކައި އެޅުއްވި ފިޔަވަޅެއްކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. އެއީ ތެދެއްކަން އެ ގާނޫނުން ވެސް ސާފުވެއެވެ. މިހާރު ކުންފުނީގެ އަހަރީ ފީއެއް ވެސް ދައްކާކަށް ނުޖެހެއެވެ. ވީމާ، 2024ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ކުންފުނިތައް ރެކޯޑު ޢަދަދަކަށް އިތުރުވާނޭ އަހަރެއްކަމަށް ލަފާކުރެވެއެވެ. އަދި ގާނޫނަށް މިއައި ބަދަލާ އެއް ގޮތަށް، އެކަކު ނަމަ ވެސް، ކުރާ "ވިޔަފާރިވެރި ވުނަދާނައެއް" ނުވަތަ "ފައިދާއެއް ހޯދުމަށް ޓަކައި ވިޔަފާރިކުރާ މުއައްސަސާއެއް"ގެ މާނަ ދޭހަވާ ގޮތަށް ކުންފުނީގެ މާނަ ވެސް ރަދީފަށް ވަންނާނެކަމަށް ވެސް އުންމީދުކުރެވެއެވެ. މި ބަދަލުގެ ސަބަބުން ދިވެހިރާއްޖޭގެ ކުންފުނީގެ ވިޔަފާރި ފުޅާވެ، އިގުތިސާދީ ގޮތުން ގައުމަށް ކުރިއެރުން ލިބުމަކީ "ފަރަގު"ގެ ވެސް އުންމީދެވެ.

Advertisement

ކޮމެންޓް
خالد احمد
شكرا أخ عبد العزيز جمال أبوبكر
28 Dec 2023